"ވަޓް އިޒް ދިސް؟..." އަތުގައި އޮތް ތަސްވީރު ދައްކައިލަމުން އީން ސުވާލުކުރީ އޭނަގެ ކުރިމަތީގައި ގަބުވެފައި ހުރި ޔުނާން އަށެވެ.

ޔުނާންއަށް ބަލައިލެވުނީ ކައިރީގައި އެއްވެސް މީހަކު ހުރިތޯއެވެ. ނުހާމް އާއި ލަޔާން ވެސް ތިބީ އިދާރާގެ ތެރޭގައި ބިއްލޫރިގަނޑުން އެދެމީހުންގެ ހަރަކާތްތަކަށް ބަލަހައްޓައިގެންނެވެ. އެންމެ ބޭނުންވި ވަގުތު އެ ދެމީހުން ވެސް ދިޔުމުން، އޭނަގެ ދަތްތަކަށް ބާރުވެގެން އައެވެ.

"އީން!... އަހަރެން އެކްސްޕްލެއިން ކޮށްދީފާނަން..." ކުރެހިފައިވާ އަޑަކުން ޔުނާން ބުންޏެވެ.

********

އީންގެ ނަފުރަތު ބަރުދާސްތު ކުރެވޭނޭހައި ހިއްވަރު ޔުނާންގެ ގަޔަކު ނެތެވެ. ޔުނާން ކުރިއަށް ޖެހިލުމުން، އީން ޖެހިލީ ފަހަތަށެވެ. ރުޅި އައިސް ދެލޯ ބޮޑުކޮށްލައިގެން ހުރިއިރު އީންގެ ދެލޮލުން ކަރުނަ އޮހެއެވެ.

"އީން ޕްލީޒް... ނުރޮއެބަލަ... އަހަރެން..." ޔުނާން ދެރަވިއެވެ. އޭނައަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް އީން ނުދިނެވެ. އީން ވާހަކަ ދައްކަން ފެށުމުން، ޔުނާނަށް އޭނާގެ ވާހަކަ އެ ހިސާބުން ހުއްޓައިލަން މަޖުބޫރު ވިއެވެ.

"އެންމެން ސިއްރު ކުރިޔަސް، އަހަރެން ހިއެއް ނުކުރަން ޔުނާން އަހަންނަށް މިވަރުގެ ބޮޑު ކަމެއް ސިއްރުކޮށްފާނެ ކަމަކަށް..." ރުޅި އައިސްފައި ހުރި ވަރުން، އީންއަށް ވާހަކަ ދެއްކުނީ ބާރަށެވެ. އެހާމެ އުނދަގުލުން ނުކުތް އެއިން ކޮންމެ ލަފުޒަކުން، ޔުނާންގެ ހިތް ތޮރުފާލިއެވެ.

"އީން!... އަހަރެން އެހެން ބުނީ، އެކަން އީންއަށް ސިއްރުކުރަން ބޭނުންވާތީކީ ނޫނޭ..." ޔުނާން މަސައްކަތް ކުރީ، އީންއަށް ވިސްނައިދޭށެވެ.

އީން ދެފަރާތަށް ބޯ ހޫރައިލިއެވެ. ޔުނާން ގޮވަގޮވައި ހުއްޓައި، އީން އެތަނުން ދިޔުމަށް ދުއްވައިގަތެވެ. ކޮޓަރިއަށް ވަދެފައި، އީން ބަލައިލީ، އަތުގައި އޮތް ތަސްވީރަށެވެ. އެއީ އަސޫމީގެ ތަސްވީރެކެވެ. އީން ހީކުރިގޮތަށް ދާރިޔާ އަކީ އޭނަގެ ދައްތަ ހެއްޔެވެ؟ އެ ވާހަކަ އެންމެން އޭނައަށް ސިއްރުކުރަނީ ކީއްވެ ހެއްޔެވެ؟

އައިސްފައި ހުރި ރުޅި އާއި ހިތަށް ކޮށްފައިވާ އަސަރަކުން، އީން ފުރަތަމަ ވެސް ނެގީ އޭނާގެ ފޯނެވެ. އެ ރުޅިގަނޑުގައި އޭނަ ގުޅީ، އަސޫމީ އަށެވެ. މިއަދު ހުރިހާ ކަމެއް ސާފުކުރަން އީންގެ ހިތް ގޮވަމުން ދިޔައެވެ.

"މަންމަ އަހަންނަށް ސިއްރު ކުރިއަސް، އަހަންނަށް ހުރިހާ ކަމެއް އެނގިއްޖެ..." އަސޫމީ ފޯނު ނެގުމާއިއެކު އީން ރޮއެރޮއެފައި ވާހަކަ ދެއްކިއެވެ. "މަންމަ ނުބުންޏަސް އަހަންނަށް އެނގިއްޖެއޭ..."

"ދަރިފުޅާ!..." އަސޫމީ ގޮވައިލީ، ކަންބޮޑުވެފައިވާ ރާގެއްގައެވެ. "ދަރިފުޅު ހަމަޖެހިބަލަ... ކީކޭތަ ތި ކިޔަނީ؟..."

"މޯމް ސްޓޮޕް އިޓް..." އީން ބުންޏެވެ. "އަހަންނަށް އެނގިއްޖެއޭ އަހަރެންގެ ދައްތައަކު ހުންނަކަން... އަހަރެންގެ ދައްތަގެ ނަމަކީ ދާރިޔާ..."

"އީން..." ހާސްވިވަރުން އަސޫމީއަށް ގޮވައިލެވުނީ ތަންކޮޅެއް ބާރަށެވެ.

"މަންމަ ހުރޭ މަންމަގެ ގޮތުގަ... ހުރިހާ ކަމެއް ހޯދާނީ އަހަރެން އަމިއްލައަށް..." އީން ފޯނު ކަނޑައިލީ އަސޫމީއަށް އިތުރު އެއްޗެއް ބުނާނެ ފުރުސަތެއް ނުދީއެވެ.

އަސޫމީ ތަކުރާރުކޮށް އީންއަށް ގުޅަން މަސައްކަތް ކުރިއެވެ. ފޯނު އޮންނަނީ ނިއްވާލާފައެވެ. އަސޫމީގެ މުޅި ޙަޔާތުގައި ވެސް އީން އެފަދަ ގޮތަކަށް ކަންތައް ކުރި އެއީ ފުރަތަމަ ފަހަރެވެ. އަލަށް ފެނުނު ދަރިފުޅުގެ އެ ސިފައިގެ ސަބަބުން، އަސޫމީގެ ހިތުގައި ޖެހުނީ މާ ވަރަކަށެވެ. ދަރިފުޅު ގެއްލިދާނެކަމުގެ ބިރު އަސޫމީގެ ހިތުގައި އުފެދުނެވެ. އޭނާ ވަގުތުން ރާއްޖެ އަންނަން ޓިކެޓު ނެގުމުގެ މަސައްކަތް ފެށިއެވެ.

ކޮޓަރީގައި ދެކޮޅަށް ހިނގަހިނގައި ހުރި އީންއަށް ރޮވެނީއެވެ. ގާތް އެކުވެރިންނާއި އާއިލާގެ ސިއްރުތަކުން އޭނަގެ ސިކުނޑި ސުމަކަށް ދިޔައެވެ. އެންމެ އިތުބާރުކުރި މީހުން އީންއަށް އޮޅުވައިލީއެވެ. ކަންކަން ސިއްރުކުރަން މަސައްކަތް ކުރަނީއެވެ. އީން ގަބޫލުކުރާ ގޮތުގައި ކިތަންމެ ދެރަވިޔަސް، ހަގީގަތް ހާމަކުރަން ވާނެއެވެ. ގާތްކަމަކީ، އެކަކު އަނެކެއްގެ މެދުގައި އެއްވެސް ސިއްރެއް ނެތުމެވެ.

އިރުއޮއްސި އަނދިރިވީ އިރުވެސް އީންގެ ތަބީއަތު ބަދަލެއް ނުވިއެވެ. އީން ބޭރަށް ނުކުތީ، މީހެއްގެ ޙިލަމެއް ނުވާނެހާއިރު ކޮށްފައެވެ. މާހައުލުގެ ފިނިކަމުން އީންއަށް އޭނާގެ ހަށިގަނޑުގައި ދެ އަތް ހުރަސްކޮށްލެވުނެވެ.

"އަހަރެން ނޫޅެން އެކަކު ކައިރީވެސް ކަމަކު ބުނާކަށް... އެންމެންވެސް އަހަންނަށް އޮޅުވާލަނީ... ހުރިހާ ކަމެއް ހޯދާނީ އަހަރެން އަމިއްލައަށް..." އަމިއްލަ ނަފުސާއި ވާހަކަ ދައްކަމުން އީން ހިނގަމުން ދިޔައެވެ.

އަނދިރި ރެއެކެވެ. މަގުތައްމަތީން ފެންނަމުން ދިޔައީ ފަޅު ކަމެވެ. ވަކި ހިސާބަކަށް ގޮސްފައި އީން ހުއްޓިއްޖެއެވެ. ޖީބުގައި އޮތް ފޯނު ނެގީ ގަޑި ބަލައިލުމަށެވެ. އައި ރުޅީގައި ފޯނު ނިވާލިގޮތަށް އޭރުވެސް އޮތީ ނުހުޅުވައެވެ. އެކަމާއި ވެސް އީންއަށް ރުޅިއާދެވުނީ، އެ ފޯނު ދެކެއެވެ.

އީން އާއި މާ ދުރުނޫން ހިސާބެއްގައި މީހަކު ހުއްޓެވެ. އޭނާ ހުރީ އީންގެ ފަހަތުގައެވެ. އެމީހާ ދިޔައީ އީން ފުލުހުންގެ އިދާރާއިން ނުކުތީއްސުރެ، ފާރަލަމުންނެވެ.

އީން ކުރިއަށް ހިނގައިގަތުމުން އެ މީހާ ވެސް ހިނގައިގަތެވެ. ވަކި ހިސާބަކުން އީންއަށް އޭނަގެ ފަހަތުން މީހަކު އަންނަހެން ހީވިއެވެ. އީން ހުއްޓުނެވެ. އިރުކޮޅަކު ވިސްނައިލަން ހުރެފައި، ފަސް އެނބުރި ބަލައިލިތަނައި، އެމީހަކު ޖެހިގެން ހުރި ގޯޅިއަށް ވަދެ ފިލައިފިއެވެ.

"ކާކު؟... އަނެއްކާ އެކްސް؟" އީންގެ ހިތުގައި ބިރުވެރިކަން އުފެދުނެވެ.

އީން އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ފިކުރުތަކުގައި ހުރެ، އެ ހިސާބަށް އާދެވުނީ، އޭނާއަށް ނުވެސް އެނގިއެވެ. ފުލުހަކަށް ވިޔަސް، ހާލަތުގެ ގޮތުން އީން ޖެހިލުންވާން ފެށިއެވެ. ތުރުތުރު އަޅަމުންދިޔަ އަތަކުން ފޯނު ނަގައި އެ ހުޅުވަން މަސައްކަތް ކުރިއެވެ. ކުއްލިއަކަށް ފަހަތުން އައި މީހަކު އީންގެ އަނގަމަތީގައި އަތް އަޅައިފިއެވެ. އީންއަށް އިތުރު ކަމެއް ނުކުރެވިގެން އުޅެނިކޮށް، އެ މީހަކު އޭނަ ފަހަތަށް ދަމައިގަތެވެ. އީން ގޮސް ލައްވީ އެ މީހެއްގެ މޭގައެވެ. އީން ގަދަހެދި ނަމަވެސް ސަލާމަތެއް ނުވިއެވެ. އެ މީހަކު އީން ގެންގޮސް، އެންމެ އަވަހަށް ވަދެވެން ހުރި ގޯޅީގައި ހުރި ގެއެއްގެ ގޯތިތެރެއަށް ވައްދައި، ފާރާއި ނިވާވެލިއެވެ. ވީރާނާވެފައިވާ އެ ފާރުގެ ބައެއް ތަންތަން އޮތީ ވެއްޓިފައެވެ. ކިރިޔާ ޖެހިލިޔަސް، ފާރުން ބައެއް ވެއްޓިދާނޭ ފަދައެވެ.

އީން ތެޅި ފޮޅެމުން ދިޔައެވެ. ސަލާމަތްވުމަށް އޭނައަށް މާ ބޮޑު ބާރެއް ނުދެއްކުނެވެ. އެމީހެއްގެ އަތުގެ ބާރު އެއަށްވުރެ ގަދައެވެ.

"ޝްޝްޝް..." އެމީހަކު ބުނި އަޑު އިވުނެވެ.

ވައި އަޑަކުން ބުނި ކަމުގައި ވިޔަސް، އެއީ ކާކު ކަން އީންއަށް އެނގިއްޖެއެވެ. އީން ވަގުތުން ހިމޭން ވިއެވެ. އެއާއިއެކު އެމީހަކު އޭނަގެ އަނގަމަތީން އަތް ނެގިއެވެ.

********

ހާސްވެގެން ދެކޮޅަށް ހިނގަހިނގައި ހުރި ޔުނާންގެ ހަރަކާތްތަކަށް ބަލަން ނުހާމް އާއި ލަޔާން ތިބިއިރު ދައްކާނޭ ވާހަކައެއް އެއިން އެކަކަށް ވެސް ނޭނގުނެވެ. އީންއަށް ވީގޮތުން ހުދު އެމީހުންވެސް ތިބީ ކަންބޮޑުވެފައެވެ. އީން ދިޔައީއްސުރެ ޔުނާންގެ ހާލަކީ ތޯއެވެ. އެހެން އެންމެންނަށްވުރެ އޭނާގެ ހާލު ބޮޑެވެ. ތަނެއްގައި އިށީންނަންވެސް ނޫޅެ ދެކޮޅަށް ހިނގަހިނގައި ހުރިއިރު، އެހެން ކަމެއްގެ މަތީން ހަނދާން ވެސް ނުވާ ކަހަލައެވެ.

"އެހެންވެއޭ އަހަރެން ކުރިންވެސް ބުނީ މިކަން އީންއަށް އަންގަން އުޅޭށޭ... މިހާރު މިވީ މާ ދެރަގޮތެއްނު..." އެތައް އިރަކު އެއްޗެއް ނުބުނެ އިނދެފައި، އިސްނެގީ ނުހާމެވެ.

ހިނގަހިނގައި ހުރި ޔުނާންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައެވެ. ޔުނާން ފަސްއެނބުރި ނުހާމްއަށް ބަލައިލީ، ދެލޯ ހަނިކޮށްލަމުންނެވެ. ހުރިހާވެސް މައްސަލައަކީ ނުހާމޭ ބުނާފަދަ ގޮތަކަށެވެ.

"ދެން ތިއޮތީ ބަސްޓުވެފަ... އިތުރަށް ސިއްރު ކުރުމުގެ މާނައެއް ނެތް..." އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ލަޔާން ވާހަކަ ދެއްކިއެވެ.

"ސިއްރު ކުރީވެސް އީން ދެރަވެދާނެތީއޭ... އޯކޭ.. އަހަރެން މިގުޅަނީ އޭނައަށް... ހުރިހާ ވާހަކައެއް ކިޔައިދޭނަން..." ޔުނާން އޭނަގެ ފޯނު ނަގައިގެން އެތަނުން ދިޔުމަށް ހިނގައިގަތެވެ.

"އޭ ކަލޭ ހަމަޖެހިބަލަ..." ޔުނާންގެ ފަހަތުން ގޮސް، ކުރިމައްޗަށް އަރަމުން ލަޔާން ބުންޏެވެ. ނުތަނަވަސްކަމުގެ ތެރެއިން ޔުނާން ގޯހެއް ހަދާފާނެތީ ލަޔާން ޖެހިލުން ވީއެވެ.

"ހަމަޖެހެވޭނީ ކިހިނެއް؟..." ޔުނާންގެ ދެލޯ ފެންކަޅިވާން އުޅުނެވެ. "އީން އެދިޔައީ އަހަރެންދެކެ ރުޅި އައިސްގެންނޭ... ދުވަހަކުވެސް އެގޮތަށް އަހަރެންދެކެ ރުޅިއެއް ނާދޭ މިނޫނީ..."

"ކިހިނެއްތަ ތި އުޅެނީ؟... ޔުނާން ތި އުޅޭ ގޮތުން މިހާރު އެހެން މާނައެއްވެސް އެބަ ދޭހަވޭ...." އެއްޗެއް ޔަގީންކޮށްލާ ފަދައިން ލަޔާން ބުންޏެވެ.

"ކޮން މާނައެއް؟..." ޔުނާން ސުވާލުކުރީ ފަރުވާކުޑަ ރާގަކަށެވެ.

"ޔުނާން އީންދެކެ ލައިކްވާހެން ހީވަނީ..." އެއްވެސް ފޮރުވުމެއްނެތި ލަޔާން އޭނާގެ ހިތުގައި އޮތް އެއްޗެއް ހާމަކޮށްލިއެވެ.

ލަޔާންގެ މޫނަށް ބަލަން ޔުނާން އިރުކޮޅަކު ހުއްޓެވެ. މިއަދު އެއްވެސް ކަމެއް ފޮރުވާކަށް ޔުނާން ބޭނުމެއް ނުވިއެވެ. ހަގީގަތް ހާމަކުރަންވީ ވަގުތު އައިސް ޖެހުނީ ކަމުގައި ޔުނާން ގަބޫލުކުރިއެވެ.

"އާނ!... އާނ!... އަހަރެން ލައިކްވޭ... ވަރަށް ގަޔާވެވޭ... އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް އީންއަށް އަހަރެންގެ ހިތުން ޚާއްސަ މަގާމެއް ހުސްކުރެވުނު..." ޔުނާން އެއްބަސްވިއެވެ.

ލަޔާން އާއި ނުހާމް ވެސް ގަބުވެފައި ޔުނާންއަށް ބަލަން ތިބީއެވެ. ދެ މީހުންނާއި ދިމާއަށް ވަކިވަކީން ބަލައިލުމަށްފަހު ޔުނާން އެތަނުން ދިޔައީ، އީންގެ ފޯނަށް ގުޅަމުންނެވެ.

********

ބިރުން ރޮއެރޮއެ ހުރި އީންއަށް ކާވިން ފެނުމާއިއެކު އެ މޭގައި ބޮނޑިވެލެވުނީ، އިހުތިޔާރުން ބޭރުގައެވެ. އޭނަ ހީކުރީ އެއީ ދުނިޔެއަށް ނޭވާލުމަށް ލިބޭނޭ ފަހުގެ ފުރުސަތު ކަމަށެވެ. އެކްސްގެ އިންޒާރުގެ މަތީން އީން އަދިވެސް ހަނދާނެއް ނުނެތެއެވެ. ދެންމެ ވީ ކަމެއްހެން އީންގެ ކަންފަތް ކައިރީގައި އެކްސްގެ ޖުމްލަތައް ތަކުރާރުވަމުން ދިޔައެވެ.

އީންގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓާލައިގެން ހުރި ކާވިންގެ ނަޒަރު ހުއްޓިފައިވީ، އެމީހުންނާއި މާ ދުރުނޫން ހިސާބެއްގައި ހުރި މީހާ އަށެވެ. ކަޅު ފޭރާމުގައި ހުރި އެ މީހާގެ ނަޒަރު އެކި ކޮޅުކޮޅަށް ދަތުރު ކުރަމުން ދިޔައެވެ. އީން ފުލުހުންގެ އިދާރާއިން ނުކުތީއްސުރެ އެމީހާ ދިޔައީ އީންއަށް ފާރަލަމުން ކަން ކާވިންއަށް އެނގެއެވެ. އެ ނާޒުކު އަންހެން ކުއްޖާގެ ރައްކާތެރިކަމަށްޓަކައި، ކާވިން ހުރިހާ ކަމެއްވެސް ބަލަމުން ދިޔައީ އެމީހާއަށް ކުޑަވެސް ޚިލަމެއް ނުވާނޭހައި ސިއްރުންނެވެ.

އީންގެ ފޯނު ރިންގުވާން ފެށި އަޑު މުޅި ތަނުގައި ގުގުމައިގެން ދިޔައެވެ. ކާވިންގެ މޭގައި މޫނު ފޮރުވާލައިގެން ހުރެވުނުކަން ހަނދާންވުމާއިއެކު، އީންއަށް ތެޅިގަނެވުނެވެ. އީން އަވަސްއަވަހަށް ކާވިން އާއި ދުރަށް ޖެހިލިއެވެ. ޖީބުގައި އޮތް ފޯނު ނަގާފައި، އިސްކުރީނަށް ބަލައިލުމުގެ ކުރިން، ކާވިން އެ ފޯނު އަތުލާފައި ކަނޑާލައިފިއެވެ. ކާވިންގެ މޫނުން ފެނުނީ، ކަންބޮޑުވުމުގެ އަސަރެވެ. ވަށައިގެން ހޯދައިލިގޮތުން ވެސް އީންގެ ހަށިގަނޑުގައިވި ލޯލިތައް ކޮޅަށް ޖެހުނެވެ. އީން ގޮވައިގެން ކާވިން އެތަނުން ދުރަށް ޖެހިލިއެވެ. ގޯތިތެރޭގައި ހުރި ވިނަ ގަސްތަކެއްގެ ތެރެއަށް އީން ގޮވައިގެން ވަނެވެ.

ކުއްލިއަކަށް އިވުނީ އެއްޗެހިތަކެއް ފައިބައިގަން އަޑެވެ. އަޑު އައީ ކާވިންގެ ފުރަގަހުންނެވެ. އީންގެ ނަޒަރު އެދިމާއަށް ހުއްޓުމާއިއެކު، އޭނާގެ ދެލޯ ބޮޑުވެއްޖެއެވެ. އޭނަ ގެނައި އަވަސް ހަރަކާތާއިއެކު ކާވިންގެ ގަމީހުގައި ހިފައި ދަމައިގަނެ ތިރިއަށް ވައްޓާލައިފިއެވެ. ކާވިންގެ ފުރަގަހުގައި އެ ހުރީ، ކަޅު ފޭރާމުން ނިވާވެގެން ހުރި މީހެކެވެ. އެމީހާގެ އަތުގައި އޮތީ މިޔަ ތޫނު ވަޅި އެކެވެ. އެ ފަނޑު އަލިކަމުގެ ތެރޭގައި ވެސް އޭގެ ދަޅަ އީންގެ މޫނަށް އެޅިގެން ދިޔައެވެ.

ކަޅު ފޭރާމުގައި ހުރި މީހާ ހުށިޔާރެވެ. އީން ކުރި ކަމަކުން، އެ މީހާގެ ވަޅީގެ ހަމަލާއިން ކާވިން ސަލާމަތްވި ނަމަވެސް، ދުލެއް ނުކުރިއެވެ. ވެއްޓުނު ކާވިންގެ ބޮލުގައި ފައިން ޖަހައިފިއެވެ. ކާވިންގެ ދެލޯ މެރި، ހަރަކާތް ކެނޑެންދެން އޭނާ އެކަން ތަކުރާރު ކުރިއެވެ. އެ މީހާ ހުއްޓުވޭތޯ އީން އެތައް މަސައްކަތެއް ކުރިއެވެ. ކާވިންގެ ހަރަކާތް ކެނޑުނުތަން ފެނުމުން އީންއަށް ބާރަށް ހަޅޭއްލަވައިގަނެވުނެވެ. އީން އުޅުނީ ތިރިވާށެވެ. އޭގެ ކުރިން އެ މީހާ އޭނާގެ އަނެއް އަތުގައި އޮތް ވަޅީގެ ހަމަލާ އީންގެ ބަނޑަށް އަމާޒުކޮށްލިއެވެ. މުޅި ތަނުގައި ގުގުމައިގެން ދިޔައީ އީންގެ ތޫލި ހަޅޭކުގެ އަޑެވެ.

ކާވިން ފުންމައިގެން ތެދުވިއެވެ. އީންއަށް އަމާޒުކޮށްލި ވަޅީގައި ކާވިން ހިފެހެއްޓީ ހުޝިޔާރުކަމާއި އެކުގައެވެ. އޭގެ މިޔަ ތޫނުކަމުން، ކާވިންގެ އަތް ކަނޑައިގެން ގޮސް ބިންމައްޗަށް ލޭތިކި ޖަހަން ފެށިއެވެ. ހުރިހާ ކަމެއް ހިނގައި ދިޔައީ އެސްފިޔަ ޖަހާލާހައި މަދު ވަގުތުކޮޅެއްގެ ތެރޭގައެވެ. އެ ނާޒުކު ވަގުތުގައި ވެސް އީންގެ ސަމާލުކަމަށް އެކަން ނައިހެއް ނުދިޔައެވެ.

ހިނދުކޮޅެއް ފާއިތުވެދިޔައިރު ވެސް ކާވިން ހުރީ، އެހެންނެވެ. އީން ހުރީ، ނޭވާ ލާންވެސް ހަނދާން ނެތިފައެވެ. ކާވިންގެ ރަތްވަމުންދިޔަ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އެ ފަނޑު އަލިކަމުގައިވެސް ކާވިންގެ އަތުން އަންނަމުންދިޔަ ލޭތައް އީންއަށް ފެނުނެވެ.

ކުއްލިއަކަށް ފެނުނީ، ފުލުހުން އައިސް އެމީހުން ވަށައިލި ތަނެވެ. ކަޅު ފޭރާމުގައި ހުރި މީހާ، އުޅުނީ ދުއްވައިގަންނާށެވެ. އޭގެ ކުރިން ކާވިން އޭނާގެ ސަލާމަތުން އޮތް އަތުން، އެމީހާ އަޅައިގެން ހުރި މާސްކު ދަމައިގެންފިއެވެ. ފެނުނު ސޫރައަކުން ދެލޯ ބޮޑުވީ ހަމައެކަނި އީންއެއް ނޫނެވެ. ކާވިން އެއްވެސް ނޫނެވެ. އެތަނުގައި ތިބި ކޮންމެ ފުލުހެއްގެ މޫނުމަތިން ވެސް ހައިރާންކަން ފެނިގެން ދިޔައެވެ.

(ނުނިމޭ)

ކޮމެންޓް 0