އިބްނު ގައްޔިމް ރަހިމަހުﷲ ވިދާޅުވިއެވެ."ﷲއަށް ހަމްދުކުރުން މަތީގައި ދެމި ހުންނަ މީހަކަށް ހެޔޮކަމަކަށްފަހު ކަމެއް ހާސިލުވަމުން ދާނެއެވެ. އަދި އިސްތިޣުފާރުކުރުންމަތީގައި ދެމި ހުންނަ މީހަކަށް ބަންދުވެފައިވާ ދޮރުތައް ހުޅުވެމުންދާނެއެވެ."

 

***

ރަޖްވާގެ ކަންފަތުގައި ޖާރިދްގެ އަޑު ޖެހުމާއެކު މުޅިވުޖޫދުވެގެން ގެނބިގެން ދިޔަފަދަ އިހުސާސެއްކުރެވި ކުޝަން މޭގައި ޖައްސާ ބާރުކޮށްލެވިއްޖެއެވެ. މުޅި ހަށިގަނޑުގައި ހީބިހިނަގައިގަތެވެ.

"ހެލޯ...ކިހިނެއް މައި ލަވް؟"

"ކިހިނެއް މި ނަމްބަރު ހޯދީ؟"

"އަހަރެންގެ ވައިފްގެ ނަމްބަރު މަށަށް ނޭގެންވީ ސަބަބެއް ނުވިސްނޭ. ރަޖްވާ..ބައްޕަ ލައްވާ ގުޅުވައިގެން ވަރީގެ ވާހަކަދެއްކީމަ ހިތަށް އެރި................"ޖާރިދްގެ އަޑު މަޑުވެފައި ނުރައްކާތެރިގޮތެއް ހުއްޓެވެ." އަހަރެން ކައިވެނިކުރިއިރު ވައުދުވިން ދުވަހަކު ދޫކޮށްނުލާނެކަމަށް......"

"ތިހެން ބުނި. އެކަމަކު އެއީ ކުރިން..."

"މިހާރުވެސް މިއީ ހަމަކުރީގެ ޖާރިދް. ބަދަލެއްނުވޭ...."

"އެކަމަކު އަަހަރެން ބަދަލުވެއްޖެ. އަދި ތި ނޭގެނީ..އެހެންވީމަ އެންމެ ރަގަޅުވާނީ ދެމީހުން ވަކިވިއްޔާ. އަހަރެން ބޭނުމެއްނޫން އިތުރަށް މިގުޅުން ކުރިއަށް ގެންދަން..ސަބަބަކީ ކޮން ޒަމާނެއް ވޭތުވެގެން މިދިޔައީ. މުޅި ފަސްއަހަރު. ޖަލުން ސަލާމަތްވެގެން އަޔަސް އަދި އޭގެ މާނައަކީ ކުރިން އޮތް ގުޅުން ބާއްވަން އަހަރެން އެއްބަސްވާނީއެއްނޫން. ފުރަތަމަ ޖަލަށް ދާންޖެހުނީ އަމިއްލައަށް ފްލައިޓްގައި ބޮމެއް ގޮއްވަން ރޭވިކަމަށް އެއްބަސްވީމަ. ނުފޫޒުގަދަމީހުންނަށް ކޮންމެވެސް ދުވަހަކުން ނުފޫޒު ފޯރުވައިގެން ސަލާމަތްވެވިދާނެ. އެކަމަކު އަހަރެން ވަރަށް ޗޭންޖްވެއްޖެ. އެކަނި ސިފައެއްނޫން. އުޅުމާއި މިޒާޖާއި ހިތްވެސް ބަދަލުވެއްޖެ. އޭރު އަހަރެން އުޅުނީ ހަމަ ޖާރިދްފަދައިން ދުނިޔޭގެ އުފަލާއި މަޖަލުގައި ހެއްދެވިފަރާތް ހަނދާން ނައްތާލާފައި. ނިވާކަން ކުޑަހެދުން އެޅީ. މޭކަޕްކޮށްގެން މީހުންނަށް ދެއްކި ތައުރީފުގެ ބަސްތައް އަހަން ބޭނުންވީ. ރީތިކަމާއި ޒީނަތްތެރިކަން އެތައް ބަޔަކަށް ފެންނާންހެން އުޅުނީ. މިއުޒިކް ޝޯތަކާއި ޕާޓީތަކަށް ގޮސް ޑާންސްކޮށް ފްރީމިކްސިންގައި މުޅިން. އޭރު އެމްޕްޓީ އިހުސާސްތަކެއް ކުރެވުނު ސަބަބެއްނޭގޭ.....ފްލައިޓް ހާދިސާއަކީ ބްލެސިންއެއް. އައި އޮޕެނާއެއް..އެއީ ހަމަ ކުރީގެ ފާފަތަކުގެ އަޒާބު ދުނިޔެއިން ލިބުނީއޭ ހީކުރެވެނީ. ނޭގިވެސް ހުޅަގުގެ އަވައިގާ ޖެހި ހަލާކުގެ މަގުގައި ގެއްލި މަގުއޮޅިފައިވަނިކޮށް އަލި މަގަށް ނުކުމެވުނުކަމަށްޓަކާ ﷲއަށް ހަމްދުކުރަން. ފޮގިވްނެސްއަށް އެތައް ފަހަރު އެދެވިއްޖެ. މިހާރު އެޓްލީސްޓް ހިތަށް އުފާވެރިކަމެއް ލިބި އެ ހިތާމައިގެން އަރައިގަނެވިއްޖެ..ﷲއަށް ހަމްދުހުރި. މިހާރު ދުނިޔެއަށް ފޮނުއްވި މަގުސަދު އެނގިއްޖެ. އަޅުކަން ކުރުމަށް ފޮނުއްވީ......."

"ވޯ............ވެން ޑިޑް ޔޫ ބިކަމް އެ ސެއިންޓް ގާލް؟" ޖާރިދް ހިނިގަނޑެއް ޖަހައިލިއެވެ.

"އަޑުއެހުމުގެ ގާބިލްކަންވެސް ނެތިގެން ދިޔައީތަ؟ އަހަރެން ކީއެއްޗެއް ރަގަޅަށް އަޑުއެހިނަމަ ތި ސުވާލުނުވެސް ކުރީސް..."

"އަހަރެން ބުނެފިން ދޯ މަށެއްނޫނޭ އެ ފްލައިޓް ގޮއްވައިލީ؟އެފަދަ ކަމެއްނުކުރާނެކަން އެންމެ ރަގަޅަށް އެނގޭނީވެސް ޖީޖީއަށް..ބޮޑާނަހާކާ އާފެށުމަކުން ފަށަމާ..އެބަދަން ވަރަށް އަވަހަށް.............."

"އަންނާނެކަމެއްނެތް. އެ ޕާސްޓުން މޫވްއޮން ކުރަން ބޭނުމީ؟"

"އަހަރެން ލޯބިވޭ. ތިއީ އަހަރެންގެ ހަޔާތަށް އަންނާނެ ހަމައެކަނި އަންހެންކުއްޖަކީ.އިތުރު އެއްވެސް އަންހެނަކަށް މަގޭ ދިރިއުޅުމުން ޖާގައެއް ނުލިބޭނެ..."

"ސޮރީ ޖާރިދް. ތިކަން ގަބޫލުކުރެވެން ނެތް. ޕާސްޓް މަތިން ހަނދާންވާނެ މީހަކާއިއެކު ދިރިއުޅުމެއް ނުހޯދޭނެ..ދެން ޖާރިދްއަށްވެސް އެންމެ ރަގަޅުވާނީ ތައުބާވެގެން ރަގަޅަށް އުޅުނިއްޔާ. މަރުވާނެ އިރެއް އެނގެނީއެއްނޫން. ހެއްދެވިފަރާތާއި އޮތް ގުޅުން ރަގަޅުކުރޭ. އޭރުން ވަކި އިންސާނަކަށްޓަކައޭ ކިޔައިގެން ބޭކާރު ވިސްނުންތަކެއްވެސް ނުވިސްނާނެ. އާޚިރުގައި މުހިއްމުވާނީ ހަމައެކަނި ހެއްދެވިފަރާތާއި ތިމާއާއި އޮތް ގުޅުން އެކަނި. އަޅުވެރިވީމަ ދުނިޔޭގެ އެދުންތަކާއި ލޯބިން ހިތް ސާފުވެދާނެ. އަންހެނަކާއިހެދި އުޅުމަކީ ބޭކާރު މޮޔަކަމެއް......"

"ޖީޖީ. އަހަރެމެންގެ ދެމީހުންގެ ގުޅުން ޕާސްޓޭ ނުކިޔަބަލަ. ޔޫ އާ މައި ވައިފް އަދި އެކަން ދުވަހަކުވެސް ބަދަލެއްނުވާނެ. ގިޔާމަތާއި ހަމަޔަށްވެސް. ޖަންނަތުގައިވެސް އަހަރެމެން ދެމީހުން އެކީ ވާނީ. ކިތައްފަހަރު ބުނާނީ؟ އަހަރެން ކައިވެނިކުރީ ދޫކުރާގޮތަކަށްނޫން. އުމުރަށް އެކީގައިވާން....އައިމް ކަމިން ހޯމް..."

ރަޖްވާ ރުޅިގަދަވެފައި ފޯނު ކަނޑާލައިފިއެވެ.

މިވީ ކިހިނެއްހެއްޔެވެ؟ އޭނަގެ ދިރިއުޅުމަށް އަލުން އެ ފިރިހެނާ އައުމަކީ ހަޔާތަށް އައި ކުޑަވަރެއްގެ ޒަލްޒަލާއެކެވެ. ޒިޔާމްއާއި ކައިވެނި ހަމަޖެހެމުންދަނިކޮށް އެ އުފާވެރިކަންވެސް ނިގުޅައިގަތީއެވެ. އޭނަގެ ބޭބެ ރުސްލާންއާއިއެކު ޒިޔާމް ވަރަށް ގިނަފަހަރު ދަތުރުކުރަން ޖެހެއެވެ.ޒިޔާމްގެ އަޚުލާގާއި ދީންވެރިކަމުން ރުސްލާންއަށްވެސް އަސަރުކޮށް ތައުރީފުކޮށްފައިވެއެވެ. އެކަމުގެ ސަބަބުން ރަޖްވާގެހިތުން ވެސް ޚާއްސަ މަގާމެއް ދެވުނެވެ. ޖާރިދްއާއި އަޅާކިޔުނެވެ. ދެމީހުން ކޮޅުން ތިލަފަތް ބަރުވަނީ ޒިޔާމްގެއެވެ.

***

ސަފާޔާ އާއި ރަޖްވާ އެކީގައި ގޮސް އެއާޕޯޓުގެ ކެފޭއެއްގައި ކޮފީބޯން ތިއްބެއެވެ. އެހެން ދުވަހަށްވުރެ ރަންވޭ ހަލަބޮލިދުވަހެކެވެ. ފުރަންދާމީހުންނާއި އަންނަ މީހުން ފޮށިތަކާއި ދާގީނާތައް ހިފައިގެން ޓްރޯލީތަކަށް ލައިގެން ކޮށްޕަމުންދާއިރު ބައެއްމީހުންގެ މޫނުމަތިން ދަތުރުގެ ވަރުބަލިކަންފެނެއެވެ. ފަހަރަކު މަތިންދާބޯޓެއް ރަންވޭގައި ޖައްސާއިރު ނައްޓާލާ ބޯޓުތަކާއި ޕްރައިވެޓްޖެޓްތައްވެސް ހިމެނެއެވެ. އެ ޒީލަ އަޑުއިވުމުންވެ ސަފާޔާ ޕެނިކްވާގޮތްވެއެވެ. ހަގީގަތުގައި އޭނަ އަބަދުވެސް މަތިންދާބޯޓަށް އަރަން ބިރުގަނެއެވެ. މީހަކު ފުރުވަން ދިޔަސް ފްލައިޓެއްގެ އަޑު ކަންފަތުގައި ޖެހުނަސް ޕެނިކް އެޓޭކް ޖެހޭގޮތްވެ މުޅިކުއްޖާ ފިނިވެދެއެވެ. އޭނަގެ ހިތުގައި ޕައިލެޓުންނަށް ޚާއްސަ މަގާމެއްދެވުނަސް ކުޑައިރުއްސުރެ އޭވިއޭޝަނަށް ހިތުގައި ޝައުގު އުފެދުނަސް ފްލައިޓަކަށް އަރަން ވެއްޖެއްޔާ އޭނަ މަރުވެދާނެއޭވެސް ހީވެއެވެ. އެކަމަކު އެއަށްވުރެ ޝައުގުވެރިވާކަމެއްވެސް ދުނިޔެއަކު ނެތެވެ.

"އިންޓަވިއު ހަމަ ރަގަޅަށް ދިޔައީ. ހޮވޭނެހެން ހީވަނީ.."ސަފާޔާ ބްލޫބެރީ ސްމޫތީއިން އެތިފޮދެއް ބޯލިއެވެ.

"އިންޝާﷲ..ސްކައިއެއާގެ ޔުނިފޯމް އެހާ ލޯބި...ބުރުގާ އަޅާފައި ހުރީމަ މަށަށްވެސް އެންމެ ކަމުދަނީ.."

"ރަޖްވާވެސް ފްލައިކުރަން ފަށަންވީނު.."

ރަޖްވާގެ ހިތުގެ ޝުއޫރުތައްވަނީ ނިގާބުގެ ނިވަލުގައި ފޮރުވިފައެވެ. ކުއްލިއަކަށް ސަފާޔާގެ ނަޒަރުގައި އަޅައިގަތީ ޒިޔާމްގެ ކޮއްކޮ ޒޯޔާއާއި އުސައިމީން އެކީގައި ހިނިތުންވެލައިގެން ތިބެ ކޮންމެވެސް ވާހަކައެއް ދައްކަމުން އަންނަތަނެވެ. ހައިރާންވެ ބަލަހައްޓައިގެން އިނދެފައި ރަޖްވާއަށްވެސް އިޝާރާތުން އަންގައިލިއެވެ. އުސައިމީންއާއި ޒޯޔާއަކަށް އެމީހުން ނުފެނެއެވެ. ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ދޮށުގައި އެދެޒުވާނުން އިށީދެލައިގެން ތިބިގޮތުން ޚާއްސަގުޅުމެއް އޮތްކަން ޔަގީންވިއެވެ.

"ދަންނަ އަންހެންކުއްޖެއްތަ؟" ރަޖްވާ އަހައިލިއެވެ."ވަރަށް ޕްރިޓީ..."

"އާން ދަންނަން...ޒިޔާމްގެ ކޮއްކޮ.."

"ކޮން ޒިޔާމެއްތަ؟"ރަޖްވާ ސިހޭގޮތްވިއެވެ.

"ޕައިލެޓް ޒިޔާމް..."

"އޯހް...."ރަޖްވާއަށް ބުނެވުނެވެ."އުސައިމީން އުޅޭގޮތުން އަންހެންކުދިންނާއި ވަރަށް ދުރުކަމަށް ހީކުރެވުނީ....އެކަމަކު އެހެނެއްނުވި...ވަރަށް ސިއްރުވެރި.."

"ސަފާ.. އަހަރެން ހުރީ މިވާހަކަ ނުބުނަން. އެކަމަކު ޝެއާކުރީމަ ސިކުނޑިއަށް ލުއިވެދާނެކަން ނޭގޭ. އަހަރެން މެރީކުރަން އުޅެނީ އެ ޒިޔާމްއާއި...ޕައިލެޓް ޒިޔާމް.."

ސަފާޔާ ކޮށިއަރާގޮތްވިނަމަވެސް ސިކުންތުކޮޅެއްގެ ތެރޭގައި ހަމަޔަކަށް އެޅުނެވެ."ވާއު......ހަމަ ޝޮކެއްލިބުނީ...ހެހެ...."

ޒިޔާމް ކައިވެނިކުރަން އުޅެނީ ރަޖްވާއާއިކަން އެނގުމުން ލިބުނު ސިހުމާއި އެއްވަރަށް ނުބައި އިހުސާސްތަކެއްވެސް ކުރެވުނެވެ. ޒިޔާމްއާއިމެދު ހިތުގައި އޮތް ގަދަރާއި ލޯބި އުނިވިއެވެ. ރަޖްވާއާއި ކައިވެނިކުރަން އުޅެނީ ރަޖްވާގެ މުދަލުގެ ބޭނުމުގައިކަން ޔަގީނެވެ. އެހެންނޫންނަމަ އެހާވަރުން ޒިޔާމް ރަޖްވާއާއިހެދި އުޅެންވީ އެއްވެސް ސަބަބެއްނެތެވެ. ނޫނީ އަޅުވެރިކަމުންނެވެ. ޒިޔާމް ކައިވެނިކުރަން އުޅެނީ އޭނަގެ ގާތް އެކުވެރިޔާއާއިކަން އެނގުމުން އެކަން ބަލައިގަނެ ސިކުނޑިއަށް ވައްދަން އިރުގަނޑެއްނެގިއެވެ. ފާޑަކަށް މޮޔައެއްހެން ބަސްހުއްޓިބަލަން އިނދެވުނީއެވެ. ރަޖްވާ ދެން ކިޔައިދިނީ ކުރީގެ ފިރިމީހާ އެނބުރި އަންނަވާހަކައެވެ.

"ދެން ކިހިނެއްވާނީ؟ ސުބުހާނަﷲ.." ސަފާޔާއަށް ރަޖްވާގެ އަތުގައި ހިފައިލެވުނެވެ."ކާކު ޗޫޒްކުރާނީ؟"

"ޒިޔާމް..."ރަޖްވާ އަވަސްއަވަހަށް ބުނެލިއެވެ.

"ނޫން ޒިޔާމްއަކީ ރަގަޅުމީހެއްނޫން. ކެހިވެރިއެއް. މަކަރުވެރިއެއް.ލޯތްބަކުން ނޫން އޭނަ ކައިވެނިކުރަނީ. ބޭޑް އިންޓެންޝަނެއް އޮތީމަ.."ސަފާޔާގެ ހިތް ބުނަމުން ދިޔައެވެ. ހަގީގަތް ކިޔާދީފިއްޔާ ރަޖްވާގެ ހިތަށް ކުރާނެ އަސަރާއި ދެރަވާނެވަރު އެނގުމުން އެހިތްވަރެއް ނުލިބުނެވެ. ޒިޔާމްގެ މަކަރުވެރިކަން މި މައުސޫމް ރަގަޅު އަންހެންކުއްޖާގެ ހިތަކަށް ނުގެނެވޭނެއެވެ. އޭނަ ޔަގީންކޮށްގެން އެހުންނަނީ އޭނަގެ ސިފަ ކޮންމެގޮތަކަށް ހުއްޓަސް އެހިތުން ޖާގަ ލިބުނީކަމުގައެވެ.

ސަފާޔާއަށް އެ ހަގީގަތް އެނގުނު ސިކުންތުކޮޅުން ފެށިގެން އެނޫން އެއްޗެއް ހިތަކަށް ނާރައެވެ. ޒިޔާމްއާއި ކުރިމަތިލާ ރަގަޅަށް އެތިވަރު ގޮވައިލަން ބޭނުންވިއެވެ. ޒިޔާމް ކުޅިގަނޑެއްކުޅެލަން އެނޫން އަންހެންކުއްޖަކު ޚިޔާރުކުރާށޭ ބުނަން ބޭނުމެވެ. ރަޖްވާ އޭނަގެ ހާލަށް ދޫކޮށްލާ އެހެން ރާސްތާއެއް ޒިޔާމް ހޯދާށެވެ.

***

ސްކައިއެއާލައިން ބާރުދުވެއްޔެއްގައި ރަންވޭމަތިން އަންނަނިކޮށް ޓަވަރއިން އެންގީ ވަގުތުން ފްލައިޓް މަޑުކުރުމަށެވެ. އެއާޓްރެފިކް ކޮންޓްރޯލަރއަށް އެހެން ފްލައިޓެއް ކުރިމަތިން ހުރަސްކުރަނިކޮށް ނަޒަރުގައި އަޅައިގަތީ ހަމަ ކިރިޔާއެވެ.

"ޑޭމް.......ސްކައިއެއާ ޓްވެންޓީ ކެންސަލް ޓޭކް އޮފް ކްލިއަރެންސް.. ސްކައި އެއާ ޓްވެންޓީ .ކެންސަލް ޓޭކް އޮފް ކްލިއެރެންސް......."

ބާރުދުވެއްޔެއްގައި ވައިކަފާލާފައި މައްޗަށް އަރައިގެންދާން އުޅުނު ސްކައިއެއާގެ މަތިންދާބޯޓުގެ ބާރުސްޕީޑް ދަށްކުރަމުންގޮސް މަޑުވީއިރު ކުރިމަތިން އެހެން މަތިންދާބޯޓެއް ހުރަސްކޮށްލަނީއެވެ. އެދޭތެރޭގައިވާނީ ތިންސަތޭކަ ވަރަކަށް މީޓަރު ދުރުމިނެވެ.ޓަވަރުން މިވަރުގެ ގޯހެއްހެދިކަން އެނގުމުން ރުސްލާންގެ މޫނުމަތިން ނުރުހުމުގެ ކުލަވަރު ފެނުނެވެ. މިފަހަރުވެސް އެހެން ފްލައިޓަކާއި މުޑިނޭރީ ހަމަ ކިރިޔާއެވެ. ކޮންމެފަހަރަކުވެސް ގޯސްހަދާކަމަށް އޭނައަށް ފެންނަނީ އުސައިމީން ޑިއުޓީގައި ހުންނަ ގަޑިތަކުގައެވެ. ފަރުވާކުޑަކުރަނީކަމެއް ނޫނީ ކޮންމެވެސް ކަމަކާއި މާބޮޑަށް ފިކުރުބޮޑުވެފައި ހުރެގެން ސަމާލުކަން ނުދެވެނީކަމެއް ނޭގެއެވެ.އެއްވެސް އުޒުރެއް ގަބޫލެއްނުކުރެވޭނެއެވެ. ޓަވަރުގައި ތިބެންޖެހޭނީ ޒިންމާދާރު ވަޒީފާއަށް ކަމޭހިތާ ސިކުނޑި ކޮންޓްރޯލްކުރަން އެނގޭ މީހުންނެވެ. އުސައިމިންއަށް ކޮންމެވެސް ސަބަބަކާއިހުރެ ވަޒީފާއަށް އިހުމާލުވެވޭކަން އޭނަގެ ސުޕަވައިޒަރުންނަށް ނޭގެނީހެއްޔެވެ؟

 

***

ރުސްލާން އުސައިމީންއާއި ދިމާލަށް ނުރުހުމާއެކު ބުނި ބަސްތަކުން ރަޖްވާވެސް ދެރަވިއެވެ. އުސައިމީންއާއިމެދު ރަޖްވާދެކެނީ އެއާއިލާގައި ހުރި އެންމެ ނިކަމެތި ބަސްމަދުކުއްޖާގެ ގޮތުގައެވެ. އޭނަ އުޅެނީވެސް ބީރައްޓެއްސެއްފަދައިންނެވެ.

"އައިމް ސޮރީ...."

"ސޮރީއޭ ބުނީމަ ނިމުނީތަ؟ އެތައްބަޔެއްގެ ފުރާނަ އަތްމައްޗަށް ލައިގެން ތިބޭއިރު ތަންކޮޅެއް ސަމާލުވާކަށް ނުޖެހޭތަ؟ އެއްފަހަރު ދެފަހަރުނަމަ އޯކޭ. މިއަދު ޕައިލެޓުންގެ މީޓިންގައި އެވާހަކަދެކެވުނީމަ މިވާހަކަ ބުނަން މިޖެހުނީ. އުސައިމީން ކޮންމެފަހަރަކު ގޯސްހަދަނީ...އެންމެނަށް އެކަން ފާހަގަކުރެވިއްޖެ..ވަރަށް ޒިންމާދާރުވެގެން ތި ޖޮބްގައި ހުރެވޭނީ....."

އުސައިމީން ކޮފީތަށީގައި ހިފިގޮތަށް އެސްފިޔަތައް ތިރިކޮށްލައިގެން އިނީ ދޭނެ ޖަވާބެއްވެސް ނޭގިފައެވެ.

"ޑެލިބެރޭޓްކޮށް ކުރާކަމެއްތަ؟ދެން މިކަން ތަކުރާރުވެއްޖެއްޔާ ވަޒީފާގެ އެންމެފަހު ދުވަސްކަމުގައިވާނެ.." ރުސްލާން އިންޒާރުދިނެވެ. ރަޖްވާ ޕާނުގައި ކްރީމްޗީޒް ޖަހަންހުރެފައި ސިއްރު ނަޒަރަކުން އުސައިމީންގެ މޫނަށް ބަލައިލިއިރު ހިތާމަވެރި ތަސްވީރެކެވެ. ބޭބެމެން ކޮންމެ އެއްޗެކޭ ކިޔަސް އުސައިމީން އަބަދުވެސް ޚިޔާރުކުރަނީ ހިމޭންކަމެވެ. އަމިއްލަ ދިފާއުގައި އެއްޗެއް ބުނަން އޭނަގެ ޟަމީރު ތަންނުދެނީކަން ނޭގެއެވެ. ރުސްލާން ނުކުމެގެން ދިޔުމާއެކު ރަޖްވާ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނެވެ." އިޓްސްއޯކޭ. އިރުކޮޅަކުން ރުޅިފިނިވެދާނެ..ކޮންމެ މީހަކަށްވެސް މިސްޓޭކެއްހެދިދާނެ.."

"ހީ އިޒް ރައިޓް..އަހަރެން ޖޮބަށް ފިޓެއްނޫން.."

"ތިބުނީ؟"

"އެއީ މިސްޓޭކް ހެދިގެން އޯކޭވާނެ ޖޮބެއްނޫން..."

"އަބަދު ނެގެޓިވްކޮށް ތިންކުކުރަން ހެޔޮނުވާނެ..ޔޫ ކެން ޑޫ ބެޓާރ....."ރަޖްވާ ތަށްޓަކަށް ޗީޒްކޭކުގަނޑަކާއި ޕިއްޒާފޮތެއްޗެއް ލާފައި އުސައިމީންއާއި ކައިރިކޮށްލަދިނެވެ." ބައިދަވޭ މިއަދު ކެފޭގައި ގާލްއަކާއިއެކު އިންދާ ދެކުދިން..."

"އަސްތަޣުފިރުﷲ....."އުސައިމީންގެ މޫނު އެއްކޮށް ރަތްވިއެވެ."އެއީ ޖަސްޓް އެ ފްރެންޑް.............."

"ފްރެންޑަކާއެކު ކޮފީ ޑޭޓެއްގައި..ބަޓް ވަރަށް އުފާވި. ވަރަށް ލޯބި އަންހެންކުއްޖެއް.........................."

"އެއީ ހަމަ ފްރެންޑެއް. އޭނައަށް އަހަރެން ކަހަލަ މީހެއް ކަމަކުނުދާނެ.."

"ޔޫ ބިކަމް ވަޓް ޔޫ ފީޑް ޔޯ ބްރެއިން އޭ ބުނެއެއްނު.އެހެންވީމަ ނެގެޓިވިޓީއިން ސިކުނޑި ފުރާލާކަށް ނުވާނެ..ޕްރޮސެސްޑް ޖަންކްފުޑްކައިގެން ދުޅަހެޔޮ ހަށިގަނޑެއް ނުލިބޭނެ ހަމައެގޮތަށް ނެގެޓިވިޓީއިން ސިކުނޑި ފުރަންޏާވާނީ ކިހިނެއްތަ؟ ރިމެމްބާ ދަ ގޯލްޑެން ރޫލް އޮފް ހެލްދީ އީޓިން. ކޮންމެ އެއްޗެއްވެސް މެދުމިނަށް ބަހައްޓަންވާނީ. ރަގަޅަށް ކެޔަސް އަދި އައިސްކްރީމްވެސް ކޮންމެހެން ހުއްޓާލާނީއެއް ނޫނޭ...މަދުން ކެޔަސް އޯކޭވާނެއޯ. ނެގެޓިވިޓީވެސް އެއްކޮށް ދޫކޮށްނުލާ ވިއްސަކަށްމިނިޓަށް އެ އަނދިރި ފަޅިއަށްވެސް ފީނާލަންވާނެ. ދެރަވުމާއި ހާސްކަމާއި ބިރުގަތުމާއި ކަންތައް އިހުސާސްކޮށްލަންވާނެޔޯ. ދެން އޮންނާން ޖެހެނީ ޕޮޒިޓިވް ތިންކިން. އެންމެ ރަގަޅުގޮތަކީ ޕޮޒިޓިވިޓީއިން ދުވަސްފެށުން..." ރަޖްވާ ފޯނުން ބަލަހައްޓައިގެން އިނދެ ކިޔާދޭންފެށިއެވެ. އުސައިމީން ކުޑަކޮށް ހީލަ ހީލާ އަޑުއަހަން އިނެވެ.

"މައްސަލައަކީ ތިއީއެއްވެސް ނޫން. އަހަރެން ކުރާ އެއްވެސް ކަމެއް ބޭބެމެންނަށް ކަމަކުނުދާނެ. ޖޮބްވެސް އަހަރެން ލައިކްވާއެއްޗެއްވެސް....."އުސައިމީނަށް ބުނެވުނެވެ.

"ނޫން. މިބުނާހެން ޕޮޒިޓިވް ތިންކިންއިން ވަރަށް ގިނަކަންތައް ބަދަލުވެދާނެ.."

"ބަލަމާ.."އުސައިމީން ކޮފީތަށި ތުނބުގައިޖެހިއެވެ.

***

ކެއުމެއް ބުއިމެއްނެތި މުޅިރޭގަނޑު ސަފާޔާ ކަރުނަ އެޅުމުގައި ހޭދަކުރިއެވެ. އުމުރުދުވަހުވެސް އެވަރުގެ ހިތާމައަކާއި ކުރިމަތިވެފައެއްނެތެވެ. ޒިޔާމް އޭނަދޫކޮށްލުމުން ބަދަލުހިފާންވެގެން އުޅުމުގެ ތެރޭ އެނގުނީ އޭނަ ކައިވެނިކުރަން އުޅެނީ ރަޖްވާއާއި ކަމުގައެވެ. އެހުރިހާކަމަކާއި ވިސްނަމުންގޮސް އެންމެފަހުން ސަފާޔާ މޮޔަވާވަރުވިއެވެ.

ނުނިމޭ

ކޮމެންޓް 0