ކާވިންގެ ދެ އަތް ވަނީ މުށްކެވިފައެވެ. ފެހިޒާދީ ގޭގެ ތެރޭގައި އޭނަ ހުރިއިރު، އެ އަތުގައި އީން ގެންގުޅުނު ހަތިޔާރު އޮތެވެ. ކާވިންގެ ދެ ލޯ ވަނީ މަޑު ނޫކުލައަކުން ދިއްލިފައެވެ. މަޑުމަޑުން އީން ގެއްލުނު ހާދިސާ އޭނަގެ ލޯ މަތީގައި ސިފަވާން ފެށިއެވެ. އީން ޚަބަރު ހުސްވެގެން އެމީހެއްގެ އަތްދަނޑިމައްޗަށް ދެމުނުކަން އެނގުމާއެކު، ކާވިންގެ ނޭވާ އަވަސްވިއެވެ.

"ޔޫ!...." ކާވިން ހަޅޭއްލަވައިގަތެވެ.

ފެހިޒާދީ ގޭގެ ތެރެއިން ނުކުމެގެން ކާވިން ހިނގައިގަތީ ކުރިއަށެވެ. ހީވަނީ ދާންވީ މިސްރާބު ކޮންމެވެސް ގޮތަކުން އޭނައަށް އެނގެމުން ދިޔަ ހެންނެވެ. ކާވިންގެ ދެ ލޮލުން ދިއްލިފައިވާ މަޑު ނޫކުލައިގެ އަލިކަމުގެ ތެރެއިން، ފާޅުވާންފެށީ ރެދަންފުއްތަކެއް ކަހަލަ ކުދި އަލިކޮޅުތަކެކެވެ. އެ އަލިކޮޅުތައް ފިޔަވަޅުތަކެއް ފަދައިން ބިންމަތީގައި ކުރެހެމުން ދިޔައެވެ.

********

ވަކި ހިސާބަކަށް ގޮސްފައި، ކާވިން ދުއްވައިގަތެވެ. ހާސްކަމާއި ބިރުވެރިކަމުން ކާވިންގެ ހިތް އަވަސްކުރުވާފައި ވިއެވެ. އޭގެ ސާދަ އަހަރު ކުރީގެ ހާދިސާ ތަކުރާރު ނުވުމަށް އެދި، އޭނާ ހިތުގެ އަޑިން ދުއާ ކުރަމުން ދިޔައެވެ. މާޒީގައި ދިމާވިފަދަ ހިތްދަތި ގޮތެއް އީންއަށް ވާކަށް ކާވިން ނޭދެއެވެ. އެ ދުވަހު ގާތިލުގެ ކުރިމަތީގައި ކާވިން ވީ އެއްވެސް ކަމެއް ނުކުރެވުނު ނިކަމެއްޗަކަށެވެ. އޭނާ ދުވީ ފިލާށެވެ. އެހެނަސް، މިއަދު ކާވިންއަކީ، އާދައިގެ އިންސާނެއް ނޫނެވެ. ލިބިފައިވާ ބާރުތަކުގެ ބޭނުން ހިފައި، އީން ސަލާމަތް ކުރުމަށް ކާވިން އޭނާގެ އަމިއްލަ ނަފުސަށް ވައުދުވިއެވެ.

*******

އުނދަގޫ ގޮތަކަށް އެސްފިޔަތައް ތަޅުވައިލާފައި އީން އޭނާގެ ދެ ލޯ ހުޅުވައިލިއެވެ. ކަނު އަނދިރިކަން ފިޔަވައި އިތުރު އެއްޗެއް އޭނާއަކަށް ނުފެނުނެވެ. އީން ތެޅިގަތެވެ. އަނދިރިކަމުގެ ތެރެއަށް ލޯ ހޭނޭގޮތެއް ނުވިއެވެ. ދެ އަތާއި ދެފައި ގުޑުވައިވެސް ނުލެވުނެވެ. އީންގެ ދެ އަތާއި ދެ ފައި އޮތީ، ބަނދެފައެވެ. އަނގަމަތީގައި ވަނީ ފޮތިގަނޑެއް އައްސާފައެވެ. އީން ހަޅޭއްލަވައިގަންނަން މަސައްކަތްކުރި ނަމަވެސް، އަޑެއް ނުނުކުތެވެ. ސަލާމަތްވުމަށް ކުރެވޭނެ މާ ބޮޑުކަމެއް ނެތްކަން އެނގުމުން، އީން މާޔޫސްވިއެވެ.

ކުއްލިއަކަށް އިވުނީ، ދޮރެއް ހުޅުވައިލުމުން ގޮވާ ޒާތުގެ ތޫލި އަޑެކެވެ. އީންގެ ހިތް ބާރަށް ތެޅިގަތެވެ. ދެ ފަރާތަށް ބޯ ހޫރާލަމުން އަތުގައި އައްސާފައިވާ ވާގަނޑު މޮހާލެވޭތޯ އުޅެން ފެށިއެވެ. އީންގެ ހިތަށް ސިފަވީ، ފަޅުގޭގެތެރޭގައި މަރާލާފައިވާ މީހުންތަކެވެ.

"އެކްސް..." އީންއަށް ހިތާއިހިތުން ކިޔައިލެވުނެވެ.

ހަމަލާދޭ ވަގުތު މަރަށް ތެޅޭނޭ ގޮތް އިހުސާސްވުމާއިއެކު، އީންގެ ހިއްވަރު އެލުނެވެ. ސަލާމަތް ނުވެވޭނޭކަން އެނގުމުން، އޭނާގެ ދެލޯ ކަރުނުން ފުރާލިއެވެ.

ކުޑަ އިރުކޮޅެއް ފަހެވެ. އިވެން ފެށީ، ފިޔަވަޅު ތަކެއްގެ އަޑެވެ. ލަސްލަހުން ނަގަމުންދިޔަ އެ ފިޔަވަޅުތަކުގެ މިސްރާބު ހުރީ، ސީދާ އީން އާއި ދިމާއަށެވެ. އީންގެ އެސްފިޔަތައް ފޫދުއްވާލާފައި ފައިބަމުންދިޔަ ހޫނު ކަރުނަތަކަށް ހުއްޓުމެއް އައެވެ. އެ ނިކަމެތި އަންހެންކުއްޖާގެ ހަށިގަނޑު، ބިރުން ތުރުތުރު އަޅަނީއެވެ. ހިތް ހުއްޓިދާނޭހެން ހީވެ އީންގެ ނޭވާއަށް އުނދަގޫވިއެވެ. މޭގައި ދިލަ ރިހުމެއް އުފެދިގެން ދިޔައެވެ. އީން ދެ ލޯ މަރައި ބާރުކޮށްލީ، އޭނާގެ ހަޔާތުގެ އެންމެފަހު ވަގުތުކޮޅު އައީހެން ހީވުމުންނެވެ. ގާތް މީހުންނާއި ލޯބިވާ މީހުންގެ ހަނދާންތަކުން، އީންގެ ހިތް ތޮރުފަން ފެށިއެވެ.

"ދާރިޔާ!..." ހަމަހިމޭންކަމުގެ ތެރެއިން އިވުނީ، ފިރިހެނެއްގެ ބަރު އަޑެކެވެ.

އީންގެ ކަންފަތާ ހަމައަށް އެ އަޑު ފޯރީ، ހޮނު ގުގުރިއެއްގެ އަޑަށް ވުރެވެސް ބިރުވެރިކޮށެވެ. އީން އިނީ، ނޭވާލާންވެސް ނުކެރިފައެވެ. ކިރިޔާ އަޑެއް ލައްވައިލެވިދާނެތީވެސް އޭނަ ޖެހިލުންވިއެވެ.

"ދާރިޔާ!... ކަލޭ ހީކުރީ، އަހަންނަށް ފިލައިގެން ލައްކަ ދުވަހު އުޅެވޭނެ ކަމައްތަ؟...." އަނެއްކާވެސް އެ ބަރު އަޑެވެ.

ބިރުން ސިހިސިހި އިން އީންގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. އެ މީހަކު އޭނައަށް ދާރިޔާގެ ނަމުން މުހާތަބު ކުރީ، ކީއްވެ ހެއްޔެވެ؟ ދާރިޔާއަކީ ކާކު ހެއްޔެވެ؟ އަނެއްކާ، އެ މީހަކަށް އޭނައަކީ ކާކު ކަން އޮޅުނީ ހެއްޔެވެ؟ ނޫނީ އެ ތަނުގައި އޭނަ ނޫން އިތުރު ކުއްޖަކު އޮތީ ހެއްޔެވެ؟ އެ ނަމަކީ، އޭގެ ކުރިން އީން ދުވަހަކުވެސް އަޑު އަހާފައިވާ ނަމެއް ނޫނެވެ. ދެ ލޯ މަރައި ބާރުކޮށްލައިގެން އީން އޮތެވެ. އެ މީހަކު ގޮސް އީންގެ ކައިރީގައި އިށީނދެލިކަމުގެ އިހުސާސް އީންއަށް ކުރެވިގެން ދިޔައެވެ. ތަނަށް ކޮންމެވެސް ވަރަކަށް އަލިވިކަން އެނގުނު ނަމަވެސް، އީންއަށް ލޯ ހުޅުވައިލާކަށް ނުކެރުނެވެ.

އީންގެ ކައިރީގައި އިން މީހާގެ ނަޒަރު ހުއްޓިފައިވީ ނިކަމެތި އެ އަންހެން ކުއްޖާގެ ހަށިގަނޑަށެވެ. އެއްޗެއް ޔަގީންކޮށްލާ ފަދައަކުން އެ މީހަކު އީންއަށް ބަލަން އިރުކޮޅަކު އިނެވެ. ދެން ކުއްލިއަކަށް އީންގެ އިސްތަށިގަނޑުގައި ހިފައި ކޮޅަށް ނަގައިފިއެވެ.

އީންއަށް އޭނަގެ ތިރީ ތުންފަތުގައި ދަތްއަޅައި ބާރުކޮށްލެވުނީ، ތުންފަތް ކަނޑައިގެން ދާހައި ބާރަށެވެ. އިސްތަށިގަނޑަށް ވާންވުމާއިއެކު، ނަގައިގަތް ދިލަ، މުޅި ހަށިގަނޑަށް ފެތުރުނެވެ. ވޭނީ އަޑަކުން އީންގެ ހިތް ރޮއެގަތެވެ. އަނގައިން އަޑެއް ލައްވައި ނުލުމަށް އީން އެތައް ހިއްވަރެއް ކުރިއެވެ. އެވަރުންވެސް، ވޭނީ އާހެއްގެ އަޑު ބޭރުވެއްޖެއެވެ.

އީން ގެންގޮސް ފާރުގައި ޖައްސާފައި، އެ މީހަކު ހިފެހެއްޓީ، އީންގެ ދަތްދޮޅީގައެވެ. ދެ ކޮލަށް އޮބައިލީ، އެ އަތުގައި ހުރި ހުރިހާ ބާރެއް ލާފައެވެ. އީންގެ މޫނާއި ދިމާއަށް އެމީހާ އޭނާގެ މޫނު އުފުލައިލިއެވެ.

"އިންޓްރެސްޓިން... ހާދަ ވައްތަރޭ..." އެ މީހަކު ޖަހާލީ، ނުރައްކާތެރި ހިނިގަނޑެކެވެ.

ކިތަންމެ ހިތްވަރު ކޮށްގެން ހުއްޓަސް، އީންއަށް ގިސްލެވެން ފެށިއެވެ. އެވަރުންވެސް އޭނަ ހުރީ ލޯ ހުޅުވައިނުލާން އަޒުމުކަނޑައަޅައިގެންނެވެ. އެމީހަކު އޮބައިގަތްލެއް ބާރުކަމުން، އީންގެ ހިރުގަނޑު ކަނޑައިގެން ގޮސް، އަނގައިގައި ލޭ ރަހަ ލައްވައިލިއެވެ.

"ދާރިޔާ!... މީގެ ތޭރަ އަހަރު ކުރިން، އަހަރެން ކަލޭ މަރާލިން... ކަލޭ އަލުން ދިރުނީ ކިހިނެއް؟..." އެމީހާގެ ބަރު އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. "އެ ކާވިން ކަލޭ ސަލާމަތްކުރީތަ؟... އެކަމަކު އެއީ ވާނެކަމެއް ނޫން... އަހަރެން ކަލޭ މަރާލިން...."

އީންގެ ނޭވާ ހާސްވާން ފެށިއެވެ. އެވަރުންވެސް އެ މީހާ އީންގެ ކަރުން ދޫކޮށެއް ނުލިއެވެ.

"އެ ދުވަހު ކަލޭ ސަލާމަތްވިޔަސް، މިއަދު ސަލާމަތެއް ނުވެވޭނެ... އަހަރެން ކަލޭ މަރާލާނަން..." އީންގެ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި، އެ މީހަކު ވާހަކަ ދެއްކިއެވެ.

އީންގެ ހަރަކާތް ކެނޑެން ފެށުމާއިއެކު، އެ މީހާ އީންގެ ކަރުން އަތް ދޫކޮށްލިއެވެ. އީންއަށް ދެ ލޯ ހުޅުވައިލެވުނެވެ. ކުރިމަތީގައި ހުރީ، އިސްކޮޅުން ދިގު މީހެކެވެ. ބިޔަ ހަށިގަނޑެކެވެ. ބާމަތި ފުޅަލެވެ. ކަޅު ފޭރާމުގައި ހުރިއިރު، އެ މީހާގެ މޫނާއި ދެ އަތްތިލަ ވެސް އޮތީ، ނިވާކޮށްފައެވެ. ހަމައެކަނި ފެންނަމުން ދިޔައީ އެ މީހެއްގެ ދެ ލޯ އެކަންޏެވެ. އޭނާގެ ކަނާއަތު ލޯ ކައިރީގައި ވަރަށް ބޮޑު ލަކުނެއްގެ ނިޝާނެއް ވިއެވެ. ލޮލުގައި ވެސް އައިބުކަމެއް ހުއްޓެވެ.

އީންގެ ނަޒަރު އެ މީހެއްގެ މޫނުން، މަޑުމަޑުން ތިރިއަށް ދަތުރުކޮށްލިއެވެ. އެ މީހަކު ލައިގެން ހުރި ޓީޝާޓުގެ މޭމަތީގައި ބޮޑު އަކުރުން "އެކްސް" ޖަހާފައި އޮތެވެ. އީންއަށް ލިބުނީ ހައިރާން ކަމެވެ. ވަގުތުން ދެ ލޯ ބޮޑު ވިއެވެ. އެންމެން ހޯދަން އުޅޭ، ގާތިލު އެ ހުރީ އޭނަގެ ކުރިމަތީގައެވެ. އެކަމަކު، އެއީ ކާކުކަން ހޯދަން އީންއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. އެމީހާގެ ކުރިމަތީގައި އޭނައަކީ ނިކަމެއްޗެކެވެ. އެއްވެސް ބާރެއް ނެތެވެ. އީން ދެރަވީ، އެ މީހާ އޭނާގެ ފުރާނައިން އަތްދޮވެލަން ގިނައިރެއް ނެތްކަން އެނގުމުންނެވެ. ސަލާމަތްވުމަށް ދެއްކޭނޭ ބާރެއް އެ ހަށިގަނޑުގައި ނެތެވެ.

"މިއަދު ކަލޭ ސަލާމަތްކުރާކަށް އެކަކުވެސް ނާންނާނެ..." އީންގެ އަނގަމަތީގައި އައްސާފައިވާ ފޮތިގަނޑު ދަމައިގަންނަމުން، އެ މީހާ ބުންޏެވެ.

އެތެރެއަށް ވަން ކާވިންއަށް އީންގެ ހާލު ފެނުމުން، ހުރެވުނު ތަންވެސް ނޭނގުނެވެ. ދުވެފައި އީން އާއި ދިމާއަށް ދިޔައެވެ. އީންއަށް ހަމަލާދިން މީހާ ލައިގެން ހުރި ޓީޝާޓުގައި ހިފައި ފަހަތަށް ދަމައިގަތެވެ. އޭނާ އޭރުވެސް ހުރީ، އީންގެ އިސްތަށިގަނޑުގައި ހިފައިގެންނެވެ. ކާވިން ދަމައިގަތްލެއް ބާރުކަމުން، އެ މީހާ އާއިއެކު އީންވެސް ވެއްޓެން ދިޔައެވެ. އީންގެ ތޫލި ހަޅޭކުގެ އަޑު މުޅި ތަނުގައި ގުގުމައިލިއެވެ.

ކާވިންއަށް އީންގެ ގައިގައި ހިފެހެއްޓުނީ ކިރިޔާއެވެ. އޭނަ ގެނައި އަވަސް ހަރަކާތާއިއެކު، އީންގެ އިސްތަށިގަނޑު އެމީހާގެ އަތުގެ ތެރެއިން މިނިވަންކޮށްލިއެވެ. އެއަށްފަހު، އީންއަށް އޭނާގެ އަތުގެ ފުރިހަމަ ހިމާޔަތް ދިނެވެ.

ބިންމަތީގައި ޖެހުމާއިއެކު، އެ މީހާ ތެދުވިއެވެ. ލައިގެން ހުރި ޓީޝާޓު ރީތިކޮށްލަމުން، ކާވިން އާއި ދިމާއަށް ބަލައިލީ، ނުރައްކާތެރި ނަޒަރަކުންނެވެ.

އީން ދުރުކޮށްފައި ކާވިން އެނބުރުނީ، އެ މީހާ އާއި ދިމާއަށެވެ. އެ މީހާ ލައިގެން ހުރި ޓީޝާޓުގައި ލިޔެފައިވާ އެއްޗެއް ފެނުމުން، ކާވިންގެ ލޭ ކުރިއަށްވުރެ ބޮޑަށް ހޫނު ވިއެވެ. ކުރިމަތީގައި އެ ހުރީ އޭނަގެ މުޅި ދިރިއުޅުން ހަފުސްކޮށްލި ނުބައި އިންސާނާއެވެ. އެ މީހަކު ހޯދުމަށް ކާވިން އެތައް ގުރުބާނީއެއް ވިއެވެ. ރޭގަނޑުގެ ނިދިން މަހުރޫމުވި ދުވަސްކޮޅެއްވެސް ދިޔައެވެ. މިއަދު ހީވެސް ނުކުރާފަދަ ގޮތަކަށް އެ ހުރީ ކާވިންގެ ކުރިމަތީގައެވެ.

"ކާވިން!..." އެ މީހާ ޖަހާލީ، ނުރައްކާތެރި ހިނިގަނޑެކެވެ.

އޭނާގެ އަޑު އިވުމުންވެސް ކާވިންއަށް މާނޭވާ ލެވެން ފެށިއެވެ.

"ތޭރަ އަހަރުވެއްޖެ އަހަރެން މި ދުވަހަށް އިންތިޒާރު ކުރާތާ... ތިޔަ ބައްދަލުކުރީ، އުއްމީދުވެސް ނުކުރާ އިންސާނަކާ އެކީ... މިހާރު އަދި އަހަރެން މާ ޝައުގުވެރިވެއްޖެ..." ކާވިންގެ ފައިން ފެށިގެން މޫނާއި ހަމައަށް ބަލައިލަމުން އެ މީހާ ބުންޏެވެ.

އޭނާގެ ފަހު ޖުމްލަ އާއިއެކު، ނުރައްކާތެރި ނަޒަރަކުން އީންއަށް ބަލާލައިފިއެވެ.

"ހަމަ އެހާ ލޯބިވާ ކުއްޖެއްތަ؟..." އީންއަށް ބަލަން ހުރެ، އޭނާ ސުވާލު ކުރިއެވެ. "ހާދަ އަވަހަކަށޭ އަހަރެން ހުރި ތަނެއް ތި ހޯދީ... ތީ އަދި ދުވަހަކުވެސް މީހަކަށް ވީ ކަމެއް ނޫން..."

ކާވިންގެ ދެ އަތް މުށްކެވުނެވެ. ރުޅި އައިސް ދެބުމަ ގޮށްޖަހާލިއެވެ. އޭނަ ވަގުތުން އީންގެ ކުރިމައްޗަށް އެރިއެވެ. އެ އަންހެން ކުއްޖާގެ ހިމާޔަތުގައި ހުރީމޭ ބުނާފަދަ ގޮތަކަށެވެ. އެ ކުއްޖާއަށް އަނިޔާއެއް ދެވޭނީ، އޭނަ ނެތިކޮށްލާފައި ކަން ހާމަކޮށްދޭ ފަދައިންނެވެ. ރުޅި އައިސް ކަރުގެ ނާރުތައް ފުފެމުންދިޔަ ވަރަކަށް، ކާވިންގެ ދެލޮލުގެ ވިދުން ގަދަވަމުން ދިޔައެވެ. އެންމެ ފިޔަވަޅެއް ކުރިއަށް އަޅާލިޔަސް، އެ އަލިކަމުގެ ތެރޭގައި އެމީހަކު ފިއްސައިލާނެކަން ގައިމެވެ.

ކާވިންގެ ހިތުގައި ވަނީ، ބަދަލުހިފުމުގެ ރޫހެވެ. އަމިއްލަ ނަފުސަށް ކިތަންމެ ބޮޑު އަނިޔާއެއް ވިޔަސް، ފަސްޖެހެން މިއަދު އޭނަގެ ޒަމީރު އެއްބަހެއް ނުވިއެވެ.

ކާވިން އެ މީހާ އާއި ދިމާއަށް ހިނގައިގަތެވެ. އެ މީހާ ހުށިޔާރެވެ. ކާވިން އީންގެ ކައިރިން ދުރަށްޖެހިލުމާއިއެކު، ޖީބުން ނެގި ވަޅިއެއް އީން އާއި ދިމާއަށް ހޫރާލައިފިއެވެ. ކާވިންއަށް މަޖުބޫރުވީ، އެނބުރި އައިކޮޅަށް ދާށެވެ. އެ ހަމަލާއިން އީން ސަލާމަތް ކުރާށެވެ. އޭނަ އެއްލި އަތުން އެ ވަޅީގައި ހިފުނީ ކިރިޔާއެވެ. މިޔަ ތޫނު ވަޅި އެކެވެ. ވަގުތުން ކާވިންގެ އަތް ކަނޑައިގެން ގޮސް ލޭތައް އޮހެން ފެށިއެވެ. އެއިން ކަމަކާއި ކާވިންގެ އެއްވެސް ފަރުވާލެއް ނެތެވެ. ވަޅި ދުރަށް ހޫރައިލާފައި އެ މީހާ ހުރި ދިމާއަށް އޭނަ ބަލައިލިއެވެ. އޭރު އެ މީހަކު ދުވެ ފިލައިފިއެވެ.

އެ މީހާ ހޯދަން ދާން އުޅެފައި ވެސް ކާވިންގެ ހިޔާލު ބަދަލު ވިއެވެ. އީން އެ ހާލުގައި ވަނިކޮށް ދޫކޮށްލާފައި ދާކަށް އެ ހިތް އެއްބަހެއް ނުވިއެވެ. އީން އެކަނިކޮށްލައިގެން، އެއްފަހަރު ގޯސް ހެދިއްޖެއެވެ. ދެވަނަ ފަހަރަށް އެކަން ތަކުރާރުވާކަށް އޭނަ ބޭނުމެއް ނުވިއެވެ. ކާވިންއަށް ދެ ލޯ މަރާލެވުނެވެ. އެ ހުރިހާ ދުވަހު އެ މީހަކު ހޯދުމަށް އޭނަ ކުރި އިންތިޒާރަށް ނިމުން އައިއިރު، އެ ފުރުސަތު އަތުން ބީވެގެން ދިޔައީއެވެ.

ކާވިން އިނީ އީންގެ ކައިރީގައެވެ. އީންގެ އޮތީ، ތަޅުންގަނޑުގެ މައްޗަށް ދެމިފައެވެ. ދެ ލޯ ހުޅުވައިގެން އޮތް ނަމަވެސް، އެ ހަށިގަނޑުގައި އެއްވެސް ވަރެއް ނެތެވެ. އީންގެ ކައިރީގައި ކުޑަކަކޫ މައްޗަށް ވާހެން އިށީންއިރު، ކާވިންގެ ދެލޮލުން ފެންނަމުން ދިޔައީ ހާސްކަމެވެ. އޭނަ އަވަހަށް އީންގެ ހަށިގަނޑު ނަގައި، އޭނަގެ ގައިގައި ލައްކޮށްލި އެވެ.

އީންގެ އޮމާން މޫނުގައިވީ ތާޒާ ޒަހަމުތަކުގެ ނިޝާންތަކެވެ. ހީވަނީ ބިންމަތީގައި ދަމާފައި ގެނައުމުންގެ ސަބަބުން ހަނގަނޑު ގޭނިފައިވާ ހެންނެވެ. ބައެއް ތަންތަނުން ލޭ ހިލިފައިވާއިރު، އަނެއްބައި ތަންތަން ރަތްވެފައި ހުއްޓެވެ. ތުންފަތް ވެސް ވަނީ ކަނޑައިގެން ގޮސްފައެވެ. ދެ ކޯތާފަތް ރަތްވެފައެވެ. ޒަހަމްތަކުގެ ނިޝާންތައް ފެނި، ކާވިންގެ ހިތް ރަހުމުން ފުރުނެވެ. ދެ ލޯ ފެންކަޅިވިއެވެ. އޭނަ ހިންދިރުވައިލީ، އެ ކަރުނަތައް ހިންދައިލުމުގައި ކާމިޔާބު ހޯދުމަށެވެ.

"އީން..." ކާވިން މަޑުމަޑުން ގޮވައިލިއެވެ.

އީންގެ ދެ ލޯ މެރެމުން ދިޔައެވެ. އެ ހާލުގައި ވެސް އޭނަ ހިފަހައްޓައިލީ ކާވިންގެ އަތުގައެވެ. އެ އަތުން އަންނަމުންދިޔަ ލޭތައް މަނާ ކުރެވޭތޯ އީން މަސައްކަތް ކުރިއެވެ.

ކާވިންއަށް ކެތް ކުރެވުނީ ވަކި ވަރަކަށެވެ. އެ ހުރިހާ ދުވަހު، ކުރަމުން އައި ހިއްވަރު އެލުނެވެ. ވޭތުވެދިޔަ ދުވަސްތަކުގައި އޭނަ އީން ދުރުކޮށްލީ ސަބަބެއް ނެތިއެއް ނޫނެވެ. އެކަމަކު، އިތުރަކަށް އޭނައަކަށް ކެތެއް ނުވިއެވެ. އީންއަށް ގެއްލުމެއް ލިބިއްޖެނަމަ، ކާވިންއަށް އޭނާގެ އަމިއްލަ ނަފުސަށް ދުވަހަކު ވެސް މައާފެއް ނުދެވޭނެއެވެ.

އަމިއްލަ ހިތާއި ދެކޮޅު ހަދާނެ ހިއްވަރު ކާވިންގެ ކިބައިގައި ނެތެވެ. އީންގެ ހަށިގަނޑުގައި ދެ އަތް ވަށާލައިފިއެވެ. އެއީ އީންގެ ހަށިގަނޑުން ހަކަތަ ހުސްވެގެން ދެ ލޯ މެރުނު ވަގުތެވެ. ކާވިން ގިސްލާފައި ރުޔެވެ. މާޒީ ހަނދާންވި ވަރަކަށް އޭނަގެ ގިސްލުން ވީ އިތުރެވެ. ގަސްދުގައި އީން ދުރުކޮށްލެވުނީތީ އޭނަ އިނީ، އިންތިހާއަށް ދެރަވެފައެވެ. އެފަދައިން ކަންތައް ކުރެވުނު ހެދުނު މޮޔަ ހީވެފައެވެ. ހުރިހާ އިހުސާސަކުން ކާވިންގެ ހިތް ވިރެމުން ދިޔައެވެ. ކުރެވޭ ނުކުރެވޭ ކަމެއް ނޭނގުނެވެ. އީންގެ ނިތްކުރީގައި ބޮސްދިނެވެ. މޫނުގައި ލޯބިން ފިރުމައި ހެދިއެވެ.

"އަހަރެން އީން ހިމާޔަތް ކުރާނަން... މީގެ ފަހުން ތީ އަހަރެންގެ މީހެއް..." އީން ގެނެސް މޭގައި ޖައްސައިލަމުން ކާވިން ބުންޏެވެ.

********

އީން ހަސްފަތާލަށް ގެންދެވުނު ޚަބަރު ލިބުމުން، ޔުނާންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. ގިނައިރުތަކެއްނުވެ، އޭނާ ހުރީ ހަސްފަތާލުގައެވެ. އޭރު އަވަސްފަރުވާދޭ ބައިން، އީން ވޯޑަށް ބަދަލުކޮށްފިއެވެ. ޔުނާން ފެނުމުން، އީން ގަދަކަމުން ހިނިތުންވެލިއެވެ. ހުރިހާ ކަމެއް ރަނގަޅު ކަމުގައި ބުންޏެވެ. އެކަމަކު ޔުނާންއަށް އީން އެނގެއެވެ. އެހެން މީހުން ހަމަޖައްސަން އީން ކިތަންމެ މޮޅަށް ވާހަކަ ދެއްކި ނަމަވެސް، އެ ހާލުގައި އީން ރަނގަޅު ވާނީ ކިހިނެއް ހެއްޔެވެ؟ އީންއަށް ނަފުސާނީގޮތުން ކޮށްފައިވާ އަސަރު ޔުނާންއަށް އެނގެއެވެ. ރޯނެ ވަރަކަށް ރޯން ފުރުސަތު ދޭން އޭނަ ބޭނުން ވިއެވެ. އެކަމަކު އެއީ ނާދިރު ކަމެއްކަންވެސް އޭނައަށް އެނގުނެވެ. އެކި ވާހަކަ ދައްކައިގެން އީންގެ ނުތަނަވަސްކަން ދުރުކޮށްދޭން ޔުނާން މަސައްކަތް ކުރިއެވެ.

އީންގެ ދެ ލޯ ހޯދަމުން ދިޔައީ ކާވިން އެވެ.

(ނުނިމޭ)

ކޮމެންޓް 0