"ކާމިޔާބަކީ މަސައްތަކާއި ނަސީބުގެ އެހީތެރިކަމާއެކު ލިބޭނެ އެއްޗެކެވެ. ހުވަފެންތައް ފުރިހަމަކުރުމަށް މަސައްކަތްކުރާއިރުވެސް ހަނދާން ބަހައްޓަންވާނީ މިއީ ވަގުތީ މަންޒިލެއްކަމާއި ދާއިމީ ގޮވަތްޗަށް ދާން ދަތުރު ހަދަންޖެހޭނެކަމެވެ.
މަތިންދާބޯޓުގެ ފުރޮޅުތައް ރަންވޭއިން ހިއްލައިލުމަށްފަހު އޭގެ ކްރޫޒް ސްޕީޑާއި ހަމަޔަށްވެސް ކެޕްޓަނާއި ޒިޔާމްވެސް ތިބީ ސަމާލުވެގެންނެވެ. އެންމެބޮޑަށް ފަރުވާތެރިވާންޖެހެނީ ނައްޓާލާއިރު އަދި ބޯޓު ޖައްސާވަގުތުގައެވެ. ސްކައިއެއާލައިންގެ އެންމެ ރީތި އެއް ފްލައިޓް އެޓެންޑެންޓެއްކަމަށްވާ ރޯޒް ކޮފީ ހިފައިގެން އައިސް ކޮކްޕިޓަށް ވަނެވެ.
"ކޮފީ........"
"ކޮފީ ގެންނަން ބުނީމަ ގެންނާނީ....ނޫނީ ކޮކްޕިޓަށް ވަނުމުގެ ބޭނުމެއްނެތް. ވީ ނީޑް އެ ސްޓެރައިލް ކޮކްޕިޓެއް....."ރުސްލާންގެ އަވަސް ޖަވާބުން ޒިޔާމް ހައިރާންވިއެވެ. ބޮޑާކަމާއި ކިބުރުވެރިކަން މި އާއިލާގެ އެންމެނަށް ވާރުތަވެ ލޭގައި ހިނގާ ހޯމޯންފަދަ އެއްޗަކީހެއްޔެވެ؟
"ކަޅުކޮފީއެއް ގެނެސްދީފާނަން؟" ޒިޔާމްވެސް ސީރިޔަސްގޮތް ގަނޑުދެއްކިއެވެ. ރަޖްވާ ހާސިލުކުރަން ވެއްޖެއްޔާ އޭނަގެ ނެތް ސިފަތައްވެސް ދައްކަންޖެހޭނެ ނޫންހެއްޔެވެ؟ ރޯޒްއާއި ބެހޭގޮތުން އެނގޭހާ އެއްޗަކީ އެކުއްޖާގެ ހިމޭންކަމާއި ސިއްރުވެރިކަމެވެ. އެކަނިވެރިކަމެވެ. އެހެން އަންހެންކުދިންނާއި ގުޅިގެން އުޅެންވެސް ބޭނުންނުވާފަދައެވެ.
ރޯޒް ކަޅުކޮފީއެއް ގެނެސްދިނުމުން އޭނަ ޝުކުރުއަދާކުރިއެވެ.
"ސަރ. ސްޓެރައިލް ފްލައިޓް ޑެކް ރޫލެއް އޮންނަނީ ދިހަހާސްފޫޓުން ތިރީގައިކަމަށް އަޅުގަނޑު ހީކުރަނީ..."
"އެހެން އޮތަސް އަހަރެން ފްލައިކުރާއިރު ބޭނުންވަނީ އެގޮތް..ކަމުނުދަނީތަ؟"
"ނޫނޭ ސަރ..."
ޒިޔާމް ފޯނުން ގުރުއާން އެޕް ހުޅުވާލައިގެން ކިޔަވަންފެށުމުން ރުސްލާން ޝައުގުވެރިވިއެވެ. ޒިޔާމްފަދަ ސްޓައިލިޝް ޒުވާނެއްގެވެސް ދީނީ ސިފައެއް ފެނުމުން ފިރިހެނަކު ނަމަވެސް ޝައުގުވެރިކުރުވާނެއެވެ. އާއްމުކޮށް ބަސްމަދު ޒުވާނަކަށް ވުމުން އެކަމާއި ބެހޭގޮތުން ސުވާލެއްކުރަން އުޅެފައިވެސް ރުސްލާން ބޭރަށް ބަލަންފެށިއެވެ.
"އަޅުގަނޑު ކިޔަވައިލިޔަސް އެންމެ ރަގަޅުތޯ؟"
"ޝުއާ..." ރުސްލާން ހުއްދަދިނެވެ.
ޒިޔާމް މިންޝާވީގެ ނަހަވަންދު ރާގަށް ކިޔަވަންފެށުމުން ރުސްލާންއަށްވެސް އަޖައިބެއްފަދަ އަސަރެއްކޮށް ނަފުސަށް މަޑުމޮޅިކަމާއި އަމާންކަންވެރިވިއެވެ. މިތިބެވުނީ ވިހިހާސްފޫޓް މަތީގައިކަންވެސް އިރުގަނޑަކަށް ހަނދާން ނައްތައިލެވޭވަރަށްވެސް ގުރުއާނުގެ އާޔަތްތަކުގެ މޫރިތިކަން ބޮޑީއެވެ. ޒިޔާމްގެ މަގުސަދެއް ރުސްލާންއަކަށް ނޭގުނެވެ. ހިތާހިތުން ތައުރީފުކުރެވުނެވެ. މިފަދަ ޕައިލެޓުންނަކީ ދަތުުރުވެރިންގެ ބިރުވެސް ފިލުވައިދެވޭނެފަދަ ބަޔެކެވެ. ގުރުއާންގެ އަޑު އިވުމުން ސްޓްރެސް ފިލާ ހިތްހަމަޖެހުން ލިބިދޭނެއެވެ.
ޒިޔާމް ގުރުއާން ކިޔެވީ ވީޑިއޯވެސް ކޮށްލަމުންނެވެ.
"ދެޓްސް ބިއުޓިފުލް..."ރުސްލާންއަށް ބުނެވުނެވެ.
ޒިޔާމްގެ ހިތް ނަށައިލިއެވެ. ރަޖްވާގެ ބޭބެމެންގެ ހިތާއި ހަމަަޔަށް ފޯރުމަކީ އެކަން ކާމިޔާބުކުރަން ހުޅުވައިލެވޭނެ މަގެކެވެ. އޭނަގެ ހުވަފެނަކަށް މިހުރިހާ ދުވަހު ވީ ކެޕްޓަނަކަށް ވުމެވެ. ނަމަވެސް އިންސާނާގެ ހިތް ދުވަހަކު ފުރޭނެހެއްޔެވެ؟ ލިބެމުންދާ ކާމިޔާބުގެ މައްޗަށް ކާމިޔާބު ހޯދަން އިތުރަށް ހޯދަން އަބަދު ބޭނުންވާނެއެވެ. އޭނަގެ މިހާރުގެ ހުވަފެނަކީ މި ކުންފުނީގެ ހިއްސާދާރަަކަށް ވުމެވެ. ސްކައިއެއާލައިން އަމިއްލަ ތަނަކަށް ހެދުމުގެ ދަހިވެތިކަން ހިތުގައި ހިނގައިގަތްލެއް ބޮޑުކަމުން އެކަން ހާސިލުވާން އޮތީ ރަޖްވާގެ ހިތާއި ހަމަޔަށް ފޯރައިގެންކަން ވިސްނުނެވެ.
"ހުރިހާ އެއާލައިންސްތަކެއްގައި ދަތުރު ދުޢާކުރުން އޮންނަފަދައިން ދަތުރުކުރާއިރު ކޮންމެވެސް ވަރަަކަށް ގުރުއާން ޖަހާފައި ބެހެއްޓުން ކިހިނެއްވާނެ؟ އިފް ޔޫ ތިންކް އިޓްސް އެ ގުޑް އައިޑިއާ އަޅުގަނޑަށް ރިކޯޑިން ހެދިދާނެ..."
"ބޯޑްމީޓިންގައި އެކަހަލަ ކަންތައް ނިންމާނީ..."
"އޯހ...."ޒިޔާމްއަށް ބުނެވުނެވެ.
"އަހަރެން ތި ޚިޔާލު ހުށަހަޅާފާނަން..."
ރުސްލާން އިތުރު ވާހަކަނުދައްކާ ދުރަށް ނަޒަރު ހުއްޓައިލިއެވެ.
"ސަރ...އެއާބަސްގެ ކެޕްޓަނަކަށްވާހިނދު ޑޮމެސްޓިކް ދަތުރުކުރާތީ ކިއުރިއަސްވެއްޖެ. އިފް ޔޫޑޯންޓް މައިންޑް.."
"އިޓްސް އޯކޭ. ކުރު ދަތުރުތައް ކޮށްލުމުން އާއިލާއާއެކު ގޭގައި ހޭދަކުރާވަގުތު ގިނަވާނެތީ..."
"ގްރޭޓް..."ޒިޔާމް ހިނިތުންވެލިއެވެ. ޒިޔާމްއަށް ރުސްލާންގެ އެންމެ ޖުމްލައަކުންވެސް އާއިލީ ގުޅުމާއި ލޯބި އޮތްވަރު ދެނެގަނެވުނެވެ.
މޫސުމް ގޯސްވެ ބޯ ވިލާތަކުގެ ތެރެއަށް ބޯޓު ވަދެވުމާއެކު ދަތުރުވެރިންގެ ހިތްތަކަށް ބިރުވެރިކަންވަނެވެ. ވަށައިގެން ފެންނަނީ އަޅިވިލާތަކެވެ. ހުރިހާ އިރެއްވާންދެން މަޖާކުރަން ތިބި ބައެއް ދަތުރުވެރިންނަށްވެސް ހިމޭންކަން ލިބުނީ ކުއްލިއަކަށް ބޯޓު ތިރިއަށް ވެއްޓިގެން ދިޔަ އިހުސާސާއެކުގައެވެ. އޭރު ކެޕްޓަން ރުސްލާން ބޯޓުގެ ސީޓުބެލްޓް ނިޝާން ދިއްލައިލުމަށްފަހު އެނައުންސްކޮށްލިއެވެ."ކެބިންކްރޫ ޕްލީޒް ބީ ސީޓެޑް..." ރުސްލާންގެ އަޑުގައި ހުންނަ ޖާދޫއިންވެސް އެ ބިރުވެރިކަމުގެ ތެރެއިން ދަތުރުވެރިންގެ ހިތްތަކަށް ހަމަޖެހުމާއި އުއްމީދެއް ލިބޭނެހެން ހީވެއެވެ. ފްލައިޓް ޖައްސަންދެން ގިނަވަގުތު ތިބެންޖެހުނީ ބިރުވެރިކަމުގައެވެ. ވައިބާރުވުމުގެ ސަބަބުން ފްލައިޓް ޑިލޭވުމުން ޒިޔާމްވެސް އަރާމުކުރަން ގޮސް ލައުންޖްގައި ހުރި ސޯފާއެއްގައި ޖައްސައިލުމާއެކު ޓިކްޓޮކަށް އޭނަގެ ގުރުއާން ވީޑިއޯ ލައިފިއެވެ.
އެތައްބަޔެއްގެ ތައުރީފުގެ ބަސްތަކުން ޒިޔާމްއަށް ބޮޑާކަމެއްލިބުނެވެ.
ފްލައިޓްގައި އެނބުރިއައިއިރުވެސް ކޮންމެވެސް ވަރަކަސް ބޯޓު ތެޅުވިއެވެ. ރުސްލާންއާއިހެދި ޒިޔާމްއަށް ޖެހުނީ އޭނަގެ އެންމެ ވަރުގަދަ ޝަޚުސް ދައްކައިގެން ހުރުމަށެވެ. އެއްވެސް އުނިކަމެއް ފެނިގެން އޭނަގެ ޝަކުވާ ހިގައްޖެނަމަ އުއްމީދުތައް ފެނަށްވެދާނެއެވެ. މިފަހަރު ފްލައިޓް ދުއްވަން ލިބުނީ އޭނައަށެވެ. ރުސްލާން "ސުޕަވައިޒް"ކުރާނެކަމުގެ އިހުސާސްއާއެކު އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ގެއްލިދާނެ ފަދަ ވަގުތުކޮޅު އައިސް އިނގިލިތައްވެސް ތުރުތުރުލަފާނެހެން ހީވިއެވެ. ނަމަވެސް އޭނައަކީ ޕައިލެޓެއްކަން ހަދާންވުމާއެކު އުދުހުމަށް ހުރިހާ ސަމާލުކަމެއް ދިނެވެ.
"ސްކައި އެއާ ނައިން ތްރީ...ވިންޑްސް 180/15 ނޮޓްސް، ކްލިއާޑް ޓު ލޭންޑް ރަންވޭ ވަން އެއިޓް............." ޓަވަރުން އެންގި ރޫޓުން ދަތުރުކުރަމުންގޮސް ފްލައިޓް ޖައްސަން ކައިރިވުމުން އެއާޓްރެފިކް ކޮންޓްރޯލަރ އުސައިމީން އިރުޝާދުދިނެވެ.
***
ސަފާޔާގެ އެޕާޓްމެންޓްގައި އެނދުމަތީގައި ދެކުދިން އޮށޯވެލައިގެން ތިބިއިރު ބޯކޮށް ވާރޭވެހެމުންދާ އަޑު ނާނާއެއްފަދައިން އިވެމުންދިޔައެވެ. ދޮރުފޮތިތައް ކަހާލާފައި ހުރުމުން ވާރޭވެހޭ މަންޒަރުވެސް ފެންނާތީ ވަކިން ހިތްގައިމެވެ. ސަފާޔާ ނިދަން ވެސް ހެދުން ބަދަލުކުރާކަށް ނޫޅުނެވެ.ސުވާލުކުރުމުން ބުނީ އޭނަ ނިދަނީވެސް ދުވާލު ލާ ހެދުމާއެކު ކަމަށެވެ. ބާޒާރުކުރަން ގެންދަން އުޅުނަސް ސަފާޔާ އެއްބަސްވަނީއެއް ނޫނެވެ. ކޮންމެވެސް ވަރަަކަށް ހެދުމުގެ ސްޓައިލް ބަދަލުކޮށްލާ ނިދާއިރު ނައިޓީސް ލުމުން މާ އަރާމުވާނެއެވެ.
ސަފާޔާ ފޯނުން ޓިކްޓޮކަށް ވަދެ ޒިޔާމް ލާފައި ހުރި ވީޑިއޯބެލިއެވެ.
"ގުރުއާން އަޑުއަހަނީތަ؟ ހާދަ ރީތި ރާގެކޭ.......ހާޓް ޓަޗިން." ރަޖްވާ އޮތީ ވާހަކަފޮތެއް ހިފައިގެންނެވެ.
"ދޯ.....މި ޕައިލެޓް ގުރުއާން ކިޔަވާ އަޑުއިވުނީމަ ގޫޒްބަމްޕްސް ނަގައިފި..."ސަފާޔާ އޭނަގެ ހެދުމުގެ އަތުކުރި ހިއްލާލާފައި ރަޖްވާއަށް ދެއްކިއެވެ.
"ކާކުތަ؟"ރަޖްވާ ފޯނު އަތުލުމާއެކު ސިހޭގޮތްވިއެވެ. ނަމަވެސް އޭނަ އެކަމެއް ނުދެއްކިއެވެ. އަދި އެއްވެސް މީހެއްގެ ގާތު ޒިޔާމްއާއި އޭނަގެ ގުޅުމުގެ ވާހަކަދެއްކުން އަވަސްކަމަށް ހިތް ބުނަމުން ދިޔައެވެ. އަނެއްކޮޅުން ޒިޔާމް އެގޮތަށް ސޯޝަލްމީޑިއާއަށް ލާ ވީޑިއޯތަކުން އަންހެންކުދިން މޮޔަވާނެއެވެ. އޭނަގެ އެކުވެރިޔާވެސް އެ ހާވަނީ ޒިޔާމްގެ ވީޑިއޯތަކެވެ. ސަފާޔާ ޒިޔާމްއަށް ހިތް ނުކިޔަނީސް އޭނަ ކައިވެނިކުރަން އުޅޭ ޒުވާނާކަމަށް ބުނަންވީހެއްޔެވެ؟
"ސްކައި ބޯއި....ލައިކް އައި ސެޑް. އެންމެގިނައިން ހަމަ ބެލެނީ ޕައިލެޓުންގެ އެއްޗެހި...އެންމެ ހައިރާންވަނީ މިހާ ރީތިކޮށް ގުރުއާން ކިޔެވީމަ..ވަރަށް ޔުނިކް ދޯ...."
"އާނ...ވަރަށް ރީތި..ކޮންމެ މީހަކު ކިޔެވިޔަސް ﷲގެ ބަސްފުޅު..އަދި އާޔަތްތަކުގެ މާނައެނގުނީމަ ވަކިންބޮޑަށް އަސަރުކުރޭ.. ޗެކް ދިސް..." ރަޖްވާ ވީޑިއޯއެއް ހުޅުވައިލިއެވެ.
"ތިވީޑިއޯގައި ބުނާ އެއްޗެއް ކިޔާދީފާނަން؟"
"ގުރުއާނާއި ކަނެކްޓްވާ ކޮންމެކަމެއް މަތިވެރިވޭ. ޖިބްރީލް އަލައިހިއްސަލާމް ގުރުއާން ހިއްޕަވައިގެން ދުނިޔެއަށް ވަޑައިގަތީ..ޖިބްރީލް އަކީ މަލާއިކަތުންގެ ޗީފް. އަދި ރޫހުލް އަމީން. މުހައްމަދު ރަސޫލުއްﷲ ސައްލަﷲ އަލައިހި ވަސައްލަމްއަށް ގުރުއާން ބާވައިލެއްވީ އެކަލޭގެފާނަކީ ހުރިހާ ރަސޫލުންނާއި ނަބިއްޔުންގެތެރެއިން އެންމެ މާތް ސާހިބާ.. މިއުއްމަތަށް ބާވައިލެއްވި ފޮތްކަމުގައި ވުމުން އެންމެ މާތް އުއްމަތްކަމުގައިވި. ލައިލަތުން ގަދުރުވިލޭރޭ ގުރުއާން ބާވައިލެއްވުމުން އެރޭ އެންމެ މަތިވެރިރޭކަމުގައި ވީ. ރަމަޟާންމަހުގައި ގުރުއާން ބާވައިލެއްވުމުން އެ މަސް އެންމެ މާތް މައްސަރުކަމުގައިވި.ބުޚާރީ ހަދީސްގައިވޭ. ތިޔަބައިމީހުންގެ ތެރެއިން އެންމެ ރަގަޅުމީހުންނަކީ ގުރުއާން އުގެނި ކިޔަވާދޭމީހާއެވެ. ގުރުއާން އެމީހެއްގެ ހިތުގެ ތެރެއަށް ވަދެއްޖެއްޔާ އެމީހާ ވާނީ އެންމެ ރަގަޅު މީހާކަމުގައި..."ރަޖްވާގެ ވާހަކަ އަޑުއަހަން އޮވެފައި ސަފާޔާ ފޯނު ބޭއްވިއެވެ.
"ތިހާ މުއްސަދި ކުއްޖަކަށް ހުރިހާ އުފަލާއި ނިއުމަތެއް ލިބޭނެ. އާއްމުކޮށް ރިޗްކުދިން ވަރަށް މެޓީރިއަލިސްޓިކް.."
"ރިޗް ވީމަ އުފާވެރިކަމުގެ ތެރޭ އުޅެވޭހެން ހީވާނެ. އެކަމަކު ކިތައް މުއްސަދިންނާއި ސެލެބްރިޓީއިން އަމިއްލައަށް މަރުވޭ؟ ހަގީގީ އުފާވެރިކަން ނުލިބުނީމަ އެހެން އެވަނީ. އަހަރެންގެ ފެމިލީއަށް ﷲ މުއްސަދިކަމުގެ ނިއުމަތް ދެއްވާފައިވޭ. އެކަމަކު އަހަންނަށް ކުރިމަތިވީވަރުގެ އިމްތިހާނެއް އަންހެންކުއްޖަކަށް ކީއްކުރަން އެހެން އިންސާނަކަށް އަިދ މަޚުލޫގަކަށްވެސް ނުލިބުމަށް ދުޢާކުރަން. ސަބަބަކީ ކިހާ ދެރަގޮތެއްވީ. އަހަރެންގެ ސިފަދެކެ އަމިއްލައަށްވެސް ނުރުހެވޭ.." ރަޖްވާގެ އަތުގައި އޮތް ފޮތް މޭމަތީގައި ބާއްވައިގެން ސީލިންއަށް ބަލަހައްޓައިންގެން އޮތެވެ.
"ރަޖްވާ. ތިހާ އަޅުވެރިވީ ސަބަބަކީ ކޮބާ؟"
"ދިމާވި ހާދިސާއިން....އައި ވޯޒް ޑިޕްރެސްޑް، ސިވިއާ ޑިޕްރެޝަންއަކަށް ދިޔަ. ސަފާ...އަމިއްލައަށް މަރުވާންވެސް ޚިޔާލުކުރެވުނު ކިތަންމެ އިރެއް އައި. ހިތަށް އެރި އެއްޗެއް އެނގޭތަ؟ ދުނިޔޭގައިވެސް އަލިފާނުގެ އަޒާބު ލިބޭވަރަށް ނުބައިކޮށް އުޅެވުނީހެއްޔޭ...ހަގީގަތުގައި އެގޮތަށް ވިސްނައިގެން ނުވާނެ...."
"ވަޓް ހެޕެންޑް..."
"އަހަރެމެން ދަތުރުކުރި ފްލައިޓް..........ކްރޭޝްޑް.."
"ސުބުހާނަﷲ.."ސަފާޔާ ތެދުވެ ހެޑްބޯޑަށް ލެނގިލަމުން ބާލީސް މޭގައި ޖައްސާ ބާރުކޮށްލިއެވެ.
"ފްލައިޓް ކްރޭޝް ސަވައިވާއަކަށް ވުމަކީވެސް ރަހުމަތެއް. އެ ތަޖުރިބާ ކިޔާދީފާނަންތަ؟"
"ސަފާ...އެބައަންނަން ކޮފީ ހިފައިގެން، ފިނިރެއެއްގައި ހޫނު އެއްޗެއް ބޯލީމަ ހީފިލާނީ ހޫނު ޗޮކްލެޓް ނޫނީ ކޮފީ؟" ރަޖްވާ މައުޟޫބަދަލުކޮށްލުމުން އިތުރަށް ސުވާލުކޮށްލަން ސަފާޔާ ފަސްޖެހުނެވެ.
***
ރަޖްވާ ތިރިއަށް ދިޔުމާއެކު ޖޫދުއާއި އިމްކާން ދިމާކުރަންފެށިއެވެ. އެކުވެރިއެއް ލިބުމުން އާއިލާމަތިން ހަނދާނެތި ހުރިހާވަގުތެއް އޭނައަށް ދިނުމަކީ ބޭއިންސާފެއްކަމުގައި ބުނެލިއެވެ. އެކުއްޖާ ރޭގަނޑު ކެއުމުގައި ބައިވެރިނުކުރީ ކީއްވެތޯވެސް އެހިއެވެ. ރަޖްވާ ބުނީ މަހުރަމް ނޫން ފިރިހެނުންނާއެކު ކާން އަންނަން ސަފާޔާ ބޭނުންނުވާނެކަމުގައެވެ. ރަޖްވާ ކޮފީ މެޝިނުން ކޮފީއަޅަން ހުއްޓާ ޒިޔާމްގެ މެސެޖެއް އައުމުން އަވަހަށް ހުޅުވައިލިއިރު އެއީ ޒިޔާމް ގުރުއާން ކިޔަވާފައި ހުރި ވީޑިއޯއެވެ.
"ޒިޔާމް މި ލާފައި ހުރި ޓިކްޓޮކަށް..އެވަރަށް މީހުންނަށް ފެނުނީމަ ރަގަޅެއްނުވާނެ...."
"ތިބުނީ އެސްފީނާޖެހިދާނެއޭތަ؟"
"އާނ.."
ދެއިރު ޒިކުރުވެސް ކުރަމޭ. އެމީހެއްގެ ހުނަރެއް ޝެއާކުރަންވެސް ވާނެއްނު. ޚާއްސަކޮށް ގުރުއާން ކިޔެވީމަ އެހެން ކުދިން އިންސްޕަޔާ ވާނެކަމަށް. ރަޖްވާ ހިނގާބަލަ އަވަހަށް މީޓްކޮށްލަން. ހެވޭ ބްރަދާއިންނާއެކު އަޔަސް. ޑޭޓަކަށް ހިނގާބަލަ..އިންތިޒާރުކޮށްކޮށް މޮޔަވެދާނެ.." ޒިޔާމް ޓައިޕްކޮށްލިއެވެ. ޒިޔާމް އޭނަ ކޮކްޕިޓްގައި ނަގާފައި އިން ރީތިފޮޓޯއެއް ފޮނުވުމުން އުފާވުމުގެ ބަދަލުގައި ރަޖްވާގެ ހިތުގައި މޮޅިވެރިކަން ހިނގައިގަތެވެ. ޒިޔާމްއާއި އޭނައާއި އެކަށީގެންނުވާކަމަށް ހިތް ބުނާވަރުން އެހުށަހެޅުމާއި ދެކޮޅުހަދަން ސިކުނޑި މެދުކެނޑުމެއްނެތި އަންގަނީއެވެ. ޒިޔާމް އެހާ "ޕަފެކްޓް"ނުވިނަމައެވެ. އެހާ އޯގާތެރި ހިތަކަށް ނުވިނަމައެވެ. ކޮންމެ ފިރިހެނަކު އޭނަގެ އެ ސޫރައިގާ އޭނަދެކެ ލޯބިވެ އުމުރުދުވަހު އޭނައާއިއެކު ބައިވެރިޔެއްގެ ގޮތުގައި އުޅެން އެއްބަސްނުވާނެކަން ޔަގީނެވެ. ޒިޔާމް ޕައިލެޓަކަށްވުމުން އޭނައަށް ބޭނުން ކޮންމެ އަންހެންކުއްޖެއް ލިބިދާނެއެވެ. މުއްސަދި އަންހެންކުދިންވެސް ގައުމުގައި މަދެއްނުވާނެއެވެ. އެކަމަކު ޒިޔާމް އެހެރީ ރަޖްވާއާއެކީ ހަޔާތެއް ފަށަން އެއްބަސްވެގެންނެވެ. ﷲ ސުބުހާނަހޫ ވަތައާލާގެ ރަހުމަތެކެވެ.
***
ރަޖްވާ ނުނިދިފައި އޮތްއިރު ސަފާޔާވެސް އޮތީ ޒިޔާމްއަށް ގުޅައިގެން އޭނަގެ ކޮޓަރީގައެވެ. ޒިޔާމް އަށް ގުޅައިގެން ސަފާޔާ ސައުވީސްގަޑިއިރުވެސް ހުރެދާނެއެވެ. ޒިޔާމް ވީޑިއޯ ކޯލުކުރަން ޖެއްސުމުން ބުނީ ހަރާމްކަމަކަށް ވާތީ އެގޮތް ބޭނުންނުވާކަމަށެވެ. ލޯބިވިޔަސް ވަކި ހައްދެއް އޮންނަންވާނެކަމަށެވެ.
"އޯލްރައިޓް ސެފް...އައި ރެސްޕެކްޓް ޔޯ ވިޝް. އެކަމަކު މިރޭ ވަރަށް ނިދިއައިއްސި...މާދަން ގުޅާނަން..ލަވް ޔޫ.."
ލޯބިވާ ވާހަކަ ބުނެފައި ފޯނު ބޭއްވުމުން ސަފާޔާ ހިނިތުންވެލައިގެން އޮވެފައި ދެފައި ތަޅައިގަތެވެ." ޒިޔާއަށް އެނގޭނަމަ. އަހަރެން މިހިރީ ޒިޔާއާއި އެއްފަސްގަނޑެއްގައި..އަވަހަށް މެރީކުރީމަ ދެން ރަގަޅުވާނީ...ރަޖްވާ ކިހާ ރަގަޅު. ހަޒްބެންޑަށްވެސް މި އެޕާޓެމެންޓްގައި ހުރެވޭނެއޭ ބުނީ. ވީމަ ދެން ކުލިނުދެއްކޭނެތީ ކައިވެނި ފަސްކުރުމުގެ ބަހަނާ ނުދެއްކޭނެ.."
ސަފާޔާ ބާލީހުގައި ބައްދާލައިގެން އޮވެ ރީތި ހުވަފެންތައް ދެކެނީއެވެ.
***
ޒިޔާމްއާއި އެހެން ދެޕައިލެޓުން ކޮފީ ބޯން ލައުންޖްގައި ތިބިއިރު ދެކެވެމުން ދިޔައީ ރޯޒްގެ ވާހަކައެވެ.
"ރޯޒްއާއި ރުސްލާން ކުރިން ކޮންމެވެސް ގުޅުމެއް އޮތް ވާހަކަ އެހިން..."
"ވަޓް؟" ޒިޔާމް ކޮށިއަރާގޮތްވިއެވެ. އެކުވެރިޔާ ދާއިމް ބުރަކަށީގައި ތަޅައިގަތެވެ." އެކުއްޖާއާއިހެދި އެވަރުން އުޅެން ޕާސެނެލިޓީ ކިހާ ބޯރިން. އަހަންނަށް މާ ރަަގަޅު އައުޓްގޮއިން ގާލްއެއް. ރޯޒްއަކީ އިންޓްރޮވާޓެއް.."
"ލިބެން ނެތްކަން އެނގުނީމަ ކަމުނުދާ ސިފަތައް ހިތަށް ވައްދާދީގެން ހިތް ހަމަޖައްސައިލަން ޖެހެނީ...އެއީ ތިވީގޮތަކީ.."
"ޒިޔާ އުޅެފިއްޔާ ކާމިޔާބުވާނެ.."
"ރޯޒް ކާމިޔާބުކޮށްފިއްޔާ ފަސްހާސްރުފިޔާ ދޭނަން..."
ޒިޔާމް ބޯ ހޫރައިލިއެވެ."އެހެންވީމަ ތި ފަސްހާސްރުފިޔާގެ ބޭނުމުގައި އަހަރެން ރޯޒްއާއި ރައްޓެހިވާނަން...ސީރިޔަސްކޮށް ކުރާކަމެއްނޫން. އެހެން މީހަކަށްވެސް އެނގިގެންނުވާނެ. ސަބަބަކީ އަހަރެންގެ ލޯބިވެރިޔެއް ހުރޭ. މަޖަލަކަށްކުރާ ސިއްރުކަންތައް އެހެން ބަޔަކަށް އެނގޭކަށް ނުޖެހޭނެ...އެކަމަކު ރުސްލާންއާއި ކޮން ގުޅުމެއް އޭނަ އޮތީ؟"
"އެކްސްއެއްހެން ހީވަނީ...."
ޒިޔާމްގެ ހިތަށް ނުބައިގޮތެއްވިއެވެ.