"އީން... އޭތް، ދޫންޏާ، ހަމަޖެހިބަލަ..." ޔުނާން ގޮވާލި އެވެ.
އީން ނުހުއްޓުނެވެ. އެދިޔަ ގޮތަށް މޫދަށް އެރުނު ތަން ފެނި، ޔުނާންގެ ހިތް ހީވީ ބޭރަށް ފުންމައިލި ހެންނެވެ. ދެ ފަޔަށް ލެވުނުހާ ބާރެއް ލާފައި އޭނަ އީން އާއި ދިމާއަށް ދުއްވައިގަތެވެ.
"އައި ވިލް ސޭވް ޔޫ... އަމިއްލަ ފުރާނަ ޤުރުބާން ކޮށްގެން ވެސް އީން ސަލާމަތް ކުރާނަން..." ޔުނާން އޭނާގެ އަމިއްލަ ނަފުސަށް ވައުދު ވިއެވެ.
********
ޔުނާންއަށް އީން އާއި ހަމައަށް ދެވުނުއިރު، ދެ މީހުން ތިބީ ފުދޭ ވަރަކަށް ދުރުގައެވެ. ލޮނުގަނޑު ހުރީ، އެކަކު އަނެކެއްގެ މެޔާ ހަމައަށެވެ. ޔުނާން ލަސްކުރާކަށް ނަހަދައެވެ. އީންގެ ފުރަގަހުގައި ހުރެފައި، އީންގެ ދެ އަތުގެ ދަށަށް އަތް ލައްވައިލިއެވެ. އެއަށްފަހު، އީންގެ ހަށިގަނޑު މައްޗަށް އުފުލައިލިއެވެ. ޔުނާން ދެން އެނބުރުނީ، އެއްގަމާއި ދިމާއަށެވެ. އީން ސިހިފައި ތެޅިގަތް ގޮތަކުން ދެ މީހުން އެކުގައި ލޮނުގަނޑުގެ ތެރެއަށް ވެއްޓުނެވެ.
ވެއްޓުނު ބާރުމިނުގައި އީން ތެދުވިއެވެ. މޫދުގައި އުޅެން އީން ފަރިތައެވެ. ޔުނާން އޮތީ، ނުތެދުވެވިފައެވެ. ފުދޭވަރަކަށް ފުން ހިސާބަކަށްވެފައި، ވެއްޓުނު ގޮތަކުން އޭނައަށް ފުދޭވަރަކަށް ލޮނުވެސް ބޮވުނެވެ. އީން ނުނެގިނަމަ، ޔުނާންގެ ފުރާނައަށް ނުރައްކާވީހެވެ. އޭނާ ހަމައަކަށް އެޅުނީ، އީން އެތައް ގޮތެއް ހަދައިގެންނެވެ. ދެތިން ފަހަރު ކެއްސައިލާފައި، ހަށިގަނޑުގެ ތެރެއަށް ދިޔަ ލޮނުގަނޑު ބޭރުކޮށްލެވުމުންނެވެ. ޔުނާންއަށް ހަމަހޭވެރިކަން ވުމާއިއެކު، ތެޅިގަތެވެ. އަމިއްލަ ނަފުސަށްވުރެ ބޮޑަށް، އޭނާއަށް އިސްކަމެއް ދެވުނީ އީންއަށެވެ. އަނެއްކާވެސް އީންގެ ގައިގައި ހިފެހެއްޓިއެވެ.
"ދޫކޮށްލަބަލަ..." އީން ގަދަހެދީ، ޔުނާންގެ ކައިރިން ސަލާމަތް ވުމަށެވެ. "ކިހިނެއް ވެގެންތަ ޔުނާން ތިއުޅެނީ؟..."
"ނުކުރާނަން ދުލެއް... ތިއުޅެނީ ގޯސް ކަމެކޭ ކުރަން..." ޔުނާން ދެކޮޅު ހެދިއެވެ.
"ޔުނާންގަނޑާ ދޫކުރާށޭ..." އީން ހަޅޭއްލެވިއެވެ.
"އީން އާ ނުލާ އަހަރެން އުޅޭނީ ކިހިނެއް؟... އަމިއްލައަށް މަރުވުމަކީ ހާދަ ބޮޑު ފާފައެކޭ... ސުވަރުގޭގެ ވަސް ވެސް އެ މީހަކަށް..." ޔުނާން އުޅުނީ އީންއަށް ވިސްނައިދެވޭތޯއެވެ.
އީން ކުއްލިއަކަށް ހޭން ފެށިއެވެ. ހީހީ، ލޮލުން ފެން އައި އިރުވެސް، ހުއްޓައެއް ނުލިއެވެ. ޔުނާން ހައިރާންވެފައި އީންގެ މޫނަށް ބަލަން ހުއްޓެވެ. އޭނަ ހީކުރީ، އީން މޮޔަވީ ކަމަށެވެ.
ހީހީފައި އީން ދައްކައިލީ އެދިމާއަށް އަންނަމުންދިޔަ ލަކުޑި ފޮއްޓެކެވެ. އީން މޫދަށް އެރުނީ، އެ ފޮށި ނަގަން ކަން އެނގުމުން ޔުނާން ލަދުން މަރުނުވީ ކިރިޔާއެވެ. ދެއްކުނު ވާހަކައިގެ މޮޔަކަށް އިހުސާސްވުމުން، އަމިއްލަ ނަފުސަށް އަޑުލިއެވެ. އޭނަ އަވަހަށް އީންގެ ގައިން ދޫކޮށްލިއެވެ.
"މޮޔަ މީހާ!..... އަހަރެން އެބައުޅެންތަ އަމިއްލައަށް މަރުވާން....." އީން ހީގަނެފައި، ޔުނާންގެ ގައިގައި ޖަހައިލިއެވެ.
ހިތުގެ އިހުސާސްތައް ފޮރުވަން އީން ވަރަށް ވެސް ކުޅަދާނައެވެ. ކިތަންމެ ދެރަވިޔަސް، އެހެން މީހުންގެ ކުރިމަތީގައި އެކަން ނުދައްކާވޭތޯ އީން އަބަދުވެސް މަސައްކަތް ކުރެއެވެ. އެކަމަކު ކާވިން ކަންތައް ކުރިގޮތުން އޭނަ މާ ބޮޑަށް ހިތުގައި ޖެހުނީއެވެ. ނުރޯން ހިއްވަރުކޮށްގެން ހުއްޓަސް، ރޮވުނީއެވެ. އެކަމާއި އޭނަ ހުރީ ލަދުގަނެފައެވެ.
"އީން ރުއީމަ އަހަރެން ހާސްވީއޭ..." ޔުނާން ބޯ ކަހައިލިއެވެ. "މީހަކު އެއްޗެއް ބުނާއިރަށް ރޯ ވަރަށްވުރެ، ސްޓްރޯންގް ކުއްޖެއް ތީ... ދެން އެހެން ހަދައިގެން ނުވާނެ...."
"އަހަރެން ކީއްވެތަ އަމިއްލައަށް މަރުވާންވީ؟... އަހަންނަށް ކޮން ކަމެއް އުނިވަނީ؟... ހުރިހާ އެންމެން އަހަރެންދެކެ ލޯބިވޭ.... އެކަކުވެސް އަހަރެންދެކެ ރުޅިއެއް ނާންނާނެ... ދެން ކީއްވެ އަމިއްލައަށް މަރުވާވަރުގެ ކަމެއް ކުރަންވީ؟... އެ ކާވިންގަނޑު... އުހޫނ... އެންގްރީބާޑްގަނޑާ ހެދި؟... ނޯ ނޯ... ނެވަރ..." އީން އަނެއްކާ ވެސް ފެށީ ހޭށެވެ. ހެމުންދިޔައިރު އެ ދެ ލޯ ފެންކަޅިވަމުން ދިޔައެވެ. ކާވިން ކަންތައް ކުރިގޮތުން އޭނަ ހުރީ، އިންތިހާއަށް ދެރަވެފައެވެ.
ޔުނާންގެ ކުރިމަތީގައި މާގިނައިރު މަޑު ކުރަން ބޭނުން ނުވާތީ، އީން އެ ފޮއްޓާއި ދިމާއަށް ފަތައިގަތެވެ. ޔުނާން އޭނާގެ ދެ އަތުން ލޮނުގަނޑުގައި ޖެހިއެވެ. ކުރެވުނު މޮޔަ ކަމަކުން، އޭނަގެ ސިކުނޑި ވަނީ ސުމަކަށް ގޮސްފައެވެ. އޭނަ ހީކުރީ، އީން އަމިއްލައަށް މަރުވަނީ ކަމަށެވެ. އެ ބިރުވެރިކަމުގައި، އޭރުވެސް އޭނާގެ ހިތް ހަމައަކަށް ނޭޅެއެވެ. އަނެއްކޮޅުން އޭނާ ދެއްކި ވާހަކައިން އީންގެ ހިތަށް އަރާނެ އެއްޗެއް ނޭނގޭތީ، ޔުނާން ހާސްވިއެވެ. ހިތާއިހިތުން އަމިއްލަ ނަފުޞަށް އެތައް އެއްޗެއް ކިޔެވެ. ޔުނާންއަށް މޫދަށް އެރެވުނީ ފޯނާއިއެކު ކަންވެސް ހަނދާންވީ، ޖީބުގައި އޮތް ފޯނު "ވައިބްރޭޓް" ވިހެން ހީވުމުންނެވެ.
ޔުނާން ފޯނު ނެގިއިރު، ބޭރުފުށުން އެއްވެސް ކަމެއް ވެފައެއް ނެތެވެ. އެއީ އެންމެ ފަހުގެ ފޯނެކެވެ. އޭނަ އެ ބޭނުން ކުރަން ފެށިތާ އަދި ހަފްތާއެއް ވެސް ނުވެއެވެ. ފޯނު މައްޗަށް ނަގައިގެން ހުރެ، ޔުނާން އެއްގަމާއި ދިމާއަށް ހިނގައިގަތެވެ. އެއްގަމަށް އަރާފައި، ފޯނު ހުޅުވަން އުޅެއުޅެ ނުހުޅުވުމުން، ޔުނާންގެ ހިއްވަރު އެލުނެވެ. އޭނަ ވެލިގަނޑުގެ މަތީގައި ޖައްސާލާފައި ދެ ލޯ މަރާލިއެވެ.
ފޮށި ހިފައިގެން އީން އައި އިރުވެސް، ޔުނާން އޮތީ އެހެންނެވެ. ކައިރީގައި ފޯނު ބާއްވާލާފައި އޮތުމުން، އީންއަށް ކޮންމެވެސް ވަރަކަށް ވީގޮތް އެނގިއްޖެއެވެ. ފަހުގެ ފޯނުތަކަށް ފެން ނޭޅޭނެކަން އެނގޭތީ، އީން ހުރީ ހަމަޖެހިފައެވެ. އޭނަ ބޭނުންވީ، ޔުނާން އިތުރަށް ތަޅުވައިލާށެވެ.
"ހާދަ ދެރައޭ... އަހަރެންގެ މޮޔަކަމުން ޔުނާންގެ ފޯނުވެސް ހަލާކުވީއެއްނު..." ޔުނާންގެ ކައިރީގައި އިށީންނަމުން އީން ބުނީ، ހަމްދަރުދީގެ ރާގަކަށެވެ.
ޔުނާން ކުޑަކުޑަކޮށް ލޯ ހުޅުވައި، އީންއަށް ބަލައިލިއެވެ. އަނެއްކާވެސް ލޯ މަރައިލިއެވެ. އީން ދެއްކި ވާހަކަ އާއި ގުޅުވައިގެން ޔުނާން ވަކި އެއްޗެއް ނުބުނެއެވެ.
"އަހަރެން ފޯނެއް ގަނެދީފާނަމޭ..." ޖެއްސުމުގެ ރާގަކަށް އީން ބުންޏެވެ.
"އެހާވަރަށް އަހަރެންދެކެ ލޯބިވޭތަ؟..." ޔުނާން ލާނެތް ރާގަކަށް އަހައިލިއެވެ.
އޭނާ ތެދުވެ، އިށީންއިރު، ތުންފަތުގައި ވަނީ ލުއި ހިނިތުންވުމެކެވެ.
"އެއްވެސް ވަރަކަށް ނުވޭ..." އީން ބުންޏެވެ.
ޔުނާންގެ ލޮލުގައި އަޅައިގަތީ، އީންގެ އަތުގައި އޮތް ލަކުޑި ފޮށީގައެވެ. އީން ނުވިސްނާ އިންދައި، ޔުނާން އެ ފޮށި ދަމައިގަތެވެ.
"މި ބާއްވާ އަހަރެން އަތުގަ... މީގަ އޮވެދާނެ ކޮންމެ ކަހަލަ އެއްޗެއް ވެސް... ބޮމެއް ވެސް އޮވެދާނެ..." އެފަދަ ނާޒުކު ވަގުތެއްގައި ވެސް ޔުނާންއަށް ވިސްނުނީ އީން އާއި މެދުގައެވެ. ލާނެތް ރާގަކަށް އެހެން ބުނި ނަމަވެސް، ހަގީގަތަކީ، އޭނަ އިނީ އީންއަށް ކަމެއް ވެދާނެތީ ބިރުން ކަމެވެ.
"ބޮމެކޭ؟..." އީން ހީގަތެވެ.
ގަދަ އަވީގައި އިނުމުން، އީންގެ ދޮން ހަންގަނޑު ވަނީ ކޮންމެވެސް ވަރަކަށް ރަތްވެފައެވެ. ވަޔާއިއެކު، އޭނާގެ ތެމިފައިވާ އިސްތަށިގަނޑު މޫނަށް ގޯނާކުރަމުން ދިޔައެވެ. ހެމުން ދިޔައިރު، އީންގެ ހުދު ދަތްތައް ފެންނަމުން ދިޔައެވެ. ދެކޮލަށް އެޅިގެންދާ އަޑިކޮޅު ފެނި، ޔުނާންގެ ހިއްސުތައް މަސައްކަތްކުރުން ހުއްޓާލި ކަހަލައެވެ. އީންގެ އޮމާން މޫނަށް ބަލަން އޭނައަށް އިނދެވުނީ، އެސްފިޔަ ޖަހައިލަންވެސް ހަނދާންނެތިފައެވެ.
"ޔުނާންއެއްނު ބުނީ މިގައުމަކު ނޫޅޭނެއޭ ސީރިއަލް ކިލަރސްއިންނެއް... ދެން ކީއްވެ މީގަ ބޮމެއް އޮންނަންވީ؟..." ހުނުން ހުއްޓައިލާފައި އީންގެ ނަޒަރު ޔުނާންގެ މޫނަށް ހުއްޓައިލިއެވެ. "އެހެންނޫނަސް އަހަރެން ބިރެއް ނުގަނޭ..."
"މޫދުގަ އޮވެދާނެ ކޮންމެފަދަ ތަނަކުން އައިއްސަ ހުންނަ އެއްޗެއްވެސް..." ޔުނާން ބުންޏެވެ.
"ހިއެއްނުވޭ ތި ފޮށި މޫދުގަ އޮންނަތާ މާ ގިނަ ދުވަސްވެފަ އޮތްހެނެއް..." ފޮށްޓަށް ބަލައިލަމުން އީން ވާހަކަ ދެއްކިއެވެ. "ނެތެއްނު ފެހިކޮޅެއްވެސް ޖަހާލާފައެއް..."
އީން ބުނިހެން އެ ފޮށި، މާ ގިނަ ދުވަހު މޫދުގައި އޮތް ވައްތަރެއް ނުޖަހައެވެ. އޭގައި ހަރުކޮށްފައިވާ ތަޅުގައިވެސް ދަބަރުގެ ނިޝާނެއް ނެތެވެ.
"މޫދަށް އެއްލާލާ އެއްޗެއްގަ ތަޅު ހަރުކޮށްފަ މިއޮތީ ކީއްވެބާ؟..." ޔުނާން ވިސްނައިލިއެވެ. "މީ އަނެއްކާ..."
އީން އަށާއި ޔުނާންއަށް އެކަކު އަނެކެއްގެ މޫނަށް ބަލައިލެވުނީ އެކުއެކީގައެވެ. ދެ މީހުންނަށްވެސް ވިސްނުނީ، ކޮންމެވެސް ނުބައެއް އުޅޭކަމުގައެވެ.
********
ތަހުލީލު ކުރާ ބައިން އެންމެން ބައްދަލުކުރީ އީންއަށް ފެނުނު ފޮއްޓާއި އެކުގައެވެ. އީން އާއި ޔުނާން އައީ ފެންވަރައި ތާޒާ ވެލައިގެންނެވެ. އޭރު ކާވިން އާއި ނުހާމްގެ އިތުރުން ލަޔާންމެން ތިބީ ތަހުލީލުކުރާ ބައިގައެވެ.
އީން ފެނުމުން، ކާވިން އެ އަންހެންކުއްޖާގެ މޫނަށް އަވަސް ނަޒަރެއް ދިނެވެ. އަވީގައި އުޅުމުން، އީންގެ ދޮން ހަންގަނޑު ކުޑަކޮށް އަނދާފައިވީ ނަމަވެސް، އެ ރީތިކަން ފަނޑެއް ނުވެއެވެ. އީންގެ ނަޒަރު ކަސިޔާރުވެގެން ކާވިންގެ މޫނަށް ހުއްޓުނީ، އެންމެ ނުރައްކާތެރި ވަގުތުއެވެ. ދެ މީހުންގެ ހަތަރުކަޅި ބައްދަލުވީ ހިނދު، އީންގެ ގައިގައި ހުރި ލޯލިތައް ކޮޅަށްޖެހުނެވެ. ކާވިންގެ ތޫނު ދެލޯ އަމާޒުވެފައިވީ ސީދާ އީން އަށެވެ. އީން އިސްޖަހައިލިއިރު ވެސް، ކާވިންގެ ނަޒަރު އެ މޫނުން ވަކި ނުވެއެވެ.
"ކީއްވެ އެ ބަލަނީ؟.... އަހަރެން ސަލާމަތުން ފެނުނީމަ ހިތްހަމަނުޖެހިފަބާ؟... ނޫނީ އަހަރެން ރުއީމަ، މަލާމާތްކުރަނީތަ؟..." އީންއަށް ހިތާއިހިތުން ވާހަކަ ދައްކަން ފެށުނެވެ.
އީން މަޑުމަޑުން ޔުނާންގެ ފުރަގަހަށް ވަދެ، ކާވިންގެ ނަޒަރުން ސަލާމަތްވިއެވެ. އީންގެ ރަތްވެފައިވާ ދެ ލޯ ބުނެދިން ވާހަކަތައް ކާވިންއަށް އެނގުނު ކަހަލައެވެ. އަމިއްލަ ނަފުސު ކުށްވެރިކުރާ ހާލު، ކާވިންއަށް ހިންދިރުވައިލެވުނެވެ. ޖަޒުބާތުގައި ޖެހި، އޭނައަށް އީން އާއިމެދު ކަންތައް ކުރެވުނީ އެންމެ ރަނގަޅަށް ނޫންކަމަށް އޭނަ ގަބޫލު ކުރިއެވެ.
ފޮއްޓާއިބެހޭ މައުލޫމާތު ދިނީ ޔުނާންއެވެ. ނުހާމް ވަރަށް ރަނގަޅަށް ފޮށީގެ ވަށައިގެން ބެލިއެވެ. އެއަށްފަހު، އޭގެ ތަޅު ހަލާކުކޮށްލިއެވެ. ފޮށި ހުޅުވައިލުމާއިއެކު، އެންމެންނަށްވެސް ލިބުނީ ސިހުމެކެވެ. އޭގައި އޮތީ ވަޅި އަކާއި، މޫނުގައި އަޅާ ކަހަލަ މާސްކެކެވެ.
"މި ވެދާނެ އަހަރެމެން ތަހުގީގު ކުރަމުން މިދާ ކޭސްއާ ގުޅުންހުރި އެއްޗެއްސަށް ވެސް..." ކާވިން ވިސްނައިލާފައި ބުންޏެވެ. "ނުހާމް!... ރަނގަޅަށް ބަލާ، ތަހުގީގަށް ކޮންމެސް އަލިމަގެއް ފެންނާނެ..."
ތަހުގީގުތައް އަވަސްކުރުމުގެ ގޮތުން، ދެ ޓީމް ހެދުމަށް ކާވިން އެދުނެވެ. ވޭދަނައިގެ ކަންތައް ވީހާވެސް އަވަހަށް ކުރިއަށް ގެންގޮސް ނިންމައިލެވޭނީ އޭރުން ކަމުގައި ކާވިން ބުންޏެވެ. ޔުނާން ވަގުތުން އީންގެ ކައިރިއަށް ޖެހިލައިފިއެވެ.
"އަހަރެމެން ދެމީހުންގެ ޓީމް އެންމެ ފުރިހަމަ ވާނީ..." އީންއަށް އިވޭ ވަރަށް ޔުނާން ބުންޏެވެ.
"އަނެއްކާވެސް އެއްކަލަހެން އުޅެންތަ؟..." މޫދުގައި ދިމާވި ހާދިސާ ހަނދާންކޮށްލަމުން އީން މަޑުމަޑުން ހީގަތެވެ. ޔުނާން އީންގެ އަނގަމަތީގައި އަތް އަޅަން އުޅުނެވެ.
އީން އާއި ޔުނާންގެ ހަރަކާތްތައް ބަލަން ކާވިން ހުއްޓެވެ. އީން ވާހަކަ ދެއްކީ، ކިތަންމެ މަޑުން ނަމަވެސް އޭނައަށް އެ އަޑު އިވުނެވެ.
"ޔުނާން، ލަޔާން... ހޮސްޕިޓަލަށް ގޮސް، ޒުލޭހާއާ ގުޅުންހުރި މީހުންގެ ބަޔާންތައް ނަގާ..." ޔުނާން އަށާއި ލަޔާންއަށް އިޝާރާތްކޮށްލަމުން، ކާވިން ބުންޏެވެ.
އޭނަ ދެން ބަލައިލީ އީން އަށެވެ. އީން އެއްވެސް އެއްޗެއް ނުބުނެ އިސްޖަހައިގެން ހުއްޓެވެ. އީން އުއްމީދުކުރީ، އޭނައަށް ވެސް ކަމެއް ހަވާލު ކުރާނެ ކަމަށެވެ. އެކަމަކު، އޭގެ ފަހުގައި ކާވިން އެއްވެސް އެއްޗެއް ނުބުނެ އެވެ. އެތަނުން ނުކުމެގެން ދިޔައީ އީންގެ ހިތް މާޔޫސް ކުރުވާފައެވެ.
އީން ތުން ފިއްތައިލިތަން ފެނުމުން، ޔުނާންގެ އަތް މުށްކެވުނެވެ. ކާވިންދެކެ ރުޅި އައެވެ. ކާވިން ގަސްދުގައި އީން ދެރަވާގޮތަށް ކަންތައް ކުރަނީކަން އޭނައަށް އެނގުނެވެ. ތަހުލީލު ކުރާ ބައިން ނުކުމެފައި އީން ޖެހިލީ، ޔުނާންގެ ކައިރިއަށެވެ. އޭނަ ޔުނާންގެ އަތުގެ ތެރެއަށް ލައިދިނީ، ފޯނެކެވެ. އެއީ ޔުނާންގެ ފޯނުކަން އޭނައަށް އެނގުނީ އިސްކުރީނަށް ލާފައިވާ ތަސްވީރު ފެނުމުންނެވެ. ޔުނާން އޭނާގެ ދެ ލޯ ބޮޑުކޮށްގެން އީންއަށް ބަލަން ހުއްޓެވެ.
"އީންއަށް އެނގޭތަ ރިޕެއަރ ކުރަން ވެސް..." ޔުނާން ސުވާލު ކުރި އެވެ.
"މީ އީން އޭ... ހުރިހާ ކަމެއް ވެސް އީންއަށް އެނގޭނެ..." އީން އެހެން ބުނީ، ލާނެތް ރާގަކަށެވެ.
ހަގީގަތަކީ ޔުނާންގެ ފޯނު އޮތީ، ޗާޖު ގޮސްގެން ނިވިފައި ކަމެވެ. އީން އެ ފޯނު ގެންގޮސް ރީތި ފެންފޮދަކުން ދޮވެ، ހިއްކައިލާފައި، ޗާޖު ކުރީއެވެ. ޔުނާންގެ މޮޔަ ކަމާއިމެދު ހެމުން، އީން ގޮސް ތަހުގީގު ކުރާ ބައިގެ ދޮރު ހުޅުވައިލިއެވެ. އީން ލައިގަތީ، އެތެރޭގައި ހުރި ކާވިންގެ ގައިގައެވެ. އެހާ އަވަހަށް ކާވިން އެތަނަށް ދިޔަ ގޮތެއް އީންއަކަށް ނުވިސްނުނެވެ. އީން އުޅުނީ އެތަނުން ނުކުންނާށެވެ. ކާވިން ގޮވައިލުމުން، އޭނާގެ ފިޔަވަޅުތައް ހުއްޓިއްޖެއެވެ.
"އީން މަސައްކަތް ކުރާނީ އަހަންނާ އެކީ... ލިޔެކިޔުންތައް ފުރިހަމަ ކޮށްލެވޭނެހެން އެއްޗެހިތައް ތައްޔާރުކޮށްލައިގެން އާދޭ... އަހަރެން މަޑުކޮށްލާނަން ކާރުގަ..." ކާވިން އޭނާގެ ފަހުޖުމްލަ ބުނެފައި ދޮރާއި ދިމާއަށް ހިނގައިގަތެވެ.
އީންއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބުނެވެ. ދޮރާ ހަމައަށް ގޮސްފައި، ކާވިން އީންއަށް ބަލައިލިއެވެ. އީން ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ކާވިން ބުނި އެއްޗެއް ގަބޫލު ނުކުރެވިފައި ކަހަލަ ގޮތަކަށެވެ. ވާނީވެސް އެހެންނެވެ. ކާވިން އެންމެ ރުޅި އަންނަ މީހަކީ އީން އެވެ. ކޮންމެ ކަމެއްގައިވެސް ތަފާތުކުރުން ގެންގުޅެއެވެ. ވީއިރު، ކުއްލިއަކަށް އީން އޭނާގެ ޓީމަށް ލީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އެއީ ބަދަލު ހިފުމުގެ ރޫހެއްގައި ކާވިން ކުރި ކަމެއް ހެއްޔެވެ؟ އެހެންވެއްޖެނަމަ، ސަލާމަތްވާނެ ހިއްވަރު އީންގެ ކިބައިގައި ހުރެދާނެ ހެއްޔެވެ؟
ކާވިން ބަލައިލުމުން، އީން އަވަހަށް ނޫންކަމަށް ހަދާލާފައި، ސީލިންގަށް ނަޒަރު ހުއްޓައިލިއެވެ.
ކާވިން ނުކުތުމުން، އީންއަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. ކާވިން އޭނަދެކެ އެހާ ނަފުރަތު ކުރާއިރު، އެއްކޮށް މަސައްކަތް ކުރަން ބޭނުންވުމުން، ޖެހިލުންވާން ފެށިއެވެ. އޭގެ ފަހަތުގައި ފޮރުވިފައިވާ ކޮންމެވެސް ސިއްރެއް ވާނެއެވެ. އީން ވީ ފޫއްސަކުން ދެފަރާތަށް ބޯ ހޫރައިލިއެވެ. އޭނަ ކުދި ކިޔަމުން ގޮސް، ލެޕްޓޮޕާއި، ކުޑަ ނޯޓު ފޮތެއް ދަބަހަކަށް ލިއެވެ. އޭގެ ތެރެއަށް ތަހުގީގަށް ބޭނުންވާނޭ ހުރިހާ އެއްޗެއް އަޅައިގެން، ބޭރަށް ނުކުތްއިރު، ޔުނާން އާއި ލަޔާން ވެސް ކާރުގައި ނައްޓާލައިފިއެވެ.
********
އީން އާއި ކާވިން އެމީހުންގެ މަންޒިލާއި ހަމައަށް ދިޔައިރު، އިރުއޮއްސި އަނދިރި ވެއްޖެއެވެ. ކާވިން ކާރު ޕާކު ކޮށްލާފައި އަންނަންދެން އީން ހުރީ، ފެހިޒާދީ ގޭގެ ދޮރުމަތީގައި މަޑުކޮށްލައިގެންނެވެ. ފެހިޒާދީ ގެއަކީ، ހަމްދޫނާ އާއި އިގްބާލު ދިރިއުޅެމުން އަންނަ ގެއެވެ. ނިޔާމާ އަކީ، އެ ދެމަފިރިންގެ ދަރިއެވެ.
އީން އެތަނުގައި ހުންނަތާ މާ ގިނައިރެއް ނުވެއެވެ. ގޭތެރެއިން ކޮންމެވެސް މީހަކު ވަރަށް ބާރަށް ދުވެފައި ބޭރަށް ނުކުތެވެ. އެ މީހަކު އެއައި ބާރުމިނުގައި ލައިގަތީ، ދޮރުމަތީގައި ފުރަގަސްދީގެން ހުރި އީންގެ ގައިގައެވެ. އެފަދަ ކަމަކަށް ނުވިސްނާ ހުރުމުން އީން ދިޔައީ ސިއްސައިގެންނެވެ. އޭނާ ހުރިގޮތަށް ބަނޑުވަތަށް ވެއްޓުނެވެ. އެ މީހަކު ވެސް ވެއްޓުނެވެ. އެއާއިއެކު، އިވުނީ އެއްޗެހިތަކެއް ފައިބައިގަތް އަޑެވެ.
ވެއްޓި ޖެހުނުގޮތަކުން އީންގެ ދެ ކަކުލާއި، އުޅަނބޮށި އަދި ދަތްދޮޅިއަށް އަނިޔާ ވިއެވެ. ބައެއް ތަންތަން ވަރަށް ބޮޑަށް މަށައިގެން ދިޔައެވެ. ވަމުންދިޔަ ތަދަކަށް ބެލުމެއްނެތި، އޭނައަށް ފުރަތަމަ ވެސް ބަލައިލެވުނީ، އެ މީހަކު ކޮބައިތޯއެވެ. އޭރު އޭނާގެ ފަހަތުގައި ވެއްޓިފައި އޮތް މީހާ ތެދުވަނީއެވެ. އީންގެ ދެ ލޯ ބޮޑުވިއެވެ. ބިރުން މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ.