"ތިބާ އެހެން މީހަކަށް ދޭ އަނިޔާއާއި ގެއްލުން ތިބާއަށް އިހުސާސްކުރެވޭނީ އެފަދަ ހާލަތެއް ތިބާއަށް މެދުވެރިވުމުންނެވެ."
***
"ޔަގީން..."
"ހަމަމިހެން ހިތަށް އަރާވަރުން.."
"ރުޅިއެއް ނާންނާނަން. ކިޔާބަލަ.."
ސަފާޔާގެ ސުވާލުން ވަގުތުން ރަޖްވާގެ މޫނުގެ ކުލަ ބަދަލުވިއެވެ. އެހެން އެހުނުކަމުގެ މޮޔަ ސަފާޔާ ހީވިއެވެ. ރަޖްވާ އޭނަ ވަގުތުން ދަމާ ނެރެ އެގެއިން ބޭރުކޮށްލާނެކަން ޔަގީނެވެ. އޭނައަށް ސުވާލުކުރެވުނީ އުސައިމީންއާއި ބެހޭގޮތުންނެވެ. އުސައިމީން އެހެން ބޭބެމެންނާއި ތަފާތީ ކީއްވެގެންތޯއެވެ. ރަޖްވާގެ މޫނުން ނުރުހުމުގެ ކުލަވަރު ފެނުމާއެކު ސީރިޔަސް ނަޒަރު ސަފާޔާގެ މޫނަށް ހުއްޓުނެވެ. ސަފާޔާގެ ހިތްވެސް ހުއްޓުނީ އެލޮލުގައިވި ތޫނުކަމާއި އެކު ރުޅިވެރިކަން ހިތާއިހަމަޔަށް ފޯރިގޮތުންނެވެ. ހަގީގަތުގައިވެސް ސަފާޔާ ރަޖްވާގެ މަންމަގެ ބޮލުގައި ނުބައި ތުހުމަތެއް އަޅުވައިގެން ނޫނީ އެވާހަކަ އެހުމުގެ މާނައެއްނެތްތާއެވެ.
"ސަފާޔާ..ތީގެ މާނައަކީ ކޮބާ؟ މިބުނީ ތިހެން އެހުމުގެ މަގުސަދެއްވެސް އޮންނާނެއްނު.........."
"ސޮރީ...އެހެން ބުނި އެއްޗެއްނޫން..އައިމް ސޮރީ އިފް އައި ހާޓް ޔޫ..."
ރަޖްވާ އިތުރު އެއްޗެކޭ ނުބުނެ ދާން ހިނގައިގަތެވެ."އަދި ނަމާދުނުކޮށް މިހުރެވުނީ. ދާންވެއްޖެ..........."
"އޯކޭ..."ސަފާޔާ ލަދުގަންނަގޮތްވިއެވެ. ރަޖްވާ އެހާވަރަށް ރުޅި އަންނަން އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއްވަނީހެއްޔެވެ؟ މި ބޮޑު ހަވޭލީއެއްފަދަ "ސްކައި ކާސަލް"ގެ ކޮންމެ ޕައިލެޓެއްގެ ސިއްރުންފުރިފައިވާ ފަސާނާއެއް ވާކަމާއިމެދު ޝައްކެއްނެތެވެ. ރަޖްވާވެސް އެގޮތަށް ރުޅިއައިސްގެން އެކޮޓަރިދޫކޮށް ނަމާދަށް ދާށޭ ކިޔާފައި އެދިޔައީ އުސައިމީންގެ ސިފައާއި ބެހޭގޮތުން ސުވާލުކުރުމުންނެވެ. އެގޭތެރެއިން އެހެން ޒުވާނުންނާއިއެކު އޭނަ ފެންނައިރަށް ތަފާތުވަރު ވަގުތުން އަޅައިގަންނާނެއެވެ. ސަފާޔާއަކީ ލިޔުންތެރިއެއްކަމުން ސިކުނޑި ފުރިފައިވަނީ ތަފާތު ވާހަކަތަކާއި ޚިޔާލުތަކުންނެވެ. ޝައްކުތަކާއި ވަހުމްތަކުންނެވެ. ބައެއްފަހަރު "ޕޮޒިޓިވް" އަދި އެއާއެކު "ނެގެޓިވް" ޚިޔާލުތައްވެސް އޭނަގެ ހަޔާތަށް އެކިގޮތްގޮތަށް ބާރުހިންގައެވެ.
***
ރަޖްވާ ނަމާދުކޮޓަރިއަށް ވަނުމާއެކު އަރާމު ފިންޏަކާއި މީރު ލުއިވަހެއް ނޭފަތުގައި ހަރުލިއެވެ. އެތަނުގައި ބޯ ރަތް ދޫލައަކާއި ރަން މުސައްލާތައް އަޅާފައިވާއިރު ފާރުގައިވެސް އަގުބޮޑު ރަންކުލައިގެ ކެލިގްރާފީތަކެވެ. ލޮލަށް ފިނިކަންދޭ މަޑުރީދޫ އައްޔެއް އެތަނަށް ވެރިވެފައިވަނީ ތަނުގައި ހަރުކޮށްފައިވާ ބައްތިތަކުގެ ތެރެއިން އެވަގުތު ދިއްލާލާފައި ހުރި ރީތި ޑިޒައިނަކަށްވާ ބައްތިންނެވެ. ބިއްލޫރި ބިތްގަނޑުން ބޭރުން ބަގީޗާގެ ގަސްތައް ފެންނާން ހުއްޓަސް އެވަގުތު ފޮތިތައް ދަމާފައި ހުރުމުން އެމަންޒަރެއްނުފެނެއެވެ. އެއްފަރާތުގައި މުސްހަފާއި ތަފްސީރު، ސިޔަރަތު، އިސްލާމީ ވާހަކަތައް އަދިވެސް ދީނީފޮތްތައް ޖަހާފައިވާ ރެކެއް ހުއްޓެވެ. ކުރިމަތީގައި ހުރި ރެކްގައި އެކިސައިޒްގެ ޚަތިމްތަކެވެ. ރަޖްވާ ނަމާދުކޮށްގެން ދުއާއަށް އަތް އުފުލައިލިއެވެ.
"ޔާﷲ. ޔާ ރަހުމާާން. ޔާ ރަހީމް...ޕްލީޒް ހެލްޕްމީ..މިއަޅާ އެ އަނިޔާވެރިޔާގެ ކިބައިން ސަލާމަތްކުރައްވާދޭވެ. ސޭވް މީ ޔާ ﷲ..މިއަޅާއަށް އުފާވެރިކަން ދެއްވާދޭވެ. އައި ނީޑް ޔޫ ޔާ ﷲ. އެހެން އެއްވެސް ފަރާތަކަށް މިއަޅާގެ ހިތާއި ސިކުނޑިއަށް ޖެހިފައިވާ ބައްޔަށް ޝިފާއެއް ނުދެވޭނެ. ޔާ ޝާފީ...ހީލް މައި ހާޓް...ޕްލީޒް ހެލްޕްމީ...."ރަޖްވާގެ ލޮލުން ކަރުނަ އޮހިގަތެވެ. ދިރިއުޅުމުގައި ކުޑަ ކުޑަ އުފަލެއް ލިބެން އުޅެނިކޮށް ޖާރިދް އައުމަކީ އޭނަގެ ބިރުވެރި ހުވަފެންތައް އަލުން އިއާދަވާނެކަމެއްކަމާއިމެދު އޭނަ ޝައްކެއްނުކުރެއެވެ. ޖާރިދްއާއި އެ ބިރުވެރި ހާދިސާ ގުޅިލާމެހިފައިވާތީއެވެ.
ރަޖްވާ ނިދާ ހެދުން ލުމަށްފަހު ރަޖާގަނޑުގެ ދަށުގައި އޮތްވާ މަޑުމަޑުންގޮސް ނިދީގެ އުނގުން ހިމާޔަތްލިބުނެވެ.
***
އިސްކޮޅުން ދިގު ފަން އިސްތަށިގަނޑުގެ ވެރި މައިކް ލީއާއި އޭނަގެ އެކުވެރިޔާ ހޮޓަލުން ނިކުމެގެން ދިޔައިރު ސިއްރުވާހަކަތަކެއް ދައްކަމުންދިޔައެވެ."އަހަރެން މިބުނީ...ކޮންމެގޮތެއް ހަދާފައިވެސް ސްކައި އެއާ ބަގްރޫޓުކޮށްފައި ހުއްޓައިލާނީ..އެއް އެއާލައިން ވެއްޓުނީ އެކަމަކު އޭގައި ސީދާ އަހަރެންގެ އަތެއްނުވޭ. ދެން ނޫސްތަކުގެ ބްރޭކިން ނިއުސްތަކުން އެއަށްވުރެ ވަރުގަދަ ކާރިސާއެއް ފެނިގެންދާނީ.."
"އެކަމަކު......"
"އަހަންނަށް ވިސްނައިދޭން ވާހަކަނުދައްކާ. ކޮންވިންސެއް ނުކުރެވޭނެ...އޭނައަކީ މަގޭ ހަސަދަވެރި ދުޝްމިނެއް. އޭނަގެ ނޭފަތް ކަނޑާލާފައި ދާނީ...."
"މައްސަލައަކީ ކުށެއްނެތް ބަޔެއްގެ ފުރާނައަށް ގެއްލުންވެދާނެތީ..."
"ހަގުރާމައަކީ އެކަހަލަ އެއްޗެއް އެކުވެރިޔާ. ބައެއްފަހަރަށް ހަގުރާމައިގާ މައުސޫމް ފުރާނަތައްވެސް ގެއްލިގެން ހިނގައިދާނެ. އެމީހުން ކީއްވެ ސްކައިއެއާލައިންގައި ދަތުރުކުރަނީ؟އެމީހުންގެ ކުށެއްނެތޭ ބުންޏަސް އެއީ ކުށެއް..."މައިކް ލީ ގެ ތުނިތުންފަތް ފިތައިލިއިރު ފާޅުވާން ހުރީ ރޮގެކެވެ.
މިވަރަށް އެއް އިންސާނަކު އަނެއް އިންސާނަކަށް ނަފްރަތުކުރުން ހައްގުހެއްޔެވެ؟ އެމީހެއްގެ ދިރިއުޅުން ހަލާކުކޮށް ނައްތާލާއިރު އެ ދިރިއުޅުމުގައި ހިއްސާވާ އެހެން މީހުންނާއިއެކު ތިރިކޮށްލާގޮތަށެވެ. މިއީ އެންމެ އެކަށީގެންވާ އުސޫލެއްނޫނެވެ. ނިރުބަވެރިންގެ އުސޫލެވެ. މައިކް ލީ ނިރުބަވެރިއެއްގެ ލިސްޓުން ތާރީޚުގައި ނަން ލިޔުއްވަން ބޭނުންވަނީހެއްޔެވެ؟
***
ޒިޔާމް ފްލައިޓް ޖެއްސުމުން ރުސްލާން ހީލިއެވެ."ޓްރޫލީ އެ ސުޕާ ސްމޫތް ބަޓާރ ލޭންޑިން އެއް..............."
"ހޫމް...ހިތަށް އެރިއޭ...."ޒިޔާމް ފަޚުރުވެރިވިއެވެ.
"އާނ...ޒިޔާމް ވަރަށް އެފިޝަންޓް. ހުޝިޔާރު ކެޕްޓަނަކަށްވާނެކަމަށް ފެނޭ. އެކަމަކު މިއަދު މިސްވި ގުރުއާން ނުކިޔެވީމަ..."ރުސްލާންއާއި ޒިޔާމް އެކީގައި ހިނގަމުން ދިޔައިރު ޒިޔާމް އެއް އަތް ޖީބަށް ޖަހާލައިގެން ހުރިގޮތުން "ފޮނި" ގޮތެއް ހުއްޓެވެ. ރީތި ހަށިގަނޑަށް ހިފާފައިވާ ޔުނިފޯމާއި ފަޓުލޫންއަދި ލޮލުގައި ޖަހާފައިވާ އަވިއައިނު އެކަން ސާބިތުކޮށްދޭން މަސައްކަތްކުރާފަދައެވެ.
"ކުޑަކޮށް ހާސްވެފައި މިހުންނަނީ..."
"ކޮންކަމަކާއި؟"
"އަހަންށް ހީވަނީ އެނގިފައި ހުންނާނީ. ރަޖްވާގެ އެކްސް. އޭނަ ޖަލުން ސަލާމަތްވެއްޖެ...."
"ޑޯންޓް ވޮރީ...ހާސްވުމަކުން ކަންބޮޑުވުމަކުން އެއްވެސް ކަމެއް ބަދަލެއްނުވާނެ...އެފޯޓެއް ލާންޖެހެނީ. އެކްސްއާއި ރަޖްވާ ރުޅިވި ސަބަބު އެނގޭނު.............."
ރުސްލާންގެ އެ ޖުމްލައިން ޒިޔާމްގެ ހިތްވެސް ހުއްޓުނުފަދައެވެ. ރަޖްވާ އެވާހަކަބުނި ހަނދާނެއް އެއްގޮަތަކަށްވެސް ނުވެއެވެ. ކައިވެނިކުރަން އުޅުނަސް ރަޖްވާ އެހުންނަނީ އެތައް ގިނަ ސިއްރެއް ހިފަހައްޓައިގެންނެވެ. އޭނައަށް އިތުބާރުނުކުރަނީހެއްޔެވެ؟ ނޫނީ މާޒީ އަލުން ނިއުޅައިލުން ރަޖްވާއަށް އުދަގޫކަމަކަށްވަނީއެވެ.
"އެހެންވީމަ އަލުން އޭނަގެ ގާތަށް ކޮއްކޮ ނުދާނެ. ޓްރަސްޓްމީ. ރަޖްވާއަކީ އެންމެން ވަރަށް ލޯބިވާ އަހަރެމެންގެ ހުރި ހަމައެކަނި އަންހެންކޮއްކޮ...ޖާރިދްގާތަށް ދާން މަޖުބޫރުވާނެފަދަ އަދި ގޮތްހުސްވެފައިވާ ކުއްޖެއްވެސް ނޫން...ޒިޔާމްއާއި ރަޖްވާ ބޭނުމިއްޔާ ތި ކައިވެނީގެ ކަންތައް ހަމަ ކުރިއަށް ގެންދަންވީ........"ރުސްލާން ޒިޔާމްއާއި ރުހޭކަން އޭނަގެ ވާހަކަހުރިގޮތުން އެނގުނެވެ.ޒިޔާމް އެކަމާވެސް އެހާ އުފަލެއްނުވިއެވެ. އޭނަގެ ނިޔަތް އެނގޭނަމަ ރުސްލާން އޭނަގެ ދަތްކޮޅުވެސް ލުހެލާނެއެވެ.
***
ސަފާޔާއަށް ޒިޔާމް އާދޭސްކޮށްފައި މެސެޖްފޮނުވަމުން ދިޔައީ ދެމީހުންގެ ދިރިއުޅުން އާރާސްރުތުކުރަން އޭނައައި އެއްބައިވުމަށެވެ. ޒިޔާމް ކައިވެނިކުރަން އުޅެނީ މުއްސަދި އެކަމަކު ހުތުރު އަންހެނަކާއެވެ. ފައިސާގަނޑު އަތަށް އެރުމާއެކު އޭނަ ސަފާޔާގެ ގާތަށް އަންނަން ވައުދުވިއެވެ.
"ޔޫ ޕްރިކް...އަހަރެން ދޫކޮށްލާ...ބޭނުމެއްނޫން.."ސަފާޔާ އިތުރަށް ރުޅިގަދަވިއެވެ."ތި މުއްސަދިކަން އަހަރެން ބޭނުމެއްނޫނޭ ކިތައް ހާސްފަހަރު ބުނާނީ؟އައި ހޭޓް ޔޫ ޒިޔާމް...ހަމަ ތެދެއްމިބުނީ..ވަރަށް ސެލްފިޝް.."
"އޯލްރައިޓް.."ޒިޔާމްވެސް ބިރުގަތެވެ.
ސަފާޔާ އެހާ ރުޅިއަންނަން އޭނަ ކުރީ ކޮންކުށެއްހެއްޔެވެ؟
***
ރަޖްވާއާއި ސަފާޔާއާއި ދެމެދު ހިނގި ހަމަނުޖެހުމަށްފަހު ޖެހިގެން އައި ދުވަހު ރަޖްވާ ނާސްތާ ހިފައިގެން އައިއިރު އެ ހާދިސާގެ މަތިން އެއްވެސް ވަރަަކަށް ހަދާން ހުރިހެން ހިޔެއްނުވެއެވެ. އޭނަ ހުރީ އުފާވެރި މޫޑެއްގައެވެ. ކޮފީއާއި އޮމްލެޓް، ބިސްގަނޑެއް، ޕޭންކޭކު އަދި މޭވާ ހިފައިެން އައިސް މޭޒު ތައްޔާރުކުރަން އުޅުނީ ކުޑަކުއްޖެއްފަދައިންނެވެ. ސައިބޮއިގެން އޭނަ ސަފާޔާ ގޮވައިގެން ހަމުގެ ޑޮކްޓަކަށް ދައްކަން ގެންދިޔައެވެ. އެޑޮކްޓަރ ބުނީ "ޕިޓްރައާސަސް އަލްބާ"ކަމަށެވެ. މޫނު ހިކިޔަނުދީ މޮއިސްޗަރައިޒްކޮށްފައި ބެހެއްޓުމަށާއި ކޮންމެގޮތެއް ހަދާފައިވެސް އަވިން ސަލާމަތްވާން އިރުޝާދުދިނެވެ.
"މިބޭސް ހަމައެކަނި ހުދުތަނުގެ މަތީ ކުޑަކޮށް ހާކާލާނީ..ފްރިޖްގައި ބާއްވާފައި ފިިނިކޮށް ހުއްޓާ ލާނީ އިނގޭ...."
"އަހަރެމެން ދާނީ ތޮތްޕަކާއި ސަންސްކްރީން ގަނެލައިގެން. އަވިކޮޅެއްގައި ނުޖެހުނަސް ކާއެއްޗެހިން ވިޓަމިންޑީ ހަމަޖައްސައިލާނީ. އެވެސް މުހިއްމު އެއްޗެއްވީމަ....."
"އޯކޭ..."ސަފާޔާގެ ބެލުމުގައި ޝުކުރުނޫން އެއްޗެއްނެތެވެ. ރަޖްވާ އަޅާލާވަރު އެޖުމްލައިންވެސް އިހުސާސްކުރެވުނެވެ.
އެންމެންގެ ނަޒަރު އޭނައާއި އަމާޒުވަމުންދާކަން އެނގި ސަފާޔާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ފަޚުރުވެރިކަމެއް ހިނގައިގަތެވެ. އޭނަގެ ހެދުމުގެ ވައްޓަފާޅި ބަދަލުކޮށް ލުއިމޭކަޕެއްކޮށްލުމުން އޭނައަށްވެސް އޭނަގެ ސޫރަ ފެނުނީ ހަމަ ކެބިންކްރޫއެއްފަދަ ޚާއްސަ ރީތިކުއްޖެއްގެ ގޮތުގައެވެ. ސްކައިއެއާގެ ޔުނިފޯމްގައި އޭނަ ހުންނައިރު ފުރިހަމަވާނެއޭ ހިތަށް އަރާފައި އެދުވަހަށް ކުރިއަށްވުރެ ބޮޑަށް އިންތިޒާރުކުރެވުނެވެ. ރަޖްވާ ހުރީ ނިގާބުގައި ފޮރުވިގެންކަމުން އެއްވެސް މީހަކު އެކުއްޖާއަށް މާބޮޑު ސަމާލުކަމެއްނުދެއެވެ. ބަލައިލަނީވެސް ފޫހިވެގެން ކަހަލަގޮތަކަށެވެ.
ގެއަށް އައިސް ޕޭޖަށް ވަންތަނާ އެހެން ލިޔުންތެރިއަކު އޭނައަށް ކޮށްފައިވާ މެސެޖްފެނުމުން އުފަލުން ހަޅޭއްލަވައިގަނެވުނެވެ. އެނދަށް ވެއްޓިގެން ކުޝަން މޭގައި ޖައްސާ ބާރުކޮށްލިއެވެ. އެންމެ ނަންހިނގާ މަޝްހޫރު ނޫހުން އޭނައަށް ލިޔަން ފުރުސަތު ހުޅުވުނީއެވެ. އޭނަގެ އެކުވެރި ލިޔުންތެރިއަކު ދަންނަ ސީއީއޯއެއް ހުރުމުން އޭނައާއި ވާހަކަދައްކައިގެން ސަފާޔާއަށް ފުރުުސަތު ހޯދަދިނީއެވެ. އޭނަ އެދުނުފަދައިން ވާހަކައިގެ ބާބެއް މެއިލްކޮށްލުމަށްފަހު އޭނަ އާ ވާހަކަ ލިޔަންފެށިއެވެ. ވަގުތު ދިޔަގޮތެއް ނޭގި އެހެންް އިންދާ އިރުއޮއްސެން ކައިރިވުމުން އަސުރުނަމާދުމަތިން ހަދާން ވިއެވެ. ވާހަކައަށް ވަގުތުދޭން ހަދައިގެން ފަރުޟުމަތިންވެސް ހަނދާންނެތެނީއެވެ. މިއީ ނުބައި ފާލެކެވެ.ނުދަންނަ ނަމްބަރަކުން ގުޅަންފެށުމުން އަވަސްއަވަހަށް ނެގުނީ ނޫހުންކަމުގެ ފޮނި އުއްމީދާއެކުގައެވެ. އޭނައަށް ހީކުރެވުނީ ރަގަޅަށެވެ. ނޫހުން އޭނަގެ ވާހަކަ ރަގަޅުކަމަށް ފެނި ފުރުސަތުދިނީއެވެ.
ސަފާޔާ އުފަލުން ހަޅޭއްލަވައިގަތްގޮތަށް ނަށާލާފައި އަވަހަށް ގުޅައިލީ ރަޖްވާއަށެވެ.
"ރަޖްވާ..އަހަންނަށް ނޫހަކުން ޗާންސް ލިބިއްޖެ.."
"ކޮންގްރާ....."
"އާދެބަލަ ސެލެބްރޭޓްކުރަން...."
"މިއުޅެނީ ޖޫދު ކުޅެންގޮސް ހުއްޓާ ފައި ފުރޮޅާލައިގެން އައިސްޕެކް އަޅާދޭން..." ރަޖްވާ ބުނެލިއެވެ." އިޝާކޮށްލައިގެން ދެމީހުން ޕާސްތާ ކާނީ މިރޭ. ބައިވަރު ޗީޒްއަޅާފައި....ޝަވަރުމާވެސް އެބަހުރި؟ކަމުދާ އެއްޗެއްތަ؟ ކޭކެއްވެސް ގެނުވާނީ...ޗީޒްކޭކެއް............"
"ޔެސް...."ސަފާޔާ އުފަލުން މޮޔަވާވަރުވިއެވެ. ހަޔާތަށް އެހާ ބޮޑު ބަދަލެއް އަތުވެދާނެކަމަށް އޭނަ އެއްގޮތަކަށްވެސް އުއްމީދެއްނުކުރެއެވެ. ބަނަ ފޫހި ރަށްފުށު ދިރިއުޅުމެއްގައި ބޮޑުވި އަންހެންކުއްޖަކަށް މިއީ ހަމަ އަޖައިބުވާވަރުގެ ބަދަލެކެވެ. ރަހުމަތެކެވެ. ހިތާމައަކީ ބައެއްފަހަރު މުއްސަދިކަމާއި އުފާވެރިކަން ލިބުމުން އެނިއުމަތްދެއްވި ފަރާތް ހަދާންނައްތައިލެވި ދުނިޔޭގެ ދަޅައަށް ހެއްލޭކަމެވެ. ކުރިން ނަމާދެއް ވައްޓާނުލާ ކުރަމުން އައި ސަފާޔާއަށް މިހާރު ނަމާދުވަނީ ބުރައަކަށެވެ. ނަމާދުކޮށްލެވެނީ އަވަސްއަވަހަށެވެ. ވާހަކައަށް ވަގުތުދޭންވެގެން ނަމާދުުކުރުކޮށްލެވޭއިރު ނަމާދުގައިވެސް ސިކުނޑީގައި އެނބުރެނީ ވާހަކައިގެ އެކި ރޭވުންގަނޑާއި މަންޒަރުތަކެވެ.
***
ރަޖްވާގެ ކަންފަތުގައި ޖާރިދްގެ އަޑު ޖެހުމާއެކު މުޅިވުޖޫދުވެގެން ގެނބިގެން ދިޔަފަދަ އިހުސާސެއްކުރެވި ކުޝަން މޭގައި ޖައްސާ ބާރުކޮށްލެވިއްޖެއެވެ. މުޅި ހަށިގަނޑުގައި ހީބިހިނަގައިގަތެވެ.
"ހެލޯ...ކިހިނެއް މައި ލަވް؟"
"ކިހިނެއް މި ނަމްބަރު ހޯދީ؟"
"އަހަރެންގެ ވައިފްގެ ނަމްބަރު މަށަށް ނޭގެންވީ ސަބަބެއް ނުވިސްނޭ. ރަޖްވާ..ބައްޕަ ލައްވާ ގުޅުވައިގެން ވަރީގެ ވާހަކަދެއްކީމަ ހިތަށް އެރި................"ޖާރިދްގެ އަޑު މަޑުވެފައި ނުރައްކާތެރިގޮތެއް ހުއްޓެވެ." އަހަރެން ކައިވެނިކުރިއިރު ވައުދުވިން ދުވަހަކު ދޫކޮށްނުލާނެކަމަށް......"
"ތިހެން ބުނި. އެކަމަކު އެއީ ކުރިން..."
"މިހާރުވެސް މިއީ ހަމަކުރީގެ ޖާރިދް. ބަދަލެއްނުވޭ...."
ނުނިމޭ