"ދުޢާއަކީ އަޅުކަމެކެވެ. ކޮންމެ ކަމެއްގައި ﷲއަށް އެދި ދަންނަވާށެވެ. ދުޢާ އިޖާބަވުމުގެ އިތުރުން އެތައް ގުނަ ސަވާބެއް ލިބޭ އަމަލެކެވެ. އެއްގޮތަށްވެސް މާޔޫސްނުވާށެވެ. ހުރިހާކަމެއްގައި ތިބާ ހެއްދެވި ފަރާތަށް ބަރޯސާވެ ހަމްދުކުރުން މަތީގައި ދެމިހުންނާށެވެ."

***

ކެއުމެއް ބުއިމެއްނެތި މުޅިރޭގަނޑު ސަފާޔާ ކަރުނަ އެޅުމުގައި ހޭދަކުރިއެވެ. އުމުރުދުވަހުވެސް އެވަރުގެ ހިތާމައަކާއި ކުރިމަތިވެފައެއްނެތެވެ. ޒިޔާމް އޭނަދޫކޮށްލުމުން ބަދަލުހިފާންވެގެން އުޅުމުގެ ތެރޭ އެނގުނީ އޭނަ ކައިވެނިކުރަން އުޅެނީ ރަޖްވާއާއި ކަމުގައެވެ. އެހުރިހާކަމަކާއި ވިސްނަމުންގޮސް އެންމެފަހުން ސަފާޔާ މޮޔަވާވަރުވިއެވެ. ރަޖްވާ ނާސްތާ ހިފައިގެން އައިއިރު ސަފާޔާގެ ހާލު ފެނި ސުވާލުކުރަން ފެށުމުން ބުނީ އޭނަގެ ލޯބިވެރިޔާ ކަންތައްކުރިގޮތުން ފުރަތަމަ ޝޮކެއްޖެހިފައި މިހާރު ކެތްނުކުރެވޭވަރަށް ހިތަށް އުދަގޫވަނީކަމަށެވެ. ރަޖްވާ އެކިގޮތްގޮތަށް ވިސްނާދޭން މަސައްކަތްކުރުމުން ތެދުވެ ކޮންމެވެސް ވަރަކަށް ކޮފީ ބޮއިގެން ބިސްގަނޑު ކައިގެން އަނެއްކާ އޮށޯތީއެވެ.

ރަޖްވާ ނިންމީ ސަފާޔާއަށް ވަގުތު ދިނުމަށެވެ.

"ރޭ ނުނިދުނީމަ ދެން ނިދޭތޯބަލާ. ނިދުމަކީވެސް ފަރުވާއެއް..."ރަޖްވާ ބޭރަށް ނުކުތެވެ.

ހަގީގަތުގައި ވަކިވަރަކަށްވުރެ ބޮޑަށް އިންސާނުންނަށް ހިތްދެވި ލޯބިވާންވެއްޖެއްޔާ ހިތް ހަލާކުވާނީއެވެ. އެވަރުންވެސް އިންސާނުންނަށް އެއްޗެއް ނުވިސްނޭނެއެވެ. އަމިއްލަ ނަފުސާއި ހިތަށް ބާރު ފޯރުވާން އެނގޭނީ މަދު ބަޔަކަށެވެ. ނަސީބުވެރިންނަށެވެ. ބޭވަފާތެރިއަކަށްޓަކާ ކަރުނަ އޮއްސުމުން ތިމާގެ ހަށިގަނޑަށް ގެއްލުން ލިބުން ނޫންކަމެއްނުވާނެއެވެ. ރަޖްވާ ދެކޭގޮތުން އޭނައަށްވެސް ލިބުނު ހުރިހާ ދެރައެއްގެ އަސްލަކީ ދުނިޔެއާއި ދޯޅުވުމެވެ. އޭރު އޭނައަށް ނުލިބުނީ ކޮން ނިއުމަތެއްހެއްޔެވެ؟ ރީތިކަމާއި މުއްސަދިކަމާއި މަޝްހޫރުކަމެވެ. އޭނަދާހާ ތަނަކުން މީހުންގެ ލޯތައް އަމާޒުވިއެވެ. މީހުންގެ ސަމާލުކަން ދަމައިގަނެއެވެ. އެހާ ރީތިކޮށް ހެދުން އަޅާ އެންމެ ރީތިފަހުގެ ސްޓައިލަށް އުޅުނު ކުއްޖެކެވެ. ނަމަވެސް ދުނިޔެއަކީ ކިހާ ވަގުތީތަނެއްކަން އެނގުނީ އޭނައަށް ދިމާވި ކާރިސާއެވެ. އޭނަގެ ބޭބެއަކާއި ފަހަރި އަދި ތުއްތު ދަރިފުޅާއި ފަހަރީގެ ބަނޑުގައިވީ ދަރިފުޅުވެސް ދުނިޔެއާއި ވަކިވެގެން ދިޔައީއެވެ. އޭނަ ކުރިން ހީކުރަމުން އައީ ސަލާމަތްވީ އޭނަ އެކަނިކަމުގައެވެ. އެހާދިސާއާއި ބެހޭގޮތުން ރޭ ކޮންމެވެސް ވަރަކަށް ކިޔައިލުމުން ޕައިލެޓުންގެ އިތުރުން ދިހަވަރަކަށް މީހުން ސަލާމަތްވިކަން އެނގުނެވެ. ރޭ އޭނަ ވީޑިއޯ ބަލަން އިނދެފައި ނިދުނުތަނާހެން ފެނުނީ އެންމެ ބިރުވެރި އެއް ހުވަފެނެވެ. މަތިންދާބޯޓުގައި ރޯވެގެން އޭނަ ސަލާމަތްނުވެގެން ހަޅޭއްލަވައިގަތްތަނާ ހުދުހެދުމެއްގައި ހުރި ޒުވާނަކު އަތުގައި ހިފާނަގަން އުޅުނެވެ. ހޭލެވުނުއިރުވެސް އޭނަ ރޫރޫ އަޅައެވެ. ފުރަތަމަ އޮވެވުނުތަނެއްވެސް ނޭގި އިރުގަނޑެއްވަންދެން ވަށައިގެން ހޯދާ ބަލައިލެވުނެވެ. މަތިންދާބޯޓުގެ އެއްވެސް ނިޝާނެއް އަދި ހޫނުކަމެއްގެ އިހުސާސްވެސް ނެތެވެ. އޮވެވުނީ އަމިއްލަ އެނދުގައެވެ ބާކީ އޮތް ރޭގަނޑު އޭނަގޮސް އިނީ ނަމާދުގޭގައެވެ.

***

ރޯޒްއަށް ރުސްލާން ފެނުމުން ހިތްދަތިވެގެންގޮސް ހަލާކުވާވަރުވެއެވެ. އޭނައަށް ހެދުނީ އެންމެ ކުށެކެވެ. އެހެން ކުއްޖަކާއި ރައްޓެހިވެގެން އުޅެމުން ސިއްރުން ރުސްލާންއާއި ރައްޓެހިވެވުނީ ހަގީގީ ލޯބިވެވުނީ ރުސްލާންދެކެ ކަމުގައި ގަބޫލުކުރެވިގެންނެވެ. ހަގީގަތް އެނގުމުން ރުސްލާން އޭނަދެކެ ފޫހިވީގޮތަށް ގުޅުން ކަނޑައިލީއެވެ. ރޯޒްވެސް ގަދަވާންވެގެން އިތުރަށް އާދޭސްނުކޮށް އެހެން ކުއްޖަކާއި ވާހަކަދައްކަން ފެށީ ހިތާހިތުން ރޮމުން އޭނަގެ މަންމަ އިގުރާއަކީ ޖަވާހިރު މުއްސަދިކުރާ މުއްސަންޖެކެވެ. ރޯޒްވެސް އުޅެބޮޑުވީ އުފަލާއި ނިއުމަތުގައެވެ. އެކުވެރި ފިރިހެންކުދިން އެހާ ގިނައެވެ. އޭނަގެ ރީތިކަމާއި އޮމާންކަމުން އަންހެނުންނާއި ކުޑަކުދިންގެ ސަމާލުކަންވެސް ލިބެއެވެ. މޭކަޕްނުކުރިޔަސް ފިނިފެންމަލުގެ ކުލަ އަރާ ހަންގަޑަކާއި ގަދަ ފިޔާތޮށިކުލައިގެ ތުންފަތެއް އަދި މުށިދެލޯ ލިބިފައިވުމުން ބޭރު ކުއްޖަކާއި ތަފާތެއްނެތެވެ.

ރޯޒްގެ މަންމަ އިގުރާގެ އުމުރުން ސާޅީހުގެ އަހަރުތައް ގުނަމުން ދިޔަސް އޭނައާއި މަންމަ އެއްތަނެއްގައި ތިބޭއިރު ދެބެންފަދައެވެ. ރޯޒް ކެބިންކްރޫއަކަށްވެ ސްކައިއެއާއާއި ގުޅުނީވެސް ރުސްލާން ފެންނަ ހިސާބުގައި ހުރުމަށެވެ. ނަމަވެސް ރުސްލާންގެ ހިތް ހިލަގަނޑެކޭ ތަފާތެއްނެތެވެ. ދުވަހަކުވެސް ރުސްލާން އޭނައަށް މާފެއްނުކުރާނެއެވެ.

ރޯޒް ޗުއްޓީގައި އައިސް އިނީ އޭނަގެ މަންމަ ސްކޮޓްލޭންޑްގައި ހުންނަ ގޭގެ ބަގީޗާތެރޭގައެވެ. ބަގީޗާތެރޭގައި ހުރި ހިލަގޮނޑީގެ ދެފަރާތުގައި ރީތި ޑިޒައިނަކަށް ހުރި ދަނގަނޑު ގޮޑިއެއްގައި އިށީދެލައިގެން އިންއިރު މޭޒުމަތީގައި ހުރި ވާސްއެއްގައި ފިޔާތޮށްޓާއި ނޫ އަދި ރީދޫމާބޮނޑިއެއް ޖަހާފައިހުރުމުން ނިކަން ހިތްގައިމެވެ. ފެހިކަން ގަދަ ވިނަގަނޑުން މުޅި ހިސާބު ފެންނަނީ އެހާ ހުވަފެނީކޮށެވެ. ހުދުކުލައިގެ ފާރުތަކުން ދިއްލިފައިވާ އެގޭގެ ޕޯޓިކޯއާއި ފާރުކައިރީގައި ހުރި ވަށިތަކުގައިވެސް ތަފާތު ވައްތަރުގެ މާގަސްތައް ފަރިވެ ފޮޅިފައިވެއެވެ. ކަޕުޗިނޯތަށި ފިނިވަމުން ދިޔަނަމަވެސް އޭނަ އެންމެ އެތިފޮދެއްވެސް ބޯލާކަށް ނޫޅުނެވެ.

"ރޯޒް ކިހިނެއްވެފައި ތިއިނީ؟"

"ނަތިން....."ރޯޒް ބޯ ހޫރުވައިލިއެވެ.

"ކަމެއް ނުވާނަމަ ބުދެއްހެން ނީންނާނެ.....ކޮންމެވެސް ކަމަކާއި ހިތާމަކުރާކަން އެނގޭ. އޮމަރުފަދަ ރީތި ޒުވާނަކާއި ކައިވެނިކުރަން އެއްބަސްނުވާނީވެސް ކާކު؟ރޯޒް އެކުއްޖާގެ ޕްރޮޕޯސަލްވެސް ރިޖެކްޓްކުރީ...........ދެން މަންމައަށް އެންމެ ރަގަޅު. އޮމަރު ތަންކޮޅެއް އެކްސްޓްރީމް ތިންކިން ދޯ....ރޯޒްވެސް ނިގާބުލައްވާފައި ގޭގައި ބައިންދާނީ...އެވާހަކަ ބާއްވަމާ. މަންމަގެ އެކުވެރި ކާއިނާތު ދައުވަތުދީފައި އެބައޮތް. އެގެއަށް ކެއުމަކަށްދާނީ..."

ރޯޒްގެ ޝައުގެއް ނެތްނަމަވެސް އޭނަ އެކަމަށް އެއްބަސްވިއެވެ.

***

ޒުބޭދާއަށް އޭނަގެ ދަރިފުޅު ޒޯޔާ ރައްޓެހިވެގެން އުޅެނީ މަޝްހޫރު ވިޔަފާރިވެރިޔާ ޖަހާންގީރުގެ ދަރިއަކާއިކަން އެނގުމުން އުފަލުން ފޮޅުނެވެ. ޒޯޔާ އޭނަގެ މަންމައާއި އުސައިމީން ބައްދަލުކުރުވަން އެރޭ އެގެއަށް ގެންނަކަން އެނގުމުން އޯޑަރުކޮށްގެން ތަފާތު ބާވަތްބާވަތުގެ ކެއުންތައް ގެނެސް މޭޒުފުރައިލިއެވެ. އުސައިމީންއަށްޓަކާ އެވަރުވެސް ކުޑަކަމުގައި އޭނަދެކުނެވެ. ނަމަވެސް އޭނަގެ ލޮލަށް އުސައިމީން ފެނުމާއި ހަމަޔަށެވެ. އުސައިމީން ފެނުމުން ފާޑަކަށް ބަލަން ހުރެފައި ޒުބޭދާ ކޮޓަރިއަށް ވަނީ އިޝާ ނަމާދުކުރުމުގެ ބަހަނާގައެވެ. މަންމަގެ އިންތިޒާރުގައި ތިބެފައި އެންމެފަހުން ޒޯޔާއާއި އުސައިމީން ކާންފެށިއެވެ.

"މަންމަ ނަމާދަށް ވަދެއްޖެއްޔާ ވަަރަށް ލަސްވާނެ. ޑިނާރ ރެޑީކުރަން ހަދައިގެން މަންމައަށް ނަމާދު ވަގުތުން ނުކުރެވުނީ..."މަންމަގެ އަމަލުހުރިގޮތުން ލަދުން ހުރި ޒޯޔާ އުސައިމީން އޮޅުވައިލަންވެގެން ވާހަކައެއް ހަދައިލިއެވެ.

އުސައިމީން ދިޔުމާއެކު ޒޯޔާ ރުޅިއައިސް ރަތްވެފައި އޭނަގެ މަންމައާއި ކުރިމަތިލިއެވެ."މަންމާ ދެން ކިހިނެއް އެހެދީ؟ ލަދުން ހަލާކުވެއްޖެ. މަންމަ އެހާވަރުން ކިޔައިގެން އުސައިމީން ގެނައިމަ މަންމަ ކޮޓަރިއަށްވަންގޮތަށް ތަޅުލައިގެން..."

"ޒޯޔާ...އުސައިމީންއަކީ ޖަހާންގީރުގެ ދަރިއެއްނޫން.."

"މަންމަ ކީއްވެ ތިހެން ބުނީ؟"

"ވަރަށް ގިނަ މީހުން ގަބޫލުކުރާގޮތުން ތިކުއްޖާއަކީ ޖަހާންގީރުގެ ލޯކުޑައެކުވެރިޔާގެ ދަރިއެއް...އެހެންވީމަ އެ ދަރިއަށް ޖަހާންގީރުގެ މުދާ ވާރުތައެއް ނުކުރެވޭނެ. ތި ގުޅުން ކަނޑައިލާ ޒޯޔާ....."

"އަޅެ، ސީރިޔަސްކޮށްތަ މަންމާ."ޒޯޔާގެ މޫނު ބަނަވެގެން ދިޔައެވެ. "ސްކައިކާސަލް"ގެ ރަނިކަން ކުރަން ދެކުނުހާ ހުވަފެންތަކުން ހޭލެވި ހަމަބިމަށް އާދެވުނުއިރު އޭނައަށް މިހުރެވުނީ އަމިއްލަ ނިކަމެތި އެޕާޓްމެންޓްގައެވެ.

"އާނ.ނަހަލާލު ދަރިއަކާއި އިނީމަ އަވަށްޓެރިންވެސް މަލާމާތްކުރާނެ. އެހެންނޫނަސް ކޮބާ ބޭނުމަކީ؟ މުދާގަނޑެއްވެސް ލިބޭނީއެއްނޫން....ޒޯޔާ އަދި އެހެން ކަމަކާއި އުޅުނިއްޔާ ރަގަޅުވާނީ. މީހުން މަދެއްނުވާނެ..."ޒުބޭދާ ފިހެފައިވާ ކުކުޅުފަޔެއް ތަށްޓަކަށް ލައިގެން އިނދެ ފަރާޓާއާއިއެކު ކާންފެށިއެވެ.

ޒޯޔާ މޭޒުގައި ބޯ އަޅައިލިއެވެ.

"އެހާވަރުން އުސައިމީން ފަހަތުގައި އުޅެގެން އާދޭސްކޮށްގެން ކާމިޔާބުކުރެވުނު މީހާ މިވީ ލޫޒާއަކަށް. ސީތު ބުންޏޭ އެގޭ އެހެންކުދިންނާއި ތަފާތޭ. ވަރަށް ހަމްބްލް ޑައުންޓު އާތު...ވަރަށް ސިމްޕަލްކޮށް އުޅެނީ..އެހާ ބަސްމަދު..އެގޭ އެހެން އެންމެން ސްކައިއެއާގެ ކެޕްޓަނުންކަމުގައިވާއިރު އުސައިމީން ސެލްފްކޮންފިޑެންސެއްވެސް ނުހުރޭ...އެއީ ދޯ އެވީގޮތަކީ؟އޭނަގެ ބައްޕައަކީ ކޮރެއާމީހެއްކަން ނޭގޭ...މަންމަ ބުނިގޮތަށް ލޯކުޑަ ގައުމެއެއްގެ ޖީން....އެހާ ފަންފަން އިސްތަށިކޮޅެއް. އޮމާން އިސްތަށިނުފަޅާ މޫނެއް.." ޒޯޔާ ތެދުވެ އިނގިލިން ގުނަމުން ދިޔައެވެ." މޮނޮލިޑް އައިސް.....ފަތާ ނޭފަތެއް..."

"ޒޯޔާގެ ދޮންބެގެ ކައިވެނި ކޮންދުވަހަކުންތޯ އަހާބަލަ. އެކައިވެނިކުރެވުނަސް މަންމަމެންނާއި އެ ޝާހީ އާއިލާ ގުޅިދާނެ...

"ރަޖްވާއަކީ އުސައިމީންގެ ކޮއްކޮއެއް..."

"ހޫމް. ރަޖްވާއަކީ ޖަހާންގީރުގެ ދަރިއެއް..އެހެންވީމަ އެ ތަފާތު އަންނާނެ. ޖަހާންގީރަކީ ޝާހީ ޚާންދާނަށް ނިސްބަތްވާ ބޭކަލެއް..."

"އެކަހަލަ ބޮޑެތި އާއިލާތަކުގައި އަބަދުވެސް ސިއްރުތައް އުފަންވަނީކަން ނޭގޭ. އެކަހަލަ ފިލްމެއްވެސް ބެލިން. ބައިވަރު ޓްވިސްޓްތައް އޭގައި ގެނެސްދީފައިހުރި. ސްކައިކާސަލް ހާ ސިއްރުތައްގިނަ..."ޒޯޔާގެ ހިތުގައި އެގޭގައި ދިރިއުޅުމުގެ ޝައުގު ބޮޑުވިއެވެ. އުސައިމީންއަށް ޖަހާންގީރުގެ މުދާތައް ވާރުތަނުވިޔަސް އޭނަވެސް ދިރިއުޅެނީ އެގަނޑުވަރުގައި ނިއުމަތުގައެވެ.

ޒޯޔާގެ ޚިޔާލު ދެފަރާތަށް ކިރެމުން ދާން ފެށިއެވެ.

***

ރަޖްވާ ސަފާޔާގެ ކޮޓަރިއަށް ވަނެވެ. އޭރުވެސް އެކުއްޖާގެ ދެލޯ ދުޅަވެގެންގޮސް ރަތްއަރާފައެވެ."ސްޓިލް އޯކޭ އެއްނޫންތަ ސަފާ؟"

"އާނ އޯކޭވާނީ ކިހިނެއް؟ އައި ތިންކް ސައިކޭޓްރިސްޓެއްގެ ހެލްޕްބޭނުންހެން............."

"ޑިޕްރެޝަނުން އަރައިގަންނަން ތެރަޕީ އާއި މެޑިޓޭޝަން ބޭނުންވާހާކަ ސައިކޮލޮޖިސްޓުން ބުނޭ. މުސްލިމުންވެއްޖެއްޔާ ގިނައިން ނަމާދުކުރުމާއި ޒިކުރުކުރުން އަދި ގުރުއާން ކިޔަވަން ޖެހެނީ. ﷲތައާލާއާއި އޮތް ގުޅުން ވަރުގަދަ ކުރަން ޖެހެނީ......."ރަޖްވާ ވިސްނާދިނެވެ.

"ތެންކިއު ރަޖްވާ. މިވަރަށް ކެއާކުރާނެ ސަޕޯޓްދޭން އެހެން އެކުވެރިއަކު ނުލިބޭނެ..ރަޖްވާ ނެތްނަމަ ފުރާނަވެސް ދިޔައީސްކަން ނޭގޭ.ވަރަށް ހާޓްވެއްޖެ އޭނަ ހެދިގޮތުން...ދެން ދުވަހަކުވެސް މާފެއްނުދޭނަން..މިހިސާބުން އޭނަ މަތިން ހަދާން ނައްތާލާފައި ކެރިއާއަށް އިސްކަން ދޭނީ............."ސަފާޔާ ތެދުވެ ޓިޝޫއަކުން މޫނުމަތި ފޮހެލަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިއެވެ.

***

ރަޖްވާ އާއި ރުސްލާން ކޮފީބޯން ތިބިއިރު ދެކެވެމުން ދިޔައީ އުސައިމީންގެ ވާހަކައެވެ. "ސީރިޔަސްކޮށް އައި ފީލް އެންމެންވެސް އުސައިމީންއާއިމެދު އެހެން ގޮތަކަށް ދެކޭހެން...................."

"ތިއީ ޖީޖީއަށް ކުރެވޭ ކުށްހީއެއް. އުސައިމީން އަމިއްލައަށް ދުރުން އުޅެނީ. ޕްލަސް އޭނަގެ ކެއާލެސްކަމުން ނޫނީ ގަސްތުގައިވިޔަސް ވަރަށް ގިނަ މިސްޓޭކް ހަދާ. އެއީ އޭވިއޭޝަންދާއިރާއަށް ބަލަންޏާ އެންމެ މުހިއްމު އެއްވަޒީފާ. އުސައިމީން ކަންތައްކުރާގޮތުން ބޮޑެތި އެކްސިޑެންޓްތަކުން ސަލާމަތްވަނީ ހަމަ ކިރިޔާ.."

"މޭ ބީ ހީޒް ޑިޕްރެސްޑް އޯ ސަމްތިން...އެއީ ތެދެއްތަ؟ އުސައިމީންއަކީ ބައްޕަގެ ދަރިއެއް ނޫނޭ އެކިޔަނީ؟"

ރުސްލާން ކުއްލިއަކަށް ސިހިފައި ފާޑަކަށް ރަޖްވާގެ މޫނަށް ބަލަންފެށިއެވެ."ޔަގީންކަމެއްނެތް ވާހަކައެއް ކޮއްކޮވެސް ތިފެށީ؟"

"އާންޓްއެއްވެސް އެހެން ކި.. އެހެންވެ ނޫންހެއްޔޭ ކުދިންގެ ބައްޕަ ދޫކޮށްލާފައި އެންމެފަހުން އުސައިމީންގެ ބައްޕައޭ ކިޔާ މިހާ ގާތަށް ދިޔައީ..."

"ނޮންސެންސް....."ރުސްލާން ބުމަކައިރިކޮށްލިއެވެ."ބައިދަވޭ...ޒިޔާމްއާއި ކޮއްކޮގެ ރިލޭޝަން ކިހިނެއްވަނީ؟"

"އެ ޖާރިދް ތްރެޓްކުރަން ފަށައިފި. ވަރިވެސްނުކުރާނަމޯ.."

"އެހެން ބުންޏަސް އޭނައަކަށް ދެން މިފެމިލީއަކަށް ނުވަދެވޭނެ..އެއީ މާފިއާތަކާއި ގުޅުން އޮންނަ ގޭންސްޓާރއެއް..ކޮންމެގޮތެއް ހަދާފައިވެސް ކޯޓުން ވަރި ނަގައިގެން ޒިއާމްއައި އަވަހަށް މެރީކުރީމަ އެންމެ ރަގަޅުވާނީ. ޒިއާމްއަކީ ހަމަ ބެސްޓް..."

ކޮންމެވަގުތެއްގައި ރުސްލާންގެ ދުލުން ޒިޔާމްއަށް ތައުރީފުގެ ލަފުޒެއް ނޫނީ ނީވޭނެއެވެ.

***

ރަޖްވާއާއި ސަފާޔާ އެއާޕޯޓަށް ވަންއިރު ޓޫރިސްޓުން ގިނަކަމުން ތަން އޮތީ ފުރާލާފައެވެ. އެންމެންގެތެރެއިންވެސް ރަޖްވާގެ ލޮލުގައި އަޅައިގަތީ އެންމެ މޫނެކެވެ. ސަފާޔާއަށްވެސް ބަލަން ހުރެވުނީ އެދިމާލަށެވެ. އެންމެންގެ ތެރެއިންވެސް ފާހަގަވާފަދަ ރީތި ފިރިހެނަކަށްވީމަ އެހެން ލޯތައްވެސް ހުއްޓުނެވެ.

ނުނިމޭ

ކޮމެންޓް 0