ތުހުމަތު ކުރެވޭ މީހުންނަށް ސުވާލު ކުރުމަށް ޚާއްސަކޮށްފައިވާ ކޮޓަރި ހަދާފައި ހުންނަނީ، ތަހުގީގު ހޯލުގެ ތެރެއިން ވަދެވޭ ގޮތަށެވެ. ހޯލުގައި ތިބޭއިރު، އެތަނުން ކަނޑާފައިވާ ބިއްލޫރިގަނޑުން، އެތެރެ ރީތިކޮށް ފެނެއެވެ. އެހެނަސް، އެތެރޭގައި ތިބޭ ބަޔަކަށް ހޯލުގެތެރެއެއް ނުފެންނާނެއެވެ.

"އީން، އައިސްބަލަ..." ތަހުގީގު ކޮޓަރި އާއި ދިމާއަށް ހިނގައި ގަންނަމުން ކާވިން ބުންޏެވެ.

********

އީންއަށް ބަލައިލެވުނީ ޔުނާންގެ މޫނަށެވެ. ކުށެއް ކޮށްގެން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކުރާ މީހަކު ފަދައިންނެވެ. އީން ބިރުން ހުރުމުން، ޔުނާން ވާނުވާ ނޭނގެއޭ ބުނާ ކަހަލަ ގޮތަކަށް ދެ ކޮނޑު އަރުވައިލިއެވެ.

"ޕްލީޒް ސަލާމަތްކޮށްދީ..." އީން މަޑުމަޑުން ބުންޏެވެ.

ވަކި ހިސާބަކަށް ގޮސްފައި، އީން ނައުމުން ކާވިން ފަސްއެނބުރި ބަލައިލިއެވެ. ކަޅުކަންގަދަ ދެބުމަ ކައިރިވެފައިވާއިރު، އެ ނުރައްކާތެރި ދެ ލޮލުން ފެންނަމުންދިޔަ އަސަރުތައް ތަރުޖަމާ ކުރަން އެއްވެސް މީހަކަށް ނޭނގޭނޭކަން ގައިމެވެ. އީން ޔުނާނަށް ބަލަހައްޓައިގެން ހުރި ތަން ފެނުމުން ކާވިންގެ ލޭ ހޫނުވިއެވެ. މޭޒު ކައިރިއަށް ގޮސްފައި އީންއަށް އިވޭ ވަރަށް މޭޒުގައި އަތުން ޖަހައިލިއެވެ.

"މިތާ މިއުޅެނީ ވެރިންގެ އަމުރަށް ކިޔަމަންވާން ނޭނގޭ ބައެއްތަ؟..." ކާވިން ހިތްހަމަނުޖެހިފައި ބުންޏެވެ.

"ނޫން ސަރ..." އީން އަވަހަށް ކުރިއަށް ޖެހިލިއެވެ.

"ކޮންމެ މީހަކުވެސް އެންމެ އިސްކަމެއް ދޭންވާނީ ވަޒީފާއަށް... އެހެން ކަންކަމަކަށް ނޫން... މިތާ ތެރޭ އުޅެންވާނީ، މިތާ އުޅެންވާ ގޮތަށް... އެކަން ނުވަންޏާ، ވަޒީފާ ދޫކޮށްލާފަ، ދާންވީ..." ކާވިންގެ ރުޅި ފިނިވާގޮތެއް ނުވިއެވެ.

ޔުނާން އިސްޖަހާލައިގެން އިންއިރު، ކާވިން ބުނެލާ ޖުމްލަތައް އަމާޒުވަމުން ދިޔައީ އޭނާއަށްހެން ހީވިއެވެ. އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި، ކާވިން ދޫކޮށްލީ ފުން ނޭވާ އެކެވެ. ތަހުގީގު ހޯލާއި ދިމާއަށް އޭނަ ހިނގައިގަތީ، އަމިއްލަ ނަފުސު ހަމައަކަށް އަޅުވަމުންނެވެ. އީންވެސް ކާވިންގެ ފަހަތުން ދިޔައެވެ.

ތަހުގީގު ހޯލުގައި ޒުވާން އަންހެނަކު އިނެވެ. އޭނާގެ މޫނުން ފެންނަމުން ދިޔައީ ހާސްކަމެވެ. އެތެރެއަށް ވަން އީން އާއި ކާވިން ފެނުމުން، އަންހެންމީހާ ކުޑަކޮށް ސިހޭގޮތް ވިއެވެ. ނިތްކުރިމަތީން ހިއްލާލާފައިވާ ދާތިކިތައް، އަވަސް އަވަހަށް އަތުގެ ނުފުށުން ފޮހެލިއެވެ.

އަންހެން މީހާގެ ކުރިމަތީގައި ބަހައްޓާފައިވާ ގޮނޑީގައި އިށީނީ ކާވިން އެވެ. މޭޒުގެ ކަނާއަތް ފަރާތުން އެއް އަރިމަތީގައި ބަހައްޓާފައިވާ ލެޕްޓޮޕްގެ ކައިރީގައި އީން އިށީނެވެ. ބަޔާން ލިޔުމުގެ ކުރިން އަންހެންމީހާގެ ވަނަވަރު އީން ކިޔައިލިއެވެ.

"މަރިޔަމް ޝަހުމާ!..." އަތުގައި އޮތް ފައިލުން ނަޒަރު ވަކިކޮށްލަމުން، ކާވިން ބަލައިލީ، ކުރިމަތީގައި އިން ޒުވާން އަންހެން މީހާގެ މޫނަށެވެ.

ޝަހުމާއަކީ، ހަމްދޫނާ މަރާލާފައި އޮތް ހަސްފަތާލުގައި ދަންވަރު ޑިއުޓީ އަދާކުރި ނަރުހެކެވެ. ހަމްދޫނާ މަރައިލި ރޭ، އޭނާގެ ވަޒީފާގެ ޒިންމާއަކީ، ވޯޑުގައި ތިބި ބަލިމީހުން ބެލެހެއްޓުމެވެ.

"ހަސްފަތާލުގެ ރެކޯޑުތަކަށް ބަލާއިރު، ރޭގަ އޮޕަރޭޝަން ޕޭޝަންޓުންގެ ވޯޑުތައް ބެލެހެއްޓުމާއި ހަވާލުވެ ތިބީ، ދެ ނަރުހުން... ޝަހުމާ އަކީ އެކަކު... ދެން ހުރީ، ވިރުދާ... ރައިޓް؟..." ޝަހުމާގެ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި، ކާވިން ވާހަކަ ދެއްކިއެވެ.

ޝަހުމާ ހިންދިރުވައިލިއެވެ. އޭނަ މަޑުމަޑުން ބޯ ޖަހާލުމާއިއެކު، ކާވިން އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔުމަށް ތައްޔާރު ވިއެވެ. އަތުގައި އޮތް ފައިލުގެ ތެރެއިން އޭނާ ނެގީ ހީރަސްކުރެވިފައިވާ ލިޔުމެކެވެ. ޝަހުމާގެ ކުރިމަތީގައި އެ ބާއްވާފައި ކާވިން އޭނާގެ ޝަހާދަތް އިނގިލި އޭގައި ޖައްސައިލިއެވެ. އަދި ޝަހުމާއަށް ފެންނަވަރަށް އެ ކަރުދާސްގަނޑު އޭނާގެ ކައިރިއަށް ޖައްސާލަދިނެވެ.

"ޑިއުޓީ އާ ހަވާލުވުމަށްފަހު، ކޮންމެ ގަޑިއިރަކުން، އެއްފަހަރު ނަމަވެސް ޕޭޝަންޓްގެ ހާލު ބެލުމަކީ، ހޮސްޕިޓަލުގެ މި އުސޫލުގަ އޮތްގޮތް... އެއީ ނަރުހުންގެ ޒިންމާއެއް... މީގަ ބަޔާންކޮށްފަ މިވާ ޒިންމާ، ޝަހުމާއަށް އަދާކުރެވުނު ކަމަށް ގަބޫލު ކުރަންތަ؟..." ދެ މާނަ އެކުލެވޭ ރާގަކަށް ކާވިން ސުވާލު ކުރިއެވެ.

ޝަހުމާ އެއްޗެއް ނުބުނެ ކަރުދާސްގަނޑަށް ބަލަން އިނެވެ.

"ޝަހުމާއަށް ނަރުހެއްގެ ޒިންމާ އަދާކުރެވުނުހޭ؟..." ކާވިންގެ އަޑު ކުރިއަށްވުރެ ބާރު ވިއެވެ.

ކަރުދާހުގައި ލިޔެފައިވާ ލިޔުންތަކުގެ ތެރެއިން ރަތް ގަލަމުން ބޮޅެއް އަޅައި ފާހަގަ ކޮށްފައިވާ ލިޔުންކޮޅުގައި އިނގިލި ޖައްސައިލި ނަމަވެސް، ކާވިން އޭރުވެސް އިނީ، ޝަހުމާގެ މޫނަށް ބަލަހައްޓައިގެންނެވެ.

ލިޔުމުގައިވާ އެއްޗެއް ޝަހުމާ ކިޔައިލީ ފަރިތަކޮށެވެ. އޭގައި އޮތީ، ޑިއުޓީގައި ތިބޭ ނަރުހުން، އަމަލުކުރަން ޖެހޭ ގޮތުގެ އުސޫލެވެ. އޭގައިވާގޮތުން، ނަރުހުން ތިބެންޖެހެނީ، ކޮންމެ ވަގުތަކުވެސް ބަލިމީހުންގެ އަޑު އިވޭ ހިސާބުގައެވެ. މަދުވެގެން ގަޑިއެއްގެއިރުން އެއްފަހަރު ބަލިމީހާގެ ހާލު ބަލަން ޖެހެއެވެ.

އެއްވެސް އެއްޗެއް ނުބުނެ، ޝަހުމާ އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ.

"ވިރުދާ މަސައްކަތަށް ހާޟިރުވިތަ؟..." ކާވިން އޭނަގެ ދެވަނަ ސުވާލު ކުރިއިރު، އެ އަޑު ކުރިއަށްވުރެ ބާރެވެ.

ބިރުގަނެފައިވާ ހާލު، ޝަހުމާއަށް ބޯ ޖަހައިލެވުނު ގޮތްވެސް ނޭނގުނެވެ. އެކަން ވެގެން ދިޔައީ ޝަހުމާ އާއިމެދު ޝައްކުގެ ދޮރެއް ހުޅުވައިލުން ކަހަލަ ކަމަކަށެވެ. ކާވިން ފުންމައިގެން ތެދުވެ މޭޒުގައި ގޮށްމުށުން ޖެހިއެވެ. ޝަހުމާ ހެދީ، ކަނޑައެޅިގެން ދޮގެއްކަން ކާވިންއަށް ކަށަވަރުވެފައިވާތީއެވެ.

"ކީއްވެ؟،... އެއްވެސް ސީސީޓީވީ ފުޓޭޖްއަކުން ހޮސްޕިޓަލުގެ ތެރޭގަ ވިރުދާ ހަރަކާތްތެރިވާ ތަން ނުފެންނަނީ ކީއްވެ؟..." ކާވިންގެ އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. ހަލުވި ކަމާއިއެކު، އެ ޖުމްލަ ކިޔައިލި ގޮތުން، ބުނި އެއްޗެއް ޝަހުމާއަށް ފަހުމުވީ، ކުޑަ އިރުކޮޅެއް ފަހުންނެވެ.

ލެޕްޓޮޕުން ނަޒަރު ވަކިކޮށް، އީންއަށް ކާވިންގެ މޫނަށް ބަލައިލެވުނެވެ. ކޮންފަދަ ފިރިހެންވަންތަކަމެއް ހެއްޔެވެ؟ އެ މޫނުގެ ކޮންމެ ގުނަވަނެއްގެ ހަރަކާތްވެސް އެހާ ފުރިހަމައެވެ. އޮމާން ދެ ތުންފަތް ހަރަކާތްކޮށްލާއިރު، ބަލާބަލައި ފޫހި ނުވެއެވެ. ކާވިން ރުޅި އައިސްފިނަމަ، އީން ޖެހިލުންވެއެވެ. އެހެނަސް، އެ ހިތްގައިމު ސޫރައަށް ބަލަން ހުންނަން ބޭނުންވެއެވެ. އެހެން ފިރިހެނެއްގެ ފަރާތުން އީން ނުދެކޭފަދަ ކިތަންމެ ފުރިހަމަކަމެއް ކާވިންގެ ކިބައިން އޭނައަށް ފެނެއެވެ. ދެ ލޮލުގެ ކަޅީގެ ކުލަ ތަފާތެވެ. ހަށިގަނޑުގެ މަސައްތައް އެތުރިފައިވާލެއް ތަރުތީބެވެ. އެ ތޫނު ދެލޯ އަމާޒުކޮށްލައިފިނަމަ، އީންގެ ގައިން ހީބިހި ނަގައެވެ. މާގިނައިރު ބަލަން ހުންނާކަށް ނުކެރެއެވެ.

"އަހަރެމެންގެ ދެލޮލަށް ނުފެންނަނީތަ؟..." ކުއްލިއަކަށް ކާވިން ބުނި އެއްޗަކުން އީން ސިހުނެވެ. ކާވިން ވާހަކަ ދައްކަމުން ދިޔައީ، ޝަހުމާއަށް ކަން އެނގުނު ނަމަވެސް، އީންގެ ހިތުގެ ތެޅުމަށް ބަދަލެއް ނައެވެ. ހީވީ ވައްކަމެއް ކުރަނިކޮށް ފަޅާއެރި ހެންނެވެ. އީން އަވަސް އަވަހަށް ލެޕްޓޮޕްގެ އިސްކްރީނަށް ނަޒަރު ހުއްޓައިލިއެވެ.

"ނޫނީ ވިރުދާ އަކީ، ކެމެރާތަކަށް ނާރާ ކަހަލަ ބާރެއް ލިބިފަ ހުންނަ މީހެއްތަ؟..." ކާވިންގެ ފަހު ޖުމްލަ އަޑު އިވިފައި، އެ ނާޒުކު ވަގުތުގައި ވެސް އީންއަށް ހެވެން އުޅުނެވެ. ދެތުންފަތް ފިތައިލަމުން، ހިނިގަނޑު އެތެރެއަށް ހިންދައިލެވޭތޯ އީން މަސައްކަތް ކުރިއެވެ.

"މީ ނަރުހުންގެ ހާޟިރީ... މީ ކާކު ބަލަހައްޓާ އެއްޗެއް؟..." މޭޒުގެ އެއްފަރާތުގައި ހުރި ލިޔުންތަކެއްގެ ތެރެއިން ނެގި ކަރުދާސްގަނޑެއް ދައްކައިލަމުން، ކާވިން ސުވާލު ކުރިއެވެ.

އެއީ މުވައްޒަފުންގެ ހާޟިރީ ބެލުމަށް ހަސްފަތާލުގައި ޤާއިމްކޮށްފައިވާ ސިސްޓަމުން އޭނަ ޕްރިންޓް ކޮށްފައިވާ ލިޔުމެކެވެ. އޭގައިވާގޮތުން، ވިރުދާ ވަނީ ރޭގެ ޑިއުޓީއަށް ހާޟިރުވެފައެވެ.

"ވިރުދާ މަސައްކަތަށް ޙާޟިރުވިހޭ އަހަރެން މި އަހަނީ؟..." އަނެއްކާވެސް މޭޒުގައި ޖަހަމުން ކާވިން ސުވާލު ކުރިއެވެ.

ޝަހުމާ ވާހަކަ ނުދައްކާ އިންނާތީ، ތަހުގީގު ކުރިއަށް ގެންދަން ކާވިންއަށް އުނދަގޫ ވިއެވެ. އެފަހަރު ޝަހުމާ ދެފަރާތަށް ބޯ ހޫރާލިއެވެ. އޭރު ބިރުން ގޮސް ޝަހުމާގެ ދެލޮލުން ކަރުނަ އޮހެރެން ފަށައިފިއެވެ.

"ރުޔަސް މިކަން ހައްލެއް ނުވާނެ... ވާހަކަ ނުދައްކާ ތިހެން އިނީމަ، ހުރިހާ ކަމެއް ޝަހުމާގެ ބޮލުގަ ވެސް އެޅިދާނެ... ނޫނީ ތަހުގީގަށް އެއްބާރުލުން ނުދިނުމުގެ ކުށުގަ ޝަހުމާއާމެދު ދައުވާވެސް ކުރެވިދާނެ..." ޝަހުމާ ބިރުގަންނުވައިލުމުގެ ގޮތުން ކާވިން ބުންޏެވެ. "ކޮން ގޮތެއް ބޭނުންވަނީ؟..."

"އަޅުގަނޑު އެއްބާރުލުން ދޭނަން..." ތުރުތުރުއަޅާ އަޑަކުން ޝަހުމާ ބުންޏެވެ.

ކާވިންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. އެ ހިނިތުންވުން ފެނި، އީންގެ ހިތަށް ދިރުން ލިބިގެން ދިޔައެވެ.

"ރޭގަ، އަށަކާ ފަތިހު ފަހަކާ ދޭތެރޭ ޝަހުމާ އުޅުނީ ކޮންކަމެއްގަ؟..." މޭޒުގައި ދެއަތް ވިއްދައި، ކުޑަކޮށް ގުދުވެލަމުން ކާވިން ސުވާލު ކުރިއެވެ.

ޝަހުމާއަށް ވާހަކަ ދެއްކޭވަރުވީ، ކުރިމަތީގައި ހުރި ފެންފުޅި ބޮއެ ހުސްކޮށްލެވުމުންނެވެ.

"ހޮސްޕިޓަލުގަ ހާޟިރީ ބަލަހައްޓަނީ ކާޑު މެޝިން އިން... އަނެއްހެން މެނުއަލީ އެކަން ބަލާކަށް މީހަކު ނުހުރޭ... ކޮންމެ މުވައްޒަފަކަށް ވެސް ދީފަ އޮންނާނެ ފާހެއް... ވިރޫގެ މަންމަ މާބޮޑަށް ބަލިވެގެން، ރޭގަ އަޅުގަނޑު ކައިރީ ބުނީ، ކާޑު ޖަހައިދޭށޭ... ވިރޫގެ މަންމައަކީ ވަރަށް ބަލި މީހެއް... އަބަދު ވިރޫ ސަލާން ބުނާތީ، ހޮސްޕިޓަލުން އޮތީ އަނގަބަހުން ނަސޭހަތްވެސް ދީފަ... އަޅުގަނޑު ހުވާކޮށްފަ މިބުނަނީ... އެއީ އަޅުގަނޑު އެކަހަލަ ކަމެއް ކުރި ފުރަތަމަ ފަހަރު... އެއީ މަންމައަކަށްޓަކާ އަޅުގަނޑު ކުރި ކަމެއް..." ރޮވޭވަރުން ޝަހުމާގެ އަޑު ނުކުތީ، ކެނޑިކެނޑި ގެންނެވެ.

ކާވިން އިތުރު ފެންފުޅިއެއް ބޭނުންތޯ ސުވާލު ކުރުމުން، ޝަހުމާ ބޯ ޖަހާލިއެވެ. ދެވަނަ ފެންފުޅިވެސް އޭނަ ބޯލީ، އެއް ނޭވާ އިންނެވެ.

"އެންމެ ރަނގަޅު..." ކާވިން ގޮނޑީގައި އިށީނެވެ. "ގަބޫލުކޮށްފިން، އެކުވެރިއަކަށް ހެޔޮކަމެއް ކޮށްދޭން ކުރި ކަމެއްގެ ގޮތުގަކަން ހާޟިރީގެ ކަންތައް ޝަހުމާ ކުރީ.... އެކަމަކު، ޝަހުމާގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާނުކުރީ ކީއްވެ؟... އެންމެ ކަމެއް ނޫނޭ ރޭގަ ހިނގައިދިޔައީ..."

"ރޭގަ ޑިއުޓީގަ އިންދާ، އަޅުގަނޑު ކުއްލިއަކަށް ނިދި އަންނަން ފެށީ... ނޭނގެ ކީއްވެ ކަމެއް... އަޅުގަނޑަކީ ޑިއުޓީގައި އިނދެ ދުވަހަކު ވެސް ނިދި މީހެއް ނޫން... އިރާކޮޅު ނިދާފަ، ހޭލައިގެން އަޅުގަނޑު ޑިއުޓީއަށް އައީވެސް... އެކެއް ޖަހަން އުޅެނިކޮށް، އަޅުގަނޑު ހުރިހާ ޕޭޝަންޓުން ކައިރިއަށް ގޮސް، ކައުންޓަރު ކައިރިއަށް އައީ... އޭރު އަޅުގަނޑު ބެލިއިރު، އެންމެންގެ ހާލުވެސް ރަނގަޅު... ދެން އައިސް މޭޒުގަ ބޯ އަޅާލިތަނުން އަޅުގަނޑަށް ނިދުނީ... ހޭލެވުނުއިރު ހުރީ، ފަތިސްވެފަ... ދެން އަވަހަށް ކުޑަކޮށް ފްރެޝްވެލައިގެން އައިސް، ޕޭޝަންޓުންގެ ކައިރިއަށް ދިޔައީ... ފަހަރަކު ރޫމަކަށް ވަންނަމުން ގޮސް، އެ ރޫމަށް ވަނީ އެންމެފަހުން... އޭރު އަށެއްވެސް ޖަހައިފި... އަޅުގަނޑު އެތަނަށް ވަންއިރު، އެތާ... އެތާ..." ޝަހުމާއަކަށް އޭނަގެ ވާހަކައެއް ކުރިއަކަށް ނުގެންދެވުނެވެ.

"ދެން ކީއްވެ އެއްވެސް މީހަކަށް އެކަން ނޭންގީ؟... އެހާގިނައިރުވެގެން ދިޔައިރު، ޝަހުމާ އެ ވާހަކަ އެއްވެސް މީހެއް ކައިރީ ނުބުނީ ކީއްވެ؟..." ކާވިންގެ މޫނުން ފެނުނީ ހައިރާންކަމެވެ.

ކާވިން ސުވާލު ކޮށްކޮށްވެސް އިތުރަށް އެންމެ ބަހެއް ވެސް ޝަހުމާއަކަށް ނުބުނެވުނެވެ. އެވަގުތަށް ސުވާލުކުރުުން މެދުކަނޑައިލަން ކާވިން ނިންމީ ޝަހުމާގެ ހާލު ގޯސްވެދާނެތީއެވެ. ޝަހުމާ ގެއަށް ލައިދޭން އީންގެ ކައިރީގައި އެދިފައި، އޭނަ ދިޔައީ، ސީސީޓީވީ މަންޒަރުތައް ބެލުމަށެވެ. ޝަހުމާގެ ވާހަކަތަކުން، އެކަމެއް ހިނގާފައިވަނީ، ދަންވަރު އެކެއް ޖެހުމުގެ ފަހުންކަން އޭނައަށް އެނގުނެވެ. އެގަޑީގައި ހަސްފަތާލަށް އައިސް ނުކުމެހެދި އެންމެން އޭނަ ވަކިވަކީން ބެލިއެވެ. ދެން އޭނަ ބެލީ ޝަހުމާ ދެއްކި ވާހަަކައިގެ ހަގީގަތެވެ.

ޑިއުޓީ ގަޑި ޖެހުމުގެ ދިހަ މިނެޓު ކުރިން ޝަހުމާ އައިސް ދެ މީހުންގެ ކާޑު ޖަހާތަން ވީޑިޔޯ އިން ފެނިގެން ދެއެވެ. ދެން ފެންނަނީ، ޝަހުމާ ގޮސް، ކައުންޓަރު ކައިރީގައި އިށީންނަ ތަނެވެ. އޭގެ ފަހުގައި، ކައުންޓަރުގެ ކައިރިއަށް އައިސް ހުއްޓުނީ ފިރިހެނެކެވެ. އެމީހަކު ހުރިގޮތުން ކެމެރާއަށް މޫނު ފެންނަގޮތެއް ނުވެއެވެ. ޝަހުމާ އާއި ވާހަކަ ދައްކަން އެމީހަކު އިރުކޮޅަކު ހުއްޓެވެ. އޭގެ ފަހުގައި އެތަނުން ދަނީ އަތުން އިޝާރާތެއް ކޮށްލާފައެވެ. ދެން ފެންނަނީ، އެނބުރި އައިސް ކޮފީތައްޓެއް ދޭ ތަނެވެ. އެ ދީފައި އެމީހަކު ދިޔައީ ފާޚާނާތަކާއި ދިމާއަށެވެ. ޝަހުމާ ހިނިތުންވެލާފައި ކޮފީތަށި ނަގައި ބޯލައެވެ. ދިހަ ވަރަކަށް މިނެޓްފަހުން ތާއްޔާޖެހެން ފެށިތަން ފެނެއެވެ. ޝަހުމާ ބުނިހެން، ވަރުބަލިގޮތަކަށް އޭނާ ތެދުވެގެން ވޯޑުތަކާއި ދިމާއަށް ދާތަން ފެނެއެވެ. ދެން އިރުކޮޅެއްފަހުން އެނބުރި އައިސް، ކައުންޓަރު މަތީގައި ބޯއަޅާލާތަން ފެނިގެން ދެއެވެ.

ޝަހުމާ ބުނިހެން އޭނަ އެގޮތުގައި އެތައް އިރަކު އޮތެވެ. ދެމީހަކު ކައުންޓަރުގެ ކައިރިއަށް ދިޔަ ތަންވެސް ފެނުނެވެ. ފަތިސްވެފައި ހުއްޓައި، ޝަހުމާ ތެދުވިއެވެ. ގަޑި ބަލާލާފައި ސިހެއެވެ. އޭނަ ފުރަތަމަ ގޮސް ވަނީ، ތަރުތީބުން، އެންމެ ފުރަތަމަ ވަދެވޭ ކޮޓަރި އަށެވެ. އޭގެ ފަހުގައި ފަހަރަކު ކޮޓަރިއަކަށް ވަންނަމުން ގޮސް، ހަމްދޫނާ ބާއްވާފައިވާ ވޯޑުގެ ދޮރު ހުޅުވައިލައެވެ. ވޯޑުތަކުގައި ކެމެރާ ހަރުކޮށްފައި ނުހުންނާތީ، ފެންނަމުން ދަނީ ހަމައެކަނި ދޮރެވެ. ޝަހުމާ ދުރަށްޖެހޭތަން ފެނެއެވެ. ދެން ކުއްލިއަކަށް ދުވެފައި ގޮސް ވަނީ ލިފްޓަށެވެ. ލިފްޓްގެ ފިތްތަކަށް ފިތަމުން ދިޔައިރު، މުޅި އެ ހަށިގަނޑު ވެސް ތުރުތުރު އަޅައެވެ.

ޝަހުމާ ދިޔަތާ ބައިގަޑިއިރު ފަހުން، ހަމްދޫނާ އޮތް ވޯޑުގެ ތެރެއިން މީހަކު ނުކުތެވެ. އެމީހާ ހުރީ ކަޅު ފޭރާމުގައެވެ. މޫނުގައި މާސްކު އަޅައި ކާކުކަން ނޭނގޭ ވަރަށް މޫނު ވެސް ވަނީ ނިވާ ކޮށްފައެވެ. ބޮލުގެ އިސްތަށިގަނޑުވެސް އޮތީ، ތޮތްޕަކުން ނިވާކޮށްލާފައެވެ.

"ސަރ!... މީނަ ހޮސްޕިޓަލުގެ ތެރެއިން ނުކުތް ކަން އެބަ އެނގޭ... އެކަމަކު، އޭނަ ހޮސްޕިޓަލަށް އައިސް ވަންތަން ނެތީ ކީއްވެ؟... އަނެއްކާ، މިކަހަލަ ހެދުމެއްގަ ހުރި މީހަކު ވިކްޓިމްގެ ކޮޓަރިތެރެއަށް ވަންތަނެއްވެސް ނެތޭ ފެންނާކަށް... ހައު އިޒް ދިސް ޕޮސިބަލް؟..." ލަޔާން ހައިރާންވެފައި ސުވާލު ކުރިއެވެ.

"ވެދާނެ އެއްނު އޭނަ މާ ކުރިންވެސް އެތާ، އެ ވޯޑު ތެރޭ ހުރި މީހެއް ކަމަށް..." ޔުނާން ވިސްނާލާފައި ބުންޏެވެ.

"އިގްބާލު!... އެގަޑީ އިގްބާލު ކޮބާ؟..." ކުއްލިއަކަށް އެއްޗެއް ހަނދާންވާ ފަދައިން ކާވިން ބުންޏެވެ.

(ނުނިމޭ)

ކޮމެންޓް 0