﷽
އިރު އޮއްސެމުން އައި ވަގުތެވެ. ދުނިޔެމަތި ވަނީ ބަނަވެފައެވެ. އާދަޔާ ޚިލާފަށް ޖެހެމުންދިޔަ ބާރު ވައިގެ ސަބަބުން، ގަސްތައް ހީވަނީ މުލުން ލުހިގެން އަތުވެދާނޭ ހެންނެވެ. އުޑުމަތީގައިވި ކަޅު، ބޯ ވިލާތައް، އަންނަން އުޅޭ ތޫފާނަކަށް އިންޒާރު ދެމުން ދިޔަ ކަހަލަ އެވެ. ވިދާލާ ވިދުވަރުގެ ސަބަބުން، ދެލޯ ތަރަތަރަ ޖަހައިގެންދާވަރު ވެއެވެ. ވިދުވަރުގެ އައްޔާއި އެކުގައިހެން، ޖަހައިލާ ގުގުރީގެ އަޑުފައްގަނޑު، ކަންފަތް ފަޅައިގެންދާހައި ބާރެވެ.
ރަށުގެ އެންމެ ޖަންގަލި ބޯ ސަރަޙައްދުގައިވާ ފަޅުގޭގެ ތެރެއިން އިވެމުންދިޔައީ، ކުޑަ ކުއްޖެއްގެ ރުއިމުގެ އަޑެވެ. އެ އަޑު ހިނދެއް ހިދަކަށް ގަދަވަމުން ދިޔައެވެ. އެކުއްޖާގެ ރުއިމުގެ އަޑު ކެނޑުމާއި އެކު، އިވިގެން ދިޔައީ ބައު ދޮރެއް ހުޅުވުމުން ގޮވާ ޒާތުގެ ތޫލި އަޑެކެވެ. ގިނައިރުތަކެއްނުވެ، އަންހެނެއްގެ ވޭނީ ހަޅޭކުގެ އަޑު އިވިގެން ދިޔަ އެވެ. ކުކުރުމާއިއެކު އައި އެ އަޑު، މަޑުވަމުން ގޮސް އެކީހެން ކެނޑުނެވެ.
********
ރަށުގެ ހޭޅިފަށުން ހިނގަމުން އައި ދެ ލޯބިވެރިންގެ މިސްރާބު ހުރީ، އެންމެ ބޯކޮށް ހެދިފައިވާ ޖަންގައްޔާ ދިމާއަށެވެ. ލިބިފައިވާ ރަނުގެ ފުރުސަތުގެ ބޭނުން އޭގެ އެންމެ ފުރިހަމަގޮތުގައި ހިފުމަށް ދެ މީހުން ވެސް އަޒުމުކަނޑައަޅައިގެން ތިބި ކަހަލަ އެވެ. އެކަކު އަނެކެއްގެ އަތުގެ ތެރޭގައި ތިބިއިރު، ވައިރޯޅިއަކަށް ވެސް އެ ދެމެދަށް ވަނުމުގެ ފުރުސަތު ނުދޭނަމޭ ބުނާ ފަދައެވެ. ދެ މީހުންގެ ފިޔަވަޅުތައް މަޑުޖެހުނީ، ކުރިމަތީގައި ހުރި ބައު ޖިފުޓިގަނޑާއި ހަމައިންނެވެ. އޭރު ތުނިކޮށް ވެހެމުން ދިޔަ ވާރޭ ބޯކޮށްލައިފި އެވެ. ދެ ޒުވާނުން އެކަކު އަނެކަކަށް ބަލައިލާފައި ހީލި އެވެ. އެ މީހުން ބޭނުންވި ފުރުސަތު ފަހިވުމުން ހީލާފަދަ ގޮތަކަށެވެ.
ފިރިހެން ކުއްޖާ، އޭނާގެ އަތްދަނޑި މައްޗަށް އަންހެން ކުއްޖާ އުފުލައިލި އެވެ. ތުއިގޮތަކަށް އިވިގެންދިޔަ އަންހެން ކުއްޖާގެ ހުނުމުގެ އަޑުން، އޭނާގެ ބައިވެރިޔާއަށް އިތުރު ހިއްވަރެއް ލިބުނެވެ. ކުރިމަތީގައި ހުރި ގެއާއި ދިމާއަށް އޭނާ ހިނގައިގަތީ، ޖެހިލުންވުމެއް ނެތިއެވެ. ދޮރު ހުޅުވައިލުމުން އިވުނީ ކުރަކި އަޑެކެވެ. ފިރިހެން ކުއްޖާގެ އަތުގެ ތެރެއިން ވީއްލިގަނެގެން އަންހެން ކުއްޖާ ގޭތެރެއަށް ދުއްވައިގަތެވެ.
ދޮރު ލައްޕައި މަކުޑި އެޅުވުމަށްފަހު، އަންހެން ކުއްޖާގެ ފަހަތުން ފިރިހެން ކުއްޖާވެސް ހިނގައިގަތެވެ. ކާމިޔާބީގެ ހިނިތުންވުމެއް އޭނާގެ ތުންފަތުގައި ވިއެވެ. ކުރިމަތިވާން އުޅޭ ތޫފާނުގެ ޚިލަމެއް އެ އިން އެކަކުގެ ވެސް ނެތެވެ. ފިރިހެން ކުއްޖާއަށް މާދުރަށް ނުދެވެނީސް އިވުނީ، އަންހެން ކުއްޖާ ވަރަށް ބާރަށް ހަޅޭއްލަވައިގަތް އަޑެވެ. ބާރުބާރަށް ހިނގާފައި އަޑު އައި ދިމާއަށް އޭނާ ދިޔަ އެވެ. އަތުގައި އޮތް ފޯނުން ތަންތަނަށް އަލިކުރަމުން ދިޔަ ނަމަވެސް، ވީ ފައިދާއެއް ނެތެވެ. ކޮންމެވެސް އެއްޗެއްގައި އަޅައިގަނެފައި އޭނާ ވެއްޓިއްޖެއެވެ. ފޯނުން އަލިކޮށްލުމާއިއެކު، ފިރިހެން ކުއްޖާއަށް ލިބުނީ ސިހުމެކެވެ. އޭނަގެ ކައިރީގައި ވެއްޓިފައި އޮތީ، ލޯބިވެރިޔާ އެވެ. އެ ކުއްޖާ އޮތީ ލެއިން ތަތްތެޅިފަ އެވެ. މުޅި ތަނުގައި ވަނީ ލޭގެ ކޯރެއް ހެދިފަ އެވެ.
އަންހެން ކުއްޖާ އާއި މާ ދުރު ނޫން ހިސާބެއްގައި އިތުރު އަންހެނަކު އޮތެވެ. އެމީހާގެ އެއްވެސް ހަރަކާތެއް ނެތެވެ. ދެ ލޯ މެރިފައި ވާއިރު، މެޔަށް ވަނީ ހަންޖަރެއް ހަރާފަ އެވެ. ހަށިގަނޑުގެ އެކި ތަންތަނަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްފައި ވިއެވެ. އެމީހާ އޭރުވެސް އޮތީ މަރުވެފަ އެވެ.
********
ބޮޑު ކުޅި އެކެވެ. ވަށައިގެންވި ގަސްތަކުގެ ހިޔާ މުޅި ސަރަހައްދަށް އެޅިފައި ވިއެވެ. އެންމެ ބިޔަކޮށް ހެދިފައި ހުރި ކަނޑޫގަސްދަށުގައި ހުރީ، ޒުވާން އަންހެން ކުއްޖެކެވެ. ފުރަގަސްދީގެން ހުރިއިރު، އެ ކުއްޖާގެ ކަޅުކަންގަދަ ދިގު އިސްތަށިގަނޑު އޮތީ، ވިހުރިލަ ވިހުރިލަ އެވެ. ލައިގެން ހުރި ހުދުކުލައިގެ ދިގު ހެދުން ވެސް ވަޔާއިއެކު، ވިހުރެމުން ދިޔަ އެވެ.
އެ ކުއްޖާ ލަސްލަހުން، ފަސް އެނބުރެން ފެށި އެވެ. ދުނިޔެމަތި ބަނަވަމުން ގޮސް، މުޅި ތަން އަނދިރިވިއެވެ. ވަޔާއިއެކު ވިލާތަށް ކެހިގެން ގޮސް، ހަނދު ކަޝްފު ވިއެވެ. ހަނދުވަރުގެ ރިހި އަލި އެޅިފައިވީ، ސީދާ އަންހެން ކުއްޖާގެ މޫނަށެވެ. އެ ކުއްޖާ ލައިގެން ހުރި އަންނައުނުގެ ކުލަ ކަޅު ކުލައަށް ބަދަލުވާން ނެގީ ހިނދުކޮޅެކެވެ. މިހާރު އޭނާ ލައިގެން ހުރީ، ކުރިން ލައިގެން ހުރި އަންނައުނެއް ނޫނެވެ. އަތްދިގު ޓީޝާޓާއި ކަޅު ޖީންސް ވަނީ، އެ ހަށިގަނޑުގައި ރީތިކޮށް ހިފާލާފަ އެވެ. ބައްޓަން ރީތި އެ ހަށިގަނޑުގެ ވަނާތައް ރީތިކޮށް ފާޅުވަމުން ދިޔަ އެވެ. އޮފުކަން ގަދަ ކަޅު ކުލައިގެ މާސްކަކުން ދެލޯ ފޮރުވާލައިގެން ހުރިއިރު، ފެންނަމުން ދިޔައީ ރަތް ލޭ ކޮޅެއްފަދަ، އެ ކުއްޖާގެ ތުންފަތެވެ.
ސިއްސައިގެން ގޮސްފައި ކާވިންއަށް ހޭލެވުނެވެ. ފެނުނީ ހުވަފެނެކެވެ. އެއީ ފާއިތުވެދިޔަ މަހެއްހައި ދުވަހު، ކޮންމެ ރެއަކު ވެސް އޭނައަށް ފެންނަ ހުވަފެނެކެވެ. ތަފާތަކީ ކުރިން އޭނައަށް ފެނުނީ އެ އަންހެން ކުއްޖާ އަބަދު ވެސް ހުދު ހެދުމެއްގައި ހުއްޓައި ކަމެވެ.
އެ ފިނި ރޭގައި ވެސް ކާވިން އޮތީ، ދާހިއްލައި ފޯވެފަ އެވެ. ތެދުވެ އެންމެ ފުރަތަމަވެސް އޭނަ ބަލައިލީ ފާރުގައި ހަރުކޮށްފައިވާ ބޮޑު ގަޑިއަށެވެ. ގަޑިން މެންދަމުން އަލިވެ އެކެއް ޖެހީ އެވެ. ކާވިން އޭނާގެ ބޮލުގައި ދެ އަތުން ހިފަހައްޓާލި އެވެ. އާދަޔާ ޚިލާފު ގޮތްތަކެއް އޭނާގެ ހަށިގަނޑަށް ވާން ފެށިއެވެ. ދެ ލޮލުގެ ކަޅި ނޫކުލައިން ދިއްލުނެވެ. ދެ ލޯ މަރައި ބާރުކޮށްލުމާއިއެކު، ކާވިންގެ ހަށިގަނޑަށް އަރައިގެން ދިޔައީ އާދަޔާ ހިލާފު ބާރުގަނޑެކެވެ. އެނދުމަތީގައި ދެކަކޫ މައްޗަށްވާހެން އިންއިރު، ކާވިންގެ މޫނު ވަނީ މައްޗަށް އުފުލިފައެވެ. ދެ އަތް ވަނީ މުށްކެވިފައެވެ. މުޅި ހަށިގަނޑު ތުރުތުރު އަޅަ އެވެ. ދެން ފެނުނީ ކާވިން ފުންމައިގެން ތެދުވި ތަނެވެ. ބޮތްކެއް ފިޔަޖަހާލާފައި ނިވުނު ފަދައިން އޭނާގެ ދެ ލޮލުން ފާޅުވި އަލިކަން ގެއްލުނެވެ. އޭނާގެ ހަރަކާތްތައް އަވަސްވީ ދެނެވެ. ދެތިން މިނެޓްގެ ތެރޭގައި ކާވިން ހުރީ ފުރިހަމައަށް ތައްޔާރުވެލައިގެންނެވެ.
ފުލުހުންގެ ޔުނީފޯމުގައި ކާވިން ފެންނަލެއް ވަރަށްވެސް ހިތްގައިމެވެ. ރީތިކަން ހުސްކޮށްގެން ހުރި ކަހަލައެވެ. އިސްކޮޅުން ދިގުވެފައި، ހަންގަނޑުގެ ކުލަ އައްޔެވެ. ކަސްރަތީ ހަށިގަނޑާއި އޭނާ އަދާކުރާ ވަޒީފާއާ ނުހަނު ގުޅެއެވެ. ކަޅު އިސްތަށިގަނޑު ރީތި ވަރަކަށް ކޮށައި، ނިތްކުރިއާ ދިމާއިން މައްޗަށް ހިއްލާލާފައި ހުންނައިރު، އަންހެން ކުދިންގެ ހިތްތައް ކަތިލައިލާނޭކަން ޤައިމެވެ. ތަފާތު ކަމަކަށް ފާހަގަވަނީ ކާވިންގެ ކަޅީގެ ކުލަ އެވެ. ގަދަ ނޫކުލައިގެ އެ ކަޅީގެ ކުލަ، ބައެއް ފަހަރު ވިލު ނޫކުލައަށް ބަދަލު ވެއެވެ.
ހަލުވި ފިޔަވަޅުތަކެއްގައި ކާވިން ނުކުތީ، ބޭރަށެވެ. އޭރު ތުނިތުނިކޮށް ވާރޭ ވެހެ އެވެ. ވަގުތަކީ ފުލުހުންގެ ބަސް އައިސް އެގޭ ދޮރު މައްޗަށް މަޑުކޮށްލި ވަގުތުވެސް މެއެވެ. ހީވީ އެކަން އެނގިގެން ކާވިން ބޭރަށް ނުކުތް ހެންނެވެ.
ކުޑަކޮށް ދުވެލާފައި ކަހަލަ ގޮތަކަށް ގެއިން ނުކުތް ކާވިން ގޮސް، ބަހަށް އެރި އެވެ. އޭގައި ތިބީ އޭނާގެ ދަށުން މަސައްކަތް ކުރާ އީންއާއި ޔުނާން އެވެ. ޑްރައިވަރު ސީޓުގައި އިނީ ލަޔާންއެވެ. ކާވިންގެ ނަޒަރު ހުއްޓުނީ، ޔުނާންގެ ކައިރީގައި އިށީނދެލައިގެން އިން އީން އަށެވެ. ކުޑަކޮށް ހަރަކާތްތައް މަޑުޖެހިލި ނަމަވެސް، އޭނަ ވެހިކަލްއަށް އަރައި ޔުނާންގެ ކައިރީގައި އިށީނދެލައިފިއެވެ. ކާވިން ފެނުމާއިއެކު، އެންމެން ތިބީ ދެލޯ ބޮޑުކޮށްލައިގެންނެވެ. އެކަކު އަނެކެއްގެ މޫނަށް ބަލައިލާފައި ނިތް އަރުވަމުން ދިޔައެވެ. އެއިން ކަމަކަށް ކާވިންގެ އެއްވެސް ފަރުވާލެއް ނެތެވެ.
"ހޫމްމް... ހަތަރު މަރު... ކާކު ރިޕޯޓްކުރީ؟..." ނިވިފައިވާ ފޯނު ނަގައި، އެ ހުޅުވަން މަސައްކަތް ކުރަމުން ކާވިން ސުވާލު ކުރި އެވެ. އާދައިގެ މަތީން އޭނާގެ ރަސްމީ ރާގުގައެވެ.
އީންއާއި ޔުނާން އެކަކު އަނެކަކަށް ބަލައިލާފައި ކޮނޑު އަރުވައިލިއެވެ.
"ޕެޓްރޯލްކުރަން އުޅުނު ކުއްޖަކަށް ޝައްކު ވެގެން ގުޅީ... އޭނަ ވެސް އެ ޖިފުޓިތެރެއަށް އަދި ނުވަންނަމޭ ބުނީ... އެކަނި ވީމަ ވަންނަން ނުކެރިފަ އެބަހުރި ބޭރުގަ އަދިވެސް..." ޔުނާން ކިޔައިދިނެވެ. "އެކަމަކު ސަރ!... ކަމެއް ވެގެން އުޅޭކަން ސަރއަށް ކިހިނެއްތޯ އެނގުނީ؟... އަނެއްކާ މީހަކު މަރުވި ވާހަކައެއް އޭނަ ނުވެސް ބުނޭ... އަޅުގަނޑުމެން ގުޅިއިރު، ސަރގެ ފޯނު ވެސް އޮތީ ނިވާލާފަ..."
ޔުނާންގެ ވާހަކައާ ގުޅުވައިގެން ކާވިން ވަކި އެއްޗެއް ނުބުންޏެވެ. އެއީ އާދައިގެ މަތީންވެސް ކާވިން ކަންތައް ކުރާ ގޮތެވެ. އެކަން ޔުނާންއަށް އައު ކަމަކަށް ވެސް ނުވި އެވެ. އޭނަ ސުވާލެއް ކުރަނީ ކާވިންގެ ފަރާތުން ޖަވާބަކަށް މާބޮޑު އުއްމީދެއް ކުރުމެއް ނެތިއެވެ. ކާވިން ޖަވާބު ދޭނީ ހަމަ އެކަނި ރަސްމީ ސުވާލު ތަކަށެވެ. ބުނަން ބޭނުންވާ އެއްޗެއްގެ އިތުރުން ބޭކާރު ވާހަކައަކަށް އޭނާ އެއްއިރެއްގައި ވެސް ސަމާލުކަމެއް ނުދެ އެވެ.
"ކިހިނެއްތަ އޭނައަށް ހުރިހާ ކަމެއް އެނގެނީ؟... މި ދެން އަޖައިބެއްނު..." ޔުނާން އީންގެ ކަންފަތް ކައިރީގައި ސިއްރެއް ބުނެލިއެވެ.
"ޝްޝްޝް..." އީން ތެޅިގަތެވެ.
އީން ދެލޯ ބޮޑުކޮށްލަމުން ކާވިންއަށް ބަލައިލި އެވެ. ޔުނާން ދެއްކި ވާހަކަ، ކާވިންއަށް އިވިދާނެތީ އޭނަ ޖެހިލުންވިއެވެ. ބިއްލޫރިގަނޑުން ބޭރު ބަލަހައްޓައިގެން ކާވިން އިނެވެ. މޫނުމަތިން މާބޮޑު އަސަރެއް ނުފެނެއެވެ. އީންއަށް ހަމަޖެހުމެއް ލިބުނީ އިރުކޮޅެއް ވީއިރުވެސް ކާވިން އެ މީހުންނާއި ދިމާއަށް ބަލައި ނުލުމުންނެވެ. އޭނާ ޔުނާންއަށް ބަލައިލާފައި ދެލޯ ހަނިކޮށްލީ ދެނެވެ.
މަންޒިލަށް ވާސިލުވުމަށް ކުރަމުންދިޔަ ދަތުރުގައި އެކަކު ވެސް އިތުރު ވާހަކަ އެއް ނުދައްކަ އެވެ. ސީޓުގައި ލެނގިލައިގެން ކާވިން އިނީ، ދެލޯ މަރާލައިގެންނެވެ. ސިއްރުން ކާވިންއަށް ބަލައިލި އީން، އޭނާގެ ދެލޯ ހަނިކޮށްލި އެވެ. ސިއްރުވެރިކަމުން ފުރިފައިވާ އެ ޒުވާނާގެ ހަޤީގަތް އެނގޭ ހިތުން އޭނާގެ ކެތްތެރިކަން ވަނީ ކުޑަ ވެފައެވެ. ކާވިން ކުއްލިއަކަށް އީންއަށް ބަލައިލީ، އީން އެގޮތަށް ބަލަހައްޓައިގެން އިންދަ އެވެ.
އީންގެ މެޔަށް ހީވީ ހޫނު ފެން އެއްޗެއް އޮއްސައިލި ހެންނެވެ. އަވަހަށް ސީޓުގައި ލެނގިލާފައި، ޔުނާންއާ ނިވާވެލިއެވެ. ކާވިން ބަލައިލިގޮތުން ހީވީ، އޭނާ ބަލާކަން އެނގިގެން ބަލައިލި ހެންނެވެ. އެ ދެބުމަ ގޮށްޖަހާލައިގެން އޭނާ އިން ގޮތުން ވެސް އީންގެ ހަށިގަނޑު ރޫރޫ އަޅައިގެންދާވަރު ވިއެވެ. އީން ޖެހިލުންވަނީ އޭނާ ކިތަންމެ ސިއްރުން ކަމެއް ކުރިޔަސް އެކަމެއް ކާވިންއަށް ފަޅާ އަރާތީ އެވެ.
ބަސް ގޮސް ހުއްޓައިލީ ހާދިސާ ހިނގައިގެން އުޅޭ ސަރަހައްދަށެވެ. ޔުނާން ބުނިހެން ރަށުތެރެ ބެލުމަށް ނުކުމެ އުޅުނު ފުލުސްމީހާ މަގުމަތީގައި ހުއްޓެވެ. ކުޑައެއް އަޅައިގެން ހުރި ނަމަވެސް، އޭނާ ލައިގެން ހުރި އަންނައުނު ވަނީ ތެމިފޯވެފަ އެވެ. ހީކަރުވައިގަނެގެން ތުރުތުރުއަޅާތީ، އޭނާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. އޭނާ އަތުގެ އިޝާރާތުން ޖިފުޓިގަނޑު ދައްކައިލިއެވެ.
އީން ހީކުރިވަރަށް ވުރެ މާހައުލު ފެންނަން އޮތީ، އަނދިރިކޮށެވެ. ވިނަގަސް ހެދިފައިވާތީ، އެ ސަރަހައްދު އާދަޔާ ހިލާފަށް ފިންޏެވެ. ގަސްތަކުގެ ތެރެއަށް އަލިކުރަމުން ޖިފުޓިއާ ދިމާއަށް ކާވިންމެން ހިނގައިގަތެވެ.
"އެ ހުރީ..." ކުރިމަތީގައި ހުރި ޖިފުޓިއަށް ޓޯޗުން އަލިކޮށްލަމުން ޔުނާން ބުންޏެވެ.
ދޮރު ހުޅުވުމަށް ކާވިން އެދުނީ، ޔުނާންގެ ކައިރީގައެވެ. ލަޔާން ހުރީ ޓޯޗު ހިފައިގެން އަލިކުރާށެވެ.
ޔުނާން ހުރީ ބިރުންނެވެ. ދަންވަރުގެ ވަގުތެވެ. ހިތަށް ފާޑުފާޑުގެ ވަސްވާސްތައް ނާންނާނެ ސަބަބެއް ވެސް ނެތެވެ. ގަދަކަމުން ހިންދިރުވައިލަމުން ޔުނާން ބަލައިލީ ކައިރީގައި ހުރި އީން އަށެވެ. ނުވަންނާށޭ ބުނުމުގެ ގޮތުން، އީން ވަގުތުން ދެ ފަރާތަށް ބޯ ހޫރައިލި އެވެ. ދެ މީހުން އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިއްބައި އިވުނީ ގަދަ އަޑުފަށްގަނޑެކެވެ. އީން ސިހިފައި ބަލައިލިއިރު، ކާވިން ހުރީ ދެބުމަ ކައިރިކޮށްލައިގެން އޭނައަށް ބަލާށެވެ. ގޭގެ ދޮރު ހުރީ ހުޅުވިފަ އެވެ. ކާވިން އޭނާގެ ފައިން ޖެހިޖެހީނުން ދޮރު ހުޅުވީ އެވެ. އިވުނީ ދޮރު ހުޅުވުނު އަޑުފަށްގަނޑެވެ.
"ސޮރީ ސަރ..." ޔުނާން ކަންބޮޑުވެފައި ބުންޏެވެ.
ކާވިން ވަކި އެއްޗެއް ނުބުނެ، ދެބުމަ ގޮށްޖަހައިގެން ބަލަން ހުރީޢެވެ. އެ ހިމޭންކަން ރުޅި އައިސް ހަޅޭއްލެވުމަށްވުރެ ނުރައްކާތެރިވެފައި ބިރުވެރި އެވެ. އިންޒާރުގެ ބެލުމަކުން އީން އަށާއި ޔުނާންއަށް ބަލައިލާފައި، ކާވިން އެތެރެއަށް ވަދެގެން ދިޔައީ ހަލުވި ފިޔަވަޅުތަކެއްގަ އެވެ.
"އައި ހޭޓް ދެޓް... އެހާ ރުޅި އަންނަން ޖެހޭތަ؟.... އަލަށޭ މިކަހަލަ ކޭސްއެއްގަ ވޯކް ކުރަނީވެސް މި... ކޮންމެހެން ބިރުންނެއް ނޫނޭ..." ޔުނާން އޭނާ ލައިގެން ހުރި ޔުނީފޯމުގެ ގިރުވާން ރަނގަޅު ކޮށްލަމުން ވާހަކަ ދެއްކި އެވެ.
"އުހޫނ... ކަލޭ ހަމަ ބިރުން... އަންހެނަކަށްވުރެ ކަލޭގެ ކަންތައް ބޮޑެއްނު... ބޮޑު ފިނޑިއެއް ކަލޭ ތީ..." ލަޔާން ވާހަކަ ދެއްކީ ޖެއްސުމުގެ ރާގަކަށެވެ.
ޔުނާންގެ ބުރަކަށީގައި ބޮނޑިއެއް އަޅައިލާފައި، ލަޔާން ޖަހާލީ ހިނިގަނޑެކެވެ. އޭނާ ކާވިންގެ ފަހަތުން ގޭތެރެއަށް ވަނެވެ.
ޔުނާން ބަލައިލީ އަނގަމަތީގައި އަތް އަޅައިގެން ހޭން ހުރި އީން އަށެވެ. އީން ހޭތަން ފެނުމުން އޭނާ މޫނަށް ވައްތަރެއް ޖައްސައިލި އެވެ. ފުންމައިގަނެގެން އީންއާ ދިމާއަށް ދިޔަ އެވެ. ޔުނާންގެ ހަމަލާއިން ރެކިގަނެގެން، އީން ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ. ދެ ފަރާތް ބަލައިލާފައި ޔުނާން ވެސް އީންގެ ފަހަތުން އެތެރެއަށް ވަނެވެ. ފަހަތް ބަލަމުން ހިނގާފައި ދަނިކޮށް އޭނާ ގޮސް ލައިގަތީ އީންގެ ގައިގައެވެ.
އަތުގައި އޮތް ޓޯޗުން އަލިކުރަމުން ކުރިޔަށް ދިޔަ އީން ސިހުނީ، ފަހަތުން އޭނާގެ ގައިގައި އެއްޗެއް ޖެހިގަތުމުންނެވެ. ގަނެފައި ހުރި ބިރެއްގެ ސަބަބުން އީންއަށް ހަޅޭއްލަވައިގަނެވުނީ ވަރަށް ބާރަށެވެ. ފަހަތުގައި ހުރި މީހަކު އެއަށްވުރެ ބާރަށް ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ޔުނާންކަން އެނގުމުން އީން ފަސް އެނބުރިފައި، ޓޯޗުން އެ މޫނަށް، އަލިކޮށްލި އެވެ. ކުއްލިއަކަށް އަލިވުމުން، ޔުނާން ކުރިއަށްވުރެ ސިހުނެވެ. ފަހަތަށް އެއްލިގެން ދިޔަގޮތަށް ބިންމައްޗަށް ވެއްޓިއްޖެ އެވެ.
"ސާބަސް..." އީންއަށް ހެވުނެވެ.
ޔުނާން ވެއްޓުނު ދިމާއަށް އަލިކޮށްލަމުން އީން އުޅުނީ އޭނާ އިތުރަށް ބިރުގަންނަވައިލާށެވެ. އެކަމަކު، ސިހުން ލިބުނީ އީން އަށެވެ. ދެލޯ ބޮޑުވެ، މުޅި މީހާ ހުރިތަނަށް ގަނޑުވިއެވެ. ޔުނާންގެ ކައިރީގައި ލެއިން ތަތްތެޅިފައި އޮތީ ތުއްތު ކުއްޖެއްގެ ފުރާނަ ނެތް މަސްގަނޑެކެވެ. އެ ކުއްޖާ އޮތީ އެއް އަރިއަކަށް ވާހެންނެވެ. އެއްވެސް ރަހުމެއްނެތި އެ ކުއްޖާގެ މެޔަށް ހަރާލާފައިވާ ތޫނު ހަންޖަރު ވަނީ، މޭ ފޫއަޅުވާލާފައި ގޮސް އަނެއް ފަރާތުން ނުކުމެފަ އެވެ. އެ ކުއްޖާގެ އަތް މުށްކެވިފައިވާއިރު، އެ އަތުގެ ތެރޭގައި، ކޮންމެވެސް އެއްޗެއް އޮތެވެ.
އީން ދެލޯ ބޮޑުކޮށްގެން ބަލަން ހުރިގޮތުން ޔުނާންގެ މުޅި ހަށިގަނޑު ރޫރޫ އަޅައިގަތެވެ. ކައިރީގައި އެއްޗެއް އޮތްކަން އެނގުމުންނެވެ. އަމިއްލަ ހިތް ހަމައަކަށް އަޅުވަން އޭނަ އެތައް މަސައްކަތް ކުރި އެވެ. ކާމިޔާބެއް ނުވި އެވެ. ލޮލުގެ ހިމަކޮޅުން، ކައިރީގައި އޮތީ ކޯއްޗެއްތޯ ބަލައިލި ޔުނާންއަށް ފެނުނު މަންޒަރުން، ހޭބުއްދި ފިލައިދިޔަ ކަހަލަ އެވެ. ބާރަށް ހަޅޭއްލަވަމުން ފުންމައިގެން ތެދުވި އެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ދުވަމުންދިޔައިރު، ޔުނާންއަށް ދެވޭ ނުދެވޭ އެއްވެސް ނޭނގެއެވެ.
"ސަރ!... ސަރ!... ސަރ!..." އީން ވަރަށް ބާރަށް ގޮވަން ފެށި އެވެ. އޭނާގެ ހެޔަށް ގޮތްނުވެ، ސަލާމަތުން ހުރީ ކިރިޔާ އެވެ.
"ސަރ!... މިއޮތީ..." އީން ފަސްއެނބުރި ބަލައިލިއިރު، ކާވިން ހުރީ އޭނާއާއި ދާދި ކައިރީގައެވެ. އެންމެ ހަރަކާތެއް ކޮށްލިޔަސް، އެކަކު އަނެކެއްގެ ގައިގައި ޖެހޭނޭކަން ޤައިމެވެ.
(ނުނިމޭ)