"މިބުނީ، ތީ އާދައިގެ މީހެއް ނޫނޭ... ކަލެއަށް ބާރުތަކެއް ލިބިގެންވެޔޭ..." ނަސީމް ތަންކޮޅެއް ބާރަށް ބުންޏެވެ. "ކަލޭގެ އާއިލާ ކުއްލިއަކަށް ގެއްލުނީ ކިހިނެއްކަން އަހަންނަށް އެނގޭ..."

ނަސީމަކީ ސިއްރު ލިޔުންތެރިއެކެވެ. ކަންކަން ދިރާސާ ކުރުމަކީ އޭނަ އެންމެ ކުރާހިތުން ކުރާ ކަންތަކެވެ. މާޒީގައި ހިނގާފައިވާ ކަންތައްތަކުގެ މައުލޫމާތު ހޯދައި، އެކަންކަމާއި ގުޅޭ ލިޔުންތައް ނޫސްތަކަށް ފޯރުކޮށްދީގެން ނަސީމަށް ރަނގަޅު އާމްދަނީއެއް ލިބެއެވެ. އެކަމުގެ ސަބަބުން އަމިއްލަ ދިރިއުޅުމަށް ބޮޑު އިންގިލާބެއް އައިސްދާނެކަމަކަށް ނަސީމް ކުޑަކޮށްވެސް އުއްމީދެއް ނުކުރެއެވެ.

**********

"ބިރުގަނެއްޖެ ދޯ؟..." ނަސީމްގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. "އަހަރެންގެ އަތުގަ ހެކި އެބަހުރި... ތިކަހަލަ މީހުންގެ ސަބަބުން މުޅި ގައުމު ފަސާދަވެގެން ދަނީ..."

ނަސީމް ދެއްކި ވާހަކައެއްގެ ސަބަބުން، ކާވިން އިނީ ނުތަނަވަސްވެފައެވެ. މުޅި މީހާ ހުއްޓުން އެރިގޮތަށް، ގުޑިލަންވެސް ނޭނގިފައި ކާވިން އިނެވެ. އެހާވަރުން ފޮރުވައިގެން އުޅޭ ސިއްރެއް، ނަސީމަށް އެނގުނީ ކިހިނެއް ހެއްޔެވެ؟ ނަސީމް އެ ދައްކަނީ ކޮން ހެއްކެއްގެ ވާހަކައެއް ހެއްޔެވެ؟ ގައުމު ފަސާދަކުރަން ކާވިން ކުރީ ކީއްހެއްޔެވެ؟

"ނަސީމް!..." ކާވިންގެ އަޑުގައި ބުނެދޭން ނޭނގޭ ރިހުމެއްގެ އަސަރު ވިއެވެ. "ތި ބުނަން އުޅޭ އެއްޗެއް އަހަންނަށް ކުޑަކޮށްވެސް ނޭނގޭ..."

"ނޭނގޭނެ... އިނގޭ ކަމަށް ނުވެސް ހަދާނެ... ތީ ތިކަހަލަ މީހުންގެ ގޮތް... ކަލެޔަށް ލިބިފަ ތިހުރީ ހަމަ ކަލޭގެ ބައްޕަގެ ގޮތް..." ނަސީމް ވަރަށް ބާރަށް މޭޒުގައި އަތުން ޖެހިއެވެ.

"އަހަރެންގެ ބައްޕައޭ؟..." ކާވިން ހައިރާންވެފައި ސުވާލު ކުރިއެވެ.

"އާނ!... ކަލޭގެ ބައްޕަ..." ނަސީމް ރައްދުގައި ބުންޏެވެ. "ކަލޭމެން ދެމީހުން އެއްކަމެއްވެސް އެނގޭ ކަމަކަށް ނުހަދާނެ... ކުރިމަތިން ހަގީގަތް ފެންނަން އޮންނަ އިރުވެސް ކަލޭމެން އޮޅުވާލާނީ... އަހަންނަށް ނޭނގިގެނެއް ނޫނޭ މިބުނަނީ..."

ކާވިންގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދަތުރުކޮށްލިއެވެ. ތިލަވަމުންދިޔަ ހަގީގަތެއްގެ ސަބަބުން، ފުންމިން ނޭނގޭ އަނދަވަޅެއްގެ ތެރެއަށް މުޅި ނަފުސު ވެއްޓިގެން ހިނގައިދާނެކަމުގެ ބިރު ކާވިންގެ ހިތުގައި އުފެދުނެވެ. އޭގެ ކުރިން، އެ އަނދަވަޅުން ސަލާމަތްވާން ކާވިންއަށް މަޖުބޫރު ވިއެވެ.

"އަހަންނަކީ ނަސީމް ތި ހީކުރާ ކަހަލަ މީހެއް ނޫން... އަހަންނަކީ ގައުމަށް ވަފާތެރި މީހެއް... އަހަރެން މިހުރީ ހުވައެއް ކޮށްގެން... މިހާތަނަށްވެސް ދެމި މިހުރީ، އެ ހުވާގެ މަތީގަ... އަހަންނަށް އިތުބާރު ކުރޭ... ނަސީމަށްވެސް އިންސާފު ލިބޭނީ އޭރުން..." ކާވިން މަޑުމައިތިރިކަމާއި އެކުގައި ބުންޏެވެ.

"އަހަރެން ކުރީ ބުރަ މަސައްކަތެއް... އެކަމުގެ ސަބަބުން އަހަރެންގެ އަތުން އެތައް އެއްޗެއް ބީވެގެން ހިނގައްޖެ... އުއްމީދުވެސް ނުކުރާތި، އަހަރެން އެހާ ފަސޭހައިން ހަގީގަތް ހާމަކޮށްފާނެކަމަށް..." ނަސީމް ކާވިންގެ މޫނަށް ބަލައިލީ ދެލޯ ހަނިކޮށްލަމުންނެވެ.

"ތިކަން އަހަރެން ގަބޫލުކުރަން... ބަދަލުގަ ނަސީމް ބޭނުން ވަނީ ކޮން ކަމެއް؟..." ގޮތް ހުސްވެފައިވާ ކަހަލަ ރާގަކަށް، ކާވިން ސުވާލު ކުރިއެވެ. "ހާސްނުވޭ... މިތާ ދައްކާ ވާހަކަ އިތުރު މީހަކަށް ނީވޭނެ..."

ނަސީމް އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނެވެ.

"ތިކަން ސިއްރުކޮށްގެން ނަސީމަށް ލިބޭނެ ފައިދާއަކީ ކޮބާ؟..." އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ކާވިން ބުންޏެވެ. "ނަސީމަށް ކޮން ޔަގީންކަމެއް އޮތީ، އޭނަ ނަސީމްގެ އާއިލާއަށް ގެއްލުން ނުދޭނެކަމުގެ... ނަސީމަށާ، ނަސީމްގެ އާއިލާއަށް ހިމާޔަތް ދޭން ތިބީ ހަމަ ފުލުހުން... އަމިއްލަ އާއިލާ ނެތިކޮށްލާފަ ހުރި ގާތިލަކަށް އިތުބާރުކޮށްގެން ނަސީމް ތި ހަދަނީ ގޯހެއް..."

"އެންމެ ރަނގަޅު... އަހަރެންގެ ކޮންމެ ޝަރުތެއް ކަލޭމެންނަށް ފުރިހަމަކޮށްދެވޭނެތަ؟..." ނަސީމް ވިސްނައިލާފައި ސުވާލު ކުރިއެވެ.

"ކޮން ޝަރުތެއް؟..." ދެބުމަ ކައިރިކޮށްލަމުން ކާވިން ސުވާލު ކުރިއެވެ.

"އަހަރެން ބޭނުންވަނީ އަހަރެންގެ އާއިލާ ގޮވައިގެން ރާއްޖެއިން ބޭރަށް ދާން... އެއްވެސް ކުށުގެ ރެކޯޑެއް ނެތި..." އިރުކޮޅަކު އެއްޗެއް ނުބުނެ އިނދެފައި ނަސީމް ބުންޏެވެ. "އެއްވެސް މީހަކަށް ނޭނގޭގޮތަށް... ވީ އެންމެ އަވަހަށް..."

ކާވިން ވިސްނައިލިއެވެ. ގަވާއިދާއި ޚިލާފުވުމަކީ، ކާވިން ކޮށްއުޅުނު ކަމެއް ނޫނެވެ. އޭނާއަށް ކުރަން ފަސޭހަ ކަމެއްވެސް ނޫނެވެ. އެކަމަކު، ހަގީގަތް އެނގުން މުހިއްމެވެ. ގާތިލު ހައްޔަރުކުރެވޭނީ، ނަސީމް ދޭ މައުލޫމާތެއްގެ މައްޗަށެވެ. ނަސީމް އެދުނީ، އެފަދަ މަގާމެއްގައި ހުރެގެން ކާވިންއަށް ކުރަން އުނދަގޫ ކަމެއްގެ ވާހަކައެއް ނޫނެވެ. ހަގީގަތާއި ހަމައަށް ވާސިލުވާން، ކާވިން ނުކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އެތައް ގޮންޖެހުމަކާއި ކުރިމަތިލައިގެންވެސް ކާމިޔާބެއް ނުލިބުނެވެ. ވީއިރު، ލިބުނު ރަނުގެ ފުރުސަތުގެ ބޭނުންހިފަން ފަސްޖެހެންވީ ކީއްވެ ހެއްޔެވެ؟

"ކިހިނެއްވީ؟... އެވަރު ކަމެއްވެސް ނުވާނެ ދޯ؟..." މަލާމާތުގެ ރާގަކަށް ނަސީމް އަހައިލިއެވެ.

"އެންމެ ރަނގަޅު..." ކާވިން ދޫކޮށްލީ ފުން ނޭވާއެކެވެ. "ތިކަންތައް ވެދާނެ..."

"ފުރަތަމަ އަހަރެން ބޭނުންވަނީ ޔަގީންކަން..." ނަސީމް ބުންޏެވެ.

"އަހަރެން މިބުނީނު ތިކަންތައް ވާނެއޭ..." ކާވިން ހިތްހަމަނުޖެހުނެވެ. "އިތުބާރު ނުކުރެވެންޏާ، ދެން ކުރެވޭނެ ކަމެއް ނެތް... އަހަންނަށް ދެވޭނީ ޔަގީންކަން..."

ކާވިން އުޅުނީ އެތަނުން ނުކުންނާށެވެ. އޭގެ ކުރިން ނަސީމް ގޮވައިލިއެވެ. ނަސީމް އެދުނީ، އޭނާގެ އަތުގައި އަޅުވާފައިވާ ބިޑި ނައްޓާލަދިނުމަށެވެ. ދެވިސްނުމަކަށް ނުގޮސް، ކާވިން ވަގުތުން އެކަން ކުރިއެވެ. އޭނާ ހުރީ، ތަހުގީގު ހޯލުގެ ބޭރުގައި ހުންނަ މީހަކަށް ނަސީމް ނުފެންނާނޭހެން އޭނާގެ ކުރިމަތީގައި ކޮޅަށެވެ.

"އަހަންނަށް ކޮށްދެވޭނެ ވަރަކީ މީ..." ނަސީމް އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއިން ނެރުނީ، ކުޑަ ތަޅުދަނޑިއެކެވެ. ލައިގެން އިން އަންނައުނުގައި ތަޅުދަނޑި ފޮހެލާފައި ކާވިން އާއި ދިމާއަށް އެ ތަޅުދަނޑި ދިއްކޮށްލިއެވެ.

ކާވިން ތަޅުދަނޑީގައި ހިފި ނަމަވެސް، ނަސީމްއަށް ތަޅުދަނޑިން ދޫކޮށެއް ނުލެވުނެވެ. އަމިއްލަ ނިންމުމާއިމެދު، ޔަގީންކަން ކުޑަވެފައިވާފަދަ ނަޒަރަކުން ކާވިންއަށް ބަލަން ނަސީމް އިނެވެ.

"އަހަންނަށް އިތުބާރުކުރޭ..." ކާވިން ބުންޏެވެ. "ނަސީމަށް މިވަގުތު އިތުބާރު ކުރެވޭނެ ހަމައެކަނި މީހަކަށް ހުރީ އަހަރެން... އެހެންނު؟..."

ކާވިން ދެއްކި ވާހަކައަށް ނަސީމަށްވެސް އެއްބަސް ވެވުނެވެ. ނަސީމް ފަދައިން، ކާވިންއަކީވެސް، އެކްސްގެ އަނިޔާވެރިކަމުގެ ސަބަބުން، ލޯބިވާ ބަޔަކު ގެއްލިފައިވާ މީހެކެވެ.

"އަހަރެން ކުޑަކޮށްވެސް ފުލުހުންނަށް އިތުބާރެއް ނުކުރަން... އެކަމަކު، އަހަންނަކަށް ނޭނގެ ކީއްވެ ކަމެއް އަހަރެންގެ ނިންމުން ބަދަލުކުރަން ހިތް ބުނީކީ..." ނަސީމް ދޫކޮށްލީ ފުން ނޭވާ އެކެވެ.

ކާވިން ބޯ ޖަހައިލީ ހިއްވަރު ދިނުމުގެ ގޮތުންނެވެ.

"އަހަރެން ދުވަހަކުވެސް އެމީހާގެ މޫނެއް ނުދެކެން... އެކަމަކު، އެއީ އާދައިގެ މީހެއް ނޫން...." ތަޅުދަނޑިން ދޫކޮށްލުމަށްފަހު، ނަސީމް ވާހަކަ ދައްކަން ފެށިއެވެ.

"ތިކަން ކުރިން ނަސީމަށް ނުވިސްނުނީމަ ދެރައީ..." ކާވިން ދޫކޮށްލީ ފުން ނޭވާ އެކެވެ. "ކީއްވެ އީންއަށް ގެއްލުންދޭން މަސައްކަތްކުރީ؟..."

"ޖަޒުބާތުގަ ޖެހި އަހަންނަށް ހުރިހާ ގޯހެއްވެސް ހެދިއްޖެ..." ނަސީމް އިސްޖަހައިލިއެވެ. "އޭނަ އަހަރެން ކިޑްނެޕްކުރީ އަހަންނަށް ހަގީގަތް އެނގޭތީ.... ޒުލޭހާ އާ ޒަހުރާގެ މަރުގެ ޒިންމާ އަހަރެންގެ ބޮލުގަ އެޅުވުމަކީ އޭނަގެ ރޭވުމެއް... އަހަންނަށް އޮތީ ދެގޮތް... އީން ކިޑްނެޕްކޮށް، އެމީހަކާ ހަވާލުކޮށްފަ، މަންމަމެންނާއެކީ ރާއްޖެއިން ބޭރަށް ދިޔުން... އަނެއްގޮތަކީ، އޭނަގެ އަތްދަށުން މަރުވުން..."

"ކީއްވެ އީން؟..." ކާވިންއަށް އަހައިލެވުނީ ޝަކުވާގެ ރާގެއްގައެވެ.

އީންއަށް ގެއްލުންދޭން އެކްސް މަސައްކަތް ކުރަމުންދާކަން އެނގުމުންވެސް ކާވިންގެ ހިތުގައި ރިއްސާލިއެވެ. ބަދަލުގައި އޭނައަށް ގެއްލުންދޭން ބުނި ނަމަވެސް، އެ އިހުސާސެއް ނުކުރެވުނީސްކަން ކާވިންއަށް ކަށަވަރު ވިއެވެ.

"ބުނެފީމެއްނު މި ހުރިހާ ކަމެއްގެ ފެށުމަކީ ތީއޭ... ކުރިން ދާރިޔާ، މިހާރު އީން..." ނަސީމް ތަންކޮޅެއް ބާރަށް ބުންޏެވެ. "އީން ކިޑްނެޕްކުރަން އަހަންނަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު... އެކަމަކު، އަހަރެން އެކަން ނުކުރީ ގަސްދުގަ... އަހަރެން ބޭނުންވީ، ކާވިންއާ ހަމައަށް ވާސިލުވާން...."

"ކިހިނެއް އެމީހަކަށް ނަސީމަށް ހުރިހާ ކަމެއް އެނގޭކަން އެނގުނީ؟..." އެތައް އަހަރުތަކެއްފަހުން، ނަސީމްގެ އާއިލާއަށް ގެއްލުންދިނީ ކީއްވެ؟..." ކާވިންގެ ސުވާލުތަކަށް ނިމުމެއް ނައެވެ.

"އަހަންނަށް ހެދުނު ޅައެއްޗަކީ، ސަރުކާރުގެ ތެރެއިން މައުލޫމާތު ހޯދުން... މިކަމުގަ އަޑީގަ ތިބީ، ވަރަށް ނުރައްކާތެރި ބައެއް..." އިންޒާރެއް ދޭ ފަދައިން ނަސީމް ބުންޏެވެ. "އެނގެން ނުވާވަރަށް އަހަންނަށް މައުލޫމާތު ހޯދުނީ..."

"ކޮން މައުލޫމާތެއް؟..." ކާވިން ހިތުގައި ކުރިއަށްވުރެ ބޮޑަށް ޝައުގުވެރިކަން އުފެދުނެވެ.

"ކާވިންގެ ބައްޕަ ހެދި އެކްސްޕެރިމެންޓްތަކަކީ، އެމީހެއްގެ ޚިއްސާ އޮވެގެން ހެދި އެކްސްޕެރިމެންޓްތަކެއް... ތި ތަޅުދަނޑިއަކީ، އަހަރެން ހޯދާފަހުރި ސިއްރު ލިޔުންތައް ރައްކާކޮށްފަ ހުރި ތަނުގެ ތަޅުދަނޑި.... އެތަނުގަ ހުންނާނެ ހެއްކަށް ފުދޭނެ ހުރިހާ ލިޔުމެއް.... އަހަރެން ހެދި ހުރިހާ ރިޕޯޓުތަކާ، ނެގި ހުރިހާ ތަސްވީރެއްވެސް ހުންނާނެ.... ތި މަގާމުގަ ހުރެގެން ހެކި ހޯދަން، އަހަރެން ހޯދާފަ ހުރި ލިޔުންތައް ފުދޭނެ... އަހަރެން މިދެއްކި ވާހަކަ ކާވިންއަށް ގަބޫލުކުރެވޭ ވަރަށް ހެކި ހުންނާނެ..."

ނަސީމް ދެން ދިނީ، ސިއްރު ލިޔުންތައް ރައްކާކޮށްފައި ހުރި ތަނުގެ މައުލޫމާތެވެ. ލިޔުންތައް ހުރީ ނަސީމްގެ ގޭގައި، އޭނާގެ ކޮޓަރީގައިވާ ސިއްރު ކަބަޑެއްގެ ތެރޭގައެވެ. އެ ކަބަޑު ހުންނަ ބައި ހުޅުވޭނެ ގޮތްވެސް ނަސީމް ކިޔައިދިނެވެ.

ކާވިންއަށް ތަޅުދަނޑީގައި ހިފައި ބާރުކޮށްލެވުނެވެ. އޭނާ ތެދުވެގެން ދަމުން ނަސީމްގެ ކޮނޑުގައި މަޑުމަޑުން ޖަހައިލިއެވެ.

********

ކޮޓަރިއަށް ވަންގޮތަށް އީން ގުޅީ އަސޫމީ އަށެވެ. ދެތިން ރިންގާއިއެކު، އަސޫމީ ފޯނު ނެގިއެވެ. އަސޫމީގެ އަޑުގައި ބަލިގޮތެއް ހުއްޓެވެ.

"ދަރިފުޅާ... އަވަހަށް މަންމަ ކައިރިއަށް އާދޭ..." އީންއަށްވުރެ ކުރިން އަސޫމީ ވާހަކަ ދައްކަން ފެށިއެވެ.

"މަންމަ ކީއްވެ އެވަރުގެ ކަމެއް އަހަންނަށް ސިއްރުކުރީ؟..." ޝަކުވާގެ ރާގެއްގައި އީން ބުންޏެވެ.

އަސޫމީ ހުއްޓުން އެރިއެވެ. ބުނާނޭ އެއްޗެއް ނޭނގިފައި އޭނައަށް ހުރެވުނީއެވެ. އީންއަށް ހަގީގަތް އަންގަންޖެހޭ ދުވަސް އައީކަން އަސޫމީއަށް އެނގުނެވެ.

"މަންމާ!... އީން އެބަ ސުވާލެއް ކުރަމޭ..." އީން ތަންކޮޅެއް ބާރަށް ބުންޏެވެ.

"މަންމަ ހުރިހާ ވާހަކައެއް ކިޔައިދީފިއްޔާ ދަރިފުޅު އެނބުރި މަންމަ ކައިރިއަށް އަންނާނަންތަ؟..." އަސޫމީ ބޭނުންވީ، ކޮންމެ ގޮތަކުން ވިޔަސް، އީން އޭނަގެ ކައިރިއަށް ގެންދާށެވެ.

"މަންމަ އަދިވެސް ތިއުޅެނީ ކަންކަން ސިއްރުކުރަންތަ؟..." އީން ހިތްހަމަނުޖެހުނެވެ. "މަންމަ އަހަންނަށްވުރެ ބޮޑަށް ދާރިޔާދެކެ ލޯބިވާތީތަ، ތިހެން ތި ކަންތައް ކުރަނީ؟..."

"ދަރިފުޅާ!..." އަސޫމީ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.

"އީންއަށް އެނގިއްޖެއޭ ދާރިޔާއަކީ އީންގެ ދައްތަކަން... އެކްސް ދާރިޔާ މަރާލިކަންވެސް..." އީން ފޮރުވާކަށް ނޫޅުނެވެ. "އެކަމަކު، އީންއަށް ނޭނގިގެން މިއުޅޭ އެއްޗަކީ، މަންމަ ކަންތައް ކުރި ގޮތް.... މަންމަ ކީއްވެގެންހޭ، އީންއަށް އެކަންތައް ސިއްރުކުރީ؟... ކީއްވެހޭ، އީންގެ ބައްޕައަކީ ކާކުކަން ބުނެނުދޭން ތިއުޅެނީ؟..."

އަސޫމީ ހުއްޓުން އެރިއެވެ. އީންގެ ހާލަތު ހުރިގޮތުން، އެވަގުތު، އަސޫމީ ބުނާ އެއްވެސް ގޮތެއް ނަހަދާނެކަން އޭނާއަށް އެނގުނެވެ. ވިސްނައިދޭން އުޅުނަސް، އެފަދަ ކަންކަމުގައި އީން ގޮތެއް ދުލެއް ނުކުރާނެކަން އަސޫމީއަށް އެނގެއެވެ. ބޭކާރު ކަމެއް ކުރުމުގެ މާނައެއް އަސޫމީއަކަށް ނުވިސްނުނެވެ.

"ދަރިފުޅު ހަމަޖެހިލައިގެން މަންމައަށް ގުޅާލާ..." އަސޫމީ އުޅުނީ ފޯނު ކަނޑައިލާށެވެ.

"މަންމަ ކޮންމެ ފަހަރަކު ހަދަނީ ތިހެންނޭ... އީންގެ ބައްޕައަކީ ކާކުކަން ބުނެފަ ނޫނީ، މަންމަ ފޯނު ބާއްވައިގެން ނުވާނެ..." އީން ވާހަކަ ދެއްކީ، ހަރުކަށި ރާގަކަށެވެ.

އެއީ ދުވަހަކުވެސް އީން އަސޫމީ އާއި ވާހަކަދެއްކި ރާގެއް ނޫނެވެ. އަސޫމީގެ ހިތް ކުދިކުދިވިއެވެ. ދެލޮލުގެ ކޮއި ފަދައިން ލޯބިވާ ދަރިފުޅު ގެއްލިއްޖެކަމުގެ އިހުސާސް އޭނައަށް ކުރެވުނެވެ.

"އެންމެ ރަނގަޅު... ހަގީގަތް އެނގޭހާ ހިއްވަރު ދަރިފުޅުގެ ގައިގަ އެބަހުރިތަ؟..." ކަށިން ނެތް ހިއްވަރު ނެރެގެން އަސޫމީ ސުވާލު ކުރިއެވެ.

"އީން މީ މިހާރު ބޮޑު މީހެކޭ... މަންމަ ކީއްވެތަ އަބަދު އީން ކުޑަކުއްޖަކަށް ހަދަން މަސައްކަތް ތިކުރަނީ؟... ކޮންމެ ހަގީގަތެއް އެނގުނަސް، އީން މާ ހިއްވަރުގަދަވާނެ... މަންމައަށް ވުރެވެސް..." އީން ބުންޏެވެ.

"އެންމެ ރަނގަޅު... މަންމަ މި ފޮނުވަނީ ބައްޕަގެ ތަސްވީރެއް..." އަސޫމީ ފޯނު ކަނޑައިލިއެވެ.

އަސޫމީ ބުނި ފަދައިން އީންގެ ފޯނަށް ތަސްވީރެއް ލިބުނެވެ. ތަސްވީރު ހުޅުވައިލާނެ ހިއްވަރު ނުލިބިފައި އީން އިރުކޮޅަކު ހުއްޓެވެ. ބައްޕައަކީ ކާކުކަން އެނގޭ ހިސާބުން ދެން ކަންތައް ވާނީ ކިހިނެއް ހެއްޔެވެ؟ އެމީހަކާއި ކުރިމަތިލުމުގެ ހިއްވަރު އީންގެ ގައިގައި ހުރެދާނެ ހެއްޔެވެ؟

އީން އެ ތަސްވީރު ހުޅުވައިލުމުގެ ކުރިން އަސޫމީ ގުޅިއެވެ. ފޯނު ނަގައި އިސްޕީކަރަށް ލާފައި، އަސޫމީ ފޮނުވި ތަސްވީރު އީން ހުޅުވައިލިއެވެ.

"ދަރިފުޅުގެ ބައްޕައަކީ..." އަސޫމީއަށް ބުނެވުނީ އެހިސާބަށެވެ.

އީންގެ ކޮޓަރި ދޮރުގައި މީހަކު ޓަކި ޖަހައިލި އަޑު އިވުނެވެ. އަސޫމީގެ ކައިރީގައި މަޑުކޮށްލުމަށް އެދިފައި، އީން ގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައި ހުރި މީހަކު ފެނުމާއިއެކު، އީންގެ އަތުން ފޯނު ދޫވެގެން ވެއްޓުނެވެ. ފޯނު ތަޅައިގެން ގޮސް، ފޯނުގެ އެތިކޮޅުތައް އެކި ހިސާބުތަކަށް ބުރައިގެން ދިޔައެވެ.

"ހެލޯ އީން..."

(ނުނިމޭ)

ކޮމެންޓް 0