ވަށައިގެން ފެންނަމުން ދިޔައީ، ފައިލުތަކާއި، ކޮމްޕިއުޓަރުތަކެވެ. ފައިލު ހަރުތަކުގެ ބޭރުގައި އަހަރުޖަހައި ފަސޭހައިން ވަކި ކުރެވޭނޭހެން ނަންބަރު ޖަހާފައި ހުއްޓެވެ. ކޮންމެ ބައެއްވެސް ހުޅުވެނީ، ސެކިޔުރިޓީ ކޯޑެއް ޖަހައިގެންނެވެ. ލަޔާން ހައިރާންވެގެން އެކި ތަންތަނަށް ބަލަން ހުއްޓެވެ. މުޅި ތަނުންވެސް ލަޔާންއަށް ފެނުނީ އެންމެ މީހެކެވެ. އޭނާ އިނީ ކޮމްޕިއުޓަރުގެ ކައިރީގައެވެ. އަވަދިނެތި ކޮންމެވެސް މަސައްކަތެއް ކުރުމުގައެވެ. ފެންނަ ފެނުމަށް އެ ޒުވާނާ ފުލުހެއް ވައްތަރު ނުޖަހައެވެ. ދިގު އިސްތަށިގަނޑު މެދުން ކޮޅަށްޖަހާފައިވާއިރު، އެކި ތަންކޮޅުކޮޅުގައި ވަނީ ކުލަ ޖައްސާފައެވެ. ލައިގެން އިން ބޮޑު ޓީޝާޓު އެ ހަށިގަނޑުގައި ޖެހިވެސް ނުލައެވެ. ކަރުގައި ފަށް އަޅައި، އަތުގައި ވެސް ރަބަރުތަކެއް ފާޑުގެ އެއްޗެހިތަކެއް އައްސާފައި އޮތެވެ. ނިޔަފަތިތައް ދިގެވެ. އެއިން ޒަމާނެއްގައިވެސް ކަނޑާފައި ހުރިހެން ހީނުވެއެވެ. ދެކަންފަތަށް ހެޑުފޯނު ޖަހާލައިގެން އިންއިރު، އޭނާ ދިޔައީ ހަލުވިކަމާއިއެކު، ކީބޯޑުގެ ފިއްތަކަށް ފިތަމުންނެވެ.

********

"ޔެސް!... ޔެސް!... ޔެސް!... ގޮޓް ޔޫ...." ޒުވާނާގެ އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. އޭނާގެ އަތް މުށްކަވައި، މައްޗަށް ހިއްލައިލަމުން، ބާރަށް ހީގަތެވެ.

ޒުވާނާ އުޅުނީ، އަމިއްލަ ދުނިޔެއެއްގައެވެ. ޗިޕްސްދަޅެއް ނަގައިގެން އެ ކާން ފެށިއެވެ. ދެފައި ނަގައި މޭޒުމައްޗަށް ލައި، ގޮނޑީގައި ރަނގަޅަށް ހަމަޖެހިލިއެވެ. އެތަނުގައި އިތުރުބަޔަކު ތިބިކަން އޭނާއަށް ނޭނގެއެވެ. ފަޅި ސިކުންތުކޮޅަކަށްވެސް އޭނާގެ ނަޒަރު ކޮމްޕިއުޓަރުގެ އިސްކްރީނުން ވަކިނުވެއެވެ. އޭނާގެ މުޅި ދުނިޔެއަކީވެސް އެ ކޮމްޕިއުޓަރު ފަދައެވެ.

ކާވިން ގޮސް ޒުވާނާގެ ކައިރީގައި ހުއްޓުނެވެ. މީހެއްގެ ހިލަންވުމުން ޒުވާނާ ސިހުނެވެ. އަތުގައި އޮތް ޗިޕްސްދަޅު ދުރަށް ހޫރައިލިއެވެ.

"ސޮރީ ސަރ... ސޮރީ..." ކާވިން ފެނުމުން، ޒުވާނާ ކުއްލިއަކަށް ތެދުވިއެވެ.

ކާވިން ޖެހިލީ ދުރަށެވެ. ކުރިމަތީގައި ހުރި ޒުވާނާގެ ފައިން ފެށިގެން މޫނާއި ހަމައަށް އޭނާގެ ނަޒަރު ދަތުރުކޮށްލިއެވެ. އޭގެފަހުގައި އެ ނަޒަރު ހުއްޓުނީ، ޒުވާނާ އަޅައިގެން ހުރި ފާހަށެވެ.

"ޝިބާން..." ފާހުގައިވާ ނަން ކިޔައިލަމުން، ކާވިން ނަޒަރު ޝިބާންގެ މޫނަށް ހުއްޓައިލިއެވެ.

"ލައްބަ ސަރ..." ޝިބާން އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ. "ސޮރީ ސަރ..."

ހިނގައިދިޔަ ހާދިސާއާއި ގުޅިގެން ކާވިން އިތުރު ވާހަކައެއް ނުދައްކައެވެ. އޭނާ އެދުނީ، ސީސީޓީވީ ފުޓޭޖްތަކުން ނެގުނު މަންޒަރުތަކުގެ ތަފުސީލް ދިނުމަށެވެ.

ޝިބާން އިށީނެވެ. ހަލުވިކަމާއިއެކު ކީބޯޑުގެ ފިއްތަކަށް ފިތައިލިއެވެ. އިސްކުރީނުން ފެންނަން ފެށީ، ސީސީޓީވީ ކެމެރާތަކަކުން ނެގިފައިވާ ތަސްވީރު ތަކެކެވެ.

"މީ، އީން މޭމް ކިޑްނެޕްކުރި ސަރަހައްދުތަކުގަ ހުރި ކެމެރާތަކުން ނެގުނު ތަސްވީރުތަކެއް..." ކުރިމަތީގައި ހުރި ބޮޑު އިސްކްރީނަށް އިޝާރާތްކުރަމުން ޝިބާން ބުންޏެވެ.

ކާވިން ވަރަށް ފަރުވާތެރިކަމާއިއެކު، އެ ތަސްވީރުތަކަށް ބަލައިލިއެވެ. އިސްކުރީނު ފުރިފައި ވަނީ ކަޅު ކުލައިގެ ފޭރާމުގައި ހުރި މީހެއްގެ ތަސްވީރުތަކުންނެވެ. ކޮންމެ ތަސްވީރެއްގައި ވެސް އެ މީހާ ފެންނަން ހުރީ އެއް އަރިއަކަށެވެ. ނުވަތަ ފުރަގަހުންނެވެ. އެއްވެސް ތަސްވީރަކުން އޭނާގެ މޫނު ސާފުކޮށް ފެންނަވަރެއް ނުވިއެވެ.

"ހުރިހާ ފުޓޭޖްތަކެއް ބަލައިގެން ވެސް އެމީހަކު އެއްކޮށް ފެންނަ ގޮތެއް ނުވި... އަޅުގަނޑަށް ހީވަނީ، މީ ވަރަށް ރަނގަޅަށް ކަންކަން ދަންނަ މީހެއްހެން... އެ ސަރަހައްދުގަ ފުދޭވަރަކަށް ގިނަ ކެމެރާ ހުންނާނެ... ގިނަ ކެމެރާތައް އެތަނުގައި ހުރިކަން ފުލުހުންނަށްވެސް ނޭނގޭނެ... އެކަމަކު، އެއިން އެންމެ ކެމެރާއަކަށްވެސް އެ މީހާ އެއްކޮށް އަރާފައެއް ނެތް..." އިތުރު ތަފުސީލް ދިނުމުގެ ގޮތުން ޝިބާން ބުންޏެވެ.

ކާވިން ދޫކޮށްލީ، ފުން ނޭވާ އެކެވެ. އޭނައަށް މޭޒުގައި ގޮށްމުށުން ޖަހައިލެވުނެވެ.

"އެކްސް...." ކާވިން ހިތާއިހިތުން ބުންޏެވެ.

"ސޮރީ ސަރ!... އަޅުގަނޑު ވަރަށް މަސައްކަތް ކުރާނަން އެ މީހަކު ހޯދަން..." ޝިބާން ހާސްވިއެވެ.

ކާވިންގެ ދެބުމަ ވަނީ ގޮށްޖެހިފައެވެ. އެތައް ބާރެއް ލިބިގެންވާ ބޮޑު މުވައްސަސާއެއްގެ ކުރިމަތީގައި، އެ މީހާ އޭނާގެ ބާރުގަދަކަން ދައްކާލައިފިއެވެ. އެ މީހަކަށް ފުލުހުންނަށްވުރެ މޮޅުވެވޭނެ އެއްވެސް ސަބަބެއް އޮންނަންވާނެ ކަމަކަށް ކާވިންއަކަށް ގަބޫލެއް ނުކުރެވުނެވެ.

ކާވިން ވަރަށް ފަރުވާތެރިކަމާއިއެކު، ސީސީޓީވީއިން ނެގިފައިވާ ތަސްވީރުތައް ބެލިއެވެ. ޝިބާން ބުނިހެން، ގިނައިން ހުރީ އެ މީހަކު ކެމެރާއަށް ފުރަގަސްދީފައިވާ ތަސްވީރުތަކެވެ. ވަރަށް މަދު ތަސްވީރަކުން ނޫނީ، އަރިމަތިން ވެސް ފެންނަން ނެތެވެ.

ޝިބާން ދެން އަޅުވައިލީ، ވީޑިޔޯ އެކެވެ. އޭގައި ވަނީ، ޚަބަރު ހުސްވެފައި އޮތް އީން، ދަމަމުން ގެންގޮސް އިމާރާތެއްގެ ތެރެއަށް ވައްދާ މަންޒަރެވެ. މާސްކު އަޅައިގެން ހުރި ނަމަވެސް، އެމީހަކު ގޮސްފައި ވަނީ، ކެމެރާތަކަށް ފުރަގަސްދީގެންނެވެ. ވީހާވެސް އަނދިރި މަގުތަކުންނެވެ. ހީވަނީ ގަސްދުގައި ފުލުހުންނަށް ކޮށްފައިވާ ޖެއްސުމެއް ހެންނެވެ.

ކާވިންއަށް ހިންދިރުވައިލެވުނެވެ. ދެއަތް މުށްކެވުނެވެ. ފުލުހުންގެ ކުރިމަތީގައި އެ ގާތިލުގެ ބާރުގަދަކަން ފުރިހަމައަށް ދައްކުވައިދީފިއެވެ. އެއީ ގަސްދުގައި ދިން އިންޒާރެކެވެ. ނުވަތަ އޭނާގެ މޮޅުކަން ހާމަކޮށްލަން ބޭނުންކުރި އުކުޅެކެވެ. އެކަމުގައި އީންއަށް ގެއްލުން ލިބުމުން ކާވިންގެ ރުޅިގަނޑު ފަޅައިގެން ދަނީއެވެ. ކޮންފަދަ ރަހުމުކުޑަ އަމަލެއް ހެއްޔެވެ؟ ކިތަންމެ ހިއްވަރުކުރިކަން ދެއްކި ނަމަވެސް، އީންގެ ހަށިގަނޑުގައި އަޅާނޭ ވޭން ކާވިންއަށް އިހުސާސް ކުރެވުނެވެ. އެ މަންޒަރު ބަލަން ކުޅަދާނަ ނުވެގެން ލަޔާން ވެސް އިސްޖަހައިލިއެވެ.

"ތިވަރުން ކިހިނެއް އެއީ ކާކު ކަން ހޯދޭނީ؟..." ކާވިން ހިތްހަމަނުޖެހުނެވެ. "ފިނިހަކަ ސްޕީޑުގަ ކަންކަން ކުރިއަށް ގެންގޮސްގެން މިކަން ކާމިޔާބެއް ނުކުރެވޭނެ... ނިކަމެތި އެންމެ މީހެކޭ މުޅި ފުލުހުންގެ ކުރިމަތީ ބާރު އެ ދެއްކީ... އަހަރެމެން އެންމެން ލަދުގަންނާކަށް ނުޖެހޭތަ؟...."

"ސޮރީ ސަރ..." ޝިބާން މަޢާފަށް އެދުނެވެ.

"މަޢާފަށް ތި އެދެނީ ކޮން ކަމަކާ؟... ސޮރީ ބުނެގެން މިކަން ހައްލުވޭތަ؟... އޭނ؟..." ކާވިންގެ ހިތަށް ކޮށްފައިވާ އަސަރަކުން، އަމިއްލަ ނަފުސު ހަމައަކަށް އަޅުވަން އުނދަގޫ ވިއެވެ. ހުރިހާ އެއްޗެއް ކިޔަމުން ދިޔައީ ހުދު އޭނާގެ ނަފުސުވެސް ޝާމިލުވާގޮތަށެވެ. "މިހާރުވެސް ކިހާ ވަގުތެއް ހޭދަވެގެން މިދިޔައީ... އެ ހުރިހާއިރުފަހުން ހޯދުނު އެއްޗަކީ ތީތަ؟... މަސައްކަތް އަވަސްކުރަން އެބަ ޖެހޭ... އިތުރު ބަޔަކަށް މީގެ ގެއްލުން ނުވަނީސް، އެމީހަކު ހިފާ ހައްޔަރުކުރެވޭ ވަރަށް ހެކި ހޯދެންވާނެ... އަހަރެމެން ހުވާކޮށްގެން މިތިބެނީ ކީއްވެ؟.... އާއްމު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ގާއިމުކުރަން... އެކަން ނުކުރެވެންޏާ، ބޮޑު ހުވައެއް ކޮށްގެން ތިބުމުގެ މާނައަކީ ކޮބާ؟..."

"ސަރ!..." ޝިބާން ޖެހިލުންވެފައި ހުރެ، ގޮވައިލިއެވެ. "އަދި އަޅުގަނޑުގެ ވާހަކަ ނުނިމޭ..."

ކާވިންގެ ޖަވާބަކަށް ޝިބާން އިންތިޒާރު ކުރިއެވެ. ކާވިން އެއްޗެއް ނުބުނުމުން، ޝިބާނަށް ހަމަޖެހުމެއް ލިބުނެވެ.

"އަޅުގަނޑު ބެލި ބެލުމުން، އެމީހެއްގެ އިސްކޮޅުގައި ފަސްފޫޓް ހަ އިންޗި ވަރު ހުންނާނެ... ހަށިގަނޑަށް ބަލާލާއިރު، އެއީ ޒުވާނެކޭ ބުނެވޭކަށް ނެތް... ބޮޑަށް ހީވަނީ، މެދު އުމުރުގެ މީހެއް ހެން..." ޝިބާން ކިޔައިދިނެވެ.

"ދެން؟...." ކާވިންގެ މޫނުމަތިން މާބޮޑު ޝައުގުވެރިކަމެއް ނުފެނުނެވެ.

"އަދި އެއް ކަމެއް އަޅުގަނޑަށް ފާހަގަވި..." ޝިބާން އޭނާގެ މޭޒުމަތީގައި އޮތް ކަރުދާސްގަނޑެއް ހިފައިގެން ގޮސް ކާވިންގެ ކުރިމަތީގައި ހުއްޓުނެވެ. ކެމެރާތައް ހަރުކޮށްފައިވާ ސަރަހައްދުތައް އެ ކަރުދާސްގަނޑުގައިވާ ޗާޓުގައި ވަނީ، ވަރަށް ރަނގަޅަށް ފާހަގަކޮށްފައެވެ. "އެ މީހަކު ދިރިއުޅެމުން އަންނަނީ ޔަޤީނުން ވެސް މި ސަރަހައްދުގަ... އެމީހާގެ ކޮންމެ މޫވްއެއް އަޅުގަނޑު ވަރަށް ރަނގަޅަށް ބެލިން... ފުޓޭޖްތަކުން ފެންނަން ހުރި ގަޑިތަކަށް ބަލާއިރު، އޭނަ އައިސްފައި ވަނީ، މި ސަރަހައްދުން... އެކަމަކު، މި ސަރަހައްދުގައި ހުރި އަޅުގަނޑުމެންގެ އެއްވެސް ކެމެރާއެއް މަސައްކަތެއް ނުކުރޭ... އެހެންވެ، އަޅުގަނޑަށް އިތުރު މައުލޫމާތު ހޯދޭގޮތް ނުވީ..."

ކާވިންގެ ރުޅި ފިނިވިއެވެ. ޗާޓު ހިފައިގެން އެއަށް ބަލަން އޭނަ އިރުކޮޅަކު އިނެވެ. ޝިބާން ހުރީ، ނޭވާ ހިފަހައްޓާލައިގެންނެވެ.

"ލަޔާން!... އިތުރަށް ސީސީޓީވީ ފުޓޭޖްތައް ބަލާ... ރަނގަޅަށް ދިރާސާ ކުރޭ... ކިރިޔާވެސް ޝައްކުވާ މީހަކު ފެނިއްޖެއްޔާ، އެ މީހަކަށް ފާރަލާންވާނެ... ކެމެރާތައް މަސައްކަތް ނުކުރާ ސަރަހައްދުގަ ހުރި ހުރިހާ އިމާރާތެއް ވެސް ބަލާ ފާސްކުރޭ... ވީ ވަރަކުން ސިއްރު ކެމެރާތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރަންވާނެ... މިކަމަށް ނެރެންވާނީ، ސީކްރެޓް ޓާސްކްފޯހުގެ ކުދިން... އެއްވެސް މީހަކަށް ކުޑަވެސް ޝައްކެއްވިޔަ ދީގެން ނުވާނެ...." އައު އުއްމީދެއް ލިބުނު ފަދައަކުން ކާވިން ބުންޏެވެ.

އިސްކުރީނުން ފެންނަމުންދިޔަ، "މިސްޓަރ އެކްސް"ގެ ތަސްވީރަށް ކާވިން ބަލައިލިއެވެ. މިއަދު އެ ހިތުގައި ވަނީ އައު އަޒުމެއް އުފެދިފައެވެ. އެމީހަކު މުޅި ފުލުހުންގެ އިދާރާއަށް ގޮންޖަހައިލީތީ، ކާވިންގެ ހިތުގައި އޮތް އަޒުމު މާ ބޮޑަށްވެސް ވަރުގަދަވެގެން ދިޔައެވެ.

"ފުލުހުންގެ ޑޭޓާބޭސް އެއްކޮޅުން އަނެއްކޮޅަށް ބަލާ... މީގެ ފަނަރަ އަހަރު ކުރިން ފެށިގެން މިއަދާ ހަމައަށް ކުށުގެ ރެކޯޑު އޮތް ހުރިހާ މީހުންގެ ލިސްޓެއް މާދަމާގެ ކުރިން އަހަންނަށް ލިބެންވާނެ..." ހަދަންވީގޮތެއް ނޭނގިފައި ހުރި ޝިބާންއަށް ބަލައިލަމުން ކާވިން ބުންޏެވެ.

"ސަރ!..." ކާވިން އެތަނުން ދާން ހިނގައިގަތުމުން ޝިބާން ގޮވައިލިއެވެ. "އަޅުގަނޑު ބޭނުން ސަރއާ ވަކިން ބައްދަލުކޮށްލަން..."

ކާވިން ބަލައިލީ ލަޔާން އަށެވެ.

"އަޅުގަނޑު ބޭރުގަ މަޑުކޮށްލާނަން..." ލަޔާން ބުންޏެވެ.

ލަޔާން ނުކުތުމުން ކާވިން ގޮސް ގޮނޑީގައި އިށީނެވެ. އޭނަ ޝިބާންއަށް ބަލައިލީ، ބުނަންއުޅޭ އެއްޗެއް އެނގިގެން ބަލައިލާ ކަހަލަ ގޮތަކަށެވެ. ޝިބާން އަޅުވައިލީ ސީސީޓީވީ ވީޑިޔޯ އެކެވެ. ނޫކުލައިގެ އަލިކަމެއް ވަރަށް ބާރަށް ކެމެރާ ހުރަސްކޮށްލާތަން އެ ވީޑިޔޯއިން ފެނެއެވެ. ޝިބާން އެ ވީޑިޔޯ ލަސްލަހުން ފެންނަގޮތަށް އަޅުވައިލިއެވެ. ވަކި ހިސާބަކުން މަންޒަރު ހުއްޓައިލިއެވެ. ނޫކުލައިގެ އަލިކަމުގެ ތެރެއިން ކާވިންގެ ސޫރަ ރީތިކޮށް އެނގެން ހުއްޓެވެ. އެއީ އޭނާ އީން ސަލާމަތްކުރަން ދިޔަ ވަގުތު ސީސީޓީވީ ކެމެރާއަށް ރެކޯޑުވެފައިވާ މަންޒަރެކެވެ. އީން ސަލާމަތްކުރަން ހަދައިގެން، އަމިއްލަ ނަފުސާއިމެދު ވިސްނަންވާ ވަރަށް އޭނައަށް ނުވިސްނުނީއެވެ. ކާވިންއަށް ދެލޯ މަރައިލެވުނެވެ.

"ސަރ!... އަޅުގަނޑު މި ވީޑިޔޯ ފުލުހުންގެ ޑޭޓާތަކުގެ ތެރެއިން ދުއްވާލައިފިން... މިހާރު މި ވީޑިޔޯއަށް އެކްސަސްވެވޭނީ ހަމައެކަނި އަޅުގަނޑަށް..." ޝިބާން ޖެހިލުންވެފައި ހުރެ ބުންޏެވެ. "އެ ނުރައްކާތެރި ގާތިލު ހައްޔަރުކުރެވޭނީ ސަރއަށް... އަޅުގަނޑު މިހުރީ ސަރގެ ފަހަތުގަ...."

ދުރުދުރުން ބުނި ނަމަވެސް ޝިބާން ޔަގީންކަން ދިނީ ކާވިންގެ ސިއްރު ރައްކާތެރިކުރާނެ ކަމުގައެވެ. އެކަން ކާވިންއަށް ވިސްނުނުވެސް މެއެވެ. ކާވިންގެ ހިތަށް ލުއިކަމެއް ލިބުނެވެ.

********

ކެބިންއަށް އައިސް ވަން ކާވިންއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. ކަންތައްތައް ގޮސްފައި އެވާ ހިސާބުން، އެކަން އެހާ ފަސޭހައިން ނިންމައި ނުލެވޭނޭކަން އޭނައަށް އެނގުނެވެ. ކުޑައިރުކޮޅަކު ވިސްނަން އިނދެފައި ކާވިން ނެގީ ފޯނެވެ. ކާވިންއަށް ފެނުނީ އޭނާ ކުޑަކޮށްވެސް އުއްމީދުކުރިފަދަ މަންޒަރެއް ނޫނެވެ. ރިހޭ ފައިމައްޗަށް ފޮއި ވެއްޓުނު ކަމުގެ އިހުސާސް އޭނައަށް ކުރެވިގެން ދިޔައެވެ. ކާވިންއަށް ފުންމައިގެން ގޮނޑިން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.

"ޝިޓް..." ކާވިން ހާސްވެގެން ނިތްކުރީގައި އަތުން ޖަހައިލިއެވެ.

އީންގެ ތަސްވީރަށް ބަލަން ހުއްޓައި ލަޔާން އައުމުން، ކާވިންއަށް އޭނާގެ ފޯނު ޖީބަށް ލެވުނީ ލޮކް ނުކޮށްކަން ހަނދާންވީ އެވަގުތުއެވެ. ފޯނަށް ފިތިގެން އީންގެ ތަސްވީރަށް ފޮނުވިފައި އެ އޮތީ، އެފަދަ މަގާމެއްގައި ހުރެ، ފޮނުވަން ނުވާވަރުގެ "ސްޓިކަރ" އެކެވެ. އެއީ އޭނަ ގަސްދުގައި ކުރި ކަމެއް ނޫން ނަމަވެސް އެކަން އެނގެނީ ހަމައެކަނި އޭނައަށެވެ. އޮޅިގެން ނަމަވެސް މިއަދު އޭނައަށް ގޯސް ހެދިއްޖެއެވެ. ކާވިން ހާސްވީ، އެތައް ބަޔަކަށް އޭނަގެ ކޮމެންޓް ފެނިފައިވާތީއެވެ. ދެން އެ ކޮމެންޓް ފޮހެލައިގެން ލިބޭނެ މޮޅެއްވެސް ނެތެވެ. އީން ހީކުރާނެ އެއްޗެއް ނޭނގޭތީވެސް ކާވިންއަށް އެކަމާއިމެދު ވިސްނުނެވެ.

ލިޔުންތަކެއް ހިފައިގެން ކާވިންގެ ކެބިންއަށް އައިސް ވަން، ޒަލޫލީ ދިޔައީ ސިއްސައިގެންނެވެ. އޭނަ ދޮރު ހުޅުވައިލި ވަގުތު ކާވިން އޭނާގެ ބޮލުގައި އަތުން ޖަހައިލިތަން ފެނި، ޒަލޫލީ ހުރީ ހަދަންވީ ގޮތެއް ވެސް ނޭނގިފައެވެ. ފޯނަށް ގޮސް ގެއްލިފައި ހުރިވަރުން، ޒަލޫލީ އައިކަމެއް ކާވިންއަކަށް ނޭނގެއެވެ. އެއްޗެއްގައި ސޮއި ކުރަން ޖެހުނަސް، އެއްވެސް މުވައްޒަފަކު ކާވިންގެ ކެބިންއަށް ނުވަދެ ވޭތޯ ބަލައެވެ. ޒަލޫލީ ވެސް އައީ، އިތުރު ގޮތެއް ނެތުމުންނެވެ.

(ނުނިމޭ)

ކޮމެންޓް 0