ޔުނާން އުޅުނީ، އީންއަށް އޭނާގެ ދެއަތުގެ ހިމާޔަތް ދޭށެވެ.
"އަހަރެން ވާހަކަ ދައްކާލާނަން..." ޔުނާން ދުރުކޮށްލަމުން ކާވިން ބުންޏެވެ.
އީންގެ އަތުގައި ހިފައިގެން ކާވިން ހިނގައިގަތީ އެހެން މީހުންނާއި ދުރަށެވެ. އީންއަކީ، ހަމައެކަނި ކާވިންގެ ހައްގެކޭ ބުނާފަދަ ގޮތަކަށެވެ.
********
ފުލުހުންގެ އިދާރާގެ ތަހުގީގު ހޯލުގެ ބޭރުގައި ޔުނާން އާއި ލަޔާންގެ އިތުރުން ނުހާމް ތިއްބެވެ. ތަންކޮޅެއް ދުރުގައި ބަހައްޓާފައިވާ ކުޑަ މޭޒުގެ ކައިރީގައި ކާވިން އާއި އީން ތިބިއިރު، ޔުނާންގެ ނަޒަރު އެންމެ ހިނދުކޮޅަކަށް ނަމަވެސް، އީންގެ މޫނުން ވަކިނުވެއެވެ.
"ކަލޭ ގަދަ... ކިހިނެއް ހެކި ހޯދީ؟..." ނުހާމް ސުވާލު ކުރީ ޔުނާން އަށެވެ.
ޔުނާން ދިއްކޮށްލީ އޭނާގެ ފޯނެވެ. އީން އާއި ކާވިންގެ ގާތްކަން ފެނި، ޔުނާން އިނީ ވާހަކަ ދައްކަންވެސް ފޫހިވެފައެވެ. ކާވިން އުޅޭ ގޮތަކުން، އީން ގެއްލިދާނެކަމުގެ ބިރު ޔުނާންގެ ހިތުގައި އުފެދިފައިވިއެވެ.
"އޭތް... ދެން ތިކަން ހުއްޓަން ވެއްޖެއެއްނު..." ވިސްނައިދޭ ކަހަލަ ރާގަކަށް ލަޔާން ބުންޏެވެ. "އީންގެ އެކުވެރިކަން ބޭނުމިއްޔާ، ހިތުލައިގެން ތިއުޅޭ ކަންތައް ހަނދާން ނައްތާލާ..."
"އަހަރެންގެ ހިތުގެ ހާލު އެނގިގެންތަ ތިހެން ތި ބުނަނީ؟..." ޔުނާން ކަރު އެލުވައިލިއެވެ.
"މީ ކޯއްޗެއް؟... ސީސީޓީވީ މަންޒަރެއްތަ؟..." ޔުނާންގެ ފޯނުން އަޅުވާފައިވާ ވީޑިޔޯ ފެނުމުން، ނުހާމް ސުވާލުކުރިއެވެ.
ވީޑިޔޯއިން ފެންނަމުން ދިޔައީ، ވަޖީހް އީން އުފުލާލައިގެން ގެންދަނިކޮށެވެ. ކާރަކަށް އަރުވާ މަންޒަރުވެސް އެ ވީޑިޔޯއިން ފެނިގެން ދެއެވެ.
"ވެއިޓް..." ކުއްލިއަކަށް އެއްޗެއް ފެނުނު ފަދައިން ނުހާމް ބުންޏެވެ. "އެހެރީ ކާކު؟..."
"ކޮބާ؟..." ނުހާމް ދެއްކި އެއްޗެއް ނުފެނުމުން ލަޔާން ސުވާލު ކުރިއެވެ.
"ބެކަށް ދޭބަލަ..." ނުހާމް އެދުނެވެ. "އާނ... އާނ... މިހިސާބުން ހުއްޓާ..."
ނުހާމް ބުނި މަންޒަރު ކައިރިކޮށްގެން ލަޔާންވެސް ބެލިއެވެ. ލަޔާނަށްވެސް ލިބުނީ ހައިރާންކަމެވެ. ދެމީހުން އެކަކުގެ އަނެކެއްގެ މޫނަށް ބަލަން ތިބެފައި ކާވިން އާއި ދިމާއަށް ބަލައިލިއެވެ. އެ ހުރިހާ ދުވަހު، އެއްކުރި މައުލޫމާތުތައް ކާވިން އާއި ޚިއްސާކުރަންޖެހޭ ވަގުތު އައިސް ޖެހުނީކަން އެންމެންނަށް ވިސްނުނެވެ.
********
އިސްޖެހިފައި އިން އީންގެ އަތްމަތީގައި ކާވިން އޭނާގެ އަތް ބާއްވައިލިއެވެ. ހިތްވަރު ދިނުމުގެގޮތުން މަޑުމަޑުން އެ އަތަށް ފިތައިލިއެވެ.
"ހުރިހާ ކަމެއްވެސް ރަނގަޅުވާނެ..." ކާވިން ލޯތްބާއިއެކު ބުންޏެވެ.
"އައިމް ސޯ ސޮރީ...." އީންއަށް ގިސްލެވެން ފެށިއެވެ. "އަހަރެންގެ ބައްޕަގެ ސަބަބުން، ކިތައް މީހުންގެ އާއިލާ ހަލާކުވެގެން އެ ދިޔައީ..."
"ކީއްވެ އެކަމާ އީން މާފަށް އެދެންވީ؟...." ކާވިން އަހައިލީ އޯގާތެރި ރާގަކަށެވެ.
"އަހަރެންދެކެ ރުޅިއެއް ނާދޭތަ؟..." ކާވިންއަށް ބަލައިލަމުން އީން އަހައިލިއެވެ. "ރުޅިއެއް ނާދޭތަ، އޭނަގެ ދަރިއަކަށްވީމަ؟..."
"އީން!... ވަކި މީހެއްގެ ދަރިއަކަށްވެގެން އީންދެކެ ރުޅި އަންނަންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ..." ކާވިންގެ ޖަވާބު އަވަހެވެ. "އަމިއްލަ ނަފުސުދެކެ ރުޅި އަންނާނެ ސަބަބެއް ހޯދާ ވަރަށްވުރެ އީން ވިސްނުންތޫނުވާނެކަމަށް އަހަރެން ގަބޫލު ކުރަނީ..."
"މިއަދު އެއްވެސް މީހަކާ ފޭސްކުރާނެ ހިތްވަރެއް އަހަރެންގެ ގަޔަކު ނެތް... އަހަންނަކަށް އެކައްޗެއްވެސް ނުވިސްނޭ..." އީން ރޮއެރޮއެފައި ވާހަކަ ދެއްކިއެވެ. "އަހަރެން ބޭނުން އެންމެންގެ ކައިރިން މާފަށް އެދެން..."
އީން ތެދުވިއެވެ. ކުރިއަށް ހިނގައިގަންނަން އުޅުނު އީންގެ އަތުގައި ކާވިން ހިފެހެއްޓިއެވެ. އެއަށްފަހު، ކައިރީގައި ބޭންދީ ގަދަކަމުން ކަހަލަ ގޮތަކަށެވެ.
"އީން!... ހަމަޖެހިބަލަ..." ކާވިން އެދުނެވެ. "އީންގެ އެއްވެސް ކުށެއް ނެތޭ މިކަމުގަ... އެއީ އީންގެ ބައްޕައަށް ވިޔަސް، އޭނަ ކުރާ ކަމަކަށް އީން މާފަށް އެދެންޖެހޭ ސަބަބެއް ނޯންނާނެ... އެހެންނޫނަސް، އީންގެ ބައިވެރިވުމެއް އޮވެގެން ނޫނެއްނު އޭނަ އެހުރިހާ ކަމެއް ކުރީ..."
"އެކަމަކުވެސް، އަހަންނަކީ ގާތިލެއްގެ ދަރިއެއް... އެކަން ބަދަލުކުރެވޭނެތަ؟..." އީންގެ ކުރެހިފައިވާ އަޑުގައި އެތައް ހާސް ރިހުމެއްގެ އަސަރު ވިއެވެ. "ދުވަހަކުވެސް އެ ހަގީގަތް ބަދަލެއް ނުވާނެ... ނުވެސް ކުރެވޭނެ..."
"ދެންޖެހޭނީ އެ ހަގީގަތާ ކުރިމަތިލާށޭ އީން..." ކާވިން ވަރަށް ލޯބިން ބުންޏެވެ. "އެއްވެސް މީހަކަށް އެމީހަކު ބޭނުންވާ ގޮތަކަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ކުރިއަކަށް ނުގެންދެވޭނެ... ލިބެން ނެތް އެއްޗެއް ގަދަކަމަކުން ނުވެސް ހޯދޭނެ... އޭރަކު އުޅެންޖެހުނުގޮތަކަށް ޝުކުރުކުރީމަ، ފަހުން ރިގްރެޓްކުރަން ނުޖެހޭނީ... އަހަރެން މިހުރީނު އީންއާއެކީ... މިވަގުތު އީންއަށް ބޭނުންވާނީ މީހެއްގެ އެހީތެރިކަން... އަހަރެން ހުންނާނަން އީންއަށް ހިތްވަރުދޭން... ވައުދުވަން..."
"އެކަމަކު..." އީންއަށް ބުނެވުނީ އެހިސާބަށެވެ.
"ލެޓްސް ކެޗް ހިމް ޓުގެދަރ..." ކާވިން އީންގެ ތުންފަތުގައި އިނގިލި ޖައްސައިލިއެވެ. "އެމީހަކީ އީންގެ ބައްޕައަށް ވިޔަސް، އެހެން މީހަކަށްވިޔަސް، އެމީހަކު ހިފާ ހައްޔަރުކުރުމަކީ އަހަރެމެންގެ ޒިންމާ... އީން ތައްޔާރުތަ؟... މިކަމުގަ އަހަންނަށް އެހީތެރިކަން ދޭނަންތަ؟"
އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި، އީން ކާވިންގެ މޫނަށް ބަލައިލިއެވެ. އެއަށްފަހު، ބަސްއަހާ ކުޑަ ކުއްޖަކު ފަދައިން ބޯ ޖަހައިލިއެވެ. އީންގެ އެ މައުސޫމު އަމަލުން ލިބުނު އުފަލުގައި ކާވިންއަށް އީންގެ ބޮލުގައި ފިރުމައިލެވުނެވެ.
"ވަރަށް ވަރުބަލިވެފަ މީނީ... މިދަނީ އޮށޯވެލަންދާން..." އީން ކުއްލިއަކަށް ތެދުވިއެވެ. އޭރު ކާވިން ކުރި ކަމަކުން، އޭނާގެ ހިތުގެ ތެޅުން އިތުރުވެއްޖެއެވެ. އިތުރަށް ކާވިންގެ ކުރިމަތީގައި އިނދެއްޖެނަމަ، ހިތުގެ ހާލު ބޭޒާރުވެދާނެކަމުގެ ބިރު އީންގެ ހިތުގައި އުފެދުނެވެ.
ކާވިން އަނެއްކާވެސް އީންގެ އަތުގައި ހިފައިލިއެވެ.
"އަދި ހަނދާންނެތިފައޭ މިހުރީ..." ކާވިން ވަރަށް ނުކެރި ހުރެފައި ބުންޏެވެ. "އީންގެ ރޫމް މަރާމާތުކުރަން ބަޔަކާ ހަވާލުކޮށްފަ ވާނީ... މާދަމާއަށް ނިމޭނީ..."
އީން ހުއްޓުން އެރި ގޮތުން ކާވިން ހާސްވިއެވެ.
"އަނެއްކާވެސް އެކަހަލަ ކަމެއް ވެދާނެތީ... އެތަން މިހާރު ހުރީ މީހަކު ދިރުއުޅޭ ކަހަލަ ގޮތަކަށް ނޫނޭ..." ކާވިން ބުންޏެވެ. "އީން ބޭނުމިއްޔާ، އަހަރެންގެ ގޭގަ އީންއަށް ނިދޭގޮތް..."
"ނޫން..." ކާވިންގެ ވާހަކަ ނުނިމެނީސް އީން ބުންޏެވެ.
"މިވަގުތު އީން އެކަނި ތަނެއްގަ ހުރުން އެހާ ސޭފްއެއް ނޫން..." ކާވިން ހުރީ ވަކި ގޮތަކަށް ނިންމައިގެން ކަހަލައެވެ. "އާދޭ އަހަންނާއެކީ..."
އިތުރު ގޮތެއް ނެތުމުން، ކާވިން އާއިއެކު އީން ހިނގައިގަތެވެ. އީންމެންގެ ފަހަތުން ޔުނާން ގޮސް މަގުމައްޗަށް ނުކުތްއިރު، އެ ދެމީހުން ސައިކަލުގައި ނައްޓާލައިފިއެވެ.
"ކޮންތާކަށް އެދިޔައީ؟..." ޔުނާން އަހައިލީ އޭނާގެ ފަހަތުން އައި ލަޔާންގެ ކައިރީގައެވެ.
"ޔުނާން... އަސްލުވެސް ކަލޭ ތިކަން ހުއްޓަންވެއްޖެ އިނގޭ... މާބޮޑަށް ހިތުގަ ޖެހިދާނެ ތިހެން އުޅެނިކޮށް..." ޔުނާންގެ ބުރަކަށީގައި ޖަހައިލަމުން ލަޔާން ބުންޏެވެ.
"އީންއަށް ކީއްވެތަ އަހަރެންގެ ހިތް ނުފެންނަނީ؟..." ޔުނާން ދެރަވެލާފައި ބުންޏެވެ.
"ފަޅާފަ ދައްކަންވީނު..." ލަޔާން ދިމާކުރިއެވެ.
"ލަޔާން... ކަލެޔަށް ފިރާޝާ ލިބުނީމަ ނިމުނީތަ؟... އަހަރެން ވަރިހަމަތަ އުމުރު ދުވަހު ހުސްކޮށް ހުއްޓަސް..." ޔުނާން ބުންޏެވެ.
"ބުނާނެދޯ... ތިހުންނަނީ، ބިންގަނޑަށް ތުން ހަރައިގެން ހުންނަ މާކަނާއެއްހެން ވިއްޔަ..." ލަޔާން ހެމުން ގޮސް ސައިކަލަށް އެރިއެވެ. "އެހެން މަންޖެއަކު ސެޓުކުރަން ހިނގާ... ކަލޭ ކަހަލަ މީހަކަށް ރީތި ބިޓުން ލިބޭނެ..."
ޔުނާން ހެމުންގޮސް ލަޔާންގެ ސައިކަލު ފަހަތަށް އެރިއެވެ.
********
ކާވިން ދޮރު ހުޅުވައިލާފައި އެތެރެއަށް ވަނުމުން، ފަހަތުން އީންވެސް ވަނެވެ. ގޮތްނޭނގޭ އިހުސާސްތަކެއް އީންއަށް ކުރެވެމުން ދިޔައެވެ. އެ އެކަހެރި ގޭގައި ދެމީހުން އެކަނި ވަގުތު ހޭދަކުރަން ޖެހުމުން، ފާޑުފާޑުގެ ވަސްވާސްތަކުން އީންގެ ހިތް ފުރެމުން ދިޔައެވެ. އަމިއްލަ ހިތް ހަމައަކަށްއަޅުވަން އީންއަށް އެތައް މަސައްކަތެއް ކުރަންޖެހުނެވެ. އެވަރުންވެސް ކާވިން އާއި ހަތަރުކަޅި ހަމަކުރާކަށް އީންއަކަށް ފަސޭހައެއް ނުވިއެވެ.
"މީ ހަމަ އީންގެވެސް ގެ ކަމަށް ބަލާ..." ކާވިން ބުންޏެވެ.
"އޭނ؟" އީން ސިހުނެވެ.
"ކޮފީ؟" ބުނެވުނު އެއްޗެއްގެ ގޯސް މާނައެއް އީންއަށް ދޭހަވެދާނެތީ، ކާވިން މައުޟޫޢު ބަދަލުކޮށްލިއެވެ.
އީން ބޯ ޖަހައިލުމުން، ކާވިން ގޮސް ބަދިގެ ބަޔަށް ވަނެވެ.
ގޭގެ ކޮންމެ ދިމާއަކަށް އީން ބަލަމުން ދިޔައީ ޝައުޤުވެރިވެފައި ހުރެއެވެ. ކޮންމެ ތަނެއްވެސް ތަރުތީބުވެފައި ސާފެވެ. ހިރަފުސްކޮޅެއްގެ މިންވަރުވެސް ނެތެވެ. ކުޑަކުޑަ ގެއެއް ނަމަވެސް، އެކަކު އެކަނި ދިރިއުޅެން ހިތްފަސޭހަ ގެއެކެވެ. އެއް ކޮޓަރި އާއި، ކުޑަ ސިޓިންގްރޫމެއްގެ އިތުރުން، ބަދިގެއަކާއި ކާގެއެއް ހުއްޓެވެ. ކާވިން އެކަނި ކައްކައި ކައި ހަދާކަން އެނގުމުން، އީންއަށް ހެވުނެވެ. ކާވިން ކައްކާ އެއްޗެއް ކާހިތްވިއެވެ. އެހެން ހިތަށް އެރުމުންވެސް އީންގެ ގައިގައި ހުރި ލޯލިތައް ކޮޅަށްޖެހުނެވެ.
"އަހަރެން މޮޔަވީތަ؟... މިއައީ މިގޭގަ އުމުރު ދުވަހު އުޅޭކަށް ނޫނޭ..." އީން އޭނާގެ އަމިއްލަ ނަފުސަށް އަޑުލިއެވެ.
ސިޓިންގްރޫމުގައި ހުރީ، ކިރިޔާ ދެމީހުންނަށް އިނދެވޭވަރުގެ ޖާގަ ހުރި ސޯފާއެކެވެ. ސޯފާގެ ކުރިމަތީގައި ބިއްލޫރި ކުޑަ މޭޒެއް ހުރިއިރު، ކުރިމަތީގައިވާ ހަރުގައި ޓީވީއެއް ބައިންދާފައި އިނެވެ. އީން ސޯފާގައި އިށީނދެލައިގެން އިންނަތާ ގިނައިރެއްނުވެ، ކާވިން ދެ ކޮފީ ހިފައިގެން އައެވެ. މޭޒުމަތީގައި ކޮފީތަށިތައް ބަހައްޓާފައި، އޭނާ އެނބުރި ގޮސް އައީ، ޕޮޕްކޯން ތައްޓެއް ހިފައިގެންނެވެ. އީން ހީކުރީ ކާވިން ދިޔައީ ގޮނޑިއެއް ބަލައި ކަމަށެވެ. އެކަމަކު، ކާވިން އިށީނީ އީންގެ ކައިރީގައެވެ. ދެމީހުން ތިބީ އެކަކު އަނެކެއްގެ ގައިގައި ޖެހި ފިތިގެންނެވެ. އީން ހާސްވީވަރުން ލޮލުގެ ހިމަކޮޅުން ކާވިންއަށް ބަލައިލިއެވެ. ކާވިންއަށް އެކަން މާބޮޑު ކަމަކަށް ނުވާ ކަހަލައެވެ. އެ ގާތްކަމުން އީންގެ ހިތަށް ޒަލްޒަލާއެއް ގެނުވިއިރު، ކާވިންއަށް އެއްވެސްގޮތެއް ނުވަނީބާއޭ އީންގެ ހިތަށް އެރިއެވެ.
"ހާދަ ވަރަކަށް ދާހިއްލަނީ؟... މާ ހޫނީތަ؟..." އީން ދާހިއްލާފައި އިން ތަން ފެނުމުން، ކާވިން އަހައިލިއެވެ.
އީން ނުވިސްނާ އިންދައި، ކާވިން އޭނާގެ އަތުގެ ނުފުށުން އީންގެ ނިތްކުރި ފޮހެލަދިނެވެ. އީން ލާންއުޅުނު ނޭވާ އެތެރެހަށީގައި ތާށިވެގެން ދިޔައެވެ. ކާވިންގެ އަމަލުތަކުން އޭނާގެ ހިތް ހުއްޓިދާނޭ ފަދައެވެ. އެފަދަ ފިރިހެންވަންތަ އަމަލުތަކެއް ކާވިންގެ ފަރާތުން ފެނުމުން، އީންއަށް ގަބޫލު ކުރަންވެސް ދަތިވިއެވެ.
"އެއްވެސް ސުވާލެއް ނުކޮށް ތިހެން މަޑުން އިންނާނީތަ؟..." އީން އެއްޗެއް ނުބުނެ އިންނަން ފެށުމުން ކާވިން އަހައިލިއެވެ. "ނިދަންދާން ބޭނުންވީތަ؟..."
"ނޫން..." އީންއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. "ނިންޖެއް ނާދޭ..."
ކާވިންއަށް ހެވުނެވެ. އީންގެ އެ ޖުމްލައިން ކާވިންގެ ހިތަށް ނޭނގޭ އުފާވެރިކަމެއް ލިބިގެން ދިޔައެވެ. އީންވެސް އޭނާ އާއި އެކުގައި ވަގުތު ހޭދަކުރަން ބޭނުންވާކަން އެނގުމުންނެވެ. ކާވިން ރިމޯޓު ނަގައި ޓީވީ އަޅުވައިލިއެވެ. ކޮފީ އާއި ޕޮޕްކޯން ތަށި ހުސްވިއިރު، އީން އިނީ ހަމަ ރަނގަޅަށްވެސް ނިދި އައިސްފައެވެ. ތާއްޔާ ޖެހިޖެހި އިން އީން، ނިދިގެން ވެއްޓުނީ ކާވިންގެ ކޮނޑު މައްޗަށެވެ. ކާވިންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
"އަދި ބުންޏެއްނު ނިންޖެއް ނާދެއޭ... ކޮފީތަށި ހުސްވިއިރު ތިއޮތީ ނިދާފަ..." އީންގެ މޫނުގައި ގޯނާކުރަމުންދިޔަ އިސްތަށިކޮޅުތައް އެއްފަރާތްކޮށްލަމުން ކާވިން ބުންޏެވެ.
ކާވިން އީން އުފުލާލައިގެން ގެންގޮސް އެނދުގައި ބާއްވައިލިއެވެ. ހުދު ކާވިންގެ ހިތްވެސް އޭގެ މަގާމުން ދޫވާން އުޅޭ ފަދައެވެ. އެކަމަކު، އޭނާ ހިތްވަރު ކުރިއެވެ. އީންގެ ނުރުހުމުގައި އިނގިލި ކުރިވެސް ޖައްސައިނުލާން އަމިއްލަ ނަފުސަށް ވައުދު ވިއެވެ. އީންގެ ގައިގައި ރަޖާގަނޑު އަޅައިދީފައި ކާވިން ކޮޓަރިން ނުކުތެވެ.
********
އައު ދުވަހަކަށް އިރު އެރިއިރު، ޔުނާނާއި ލަޔާންގެ އިތުރުން ނުހާމާއި އޭނާގެ ބައްޕަ ތިބީ ފުލުހުންގެ އިދާރާގެ ތަހުގީގު ހޯލުގައެވެ. އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ، ކާވިން އަންނާނެ ވަގުތަކަށެވެ. ނުހާމްގެ އަތުގައި، ދާރިޔާގެ މަރާއި ގުޅޭ ތަހުގީގު ކުރިއަށް ގެންދިޔަ ފައިލު އޮތްއިރު، އޭނާގެ ބައްޕަގެ އަތުގައި، އެ ތަހުގީގާއި ގުޅިގެން ހޯދާފައިވާ ސީސީޓީވީ މަންޒަރުތަކާއި، ތަސްވީރުތައް ހުއްޓެވެ.
(ނުނިމޭ)