ހިނދުކޮޅެއް ފާއިތުވެދިޔައިރު ވެސް ކާވިން ހުރީ، އެހެންނެވެ. އީން ހުރީ، ނޭވާ ލާންވެސް ހަނދާން ނެތިފައެވެ. ކާވިންގެ ރަތްވަމުންދިޔަ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ. އެ ފަނޑު އަލިކަމުގައިވެސް ކާވިންގެ އަތުން އަންނަމުންދިޔަ ލޭތައް އީންއަށް ފެނުނެވެ.
ކުއްލިއަކަށް ފެނުނީ، ފުލުހުން އައިސް އެމީހުން ވަށައިލި ތަނެވެ. ކަޅު ފޭރާމުގައި ހުރި މީހާ، އުޅުނީ ދުއްވައިގަންނާށެވެ. އޭގެ ކުރިން ކާވިން އޭނާގެ ސަލާމަތުން އޮތް އަތުން، އެމީހާ އަޅައިގެން ހުރި މާސްކު ދަމައިގެންފިއެވެ. ފެނުނު ސޫރައަކުން ދެލޯ ބޮޑުވީ ހަމައެކަނި އީންއެއް ނޫނެވެ. ކާވިން އެއްވެސް ނުމެ ނޫން މެއެވެ. އެތަނުގައި ތިބި ކޮންމެ ފުލުހެއްގެ މޫނުމަތިން ވެސް ހައިރާންކަން ފެނިގެން ދިޔައެވެ.
********
"ނަސީމް؟..." އީންއަށް ބުނެވުނެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ނަސީމް ގެންދެވުނެވެ. ގަބުވެފައި ހުރި އީންއަށް ހަމަހޭވެރިކަންވީ، ފުލުހަކު ގޮސް އެނާގެ ބުރަކަށީގައި އަތް ޖައްސައިލުމުންނެވެ.
"އީން އޯކޭތަ؟..." ފުލުސްކުއްޖާ ސުވާލުކުރީ ގާތްގޮތަކަށެވެ. "ހިނގާ ދާން..."
އީން ވަށައިގެން ހޯދައިލީ ކާވިން ފެންނަން ނެތުމުންނެވެ. ތަންކޮޅެއް ދުރުން ކާރާއި ދިމާއަށް ހިނގާފައިދިޔަ ކާވިން ފެނުމުން އީން އެދިމާއަށް ދިޔައީ ދުވެލާފައި ކަހަލަ ގޮތަކަށެވެ.
"ވެއިޓް..." ކާވިން އާއި އަރައި ހަމަކުރަމުން އީން ބުންޏެވެ. "އަތް... ލޭ..."
އީން ކުއްލިއަކަށް ކާވިންގެ އަތުގައި ހިފެހެއްޓިއެވެ. އޭރުވެސް ކާވިންގެ އަތުގައިވި ޒަހަމުން ލޭ އަންނަމުން ދިޔައެވެ. ލޭ މަނާކުރަން ކާވިން އެއްވެސް މަސައްކަތެއް ނުކުރުމުން، އީންގެ ހިތް ޝަކުވާއިން ފުރިގެން އައެވެ. ސިހުން ލިބުމާއިއެކު، ކާވިން އުޅުނީ އަތް ދަމައިގަންނާށެވެ. އޭގެ ކުރިން އީންގެ ގިސްލުމުގެ އަޑު އިވުމުން އޭނާ ހިމޭންވިއެވެ.
އީން އޭނާގެ އަތުގައި އޮތް ރުމާކޮޅު ކާވިންގެ އަތުގައި އައްސާލަދިނެވެ. އޭރުވެސް، އީންގެ ގިސްލުމުގެ އަޑު އިވިއިވި ހުއްޓެވެ. ކާވިންއަށް އަނިޔާވުމުން، އީންއަށް އޭނާގެ އަމިއްލަ ނަފުސު ކުށްވެރި ކުރެވިފައިވީ މާ ވަރަކަށެވެ. ކަޅި ޖަހާވެސް ނުލައި، އީންއަށް ބަލަން ކާވިން ހުއްޓެވެ. އީންގެ އެ ގާތްކަމުން، ކާވިންގެ ހިތަށް ޒަލްޒަލާއެއް ގެނުވިއެވެ. ބުނެދޭން ނޭނގޭ އިހުސާސްތަކެއްގެ ތެރޭގައި މުޅި މީހާ ބަނދެވެމުން ދިޔައެވެ.
އީންގެ މަސައްކަތް ނިމުމާއިއެކު ކާވިން އޭނާގެ އަތް ދަމައިގަތެވެ.
"ސޮރީ..." އީން ދެރަވިއެވެ.
"މީގެފަހުން، ރޭގަނޑު އެކަނި ބޭރަށް ދާންވާނީ އަހަންނަށް ރިޕޯޓުކޮށްފަ..." ކާވިން ވާހަކަދެއްކީ ހަރުކަށި ރާގަކަށެވެ. "އަންޑަސްޓޭންޑް؟..."
އީން އަވަސް އަވަހަށް ބޯ ޖަހައިލިއެވެ.
********
ތަހުގީގު ހޯލުގައި އިން ނަސީމް އާއި ސުވާލު ކުރެވެނީއެވެ. ކުރީގެ އަނބިމީހާ އާއި ދަރިފުޅުގެ މަރާއި ބެހޭގޮތުން އެތައް ސުވާލު ތަކެކެވެ. އެ ސުވާލުތަކަށް ނަސީމް ދިނީ ބީރު ކަންފަތެކެވެ. އެއްޗެއް ނުބުނި ތަނުގައި އިސްއުފުލައި ބަލައިވެސް ނުލިއެވެ. ކުރެވުނު ކަންތަކާއި ހިތާމަކުރާކަމުގެ އެއްވެސް އަސަރެއް އެ މޫނުން ނުފެނުނެވެ. ނޫނީ އެ އަސަރުތައް އޭނާ އަމިއްލަ ހިތުގައި ރައްކާކުރީއެވެ.
ބިއްލޫރިގަނޑުން ބޭރުގައި ނަސީމަށް ބަލަން ކާވިން ހުއްޓެވެ. އޭނަގެ ތޫނު ދެ ލޯ ސީދާ ނަސީމަށް އަމާޒުވެފައިވާއިރު، ކަމެއް ޔަގީން ކުރަނީއެވެ. އިރުކޮޅަކު އެހެން ހުރެފައި ކާވިން އެތެރެއަށް ވަނެވެ. އެތަނުގައި ތިބި އެންމެން ބޭރަށް ނެރެފައި ކާވިން ގޮނޑީގައި އިށީނެވެ.
"ދާރިޔާ!..."
އިސްޖަހައިގެން އިން ނަސީމްގެ މޫނަށް ފުން ނަޒަރެއް ދެމުން ކާވިން ބުންޏެވެ. އޭނަ އެ ނަން ކީ އެއްޗެއް ޔަގީންކޮށްލާ ފަދައިންނެވެ. ނަސީމްގެ މޫނުމަތިން އެއްވެސް އަސަރެއް ނުފެނުނެވެ. އިސްޖަހައިގެން އިންގޮތަށް ހަރަކާތެއްވެސް ކޮށްނުލިއެވެ.
"ޒަހުރާ!... ޒުލޭހާ!.. އަމިއްލަ ދަރިފުޅާ، އެ ދަރިފުޅުގެ މަންމަގެ ޤާތިލު ފިލަން ފުރުސަތު ތިދެނީ ކީއްވެ؟..."
ކާވިންގެ އަޑު ކުރިއަށްވުރެ ބާރު ވިއެވެ. އެންމެ ޖުމްލައަކުން ނަސީމްގެ ނޭވާ އަވަސްވިކަން ކާވިންއަށް އެނގުނެވެ.
"އެ ދެމީހުން މަރާލާފަ އޮތް ރަހުމުކުޑަ ގޮތް ހަނދާން ނެތުނީތަ؟..." ކާވިން ހުއްޓައެއް ނުލިއެވެ.
ކާވިން އޭނާގެ އަތުގައި އޮތް ފައިލުގައިވާ ތަސްވީރުތައް ނަގައި، ނަސީމްގެ ކުރިމަތީގައި އަތުރައިލިއެވެ. އެއީ ޒަހުރާ އާއި ޒުލޭހާ މަރާލާފައި އޮތްއިރު ނަގާފައިވާ ތަސްވީރުތަކެކެވެ. ބުދެއްހެން އިން ނަސީމްގެ ދެލޮލުން ކަރުނަތައް ފައިބައިގަތް ތަން ފެނުނެވެ. މުޅި އެ ހަށިގަނޑު ތުރުތުރު އަޅަނީއެވެ. އެވަރުންވެސް ކާވިން އާއި ދިމާއަށް ބަލައިލާކަށް އޭނަ ނޫޅުނެވެ.
"ނަސީމް!... ތިކުރަނީ ވަރަށް ނުރައްކާތެރި ކަމެއް... އަހަންނަށް އެނގޭ، އެމީހުން މެރީ ނަސީމް ނޫންކަން... ނަސީމްގެ އާއިލާ ނެތިކޮށްލިގޮތަށް އެހެން އާއިލާ އެއްވެސް ނެތިކޮށްލާކަށް އެކަހަލަ މީހަކު ފަހެއް ނުޖެހޭނެ... ނަސީމް ބޭނުންތަ، އެހުރިހާ މަރެއްގެ ޒިންމާ ނަސީމްގެ ބޮލުގަ އެޅެން... މިއަދު އޭނައަށް މިނިވަންވާން ފުރުސަތު ދީފިއްޔާ، މާދަމާ ފެންނާނީ، ކުރިއަށްވުރެ ނުރައްކާ ކަމެއް ކޮށްފަ އޮއްވާ..." ކާވިން ވާހަކަދެއްކީ މަޑުމަޑުން، ވިސްނައިދޭ ކަހަލަ ރާގަކަށެވެ.
މަރުތަކުގެ ފަހަތުގައި ވަނީ ނަސީމްގެ އަތެއް ނޫންކަން ކާވިންއަށް އެނގުނެވެ. އެކަމަކު ކިހިނެއް ހެއްޔެވެ؟ އެހާ ޔަގީންކަމާއިއެކު ކާވިން އެ ވާހަކަ ދެއްކުމުން، ނަސީމަށްވެސް ހައިރާންކަމެއް ލިބުނެވެ.
"އެންމެންވެސް މެރީ އަހަރެން... އަހަރެންގެ މި ދެ އަތުން..." އެތައް އިރަކު އެއްޗެއް ނުބުނެ އިނދެފައި ނަސީމް ބުންޏެވެ. އެ އަޑު ތުރުތުރު ލައެވެ.
މޭޒުގައި ބާރަށް ޖަހައިލަމުން ކާވިން ތެދުވިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި އޭނަ ބޭރަށް ނުކުތީ، އައިސްފައިވާ ރުޅިގަނޑު މައިތިރި ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ.
"ޔުނާން!... ވަރަށް ރަނގަޅަށް އޭނަގެ ހަރަކާތްތަކަށް ބަލާތި..." ބޭރަށް ނުކުތްގޮތަށް ދޮރުކައިރީގައި ހުރި ޔުނާން އާއި ދިމާއަށް ބަލައިލަމުން، ކާވިން ބުންޏެވެ.
ލަޔާން އާއިއެކު ކާވިން ނުކުތީ، ނަސީމްގެ މައިންބަފައިންގެ ގެއަށް ދިޔުމަށެވެ. އެމީހުން ބޭރަށް ނުކުތްއިރު، ނަސީމްގެ މަންމަ އާއި ބައްޕަ ތިބީ ފުލުހުންގެ އިދާރާގެ ދޮރުމަތީގައެވެ.
"އޮފިސަރ ހެޔޮނުވާނެ، އަހަރެންގެ ދަރިފުޅު ދޫކޮށްލާ..." ދެއަތް ޖޯޑުކޮށްލަމުން މުއުމިނާ ބުންޏެވެ. "އެސޮރަށް ހިންޏެއް ވެސް މަރަން ނުކެރޭނެއޭ... އިންސާނަކު މަރާނީ ކިހިނެއް؟..."
********
ފުލުހުންގެ އިދާރާގެ ކޮޓަރިތަކުގެ ކައިރީގައި ދެކޮޅަށް ހިނގަހިނގައި ހުރި ޔުނާންގެ ފިޔަވަޅުތައް ހުއްޓުނީ އެދިމާއަށް އައި އީން ފެނުމުންނެވެ. އޭނަ ބާރު ބާރަށް ހިނގާފައި ގޮސް އީންގެ އަތުގައި ހިފާލިއެވެ.
"އީން ސޮރީ ސޮރީ ސޮރީ... ދެން ދުވަހަކުވެސް ކަމެއް ސިއްރެއް ނުކުރާނަން..." ޔުނާން ދެރަވެލާފައި ބުންޏެވެ.
ޔުނާންގެ އަތް ފޮޅުވައިލަމުން އީން ހިނގައިގަތީ ދުރަށެވެ. ފަހަތުން ޔުނާން އަންނާނެކަން އީންއަށް އެނގޭ ކަހަލައެވެ. އީން ގޮސް ވަނީ ކެފޭ އަށެވެ. ހުސްކޮށް ހުރި މޭޒެއްގެ ކައިރީގައި އިށީނުމާއިއެކު، ޔުނާން ގޮސް، އީންގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
"ޔުނާން ބޭނުންވަނީ އަހަރެން ޔުނާން ކުރި ކުށަށް މާފުކުރަންތަ؟..." އީން އަހައިލިއެވެ. "ޔުނާންއަށް އަހަރެން ކަމެއް އޮޅުވާލިނަމަ، މާފުކުރަން ޔުނާނަށް ފަސޭހަވީސްތަ؟..."
"ނުވާނެ ފަސޭހައެއް... އެކަމަކުވެސް އީންގެ މަގާމުގަ އަހަރެން ހުރިނަމަ، އަހަރެން އީންއަށް މާފުކުރާނެކަން ޔަގީން..." ޔުނާން ޖަވާބު ދިނެވެ.
"އަހަރެންވެސް ނޫޅެމޭ މާފު ނުކުރާކަށް... އެކަމަކު، އަހަރެން ޔުނާނަށް މާފުކުރާނީ ޝަރުތެއްގެ މަތިން..." އީން ޝައުޤުވެރިވެލާފައި ބުންޏެވެ.
"ކޮން ޝަރުތެއް؟..." ޔުނާން އަހައިލިއެވެ.
"އަހަރެން ބޭނުން ހުރިހާ ކަމެއް އެނގެން..." އީން ބުންޏެވެ. "އަހަރެން މީ ޔުނާން ތި ހީކުރާވަރުގެ ފިނޑިއެއް ނޫން... ޔުނާންއަށް އެނގޭ ހުރިހާ ކަމެއް އަހަންނަށް ކިޔައިދީ..."
ޔުނާން ފުން ނޭވާއެއް ދޫކޮށްލިއެވެ. އީންއަށް ހަގީގަތް ކިޔައިދިނުން ނޫން އިތުރުގޮތެއް އޭނާއަކަށް ނެތެވެ. ކޮންމެ ގޮތަކުން ވިޔަސް، އީންގެ މަޢާފު ޔުނާން ބޭނުންވިއެވެ.
"އަހަރެން ވައުދުވަން... އަމިއްލަ ފުރާނަ ދުއްވާލައިގެން ވެސް އީންއަށް އިންސާފު ހޯދައިދޭނަން.." ޔުނާންގެ އަޑުގައިވީ ޔަގީން ކަމެވެ. ވާހަކަ ފެށުމުގެ ކުރިން އީންގެ ހިތަށް ތަސައްލީއެއް ހޯދައިދޭން ޔުނާން ބޭނުންވީ ކަހަލައެވެ.
"ދެން ހެވޭ... މާފުކޮށްފިން..." ނޫންކަމަށް ހަދައިލަމުން އީން ބުންޏެވެ.
ޔުނާން އޭނާގެ ފޯނުން ނަގާފައިވާ ފޮޓޯތަކާއި ދާރިޔާގެ ވާހަކަ އޭނައަށް އެނގޭ މިންވަރުން އީންއަށް ކިޔައިދިނެވެ. ހަގީގަތް އެނގެމުން ދިޔަވަރަކަށް އީންގެ ހިތް ނުތަނަވަސްވަމުން ދިޔައެވެ. އަސޫމީ އެވަރުގެ ކަމެއް ސިއްރުކުރުމުން ހިތުގައި އުފެދުނު ޝަކުވާތަކާއިއެކު މާ ވަރަކަށް އީންގެ ހިތުގައި ޖެހުނެވެ. ދާރިޔާ އާއި ކާވިން އާއި އޮތީ ކޮން ގުޅުމެއް ބާއޭ، އީންގެ ހިތަށް އެރިއެވެ. އޭނައަށް ޚާއްސަކަމެއް ބަހައްޓަނީ ދާރިޔާގެ ސިފަ އޭނައަށް ލިބިފައިވާތީ ހެއްޔެވެ؟ އީން ވަކީން ދެރަ ވިއެވެ. އަމިއްލަ ސޫރަ ދެކެ އޭނައަށް ނަފުރަތު ކުރެވުނެވެ.
އީން އާއި ޔުނާންގެ ހަރަކާތްތަކަށް ފާރަވެރިވެގެން ދާދި ކައިރީގައި މީހަކު ހުއްޓެވެ. ވޭޓަރުންގެ ހެދުމުގައި ހުރި އެމީހާ ދިޔައީ އެ ދެ މީހުންގެ ވާހަކަ ކަނުލައި އަޑުއަހަމުންނެވެ. އެމީހާގެ ކުރަކިވެފައިވާ ތުންފަތުގައި ވަނީ ވިހަ ހިނިތުންވުމެކެވެ. އެއީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އެއްމިޔަކަނުން ހިނިތުންވެލައިގެން ހުރިއިރު، އެ މީހާ ދިޔައީ އީން އާއި ޔުނާން ތިބި މޭޒާއި ޖެހިގެން ހުރި މޭޒު ސާފުކުރަމުންނެވެ.
********
އެތައް އިރެއް ފަހުން ކާވިން ތަހުގީގު ހޯލަށް ވަނީ، އޭނާގެ އެންމެފަހުގެ ހަތިޔާރު ބޭނުން ކުރުމަށް ނިންމައިގެންނެވެ. އޭރުވެސް ބޮލުގައި ދެއަތުން ހިފެހެއްޓިގޮތަށް ގުޑިވެސް ނުލައި ނަސީމް އިނެވެ.
"ބައްޕީ!... ބައްޕީ!..." ތުއްތު ބަހުރުވައަކުން ޒަހުރާ ވާހަކަ ދެއްކި އަޑު އިވިފައި ނަސީމް ދިޔައީ ސިއްސައިގެންނެވެ. ވަށައިގެން ހޯދައިލިއިރު، ނަސީމްގެ ދެލޯ ކަރުނުން ފުރާލައިފިއެވެ.
ކާވިން އޭނަގެ ލެޕްޓޮޕްގެ އިސްކުރީނު ނަސީމްއަށް ފެންނާނޭހެން އަނބުރައިލިއެވެ. އެއިން ފެންނަމުން ދިޔައީ ޒަހުރާގެ ވީޑިޔޯ އެކެވެ. ދަރިފުޅެކޭ އެއްވަރަށް ޒުލޭހާ ވެސް ދިޔައީ ނަސީމަށް ގޮވަމުންނެވެ. އެއީ އަހަރުތަކެއް ކުރީގެ ވީޑިޔޯއެއް ނަމަވެސް ނަސީމްއަށް އެ ދުވަހުގެ ތާޒާ ހަނދާންތައް އައުވިއެވެ. އެއީ ޒަހުރާ އެންމެ ފުރަތަމަ ބައްޕާއޭ ކިޔައި ނަސީމަށް ގޮވި ދުވަހެވެ. އެ ދުވަސް ނަސީމްގެ ހިތުން ފިލައިދާނީ ކިހިނެއް ހެއްޔެވެ؟
"އަހަރެން ލޯބިވާ އެންމެން ނެތިކޮށްލާނެ..." ވީޑިޔޯ ނިމުމާއިއެކު ނަސީމް ވާހަކަ ދައްކަން ފެށިއެވެ.
"އަހަރެން ޒުލޭހާ ވަރިކުރީ ލޯބި ނުވާތީކީ ނޫން... އެކީ އުޅެން ބޭނުން ނުވާތީކީ ވެސް ނޫން... އަހަރެން ޒުލޭހާ ވަރިކުރީ، ހަމަ ޒުލޭހާއަށްޓަކާ... އަހަރެން... އަހަރެންގެ ހަޔާތުގަ ދެން މާ ގިނަ ދުވަހެއް ނެތް... އަހަރެން ހީކުރީ އެންމެންގެ ކުރިން މަރުވާނީ އަހަރެން ކަމަށް.... އެކަމަކު ހުރިހާ ހިތްދަތިކަމެއް މި ލިބުނީ އަހަންނަށް... ކެންސަރުބަލީގެ ފަހު ދުވަސްތައް އަހަރެން ގުނަމުންދާކަން ޒުލޭހާއަކަށް ނޭނގޭނެ... އެވަރުގެ ރަގަޅު އަންހެނެއް އެއްވެސް ފިރިހެނަކަށް ނުލިބޭނެ... ވަރިކުރަން ހުއްދައަށް އެދުނީމަވެސް އެއްވެސް ޝަކުވާއެއް ނެތި އެކަމާ ރުހި ގަބޫލުވި... ޒުލޭހާ ގަބޫލުކުރި އަހަންނަށް ކޮންމެސް މަޖުބޫރީއެއް ކުރިމަތިވީމަ ކަމަށް އެވަރުގެ ނިންމުމެއް ނިންމީ..." ނަސީމް ފެށީ ރޯށެވެ.
"ދެން ކީއްވެ، އެމީހުންގެ ގާތިލުގެ ކަންކަން ތި ސިއްރު ކުރަނީ... ޒުލޭހާ ވީ ގުރުބާނީގެ ބަދަލުގަ ނަސީމަށް ކޮށްދޭން އެނގުނު ކަމަކީ ތީތަ؟..." ކާވިން ވާހަކަ ދެއްކީ، ހަރުކަށި ރާގެއްގައެވެ.
"އެމީހުންނަށް ވީގޮތް އަހަރެންގެ މަންމަ އަށާ ބައްޕައަށް ވާކަށް ނޭދެން..." ނަސީމް ދެން ބުނި އެއްޗަކުން ކާވިންގެ މޫނުމަތީގެ ކުލަވަރު ބަދަލު ވިއެވެ.
"އަހަރެން ވައުދުވަން... ނަސީމްގެ އާއިލާއަށް ހިމާޔަތް ދޭނަން..." ކާވިން ބުންޏެވެ.
ނަސީމް ހިންދިރުވައިލިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް ހުއްޓައިލީ ޖެހިލުންވެގެން މީހަކު ކަންތައް ކުރާ ފަދައިންނެވެ.
"އަހަންނަށް އިތުބާރު ކުރޭ..." ކާވިން އެދުނެވެ.
"އިތުބާރު ކުރާށޭ..." ހަރުކަށި ރާގަކަށް ނަސީމް ބުންޏެވެ. "މި ހުރިހާ ކަމެއްވެސް މިވީ ކަލޭގެ ސަބަބުން..."
"އޭނ؟..." ކާވިން ސިހުނެވެ.
"އޭނަގެ ބޭނުމަކީ ކަލޭގެ ކިބައިން ބަދަލުހިފުން..." ނަސީމް ބުންޏެވެ.
ކާވިން ހުއްޓުން އެރިއެވެ. ކުއްލިއަކަށް ނަސީމް ދައްކަންފެށި ވާހަކައަކުން އޭނަ ހާސްވެފައި ވަށައިގެން ހޯދައިލިއެވެ. ތަނުގައި ދައްކާ ވާހަކަ ރެކޯޑު ކުރެވޭނެކަން ކާވިންއަށް އެނގެއެވެ. އަވަހަށް، ކޮމްޕިއުޓަރަށް ގުޅާފައިވާ ވާގަނޑު ނައްޓުވައިލިއެވެ.
ބޭރުގައި އެ މަންޒަރު ބަލަން ހުރި ލަޔާންއަށް ހައިރާންކަމެއް ލިބުނެވެ. ކާވިން ކުއްލިއަކަށް އެފަދަ ކަމެއް ކުރީ ކީއްވެ ހެއްޔެވެ؟ ސިއްރު ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އެ މައްސަލަ އާއި ކާވިން އާއި ގުޅުމެއް ވަނީ ހެއްޔެވެ؟
"އެނގޭތަ އަހަރެންގެ ކުށަކީ ކޮބައިކަން؟..." ބިޑި އަޅުވާފައިވާ ދެ އަތް ނަގައި މޭގައި ޖައްސައިލަމުން، ނަސީމް ބުންޏެވެ. "އަހަރެންގެ ކުށަކީ، ކަލޭގެ އާއިލާގެ ހަގީގަތް ހޯދަން މަސައްކަތް ކުރުން... ޒުލޭހާގެ ކުށަކީ، އަހަރެން ހޯދި މައުލޫމާތުތައް ފެނުން..."
"ކީކޭ ތި ކިޔަނީ؟..." ކާވިން ހާސްވެފައި އަހައިލިއެވެ.
"މިބުނީ، ތީ އާދައިގެ މީހެއް ނޫނޭ... ކަލެއަށް ބާރުތަކެއް ލިބިގެންވެޔޭ..." ނަސީމް ތަންކޮޅެއް ބާރަށް ބުންޏެވެ. "ކަލޭގެ އާއިލާ ކުއްލިއަކަށް ގެއްލުނީ ކިހިނެއްކަން އަހަންނަށް އެނގޭ..."
ނަސީމަކީ ސިއްރު ލިޔުންތެރިއެކެވެ. ކަންކަން ދިރާސާ ކުރުމަކީ އޭނަ އެންމެ ކުރާހިތުން ކުރާ ކަންތަކެވެ. މާޒީގައި ހިނގާފައިވާ ކަންތައްތަކުގެ މައުލޫމާތު ހޯދައި، އެކަންކަމާއި ގުޅޭ ލިޔުންތައް ނޫސްތަކަށް ފޯރުކޮށްދީގެން ނަސީމަށް ރަނގަޅު އާމްދަނީއެއް ލިބެއެވެ. އެކަމުގެ ސަބަބުން އަމިއްލަ ދިރިއުޅުމަށް ބޮޑު އިންގިލާބެއް އައިސްދާނެ ކަމަކަށް ނަސީމް ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ.
(ނުނިމޭ)