ޔުނާން ގުޅާފައި ދިން ޚަބަރަކުން، ކާވިންއަށް ލިބުނީ ސިހުމެކެވެ. ކުރަން އުޅުނު ކަންތަކުގެ މަތީން އޭނާ ހަނދާންނެތުނެވެ. ވަގުތުން ކާރު އަނބުރައިލިއެވެ. އީންގެ ކޮޓަރި އާއި ހަމައަށް ދިޔައިރު، ކާވިންގެ ފިޔަވަޅުތަކަށް ލަސްކަމެއް އައިސްފިއެވެ. ކޮޓަރި އާއި ކޮޓަރިން ބޭރުގައި ފުލުހުން ހަރަކާތްތެރިވަމުން ދިޔައެވެ. ކާވިން ހީކުރީ، އީން އަބަދުގެ އަބަދަށް ވަކިވެގެން ދިޔައީ ކަމަށެވެ. އެ ކޮޓަރި ތެރޭގައި އޮންނާނީ، އީންގެ ފުރާނަ ނެތް މަސްގަނޑު ކަމަށެވެ. އެންމެން ދުރުކޮށްފައި ކާވިން އެތެރެއަށް ވަނެވެ. އޭރު އޭނާގެ މުޅި ހަށިގަނޑުގައި ފާޑެއްގެ ތުރުތުރުލުމެއް އުފެދިއްޖެއެވެ. ފެނުނީ، ކާވިން އުއްމީދު ކުރިފަދަ މަންޒަރެއް ނޫނެވެ. ކޮޓަރީގައި އީންއެއް ނެތެވެ. އެކަމަކު، އީންގެ ފޯނު ތެޅިފައި އޮތުމާއި، ދޮރު ހުޅުވިފައި ހުރިގޮތުން، ކަންތައް ވީގޮތް އޭނާއަށް ސިފަކޮށްލެވުނެވެ. ކާވިންގެ ދެއަތް މުށްކެވުނެވެ.

********

"ސަރ!..." ކަންބޮޑުވެފައިވާ ރާގަކަށް ލަޔާން ގޮވާލިއެވެ.

"މި ސަރަހައްދުގެ ހުރިހާ ސީސީޓީވީ ކެމެރާތައް ހެކްކޮށްފަ ހުރީ..." ޔުނާންގެ މޫނުން ފެންނަމުން ދިޔައީ، މާޔޫސްކަމެވެ. "ޑިއުޓީ ކުރަން މިތާ ގާޑުން ތިބޭ... ސީސީޓީވީ ފްޓޭޖްތައް ބަލަން ބަޔަކު ތިބޭ... މި ހުރިހާ އެންމެން ތިއްބާ، އީން އެ ގެންދިޔައީ... އަހަރެމެންނަށް މިތަނަށް ވަދެވެނީ، ސެކިޔުރިޓީ އެތައް ކަމެއް ފުރިހަމަކޮށްގެން... އެކަމަކު، އެ މީހަކު މިތަނަށް ވަދެ، ފުލުހަކު ކިޑްނެޕްކޮށްގެން ގެންދިޔައިރު، އެކަކަށްވެސް ނޭނގުނު... ހައު؟... ކިހިނެއްހޭ އެމީހަކަށް ޕޮލިހުގެ ތެރޭން ހުރިހާ ކަމެއް ކުރަން އެހާ ފަސޭހަ ވަނީ؟"

ކާވިން ދެލޯ މަރައިލީ، ދެލޮލަށް ޖަމާވި ކަރުނަތައް ސިއްރުކުރުމުގެ ގޮތުންނެވެ. ޔުނާންގެ ސުވާލުތަކުގެ ޖަވާބު އެނގުނު ނަމަވެސް، ހެއްކަކާއި ނުލައި، އޭނާއަށް އެ ޖަވާބު ދޭން ފަސޭހަކަމަކަށް ނުވިއެވެ.

"ކީއްވެ އަބަދު އީންއަށް މިހެން ދިމާވަނީ؟..." ޝަކުވާގެ ރާގަކަށް ޔުނާން އަހައިލިއެވެ. "ހުރިހާ ކަމެއްވީމަވެސް، އީން އެކަނި ދޫކޮށްލެވުނީ އަހަރެމެންގެ މައްސަލައަކުން... އީންގެ ބަދަލުގަ އަހަރެން ގެންދިޔަނަމަ... އެމީހަކު މަގޭ އަތުގަ ޖެހިއްޖެއްޔާ، ލާހިކެއް ނޫން ސަލާމަތްވާކަށް..."

ޔުނާން ރުޅިގަދަވާން ފެށުމުން، ނުހާމް އަވަހަށް ޔުނާން ގޮވައިގެން ބޭރަށް ނުކުތެވެ. ފަހަތުން ކާވިން އާއި ލަޔާންވެސް ނުކުތެވެ. ކާވިން ހުރީ، ފުން ވިސްނުމެއްގެ ތެރޭގައެވެ.

"ކޯލް ރެކޯޑު ހޯދަން އަޅުގަނޑުމެން ރިކްއެސްޓްކޮށްފަ ވާނީ..." ލަޔާން އިތުރު ތަފްސީލް ދިނެވެ. "ސަރ!... އަޅުގަނޑަކަށް ހިއެއްނުވޭ، އެމީހަކު އީންއަށް އެއްވެސް އަނިޔާއެއް ދިންހެނެއް... ލޭގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް... ބޮޑަށް ބެލެވެނީ، ތަހުގީގު ހުއްޓުވަން ކުރި ކަމެއްގެ ގޮތުގަ"

********

ޒުބޭދާ ވަޖީހުގެ މޫނަށް ބަލައިލުމަށްފަހު، ތަބަށް ހިފައިގެން އެނބުރި ގޮސް، އީންގެ ކައިރީގައި ހުއްޓުނެވެ.

"މިހިރަ މީހާ ކައިރީ ބުނޭ އަހަރެން ކުރިމަތިން ދުރަށްދާށޭ... އޭނަ މިތާ ހުރިއްޔާ، އަހަރެން އެކައްޗެއްވެސް ނުކާނަން..." އަމުރުވެރި ރާގަކަށް އީން ބުންޏެވެ.

"ކޮއްކޯ އެއީ ކޮއްކޮގެ..." ޒުބޭދާ އެއްޗެއް ބުނަން އުޅުނެވެ.

"އެންމެ ރަނގަޅު..." ޒުބޭދާގެ ވާހަކަ ނުނިމެނީސް ވަޖީހް ބުންޏެވެ. "މީ އަހަރެންގެ ގެ... މިގޭގަ އީން ބޭނުންގޮތަކަށް އުޅެވޭނެ... ބޭނުންކަމެއް ކުރެވޭނެ... ތަޅުލާފަ ހުރި ތަންތަން ނޫން، ކޮންމެ ތަނަކަށްވެސް ވަދެވޭނެ..."

އީން އެއްޗެއް ބުނޭތޯ ވަޖީހް އިރުކޮޅަކު މަޑުކޮށްލިއެވެ. އިސްޖަހައިލިގޮތަށް އީން އިސްއުފުލައެއް ނުލިއެވެ. ދާން ހިނގައިގަނެފައި، އެއްޗެއް ހަނދާންވާ ފަދައިން ވަޖީހް ހުއްޓުނެވެ.

"ޒުބޭދާ!... އީންގެ ކޮޓަރި ހަމައަކަށް އަޅުވާލެވެންދެން، ގެސްޓްރޫމްގަ ނިދޭގޮތް ހަމަޖައްސާލާތި..." ޒުބޭދާއަށް ބަލައިލަމުން ވަޖީހް ބުންޏެވެ.

ވަޖީހު ނުކުމެ، ދޮރު ލައްޕައިލުމާއިއެކު، ޒުބޭދާގެ އަތުން ތަބައް އަތުލައިގެން އީން ކާންފެށިއެވެ. މޭޒު ކައިރިއަށްވެސް ދާން ނޫޅެ، މުށިތަކުގެ މަތީގައި، ދެފައި ވަށްކޮށްލައިގެން އިނދެއެވެ. އީން ބަނޑުހައިވެފައިވާވަރު ފެނި، ޒުބޭދާގެ ހިތަށް ރަހުމު ވަނެވެ. ފެންތަށި ކައިރިކޮށްދީ، ބުރަކަށީގައި ފިރުމައިދީ ހެދިއެވެ. ބަނޑުފުރޭވަރަށް ކެވުމުން، އީންގެ ސިކުނޑި މަސައްކަތް ކުރަން ފެށިއެވެ. އެގެއިން ނުކުމެވޭނެ ގޮތަކާއި ދޭތެރޭ ވިސްނަން ފެށިއެވެ.

އީން ހުރީ ފުރުސަތަކަށް ބަލަބަލައެވެ. ޒުބޭދާ ބަދިގެއަށް ވަނުމާއިއެކު، ކުޑަދޮރުތަކުގެ ކައިރިއަށް ދިޔައެވެ. ހުރިހާ ދޮރެއް ހުރީ، ބޭރު ނުފެންނާނޭހެން ފިލާޖަހައި ބައްދާފައެވެ. އީން ދެން ހޯދަންފެށީ، ބޭރަށް ނުކުމެވޭގޮތަށް ހުރި ދޮރުގެ ތަޅުދަނޑިއެވެ. އެއްވެސްތާކުން ތަޅުދަނޑި ނުފެނުމުން، އީން މާޔޫސްވިއެވެ. އޭނާ ގޮސް ސޯފާގައި އިށީނެވެ. ސަލާމަތް ވެވޭނެ ހަމައެކަނި ގޮތަކަށް އީންއަށް ވިސްނުނީ، އެންމެ ގޮތެކެވެ. އެއީ ޒުބޭދާއެވެ. ޒުބޭދާގެ ހިތްހެޔޮކަމުގެ ފައިދާ ނަގައި އެގެއިން ސަލާމަތްވާން އީން ނިންމިއެވެ.

"ދައްތާ!... އަހަރެން ބޭނުން ބޭރަށް ނުކުމެލަން..." ތަށިތައް ދޮންނަން ހުރި ޒުބޭދާގެ ކައިރީގައި އީން ބުންޏެވެ. "ވަރަށް ބޯ އަނބުރާތީ މިއުޅެނީ..."

"އެކޮއެ ބައްޕަ އައީމަ ދައްތަ ބުނެލާނަން ތިވާހަކަ... ދައްތަ އަތަކު ނޯވޭ ތަޅުދަނޑިއެއް..." ޒުބޭދާ އޯގާތެރި ރާގަކަށް ބުންޏެވެ. "އިހަށް ދޭ އޮށޯވެލަން... ތަށިތައް ދޮވެލާފަ ދައްތަ ދާނަން ބާމުކޮޅެއް ހާކާލަދޭން..."

"އަހަރެން ބައްޕައަށް ގުޅާފަ، އަހާލަފާނަން... ދައްތަ ފޯނު އެބައޮތްތަ؟" އީން އަހައިލިއެވެ.

"ދައްތަ ނުގެންގުޅެން ފޯނެއް..." ޒުބޭދާ ހިނިތުންވެލާފައި ބުންޏެވެ.

އީން މާޔޫސްވިއެވެ. ޒުބޭދާދެކެވެސް އޭނާ އެވަގުތު ރުޅި އައެވެ. އެނބުރި ކޮޓަރިއަށް ވަންއިރު، އީންއަށް ގޮތް ހުސްވެއްޖެއެވެ. ކުއްލިއަކަށް އީންގެ ހަނދާނަށް އައީ، އޭނާގެ ކަރުގައި ފަށް އަޅުވައިދިން ދުވަހު، ކާވިން ބުނި ވާހަކައެވެ. ވަގުތުން ފަށް އޮތްތޯ ކަރުގައި އަތް ޖައްސައިލިއެވެ. އީންއަށް ދެލޯ މަރައިލެވުނީ، އޭނާގެ ކަރުގައި ފަށް އޮތްކަން އެނގުމުންނެވެ.

"ތޭންކް ޔޫ... ތޭންކް ޔޫ..." އީންގެ އެސްފިޔަތައް ފޫދުއްވާލާފައި އޮހެންފެށި ކަރުނަތަކުން ދެކޯތާފަތް ތެންމައިލިއެވެ.

********

އެއްޗެއް ހަނދާންވާ ފަދައިން، ކާވިންގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެންމެ ވަގުތުކޮޅެއްވެސް މަޑުކުރަން ނުހަދާ އޭނަ ދިޔައީ ގެއަށެވެ. ކާވިންގެ ކޮޓަރި ތެރެއިން ވަދެވޭގޮތަށް ކުޑަ ކޮޓަރިއެއް ހުރެއެވެ. އެތަނަށް ވަދެވެނީ ބިތުގައި ޖަހާފައިވާ ތަށިމުށިގަނޑެއްގެ ފަހަތުގައިވާ ތަޅެއް ހުޅުވައިގެންނެވެ. އެއީ ސިއްރު ކޮޓަރި އެކެވެ. ކާވިން ގެންގުޅޭ ލިޔުންތަކާއި، ބޭނުންކުރާ ކޮމްޕިއުޓަރު ހުންނަނީ އެ ކޮޓަރީގައެވެ.

"އީން..." ކީބޯޑުގެ ފިއްތަކަށް ފިތަމުން ދިޔައިރު، ކާވިންގެ ސިކުނޑީގައިވީ ހަމައެކަނި އީންގެ ނަމެވެ.

ކާވިން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވުމާއިއެކު، އޭނާގެ ތުންފަތުގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ދެވަނަ ސިކުންތުގައި އެ މޫނުން ހައިރާންކަން ފެނިގެން ދިޔައެވެ. އީން ހުރީ، ވަޖީހު ދިރިއުޅޭ ގޭގައިކަން އެނގުމުންނެވެ. ވަޖީހު އެހާ ފާޅުކަންބޮޑު ގޮތެއްގައި އީން އޭނާގެ ގޭގައި ބަންދުކުރީ ކީއްވެ ކަމާއިމެދު ކާވިންގެ ހިތުގައި ސުވާލު އުފެދުނެވެ. ވަޖީހު ދިރިއުޅޭ ގެ ހުންނަނީ، ފުލުހުންގެ މައި އިދާރާގެ ކުރިމަތީގައި ކަހަލަ ގޮތަކަށެވެ.

ކާވިން ތައްޔާރުވެލައިގެން ގެއިން ނުކުތެވެ. ފުލުހުންގެ މައި އިދާރާ އާއި ތަންކޮޅެއް ދުރުގައި ކާރު ޕާކުކޮށްފައި އޭނާ ކާރުން ފޭބިއެވެ. މަގު ހުރަސްކުރަން ތައްޔާރުވެލި ކާވިންއަށް ނުކުމެވުނީ ވަޖީހުގެ ކުރިމައްޗަށެވެ. އެހެން ދުވަސްދުވަހު، ވަޖީހުގެ ކައިރީގައި ތިބޭ ގާޑުންތަކެއް މިއަދު ނެތެވެ.

ކާވިންގެ ނަޒަރު ވަޖީހުގެ މޫނުގައިވާ ބޮޑު ލަފުން ދެ ލޮލަށް ހުއްޓުނެވެ.

ކާވިން އާއި ދިމާއަށް ބޯ ޖަހައިލުމަށްފަހު، ވަޖީހު އުޅުނީ ފުލުހުންގެ އިދާރާއަށް ވަންނާށެވެ.

"އީން ކޮބާ؟..." ކާވިން ސުވާލު ކުރީ ހަރުކަށި ރާގަކަށެވެ.

ވަޖީހުގެ ފިޔަވަޅުތައް ހުއްޓުނެވެ. ފަސްއެނބުރި ކާވިންގެ މޫނަށް ބަލައިލިއިރު، ވަޖީހުގެ މޫނުން ތަފާތު އަސަރެއް ކާވިންއަށް ފާހަގަ ކުރެވުނެވެ.

"އީން ވީ ކޮންތާކުކަން އެނގޭތީ މި އަހަނީ..." ކާވިންގެ ދެބުމަ ކައިރިވަމުން ދިޔައެވެ. "އީން ކޮބާ؟..."

"އީން ތި ހޯދަނީ ކޮން ހައިސިއްޔަތަކުންބާ؟..." އިރުކޮޅަކު އެއްޗެއް ނުބުނެ ހުރެފައި ވަޖީހު ސުވާލު ކުރިއެވެ.

އީން ނޭނގޭކަމަށް ހަދާކަށް ވަޖީހް މަސައްކަތެއް ނުކުރިއެވެ. އެކަމުން އެކަނިވެސް، ކާވިންގެ ލޭ ކެކިގަތެވެ. ވަޖީހުގެ ތުންފަތުގައި ދުވެލި މާނަފުން ހިނިތުންވުމުގެ ސަބަބުން ރުޅިގަނޑު މައިތިރިކުރަން ކާވިންއަށް އުނދަގޫ ވިއެވެ.

"އެހެންވިއްޔާ، ކޮން ހައިސިއްޔަތަކުންބާ އީން ކިޑްނެޕްކުރީ؟..." ކާވިންވެސް ކުރީ ސުވާލެކެވެ. "އީންއަކީ އަހަރެންގެ ދަށުން މަސައްކަތްކުރާ ފުލުހެއް... އަހަރެންގެ ޒިންމާއެއް އަހަރެންގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ވާނުވާ ބެލުމަކީ... ދެން ބުނެވިދާނެތަ، އީން ކިޑްނެޕްކުރި ހައިސިއްޔަތަކީ ކޮބައިކަން..."

"ކާވިން!..." ޔަގީންކޮށްލާ ފަދައިން ވަޖީހް ގޮވާލިއެވެ. "މިވަގުތު ޔުނީފޯމުގަ ނުހުއްޓަސް، އަހަރެން މީ ކާވިންގެ ވެރިމީހާ... އެކަން ހަނދާންނެތުނީތަ؟... ނޫނީ ނޭނގުނީތަ؟... ޚާއްސަކޮށް ފުލުހުންގެތެރޭ އަދަބު އިހުތިރާމް އޮންނަންވާނެ..."

"އިހުތިރާމޭ؟..." ކާވިން ވަޖީހާއި ދިމާއަށް ދިޔައެވެ. ވަޖީހުގެ ގިރުވާނުގައި ހިފައި ދަމައިގަތެވެ.

އައި ނައި ދިމާއެއް ނޭނގި، ގާޑުންތައް އައިސް ކާވިން ދުރުކުރިއެވެ. އެއަށްފަހު، ވަޖީހުގެ ހިމާޔަތުގައި ދެފަރާތުގައި ހުއްޓިލައިގެން ތިއްބެވެ.

"ތީ ދޯ އަމިއްލަ ހިމާޔަތް ތި ހޯދާ ގޮތަކީ؟... ހާދަ ބިރުވެސް ގަނެއޭ... ކެރެންޏާ، ނިކަން ފާޅުގަ ކުރިމަތިލާބަލަ..." މަލާމާތުގެ ރާގަކަށް ހިނިގަނޑެއް ޖަހައިލަމުން ކާވިން ބުންޏެވެ. "ރީތިގޮތުގަ އީން ހަވާލުކުރާނީތަ؟... ނޫނީ، އަހަރެން ގޮސް އޭނަ ނެރެންވީތަ؟..."

ކާވިން ހީވަނީ ދެންމެދެންމެ ވަޖީހުގެ ގައިގައި ހިފައިގަނެފާނެ ހެންނެވެ. ގާޑުންތައް ކާވިންގެ ގައިގައި ހިފަހައްޓައިގެން ނުތިބިނަމަ، ކާވިންގެ އަތުން ގޯހެއް ހެދީހެވެ.

"އޭނަ ދޫކޮށްލާ!..." ވަޖީހު އެންގިއެވެ.

********

ސިޓިންގްރޫމުގައި ނުހާމް ހުރީ ކޮޅަށެވެ. އޭނާގެ ބައްޕަ ދެއްކި ވާހަކަތަކުގެ ސަބަބުން ނުހާމަށް ލިބިފައިވާ ސިހުން ފިލައިގެން ނުދިޔައެވެ.

"ދާރިޔާ މަރާލި ރޭ ބައްޕަ ގެއަށް އައީ ކާވިންގެ ބައްޕަގެ ގެ ހުންނަ މަގުންލާފަ... ބައްޕަ ދެކުނިން ވަޖީހު އެގެއަށް ވަންނަނިކޮށް... އެއީ ދަންވަރު ބާރަޖަހަން އުޅެނިކޮށް... އެހާ ލަސްގަޑިއެއްވީމަ، ބައްޕަވެސް ގަޑި ބެލީ... އެކަމަކު ދަރިފުޅާ!... އެއީ އިސްވެރިން... އެމީހުންނާ ދެކޮޅަށް ނުކުންނާނެ ހިތްވަރު އަހަރެމެންގެ ގަޔަކު ނުހުންނާނެ... އެ ހިތްވަރު ހުއްޓަސް، ކުރާނެ ފައިދާއެއްވެސް ނޯންނާނެ... ވަޖީހަކީ ނުފޫޒުގަދަ މީހެއް... ހުރިހާ ތަނަކަށް އޭނަގެ ބާރު ހިނގާނެ... އެ ކޭސްއާ ގުޅިގެން ވަޖީހާ ދެކޮޅަށް ބައްޕަމެން ގިނަ ހެކިތަކެއް ހޯދިން... ބާސިތު އެއީ ބައްޕަގެ އެންމެ ގާތް އެކުވެރިޔާ... ބާސިތަކީ އޭރު، ކާވިންގެ މަގާމުގަ ހުރި މީހާ... ދަރިފުޅަށް އިނގޭތަ، އެ ކޭސް އާ ގުޅިގެން ބައްޕަމެން ހޯދި ލިޔުންތަކާ އެކީ ބާސިތުވެސް ގެއްލުނީ... ބާސިތު ހޯދުނު މީހެއް ނެތް... އިންސާފު ހޯދޭނެ ގޮތެއް ނެތް... ބައްޕައަށް ގަބޫލުކުރެވެނީ، ބައްޕައަށް ހަގީގަތް އެނގޭކަން އެމީހުންނަށް ނޭނގޭތީއޭ ބައްޕަވެސް ސަލާމަތްވެފަ މިހުރީ... ބައްޕަގެ އަތުގަ ރައްކާކުރެވިފަ އޮތް ފައިލު ގެއަށް ގެނެވުނުކަން އެއީ، ކޭސްއާ ގުޅޭ ބައެއް ލިޔުން ސަލާމަތްކުރެވިފަ ހުރި ސަބަބަކީ..."

ނުހާމްގެ ކަންފަތް ކައިރީގައި އޭނާގެ ބައްޕަގެ ވާހަކަތައް ގުގުމަމުން ދިޔައެވެ. ވިސްނަންވީ ކިހިނެއްކަން ނޭނގިފައި އޭނާ އެތައް އިރަކު ހުއްޓެވެ. ނުހާމްއަށް އެނގިފައި އޮތްގޮތުން ވަޖީހަކީ، މަޑުމައިތިރި ހިތްހެޔޮ މީހެކެވެ. މީހުން ބުނެއުޅޭ ބަހެއް ނުހާމްގެ ކަންފަތް ކައިރީގައި ގުގުމައިލިއެވެ. މަޑުން ހުންނަ ގުރާ ބާރަށް ދައިގަންނާނެއެވެ.

********

ކޮފީ މޭޒު ކައިރީގައި ކާވިން އާއި ވަޖީހު ތިއްބެވެ. އާވި އަރައަރައި ހުރި ދެ ކޮފީތަށި ހިހޫވަމުން ދިޔައިރުވެސް، އެއިން އެންމެ އެތިފޮދެއްވެސް ބޯލާކަށް ކާވިން ބޭނުމެއް ނުވިއެވެ.

"އިތުރަށް ސިއްރު ކުރުމުގެ މާނައެއް ނެތް... އަހަންނަށް ހަގީގަތް އެނގިއްޖެ..." ކާވިން އިނީ ދެބުމަ ގޮށްޖަހާލައިގެންނެވެ.

"ހާދަ އަވަހަށް ކަންކަން އެނގުނީ..." ވަޖީހު ފެށީ ހޭށެވެ.

"އީން ދޫކޮށްލާ!..." ކާވިން އަމުރުކުރިއެވެ.

"އަހަރެން ފުރުސަތު ދިނީމަ އޭގެ މާނަ އޮޅުވާނުލާ... ކާވިން ބޭނުންވާހާ އެއްޗެއް ކިޔުމުގެ ހުއްދަ އަހަރެން ނުދެން..." ވަޖީހުގެ މޫނުމަތި ބަނަވިއެވެ.

"ހުރިހާ ކަމެއްވީ އަހަރެންގެ ސަބަބުން... ބަދަލުހިފަން ބޭނުންވަނީ އަހަރެންގެ ކިބައިންނެއްނު... އީންގެ ކުށެއް ނެތް... އޭނަ ދޫކޮށްލާ..." ކާވިން ބުންޏެވެ.

"އަހަރެން ހީކުރީ ކާވިން ދައްކާނީ އަހަރެން ވަރަށް ޝައުޤުވެރިވާ ކަހަލަ ވާހަކައެއް ކަމަށް..." ވަޖީހު ތެދުވިއެވެ. "އެންމެ ރަނގަޅު... އަހަންނާ އީންއާ ދޭތެރޭ އޮތީ ކޮންކަހަލަ ގުޅުމެއްކަން އެނގެން ބޭނުންތަ؟..."

 

ކޮމެންޓް 0