އައު ދުވަހަކަށް އިރު އެރިއިރު، ޔުނާނާއި ލަޔާންގެ އިތުރުން ނުހާމާއި އޭނާގެ ބައްޕަ ތިބީ ފުލުހުންގެ އިދާރާގެ ތަހުގީގު ހޯލުގައެވެ. އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ، ކާވިން އަންނާނެ ވަގުތަކަށެވެ. ނުހާމްގެ އަތުގައި، ދާރިޔާގެ މަރާއި ގުޅޭ ތަހުގީގު ކުރިއަށް ގެންދިޔަ ފައިލު އޮތްއިރު، އޭނާގެ ބައްޕަގެ އަތުގައި، އެ ތަހުގީގާއި ގުޅިގެން ހޯދާފައިވާ ސީސީޓީވީ މަންޒަރުތަކާއި، ތަސްވީރުތައް ހުއްޓެވެ.
********
ލަޔާންމެންގެ އިންތިޒާރު ދިގެއް ނުވިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ތަހުގީގު ހޯލުގެ ތެރެއަށް ވަން ކާވިން ފެނުމުން، ޔުނާންއަށް ހޯދައިލެވުނީ އީން ކޮބައިތޯއެވެ. އީން ނުފެނުމުން ޔުނާންއަށް ލިބުނީ މާޔޫސްކަމެވެ.
"ކާވިން!..." ނުހާމްގެ ބައްޕަ ތެދުވެ، ކާވިން އާއި ސަލާމްކޮށްލިއެވެ. "ވަރަށް ގިނަ ދުވަސްވެއްޖެ އަހަރެން ކާވިންއާ ބައްދަލުކޮށްލަން ބޭނުންވެފަ ހުންނަތާ..."
ކާވިން ގޮސް ގޮނޑީގައި އިށީނުމުން، ވާހަކަ ދައްކަން އިސްނެގީ ނުހާމްގެ ބައްޕައެވެ. މާޒީގައި ދާރިޔާމެންގެ މަރުގެ ވޭދަނައިގެ ތަހުގީގު ކުރިއަށް ދިޔަ ގޮތާއި، ޝައްކު ކުރެވޭ ކަންކަމުގެ ގޮތުގައި ފެނުނު ކަންކަން އޭނާ ކާވިން އާއި ޚިއްސާކުރިއެވެ. އަދި ނުހާމްމެންނަށް ތަހުގީގުގައި ލިބުނު ކުރިއެރުންތައް ޚިއްސާކުރަމުން، އެ ވޭދަނައިގެ ތަހުގީގު ކުރިއަށް ގެންދަން، އޭނާގެ އެހީތެރިކަން ދޭނެ ކަމުގައި ބުންޏެވެ.
********
އީންއަށް ހޭލެވުނީ ފޯނު ރިންގްވާން ފެށި އަޑަށެވެ. އިސްކްރީނަށް އަރާފައި އޮތް ޔުނާންގެ ނަމާއިއެކު، ގަޑި ފެނުމުން، ފުންމައިގެން ތެދުވިއެވެ. ޑިއުޓީ ގަޑި ޖެހިގެން ބޮޑުވީއެވެ. އޮވެވުނީ ކާވިންގެ ގޭގައިކަންވެސް އީންއަށް އެނގުނީ އިރުކޮޅެއްވީ ފަހުންނެވެ. ވިސްނާ ވިސްނާވެސް ކޮޓަރިއަށް އާދެވުނު ގޮތެއް އީންއަކަށް ނޭނގުނެވެ.
"އޯ ނޯ... އަހަރެން ކޮންއިރަކު ކޮޓަރިއަށް އައީ؟..." ކޮޓަރީގެ ވަށައިގެން ހޯދައިލަމުން އީން ވާހަކަ ދެއްކީ، ހިތާއި ހިތުންނެވެ.
ރޭގައި ފަހުން ކަންތައްވީގޮތް ހަނދާންކުރަން އުޅުނު ނަމަވެސް އީންއަށް އެކަމެއްވެސް ނުވިއެވެ. ކޮންމެ ގޮތަކުންވެސް، އީންއަށް ކޮޓަރި އާއި ހަމައަށް އާދެވޭނީ، ކާވިންގެ އެހީތެރިކަމާއި އެކުގައިކަން އީންއަށް އެނގުނެވެ.
"ފައިނަލީ..." ދެއަތުން މޫނު ފޮރުވާލުމާއިއެކު، އިވިގެން ދިޔައީ، އީންގެ ލުއި ހިނިގަނޑުގެ އަޑެވެ. "ހޭލާ އޮވެވުނުނަމަ... އާހް... އަހަރެން ބޭނުން ކާވިން އަހަރެން ގެނައީ ކިހިނެއްތޯ ބަލަން..."
ކާވިންގެ އެނދުގައި ނިދާލަން ލިބުމުން، އީންއަށް ތަފާތު އިހުސާސެއް ކުރެވިގެން ދިޔައެވެ. އެއީ ހަމަ ގައިމުވެސް އެހެން އަންހެންކުއްޖަކަށް ލިބޭނެ ފުރުސަތެއް ނޫންކަން އީންއަށް އެނގެއެވެ. ކުޑަ ކޮޓަރިއެއް ނަމަވެސް، ކޮޓަރިތެރެ ތަރުތީބެވެ. އަލަމާރިއެއްގެ އިތުރުން، ރީތިވާ މޭޒެއް ބަހައްޓާފައިވާއިރު، ރީތިވާ މޭޒުގެ މަތީގައި މާގިނަ އެއްޗެއް ނެތެވެ.
އެކި ތަންތަން ބަލަމުން ގޮސް، އީން ވަނީ ފާޚާނާއަށެވެ. އީންގެ ނަން ޖަހާފައިވާ ތުވާއްޔަކާއި، ދަތް އުނގުޅާ ބުރުހެއްގެ އިތުރުން، އޭނާގެ ހެދުމެއް ފާޚާނާގައި ބަހައްޓާފައި ހުއްޓެވެ. އީންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ. ކާވިންގެ ކޮންމެ އަމަލަކުން އޭނާގެ ހިތް އުފަލުން ފުރެނީ ދާދި ފަސޭހައިންނެވެ. ފެންވަރައި ތާޒާވެލައިގެން އީން ނުކުތެވެ. އޭރުވެސް ފޯނު ރިންގްވާ އަޑު އިވެމުން ދިޔައެވެ. އިސްކްރީނަށް އަރާފައި އޮތީ ޔުނާންގެ ނަމެވެ. އޭރުއްސުރެ، ޔުނާން ގުޅަނީކަން އެނގުމުން، އީންގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ.
"ވަޓް؟..." ފޯނު ނެގިގޮތަށް އީން ބުންޏެވެ.
"ކޮން ވަޓްއެއް؟... ކޮންތާކު ތިހުރީ؟.." ޔުނާން އަހައިލީ ސިއްރުންނެވެ.
"ކިހިނެއްވީ؟... އަހަރެންމީ ކުޑަކުއްޖެއް ނޫނެއްނު ކޮންމެތާކަށް ނާދެވޭވަރުގެ..." އީން ބުންޏެވެ.
"ހާދަ ރުޅިއައީ.... އީންގެ ކޮޓަރި ރިޕެއަރ ކުރާތީއޭ މި އަހާލީ..." ޔުނާން ދެރަވެލާފައި ބުނެލިއެވެ.
"މާ ސިއްރުން ވާހަކަ ތި ދައްކަނީ ފާޚާނާގަ ހުރެގެންތަ؟..." ދިމާކުރާ ރާގަކަށް އީން ބުންޏެވެ.
"އަވަހަށް އަންނަންވީ އިނގޭ..." ޔުނާން ފޯނު ކަނޑައިލިއެވެ.
އީން ހެމުން ކޮޓަރިން ނުކުތެވެ. އޭނާގެ ދެލޯ ހޯދަމުން ދިޔައީ ކާވިންއެވެ. އެހާއިރުވާއިރު، ކާވިން ޑިއުޓީއަށް ނުގޮސް ހުރެދާނެބާއޭ އީންގެ ހިތަށް އެރިއެވެ. ގޭތެރޭގައިވެސް ކާވިންއެއް ނެތެވެ. އީންއަށް ކާމޭޒުމަތީގައި އޮތް ނޯޓުކޮޅު ފެނުނީ އިރުކޮޅެއް ފަހުންނެވެ.
"ކައިގެން އަވަހަށް އާދޭ..." ކާވިންގެ ނޯޓުގައި ލިޔެފައި އޮތެވެ.
އީންއަށް އޭނާގެ ނިޔަފަތިގަނޑުގައި ދަތްއަޅައިލެވުނެވެ. ކާވިން އުޅޭގޮތުން ހީވަނީ، ފިރިއެއް ހެންނޭ ހިތަށް އެރުމުން، އީންގެ މުޅި މޫނު ރަތްވިއެވެ. ކަމުންދިޔައިރު، ކާވިންގެ ކެއްކުމުގެ ހުނަރަށް އީންއަށް ތައުރީފު ކުރެވުނެވެ.
"އަހަރެން ހިތަށް އަރާ އެއްޗެހިވެސް މިހާރު ކާވިން ސަރއަށް އެނގެނީތަ؟..." އީންއަށް ހިތާއިހިތުން ބުނެލެވުނެވެ.
އީން ކައިގެން ފުލުހުންގެ އިދާރާއަށް ދިޔައިރު، އެންމެން ތިބީ ބޮޑު މަޝްވަރާއެއްގައެވެ. އީންގެ ނަޒަރު ކާވިންއަށް ހުއްޓުނުއިރު، ކާވިންވެސް އިނީ އީންއަށް ބަލަހައްޓައިގެންނެވެ. އީން ތުއިގޮތަކަށް ހިނިތުންވެލަމުން ޔުނާން ދަމާލަދިން ގޮނޑީގައި އިށީނެވެ.
"ކީއްވެ ލަސްވީ؟... އަހަރެން ހާދަ އިރެއް ވެއްޖެއޭ އިންތިޒާރުގަ އިންނަތާ..." ޔުނާން ޝަކުވާކުރަން ފެށިއެވެ. "ރޭގަ ކޮންތާކު ނިދީ؟..."
"މި ޔުނާންގަނޑު ނުބެހޭ ކަމެއްވެސް ނޯވެއޭ ދޯ..." އީން ތުން އަނބުރައިލިއެވެ. މައުޟޫޢު އޮޅުވައިލުމަށް އީން ބޭނުންކުރީ ރަނގަޅު ހަތިޔާރެކެވެ.
"ތަހުގީގަށް ބޮޑު ކުރިއެރުމެއް ލިބޭނެ އެއްޗެއް އަހަރެންގެ އަތުގަ އެބައޮތް..." އީން ބުންޏެވެ.
އެންމެން ސިހިފައި އީންއަށް ބަލައިލިއެވެ. އީން ދިއްކޮށްލީ، އެނާގެ ބައްޕަގެ ގެއިން ގެނައި ތަސްވީރެވެ. ތަސްވީރު ފެނުމާއިއެކު، އެންމެންނަށްވެސް ލިބުނީ ހައިރާން ކަމެކެވެ.
********
ތަހުގީގު ހޯލުގެ ސުވާލުކުރެވޭ ބައިގައި އިން ވަޖީހަށް ބަލަން ހުރެފައި، ކާވިން އެތެރެއަށް ވަނެވެ. ލަޔާން ވަންނަން އުޅުމުން، ކާވިން އެންގީ، ބޭރުގައި މަޑުކުރުމަށެވެ. ޔުނާން އާއި ލަޔާން ބިއްލޫރިގަނޑުން އެތެރެ ބަލަން ތިބިއިރު، އީން އިނީ ގޮނޑީގައި އިށީނދެލައިގެންނެވެ. އެ މަންޒަރު ބަލަން އީންއަކަށް ފަސޭހައެއް ނުވިއެވެ.
ކާވިން ފެނުމުން، ވަޖީހުގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. ކާވިންގެ ތުންފަތުގައިވި ލުއި ހިނިތުންވުމުގެ ސަބަބުން، އޭނާއަށް ނުތަނަވަސްކަމެއް ލިބުނެވެ. ވަކި އެއްޗެއް ބުނުމެއްނެތި، ކާވިން ގޮސް، ގޮނޑީގައި އިށީނެވެ. އޭނާ މޭޒުމަތީގައި ބާއްވައިލީ އީން ދިން ތަސްވީރެވެ.
"މީ ކޯއްޗެއްކަން އެނގޭތަ؟..." މަޑުމަޑުން އެ ތަސްވީރު ވަޖީހުގެ ކައިރިއަށް ޖައްސައިލަމުން ކާވިން ބުންޏެވެ.
ތަސްވީރު ފެނުމާއިއެކު، ވަޖީހުގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އެ ތަސްވީރު ކާވިންއަށް ލިބޭނީ އީން ދިނުމުންކަން އޭނާއަށް އެނގުނެވެ. ވަޖީހަށް ދެލޯ މަރައިލެވުނީ ގޮތް ހުސްވުމުންނެވެ.
"އަދިވެސް އިތުރު ކަމެއް ސިއްރުކުރަން އެބައޮތް؟..." ފަހުރުވެރިވެލާފައި، ކާވިން އަހައިލިއެވެ.
"އީން..." ވަޖީހަށް ހިތާއިހިތުން ބުނެވުނެވެ. "ކީއްތިކުރީ ދަރިފުޅާ..."
"ކިހިނެއްވީ؟... މީ އަހަރެމެންނަށް އެނގެން ނުޖެހޭ ކަމެއްތަ؟..." ތަސްވީރު ދުރުކޮށްލަމުން، ކާވިން އަހައިލީ ވަޖީހުގެ މޫނު މިލައިގެންދިޔަތަން ފެނުމުންނެވެ.
"ތިކަން ހުއްޓާލާ!..." ވަޖީހު ކުއްލިއަކަށް ކާވިންގެ އަތުގައި ހިފެހެއްޓިއެވެ.
"ކީއްވެ؟... ހުއްޓާލައިފިއްޔާ، ވަޖީހް އަހަރެމެންނަށް ހަގީގަތް ހާމަކުރާނަންތަ؟..." ކާވިން ހީގަތެވެ. "އަހަރެން މި ހެކި ހުށަހަޅައިފިއްޔާ، ވާނެގޮތް އެނގޭތަ؟..."
"ތި ހުރިހާ ކަމަކުން ގެއްލުން ލިބޭނީ އީންއަށޭ..." ވަޖީހު ހާސްވެފައި ބުންޏެވެ.
"ކުށްވެރިން ހިމާޔަތްކޮށްގެން، ރައްކާތެރިކަން ލިބޭނެކަމަށް ހީކުރުން އެއީ އެންމެ ބޮޑު މައްސަލަ... އެހެންނަމަ، ވަޖީހުގެ ދަރިއެއް އެމީހާގެ އަތްދަށަކުން މަރެއް ނުވީސް..." މޭޒުގައި ޖަހައިލަމުން ކާވިން ބުންޏެވެ.
"އަހަންނަށް އެނގޭ ކާވިން ތިކަން ތިކުރަނީ ކީއްވެކަން... ސަބަބީ ދާރިޔާއެއްނު..." ވަޖީހު ފޮރުވުމެއްނެތި ބުނެލިއެވެ. "އެކަމަކު ބުނަން ވާހަކައެއް... އެކަމުގަ ދެން އަހަންނަކަށް ކުރެވޭނެ އިތުރު ކަމެއް ނެތް... މިހާރު އަހަންނަށް މުހިއްމީ އީން..."
"ތީތަ ބައްޕައަކު ދަރިއަކުދެކެވާ ލޯތްބަކީ؟... ތީ އަމިއްލަ އަތުން ދަރިއަކު މަރާލުން ކަހަލަ ކަމެއް..." އިހުސާސްތައް ފޮރުވަން މަސައްކަތްކުރި ނަމަވެސް، ކާވިންއަށް އެކަން ކުރަން ފަސޭހައެއް ނުވިއެވެ. "ވަޖީހު ތި މަސައްކަތްކުރަނީ، މި މީހާ ހިމާޔަތްކުރާކައްނު... ތީ ވަޖީހަށް ހެދޭ ގޯހެއް..."
މޭޒުމަތީގައި އޮތް ތަސްވީރުގައި އިނގިލި ޖައްސައިލަމުން ކާވިން ބުންޏެވެ. ތަސްވީރުގައި ތިބީ އެއްމާބަނޑު ދެބެންނެވެ. ދެމީހުންގެ ކުޑަވެސް ތަފާތެއް ނެތެވެ.
"އެއީ ނޭނގުމެއްގެ ތެރެއިން ވީކަމެއް..." ކުރެހިފައިވާ އަޑަކުން ވަޖީހު ބުންޏެވެ. "އޭނަ ގަސްދުގަ ދާރިޔާ މަރައެއް ނުލާނެ... އެކަންވީ އަހަރެންގެ ސަބަބުން..."
"ވަޖީހް ތިހުރީ ވަރަށް ބޮޑު އޮޅުވާލުމެއްގެ ތެރޭގަ..." ކާވިން ޔަގީންކަމާއި އެކުގައި ބުންޏެވެ. "އޭނަގެ މަގުސަދަކީ، ވަޖީހުގެ މުޅި އާއިލާ ނެތިކޮށްލުން..."
"ނޫން..." ވަޖީހު ދެފަރާތަށް ބޯ ހޫރައިލިއެވެ. "އެއީ އަހަރެންގެ އާއިލާގަ ހަމައެކަނި ހުރި މީހަކީ... އަހަރެމެން ދެމީހުން ބޮޑުވީ، އެއް ރަހިމެއްގެ ތެރޭ... އުފަންވީ އެއްކޮށް... އޭނަގެވެސް އަހަރެންގެވެސް އިތުރު މީހަކު މިދުނިޔެއަކު ނެތް... އޭނަ ގަސްދުގަ އަހަންނަށް ދެރަގޮތެއް ނުހަދާނެ... އެރޭ ވީ ހުރިހާ ކަމަކަށް އަހަރެން އެންމެންގެ ކިބައިން މާފަށް އެދޭނަން... އެރޭ ނަޖާހް ތިގެއަށް ފޮނުވި މީހަކީ އަހަރެން... އެހެންވީމަ، ވީ ހުރިހާ ކަމެއްގެ ޒިންމާ ނަގަންޖެހޭނީވެސް އަހަރެން... ނަޖާހެއް ނޫން... ނަޖާހު ގަސްދުގަ މީހަކު ނުމަރާނެ..."
"ތީ ވަޖީހު ގަބޫލުކުރާގޮތް... ދެލޯމަތީގަ އަތްއަޅައިގެން ހުންނަންޏާ، ހަގީގަތެއް ނުފެންނާނެ..." ކާވިން ހަރުކަށި ރާގަކަށް ބުންޏެވެ. "ބަލަން ހުންނާތި، އަހަރެން ހުއްޓާނީ، ތި ނަޖާހު ހައްޔަރުކޮށްފަ..."
ތަހުގީގު ހޯލުން ނުކުތް ކާވިންއަށް އެރުނީ މިޝްއަލްގެ ކުރިމައްޗަށެވެ. މިޝްއަލް ހުރީ، ކާވިން ނުކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ކާވިންގެ އަތުގައި އޮތް ފައިލު އަތުލައިގެން އޭގައިވާ މައުލޫމާތުތައް މިޝްއަލް ބަލަން ފެށިއެވެ.
"މި ކޭސްއާ މިހިސާބުން ހަވާލުވާނީ އަހަރެން..." އަމުރުވެރި ރާގަކަށް މިޝްއަލް ބުންޏެވެ. :ބާކީ ލިޔުންތަކާ ހަވާލުވާން އަހަރެންގެ ޓީމު، ކާވިންގެ ކެބިންއަށް ދާނެ..."
"ލިޔުންތައް ހަވާލުކުރަން އަހަންނަށް ހަފްތާއެއް ލިބުނު... އަދި ހަފްތާއެއް ނުވޭ..." މިޝްއަލްގެ އަތުން ފައިލު ދަމައިގަންނަމުން ކާވިން ބުންޏެވެ.
"ތި ކޭސް އިތުރަށް ކުރިއަށް ގެންދަން ކާވިންގެ ޝަރުތު ހަމައެއް ނުވޭ... ތި ކޭސްއަކީ، ސީދާ ކާވިންއާ ގުޅިފައޮތް ކޭސްއެއް..." މިޝްއަލް ހުރީ އެއްބުމަ އުފުލާލައިގެންނެވެ.
"މިޝްއަލް!... ލެޓް މީ ހޭންޑްލް ދިސް..." ގޮތް ހުސްވެފައިވާ ކަހަލަ ރާގަކަށް، ކާވިން ބުންޏެވެ. "ހަމަ އެންމެ ފުރުސަތެއް ދީ... ޕްލީޒް..."
"ކާވިން އަހަންނަށް އިތުބާރު ނުކުރަނީތަ؟..." މިޝްއަލް ކުޑަކޮށް ހިތްހަމަނުޖެހިފައި ސުވާލު ކުރިއެވެ. "އަހަރެންވެސް މިހުރީ ހުވައެއްގެ މަތީގައޭ... އޯކޭ މައްސަލައެއް ނެތް އިތުބާރު ނުކުރިޔަސް... އެކަމަކު، މިހިސާބުން މި ކޭސްއާ އަހަރެން މި ހަވާލުވީ..."
މިޝްއަލް އަނެއްކާވެސް ކާވިންގެ އަތުން ފައިލު އަތުލިއެވެ.
"މިޝްއަލް ތިއުޅެނީ އަހަރެންގެ ކިބައިން ބަދަލުހިފަންތަ؟..." ކާވިން ނުރުހިފައި ސުވާލު ކުރިއެވެ.
"ކޮން ކަމަކާ؟..." ފަރުވާކުޑަ ރާގަކަށް މިޝްއަލް އަހައިލިއެވެ. "ބަދަލުހިފަންޖެހޭ ވަރުގެ ކަމެއް މިހާރު އަހަރެމެން ދެމީހުންގެ މެދުގަ އެބަ އޮތްތަ؟..."
"މިޝްއަލްއަށްވުރެ ކުރިން، އަހަންނަށް ޕްރޮމޯޝަން ލިބުނީމަ..." ކާވިން އެއްވެސް ފޮރުވުމެއްނެތި، ބުންޏެވެ. "މިޝްއަލްގެ ލޯތްބަށް ފުރަގަސްދީފަ، ދާރިޔާ އަހަންނާ ގުޅުނީމަ..."
"ކަމްއޯން ކާވިން..." މިޝްއަލް ހީގަތެވެ. "އަހަރެންމީ ނުވިސްނޭވަރުގެ ކުޑަކުއްޖެކޭތަ ތިބުނީ... އެހެންނޫނަސް، ކާވިންއަށްވެސް ވަކި ދާރިޔާ ލިބުނުތަ؟..."
ކާވިންއަށް އިތުރު އެއްޗެއް ނުބުނެވުނެވެ. މިޝްއަލްގެ ޖުމްލައިން އެނާ ހިތުގައި ޖެހުނީއެވެ. ކާވިންއަށް ބަލަން ހުރެފައި، މިޝްއަލް ގޮސް ތަހުގީގު ހޯލުގެ ތެރެއަށް ވަނެވެ. އެތެރޭގައި އިން ވަޖީހާ އެތައް ވާހަކައެއް ދެއްކުމަށްފަހު، އޭނާ ނުކުތެވެ. އެކުގައި ވަޖީހުވެސް ނުކުތެވެ. ކާވިން އާއި ދިމާއަށް ފާޑަކަށް ބަލައިލުމަށްފަހު، ވަޖީހް ނުކުމެގެން ދިޔައީއެވެ. ކާވިންގެ ދެއަތް މުށްކެވުނެވެ.
*********
ދެ ދުވަސްވީއިރު، އަސޫމީ ހުރީ، ރާއްޖޭގައެވެ. އޭނާ އައީ އެނބުރި ގައުމަށް ދާން ޓިކެޓުވެސް ނަގައިގެންނެވެ. އެއް ދަރިފުޅު ގެއްލުނުހެން، އަނެއް ދަރިފުޅު ގެއްލޭކަށް އަސޫމީ ބޭނުމެއް ނުވެއެވެ. އިތުރަށް އީން ދުރުގައި ބަހައްޓާކަށް އަސޫމީއަކަށް އެއްބަހެއް ނުވެވުނެވެ.
ފުލުހުންގެ އިދާރާއިން އަސޫމީއަށް މަރުހަބާކީ، ވަޖީހެވެ. ވަޖީހު ފެނުމުން، އަސޫމީގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އެއީ އޭނާ ދެކެން ބޭނުންވި ސޫރައެއް ނޫނެވެ.
"ކޮންކަމެއް ނުފުދިގެން ވަޖީހު ތިއުޅެނީ؟..." އަސޫމީ ހުރީ ދެ ދަތްޕިލަ ޖައްސައި ބާރުކޮށްލައިގެންނެވެ.
"އަސޫމީ... އަހަންނަށް މާފު..." ވަޖީހަށް އޭނާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.
"މާފޭ!..." އައިސްފައިވާ ރުޅީގައި އަސޫމީއަށް ރޮވުނީއެވެ. "ކޮންކަމަކާ މާފަށް ތި އެދެނީ؟... އެ ނަޖާހު، އަހަރެންގެ އިއްފަތްތެރިކަން ފޭރިގަތީމަތަ؟... އަހަންނާ ދާރިޔާއާ ވަކިކުރެވުނީމަތަ؟... އެ ޖައްބާރު މީހާ ދާރިޔާ މަރާލީމަތަ؟... ނޫނީ އީން އަހަންނާ ދުރުކުރަން މަސައްކަތް ކުރާތީތަ؟..."
އަސޫމީގެ ހަނދާނަށް އައީ މާޒީގެ ދުވަސްތަކެވެ. އީންމެންގެ އުމުރުން އެންމެ ނުވަ މަހުގައި، ނަޖާހު އަސޫމީގެ އިއްފަތްތެރިކަން ފޭރިގަތީ، އެތައް އާދޭހަކަށް ބީރު ކަންފަތެއް ދެމުންނެވެ. އެދުވަހު، ރޮއެރޮއެ އޮތް އަސޫމީއަށް، ނަޖާހު އޭނާގެ އާއިލާގެ މީހަކު ރަހުމުކުޑަގޮތަކަށް މަރާލި ވާހަކަ ކިޔައިދިނެވެ. އަސޫމީ އެ ވާހަކަ ދައްކައިފިނަމަ، ދެ ދަރިންނާއިއެކު، އެގޮތަށް މަރާލާނެކަމުގެ އިންޒާރު ދެމުންނެވެ.
"ވަޖީހަކީ އަހަރެންގެ ޕަޕެޓެއް... އޭނަ ހަދާނީ އަހަރެން ބުނާގޮތް... މިހާރުވެސް އޭނަ ކައިރީ ތިވާހަކަ ބުނެބަލަ... އަހަރެންގެ ކުށް ސިއްރުކުރަން، އޭނާ ކޮށްފާނެ ކޮންމެފަދަ ކަމެއްވެސް..." އެ ދުވަހު ނަޖާހު ދެއްކި ވާހަކަ އަސޫމީގެ ކަންފަތް ކައިރީގައި ގުގުމައިލިއެވެ.
ނަޖާހުގެ ކަންކަން ސިއްރުކުރުމަށް ވަޖީހު އޭނާގެ ވަޒީފާގެ ނާޖާއިޒު ފައިދާ ނެގިގޮތުގެ ވާހަކަވެސް އަސޫމީއަށް އޮތީ އެދުވަހު ނަޖާހުގެ ފަރާތުން އެނގިފައެވެ. އަސޫމީ ވަޖީހު މަތިންވެސް ފޫހިވީއެވެ. އެއީ އޭނާ ކައިވެނި ކުރި ވަޖީހު ނޫންކަމަށް ގަބޫލުކުރަން އަސޫމީއަށް މަޖުބޫރުވީ އެދުވަހުގެ ފަހުންނެވެ. ވަޖީހުގެ ކުރިމަތީގައި ސިކުނޑި ހަމަނުޖެހޭގޮތް ދެއްކި ނަމަވެސް، ނަޖާހަކީ، ހަމަވިސްނޭ މީހެއްކަން އަސޫމީއަށް އެނގެއެވެ. ނަޖާހު ބުނިގޮތަށް، ހަގީގަތް ހާމަކުރުމުން، ވަޖީހު ތެދުވީ، ނަޖާހުގެ ދިފާއުގައެވެ. އަމިއްލަ އަނބިމީހާއަށް ކުޑަވެސް ރައްކާތެރިކަމެއް ދެވެންނެތް މާހައުލެއްގައި އުޅޭކަށް އަސޫމީ ބޭނުމެއް ނުވިއެވެ. އިތުރަށް ވަޖީހާއިއެކު އޮތް ގުޅުން ކުރިއަށް ގެންދަންވެސް އަސޫމީގެ ހިތެއް ނޭދުނެވެ. އަސޫމީ އެ ކައިވެނި ރުޅާލިއެވެ. ދެމަފިރިން ވަކިވުމުގެ އަދަބު ލިބުނީ ދަރިންނަށެވެ. ވަޖީހު ދާރިޔާ އަތުލުމުން، އީން ގޮވައިގެން އަސޫމީއަށް ޖެހުނީ އެނބުރި އަމިއްލަ ގައުމަށް ދާށެވެ.
"އަހަރެން ފަހަރެއްގަވެސް އަސޫމީ ދެރަކުރާކަށް ނޫން ދާރިޔާ އަހަރެންގެ ކައިރީ ބެހެއްޓީ..." ވަޖީހު އިސްޖަހައިލިއެވެ. "އަހަންނަށް އެނގޭ އަސޫމީ ދޮގެއް ނުހަދާނެކަން... އަބަދުވެސް އަސޫމީއަށް އިތުބާރު ކުރިން... އަހަންނަށް އަސޫމީ އެކޭ އެއްވަރަށް ނަޖާހުވެސް މުހިއްމު... ނަޖާހަކީ، ސިކުނޑީގެ މައްސަލައެއް ހުރި މީހެއްކަން އަސޫމީއަށްވެސް އެނގޭނެ... އޭނަ އަސޫމީއާ އެފަދަގޮތަކަށް ދިމާކުރެވުނީމަ ދެރަވެގެން އަހަރެންގެ ކައިރީ ހާދަ ވަރަކަށް ރުޔޭ..."