އަސޫމީ ހަސްފަތާލުގެ ތެރެއަށް ވަދެގެން ދިޔައީ ދުވެލާފައެވެ. ބޭސްއަޅާ ކޮޓަރީގެ ބޭރުގައި އީން އިންއިރު، އީންގެ އަތާއި ފައިގެ ދެތަނެއްގައި ބޭސްއަޅާފައި އޮތެވެ. އީންގެ ކައިރީގައި ޔުނާނާއި ނުހާމްގެ އިތުރުން ލަޔާންވެސް އިނެވެ. އަސޫމީ ފެނުމުން، އެމީހުން ދުރަށް ޖެހިލީ، ދެމައިން ވާހަކަ ދައްކާލަން ފުރުސަތު ދިނުމުގެ ގޮތުންނެވެ.

*********

"ދަރިފުޅާ..." އީންގެ ގައިގައި ބައްދައިލުމާއިއެކު އަސޫމީއަށް ރޮވުނީއެވެ.

އީން އާއިމެދު ފަހުރުވެރިވީ ނަމަވެސް، އަސޫމީގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އަމިއްލަ މައިމީހާގެ އިއްޒަތާއި އަބުރު، އެ ނުބައި އިންސާނާގެ އަތުން ފޭރިގަނެފައިވާކަން އެނގުމުން، އީންގެ ހިތް ކުދިކުދިވާނެއެވެ. އެ ދުވަހަކުން އީން އާއި ކުރިމަތިލާނެ ހިތްވަރު އަސޫމީގެ ގައިގައި ހުރެދާނެ ހެއްޔެވެ؟

"މަންމާ... އީން ބުނީމެއްނު މަންމަ ފަހުރުވެރިވާ ކަހަލަ ކުއްޖަކަށް އީން ވާނަމޭ..." އީން އުފާވެފައި އިންވަރު އޭނާގެ އަޑުންވެސް ހާމަވިއެވެ.

"މަންމަ ޤަބޫލުކޮށްފިން..." އީންގެ ބުރަކަށީގައި ފިރުމައިލަމުން އަސޫމީ ބުންޏެވެ. "އަބަދުވެސް ކުރަން..."

ފޯނު ރިންގްވާން ފެށުމުން އީން އަސޫމީ އާއި ދުރަށްޖެހިލިއެވެ. ގުޅީ ލަޔާންއެވެ.

"ކާވިން ސަރ ވޯޑަށް ބަދަލުކޮށްފި... އަހަރެމެން މިތިބީ އެތާ..." ލަޔާން ބުންޏެވެ.

އީން އުޅުނީ، އަސޫމީ ހަސްފަތާލުން ފޮނުވައިލާށެވެ.

"މަންމައަށް އެނގޭ ދަރިފުޅު ކީއްވެކަން މަންމަ ފޮނުވާލަން ތިއުޅެނީ..." ލާނެތް ރާގަކަށް އަސޫމީ ބުންޏެވެ. "ދަރިފުޅުގެ ލޮލުން ހުރިހާ ކަމެއް އެބަ ފެނޭ މަންމައަށް..."

"ކޮންކަމެއް މަންމާ؟..." އީން ހާސްވެފައި އަހައިލިއެވެ.

"މަންމަ މިހާރު ބޭނުންވެއްޖެ ތި ކުއްޖަކާ ބައްދަލުކޮށްލަން..." އަސޫމީ ބުންޏެވެ. "ދަރިފުޅުގެ ހިތުން ޖާގައެއް ހޯދޭނީ ވަރަށް ކުޅަދާނަ ކުއްޖަކަށް..."

"ދެން މަންމާ..." އީން ލަދުން އިސްޖަހައިލިއެވެ.

އަސޫމީ ކުރުނުކޮށް ކިޔަން ފެށުމުން، އީން ނިންމީ، ދެމީހުން އެކުގައި ކާވިން ބާއްވާފައި އޮތް ވޯޑަށް ދާށެވެ. އީންމެން އެތެރެއަށް ވަންއިރު، ޔުނާން އާއި ލަޔާން ކާވިންގެ ކައިރީގައި ތިއްބެވެ. އީން ފެނުމާއިއެކު، ލަޔާން އަވަހަށް ޔުނާންގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ބޭރަށް ނެރުނެވެ.

ކާވިންގެ ގައިގެ އެކި ތަންތަނުގައި ބޭސްއަޅާފައިވާއިރު، ދެލޮލުގައިވެސް ރަތްކަމެއް ވިއެވެ. އަސޫމީ ފެނުމުން ކާވިން ހާސްވެފައި އީންގެ މޫނަށް ބަލައިލިއެވެ.

"މަންމަ..." އަސޫމީގެ ފަހަތުގައި ހުރެ، އީން ކާވިންއަށް އިޝާރާތްކުރިއެވެ.

ކާވިން ތެދުވަން އުޅުމުން، އަސޫމީ އެކަން މަނާކުރިއެވެ. މާގިނަ ވާހަކައެއް ނުދެއްކި ނަމަވެސް، ކާވިންއަށް ބަލަން އަސޫމީ ކުޑައިރުކޮޅަކު އެތަނުގައި މަޑުކޮށްލިއެވެ. އަސޫމީ ނުކުމެގެން ދިޔައީ، އީންއަށް ލޮލުން އިޝާރާތެއްކޮށްލާފައެވެ. ކާވިން އާއި ގުޅުމުގެ ހުއްދަ ދީފީމޭ ބުނާފަދައިންނެވެ.

"ސޮރީ، މަންމަ ކިޔާވަރުން ގެނައީ..." އީން ބުންޏެވެ.

"އީން އޯކޭތަ؟..." އީންގެ މުޅި ހަށިގަނޑަށް ނަޒަރު ހިންގައިލަމުން ކާވިން އަހައިލީ، ކަންބޮޑުވެފައިވާ ރާގަކަށެވެ.

"އީން އޯކޭއޭ... އޭރު މާލަހުން ދެވުނީމަ ސޮރީ... ކުރިން ދެވުނުނަމަ..." ކުށްވެރިއެއްހެން އިސްޖަހައިލަމުން އީން ބުންޏެވެ.

ކާވިން އަތުގެ އިޝާރާތުން އީންއަށް ގޮވާލާފައި ކައިރިއަށް އައުމަށް އެދުނެވެ. އީން ދިޔުމުން، މަގަތުގައި އިށީނދެލުމަށް ބުންޏެވެ. ބަސްއަހާ ކުއްޖަކު ފަދައިން ކާވިންގެ ކޮންމެ އަމުރަކަށް އީން ކިޔަމަންވަމުން ދިޔައެވެ. އީން އިށީނުމާއިއެކު، ކާވިން ކުޑަކޮށް ތެދުވެލައި، އީންގެ ގައިގައި ބައްދައިލިއެވެ. ކުޑަ ވަގުތުކޮޅަކަށް ހުއްޓުން އެރިނަމަވެސް، އީން ވެސް ކާވިންގެ ގައިގައި ދެއަތް ވަށައިލިއެވެ.

"އަހަރެން މިއަދު އީންގެ ކުރިމަތީ މީނީ ކީއްވެކަން އީންއަށް އެނގެއެއްނު... އެހެންވީމަ އީން މާފަށް އެދެންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ..." ކާވިން ބުނެލީ މާނަފުން ވާހަކައެކެވެ. އެ ޖުމްލަތަކުން ބުނެދޭން އުޅުނު މާނަ، އީންއަށް ވިސްނުނު ފަދައަކުން އޭނާ ހިނިތުންވެލިއެވެ.

"އީންއަށް އެނގޭ އީން ކުޑަ ވަގުތުކޮޅެއް ލަސްވިޔަސް، އެ ނަޖާހު އޭނަގެ މަގުސަދު ހާސިލުކުރީސްކަން..." ނަޖާހުގެ މަތިން ހަނދާންވުމުން، އީންގެ ލޭ ހޫނުވިއެވެ.

ކޮންމެވެސް މީހަކު ދޮރު ހުޅުވައިލި އަޑު އިވިފައި، އީން ދިޔައީ ސިއްސައިގެންނެވެ. ކާވިން ކޮއްޕައިލާފައި އޭނަ ފުންމައިގެން ތެދުވިއެވެ. ދޮރުމަތީގައި ހުރީ ޔުނާނެވެ. ޔުނާން ހިނިތުންވެލަމުން އެތެރެއަށް ވަދެ ދޮރު ލައްޕައިލިއެވެ. އެނދަށް ވެއްޓުނު ގޮތަކުން ކާވިންގެ އަނގައިން ނުކުތީ މަޑު އާހެއްގެ އަޑެވެ.

"ސޮރީ..." ކަންތައް ކުރެވުނުގޮތް އެނގުމުން، އީންއަށް ހުރެވުނީ، ނިޔަފަތިގަނޑުގައި ދަތްއަޅާލައިގެންނެވެ.

********

ތަހުގީގު ފެށިގެން ކުރިއަށް ދިޔައެވެ. މީހުން މެރުމުގެ ކުށުގައި ނަޖާހު ހައްޔަރު ކުރެވުނުއިރު، ވަޖީހުގެ ވަޒީފާ ގެއްލި، ކުޑަގޮޅީގެ ތޭރިތަކުގެ ތެރޭގައި ހައްޔަރުވިއެވެ. ނަޖާހު ބުނި ސަރަހައްދުގެ މޫދު އަޑިން ކާވިންގެ މަންމަ އާއި ބައްޕަގެ ހަށިގަނޑު ފެނުނެވެ. ހަމަ އެއާއިއެކު، ފުލުސް އޮފިސަރ ބާސިތުގެ ހަށިގަނޑުވެސް މެއެވެ.

އެންމެން މެރިކަމަށް ނަޖާހު އެއްބަސްވީ، އެތައް ހެއްކެއް އޭނާ އާއި ދެކޮޅަށް ހުރިކަން އެނގި، ސަލާމަތްވާނެ ހުރިހާ މަގެއް ބަންދުވުމުންނެވެ. ފުލުސް އޮފިސަރު ބާސިތަށް ނަޖާހުގެ ހަގީގަތް އެނގުމުން، އޭނާ މަރާލީ، ލިޔުންތައް ހިފައިގެން ވަޖީހުގެ ކައިރިއަށް ދިޔަ މަގުމަތީގައެވެ. އަދި ޒުލޭހާ އާއި ޒަހުރާ މަރަކީ، ހަގީގަތް އެނގުމުން، ނަސީމްގެ ކިބައިން ހިފި ބަދަލެއް ކަމުގައިވެސް ތަހުގީގަށް އެނގިގެން ދިޔައެވެ. ނިއުޅެމުންދިޔަ ހަގީގަތްތަކެއްގެ ސަބަބުން، ވަޖީހުގެ ހިތް ފަޅައިގެން ދިޔައެވެ. އަމިއްލަ ހުރިހާ ކަމަކަށްވުރެ ބޮޑަށް ނަޖާހަށް ލޯބި ދިނުމުން، އޭގެ ބަދަލު އޭނާއަށް ލިބުނީ، ހިތި ގޮތަކަށެވެ. އަމިއްލަ އާއިލާ އާއި ލޯބިވާ މީހުންނާއިއެކު، ވަޒީފާ ގެއްލި، މުޅި ދުނިޔެއަށް އޭނާ ބޭޒާރުވީއެވެ. ކަނު ލޯތްބަކީ، މީހާގެ ހަލާކެވެ. ކޮންމެ ކަމެއްގައިވެސް ހައްދެއް އޮންނަންވާނޭކަން ވަޖީހަށް ކުރިން ވިސްނުނުނަމަ، ކިތައް މީހުންގެ ފުރާނަ ސަލާމަތް ކުރެވުނީސް ހެއްޔެވެ؟

ތަހުގީގުގައި ނަޖާހާއި ސުވާލުކުރަން ވަން މީހުންގެ ތެރޭގައި އީން ހިމެނެއެވެ. ނަޖާހުގެ ކުރިމަތީގައި އިށީންގޮތަށް އީން އެ ނުރައްކާތެރި ގާތިލުގެ މޫނަށް ބަލައިލީ، ނަފުރަތުގެ ބެލުމަކުންނެވެ.

"ޕްރޮޖެކްޓް އެކްސް... އެއީތަ އެ އެންމެން މަރާލާފަ މާކު ޖެހުމުގެ ސިއްރަކީ؟..." އީން ސީދާ މައުޟޫޢުއަށް ދިޔައެވެ.

"އާނ... އަހަރެން މޮޅުދޯ؟..." ނަޖާހު ސިއްރުކުރާކަށް ނޫޅުނެވެ. އޭނާ ބޭނުންވީ އީން ރުޅިއަރުވައިލާށެވެ. އަމިއްލަ ނަފުސާއިމެދު ފަހުރުވެރިވެފައިވާ މީހަކު ފަދައިން ނަޖާހު ހީގަތެވެ.

"އަހަރެން މީ ޕްރޮފެޝަނަލެއް... އަަހަރެން ކުރާ ކަމެއް ކުރާނީ ނިކަން ތަރުތީބުން، ފުރިހަމައަށް... އެ ޕްރޮޖެކްޓާ ގުޅުންހުރި ހުރިހާ މީހުން މަރާފަ، ޕްރޮޖެކްޓްގެ ނަމުން މާކު ޖަހާނަން... ކަލޭވެސް ސަލާމެއް ނުވާނެ..." ނަޖާހު އިންޒާރުދިނެވެ.

"އެހެންތަ؟... ނިކަން މަރާލަބަލަ... އަހަރެން މީނީ ކުރިމަތީއޭ..." އީން ދަތްތަކަށް ބާރުކޮށްލަމުން ބުންޏެވެ. "އަހަރެން ބިރެއް ނުގަނޭ ނަޖާހުދެކެ... އަދި ވަޖީހުދެކެވެސް..."

އީންގެ ވާހަކަތަކުން ނަޖާހުގެ ރުޅި ގަދަވިއެވެ. ތެޅިފޮޅިގަތްގޮތަކުން ގޮނޑިއާއިއެކު އޭނާ ވެއްޓުނީއެވެ. އަސޫމީއަށް ނަޖާހު ހެދި ގޮތް އެނގުމުން އީންގެ ރުޅި ވަނީ ހައްދުން ނައްޓާފައެވެ. އެ ނުބައި އިންސާނާގެ މޫނުގައި ވަކިއަޅައި ނޮޅާލަން ހިތް އެދުނެވެ. ހިތްވަރުކޮށްލައިގެން އިނަސް، އެތެރެއިން އީންގެ ލޭ ކެކެމުން ދިޔައެވެ. އެވަރުންވެސް ހެދިފައިވާ ގާނޫނުތަކަށް ބޯލެނބުމުގައި އޭނާ މިސާލު ދެއްކިއެވެ.

"އާރާ ބާރަކީ އަބަދު ލިބޭނެ އެއްޗެއް ނޫން... ހިސާބަށްވުރެ އަމިއްލައެދުން ބޮޑުވީމަ ވާނީ ތިހެން..." ވެއްޓިފައި އޮތް ނަޖާހު ހުރަސްކޮށް ދޮރާއި ދިމާއަށް ހިނގައިގަންނަމުން، އީން ބުންޏެވެ. "މާތްﷲ އިންސާނާ ހެއްދެވީ އެންމެ ފުރިހަމަގޮތުގަ... އިތުރު ބާރުތަކެއް ހޯދުމުގެ ބޭނުމަކީ ކޮބާ؟.. އެކަމާ ޝުކުރުވެރިނުވާ އިންސާނުންގެ ހިތެއް ދުވަހަކުވެސް ނުފުރޭނެ..."

ނަޖާހެކޭ އެއްގޮތަށް އީން ވަޖީހާއިވެސް ބައްދަލުކުރިއެވެ. ވަޖީހަކީ ބައްޕަކަން އެނގުނު ނަމަވެސް، ހިނގައިދިޔަ ކަންތައްތަކަށްފަހު، އެކަން ބަލައިގަންނަން އުނދަގޫކަމުގައި އީން ބުންޏެވެ. ވަޖީހު އިސްޖަހައިލިއެވެ. އަސޫމީ އާއި އީން މަރުވެއްޖެކަމަށް އޭނާ ނަޖާހުގެ ކައިރީގައި ބުނީ، އެމީހުންގެ ސަލާމަތަށްޓަކައެވެ. ދުވަހަކުވެސް އެ ދެމީހުންގެ ނަން އަމިއްލަ ދިރިއުޅުމުން ފޮހެލުމުގެ މަޤުސަދުގައެއް ނޫނެވެ. ފުލުހުންގެ އިދާރާއިން ވަޖީހު އެ ހުރިހާ މައުލޫމާތެއް ދުއްވާލައި، ނަޖާހު ހިމާޔަތް ކުރަމުން އައީ، އަމިއްލަ ނަމަށް ލިބިދާނެ ހުތުރަކާއިމެދުވެސް ވިސްނާފައެވެ. ދެމީހުންވެސް ވައްތަރެވެ. ރަނގަޅަށް ބަލައިފި މީހަކަށް ނޫނީ، ދެމީހުން ވަކި ކުރާކަށް ނޭނގޭނެއެވެ.

"މަންމަ މާފުދިން ދުވަހަކުން އަހަރެންވެސް މާފުކުރާނަން..." ބޭރަށް ނުކުތުމަށް ހިނގައިގަންނަމުން އީން ބުންޏެވެ. "ހީނުކުރާތި ތިގޮޅިން ސަލާމަތްކުރަން އަހަރެންގެ ވަޒީފާގެ ބޭނުން ނާޖާއިޒްގޮތުގަ ހިފާނެކަމަށް... އަހަންނަކީ، އެފެންވަރަށް ވެއްޓޭނެ މީހެއްނޫން... ކުށްވެރިންނަށް ހައްގު އަދަބުދޭން އަހަރެން ނުކުރާނެ ކަމެއް ނޯންނާނެ..."

އީން ދިޔުމުން ވަޖީހަށް ހިނިތުންވެލެވުނެވެ. އެ ދަރިފުޅުގެ ނުގުޑާ އަޒުމާއި، ހިތްވަރުން ވަޖީހުގެ ހިތަށް ބުނެދޭން ނޭނގޭ އުފާވެރިކަމެއް ލިބުނެވެ. ހިތުގެ އަޑިން އީންއަށް ހިތްވަރުދެވުނެވެ. އެ ދަރިފުޅު ނުކުންނަނީ، ވަޖީހާއި ދެކޮޅަށްކަން އެނގޭ ހާލުގައިވެސް މެއެވެ.

"އަސޫމީ ތީ ހިތްވަރުގަދަ މަންމައެއް... އީން ކަހަލަ ދަރިއަކު ތަރުބިއްޔަތުކޮށްގެން އަސޫމީ ތި ދެއްކީ ހުރިހާ މަންމައިންނަށް ފުރިހަމަ ނަމޫނާއެއް..." ވަޖީހަށް ހިތާއިހިތުން ބުނެވުނެވެ.

ވަޖީހާއިއެކު، އޭނާއަށް ވާގިވެރިވި، ފުލުހުންވެސް ހައްޔަރު ކުރެވުނެވެ. ތަހުގީގަށް ވަޖީހު އެއްވެސް ކަމެއް ސިއްރެއް ނުކުރެއެވެ. ހުރިހާ ވާހަކައެއް ތެދުތެދަށް ޚިއްސާކުރިއެވެ. އެތައް ބައެއްގެ ނަފުރަތު އަމާޒުވިޔަސް، މިއަދު ވަޖީހަށް ފަރުވާލެއް ނެތެވެ. އީންގެ ސަބަބުން ވަޖީހަށް ހިތްވަރު ލިބިއްޖެއެވެ.

ކޯޓުން ޝަރީއަތް ނިންމައި ނަޖާހަށް މަރުގެ ހުކުމް އިއްވިއިރު، ވަޖީހު އުމުރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެވުނެވެ. އީންއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނާގެ ދެފަރާތުގައި ތިބި އަސޫމީ އާއި ކާވިންގެ އިތުރުން ލަޔާން އާއި ޔުނާންއަށް ބަލައިލާފައި ހިނިތުންވެލިއެވެ. ކޯޓުން ނުކުތްގޮތަށް އީން މަޑުކޮށްލައިގެން ހުރީ، ނަސީމާއި އޭނާގެ މައިންބަފައިންގެ އިތުރުން ޒުލޭހާގެ އާއިލާ ނުކުންނާނެ ވަގުތަކަށެވެ. ކަރުނަ ފޮހެމުން ނުކުތް، ފަހީމާ ފެނި، އީން ގޮސް ފަހީމާގެ އަތުގައި ހިފައިލިއެވެ. ފަހީމާއަކީ، ޒުލޭހާގެ މަންމައެވެ.

"ޒުލޭހާއާ ޒަހުރާއަށް އިންސާފު ހޯދައިދިނީތީ ދައްތަ މިހުރީ ތި ޕޮލިސްކުއްޖާއަށް ޝުކުރުއަދާކުރާނެ ގޮތެއްވެސް ނޭނގިފަ..." ފަހީމާ ކުރެހިފައިވާ އަޑަކުން ބުންޏެވެ. "ދައްތައަށް އެނގޭ އަމިއްލަ ބައްޕައާ ދެކޮޅަށް ތިގޮތަށް ކޮންމެ ކޮންމެ ދަރިއަކު ނުނުކުންނާނެކަން... އެކޮޔެ ތިދެއްކީ ލާމަސީލު މިސާލެއް... އުމުރު ދުވަހަށް ދައްތަ ތިކަންތައް ހަނދާންކުރާނަން..."

ލިބުނު އުފަލެއްގެ ބޮޑުކަމުން އީންގެ ދެލޯ ކަރުނުން ފުރުނެވެ. ވަކިވަކީން އޭނާ އެންމެންގެ މޫނަށް ބަލައިލިއެވެ. ފަހީމާ އާއި އޭނާގެ ފިރިމީހާ މުޙައްމަދުގެ އިތުރުން ދަރިފުޅު ފިރާޝާގެ މޫނުންވެސް ފެންނަމުން ދިޔައީ، ޝުކުރުވެރިކަމެވެ. އީންއަށް ހަމަޖެހުމެއް ލިބުނީ ދެނެވެ. ކާވިން ބުނިގޮތަށް އެކަކުވެސް އޭނާ ކުށްވެރިއެއް ނުކުރެއެވެ. ލޭގެ ގުޅުމަކުން ގުޅިފައިވުމީ، އަނެކާ ކުރާ ކުށް، އަނެއްމީހާގެ ބޮލުގައި އެޅޭނޭކަމެއް ނޫނެވެ. އީންގެ ހިތަށް ދުވަހަކު ނުލިބޭހައި އުފާ ލިބުނެވެ. ބިރުން ފިލަން ނޫޅެ، އޭނާ ހަގީގަތާއި ކުރިމަތިލީ ކެރިގެންނެވެ. އަމިއްލަ ނިންމުމާއިމެދު މިއަދު އޭނާ ފަހުރުވެރިވިއެވެ.

އީންގެ އިންތިޒާރުގައި ދުރުގައި މަޑުކޮށްލައިގެން ކާވިން ހުއްޓެވެ. މިޝްއަލް އައިސް ކައިރީގައި ހުއްޓުނުއިރުވެސް، ކާވިންއަށް ރޭކައިނުލިއެވެ.

"ވެލް ޑަން..." ކާވިން އާއި ދިމާއަށް އަތް ދިއްކޮށްލަމުން މިޝްއަލް ބުންޏެވެ.

"ތޭންކްސް..." މިޝްއަލްގެ އަތުގައި ހިފަމުން ކާވިން ސަލާން ބަލައިގަތެވެ.

"ކޮންކަމަކާ؟... އަހަރެން އެ ކޭސް ކާވިންއަށް ދޫކޮށްލީމަތަ؟..." މިޝްއަލް އަހައިލިއެވެ.

"ހުރިހާ ކަމަކަށް..." ކާވިން ހިނިތުންވެލަމުން ބުންޏެވެ.

މިޝްއަލް ފާޅުގައި ނުބުނި ކަމުގައިވިޔަސް، ވޭދަނަ ހައްލުކުރުމުގައި ކާވިންއަށް މިޝްއަލްގެ އެހީތެރިކަން ދުރުދުރުން ލިބުނެވެ. އެ ވޭދަނައިގެ ޝަރީއަތް އެހާ ފަސޭހައިން ނިންމައިލެވުނީ އެހެންވެއެވެ. ކާވިންއަށް ފަސްދީ ހިނގައިގަތް މިޝްއަލްގެ ނަޒަރު ހުއްޓުނީ، ދުރުގައި ހުރި އީންއަށެވެ. އެއީ ދާރިޔާގެ ދެވަނަ ސޫރައެވެ. އެ ސިފައެވެ. އެ ހިނިތުންވުމެވެ. މިޝްއަލްއަށް ހިންދިރުވައިލެވުނެވެ. ދާރިޔާދެކެ މިޝްއަލްވީ ތެދުވެރި ލޯތްބެކެވެ. ދާރިޔާ ނުލިބުނު ކަމުގައިވިޔަސް، އެ ހަނދާންތައް އަބަދުވެސް މިޝްއަލްގެ ހިތުގައި ރައްކާކުރެވިފައި ވާނެއެވެ. ދާރިޔާގެ ހަނދާނުގައި ހިނިތުންވެލަންވެސް ނޭނގިފައި ހުއްޓައި، މިޝްއަލްއަށް ހިތްވަރު ލިބުނީ، އީން ފެނުމުންނެވެ. އިންސާފު ހޯދުމުގައި މަދަދުވެރިއަކަށް ވެވުނީތީ، މިއަދު އޭނާގެ ހިތަށް ހަމަޖެހުމެއް ލިބިއްޖެއެވެ.

މިޝްއަލްއަށް ބަލަން ހުރެފައި އެނބުރުނު ވަގުތު، ކުރިމަތީގައި ހުރި ނަސީމް ފެނި، ކާވިން ކުޑަކޮށް ސިހޭގޮތްވިއެވެ. ނަސީމްގެ ތުންފަތުގައި ހިނިތުންވުމެއްގެ އަސަރު ނެތްނަމަވެސް، އޭނާގެ މޫނުމަތިން ހަމަޖެހުމުގެ އަސަރު ފެންނަން ހުއްޓެވެ.

"އަހަރެން މިހުރީ ނަސީމާ ބައްދަލުކޮށްލަން ބޭނުންވެފަ..." ކާވިން ބުންޏެވެ.

"އަހަރެން މިދަނީ ފުރަން... ދެން އެނބުރި ނާންނަގޮތަށް..." އަސަރުން ފުރިގެންވީ ގޮތަކަށް ނަސީމް ބުންޏެވެ. "އަހަންނަކަށް ދެން މާގިނަ ދުވަހެއް ނެތް... މިހާރު ބުނަން ބޭނުން ވާހަކައެއްވިއްޔާ، އަވަހަށް ބުނޭ..."

ނަސީމް ހޭދަކުރަމުން ދިޔައީ، ކެންސަރުބަލީގެ އެންމެ ފަހު ދުވަސްތަކެވެ. ކާވިން ކުރިއަށް ޖެހިލައި، ނަސީމްގެ ކޮނޑުމަތީގައި އަތް ބާއްވައިލިއެވެ. ހިތްވަރުދިނުމުގެ އެ އަމަލުން ނަސީމް އިސްޖައިލީ، ކަރުނަތައް ހިންދައިލަން މަސައްކަތް ކުރަމުންނެވެ.

"ތޭންކްސް..." ކާވިންގެ ދެލޯ ފެންކަޅިވިއެވެ. "މި ކޭސް ނަސީމާ ނުލާ ނިންމާލަން ފަސޭހައެއް ނުވީސް..."

"މީގަ ދެފަރާތްވެސް ހަމަހަމަވެއްޖެ... އަހަރެންވެސް ކުށްކުރީން... އެކަމަކު، ކާވިން އެ މައްސަލަ ރެކޯޑުނުކޮށް، އަހަރެން ދޫކޮށްލުން އެއީ، އަހަރެން ޝުކުރުވެރިކަމާ އެކީ ބަލައިގަންނަ ކަމެއް..." ނަސީމް ކުރެހިފައިވާ އަޑަކުން ބުންޏެވެ.

"އަހަރެން ނަސީމަށް އިތުބާރު ކުރަން... އަހަންނަށް އެނގޭ އެއީ ނަސީމްއަށް މަޖުބޫރުވެގެން ކުރި ކަމެއް ކަން..." ކާވިން ޔަގީންކަމާއި އެކުގައި ބުންޏެވެ.

"އަހަރެން މިއަދު ދެރަވޭ... ވަރަށް ދެރަވޭ ކުރިން އަމިއްލަ ފައިދާއަށް މަސައްކަތްކުރެވުނީމަ... އެދުވަހު އަހަރެން ކުރީސަފަށް ނުކުތްނަމަ، މިއަދު ކިތައް މީހުންގެ ފުރާނަ ސަލާމަތް ކުރެވުނީސްބާ؟... އެކަމަކު ދެން މިއަދު ކުރެވޭނެ ކަމެއް ނެތް... ހިތިރަހަ އަހަރެންގެ އަރުތެރޭގަ ރަނގަޅަށްވެސް ލައިފި... ޒުލޭހާއާ ޒަހުރާގެ ފުރާނަ ދިޔައީ އަހަރެންގެ އަމިއްލަ އެދުން ބޮޑުކަމުން..." ފަހުވަގުތުގައިވެސް ނަސީމް ކުށްވެރިކުރީ އޭނާގެ އަމިއްލަ ނަފުސެވެ.

ނަސީމް ކުރިއަށް ހިނގައިގަތީ، ކާވިންއާއިމެދު ފަހުރުވެރިވަމޭ ބުނާފަދަ ބީދައަކުން ދެތިން ބަހެއް ބުނެލާފައެވެ. ނަސީމްގެ ފަހަތުން އައި އޭނާގެ މައިންބަފައިންވެސް ކާވިންއަށް ބަލައިލީ ޝުކުރުވެރިކަމުގެ ނަޒަރަކުންނެވެ. ތަހުގީގު ކުރިއަށްދިޔައިރު، ކަންތައް ކުރެވުނުގޮތާއިމެދު ދެރަވެގެން ނަސީމްގެ މަންމަ ކާވިންގެ ކިބައިން ތަކުރާރުކޮށް މައާފަށް އެދުނެވެ. ފުރަތަމަ ފަހަރަށް ކާވިންގެ ހިތަށް ލުއިކަމެއް ލިބުނެވެ. ހިތުން ބޮޑު ބުރައެއް ނެގުނު ކަމުގެ އިހުސާސް އޭނާއަށް ކުރެވިގެން ދިޔައެވެ.

********

ލިބުނު ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން، އީން އާއި ޔުނާންގެ އިތުރުން ނުހާމާއި ލަޔާން ތިބީ ކޮފީއެއްގައެވެ. ކާވިން އައީ އެންމެންގެ ފަހުންނެވެ. ޔުނާން ވަގުތުން އީންގެ ކައިރިއަށް ޖެހުނެވެ.

"އަހަރެން މިއުޅެނީ މެރީކުރަން..." ލަޔާން ވަރަށް ހަމަޖެހިލާފައި ބުންޏެވެ.

"އެ ފިރާޝާޔާ؟..." ޔުނާން އިނީ މޫނަށް ވައްތަރެއް ޖައްސާލައިގެންނެވެ.

ލަޔާން ބޯ ޖަހައިލިއެވެ.

އީން ބަލައިލީ ކާވިންގެ މޫނަށެވެ. ކާވިންވެސް އީންއަށް ބަލައިލިއެވެ. ކައިވެނި ކުރަން ދެމީހުންވެސް ތިބީ ބޭނުންވެފައެވެ. އެކަމަކު އިސްވެ، އެވާހަކަ ދައްކަން އެކަކަށްވެސް ނުކެރުނީ، ފާޅުގައި ދެމީހުންވެސް އެކަކު އަނެކަކުދެކެ ލޯބިވާ ވާހަކަ ބުނެފައި ނުވާތީއެވެ. އީން ތުންފިއްތައިލިއެވެ. ދެމީހުންގެ މެދުގައި އުފެދިފައިވާ ގާތްކަމާއި އެކުގައިވެސް، ލޯބިވާ ވާހަކަ ބުނަން ޖެހިލުންވާންވީ ކީއްވެ ހެއްޔޭ އީންގެ ހިތަށް އެރިއެވެ. އީން ގަބޫލުކުރާ ގޮތުގައި އިސްނަގަންޖެހޭނީ ކާވިންއެވެ.

"އީން ކޮންއިރަކު މެރީކުރަނީ؟..." ނުހާމް އަހައިލިއެވެ.

"އޭނ؟..." އީން ދިޔައީ ސިއްސައިގެންނެވެ.

"އަހަރެން އިންނަން އަހަންދެން އެ މަޑުކުރަނީ؟... ދޯ އީން؟..." ޔުނާން ލާނެތް ރާގަކަށް ބުންޏެވެ.

"ޔުނާންގަނޑާ..." އީން ދެލޯ އަޅައިލިއެވެ.

އީން ގެއްލިދާނެކަމުގެ ބިރު ކާވިންގެ ހިތުގައި އުފެދުނެވެ. ޔުނާން އުޅޭގޮތަކުން އޭނާގެ ހިތަށް އުނދަގޫވެއެވެ. އެކަން ހުއްޓުވަން ބޭނުންވި ނަމަވެސް، ފާޅުގައި ބުނެވޭނެ ހައިސިއްޔަތެއް ނުވިސްނުނެވެ.

"އަހަރެމެން އުޅެނީ ރައްޓެހިވެގެން..." ކާވިން ކުއްލިއަކަށް ބުންޏެވެ. "އަހަންނާ އީންއާ..."

އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް، އެއްފަހަރު އީންއަށް، އަނެއްފަހަރު ކާވިންއަށް ބަލައިލިއެވެ. އީން އިނީ، އަނގަ ހުޅުވުނުގޮތަށް ލައްޕަންވެސް ނޭނގިފައެވެ. ދެމީހުން ރައްޓެހިވީ ކޮން އިރަކު ކަމެއް އީންއަކަށް ނޭނގުނެވެ. ކާވިން އެފަދަ ވާހަކައެއް އީންގެ ކައިރީގައި ނުވެސް ދައްކައެވެ. އަނެއްކާ އެއީ ކާވިން ކޮށްލި ސަމާސާއެއް ހެއްޔެވެ؟ ނޫނީ އީން ތަޅުވައިލަން ކުރި ކަމެއް ހެއްޔެވެ؟

އަމިއްލަ ދިރިއުޅުމުގެ ވާހަކައެއް ކާވިން ދެއްކިޔަސް، އެންމެންނަށް ހީވަނީ، ރަސްމީ ވާހަކައެއް ދައްކާ ހެންނެވެ. ޖަވާބު ދޭންވީ، ކިހިނެއްކަމެއް އެކަކަށްވެސް ނޭނގުނެވެ. އީން ދެލޯ ބޮޑުކޮށްގެން ކާވިންއަށް ބަލަން އިންއިރު، ލަޔާން އާއި ނުހާމް އިނީ، ހިނިގަނޑު ފިއްތާލައިގެންނެވެ. އެއީ އެމީހުންނަށް އެނގޭ ބޮޑު ސިއްރަކަށްވާތީއެވެ.

ޔުނާނަށް ހިންދިރުވައިލެވުނެވެ. އެ ހަގީގަތް އޭނާ ގަބޫލުކުރިތާ އެތައް ދުވަހެކެވެ. ހަސްފަތާލުގައި އީން އާއި ކާވިން ތިބިގޮތް އޭނާއަށް ފެނުނެވެ. އެކަމަކު، އަދިވެސް އޭނާ އެ ހަގީގަތަށް ނުހޭނެނީއެވެ. އަދިވެސް އީން ލިބިދާނެކަމުގެ އުއްމީދު އެ ހިތުގައި ވިއެވެ. އެކަމަކު، ގަދަކަމުން އީން ހާސިލުކުރުމުގެ ވިސްނުމެއް ޔުނާންގެ ނެތެވެ. ލަޔާން ބުނިހެން ހިތުގެ އިހުސާސްތައް ފޮރުވާފައި ހިނިތުންވެލަން ޔުނާނަށް މަޖުބޫރުވިއެވެ. އީންއަށްޓަކައެވެ. އީންގެ އުފާވެރިކަމަށް ވިސްނާފައެވެ. އީން އުފަލުގައި ހުންނަނަމަ އޭނާވެސް ހުންނާނީ އުފަލުންނެވެ.

ކޮފީ ނިންމައި އެންމެން ރެސްޓޯރެންޓުން ނުކުންނަން ފެށިއެވެ. ކައުންޓަރަށް ފައިސާ ދައްކާފައި ކާވިން އަންނަންދެން ޔުނާން މަޑުކޮށްގެން ހުއްޓެވެ. އެހެން މީހުން ތިބީ ބޭރުގައެވެ.

"އީންއަށް ދެރަގޮތެއް ހަދައިފިއްޔާ، އަހަރެން އޭނަ އަތުލާނަން..." އިންޒާރެއްދޭފަދަ ރާގަކަށް ޔުނާން ބުންޏެވެ.

ކާވިން ދެލޯ އަޅައިލަމުން ޔުނާންއަށް ބަލައިލުމާއިއެކު، ޔުނާން ދުވެފައި އެހެން މީހުންގެ ކައިރިއަށް ދިޔައެވެ. ކާވިންގެ ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

********

މަސްދުވަހުގެ ޗުއްޓީ ނަގައިގެން އީން އޭނާގެ މަންމަގެ ގައުމަށް ދާން ތައްޔާރުވަމުން ދިޔައެވެ. ދަރިފުޅު އަންނާތީ، އަސޫމީ އަވަދިނެތި ކޮޓަރި ތައްޔާރު ކުރުމުގައި އުޅުނެވެ. އީން އާއި ކާވިން ތައްޔާރުވަމުން ދިޔައީ، ކައިވެންޏަށެވެ. ރާއްޖޭގައި ކައިވެނި ކުރުމަށްފަހު، ޕާޓީ ބާއްވާގޮތަށް ހަމަޖެހިފައި އޮތީ، އަސޫމީގެ ގައުމުގައި އޭނާގެ ގޭގައެވެ. މަންމަގެ އުފަލަށްޓަކައި ޕާޓީއެއް ބާއްވަން އީން އެއްބަސްވީއެވެ.

ކައިވެނިކުރަން އީން ކޯޓަށް ދިޔައީ ޔުނާން އާއި އެކުގައެވެ. ނުހާމާއި ލަޔާންއަކީ ދެ ހެކިވެރިންނެވެ. އީންގެ އުފަލަށްޓަކައި ހިނިތުންވެލައިގެން ހުރި ޔުނާންގެ ހިތް ފުނޑުފުނޑުވަމުން ދިޔައިރުވެސް، ކެތްތެރިވިއެވެ.

ކޯޓުގެ ދޮރުމަތިން ކާވިން އީންއަށް މަރުހަބާ ކިޔެވެ. ދެމީހުން އެކަކު އަނެކަކަށް ބަލައިލީ، ލޯބިން ފުރިގެންވީފަދަ ނަޒަރަކުންނެވެ. އެންމެން އެކުގައި ކައިވެނީގެ ހޯލަށް ވަންއިރު، އީންގެ ހިތް ވަނީ އަވަސްވެފައެވެ. ކައިވެނިކޮށްގެން ކޯޓުން ނުކުތްގޮތަށް، ކާވިން އުޅުނީ، އީންގެ އަތުގައި ހިފައިލާށެވެ. ޔުނާން އަވަހަށް އީން ދުރުކުރިއެވެ.

"މިއަދު އީން އަހަންނަށް ދީ..." ޔުނާން ލާނެތް ރާގަކަށް އެދުނެވެ. "ކުޑަކުޑަ ވަގުތުކޮޅަކަށް ދިނުމަށް ހުއްދައަށް އެދެން... ތިއުޅެނީ މިކުއްޖާ އަހަރެމެންނާ ދުރަށް ގެންދާކަށްނު..."

ކާވިން ހީލިއެވެ. މިއަދު އީން ގެއްލިދާނެކަމުގެ ބިރެއް އޭނާގެ ނެތެވެ. އީން ޔުނާންގެ ގައިގައި މަޑުމަޑުން ޖެހިއެވެ. އެވަގުތުކޮޅު ޔުނާން އާއި ދުރަށްޖެހޭކަށް ހުދު އީންވެސް މަސައްކަތެއް ނުކުރެއެވެ. ޔުނާނަކީ، ހިތްހެޔޮ އެކުވެރިއެކެވެ. އީން ރާއްޖެ އައުމުގެ ކުރިންވެސް ދެމީހުންގެ މެދުގައި ޚާއްސަ އެކުވެރިކަމެއް އޮތެވެ. އީންގެ ހިތާމަތައް އެންމެ ގިނައިން ޚިއްސާކޮށްފައިވާ މީހަކީވެސް އެއީއެވެ. ދެމީހުންގެ ގުޅުން ވަރުގަދައެވެ. ކޮންމެ ކަމެއްގައިވެސް އެކަކު އަނެކެއްގެ ހިމާޔަތުގައި ނުކުމެއެވެ. އީންގެ ހިތުގައި ޔުނާނާއިމެދު އޮތީ، ކޮއްކޮއަކު ބޭބެއަކުދެކެވާފަދަ މަތިވެރި ލޯތްބެކެވެ.

"ޔުނާންގަނޑަށް ރަނގަޅީއެއްނު އަހަރެން ދާތީ... ދެން ނުހުންނާނެ އުނދަގޫކުރާނެ މީހެއް..." އީން ލޯ އަޅައިލިއެވެ.

ގަދަކަމުން ހީލި ނަމަވެސް ޔުނާން އިސްޖަހައިލީ އޭނާގެ ދެލޮލަށް ޖަމާވި ކަރުނަތައް އީންއަށް ފެނިދާނެތީއެވެ. އެކަން އެނގުމުން ނުހާމް އަވަހަށް މައުޟޫޢު ބަދަލުކޮށްލިއެވެ.

"ލަޔާން ކައިވެނި ކުރަން ކިޔަކިޔާ ހުއްޓާ، އެހެން ބައެއް ދޯ މި ކުރީ..." ނުހާމް ދިމާކުރިއެވެ.

"އަދި ނެތެއްނު ނުކުރެވިފައެއް..." ލަޔާން އޭނާގެ ދިފާއުގައި އެއްޗެއް ބުނެލިއެވެ.

ހުރިހާ މީހުން އެކުގައި ގޮސް ވަނީ ރެސްޓޯރެންޓަކަށެވެ. ކައި ނިންމާގޮތަށް އީންމެން އެއާޕޯޓަށް ދާން ހަމަޖެހިފައިވާތީ، އެންމެން މަޑުކޮށްގެން ތިބީ ވަދާއުގެ ސަލާން ކުރާށެވެ.

"މި އަދި ކައިވެނީގެ ސައި ކަމަކަށް ގަބޫލެއް ނުކުރެވޭނެ އިނގޭ... އެކޮޅުން އައިއްސަ، އަދި އޮންނަންވާނެ ވަރުގަދަ ކެއުމެއް..." ނުހާމް ބުންޏެވެ. ލަޔާންވެސް ނުހާމްގެ ވާހަކަ އާއި އެއްބަސްވިއެވެ.

ކައި ނިންމާލައިގެން ބޭރަށް ނުކުމެފައި، އީން އެންމެންނަށް ޝުކުރުއަދާކުރިއެވެ. އެންމެން އެއާޕޯޓަށް ދިޔައީ އެކީގައެވެ. ފުރުމުގެ ވަގުތު އައިސް ޖެހުނުއިރު، އީން ކުރަމުން އައި ހިތްވަރު އެލިއްޖެއެވެ. އަބަދު އެކީގައި އުޅެފައި، ގާތް އެކުވެރިންނާއި ވަކިވާންޖެހޭތީ އީން ހުރީ، ދެރަވެފައެވެ.

"ވަރަށް މިސްވާނެ..." އެންމެންނަށް ވަކިވަކީން ބަލައިލަމުން އީން ބުންޏެވެ.

އީންމެންގެ ފްލައިޓް ނައްޓައިލުމާއިއެކު ޔުނާން އިސްޖަހައިލިއެވެ. ކަރުނަތައް ހިންދައިލުމުގައި އޭނާއަށް ކާމިޔާބެއް ނުވިއެވެ. ޔުނާނަށް ހީވީ، އަބަދުގެ އަބަދަށް އީން ގެއްލުނު ހެންނެވެ.

*********

އީންމެން ބަލައި އަސޫމީ ހުރީ އެއާޕޯޓަށް ގޮހެވެ. ގާތް އެކުވެރިންވެސް އޭނާ އާއި އެކުގައި ތިއްބެވެ. ކާވިން ފެނުމުން އަސޫމީގެ އެކުވެރިން ތައުރީފުކޮށް ހެދިއެވެ.

ދިގު ދަތުރަކަށްފަހު، މަންޒިލާއި ހަމައަށް ދެވުނުއިރު، އީން ހުރީ ލޮޑުވެފައެވެ. ދަތުރު ވަރުބަލިވެފައި ހުރިނަމަވެސް، ތައްޔާރުވެލައިގެން ގޮސް، އީންމެންނަށް ޖެހުނީ، ޕާޓީގައި ބައިވެރިވާށެވެ. މީހުންތަކުން ގޭތެރެ އޮތީ، ތޮއްޖެހިފައެވެ. ކައިވެންޏަށްފަހު، އީން އާއި އެކަހެރިވެލާނެ ވަގުތެއް ކާވިންއަކަށް ނުލިބުނެވެ. އެކަމާއި މޫޑު ޚަރާބުވި ނަމަވެސް، އެކަން ނުދައްކައިވޭތޯ އޭނާ މަސައްކަތް ކުރިއެވެ.

ޕާޓީ ނިމުނުއިރު، އީންހުރީ މާނޭވާލެވޭވަރު ވެފައެވެ. އަސޫމީ އާއިއެކު ބައެއް މަސައްކަތްތަކުގައި އުޅެފައި، އީން ކޮޓަރިއަށް ވަންއިރު، ކާވިން ހުރީ އިންތިޒާރުގައެވެ. ވަގުތުން އެ އަތުގެ ތެރެއަށް އީން ގެންދިޔައެވެ.

"ހުރިހާ ހިރާސްތަކަކުން ސަލާމަތްވެގެން މިކުއްޖާ އަހަރެންގެ އަތަށް މިއައީ، ހާދަ ދިގު އިންތިޒާރަކަށް ފަހުގައޭ..." ކާވިން އީންގެ ގައިގައި ބައްދައިލަމުން ބުންޏެވެ. "މިހާރު ތީ އަހަރެންގެ ހައްގެއް... ދެން ހިނގާނީ އަހަރެންގެ އަމުރު..."

"އެއީތަ ހަމައެކަނި ބޭނުންވާ ކަމަކީ؟..." އީން ވަރަށް ލަދުން ހުރެ އަހައިލިއެވެ. "ފިރިމީހާގެ އަމުރަށް ކިޔަމަންވާން ތައްޔާރަށް މިހުރީ..."

"މިގަޑީ ބޭނުން ބައިވަރު ކަންތައް..." ކާވިންގެ ލާނެތް ޖުމްލަ އަޑު އިވުނުއިރު، އޭނާގެ ލާނެތް އަމަލުތަކާއިވެސް އީންއަށް ކުރިމަތިލާން ޖެހުނެވެ. "އެހެންވިއްޔާ ދެން ކުރަން މިއުޅޭ އަމުރަށްވެސް ކިޔަމަންވާންވާނެ..."

އީންގެ ތުންފަތަށް ވެރިވެފައިވަނީ ލުއި ހިނިތުންވުމެކެވެ. ކާވިންގެ ކޮންމެ ޖުމްލައަކާއި އަމަލަކުން، އޭނާއަށް އެތައް އުފަލެއް ލިބެމުން ދިޔައެވެ. ކާވިންގެ ކުދިކުދި ސަމާސާތަކުން އީންއަށް ކުރެވެމުންދިޔައީ، ދުވަހަކު އިހުސާސްނުވާފަދަ އަރާމުކަމެކެވެ.

"އައި ލަވް ޔޫ..." ކާވިންގެ ދެލޮލަށް ބަލަން ހުރެ، އީން ބުންޏެވެ.

ކާވިން އީންގެ ދެކޯތާފަތުގައި ހިފަހައްޓައިލީ، ނުހަނު ލޯބިންނެވެ. އީން ބުނި ޖުމްލައިން އޭނާ އުފާވިވަރު އެ މޫނުގެ އަސަރުތަކުން ހެކިދިނެވެ.

"އަހަރެންވެސް ވަރަށް ލޯބިވޭ... ވަރަށް ބޮޑަށް ލޯބިވޭ... އިނގޭތަ، ތި ޖުމްލަ އީންގެ ދުލުން ބުނާ އަޑު އަހާލާ ހިތުން އަހަރެން ހާދަ އިންތިޒާރެއް ކޮށްފީމޭ... އެކަމަކު އަހަރެން ބޭނުންވީ ކައިވެނީގެ ފަހުން ލޯބިވާ ވާހަކަ ބުނަން.." އީންގެ ކޯތާފަތުގައި ފިރުމައިލަމުން ކާވިން ބުންޏެވެ. "އަހަރެން އީންއަށްޓަކާ ތައްޔާރުކުރި ވަރަށް ޚާއްސަ އެއްޗެއް އެބައޮތް..."

"ކޮބާ؟..." ވަށައިގެން ހޯދައިލަމުން އީން އަހައިލިއެވެ.

ކާވިން ނެގީ ކުޑަ ފޮތެކެވެ. ހިތެއްގެ ބައްޓަމަށް އޮތް އެ ފޮތުގައި ކޮންމެ ދުވަހެއްގެ ތާރީޚު ޖަހާފައިވާ ގަނޑެއް އޮތެވެ. އީންދެކެ ލޯބިވެވުނުފަހުން، ކާވިންގެ ހިތް އޭގެ މަގާމުން ދޫވާ ކޮންމެ ފަހަރަކު، އެފޮތުގައި އޭނާ އީންދެކެވާ ލޯބި ބަޔާންކޮށްފައި އޮތީ ވަރަށްވެސް ފަށުވި އިބާރާތްތަކަކުންނެވެ.

ފަހަރަކު ގަނޑެއް ތަކުރާރުކޮށް ކިޔައިލި އީން ގިސްލާފައި ރޯންފެށިއެވެ. ކާވިންގެ މޭގެ ތެރޭގައި ފޮރުވައިލިއިރު، އީންގެ ހިތް އުފަލުން ފުރި ބަންޑުންވަނީއެވެ. ކާވިން ލޯބިވާ ވާހަކަ ނުބުނާތީ، އީންގެ ހިތުގައި އުފެދުނު ހުރިހާ ޝަކުވާއެއް ވަގުތުން ފިލައި ދިޔައެވެ.

"އަހަރެން ހިއެއް ނުކުރަން، ކާވިން އަހަރެންދެކެ އެހާ ލޯބިވާނެ ކަމަކަށް..." އީން ގިސްލަމުން ވާހަކަ ދެއްކިއެވެ. "ދުވަހަކުވެސް އަހަރެން ދޫކޮށްލާފަ ނުދާތި... ދިޔަކަ ނުވެސް ދޭނަން..."

ކާވިން އީން ދުރުކޮށްލައި، އަތްދަނޑި މައްޗަށް އުފުލައިލީ، ލުއި ފަތެއް އުފުލައިލާނެހައި ފަސޭހައިންނެވެ. ހަލުވި ފިޔަވަޅުތަކެއްގައި ކާވިން އެނދާއި ދިމާއަށް ހިނގައިގަތުމުން، ލަދުންގޮސް އީންގެ މުޅި މޫނު ރަތްވިއެވެ.

"ވައުދުވަން... އެކަމަކު މިކުއްޖާ އެބަޖެހޭ އަހަންނަށް އުފުލާނުލެވޭ ވަރަށް ކާން..." ކާވިން ލާނެތް ރާގަކަށް އެހެން ބުނެފައި، އީންގެ ނިތްކުރީގައި ބޮސްދިނެވެ. އެއަށްފަހު އެ ނާޒުކު އަންހެންކުއްޖާ އެނދުގައި ބާއްވައިލިއެވެ.

"މިހާ ލުއިއްޔާ، އަބަދު ގެންގުޅެވޭނީ އަހަރެންގެ އަތްމަތީގަ..." ކާވިން ބުނެލިއެވެ.

ދެން ހޭދަވެގެން ދިޔައީ އުފާވެރިކަމުގެ ވަގުތުކޮޅެކެވެ. ދެމަފިރިން އެކަކު އަނެކަކަށް އެތައްހާސް ވައުދެއްވިއެވެ. މުޅި އުމުރަށް އެކީގައިވުމަށް ފެށި ލޯބިވެތި ގުޅުން އައު ހަރުފަތަކަށް ގެންދިޔައެވެ.

ހިތްވަރާއި، ނުގުޑާނޭ އަޒުމަކީ ކާމިޔާބީގެ އަސްލެވެ. ކެރިގެން ކަންކަމާއި ކުރިމަތިލެވޭނީ، ހިތްވަރު ހުރެގެންނެވެ. ކޮންމެ ކަމެއް ފަސޭހައިން ކާމިޔާބު ނުވެދާނެއެވެ. މާޔޫސްވެ، ކަރު އެލުވައިލަން ޖެހޭ އެތައް ފަހަރެއް ދިރިއުޅުމުގައި އަންނާނެއެވެ. އެހެނަސް، އަޒުމު ގުޑުވައިނުލާށެވެ. ހިތްވަރުކުރާށެވެ. އިންޝާﷲ ކާމިޔާބު ލިބޭނީ އޭރުންނެވެ.

(ނިމުނީ)

 

 

ކޮމެންޓް 0