ތަހުލީލު ރިޕޯޓުތައް ހިފައިގެން ދެ މީހުން ގޮސް، ފުލުހުންގެ އިދާރާގެ ކެފޭ ބަޔަށް ވަނެވެ. އޭރު އެތަނުގައި ޔުނާންއާއި ލަޔާން ވެސް ތިއްބެވެ. ކޮފީއެއް ގެނެސްދޭން ބުނެފައި ނުހާމް ހިނގައިގަތީ ލަޔާންއާ ދިމާއަށެވެ. ކެފޭގެ ކައުންޓަރު ކައިރީގައި ހުރި އީން ފެނުމާއިއެކު ޔުނާން ތެދުވެގެން އެދިމާއަށް ދިޔައެވެ. އީން ބަލައެއް ނުލިއެވެ. ރޭއްސުރެ އޭނާ ހުރީ ޔުނާންއަށް ރުޅިމޫނު ދައްކައިގެންނެވެ. ޔުނާން އަބަދުވެސް މާ ބޮޑަށް ސަކަރާތް ޖަހައި އުޅޭތީ، އެފަދަ ފުރުސަތެއް ނުދޭން، ކުރެވެން ހުރި ހުރިހާ ކަމެއް އީން ކުރެއެވެ.

*********

ޔުނާންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އޭނާ އެކި ދިމަދިމާއިން ބޯ އަރިކޮށްގެން އީންގެ މޫނަށް ބަލަން ފެށި އެވެ. ނުހޭންވެގެން ދެ ތުންފަތް ފިއްތައިގެން ހުއްޓަސް، އީންއަށް ހެވިއްޖެ އެވެ.

"ޔެސް... ތި ގެއްލިގެންނޭ މިއުޅެނީ... މަށަށް ވެސް ކޮފީއެއް... ބްލެކް ހާޑް..." މޭޒާއި ދިމާއަށް ހިނގައިގަންނަމުން ޔުނާން ބުންޏެވެ.

މޫނަށް ވައްތަރެއް ޖައްސާލައިގެން އީން ހުއްޓެވެ. ކޮފީއަށް ފައިސާ ދައްކާފައި، އޭނާ ގޮސް އިށީންނަން އުޅުނީ ނުހާމްގެ ކައިރީގައެވެ. ޔުނާން އަވަހަށް ތެދުވެގެން ގޮސް އެ ގޮނޑި އޭނާގެ ކައިރިއަށް ޖައްސައިލިއެވެ.

"ދެރަ ކަމެއްނު ޔުނާނޫ," އަކުރުތަކަށް ދަމާލަމުން އީން ބުނެލީ، ޝަކުވާގެ ރާގަކަށެވެ.

"ދެރަ ކަމެއްނު އީނޫ," އީން ވާހަކަ ދެއްކި ރާގުގައި ޔުނާން ބުންޏެވެ.

އީން އިށީނދެފައި، ޔުނާންގެ ކޮނޑުގައި ވިކައިގަތެވެ. ތަދުވި ނަމަވެސް، ޔުނާން ޖަހައިލީ ހިނިގަނޑެކެވެ. އެއީ އާދައެވެ. އީން ބޭނުންވާގޮތަށް ކަމެއް ނުވެއްޖެނަމަ، ޔުނާންއަށް ކޮންމެވެސް ކަހަލަ ގޯނާއެއް ކޮށްލައެވެ.

"އިނގޭތަ... ރޭގަ ވަރަށް މޮޅު ކަމެއް ކޮށްލާފަ އޭ އައިސް އޭނީ..." ޔުނާންގެ ބުރަކަށީގައި ބޮނޑިއެއް އަޅައިލަމުން ލަޔާން ބުންޏެވެ.

"އޭ... ކަލޭގެ ކަންތައް އަންހެނަކަށްވުރެ ބޮޑޭ ދޯ," ލަޔާން ބުނަން އުޅުނު އެއްޗެއް އެނގުމުން ޔުނާން ހާސްވި އެވެ.

"އަންހެނުން އެއީ ކަންތައް ބޮޑު ބައެކޭތަ ތިބުނީ؟" އީން ތުން ފިއްތައިލި އެވެ.

"މީނަ ރޭގަ އުޅުނު ގޮތް ކިޔައިދީފިއްޔާ، އެންމެނަށް ވެސް އެނގޭނެ ކާކުކަން ރަނޑު އަންހެނަކީ..." ލަޔާން ފެށީ ހޭށެވެ. "ފިނޑީ ވަކި ވަރަކަށް ވެސް ނޫނޭ..."

"އީން ބަލާބަލަ... ލަޔާން އެބުނީ ކީކޭ... ރަނޑު އަންހެނެކޯ... އެއީ ހުސް އީންއަށް ކިޔާ އެއްޗެއްސޭ..." ޔުނާން އަވަހަށް އީންގެ ސަމާލުކަން ހޯދަން އުޅުނެވެ.

"ޔުނާން ފާޑުފާޑަށް އުޅެންޏާ، އެންމެންވެސް އެއްޗެހިވެސް ކިޔާނެ..." އީން، ލަޔާން އާއި ބައިވެރިވެލިއެވެ.

"އީން ކީއްވެތަ އަހަރެންގެ ސައިޑަށް ނާރަނީ..." ޔުނާން ދެރަވާކަމަށް ހެދުނެވެ.

"ނާރާނެއެއްނު އަންހެނުން އުޅޭހެން އުޅެންޏާ... އިނގޭތަ ރޭގަ މީނަ..." ލަޔާން ވާހަކަ ދައްކަ ދައްކާ އިންދައި ޔުނާން އޭނާގެ އަތުގައި އޮތް ތަޅުދަނޑި ލަޔާންއާއި ދިމާއަށް ހޫރައިލިއެވެ.

"ކިޔާފިއްޔާ އެއްކަލަ މަންޖެގެ ކަންތައް ބަސްޓު ކޮށްލާނަން އިނގޭ..." ޔުނާން އިންޒާރު ދިނެވެ.

ލަޔާން ކުރިއަށްވުރެ ބާރަށް ހޭން ފެށިއެވެ. ޔުނާން ދެކޮޅު ހަދަހަދައި އިންދައި, އޭނާ ކިޔައިދިނީ ރޭގެ ހާދިސާއަށްފަހު ޔުނާން ބިރުން އުޅުނު ގޮތުގެ ވާހަކައެވެ. އައްޓަމަހެއްހެން އޭނާގެ ގައިގައި ތަތްކޮށްލައިގެން އުޅުނު ގޮތެވެ. އެކަނި ފާހަނާއަށްވެސް ވަންނަން ނުކެރިގެން އުޅުނު ވާހަކަ ބުނުމުން އެންމެން އެއްފަހަރާ ހީނގަތެވެ. ނުހޭން ހިއްވަރުކޮށްގެން އިނަސް އެންމެ ގަދަޔަށް ހެވުނީ އީން އަށެވެ.

ހަތަރު މީހުން އެފަދަ ސަކަރާތެއްގައި ތިއްބައި ލަޔާންގެ ފޯނަށް މެސެޖެއް އައެވެ. މެސެޖު ކިޔާފައި، އެ މޫނުމަތީގެ ކުލަވަރު ބަދަލުވެއްޖެ އެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލައިލާފައި ހިންދިރުވައިލި ގޮތުން ބޮޑު ކަމެއް ވެއްޖެކަން އެންމެންނަށް ވެސް އެނގުނެވެ.

"އަހަރެން އެބަ އަންނަން ހޮސްޕިޓަލަށް ޖައްސާލާފަ... ރައްޓެއްސެއްގެ މަންމަ މާ ހާލު ދެރަވެގެން އައިސީޔޫއަށް ވައްދައިގެން އެ ގުޅީ... މާ ގިނައިން ބްލީޑް ވަނީ އޯ... ޑޯނާއެއް ބޭނުންވެގެން އެ އުޅެނީ..." ލަޔާން ވާހަކަ ދެއްކީ ފަހަރަކު މީހެއްގެ މޫނަށް ބަލަމުންނެވެ.

"އޯކޭ... ކަމެއް ބޭނުންވެއްޖެއްޔާ ގުޅާލައްޗޭ..." ޔުނާން އެދުނެވެ. "ދަންތަ ވައްޓާލަދޭން؟..."

"ނޫނޭ... ވަރަށް އަވަހަށް އަންނާނަން... ކާވިން ސަރއަށް ބަސްޓުކޮށްނުލާތި..." އިންތަނުން ތެދުވެގެން ހިނގައިގަންނަމުން ލަޔާން ބުންޏެވެ.

ލަޔާން ނުކުމެގެން ދިޔުމުން، ދެން ތިބި މީހުން ބަލައިލީ ޔުނާންގެ މޫނަށެވެ. ލަޔާންގެ ހުރިހާ ކަމެއް ޔުނާންއަށް އެނގޭނެއޭ ބުނާފަދަ ނަޒަރަކުންނެވެ.

"މާ ވަރުގަދަ ބިޓެއް ގެންގުޅޭ މީހެކޭ އެއީ... އަބަދު އަރާ ނަރުގަނޑުގަ އެ މަންޖެ ހުންނާނީ... އޭނަ މޮޔަނުވެ ހުންނަކަން ރަނގަޅު..." ޔުނާން ޗޮކެއް ކަނޑައިލިއެވެ.

ނުހާމް ހީނގަތެވެ. އީން ވެސް ލުއި ހިނިގަނޑެއް ޖަހައިލަމުން، އަތުގައި އޮތް ފައިލަށް ނަޒަރު ހުއްޓައިލިއެވެ. އެ މޫނުމަތީގެ ކުލަވަރު ބަދަލުވީ، ފައިލުގައިވާ ފޮޓޯތައް ފެނުމުންނެވެ.

"އީނޫ... ތި ފައިލު އިހަށް ބާއްވާފަ، އެއްފަހަރު ވެސް އަހަންނާ ދިމާއަށް ބަލާބަލަ..." ޔުނާން ބުންޏެވެ.

ކޮފީ ތަށިން އެތިފޮދެއް ބޯލި އީންގެ ނަޒަރު ފައިލުން ވަކި ނުވެއެވެ. ޔުނާން އެއްޗެއް ބުނި އަޑު އޭނާއަށް ނުވެސް އިވޭ ކަހަލަ އެވެ. ފައިލުގައިވާ ތަސްވީރުތަކަށް ބަލަން އޭނަ އިނީ ޝައުގުވެރިވެފައެވެ. އޭގައި ހުރީ މަރާލާފައިވާ މީހުންގެ މައުލޫމާތުތަކާއި، އެ މީހުންގެ ތަސްވީރު ތަކެކެވެ. ހަށިގަނޑުގެ ބައިތައް ވަކިވަކިން ނަގާފައިވާ ތަސްވީރުތައް އީން ރަނގަޅަށް ބަލަމުން ދިޔައެވެ. ކުޑަކުޑަ ހަމަ އެންމެ ކަމެއްވެސް އަތްދަށުން ދޫވެގެން ދާން ބޭނުން ނުވާފަދަ ގޮތަކަށެވެ.

"ވަރަށް އަޖައިބުވާ ކަހަލަ ކަމެއް އަހަންނަށް މި ކޭސްގަ ފާހަގަ ވަނީ..." ނުހާމްއަށް ފައިލު ދައްކައިލަމުން އީން ބުނެލި އެވެ.

ނުހާމް އޭނާ ބޯން އިން ކޮފީ ތަށި އެއްފަރާތްކޮށްފައި، މޭޒުމަތިން ޖާގައެއް ހަދައިލިއެވެ. އީންގެ އަތުން ފައިލު އަތުލާފައި އޭނާ އެ ބޭއްވީ މޭޒުމަތީގައެވެ. އީން އޭނާ އިށީނދެގެން އިން ގޮނޑި ނުހާމްގެ ކައިރިއަށް ޖައްސައިލިއެވެ.

"މި ތުއްތު ކުއްޖާއާ، މި އަންހެން މީހާގެ ކަނދުރާގަ މީނީ ތޫނު އެއްޗަކުން ކަފާލާފަ... ބޮޑަށް ހީވަނީ މީ މާކެއް ހެން... އެކްސް އަކާ ވައްތަރީ... އެކަމަކު އެކަހަލަ ކަމެއް އެ މީހަކު ކުރީ ކީއްވެ ބާއޭ ހިތަށް އަރަނީ... މި ދެ މީހުންގެ އެ މާކެއް ނެތް... ކީއްވެބާ މި މީހުންގެ އެ މާކު ނުޖެހީ؟... އެމީހަކަށް އެހާ ވަރަށް ވަގުތު ނުލިބުނީބާ؟..." އެ ހުރިހާ އިރު ވިސްނި ކަންތައްތަކުގެ ވާހަކަ އީން ކިޔައިދެމުން ދިޔައީ ތަސްވީރުތަކުގައި އިނގިލި ޖައްސަމުންނެވެ.

އީން ވާހަކަ ދައްކަމުން ދިޔައިރު، ދެކޮލުގައި އަތް ވިއްދާލައިގެން ޔުނާން އިނީ އެ ފަރި އަންހެން ކުއްޖާގެ ހަރަކާތްތަކަށް ބަލާށެވެ. އީން އޭނާގެ ބުމަ އުފުލައިލާ ގޮތާއި ތުންފަތަށް ހަދާލާގޮތުން ބަލާބަލައި ފޫހި ނުވެއެވެ. އީންގެ އެންމެ ކުދިކުދި ކަންތައް ވެސް ޔުނާންއަށް ކަމުދެއެވެ. ޔުނާން އެހެން އިންދާ އީންގެ ނަޒަރު އޭނައަށް ހުއްޓިއްޖެއެވެ. ޔުނާން އަވަހަށް ވައްތަރެއް ޖައްސައިލާފައި ނޫންކަމަށް ހަދާލިއެވެ.

"ހޫން... ތި ވާހަކަ ދައްކާށޭ މި އުޅެނީ..." ކޮފީތަށިން އެތިފޮދެއް ބޯލަމުން ނުހާމް ބުންޏެވެ. "ތިކަން އެކަންޏެއް ނޫން އަހަންނަށް ފާހަގަވީ..."

އީންއާއި ޔުނާންގެ ސަމާލުކަން ނުހާމްއަށް ހުއްޓުނެވެ.

"ތިކަހަލަ ކިތަންމެ ކަމެއް އެބަހުރި މި ކޭސްގަ..." ނުހާމް ތެދުވިއެވެ.

މޭޒުމަތީގައި ދެ އަތްތިލަ ވިއްދާލާފައި ފައިލާ ދިމާއަށް ނުހާމް ކުޑަކޮށް ގުދުވެލި އެވެ. ޔުނާން ވެސް ތެދުވެގެން ގޮސް ނުހާމްގެ ކައިރީގައި ހުއްޓުނެވެ.

"މި ދެ މީހުންގެ މަރުގެ ވަގުތު ދާދި އެއްވަރު..." ކުޑަ ކުއްޖާ އާއި އަންހެން މީހާގެ ތަސްވީރުގައި އިނގިލި ޖައްސައިލަމުން ނުހާމް ތަފްސީލު ދޭން ފެށިއެވެ. "މަރާލަން ބޭނުން ކޮށްފައި ހުރި ހަތިޔާރާ، މަރާފައިވާ ގޮތް ވެސް އެއްގޮތް... އެކަމަކު ބަލާބަލަ މި ދެ މީހުންނަށް... މަރުގެ ވަގުތުގަވެސް ކިހާ ބޮޑު ތަފާތެއް މިހުރީ..."

ނުހާމް ދެއްކި ވާހަކަތަކާއިމެދު އީން ވަރަށް ފުންކޮށް ވިސްނައިލި އެވެ. އޭނާ ބުނިހެން، އެއްވަގުތެއްގައި ދެ މީހުން މަރާފައި، އަނެއް ދެ މީހުން ފަހުން މެރީ ކީއްވެ ހެއްޔެވެ؟ އެފަދަ ސަބަބަކަށް އޭނާއަށް ވިސްނުނީ އެންމެ ކަމެކެވެ.

"ތި ބުނަނީ އެކަން ކުރީ ދެ މީހެކޭތަ؟..." އީން އަހައިލިއެވެ.

"އެގްޒެކްޓްލީ..." މޭޒުމަތީގައި އަތުން ޖަހައިލަމުން ނުހާމް ބުންޏެވެ.

އީން އިނީ ނުހާމް ދެއްކި ވާހަކައާ މެދު ވިސްނާށެވެ. އޭނާއަށް ވެސް ނުހާމްގެ ވާހަކަ ގަބޫލު ކުރެވުނެވެ.

"ދެ މީހެކޭ؟... ހައު؟..." ދެ ބުމަ އުފުލައިލަމުން ޔުނާން ސުވާލު ކުރި އެވެ. "ވެދާނެ އެއްނު، ހަމަ އެއް ގުރޫޕަކުން ކުރި ކަމަކަށް ވެސް..."

"ނޫނޭ... އަހަންނަށް ވެސް ހީވަނީ މީ ދެ މީހަކު ކޮށްފަ ހުރި ކަމެއްހެން... ބަލާބަލަ މިހިރަ ނިޝާންތަކަށް... މީ ދެ މީހެއްގެ ކަމެއްކަން މިކަމުން ވެސް އެނގެ އެއްނު... ދެން އަނެއްކާ މަރުގެ ވަގުތުގައި ވެސް ފުދޭވަރަކަށް ބޮޑު ތަފާތެއް އެބަހުރި... ޔުނާން ތިބުނިހެން އެއްބަޔަކު ކުރި ކަމެއް ވެއްޖެއްޔާ، އެންމެން އެއްފަހަރާ މަރާނުލީ ކީއްވެ؟..." އީން ވާހަކަ ދެއްކީ ފޮޓޯތައް ދައްކަމުންނެވެ.

"ތިކަހަލަ ކަންތައް އާއްމުކޮށް ކުރާނީ ސީރިއަލް ކިލާސް... އެ މީހުން ކޮށްއުޅޭ ކަމެއް އެއީ ތިގޮތަށް މާކް ޖެހުމަކީ..." ނުހާމް ވާހަކަ ދެއްކިއިރު އެ އަޑުގައި ވީ ޔަޤީން ކަމެވެ.

"ސީރިއަލް ކިލާސް އޭ؟..." ޔުނާން ހީގަތެވެ. "ކަމްއޯން ގައިސް... މީ އިންޑިއާއެއް ނޫނޭ... މީ ރާއްޖެ... މިތާ ތިބުނާ ކަހަލަ މީހުންނެއް ނޫޅޭނެ..."

"ތީހަމަ ޔުނާންއަށް ހީވާ އެއްޗެއް..." ގޮނޑީގައި އިށީންނަމުން ނުހާމް ބުންޏެވެ. "ކުރިން އަހަރެންގެ ބައްޕަ ވެސް މިކަހަލަ ކޭސްއެއްގަ މަސައްކަތް ކުރި..."

"އޭނ؟..." އީންއަށް ލިބުނީ ހައިރާން ކަމެކެވެ.

"އާނ... އެއީ މީގެ ތޭރަ ވަރަކަށް އަހަރު ކުރިން... ބައްޕަ ވެސް އެއީ ޕޮލިހެއް... ބައްޕަ ވެސް މަސައްކަތްކުރީ ފޮރެންސިކް ބައިގަ... ހަމަ މިކަހަލަ ކޭސް އެއް އެއީވެސް... ބައްޕަ ގެންގުޅުނު ފައިލުތަކުން އަހަންނަށް އެ ފޮޓޯތައް ފެނުނީ... ކަނދުރާގަ ހަމަ މިކަހަލަ މާކެއް ޖަހާފަ ހުރީ... އެއްވެސް ތަފާތެއް ނެތް..." ނުހާމް އޭނާ ދެއްކި ވާހަކައިގެ އިތުރު ތަފްސީލް ދިނެވެ.

"އެހެންވިއްޔާ ތި ކޭސްގެ މައުލޫމާތު ހޯދަމާ... އޭރުން މި މައްސަލައަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިދާނެ..." އީން ޝައުޤުވެރި ވެލާފައި ބުންޏެވެ.

ކާވިން އައީ އެފަދަ ބަހުސް އެއްގައި އީންމެން ތިއްބަ އެވެ. ކާވިންގެ ފަން އިސްތަށިގަނޑުގެ ތަރުތީބު ގެއްލިފައިވާއިރު، ދެލޮލުން ފެންނަމުންދިޔައީ، ވަރުބަލިކަމެވެ. ރޭ ނުނިދާ ހުރިކަމުގެ އެތައް ހެއްކެއް އޭނާގެ މޫނުން ފެންނަން ހުއްޓެވެ. އީންގެ ސިއްރު ނަޒަރުތައް ކާވިންއަށް ހުއްޓެމުން ދިޔައެވެ.

"ސަރ!" ކާވިން ފެނުމުން ޔުނާން ފުންމައިގެން ތެދުވިއެވެ.

"މީޓިންގްއެއް އެރޭންޖްކޮށްލާ... ބައިގަޑިއިރު ފަހުން ރަނގަޅުވާނެ..." ކާވިން އެދުނެވެ.

ކާވިން އެންމެ ފަހަރަކު ވެސް އީންގެ މޫނަށް ބަލައެއް ނުލި އެވެ. ޔުނާންގެ ކައިރިން އޭނާ އެދުނީ މައްސަލައާ ގުޅޭ ލިޔުންތައް ހިފައިގެން ތަހުގީގު ކުރާ ބަޔަށް އައުމަށެވެ.

********

އޯކިޑުމަގުގައި ހުރި ފެހިޒާދީ ނަމަކަށް ކިޔާ ގޭގެ ތެރެއިން އިވެމުން ދިޔައީ އަންހެނެއްގެ ރުއިމުގެ އަޑެވެ. ހުރި ހަމައެކަނި އަންހެން ދަރިފުޅު ނިޔާމާގެ މަރުގެ ހަބަރާއެކު ހަމްދޫނާގެ ދެމަފިރިންގެ ދިރިއުޅުން ވަނީ ނޭނގޭ އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައެވެ. ހަމްދޫނާގެ މުޅި ދުނިޔެ އަނދިރިވެފައިވާ ކަހަލަ އެވެ. މަތީ ތައުލީމު ހާސިލުކޮށްގެން ނިޔާމާ ރަށަށް އައިތާ ހަފުތާއެއް ނުވެ، ދެމަފިރިންގެ ލޯ މަތީން، އަބަދުގެ އަބަދަށް ގެއްލުނީ އެވެ. ދުވަހަކު ވެސް މީހަކާއި ދެބަސްވެފައިނުވާ ދަރިފުޅުގެ ކުއްލި ވަކިވެދިޔުމުން ހަމްދޫނާގެ ހިތަށް ވަނީ ފުން ޒަހަމެއް ލިބިފަ އެވެ.

"ނިޔާމާއަކީ ގެއިން ނުކުންނަ ކުއްޖެއް ނޫން... ރާއިދު އާ ރައްޓެހިވި ފަހުން، އެ މަންޖެ ބޭރަށް އެ ނުކުތީ އަލަށް... އަހަރެންގެ ދަރިފުޅުގެ މަރުގެ ބަދަލު ދޭންޖެހޭނީ ރާއިދުގެ އާއިލާ އިން..." ހަމްދޫނާ ރޮއެރޮއެފައި ވާހަކަ ދައްކަމުން ދިޔަ އެވެ.

"ހަމްދޫނާ!... ތިކަހަލަ ވާހަކަ ނުދައްކާ... ނިޔާމާއާ އެކީއޭ ރާއިދު ވެސް ދުނިޔެ ދޫކޮށް އެދިޔައީ... އެ އާއިލާއަށް ވެސް ހަމަ މިހާ ހިތްދަތިކަން ލިބޭނެއެއްނު..." އިގުބާލް މަސައްކަތް ކުރީ ހަމްދޫނާއަށް ވިސްނައިދެވޭތޯ އެވެ.

ފިރިއެއްގެ ފަރާތުން ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދިނުމަށް އިގްބާލް އިނީ ތައްޔާރަށެވެ. ދަރިފުޅުގެ ކުއްލި ވަކިވެދިޔުމުން އެ ހިތަށް އަސަރު ކުރި ނަމަވެސް، އަނބިމީހާގެ ހިތްވަރު ދެރަނުކުރާން, ލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވައްޓައިނުލާން އޭނާ އިނީ އަޒުމު ކަނޑައަޅައިގެންނެވެ.

(ނުނިމޭ)

ކޮމެންޓް 0