"އަހަރެން ފުރުސަތު ދިނީމަ އޭގެ މާނަ އޮޅުވާނުލާ... ކާވިން ބޭނުންވާހާ އެއްޗެއް ކިޔުމުގެ ހުއްދަ އަހަރެން ނުދެން..." ވަޖީހުގެ މޫނުމަތި ބަނަވިއެވެ.
"ހުރިހާ ކަމެއްވީ އަހަރެންގެ ސަބަބުން... ބަދަލުހިފަން ބޭނުންވަނީ އަހަރެންގެ ކިބައިންނެއްނު... އީންގެ ކުށެއް ނެތް... އޭނަ ދޫކޮށްލާ..." ކާވިން ބުންޏެވެ.
"އަހަރެން ހީކުރީ ކާވިން ދައްކާނީ އަހަރެން ވަރަށް ޝައުޤުވެރިވާ ކަހަލަ ވާހަކައެއް ކަމަށް..." ވަޖީހު ތެދުވިއެވެ. "އެންމެ ރަނގަޅު... އަހަންނާ އީންއާ ދޭތެރޭ އޮތީ ކޮންކަހަލަ ގުޅުމެއްކަން އެނގެން ބޭނުންތަ؟..."
********
ވަޖީހުގެ ފަހު ޖުމްލަ އާއިއެކު، ކާވިން ހިމޭންވިއެވެ. އެއްޗެކޭ ބުނަން އުޅެފައިވެސް މަޑުކޮށްލަން ކާވިންގެ ޒަމީރު އެދުނީ ކީއްވެ ކަމެއް ނޭނގުނެވެ. ވަޖީހަށް އޭނަ ކުޑަކޮށްވެސް އިތުބާރެއް ނުކުރެއެވެ. އެހެނަސް، ވަޖީހްގެ ދެލޮލުން ފެނުނު އަސަރުތަކެއްގެ ސަބަބުން، އޭނާ ބުނަން އުޅޭ އެއްޗަކަށް އިތުބާރު ކުރަން ކާވިންގެ ޒަމީރު އެދުނެވެ.
"އީންއަކީ އަހަރެންގެ ދަރިއެއް..." ވަޖީހް ވަރަށް ހަމަޖެހިލާފައި ބުންޏެވެ.
"އޭނ؟..." ކާވިންއަށް ލިބުނު ސިހުމުގައި އިންތަނުން ތެދުވެވުނު ގޮތްވެސް ނޭނގުނެވެ.
"އާނ... ތި އަޑު އިވުނީ ރަނގަޅަށް... އަހަންނަކީ އީންގެ ބައްޕަ..." އަޑަށް ބާރުލާފައި ވަޖީހް ބުންޏެވެ. "އީން ހުރީ އަހަރެންގެ ގޭގަ، އަހަރެންގެ ހިމާޔަތުގެ ދަށުގަ...."
ނޭވާ ލާންވެސް ހަނދާންނެތިފައި ކާވިން ހުއްޓެވެ. ވަޖީހް ބުނީ ތެދެއްކަން އެނގުނު ނަމަވެސް، އެ ވާހަކަ ގަބޫލު ކުރަންވީތޯ ކާވިންއަށް ހިތާއި ހިތުން ސުވާލު ކުރެވުނެވެ. އީންއަކީ ވަޖީހުގެ ދަރިއަކަށްވާނަމަ، ދާރިޔާ އަކީވެސް ވަޖީހުގެ ދަރިއެއް ހެއްޔެވެ؟ އަމިއްލަ ދަރިއަކު މަރާލަން ވަޖީހަށް ހިތްވަރު ލިބުނީ ކިހިނެއް ހެއްޔެވެ؟ ހަމައެކަނި އެކަމުން ނިމުނީކީ ނޫނެވެ. އީންއަށް ގެއްލުން ދޭން މަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟ އެހާދުވަހު ފިލައިގެން އުޅެފައި މިއަދު ހަގީގަތް ހާމަކުރުމުގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ ދާރިޔާއެކޭ އެއްގޮތަށް، އީން ދުވަހަކުވެސް އޭނާގެ ބައްޕަގެ ވާހަކައެއް ނުދައްކައެވެ. ސަބަބަކީ އެއީ ހެއްޔެވެ؟ ކާވިންގެ ހިތް ސުވާލުތަކުން ފުރުނެވެ.
"އަހަންނަށް ކިހިނެއް އެނގެނީ ތި ހަދަނީ ތެދެއްކަމެއް..." ކާވިން ހުރީ، ޝައްކުގެ ނަޒަރަކުން ވަޖީހުގެ މޫނަށް ބަލަހައްޓައިގެންނެވެ.
"ގަބޫލު ކުރިޔަސް، ނުކުރިޔަސް، ހަގީގަތަކީ މީ..." ވަޖީހް ބުންޏެވެ.
"އަހަރެން ބޭނުން އީންއާ ބައްދަލުކޮށްލަން..." ކާވިން އެދުނެވެ.
"ނުވާނެ ތިކަމެއް..." ވަޖީހް ފާޅުގައި ދެކޮޅު ހެދިއެވެ.
"އެހެންވިއްޔާ، ތީ އީންގެ ބައްޕަކަން ޔަގީންކޮށްދީ..." ކާވިން ގޮތެއް ދުލެއް ނުކުރިއެވެ.
"ބުނެފީމެއްނު، އަހަރެން ނުޖެހޭނެއޭ އިތުރު މީހަކަށް މިކަން ޔަގީންކޮށްދޭކަށް..." ވަޖީހް ރުންކުރުވާގޮތް ވިއެވެ.
"އަހަރެން މީ ފުލުހެއް... އަހަންނަށް މުހިއްމު ވާނީ ހެކި..." ކާވިން ބުންޏެވެ.
ވަޖީހު އޭނާގެ އަތުގެ އިޝާރާތުން ކާވިން ހުއްޓުވުމަށް ދުރުގައި ތިބި، ފުލުހުންގެ ކައިރީގައި އެދުނެވެ. ފުލުހުން އައިސް ހިފެހެއްޓުމުން، ކާވިން އެމީހުން ފޮޅުވައިލިއެވެ. ވަޖީހް ގޮސް، ނުކުންނަންދެން ބަލަން ކާވިން ހުއްޓެވެ. އޭގެފަހުގައި އޭނަ ހިނގައިގަތީ، ވަޖީހުގެ ގެއާއި ދިމާއަށެވެ.
********
ރޭގަނޑުގެ ވަގުތެވެ. ޒުބޭދާ ނިދިކަން ޔަގީންކުރުމަށްފަހު، އީން އޭނާގެ ކޮޓަރިން ނުކުތެވެ. ފަހަރަކު ކޮޓަރިއެއް ހުޅުވަމުންދިޔަ އީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވީ، ތަޅުލާފައި ހުރި ކޮޓަރިއަކާއި ދިމާވުމުންނެވެ. އީން އޭނާގެ ބޮލުގެ އިސްތަށިގަނޑުގައި ޖަހާފައިވާ ދަތި ނަގައި ތަޅުވަޅަށް ކޮއްޕައިލިއެވެ. ތަޅު ހުޅުވައިލަން އީންއަށް އުނދަގޫ ކަމަކަށް ނުވިއެވެ. ހުޅުވިގެންދިޔަ ދޮރާއިއެކީ އިވިގެން ދިޔައީ، ކުރަކި އަޑެކެވެ. ޒުބޭދާ އައިސްދާނެތީ އީން ކުޑަ އިރުކޮޅަކު މަޑުކޮށްލިއެވެ. މީހެއްގެ ހިލަމެއް ނުވުމުން، އީން އެ ކޮޓަރިތެރެއަށް ދެމިގަތީ މަޑުމަޑުންނެވެ. މާހައުލަށް ވެރިވެފައިވަނީ ފަނޑު އަލިކަމެކެވެ. އީންގެ ދެލޯ އެކި ދިމަދިމާއަށް ދަތުރު ކުރަމުން ދިޔައެވެ. އެއީ ވަޖީހުގެ ކޮޓަރިކަން އީންއަށް ޔަގީންވީ، އަލަމާރީގައި ހުރި އަންނައުނުތައް ފެނުމުންނެވެ.
"އަހަރެން މިތަނަށް ގެނައުން އެއީ ވަޖީހަށް ހެދުނު އެންމެ ބޮޑު ގޯސް..." އީންގެ ދަތްތަކަށް ބާރުވެގެން ދިޔައެވެ.
ފަހަރަކު ތަނެއް ބަލަމުންދިޔަ އީންގެ ހަރަކާތްތައް ހުއްޓުނީ، އެނދުގެ ބޯލާކޮޅުގައި ބަހައްޓާފައިވާ ފޮޓޯ ފްރޭމްތައް ފެނުމުންނެވެ. ފަހަރަކު ފްރޭމެއް ނަގައިގެން އީން އޭގައިވާ ތަސްވީރުތައް ބަލަމުން ދިޔައެވެ. ވަޖީހާއި އަސޫމީ ކައިވެނީގެ ހެދުމުގައި ނަގާފައިވާ ތަސްވީރުތަކުގެ އިތުރުން، އަސޫމީ ވިހައިގެން އޮއްވައި ނަގާފައިވާ ތަސްވީރުތަކެއްވެސް ފްރޭމަށް ލާފައި ހުއްޓެވެ. ތުއްތު ދެ ކުދިން ކައިރިއަށް ލައިގެން އަސޫމީ އޮއްވައި ނަގާފައިވާ ތަސްވީރު ފެނުމުން، އީންގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. އެ ތަސްވީރުގައި އީންއަށް ފިރުމައިލެވުނެވެ.
"ދާރިޔާ!..." އީންއަށް ހިތާއިހިތުން ބުނެވުނެވެ.
ތަސްވީރުގައިވާ ދެކުދިންގެ ތެރެއިން އެއްކުއްޖަކީ ދާރިޔާކަން އީންއަށް އެނގުނެވެ. ދާރިޔާ ދުނިޔޭގައި ހުރިނަމަ، ކިހާ އުފާވެރިވީސް ހެއްޔެވެ؟ އަމިއްލަ ދައްތައަކު ހުރިކަން އީންއަށް އެނގުނީ، އެ ދައްތަ މަރުވެދިޔަ ފަހުންނެވެ. އިންސާފަކީ ކޮބައި ހެއްޔެވެ؟
ޖަޒުބާތުގައި ޖެހިފައި ހުރި އީންގެ ސިކުނޑި ރަނގަޅަށް މަސައްކަތް ކުރަންފެށީ އޭގެ އިރުކޮޅެއް ފަހުންނެވެ. ތަސްވީރު އިހު އިންތަނުގައި ބައިންދާފައި އަނެއް ފަރާތަށް އެނބުރެން އުޅުނު ވަގުތު، އީންގެ ހަރަކާތް ހުއްޓިއްޖެއެވެ. ފެނުނީ، އީން ކުޑަކޮށްވެސް އުއްމީދުކުރިފަދަ މަންޒަރެއް ނޫނެވެ. ހުރިހާ ތަސްވީރުތަކެއްގެ ތެރެއިން އީންގެ ލޮލުގައި އަޅައިގަތީ، އަހަރުތަކެއް ކުރީގެ ތަސްވީރެއްގައެވެ. އެތައް ވާހަކަތަކެއް ބުނެދިން އެ ތަސްވީރުގެ ސަބަބުން، އީންއަށް ގަބޫލުކުރަންވީ ކީކޭ ކަމެއް ނޭނގުނެވެ. ފްރޭމްގެ ތެރެއިން އެ ތަސްވީރު ނަގައި، އީން އޭނާ ލައިގެން ހުރި ހެދުމުގެ ތެރޭގައި އެ ތަސްވީރު ރައްކާކުރިއެވެ.
ކޮޓަރީގެ އެކި ތަންތަން ބެލި ނަމަވެސް، އީންއަށް އިތުރު އެއްޗެއް ފެންނަގޮތެއް ނުވިއެވެ. އީން އެ ކޮޓަރިން ނުކުމެ، ބޭރު ދޮރާއި ދިމާއަށް ހިނގައިގަތެވެ. ތަޅު ހުޅުވި ނަމަވެސް، އެ ދޮރުން ބޭރަށް ނުކުމެވެނީ، އިނގިލީގެ ނިޝާން ޖަހައިގެންނެވެ. ދޮރާއި ދިމާއަށް ބަލަން ހުރުން ފިޔަވައި އިތުރު ކަމެއް އީންއަކަށް ނުކުރެވުނެވެ. އީން އެނބުރި ކޮޓަރި އާއި ދިމާއަށް ހިނގައިގަތީ މާޔޫސްވެ ހުރެއެވެ.
ކުއްލިއަކަށް އިވުނީ، ގޭގެ ބެލް އަޅަންފެށި އަޑެވެ. އީން ދުވެފައި ދޮރާއި ދިމާއަށް ދިޔައެވެ. ދޮރުގައި ތަޅައި، ސަލާމަތަށް އެދި ގޮވަން ފެށިއެވެ. ދެލޯ އުނގުޅަމުން ނުކުތް ޒުބޭދާ، ދުވެފައި ގޮސް އީންގެ ގައިގައި ހިފެހެއްޓިއެވެ. އީން ހުއްޓުވޭތޯ އޭނާ މަސައްކަތް ކުރިއެވެ.
ޖެހިޖެހީނުން ދޮރު ވިއްސައިލާފައި ކާވިން އެތެރެއަށް ވަނެވެ. އޭރު ޒުބޭދާ އޮތީ ވެއްޓުނުގޮތަށް ނުތެދުވެވިފައެވެ. ދެލޯ ބޮޑުކޮށްލައިގެން ކާވިންއަށް ބަލަން އީން ހުއްޓެވެ.
"އީން..." ފުން ނޭވާތަކެއް ލަމުން ކާވިން ގޮވައިލިއެވެ.
އީންއަށް ކާވިންގެ ކައިރިއަށް ދެވުނު ގޮތްވެސް ނޭނގުނެވެ. ކާވިން ލައިގެން ހުރި ގަމީހުގައި ހިފައިގަނެފައި، ވެއްޓިފައި އޮތް ޒުބޭދާ އާއި ދިމާއަށް ބަލައިލިއެވެ. ވެއްޓުނު ގޮތަކުން، ޒުބޭދާ އޮތީ ހިރިވެސް ނުލެވިފައެވެ. ހިތަށް ހަމްދަރުދީ ވަން ނަމަވެސް، އެ ވަގުތު އީންއަށް އިސްކަމެއް ދެވުނީ އަމިއްލަ ނަފުސު ސަލާމަތްކުރުމަށެވެ.
ވަޖީހުގެ ގެއިން ނުކުމެވެނީ ގޯތިތެރޭގައި އޮންނަ ހުސްޖާގައަށެވެ. ގެއިން ނުކުމެގެން ދޮރާއްޓާއި ހަމައަށް ދިޔުމަށް ހިމަ، ދިގު މަގެއް ހަދާފައި އޮންނައިރު، ދެފަރާތުގައި ހައްދާފައިވާ ބަގީޗާ ގަސްތަކުން ތަނަށް ވެރިވެފައި ވަނީ އަނދިރި ކަމެވެ. ހިނގާ މަގުގައި ކުދި ބޮކި ހަރުކޮށްފައި ވިޔަސް، ބިޔަކޮށް ހެދިފައިވާ ގަސްތަކުގެ ސަބަބުން، އެ ބޮކިތަކުން އެކަށީގެންވާ އަލިކަމެއް މަގުގައިވެސް ނުވެއެވެ. އީން ހުރީ ކާވިންގެ ގައިން ދޫކޮށްލަންވެސް ނުކެރިފައެވެ.
"ހާސްނުވޭ... އަހަރެން މިއައީ..." ބިރުން ހުރި އީންގެ ގައިގައި ބާރަށް ހިފަހައްޓައިލަމުން ކާވިން ބުންޏެވެ.
ދޮރާއްޓާއި ދިމާއަށް ހިނގައިގަތް ކާވިންގެ ފިޔަވަޅުތައް ހުއްޓުނީ، ބޭރުން އަޑެއް އިވުނުހެން ހީވެގެންނެވެ.
"ޝްޝްޝް.." ކާވިން އީންގެ އަނގަމަތީގައި އަތް އެޅިއެވެ.
ކާވިންއަށް ހީވީ، ރަނގަޅަށެވެ. ދޮރާށި ހުޅުވައިލި އަޑު އިވުނެވެ. ބަޔަކު ސިއްރުން ވާހަކަތަކެއް ދެއްކުމަށްފަހު، ގެއާއި ދިމާއަށް ހިނގައިގަތެވެ. ކާވިން އަވަސްއަވަހަށް އީން ގޮވައިގެން ގަސްތަކުގެ ތެރެއަށް ވަނެވެ. އަޑެއްވެސް ލައްވައި ނުލައި ދެމީހުން ތިއްބައި، ގެއާއި ދިމާއިން ވަޖީހުގެ އަޑު އިވިގެން ދިޔައެވެ.
"އަދި މާ ދުރަކަށް ނުދެވޭނެ... އަވަސްކުރޭ... އެމީހުން ހޯދާ..." ވަޖީހް ކަންބޮޑުވެފައި ބުންޏެވެ.
ކާވިން އިނީ އީން އޭނާގެ އަތުތެރޭގައި ބޮނޑިކޮށްލައިގެންނެވެ. ނާޒުކު އެ ވަގުތުގައިވެސް ކާވިންގެ ގާތްކަމުގެ ސަބަބުން އީންގެ ހިތުގެ ތެޅުން އިތުރުވެފައިވިއެވެ. ނުހަނު ކައިރިން އެ މޫނު ފެނުމުން، ކަޅި ޖަހާވެސް ނުލައި ބަލަން އީން އިނެވެ. ދާދި ކައިރިން ފިޔަވަޅުތަކެއްގެ އަޑު އިވުމުން، ކާވިން ކުރިއަށްވުރެ ބޮޑަށް އީން އޭނާ އާއި ކައިރިކޮށްލިއެވެ. ނުވިސްނާ އިން އީންގެ ތުންފަތް ޖެހުނީ، ކާވިންގެ ކޮލުގައެވެ. ދުރުވެލަންވެސް ނޭނގިފައި އީން އިންދައި، ކާވިން އޭނާ އާއި ދިމާއަށް އެނބުރިލިއެވެ. އެވަގުތު، އެ ތުންފަތުގެ ބީހިލުން އީންއަށް އިހުސާސްކުރެވިގެން ދިޔައެވެ. އީންއަށް ދެލޯ މަރައިލެވުނީ، ކުރެވުނު ފޮނި އިހުސާސަކުންނެވެ. ހުދު ކާވިންވެސް އީން އާއި ދުރުވެލަން ނޭނގިފައި އިންގޮތަށް އިނެވެ. ދެ މީހުންނަށްވެސް އެކަމުން، ބުނެދޭން ނޭނގޭ އުފާވެރި އަސަރުތަކެއް ކުރުވިއެވެ.
ފިޔަވަޅުތަކުގެ އަޑު ކެނޑި ތަން ހިމޭންވުމުން، ކާވިން ކުއްލިއަކަށް އީން ދުރުކޮށްލިއެވެ. އީންއަށްވެސް ހަމަހޭވެރިކަންވީ ދެނެވެ. ކާވިން އީންގެ އަތުގައި ހިފައިގެން، ގުދުވަމުން ކަހަލަ ގޮތަކަށް، ގަސްތަކުގެ ތެރެއިން ކުރިއަށް ދިޔައެވެ. ދޮރާއްޓާއި ހަމައަށް ގޮސްފައި، އޭނާ ވަށައިގެން ހޯދައިލިއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން، ކާވިންއަށް ހަމަޖެހުމެއް ލިބުނެވެ.
ދޮރާށި ހުޅުވައިލުމާއިއެކު، އީން ސިހުނެވެ. ކުރިމަތީގައި ހުރި ވަޖީހު ފެނި، އީން އަވަހަށް ކާވިންގެ ފުރަގަހަށް ވަދެ ނިވާވެލިއެވެ. ވަޖީހުގެ މޫނުން ފެންނަމުން ދިޔައީ ނުރުހުމުގެ އަސަރެވެ. އީން އާއިއެކު ކާވިންއަށްވެސް ޖެހުނީ، ފަހަތަށް ޖެހިލާށެވެ.
ވަޖީހް އާއިއެކު ފުލުހުންގެ ޔުނީފޯމުގައި ތިބި ދެތިން މީހަކު ތިއްބެވެ. އެމީހުން އެތެރެއަށް ވަދެފައި، ކާވިންގެ ގައިގައި ހިފެހެއްޓިއެވެ. އެއަށްފަހު، ދެއަތުގައި ބިޑި އެޅުވިއެވެ. ކާވިން ބޭނުންނަމަ، އެ އެންމެން ފޮޅުވާލާފައި އެތަނުން ފިލައިގެން ދެވުނީހެވެ. އެކަމަކު، އީން އާއިމެދު ވިސްނައިލާފައި އޭނާ ހިމޭނުން ހުރީއެވެ.
"އަހަރެން ބުނިންދޯ އީން ހުރީ ރައްކާތެރި މާހައުލެއްގައޭ..." ވަޖީހް ހަޅޭއްލަވައިގަތެވެ.
"އަހަންނަކަށް ރައްކާތެރިއެއް ނޫން މިތަނެއް... ތީ މީހުން މަރާ މީހެއް... ތިއުޅެނީ އެހެންމީހުން މަރާލިހެން އަހަރެންވެސް މަރާލަން..." ވަޖީހަށްވުރެ ބާރަށް އީން ހަޅޭއްލަވައިގަތެވެ.
ވަޖީހް ކަންބޮޑުވެފައި ބަލައިލީ، ކައިރީގައި ތިބި ފުލުހުންނަށެވެ.
"އީން ދަރިފުޅާ!... ބައްޕަ ހުރިހާ ވާހަކައެއް ކިޔާދޭނަން... ހިނގާ އެތެރެއަށް..." ވަޖީހް ހާސްވިކަން އޭނާގެ މޫނުމަތީގެ އަސަރުތަކުން އެނގުނެވެ.
"ނުދާނަން..." އީން ދެކޮޅުހެދިއެވެ.
"އެންމެ ރަނގަޅު... އީން ނުދަންޏާ، ބައްޕައަށް އިތުރު ގޮތެއް ނެތް..." އިންޒާރެއް ދޭ ކަހަލަ ރާގަކަށް ވަޖީހް ބުންޏެވެ. "ކާވިން ގެންދޭ... އަހަރެން ވަކި އެއްޗެއް ނާންގަނީސް، އެއްވެސް މީހަކާ ބައްދަލުވިޔަ ނުދޭތި!..."
"ނޫން..." އީން ހަޅޭއްލަވައިގަތެވެ. "ދޫކުރޭ..."
"އެމީހުން ދޫކޮށްލާ!..." ޔުނާންގެ އަޑު އައީ، މަގުމަތިންނެވެ.
އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ދޮރާއި ދިމާއަށް ބަލައިލިއެވެ. ދޮރުމަތީގައި، ގަނޑެއް ހިފައިގެން ޔުނާން ހުއްޓެވެ. އެންމެން ބަލައިލުމުން، ގަނޑު ދައްކައިލިއެވެ. އެއީ ކޯޓު އަމުރެކެވެ.
"ކޫލް އެހެންނު..." ޔުނާން ފަހުރުވެރިވެލާފައި ބުންޏެވެ. "ލަޔާން!... އަވަހަށް އޭނަ ހައްޔަރުކުރޭ..."
ޔުނާން ޝަހާދަތް އިނގިލި ދިއްކޮށްލީ، ވަޖީހާއި ދިމާއަށެވެ. އޭނާ ވަޖީހްގެ ކައިރީގައި ތިބި ފުލުހުންނަށް ކޯޓު އަމުރު ދައްކައިލުމާއިއެކު، ކާވިންގެ ގައިން ދޫކޮށްލިއެވެ.
"ކަލޭމެން ތި ހަދަނީ ގޯހެއް... ތިކަމުން ހުރިހާ ގެއްލުމެއް ވާނީ އީންއަށް..." ވަޖީހުގެ އަތުގައި ބިޑި އަޅުވައިގެން ގެންދަން ފެށުމުން، އޭނާ ވާހަކަ ދައްކަން ފެށިއެވެ. "އަހަރެން އެކަން ކުރީ، އީންއަށް ގެއްލުން ދޭކަށް ނޫނޭ... އީން... ދަރިފުޅާ..."
އެކަކުވެސް އެއްޗެއް ނުބުންޏެވެ. ވަޖީހް ގެންގޮސް ފުލުހުންގެ ކާރަށް އެރުވި ތަން ބަލަން ހުރި އީންއަށް އިސްޖަހައިލެވުނެވެ. މިއަދު އެހެން މީހުންނާއި ކުރިމަތިލާނެ ހިތްވަރެއް އީންގެ ގަޔަކު ނެތެވެ. ޔުނާން ގޮސް އިސްޖެހިފައި ހުރި އީންގެ ކުރިމަތީގައި ހުއްޓުނެވެ.
"ޕާޓްނަރ އޯކޭތަ؟..." އީންގެ ކޮނޑުގައި އަތް ޖައްސައިލަމުން، ޔުނާން ސުވާލު ކުރިއެވެ.
އީން ބޯ ޖަހައިލި ނަމަވެސް، އިތުރު އެއްޗެއް ނުބުންޏެވެ. ހުރިތަނުން ގުޑިވެސް ނުލިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި އިވިގެން ދިޔައީ މަޑު ގިސްލުމެއްގެ އަޑެވެ.
"އީން..." ޔުނާން ހާސްވިއެވެ. "ހުރިހާ ކަމެއްވެސް އޯކޭވާނެއޭ..."
ޔުނާން އުޅުނީ، އީންއަށް އޭނާގެ ދެއަތުގެ ހިމާޔަތް ދޭށެވެ.
"އަހަރެން ވާހަކަ ދައްކާލާނަން..." ޔުނާން ދުރުކޮށްލަމުން ކާވިން ބުންޏެވެ.
އީންގެ އަތުގައި ހިފައިގެން ކާވިން ހިނގައިގަތީ އެހެން މީހުންނާއި ދުރަށެވެ. އީންއަކީ، ހަމައެކަނި ކާވިންގެ ހައްގެކޭ ބުނާފަދަ ގޮތަކަށެވެ.