"އަހަރެންގެ ހިތުގައިވާ އެންމެ ލަކުނެއްވެސް ދުޝްމިނުންގެ ފަރާތުން އައިސްފައެއް ނުވެއެވެ. މުޅިންވެސް އަހަރެންދެކެ ލޯބިވިކަމަށް ބުނާ މީހުންގެ ފަރާތުން ލިބުނު ޒަޚަމްތަކެވެ."
***
ރަޖްވާ ލޯމަތިން ގެއްލުމާއެކު ސަފާޔާ އެއްމިނިޓްތެރޭ ނަމާދުކޮށްލީ އެއްވެސް ޚުޝޫއަތްތެރިކަމެއްނެތި ކުރަން ޖެހިގެން ކުރާކަމެއްގެ ގޮތުގައެވެ. ނަމާދުނުކުރަންޏާ ލިޔުންތެރިއެއްގެ ގޮތުގައި އޭނައަށް ކާމިޔާބުނުވެދާނެކަމަށް ގަބޫލުކުރެވެނީއެވެ. ސަފާޔާއަށް ހަގީގަތުގައި އެހެދޭ ގޯސްތައް ރޭކާނުލަނީއެވެ. ނޫނީ އަދި ތެދުމަގު ނުފެންނަނީއެވެ. އަޅުކަން ކުރަނީ އެހެންމީހުން ލައްވާ ރަގަޅޭ ބުނުވަން ނޫނީ އެހެން މީހުންނަށް ދައްކާކަށް ނޫނެވެ. ރަޖްވާ ފެންނައިރަށް އޭނަގެ ނަމާދު ވީހާވެސް ލަސްވެ ރީއްޗަށްކުރެއެވެ. މީހަކުނެތިއްޔާ ތެޅިމަރުވެގެން ކޮށްލަނީ އެހެން ކަންތައްތައް ނުވެދާނެތީއެވެ. ބަލަން ހުންނަ ފިލްމުތަކާއި ވީޑިއޯތައް އެހާ ގިނައެވެ. ކިޔަން ހުންނަ ވާހަކަތަކާއި އަދި ލިޔަންވެސް އެތައް ވަގުތެއް ބޭނުންވެއެވެ. ވަގުތުގެ ވެރިފަރާތަކީ ކޮބައިކަން ވިސްނޭނަމަ ސަފާޔާވެސް އެހެން ނޫޅުނީހެވެ.
ނަމާދުކޮށް ނިމުމަށްފަހު ދެކުދިން ބެލްކަނީގައި އިށީދެލައިގެން ތިއްބެވެ.
"ސަފާޔާ. ވާހަކައެއް ބުނަންތަ؟"
"ޔެސް..."
"އަހަރެންގެ ޕާސްޓްއާއި ބެހޭގޮތުން އަދި ސަފާއަކަށް އެހާ ގިނަ ކަންތައްތަކެއް ނޭގޭނެ. މިސާލަކަށް މިވާހަކަ އެނގުނީމަވެސް ޝޮކެއްކަން ނޭގޭ ލިބޭނީ. އަހަރެން އަސްލު ސިންގަލްއެއްނޫން...މެރީޑް. އައި ވޯޒް އެ ޕައިލެޓް ޓޫ............"
"ވަޓް؟ ރަޖްވާވެސް ޕައިލެޓެއް؟..ވާއު.. ހަމަ ފެސިނޭޓިން. ބުނާނެ އެއްޗެއްވެސް ނޭގިފައި މިއިނީ.... ދެން ކޮބާ ހަޒްބެންޑް؟" ސަފާޔާ ޝައުގުވެރިވިއެވެ.
"ޖަލުގައި....."ރަޖްވާ ކޮފީތަށިން އެތިފޮދެއް ބޯލިއެވެ.
"ކީއްވެ؟ ތިހާ ރަގަޅުކުއްޖެއްގެ ފިރިމީހާ...."
"އޭރު ނޫސްތަކުގެ ބްރޭކިން ނިއުސްގައި އަބަދުހެން އެވާހަކަ ހުރިކަމުގައިވަނީ.. ސަފާއަށް އެ ޚަބަރު ނޭގުނުދޯ....އޭނަ އަހަރެމެން ދަތުރުކުރި ފްލައިޓްގައި ބޮމެއް ހަރުކޮށްގެން ގޮއްވައިލީ..........." ރަޖްވާއަށް މޭގައި ފިރުމައިލެވުނެވެ. ފިނިވެފައިވާ ދެއަތްތިލަ އުނގުޅައިލެވުނެވެ.
"އޯ މައި ގޯޑް....ހާދަ ނުލަފާ މީހެކޭ. ޓެރަރިސްޓެއްނު.."
"އޭނަ އެކަމަށް އެއްބަސްވެގެން އުމުރު ދުވަހުގެ ހުކުމެއް އައިސް ޖަލަށް ލީ އެކަމަކު މިހާރު އަލުން އެކޭސް ހުޅުވައިފި. ކީއްވެކަމެއް ނޭގޭ....ހިތަށް އަރަނީ މިހާރު އެހެން ދިރިއުޅުމެއް ހޯދަން ނިންމާ ކޯޓަށްގޮސް ވަރިވާން އުޅެނިކޮށް އޭނަ ސަލާމަތްވާން އުޅެނީބާވައޭ. ފްލައިޓެއްގައި ބޮން ހަރުކޮށް ގޮއްވައިލުމަކީ ކިހާ ރަހުމްކުޑަ އަމަލެއް. އެދުވަހު..............ޖެނުއަރީ ފަސްޓްގައި.........ވަރަށް ބޯކޮށް ސްނޯވެހެމުން ދިޔައީ. ނޯމަލް ފެމިލީއެއްހެން އަހަރެމެންގެ ފެމިލީވެސް އެއާޕޯޓުގައި ތިބީ...ދޮންބެ އަރްސަމް.....ގެ ވައިފް ޕްރެގް އަދި ދެއަހަރުގެ ދަރިފުޅުވެސް....އަލްރިކް....އެއީ ދޮންބެގެ ޓްވިން ބްރަދަރ....ފްލައިޓްގެ ފަސްޓް އޮފިސަރެއް..........." ރަޖްވާގެ ލޮލުން ކަރުނަ ތިކިތައް ވިދަންފެށިއެވެ." އެވްރީވަން ޑައިޑް ސަފާ......ސަލާމަތްވީ އަހަރެން އެކަނި.."
ރަޖްވާއަށް އިތުރަށް ވާހަކަ ކުރިއަކަށް ނުގެންދެވުނެވެ.
ސަފާޔާ ކުރިއަށް ޖެހިލާފައި މަޑުމަޑުން ރަޖްވާ ގެނެސް ގައިގާ ޖައްސައިލުމުން ސަފާޔާގެ ކޮނޑުގައި މޫނު ޖައްސައިލެވުނުގޮތަށް އިރުކޮޅެއްވާންދެން ރަޖްވާ ހިމޭންކަމާއެކު ކަރުނަ އޮއްސަމުން ދިޔައެވެ.
ސަފާޔާއާއި އެވާހަކަ ހިއްސާކުރެވުމުން ދެކުދިންގެ އޮތް އެކުވެރިކަމުގެ ގުޅުން އެއް ފިޔަވަޅުކުރިއަށް އެޅުނެވެ. އެއީ ތެރަޕިސްޓްގެ ގާތުގައި ނޫނީ ރަޖްވާ އަދި މިވީހާތަނަށް ދައްކާފައިވާ ވާހަކައެއް ނޫނެވެ. އޭނަގެ މާޒީގެ އެ އަނދިރި ބާބު ހުޅުވައިލެވުމުން ކޮންމެވެސް ވަރަަކަށް ޔަގީނުންވެސް ހިތަށް ލުޔެއްލިބުނެވެ.
***
ރަޖްވާ ޒިޔާމް އެގެއަށް އަންނަން ދައުވަތުދިނީ އެގެއަށް އައުމުން އޭނަގެ ސިއްރުތައް ކިޔާދިނުމަށެވެ. ސަފާޔާ ގާތުވެސް ވާން އުޅޭ ފިރިމީހާއަށް ކެއުމަކަށް ދައުވަތުދީފައިވާނެ ކަމަށާއި މިރޭ ސަފާޔާއާއިއެކު ކާން ނާދެވޭނެކަމުގައި ބުނެފައި ކޮޓަރިއަށް ދާން މިސްރާބުޖެހިއިރު އޭނަ ހުރީ ނިކަން އުފަލުންނެވެ. ކޮޓަރިއަށް ވަނުމާއެކު ލިބުނު ޚަބަރަކުން ރަޖްވާގެ މުޅި ހަށިގަނޑަށް ފިނިވެގެން ދިޔައެވެ. ޖާރިދް ޖަލުގެ ހުކުމުން ސަލާމަތްވީއެވެ. އަދިވެސް ގާނޫނީގޮތުން ރަޖްވާ އަކީ މީހެއްގެ އަންބަކަށްވާހިދު އޭނަ ސަލާމަތްވުމުން އެހާ ފަސޭހައިން މި ކައިވެނިކުރެވިދާނެއޭ ހިތަށް އަރާ މާޔޫސްވިއެވެ. މިއީ އެކަމަކު އިސްތިޚާރާގެ ޖަވާބު "ނެގެޓިވް"ކޮށް އައުންބާވައޭ އަމިއްލަ ޟަމީރާއި ސުވާލުކުރެވުނެވެ. ޖާރިދްއަކީ އޭނަގެ ފުރާނައިގެ ދުޝްމިނެކެވެ. ވީއިރު ޖާރިދްގެ ފަރާތުން ސަލާމަތްވެ ވީހާވެސް އަވަހަށް ޒިޔާމްއާއި ކައިވެނިކުރަންވީބާވައެވެ.
"ޒިޔާމް ގާތު އަންނަން ބުނެފައި އަހަރެން ނުދިޔައްޔާ ކިހާ ދެރަކަމެއް..... އެކަމަކު ބައްޕަމެން ތިބޭނެއްނު. ޒިޔާމް ހަގީގަތުގައި ބޭނުންވަނީ ފެމިލީއާއި ބައްދަލުކުރަން. މިވީގޮތުން ތިރިއަށް ދާނެ ހިތްވަރެއް ނުލިބޭނެ.........." ރަޖްވާގެ ޟަމީރުވެސް ދެކޮޅަށް ކިރެމުން ދިޔައެވެ.
"ސުބުހާނަﷲ.. ކިހިނެއް ހަދާނީ؟" ރަޖްވާއަށް އެނދަށް ވެއްޓިގަނެވުނެވެ.
***
ސްކައިކާސަލް އިން ދައުވަތު ލިބުމުން ޒިޔާމް އޭނަގެ އެކުވެރި ދާއިމް އަތުން ސޫޓެއް އަތުލިއެވެ. ނޫކުލައިގެ އެ ސޫޓުގައި އޭނަ ފެންނަލެއް ސްމާޓެވެ. އަތުކުރީގައި އޮތް އެޕްލްގަޑިއަކީވެސް ހަގީގަތުގައި އޭނަގެ މުއްސަދިކަމާއި ނުބައްދަލުއެއްޗެކެވެ. ނަމަވެސް އަންހެންކުއްޖަކާއި ބައްދަލުކުރަންދާއިރު އޭނަގެ އަގުވެސް ހިފަހައްޓަންޖެހޭނެއެވެ. އެކުއްޖާއާއި ކައިވެނިކުރަނީ މުއްސަދިކަމުގެ ބޭނުމުގައި ކަމަށް ހީކުރެވިގެން ނުވާނެއެވެ. އެޕާޓްމެންޓަކީވެސް ކުއްޔަށް ހިފައިގެން ހުރިތަނެއްކަމުގައި އޭނަ އެއްވެސް މީހަކަށް ނާންގައެވެ. އަމިއްލަ ތަނެއްކަމުގައި ދައްކަން އޭނަ އަބަދުވެސް މަސައްކަތްކުރެއެވެ. ސްކައިކާސަލްގެ ގޯތިތެރެ ބޮޑުކަމުން އާޝޯޚުވެފައި ހުއްޓާ ދޮރު ހުޅުވައިލެވުމުން ހަމަ ގަނޑުވަރަކަށް ވަދެވުނުފަދައެވެ. ވައިއަދި އިރުގެ އަލި ވަންނަހެން ފުޅާދޮރުތަކާއި ކުޑަދޮރުތައް ލާފައިވާއިރު ތަނަވަސްކަމުން ވަކިން ފުރިހަމައެވެ. އޭނަގެ ޖެހިލުންކުޑަކަމާއި ހިތްވަރުގަދަ ގުޑުވާލީ އިސްތިގުބާލުގައި ހުރި ވަރުގަދަ ޝަޚުސިއްޔަތުގެ ވެރިޔާ ޖަހާންގީރުއާއި ހަމަ އެވަރުގެ ފިރިހެންދަރިންތައް ފެނިފައެވެ. ޒިޔާމްގެ ނޭވާ އެތެރެހަށީގައި ތާށިވެ މޫނުވެސް ރަތްވި ވަގުތުކޮޅެކެވެ. ތެދަށް ބުނަންޏާ އުމުރުގައި ދިމާވި އެންމެ ލަދުގަތް ހިނދުކޮޅެވެ.
ކުޝަންތައް ޖެހި ސޯފާގެ އަރާމުކަމުގެ ތެރެއަށް ގެނބިގަތްހިދު ހުރިހާ ސަމާލުކަމެއް ވީ އޭނައަށް ހުއްޓިފައެވެ. ފުރަތަމަ އެންމެންގެ ތައާރަފަކަށްފަހު ރުސްލާން އޭނައާއިއެކީ ދަތުރުކުރުމުގެ ނަސީބު ލިބުނުކަމަށް ބުނެލިއެވެ.
"ފަސްޓް އޮފިސަރަކަށް ހުންނަނީ؟"
"ލައްބަ. ތިބޭފުޅުންގެ އިހުސާންތެރިކަން...ފުރަތަމަ ކެބިންކްރޫއަކަށް ހުރެފައި ދެން ސްކޮލަޝިޕް ލިބިގެން ކިޔަވަން ދެވުނީ..."
"ރަޖްވާއާއި ދިމާވީ ކިހިނެއް؟ ރަޖްވާ ރޭގައި އެވާހަކަދެއްކީ. ހަޔާތުގެ ބައިވެރިޔެއް ޚިޔާރުކޮށް މިހިސާބަށް އައިއިރުވެސް އެނގުމެއްނުވި..."
ޒިޔާމް ފިނިވާގޮތްވިއެވެ.
"ފޭސްބުކްއިން ފެނުނީ ނިގާބު އަޅާފައި ހުރި ޕްރޮފައިލްއެއް. މިދެންނެވީ ނިގާބުއަޅާފައި ހުރި ކާޓޫނުކުއްޖެއްގެ ތަސްވީރު. އެހެންވެ ބަލައިލިއިރު ދީނީ ސްޓޭޓަސްތަކާއި ވީޑިއޯތައް ޝެއާކޮށްފައި ހުރީމަ އަޅުގަނޑުހިތަށް އެރީ މިފަދަ ކުއްޖެކޭ ބޭނުންވަނީ. އޭވިއޭޝަން އިންޑަސްޓްރީއަށް ވަދެ ޓްރޭނިންތަކަށް ދިޔައިރު ކެބިންކްރޫއިން ފެނުނީމަ ހިތަށް އަރަނީ މޮޑެލް ދުނިޔެއަކަށޭ ދެވުނީ. އެކަމަކު އަޅުގަނޑުގެ މަންމަ އިސްލާމީ ތަރުބިއްޔަތެއް ދީފައި ހުރުމުން ހަޔާތުގެ ބައިވެރިޔަކަށް ރަގަޅު އަންހެންކުއްޖެއް ބޭނުންވީ....."ޒިޔާމް ފިނިވެފައިވާ ދެއަތްތިލަ އުނގުޅައިލިއެވެ.
"ޕްލޭން ކްރޭޝްއެއްގައި ރަޖްވާ ވަަރަށް ގިނަދުވަހު ކޯމާގައި އޮވެ އަދި ހަށިގަނޑުގެ ވަރަށް ބޮޑު ޕަސެންޓެއް ފިހި ސޫރައަށް ކޮންމެވެސް ކަހަލަ ތަފާތެއް އައި ވާހަކަ ބުނިތަ؟" އިމްކާން އެހިއެވެ.
"ފަހުން އެނގުނީ.."
"ކީއްވެ މައިންޑް ޗޭންޖްނުވީ؟"
"އެންމެ ކުރިންވެސް އަޅުގަނޑު ދެންނެވީ އެވާހަކަ. ހަޔާތުގެ ބައިވެރިޔަކަށް ބޭނުންވީ ހަމަ ބިއުޓިފުލް ސޯލްއެއް. ބޭރުފުށުގެ ރީތި އަންހެންކުދިން ބޭނުންވަރަކަށް ލިބިދާނެ. އެކަމަކު އަޅުގަނޑު ބެލީ ދީންވެރި އަޚުލާގު ރަގަޅު ކުއްޖެއް ފެނޭތޯ....."ޒިޔާމް ހަމަޖެހެން މަސައްކަތްކުރިއެވެ. ހަގީގަތަކީ އޭނަގެ ނިޔަތް ނުބައިކަމެވެ. އޭނަ ރަޖްވާއާއި ކައިވެނިކުރަނީ މުދާގަނޑުގެ ބޭނުމުގައެވެ. އޭނަ މިލިއަނަރަކަށްވުމުން ފަހަތުގައި އަންހެންކުދިންގެ ކިޔޫއެއް އޮންނާނެކަމުގެ ޔަގީންކަންވެސް އޮތީމައެވެ. އެހާ ހުތުރު އަންހެންކުއްޖަކާއިހެދި އުޅޭނީ ކާކުހެއްޔެވެ؟
"ވާއު....."ޖޫދު އިނީ ހަމަ ހަގީގަތުގައިވެސް ޒިޔާމްގެ ހިތުގެ ސާފުކަމަށް ހިތް ދީގެންނެވެ. ރަޖްވާގެ ހަޔާތުގެ ބައިވެރިޔާއަކަށްވާން އުޅެނީ މާތް ޒުވާނެކެވެ.
"ކިހާވަރަކަށް ގުރުއާން ކިޔަވަންތަ؟ ގަވާއިދުން ނަމާދުކުރަން؟ ދަރުސްތަކަށްގޮސް އިސްލާމިކް ލެކްޗާސް އަޑުއަހަން؟ ފިއުޗާގައި އުމްރާ އަދި ހައްޖަށްދާން ޕްލޭން ކުރަނީ ކިހިނެއް؟ ޕްރޮފެޓްގެ ސުންނަތް ފޮލޯކުރަން ކިހާ ވަރަކަށް މަސައްކަތްކުރަންތަ؟" ޖޫދު އެއްފަހަރާ ކުރި ސުވާލުތަކަށް ޖަވާބުދޭން ޒިޔާމްއަށް އުދަގޫވިއެވެ. އެންމެ ކަންބޮޑުވީ ކޮންމެ ދުވަހަކު ހެނދުނު އެންމެ އިސްކަމެއްދީގެން ތުނބުޅިބާލާ ކޮށާ މަށާ ހަދާވަރު ހިތަށް އަރާފައެވެ. ތުނބުޅިބެހެއްޓުމަކީ ރަސޫލު ސުންނަތަކަށްވެފައި ފިރިހެންފާޑުވެސް އިތުރުކުރުވާކަމަށް އެންމެން ކިޔާ އުޅެއެވެ. ނަމަވެސް އޭނަގެ ލޯބިވެރިން ބުނާގޮތުން ތުނބުޅިން އޭނަގެ ރީތި މޫނު ފޮރުވިދާނެއެވެ. ސަފާޔާއަށްވެސް އޭނަކަމުދަނީ މިގޮތަށް ހުރީމައެވެ.
ޒިޔާމްގެ ޖަވާބު އައީ އެންމެން އުއްމީދުކުރިފަދައިންނެވެ.
"ޒިޔާމް އަދި ދުވަހަކުވެސް ކައިވެންޏެއް ނުކުރަން ދޯ..."
"ލައްބަ..."
"ރަޖްވާއަކީ މީހެއްގެ އަންބެކޭ ބުނިތަ؟" ޖަހާންގީރުގެ އެ ޖުމްލައިން ޒިޔާމް ސިހޭގޮތްވިއެވެ. ޖަހާންގީރުގެ މޫނަށް ބަލައިލެވުނީ ސަމާސާއެއްކޮށްލަނީކަމަށް ހީކޮށެވެ. ނަމަވެސް އެމޫނުމަތިން ފެންނަ ސީރިޔަސްކަމުން ޒިޔާމްއަށް އެއީ ހަގީގަތެއްކަން އެނގުނެވެ. ރަޖްވާވެސް އޭނައަށް އޮޅުވައިލާ ކެހިދިނީހެއްޔެވެ؟
"ނޫން...އެކަމަކު..."ޒިޔާމް ހިންދިރުވައިލިއެވެ.
"ޒިޔާމްއަށް އެއީ މައްސަލައެއްތަ؟"
"ނޫން ސަރ.....އަޅުގަނޑުގެ މައްސަލައެއް އޮތީއެއްނޫން.."ޒިޔާމް ކުޑަކޮށް ހީލިއެވެ."ރަޖްވާ ޕާސްޓްގެ ވާހަކަ ދައްކަން ބޭނުމެއްނުވޭ.އަޅުގަނޑުވެސް ބުނިން މާޒީގައި ކޮންމެ ހާދިސާއެއް ހިނގާ ކޮންމެގޮތަކަށް އުޅުނަސް އެކަން އެނގެން ބޭނުމެއްނޫނޭ. އެހެންވެހެން ހީވަނީ........"
"ރަޖްވާގެ ފިރިމީހާގެ ގާތުން ވަރިވާން އުޅެނިކޮށް ފްލައިޓްގެ އެ ހާދިސާއެއް ހިނގީ...ފްލައިޓް ވައްޓާލުމުގައި އޭނަގެ އަތެއްވާކަމަށް ކޯޓުގައި އެއްބަސްވުމުން ޖަލަށް ލީގޮތަށް ދާދި ފަހަކާއި ހަމަޔަށް އޭނަ ޖަލުގައި ހުރީ. ނަމަވެސް މިހާރު މިނިވަންވެއްޖެ. ފުރަތަމަ ރަޖްވާގެ ފިރިމީހާގެ ގާތުން ވަރިވުމުގެ މަރުހަލާ ކުރިއަށް ގެންދާން ޖެހެނީ. އޭގެ ފަހުން ތި ކައިވެންޏާއި ހަމަޔަށްދެވެން އޮތީ....ކައިވެންޏަކީ ވަރަށް ވިސްނުންތެރިކަމާއެކު އަޅަންޖެހޭ ފިޔަވަޅެއް......"ޖަހާންގީރުގެ ނަޒަރު ދުރަށް ހުއްޓުނެވެ.
ޒިޔާމް އެންމެނާއެކު ރޭގަނޑު ކެއުމުގައި ބައިވެރިވިއެވެ. އެތަނުގައި ދިއްލާލާފައިވާ އަރާމު ބައްތިތަކާއި ފަރުނީޗަރުތަކާއި މޭޒު އަދި ބިތްތަކުގައި ކުރެހުން އަޅާފައިވާގޮތާއި ސީލިންއިންވެސް ހާމަކޮށްދެނީ މުއްސަދިކަމެވެ. އޭނަގެ ހިތް ހާސްފަހަރު ތައުރީފުކުރިއެވެ. އޭނަގެ ހުވަފެނަކީވެސް މިފަދަ ބޮޑު ގެއެއް ލިބުމެވެ.
"އިރާދަކުރެއްވިއްޔާ ހުރިހާ ނިއުމަތެއް ދެއްވާނެ..."
ޒިޔާމްއަށް އެގޭގެ އެންމެންގެ ޝަޚުސިއްޔަތާއި އަޚުލާގު އަދި އުޅުން ހުރިގޮތުން އަސަރުކުރިއެވެ. ބައްޕައަށް އިންތިހާއަށް ކިޔަމަންތެރިވާ އިލްމީ ދަރިންތަކެވެ. ކެޕްްޓަނުންނަށްވިޔަސް ކޮންމެ ޒުވާނަކީވެސް ވިޔަފާރިވެރިއެވެ. ޒުވާން މަހުޖަނުންނެވެ. ޒިޔާމް އެންމެ ހައިރާންވީ އެގެއިން ފެނުނު މޫނަކުންނެވެ. މޫނަށްވުރެ އެ ޖާދުވީ އަޑުގެ ވެރިޔާ އުސައިމީންއަކީ ޖަހާންގީރުގެ ދަރިއެއްކަން އެނގުމުން ހަމަ ޝޮކެއްލިބުނެވެ. އެހެން ކުދިންނަށްވުރެ އިސްކޮޅުން ތަންކޮޅެއްކުރުވެފައި މޮނޮލިޑް ލޮލަކާއިއެކު އެހާ ފަން އިސްތަށިކޮޅެއް އޮތުމުން ކޮރެއާ ހިސާބު ކުއްޖެއްހެން ހީވެއެވެ. އެމަޑުމައިތިރި ސާދާ ޒުވާނާއަކީ ސްކައިއެއާލައިންގެ ވެރިޔާގެ ދަރިއެއްކަން ހީކުރާނީވެސް ކާކުހެއްޔެވެ؟ ގަވާއިދުން ވަޒީފާއަށްގޮސް އެއާ ޓްރެފިކް ކޮންޓްރޯލްކުރުމުގައި މުހިއްމު ރޯލެއް އަދާކުރުމުގެ އިތުރުން ގިނަފަހަރު އުޅޭނީވެސް އޭނަގެ "އާދައިގެ" އެކުވެރިންތަކާއެކު ކޮފީގައެވެ. ޒިޔާމްއާއި ދިމާވާފަހަރުތަކުގައި ޒިޔާމް އެކުދިންނަށްވުރެ މާ ގަދަކޮށްލާފައި އުޅޭއިރުވެސް އުސައިމީން އިންނަނީ މަޑުންނެވެ. އެކަމަކު މިކުއްޖާ ތަފާތީ ކީއްވެހެއްޔެވެ؟ އެހެން ޒުވާނުން ފަދައިން ފުރިހަމަ ރީތިކަމެއް ލިބިފައިނުވާ ސަބަބަކީ ކޮބާހެއްޔެވެ؟ ޒިޔާމްގެ ހިތުގައި ކުށްހީތަކެއްވެސް ހިނގައިގަތެވެ.
އެ އާއިލާއިން އޭނައަށް މެހެމާންދާރީ އަދާކުރިލެއް ފުރިހަމަކަމާއެކު އެގެއިން ނިކުތްއިރުވެސް ރަޖްވާ ފެނުމުގެ ނަސީބެއް ނުލިބުނެވެ.
"ހޭއި ޖީޖީ..ކީއްކުރަނީ؟" ޒިޔާމް ވައިބާކޮށްލިއެވެ.
ރަޖްވާގެ ފޯނު އޮތީ އަދިވެސް ނިވާފައެވެ. ރަޖްވާގާތުން އެބުނާ ފިރިމީހާގެ ވާހަކަ އަހަން އޭނަ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. އޭނަ ރަޖްވާ މަރާލަން އެ ފްލައިޓް ވެއްޓުމަށްފަހު އެހާ ގިނަ އަހަރުތަކަށް ޖަލުގައި އޮތްއިރުވެސް ވަރިނުވެ ރަޖްވާ ހުންނަންވީ ސަބަބަކީ ކޮބާހެއްޔެވެ؟
***
ސަފާޔާ ޒިޔާމްގެ އެޑްރެސް ހޯދައިގެން އެގެއަށް ދިޔައީ ސަޕްރައިޒެއް ދިނުމަށެވެ. ސަފާޔާ އެގޮތަށް އައުމުން ޒިޔާމް ހިތްހަމައެއްނުޖެހުނެވެ. އޭނަ ރަޖްވާއާއި ކައިވެނިކުރަން އުޅޭކަމަށް މަންމައާއި ޒޯޔާގާތު ބުނެފައިވަނިކޮށް ސަފާޔާ އައުމުން ޖެހިދާނެ މައްސަލަތަކާއިމެދުވެސް ހާސްވިއެވެ. މަންމަވެސް ހުރީ ނިކަން އުފަލުންނެވެ. އެހާ މުއްސަދި ޅީދަރިއަކު ލިބުމަކީ ގިނަ މައިދައިތައިންނަށް ލިބޭނެ އުފަލެކެވެ. ޒޯޔާވެސް އުފަލުން ވަރެއް ނެތެވެ. ނަމަވެސް ސަފާޔާ އައުމުން ހައިރާންކަމެއް ލިބުނެވެ.
ޒިޔާމް ސަފާޔާ ގޮވައިގެން ބޭރަށް ނުކުތެވެ.
"ސަފާ....ތިހެން މިގެއަށް އައުމަކީ އެންމެ ރަގަޅުގޮތެއް ނޫނެއްނު. އަހަރެން ބުނީމެއްނު އިހަށް މިކަން ސިއްރުކޮށްދޭށޭ...."
"ޒިޔާ. ކިތައްއަހަރަށް ސިއްރުކޮށްގެން ތިބެވިއްޖެ. މިހާރު ތިބެވޭނެ ތަނެއް ލިބިއްޖެ. ޒިޔާ ތިއުޅެނީ ޖޮބެއްގައި..އަހަރެންވެސް ވަރަށް އަވަހަށް ޓްރޭނިންއަށް ދާނަން އިންޝާﷲ..ހަލާލު ރިލެޝަންޝިޕަކަށްދާން އަހަރެންވެސް ބޭނުމީ...."ސަފާޔާ ބުނެލިއެވެ."ސިއްރު ގުޅުންތައް އެހާ އެކްސެޕްޓަބްލްއެއްނޫން.."
"ސަފާ..އަހަރެން އެބައޮތް ވާހަކައެއް ބުނަން...."
"ބުނެބަލަ..."
"މިވަގުތު ހާލަތު ހުރިގޮތުން އެހެން މީހަކާއި ކައިވެނިކުރަން މިއުޅެނީ........"
"ވަޓް؟"ސަފާޔާގެ ހިތް އޮއްސިގެން ދިޔައެވެ. ލޮލަށް ކަރުނަތިކިތައް ޖަމާވާން ހިނދުކޮޅެއްވެސް ނުނަގައެވެ.
"ކީއްވެ؟"
"ސަބަބަކީ މިއީ އަހަރެންގެ ކެރިއަރަށާއި ފިއުޗާއަށް އެންމެ ރަގަޅުގޮތްކަމަށް ފެންނާތީ. ސޮރީ ސެފް. އަހަންނަށް މާފުކުރާތި...."
ސަފާޔާގެ ޖަވާބަކަށްވީ ޒިޔާމްގެ މޫނަށް އެރި ބާރު އެތިފަހަރެވެ. އެއާއެކު ސަފާޔާ ބާރުބާރަށް ހިނގައިގަތީ ވެހިގަތް ވާރޭގެ ތެރެއަށް ނުކުމެގެންނެވެ. ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފޮރުވުމަށް ވާރޭ އައީ އެންމެ ބޭނުންވި ދަނޑިވަޅުގައެވެ. ފިރިހެނުންނަށް އިތުބާރުކުރަން ހެޔޮވާނީ ކިހިނެއްހެއްޔެވެ؟ ޒިޔާމް އޭނައަށް ދެއްކި އެތައް ހުވަފެންތަކެއް ވީ ބޭކާރުކަމަކަށެވެ.
***
ޒޯޔާއާއި ޒިޔާމް ކުޅި ނޫޑުލްސް ތައްޔާރުކޮށްލައިގެން ގޮސް ސޯފާގައި އިށީދެލިއިރު ބޯކޮށް ވާރޭވެހެމުންދާ އަޑުއިވުނެވެ. ކުޅިކަމުންގޮސް ޒޯޔާ ޗޫސް ދަމަމުން ދިޔައެވެ. ލޮލުންނާއި ނޭފަތުންވެސް ފެންފައިބަނީއެވެ." ދޮންބެ ސީރިޔަސްކޮށް އެކުއްޖާއާއި ރައްޓެހިވީ؟ އަބަދުވެސް ސޮފިސްޓިކޭޓެޑް އެލެގެންޓްކުއްޖަކާއި މިބުނީ ލައިކް ކެބިންކްރޫއަކާއި ރައްޓެހިވާނެކަމަށް ހޯޕްކޮށްގެން ހުރި..ލައިކް ހަމަ ޔަގީންކޮށްގެން...."
"ސަފާޔާއަކީވެސް ރީތިކުއްޖެއް." ޒިޔާމް ނޫޑުލްސް އުލުގައި އޮޅާލައިގެން އަނގަޔަށް ލަމުން ބުނެލިއެވެ.
"ރީތި އެކަމަކު ވަަރަށް ކަޓު ފާޑަކަށް އުޅޭ ނާތަހުޒީބުކުއްޖަކާއި ވައްތަރީ. ޑޯންޓް ގެޓް މީ ރޯންގް.ކަވާކޮށްގެން އުޅުމާއި ދެކޮޅަށް ބުނާ އެއްޗެއްނޫން. އެކަމަކު ދެން އެއްވެސް ވައްޓަފާޅިއެއް ނެތްގޮތަށް ކަޅުބުރުގާ ގަނޑެއް އަޅައިގެން ގޯންޏެއްހެން ހެދުމަކަށް އެރެވިގެން ހުރީމަ ޔަގީނުންވެސް ދޮންބެއަކާއި ނުގުޅޭ. ސްމާޓްކުދިން ގުޅެންވާނީ ސްމާޓްކުދިންނާއި...."ޒޯޔާ ފޮނިގޮތަކަށް ބުނެލިއެވެ.
ޒިޔާމްއެކޭ އެއްފަދައިން ޒޯޔާވެސް ނިކަން ދެއްކުންތެރިއެވެ. ބްރޭންޑެޑް ދަބަސްތައް ކަމަށް ދައްކަން އަގުބޮޑު ބްރޭންޑްތަކުގެ ފޭކް ދަބަސްތަކާއި ހެދުން ބޫޓާއި ގަޑިފަދަ ތަކެތި ބޭނުންކުރެއެވެ. އޭނަވެސް ހެދުން އަޅަނީ ނިވާވާގޮތަށެވެ. ބުރުގާވެސް ނިކަން ސްޓައިލްކޮށް އަޅާފައި ފުރިހަމައަށް މޭކަޕްކޮށްފައި ހުންނައިރު އޭނަ ވައްތަރީ އެމާ ވޮޓްސަން ކަމަށްވެސް ކިޔާއުޅެއެވެ. ހަގީގަތުގައިވެސް ހަމަ ވައްތަރީއެވެ.
"ރަޖްވާ ސްމާޓެއްނޫން.."
"އެކުއްޖާއަކީ ޕައިލެޓެއް. އަލިފާނުގެ ހާދިސާއެއްގައި ފިހިގެން ސޫރައަށް އައި ބަދަލަކީ އަދި އެހެންކަމެއް. އެގާލްގެ ބޭބެ އަލްރިކްވެސް ކިހާ ހެންޑްސަމް. ވީއިރު ރަޖްވާވެސް ހަމަ ވަރަށް ރީތިވާނެކަމާއިމެދު ޝައްކެއްނެތް..ބައެއް ހާލަތްތަކުގައި ހަމައެކަނި ރީތިކަމެއްވެސް ނޫން ބަލަންޖެހޭނީ. ކައިވެނިކުރާއިރު ރީތިކަމާއި ދީންވެރިކަން އެކަންޏެއްނޫން. އޭގެ ތެރޭގައި މުދާވެރިކަން ހިމެނޭ....."
"ޒޯ. ތިހާ ސެލްފިޝްވާކަށް ނުވާނެ."
"އަމިއްލަ އެދުން ބޮޑުވުމެއްނޫން. ދޮންބެއަށް އެންމެ ރަގަޅުގޮތްވާން ބޭނުންވާތީ މިހެން ބުނީ..........."
ޒިޔާމް ހިމޭނުން އިނދެ ނޫޑުލްސްކަމުން ދިޔައިރު ވިސްނަމުން ދިޔައީ ސަފާޔާއާއިމެދުގައެވެ.ހަގީގަތުގައި ސަފާޔާ ދޫކޮށްލާކަށް ހިތެއް ނޭދެއެވެ. ސަފާޔާ ކަޓުކޮށް ހެދުން އެޅިޔަސް އެއީ ހަމަ ވަރަށް ރީތި އަންހެންކުއްޖެކެވެ. އޭނަގެ ހިތް އެންމެ އެދޭ ސިފަތަކުގެ ވެރިޔާއެވެ.ސަފާޔާ ދޫކޮށްލައިފިއްޔާ ފަހުން ހިތާމަކުރަން ޖެހިދާނެއެވެ. ސަފާޔާއަށް ވިސްނައިދޭނީއެވެ. އޭނަ ކޮންމެ ފިޔަވަޅެއް އަޅަނީ އެދެމީހުންގެ މުސްތަގުބަލަށްޓަކާ ކަމުގައި ބުނުމުން ސަފާޔާ އެއްބަސްވާނެއެވެ. އިންތިޒާރުކުރާނެއެވެ.
***
ސަފާޔާ ކޮޓަރީގެ އެނދުމަތީގައި ކުރުގެޅިލައިގެން އޮތްއިރު ވަށައިގެން ހުރީ އަލްބަމްތަކާއި ކާޑުތަކާއި އެކި ހަދިޔާތަކެވެ. ޒިޔާމްގެ ފޮޓޯތަކެވެ.
"ސަފާ. ކިހިނެއްވީ؟"
"ރަޖްވާ. އޭނަ އަހަންނާއި ރުޅިވެއްޖެ...."
ނުނިމޭ