ކާވިންގެ ފަހަތުން ޔުނާންވެސް ދުވެފައި ގޮސް ފެހިޒާދީ ގެއަށް ވަންނަން އުޅުނެވެ. ގޭގެ ބޭރު ދޮރު ހުރީ، ތަޅުލާފަ އެވެ. އެއްފައިން ޖެހި ޖެހީނުން ދޮރު ވިއްސާލާފައި ކާވިން އެތެރެއަށް ވަނެވެ. ދޮރުފަތް ވަކިވެގެން، އެ ވިއްސައިގެން ދިޔައީ މާ ދުރަށެވެ. އެއީ އާދައިގެ އިންސާނަކަށް ލިބިގެންވާނޭފަދަ ބާރެއް ނޫނެވެ. އެ މަންޒަރު ޔުނާންއަށް ކިތަންމެ ރަނގަޅަކަށް ވެސް ފެނުނެވެ. އޭނާގެ ހިތުގައި އުފެދިފައިވި ސުވާލުތައް އިތުރުވިއެވެ.

**********

ކާވިންއަކީ ކާކު ހެއްޔެވެ؟ އިންސާނެއް ހެއްޔެވެ؟ އެފަދަ ބާރެއް ލިބިފައިވަނީ ކީއްވެ ހެއްޔެވެ؟ ހަމަ ޔަޤީނުންވެސް އެއީ އާދައިގެ އިންސާނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.

ކާވިން ގޮސް ކޮޓަރިއަށް ވަންއިރު، އީން އޮތީ ވެއްޓިފައެވެ. ކާވިން ފެނުމާއިއެކު، ކަޅުކުލައިގެ މާސްކަކުން މޫނު ނިވާކޮށްގެން ހުރި މީހާ ދުވެފައި ގޮސް އީން ނެގިއެވެ. އޭނާގެ އަތުގައި އޮތް ވަޅި އީންގެ ކަރުގައި ޖައްސައިލިއެވެ. ކާވިންގެ ދެދަތްޕިލަ ޖެހި ބާރު ވިއެވެ. ދެއަތް މުށްކެވިގެން ދިޔައިރު، ކަރުގެ ނާރުތައް ފުފިއްޖެއެވެ. ރުޅިވެރިކަން ފެންނަމުންދިޔަ އެ މޫނުމަތިން ހީވަނީ، އަލިފާން ކަނި ބުރަމުންދާ ހެންނެވެ. ހަމަލާއަކަށް ތައްޔާރުވެގެން ކާވިން ހުރީ، ރަނގަޅު ދަނޑިވަޅަކަށް ބަލާށެވެ.

"އޭތް..." ކާވިންގެ ބާރު އަޑު މުޅި ތަނުގައި ގުގުމައިލިއެވެ. "އޭނަ ދޫކޮށްލާ..."

"ކައިރިއަށް އައިސިއްޔާ، އަހަރެންގެ އަތުން މި އަންހެންކުއްޖާ މަރުވާނެ..." އިވުނީ ފިރިހެނެއްގެ އަޑެވެ.

އެމީހަކަށް ވިސްނައިލާނޭ ފުރުސަތެއް ވެސް ކާވިން ނުދިނެވެ. ކުއްލިއަކަށް ދުވެފައި ގޮސް އެ މީހާގެ އަތުގައި ހިފެހެއްޓިއެވެ. އަތް އަނބުރައިލި ގޮތުން، އެމީހެއްގެ އަތުން ވަޅި ދޫވެގެން ތިރިއަށް ވެއްޓުނެވެ. މުޅި ތަނުގައި ގުގުމައިގެން ދިޔައީ ވަޅި ގޮސް، މުށިތަކުގެ މަތީގައި ޖެހުނު އަޑެވެ. ކާވިން ގެނައި އަވަސް ހަރަކާތާއިއެކު، އެމީހާގެ އަތްދަށުން އީން މިނިވަންކޮށްލިއެވެ. ކާވިން ހަލުވިކަމުން، ޔުނާންއަށް އެ މަންޒަރު ފެނުނީ ވެސް ކަންވެ ނިމުނު ފަހުންނެވެ. އޭނާ ހުރީ، ހައިރާންވެގެން ހަރަކާތެއް ވެސް ކޮށްލަން ނޭނގިފައެވެ.

ފަޅި ސިކުންތުކޮޅެއްވެސް ނުވެއެވެ. ކާވިން އެ މީހާގެ މާސްކު ދަމައިގަތެވެ. ކަޝްފުވެގެންދިޔަ އެ މީހެއްގެ މޫނު ފެނުމުން އެންމެނަށް ލިބުނީ ހައިރާން ކަމެކެވެ.

"އިގުބާލް!...." ޔުނާންއަށް ބުނެވުނެވެ.

އިގްބާލު ދުއްވައިގަތެވެ. އޭގެކުރިން، ކައިރީގައި ހުރި އީންގެ މޭގައި އަތް އަޅައި، ކޮއްޕައިލިއެވެ. ނުވިސްނާ ހުރުމުން ދާދި ފަސޭހައިން އީން ވެއްޓިއްޖެއެވެ. ޔުނާން އިގްބާލާއި ދިމާއަށް ދިޔައިރު، ކާވިން ދިޔައީ އީން ކައިރިއަށެވެ. ކާވިން އީންގެ ދެކޮނޑުގައި ހިފައި މަޑުމަޑުން އުފުލައިލިއެވެ. އެންމެ ބީހިލުމަކުންވެސް، އެ އަންހެންކުއްޖާގެ ހަށިގަނޑުގައި އިތުރު ވޭނެއް ނާޅާނެހައި މަޑުމަޑުންނެވެ.

"އާހް..." އީންގެ އަނގައިން ނުކުތީ، ވޭނީ އާހެއްގެ އަޑެވެ. ވެއްޓުނު ގޮތަކުން އީންގެ ނޭފަތުން ކޮންމެވެސް ވަރަކަށް ލޭ އައެވެ. ކާވިންގެ މޫނުން ފެނުނީ ކަންބޮޑުވުމެވެ. ކާވިންއަށް އަމިއްލަ އިހުސާސްތަކުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އީންގެ ބޯދަށަށް އަތް ލައްވައި ކައިރިއަށް ދަމައިލިގޮތަށް ގެންގޮސް، މޭގައި ޖައްސައިލިއެވެ.

އުނދަގޫ ގޮތަކަށް ކެއްސަމުންދިޔަ އީންއަށް ރަނގަޅަށް ނޭވާ ލެވެން ފެށީ އޭގެ އިރުކޮޅެއް ފަހުންނެވެ. ކާވިންގެ ގާތްކަމުން އޭނައަށް އިހުސާސް ކުރެވިގެން ދިޔައީ ރައްކާތެރިކަމެވެ. އަމިއްލަ ނަފުޞު ހަމައަކަށް އެޅުމުންވެސް، ކާވިން އާއި ދުރަށްޖެހިލަން ބޭނުންނުވެފައި އީން އިނެވެ. ކާވިންގެ ގައިން ދުވަމުންދިޔަ ލުއި ސެންޓްގެ މީރުވަސް، އީންގެ ނޭފަތުގައި ހަރުލައިގެން ދިޔައެވެ. ހަމަ އެއާއި އެއްވަރަށް، އަވަސް އަވަހަށް ތެޅެމުންދިޔަ ކާވިންގެ ހިތުގެ އަޑުން، އީންގެ ނަފުސަށް ދިރުން ގެނުވިއެވެ. އެ މޭގައި މޫނު ފޮރުވާލައިގެން އެތައް އިރަކު އިންނަން އީން ބޭނުންވިއެވެ.

********

ހަސްފަތާލުގައި ފުދޭ ވަރަކަށް މީހުން ގިނަ ވަގުތެކެވެ. އެތެރެއަށް ވަން ކާވިންގެ ހިތް ވަނީ އަވަސްވެފައެވެ. އިގުބާލް ގެންގޮސް ފުލުހުންގެ އިދާރާއަށް ލާފައި، ކާވިން ހަސްފަތާލަށް ދިޔައީ، އީންގެ ޚަބަރެއް ބެލުމަށެވެ. އެހެން ހުރިހާ ކަމަކަށްވުރެ، އޭނައަށް އީން މުހިއްމުވެއްޖެއެވެ. ލައިގެން ހުރި ގަމީހުގެ މޭމަތި ލެއިން ތަތްތެޅިފައި ވިޔަސް، ކާވިންގެ ފަރުވާލެއް ނެތެވެ. އީން އާއި ބައްދަލުކޮށްފައި ނޫނީ އިތުރު އެއްވެސް ކަމެއް ނުކުރުމަށް ކާވިން އޭނާގެ އަމިއްލަ ނަފުސަށް ވައުދެއް ވެފައިވާ ކަހަލައެވެ. ކާވިން ދުވެލާފައި ކަހަލަ ގޮތަކަށް ގޮސް ސިޑިން މައްޗަށް އަރަން ފެށިއެވެ. އެކުގައި އައި ނުހާމް އާއި ލަޔާންއަށް މަޑުކުރުމެއް ނެތިއެވެ.

ބޭސްއަޅާ ކޮޓަރީގެ ދޮރުމަތީގައި ޔުނާން ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އީން އެ ކޮޓަރިއަށް ވެއްދިތާ ފަނަރަ މިނެޓު ވީއިރުވެސް، ނުނެރޭތީ، ހާސްވެގެން ޔުނާންއަށް ކޮޅަށް ހުރުމަށް ދަތިވިއެވެ. ޔުނާން ގޮސް ގޮނޑީގައި އިށީނދެލި ވަގުތަކީ، ކާވިން އައިސް އެ ތަނަށް ވަން ވަގުތެވެ. ދެމީހުންގެ ވާހަކަތައް ބަދަލުކުރެވުނީ ނަޒަރުންނެވެ.

ނުހާމް އާއި ލަޔާން އައި އިރުވެސް އީން ނުނެރެއެވެ. ކަންބޮޑުވެފައިވާ ކާވިންގެ މޫނު ފެނުމުން، އެންމެންވެސް ސުވާލު އުފެދިފައި އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. ވިސްނަންވީ ގޮތެއް އޭގެ ތެރެއިން އެކަކަށް ވެސް ނޭނގުނެވެ. ކުރީ ދުވަހުގެ ހާދިސާއަށްފަހު، ކާވިން އީން އާއިމެދު ޚާއްސަގޮތެއް ބަހައްޓާކަން އެ މީހުންނަށް އެނގެއެވެ. އެކަމާއި އެންމެ ބޮޑަށް ވިސްނުނީ ޔުނާން އަށެވެ. ކާވިން އީން އާއި މާ ގާތްކޮށް އުޅޭތީ، ޔުނާންގެ ހިތަށް އުނދަގޫ ވެއެވެ. ވަކީން ޚާއްސަކޮށް، ހިނގައިދިޔަ ހާދިސާއަށްފަހު، ކާވިންގެ މޭގެ ތެރޭގައި އީން ފޮރުވާލުން ވެގެންދިޔައީ، ޔުނާންއަށް ބަލަން އުނދަގޫވި މަންޒަރަކަށެވެ.

"ކޮބާ، ކީކޭ ޑޮކްޓަރު ބުނީ؟..." ނުހާމް ސުވާލު ކުރީ، ފިކުރު ބޮޑުވެފައި އިން ޔުނާން އަށެވެ.

"މާ ބޮޑު ކަމެއް ނުވެއޭ ބުނީ... އެކަމަކު ހާދަ ބައިވަރު ލެޔެކޭ.." ޔުނާން ކަންބޮޑުވެފައި ބުންޏެވެ.

ނުހާމް މެން އައިތާ މާގިނައިރުތަކެއްނުވެ، ބޭސްއަޅާ ކޮޓަރީގެ ދޮރު ހުޅުވައިލިތަން ފެނުނެވެ. ހިނގާލާފައި ނުކުތް އީން ފެނި، އެންމެން އެ ދިމާއަށް ދިޔައީ އެއްފަހަރާއެވެ. އީންގެ މޫނުން ދެތަނެއްގައި ބޭސް އަޅާފައިވާއިރު، އަތުގެ އުޅަނބޮއްޓާއި ދިމާގައި ވެސް ބޭސްގަނޑެއް އަޅާފައި އޮތެވެ.

އެންމެން ފެނުމުން، އީން ހައިރާން ވިއެވެ. ހަމަ އެހާ އަވަހަށް ހިނިތުންވެލައިފިއެވެ. އެންމެން އެއްފަހަރާ ބައްދަލުކުރަން އައިސްދާނެކަމަށް އީން ކުޑަކޮށް ވެސް އުއްމީދެއް ނުކުރެއެވެ. އީންގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި އުފަލެކެވެ. ކާވިން ކުރިއަށްޖެހިލައި އީންގެ ގައިގައި ހިފަހައްޓައިލަން އުޅުނެވެ. އޭގެ ކުރިން ޔުނާން ގޮސް، އީންގެ ގައިގައި ހިފަހައްޓާލައިފިއެވެ. ކަންބޮޑުވެފައި، އީންއަށް ބަލައިލީ، ކާވިން އާއި ދިމާއަށެވެ. އޭރު ކާވިން ހުރީ އިސްޖަހާލައިގެންނެވެ.

"ކީއްކުރަން އެކަނި ދިޔައީ؟... އީންއަށް ނޭނގޭތަ ކިހާ ނުރައްކާތެރި ކަމެއްކަން އެއީ؟..." ޔުނާން ޝަކުވާ ކުރިއެވެ. "އަދި ތިއުޅެނީ ކުރީގެ ޒަޚަމުތައްވެސް ފަސޭހަނުވެގެން... ދެން ތަނަކަށް ދަންޏާ، އަހަރެން ކައިރީ ބުނަންވާނެ..."

ހަސްފަތާލުގައި ބާއްވައިގެން ފަރުވާދޭވަރުގެ ޒަޚަމުތަކެއް ނުލިބޭތީ، އަރާމުކުރަން ބުނެފައި އީން ފޮނުވައިލީ ގެއަށެވެ. އެކަމާއި ކާވިން ހިތްހަމައެއްނުޖެހުނެވެ.

"އެހާ ބައިވަރު ލޭ އައީމަވެސް ފޮނުވާލަނީތަ؟..." ކާވިން ކައުންޓަރަށް ގޮސް ޝަކުވާކުރަން ފެށިއެވެ. "ބަލާބަލަ، މިހުރީއޭ އޭނަގެ ގައިން އައިއްސަ ހުރިހާ ލޭ... ބްލަޑް ޕްރެޝަރ، ބީޕީ، އެޗްބީ، ހުރިހާ އެއްޗެއް ރަނގަޅަށް ޗެކް ކުރިންތަ؟..."

"ބައްލަވާ، މިކޮޅުން ޑޮކްޓަރވެސް ވަރަށް ރަނގަޅަށް ބައްލަވާފަ ގޮތް ނިންމަވާނީ... އެހާ ސީރިއަސް ނޫން..." ކައުންޓަރުގައި އިން ކުއްޖާއަށް ބުނެވުނީ އެހިސާބަށެވެ.

"ރަނގަޅަށް ބަލާފައޭ؟... ސީރިއަސްއެއް ނޫނޭތަ ތި ބުނަނީ؟" ކާވިން ރުޅި އައެވެ. "ރަނގަޅަށް ބެލީމަތަ، ގެއަށް އެ ފޮނުވާލީ؟.... މިހާ ގިނަ ލޭ އައިއިރުވެސް، ތިބުނަނީ ސީރިއަސްއެއް ނޫނޭ..."

"ސަރ!... ސަރ!..." ލަޔާން ގޮސް ކާވިން ދުރުކުރެވޭތޯ މަސައްކަތް ކުރިއެވެ.

ދުރުގައި ހުރި އީންއަށް ނޭވާ ލާންވެސް ހަނދާންވީ، ޔުނާން އެއްޗެކޭ ބުނުމުންނެވެ. ކާވިން އުޅޭގޮތަކުން، އީންގެ ހިތަށް ބުނެދޭން ނޭނގޭ އުފަލެއް ލިބިފައި ވިއެވެ. ޔުނާން އާއި ނުހާމް ހުރީ، ވިސްނަންވީ ގޮތެއް ނޭނގިފައެވެ. ކާވިންގެ އެ ސިފަ އެމީހުންނަށް ފެނުނީ، އަލަށް ކަމުގައި ވީތީއެވެ. އީން ތުއިގޮތަކަށް ހީލިތަން ފެނުމުން، ޔުނާން ދެލޯ އަޅައިލިއެވެ. އަވަހަށް އީން ގޮވައިގެން ހަސްފަތާލުން ނުކުތެވެ.

"އޭނަ އެ އުޅެނީ، ކުރެވުނު ކަންތަކާ ދެރަވެގެން..." ފުލުހުންގެ އިދާރާ އާއި ހަމައަށް ދެވުމުން ޔުނާން ބުންޏެވެ.

ޔުނާން ދެއްކި ވާހަކަ އީންއަށް ނީވޭ ކަހަލައެވެ. ފުލުހުންގެ އިދާރާގެ ތެރެއަށް ވަދެފައި އީން މިސްރާބުޖެހީ އަންހެން ފުލުހުންނަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިތަކާއި ދިމާއަށެވެ. ޔުނާން ކޮޓަރި އާއި ހަމައަށް ދާން އެދުމުން ވެސް އީން އެކަމަށް އިންކާރު ކުރިއެވެ.

ކޮޓަރިއަށް ވަދެވަދެ ހުރި، އީންގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ، ފަހަތުން ކާވިންގެ އަޑު އިވުމުންނެވެ. އޭނަ ފަސްއެނބުރި ބަލައިލިއިރު ކާވިން ހުރީ، ދާދި ގާތުގައެވެ. އީން ހާސްވެފައި ދެކޮޅު ހޯދައި ބަލައިލިއެވެ. މީހަކަށް ފެނިދާނެތީ އޭނަ މާ ބޮޑަށް ހާސްވީއެވެ. ބަޔަކު އަންނަހެން ހީވެގެން އީންގެ ހިތް ތެޅިގަތެވެ. އަވަހަށް ކާވިންގެ އަތުގައި ހިފައި ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް ކޮޓަރިއަށް ވެއްދއެވެ.

ދޮރު ޖަހާފައި ދޮރުގައި ލެނގިލި އިރުވެސް އީންގެ ހިތް ހަމައަކަށް ނޭޅެއެވެ. މޭގައި އަތް ޖައްސައި ދެލޯ މަރައިގެން ހުރެފައި އޭނަ ލޯ ހުޅުވައިލީ، އެ މީހުންގެ އަޑު ކެނޑި، ތަން ހިމޭންވުމުންނެވެ. އީންއަށް ހަމަހޭވެރިކަން ވީއިރު، ހުރެވުނީ ކާވިން އާއި ދާދި ގާތުގައެވެ. އޭރުވެސް އޭނާއަށް ހުރެވުނީ، ކާވިންގެ ގަމީހުގައި ހިފައިލި ގޮތަށް ދޫކޮށްލަންވެސް ނޭނގިފައެވެ. އެކަން އިހުސާސްވުމުން، ބިރެއް ފެނިގެން ދޫކޮށްލާހެން ކާވިންގެ ގަމީހުން ދޫކޮށްލިއެވެ.

ލަދުން މޯޅިވަމުންދިޔަ އީންގެ ހަރަކާތްތަކަށް ބަލަން ކާވިން ހުރީ، ކަޅި ޖަހާލަންވެސް ނޭނގިފައެވެ. ރިހުން އެކުލެވޭ ނަޒަރަކުން އޭނަ އީންއަށް ބަލަމުން ދިޔައިރު، ހިތުގެ އިހުސާސްތަކުގެ މައްޗަށް ބާރު ފޯރުވަން އުނދަގޫވެފައި ވިއެވެ. އެ ނާޒުކު އަންހެންކުއްޖާ ކާވިންގެ މުޅި ހިތް ފަތަހަ ކޮށްފިއެވެ. ދުރުވާން އުޅުނަސް، އެ ފުރުސަތެއް ނުލިބޭނެކަން ގައިމެވެ.

ނޭވާ ހާސްވެ، މުޅި މީހާ ދާހިއްލަން ފެށުމުން، އީން އުޅުނީ ކާވިން އާއި ދުރަށް ޖެހިލާށެވެ. ކާވިން އޭނަގެ އަތުގައި ހިފެހެއްޓުމުން، އީން ލާން އުޅުނު ނޭވާ އެތެރެހަށީގައި ތާށިވި ކަހަލައެވެ. އީންގެ އަތަށް މަޑުމަޑުން ދަމާލަމުން، ކާވިން އޭނަގެ ކުރިމައްޗަށް އީން ގެނައެވެ. އެއަށްފަހު، އީންގެ އުނަގަނޑުގައި ދެއަތުން ހިފަހައްޓައިލީ، އީން އެފަދަ ކަމަކަށް ކުޑަކޮށްވެސް ނުވިސްނާ ހުއްޓައެވެ.

"ސޮރީ..." ކާވިންގެ ދެތުންފަތް ފޫދުއްވާލާފައި ނުކުތް ޖުމްލަ އާއިއެކު، ހަށިފުރާ ފުން ނޭވާއެއް ދޫކޮށްލިއެވެ. "ވަރަށް ބޮޑަށް ސޮރީ...."

އެ ޖުމްލަތައް އީންގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ވާސިލު ވިއެވެ. ކާވިން އޭނަ އާއިމެދު ވިސްނާކަން އީންއަށް އެނގުނެވެ. މާގިނައިރުތަކެއްނުވެ، ކާވިން އީން އާއި ދުރަށް ޖެހިލިއެވެ. އޭރުވެސް އީން ހުރީ ހުއްޓުން އަރާފައެވެ. ކާވިން މަޢާފަށް އެދެންޖެހޭ ސަބަބެއް އީންއަކަށް ނުވިސްނުނެވެ.

"މިއަދު އީންއަށް ކަމެއްވިނަމަ، އަމިއްލަ ނަފުސަށް ދުވަހަކުވެސް މާފެއް ނުކުރެވުނީސް..." އީން ގަބުވެފައި ހުއްޓައި އަނެއްކާވެސް ވާހަކަ ދައްކަން ފެށީ ކާވިން އެވެ. "އެވަރު ކަމެއް ކުރުމުގެ ކުރިން އަހަރެން ކައިރީ އަހާލިނަމަ..."

ކާވިންގެ އަޑުގައިވި ރިހުން އީންއަކަށް ސިއްރެއް ނުވިއެވެ. އޭނާ އެއްޗެއް ބުނަން އަނގަ ހުޅުވައިލިތަނައި، ދޮރުގައި ޓަކިޖަހައިލި އަޑު އިވުނެވެ. އީން ދިޔައީ ސިއްސައިގެންނެވެ. އަވަހަށް ކާވިން ގެންގޮސް ފާޚާނާއަށް ވެއްދިއެވެ.

ފާޚާނާގެ ވަށައިގެން ބަލައިލުމާއިއެކު، ކާވިންގެ މުޅި މޫނު ރަތްވިއެވެ. އީން އެތެރެއިން ލާން ގެންގުޅޭ، އަންނައުނުތަކަށް ކާވިންގެ ނަޒަރު ހުއްޓުނު ތަން ފެނި، އީންއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އަވަސް އަވަހަށް ކާވިން ފާޚާނާއިން ބޭރަށް ނެރުނެވެ. އީން އެންމެފަހުން ކާވިން ގެންގޮސް ވެއްދީ، އަލަމާރި ތެރެއަށެވެ.

އީން ގޮސް ދޮރު ހުޅުވައިލިއިރު، ދޮރުމަތީގައި ހުރީ، ނިއުޝާ އެވެ. ނިއުޝާ އަކީ އަންހެން ފުލުހުންގެ ތެރެއިން އީން އާއި އެންމެ ގާތް ގުޅުމެއް ބާއްވާ އެކަކެވެ. އީންއަށް މީހަކު ހަމަލާ ދިން ޚަބަރު ލިބިގެން ނިއުޝާ ކަންބޮޑުވީއެވެ. އީންގެ ހާލު ބަލައިނުލައި ހިތްހަމަނުޖެހުނީއެވެ.

އީން އުޅުނީ ކޮޓަރިން ނުކުންނާށެވެ. އޭގެ ކުރިން ނިއުޝާ އެތެރެއަށް ދެމިގެންފިއެވެ. ނިއުޝާ ގޮސް އެނދުގައި އިށީނުމުން، ފަހަތުން ވަންނަން އީންއަށް މަޖުބޫރުވިއެވެ. ދެފިކުރެއްގައި ހުރެފައި އީން އެތެރެއަށް ވަނީ، އިތުރު ގޮތެއް ނެތުމުންނެވެ.

އީން ހީކުރީ އޭނަ ކޮޅަށް ހުރުމުން ނިއުޝާ އަވަހަށް ދާނެ ކަމަށެވެ. އެކަމަކު، އާދައިގެ މަތީން، ނިއުޝާގެ ބޮޑު ވާހަކަ ފެށިގޮތަށް ހުއްޓައެއް ނުލިއެވެ. ކާވިން އިންނާނެ ހާލެއް ނޭނގިގެން އީން ހާސްވެ، ދާހިއްލަން ފެށިއެވެ.

"ކީއްވެތަ ކޮޅަށް ތިހުންނަނީ؟... މިތާ ޖައްސާލަބަލަ... މީ ކާވިން ސަރ އެއް ނޫނޭ... އަދަބުދީފަ ބަހައްޓާކަށް..." އެނދުގައި އަތުން ޖަހައިލަމުން ނިއުޝާ ވާހަކަ ދެއްކީ ލާނެތް ރާގަކަށެވެ.

ތިރީ ތުންފަތުގައި ދަތް އަޅާލައިގެން ހުރެ، އީން ގޮސް އިށީނެވެ. ދެއަތް ދެއަތާއި ޖޯޑުކޮށްލައިގެން އޭނަ އިންއިރު، ދޭތެރެއަކުން އެ ނަޒަރު އަލަމާރި އާއި ދިމާއަށް ހުއްޓެމުން ދިޔައެވެ.

"މީ ހަމަ އެ ކާވިން ސަރގެ ކަންތައް... އޯ އެމްޖީ، ހާދަ ވިއާޑް މީހެކޭ... ހޭންޑްސަމް، އެކަމަކުވެސް ވިއާޑް...." ނިއުޝާ ބުންޏެވެ. "އީން ބުނާހެން އޭނައަށް ކިޔަންވީ އެންގްރީ ބާޑް... އަހަރެން ވަރަށް ފޫހިވޭ އޭނަ ފެނުނީމަ... އެކަމަކު އެއީ ސިކުންތު ކޮޅަކަށް... އެސްފިޔަ ޖަހާލާފަ ދެވަނަ ފަހަރަށް ބަލާލާ އިރަށް، ނަޒަރު ދުރުކޮށްލާ ހިތްވެސް ނުވޭ... އެހާވެސް ހޭންޑްސަމް... ބައެއް ފަހަރު ހިތަށް އަރާ ލިބޭނެ ނަމައޭ... ރުޅި އާދެވެނީ ވެސް އޭނަ މަށާ ދިމާއަށް ބަލާވެސް ނުލާތީ ކަންނޭނގެ... އޭނައާ އެކީ މަސައްކަތް ކޮށްލަން ޗާންސެއް ނުލިބިފަ މިހުންނަނީ... އަހަރެން މީ އީން ނަމަ، މޮޅެތި އެއްޗެހި ޖައްސާނަން..."

ނިއުޝާ ފެށީ ހޭށެވެ. ނިޔަފަތިގަނޑުގައި ދަތްއަޅާލައިގެން އީން އިނެވެ. ނިއުޝާ ދިޔުމުން ކަންތައް ވާނެގޮތް އޭނާއަށް ރަނގަޅަށް އެނގެއެވެ. ބިރުން އިން ވަރުން އީންއަށް އިނދެވުނީ އަލަމާރި އާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

"ހާދަ ވަރަކަށް ކޮންތާކަށް ތި ބަލަނީ؟... އެތާ އެއްޗެއް އޮތީތަ؟... އަނެއްކާ ކާވިންތަ؟..." އެނދުން ތެދުވެގެން އަލަމާރި އާއި ދިމާއަށް ހިނގައިގަންނަމުން ނިއުޝާ ބުންޏެވެ.

ނިއުޝާ އެހެން ބުނީ، ޖެއްސުމަށް ކަން އެނގުނު ނަމަވެސް، އީންގެ ހިތް ތެޅިގަތެވެ. އޭނަ ފުންމައިގެން ތެދުވެ، ނިއުޝާގެ ކުރިމައްޗަށް އެރިއެވެ.

"ނޫން..." ދެއަތް ހުރަސްކޮށްލަމުން އީން ބުންޏެވެ.

އީން އާއި އަޅާ ބަލާއިރު، ނިއުޝާ އަކީ ޖާނުން ވަރުގަދަ ހަށިގަނޑެއް ލިބިފައިވާ މީހެކެވެ. އީން އަށްވުރެ އިސްކޮޅުން ވެސް ދިގެވެ. ބައިމަތި ފުޅާވެފައި، ހަށިގަނޑު ރަނގަޅެވެ. ލުއި އެއްޗެއް ދުރުކޮށްލާހެން ނިއުޝާ އީން ދުރުކޮށްލިއެވެ. އީންގެ ހިތް ތަޅުވާލާފައި ގޮސް، އަލަމާރީގެ ދޮރު ހުޅުވައިލިއެވެ.

އީންއަށް ދެލޯ މަރައި ބާރުކޮށްލެވުނެވެ. އެތެރޭގައި އިން ކާވިން ވެސް ދެލޯ މަރައި ބާރުކޮށްލިއެވެ. ނިއުޝާގެ ފޯނު ރިންގުވާން ފެށީ އަލަމާރީގެ ދޮރު ހުޅުވައިލި ތަނާއެވެ. އަލަމާރީގެ ބަދަލުގައި ނިއުޝާއަށް ނަޒަރު ހުއްޓައިލަން ޖެހުނީ ފޯނަށެވެ. ދަނޑިވަޅުގެ ބޭނުން ހިފައި އީން އަވަހަށް ދޮރު ލައްޕައިލިއެވެ.

"ފަހުން އަންނާނަން އިނގޭ... ސަރ ގުޅައިގެން މިދަނީ..." ނިއުޝާ ބުންޏެވެ.

ނިއުޝާ ދިޔުމުން އީން ހުރީ އަލަމާރީގެ ދޮރު ހުޅުވައިލަން ވެސް ނުކެރިފައެވެ. ނިއުޝާ ދެއްކި ވާހަކައިގެ އަޑު ކާވިންއަށް އިވޭނޭ ކަން އީންއަށް އެނގެއެވެ. އީން ހުރީ، ލަދުން މޮޔަވާން ކައިރިވެފައެވެ. ހަދާނޭ ގޮތެއް ނޭނގި ވިސްނަން އެތައް އިރަކު ހުއްޓެވެ. އެތަނުން ދުވެ ފިލަން އީންގެ ހިތަށް އެރި ވަގުތުކޮޅެއްވެސް ދިޔައެވެ. އެކަމަކު އޭނަ އެތަނުން ހިނގައްޖެނަމަ، ކާވިންއަށް އެތަނުން ނުނުކުމެވޭނެ ކަން އެނގޭތީ، އީންއަށް އެކަން ވެސް ކުރާކަށް ނުކެރުނެވެ. އީން ދެކޮޅަށް ހިނގަމުން ދަނިކޮށް، ކާވިން ދޮރުގައި ޖަހައިލި އަޑު އިވުނެވެ. އެންމެ ފަހަރަކު ނޫނެވެ. ދެތިން ހަތަރު ފަހަރު ޖެހުމުން އީން ގޮސް ދޮރު ހުޅުވައިލިއެވެ.

(ނުނިމޭ)

ކޮމެންޓް 0