"ފައިސާއިން ބައެއް އެއްޗެހި ގަނެވިދާނެއެވެ. އެކަމަކު ދުޢާއާއި ކެތްތެރިކަމުން ހުރިހާ އެއްޗެއް ލިބޭނެއެވެ."

***

މިންޝާވީގެ އަސަރުގަދަ ގުރުއާނުން ހިތާއި ރޫހަށް ލިބެމުން ދިޔަ ފިނިކަމަކުން ރަޖްވާއަށް ލޯ މަރައިލެވުނެވެ. ރޫހާނީގޮތުން އެލިބިދޭ ހިތްހަމަޖެހުން އެހެން ކަމަކުން ނުލިބޭކަން އޭނައަށް ޔަގީނެވެ. ގުރުއާނަކީ ހިތުގެ ހަމަޖެހުމެވެ. ފުރާނައިގެ ކާނާއެވެ. މިންޝާވީގެ އަޑު އުމުރަށް އެހިޔަސް ފޫހިވުމެއްނެތެވެ. އޭނައަށް މީހެއްގެ ހިލަންވީވެސް ބަނޑުމަތީގައި ބާއްވައިގެން އޮތް ކުޝަންގައި ހިފާ މީހަކު ދަމައިލުމުންނެވެ. ރުސްލާން ޕައިލެޓް ޔުނިފޯމުގައި ހުރުމުން ދެންމެ މަސައްކަތުން ނިމިގެން އެނބުރިއައީކަން އެނގުނެވެ.

"މިންޝާވީގެ އަޑު އިވެމުންގޮސް ބިގް ފޭނަކަށް ވެއްޖެ..ވޮއިސް ފްރޮމް ހެވެން ދޯ..އޯލް ޕްރެއިޒް ޓު ﷲ ދަ އޯލްމައިޓީ ކްރިއޭޓާ............." ރުސްލާން ސޯފާގެ އެއްކޮޅުގައި އިށީނެވެ. ދެއަތުގެ އިނގިލިތައް މަހާލައިގެން އިންގޮތުން ކޮންމެވެސް ކަމަކާއި ނުތަނަވަސްވެފައިހެންވެސް ހީވިއެވެ.

ރަޖްވާ އޯޑިއޯ ނިވައިލީ އާޔަތް ފުރިހަމައަށް ކިޔަވާ ނިމުމުންނެވެ. ހަގީގަތުގައިވެސް ގުރުއާން އަޑުއެހުމުން ހުރިހާ ޚިޔާލުތަކާއި ދުރުވެ ހިތަށް އުފާވެރިކަމާއި އަމާންކަން އިހުސާސްވެއެވެ.

"ވަރަށް ނާވަސްވެފައި...ޒަހްރާ އަންނާތީ ތަ؟"

"ޑޭޑްގެ ޑިޒިޝަން ބަދަލުކުރާނެހެން ހިޔެއްނުވޭ.. އެކަމާއި ވިސްނުމުގެ މާނައެއްނެތް. އެއަށްވުރެ މާބޮޑަށް އުދަގޫ ސިޗުއޭޝަނެއް ދިމާވެއްޖެ.."

"ހިޔެއްނުވޭ. މިއަށްވުރެ ބޮޑު ކޮން ކަމެއް ދިމާވާނީ؟"

"ޒިޔާމްއަށް ވަރަށް ޓްރަސްޓްކުރަންތަ؟"

ރަޖްވާއަށް ތެދުވެ އިށީދެވުނެވެ. ރުސްލާން އެ ސުވާލުކުރުމާއެކު ހިތުގެ ކަނެއްގައި ބިރުވެރިކަމުގެ ވިންދެއްޖަހާލައިފިއެވެ.

"ކޮންމެެވެސް ވަރަކަށް...."

"އޭނައަކީ ހީކުރިހާ މާތް މީހަކަށްނުވި. އައި މޭޑް އެ މިސްޓޭކް ޖީޖީ. އޭނައަށް ނުހައްގު ވާވަރަށް ސަނާ ކިއިއްޖެ. އޭނައަކީ ރަގަޅުމީހެއްނޫން.."

"ތިބުނީ..." ރަޖްވާގެ މެޔަށް ފިނިވިއެވެ.

"އޭނަ ރޯޒްގެ ފަހަތުން މިހާރު އުޅެނީ...ޖީޖީއަށް ގަބޫލުނުކުރެވިދާނެތީ އޯޑިއޯވެސް ރޯޒް އެބައިން ވައިބާކޮށްފައި...މިހުރިހާކަމެއް އެނގިހުރެވެސް އޭނައާއި މެރީކުރަން ބޭނުމިއްޔާ ހުރަހެއް ނާޅާނަން..އެކަމަކު އަންފެއިތްފުލް މީހަކާއެކު އުފާވެރި ދިރިއުޅުމެއް ނުހޯދޭނެ..." ރުސްލާން ރަޖްވާއަށް އޯޑިއޯ އިއްވާދިނުމުން ގަބުވެފައިގޮތަކަށް އިރުކޮޅެއްވާންދެން އިނދެވުނެވެ. ހަގީގަތުގައި އޭނަ ޒިޔާމްއަށް ހާދަ އިތުބާރެއްކުރިއެވެ. އެހެން ފިރިހެނުންނާއި އޭނަ ތަފާތުކަމަށް ޔަގީންކުރިއެވެ. ނަމަވެސް ޒިޔާމްވެސް ލިޔެވުނީ ހަމަ އެ ލިސްޓްގައެވެ. ރަޖްވާގެ ހިތް ގެނބޭގޮތްވިއެވެ.

***

ސަފާޔާ ވައިޓް ސޯސް ޕާސްތާ ހަދަން އެއްޗެހި ކޮށަމުން ދިޔައިރު ރުސްލާންއާއި އިމްކާންވެސް ވަނެވެ. ނިގާބުގައި ހުރުމުން އެ ޒުވާނުންވެސް ތިބީ ބޮލަށް ފަސޭހަވެގެންނެވެ. ސީރިޔަސް ވެފައި ހަމަ ބޮޑާކަން ހުންނަނީކަމުގައި ސަފާޔާ ޔަގީންކުރިއެވެ. އެހެން ވިސްނިޔަސް އަގީދާ ވަރުގަދަކަމުން ބެލުން ތިރިކުރަނީ ނޫންކަމެއްވެސް ނޭގޭ ނޫންހެއްޔެވެ؟ ރަޖްވާއަށް ސަފާޔާ ނިގާބުގައި ހުރިތަން ފެނުމުން ބައްދައިލެވުނެވެ.

" ވަރަށް ޕްރިޓީ ކަޅުހެދުމެއްގައި ފޮރުވިފައި ހުއްޓަސް...."

"ގޮނޑެއްގައި އޮތަސް ޑައިމަންޑެއް ހަމަ ދޯ.."ސަފާޔާ ހިނިގަނޑެއް ޖަހައިލިއެވެ."ދެރައީ ބައެއް މީހުންނަށް އެވަރު ނުވިސްނޭތީ..ނިގާބު އެޅީމަ ދުނިޔެއަށް ފިލައިގެން އުޅެވިދާނެ. ތެދަށް ބުނަންޏާ އަދި މަންމައަށްވެސް ބޭބެއަށްވެސް ސަފާއަކީ ކާކުކަން އެނގެން ބޭނުމެއް ނުވޭ. މިގޭ ޚާދިމާއެއްގެ ގޮތުގައި ރަޖްވާ އެންމެނަށް ތައާރަފުކޮށްދެއްޗޭ.."

"ފަހުން އެނގުނީމަ...ކާންޓް ވެއިޓް އެންމެންގެ މޫނަށް އަންނަ ކުލަވަރު ބަލާހިތުން..."

"ހެހެ...އަދި ދުވަސްކޮޅަކަށް އިންތިޒާރުކުރަން ޖެހޭނީ....ކޮންއިރަކު ދެމީހުންގެ މަންމައިން އަންނަނީ؟ އެއްގޮތް ކަމެއް އެބަހުރިދޯ. އަހަރެމެން މަންމައާއި އެއްވެސް ވަރަކަށް ކްލޯޒްއެއް ނޫން...." ސަފާޔާ ޕާސްތާ ޕެކެޓްތައް ކަނޑަންފެށިއެވެ.

"ތެދަށް ބުނަންޏާ މަންމައާއި ކްލޯޒްކޮށް އުޅޭ ގާލްސްއިން ފެނުނީމަ ޖެލަސްވޭ..."ރަޖްވާ ސިއްރެއްބުނާހާ މަޑުން ބުނެލިއެވެ.

"އާ ޔޫ އެކްސައިޓެޑް މަންމަ އަންނާތީ؟"

"ނޫން...ހަމަ ފޫހިވޭ. މަންމަ އަހަރެމެން އެއްލައިލީ. ދުވަހަކު ފޮގިވް ނުކުރެވޭނެ..ސަފާއަށް މާފުކުރެވޭނެތަ؟ ސަފާ ދޮންމަންމައެއްގެ ގާތަށް ދޫކޮށްފައި ހާލާ އާންޓްވެސް އެއުޅެނީ ޚަބަރު ބަލާނުލާ...ޖާރިދް ފަދަ ދަރިއަކަށްއަދިވެސް އާންޓްގެ ހެޔޮދުއާ. އެދަރިދެކެ މޮޔަވާވަރަށް ލޯބިވެފައި އާންޓްވެސް ހުރީ. ދުނިޔެ ކިހާ އަނިޔާވެރި...މިހެންބުނާއިރުވެސް މިބުނެވެނީ ރަގަޅަށް ނޫންކަން އެނގޭ...ފޮތްތަކުން އަންނަ ލައިންތައް ބޭނުންކުރިޔަސް ހަގީގަތުގައި އަނިޔާވެރިވަނީ ކެހިވެރިވަނީ ދުނިޔެއެއްނޫން. މުޅިންވެސް އިމްތިހާނު ދޯ...މަންމައާއި ނުލާ އުޅުމަކީވެސް އިމްތިހާނެއް..........."ރަޖްވާ ފެންކަޅިވާގޮތްވިއެވެ."ވާހަކައެއް ބުނަން އެބައޮތް..............އަހަރެންގެ މެރިޖް.....އެ ވެސް ވާނެކަމެއް ނޫން..އޭނަ ލޯބިވަނީ އެހެން ކުއްޖެއްދެކެ...."

"ވަޓް؟ ކާކު؟" ސަފާޔާ ސިހިފައި އަތުގައި އޮތް ޕާސްތާ ކޮތަޅު ދޫވިއިރު މޭގައި އަތް އަޅައިގެން ހުރީ ކުށްވެރިއެއް ފަދައިންނެވެ. އެލޮލުގެ އިހުސާސްތައް ނޭގުނީ އެސްފިޔަތައް ތިރިކޮށްގެން ހުރުމުންނެވެ.

"ހާދަ ވަރަކަށް ހާސްވީ؟"

"އިޓ...އއިޓސް ޖަސް....."ސަފާޔާއަށް ވާހަކަވެސް ނުދެއްކުނެވެ.

"ރޯޒްއާއިހެދި ޒިޔާމް އުޅުނުކަން އެނގެނީތަ؟ ސަފާ ތި އުޅުނުގޮތުން ހަމަ ހީވީ އެކަން ސިއްރުކޮށްގެން ހުއްޓާ ބަސްޓްވީހެން..ދޮގެއް ނޫންތަ ސަފާ؟" ރަޖްވާއަށް ވިސްނުނެވެ.

"އާނ....ޒިޔާމްގެ ކޮއްކޮ އެނގޭ.އޭނަ.....އެހާ މާތް މީހެއްނޫން. ރަޖްވާ ގާތު ނުބުނީ ދެރަކުރަން ބޭނުންނުވީމަ. އައިމް ސޮރީ....މީހާގެ މާޒީގައި ހިފައިގެން ދަމާކަށް ނުޖެހޭނެ. ރަޖްވާފަދަ ރަގަޅު އަންހެންކުއްޖަކު ލިބުނީމަ ޒިޔާމް އިސްލާހުވާނެކަމަށް ހީކުރި. އެހެންވެ އެވާހަކަ ބުނަން ބޭނުންނުވީ..ފޮގިވް މީ ރަޖްވާ..." ސަފާޔާ ރަޖްވާގެ އަތުގައި ހިފެހެއްޓިއެވެ. ސަފާޔާގެ ލޮލުން ފެނުނީ އިޚުލާސްތެރިކަމެވެ.

"ކުރީގެ ކަމެއްވެސް ނޫނޭ...އަހަންނާއި އިންނަން ކިޔާފައި ރޯޒްގެ ފަހަތުން އުޅެނީ.....ރުސްލާންއަށް އެކަން އެނގުނީ...އިޓްސް ސޯ ހިއުމިލިއޭޓިން އޭ ސަފާ...ކީއްވެ އެންމެން މިހެން ހަދަނީ؟ އެންމެ ލޯބިވީކަމަށް ދައުވާކުރި މީހަކީ ޖާރިދް. އޭނަވެސް އަހަރެންގެ ސިފަ ފެނުނީމަ ފިލައިފި..ޒިޔާމް ތަފާތުކަމަށް ހީކުރެވުނު. ފިރިހެނުންވާނީ ހަމަ ފިރިހެނުންނަށް.................." ރަޖްވާގެ ލޮލުން ކަރުނަ ތިއްކެއް ފުންމައިލިއެވެ.

"އިޓްސް އޯކޭ...އަދި އެންމެ ރަގަޅު ބައިވެރިޔާ އަންނަން އޮތީ ކަމަށްވާނީ. ތިހާ ރަގަޅުކުއްޖަކަށް ދެރަގޮތެއް މެދުވެރިއެއްނުކުރައްވާނެ ކަމަށް އަހަރެން ގަބޫލުކުރަނީ. ސަބަބަކީ މި ދުނިޔެއިން އަދި ހުރިހާ ކަމެއް ނިމުނީއެއްނޫން. ލައިފް ފެށޭނީ ހިއާ އާފްޓާގައި....." ސަފާޔާ ހިތްވަރުދިނެވެ."މެރީކުރުމުގެ ކުރިން އެ ކެހިވެރިޔާގެ ހަގީގަތް އެނގުނުކަމަށްޓަކާ ހެއްދެވިފަރާތަށް ޝުކުރުކުރޭ.."

ސަފާޔާއަށްވެސް ރަޖްވާގެ ލޮލުން އޮހުނު ކަރުނަތައް ފެނުނެވެ. ރަޖްވާއަށްޓަކާ ހިތުގައި އިންތިހާ ދަރަޖައިގެ ހަމްދަރުދީ އުފެދުނެވެ. އެކަނި ރަޖްވާއަށްޓަކާހެއްޔެވެ؟ ޚުދު އަމިއްލަ ނަފުސަށްޓަކާވެސް މެއެވެ. ޒިޔާމްގެ ހުރި ނުބައި ހިޔަޅުކަން ދެކެބަލާށެވެ. އޭނައާއި ރައްޓެހިވެގެން އުޅެމުން މުއްސަދިކަމުގެ ބޭނުމުގައި ރަޖްވާފަދަ މައުސޫމް އަންހެންކުއްޖެއްގެ ހިތާއި ކުޅެލީއެވެ. އަދި އެހިސާބުން ޑްރާމާ ނިމުނީއެއް ނޫނެވެ. ރޯޒްފަދަ މުއްސަދި އަންހެންކުއްޖެއް މިލްކުކުރަން އުޅެގަތީއެވެ. ޒިޔާމްގެ މަކަރުވެރިކަމާއި ކެހިވެރިކަމުން ވީ ފޫއްސެއްގެ ބޮޑުކަމުން ހުރިތަނަކުން ހޯދާފައި އެންމެންގެ ކުރިމަތީގައި ބޭޒާރުކޮށްލަން ބޭނުންވިއެވެ. ނޫނެވެ. އޭނަވެސް ޒިޔާމްގެ ފެންވަރަށް ވެއްޓިގަތުމުގެ މާނައެއްނެތެވެ.

***

ސަފާޔާއާއި ރަޖްވާ ކޮޓަރިތައް ސާފުކުރުވާ އާ ބެޑްޝީޓްތަކާއި ރަޖާތައް އެޅިއެވެ. ކުޝަންތަކާއި ބާލީހުގައި އުރަ ލައްވާފައި އޭސީ ޖައްސައިލުމަށްފަހު އޮރެންޖާއި ވެނީލާގެ ވަސް އެކުލެވޭ އުއްބައްތިތަކެއްވެސް ދިއްލާލިއެވެ.

"މަންމަމެންނަށްޓަކާ މިވަރުކޮށްލަދިނުމުން އެނގެނީ އަހަރެމެން އޯފަން ކުދިންގެ ހާޓް ބޮޑުކަން.."ސަފާޔާ ހިނިގަނޑެއް ޖަހައިލިއެވެ.

"މާ ބޮޑުވަރުކޮށް ދެވިއްޖެ..."ރަޖްވާއާއި ސަފާޔާ އެދިމާލުން ބެލްކަންޏަށް ނިކުމެ ގޮނޑިތަކުގައި އިށީދެ އައިސްކްރީމްކާންފެށީ ހުރިހާ އުދަގޫދެނިވި އިހުސާސްތައް އެއްފަރާތްްކޮށްލަމުންނެވެ. ކުއްލިއަކަށް ލޮލުގައި އަޅައިގަތީ އޮރެންޖް ކުލަ އަރަމުން ދިޔަ ވިލާތަކުގެ ތެރެއިން ދައްކައިލި ސްކައިއެއާލައިންސްގެ ފްލައިޓެވެ. އޭގައި އިނީ ޒިޔާމްކަން ސަފާޔާއަށް އެނގުނީ ފުރުމުގެ ކުރިން ވަރަށް ލޯބިން މެސެޖެއްކޮށްފައި އޮތުމުންނެވެ. ކެހިވެރިކަމުގެ ދެވަނަ ނަމަކީ ޒިޔާމްއެވެ. އޭނަ ހައްލަން އުޅޭނެކަމެއް ނެތެވެ.

***

"ބިލިއަނަރަކަށް ވެވިދާނެއެވެ. އެކަމަކުވެސް ތިބާގެ މަންމަ ކޮށްދީފައިވާ ޚިދުމަތުގެ އަގު އަދާކޮށެއްނުދެވޭނެއެވެ. މަންމައާއި އަޅާލާށެވެ. ލޯބިދޭށެވެ." އަރްސަމް ފޯނު ހުޅުވައިލުމާއެކު އެކުވެރިއެއްގެ މެސެޖް ފެނުނެވެ. އޭނަ ކޮންމެހެން ވަކި މަންމައާއި ބެހޭގޮތުން އަރްސަމްދެކޭ ގޮތަށް ރިވާއަތް ކޮށްފައި ދިމާކުރަން ކުރިކަމެއް ނޫނެވެ. ކޮންމެ ދުވަހަކުހެން އެފަދަ އިބުރަތްތެރި މެސެޖާއި ވީޑިއޯ ފޮނުވުމަކީ އެކުވެރިޔާގެ އާދައެކެވެ. އަރްސަމްއަށް އެސްފިޔަވެސް ޖަހާނުލާ އެ ޖުމްލަތަކަށް ބަލަން އިނދެވުނީ ހިތަށް ފުން އަސަރުތަކެއް ކުރުމާއެކު ލޮލުގައިވެސް ކަރުނަ ހިނގައިގެންނެވެ. ވަގުތުން ލޮލުގައި އަވި އައިނު އެޅުނީ އެ ޝުއޫރުތައް ފޮރުވަން ވެގެންނެވެ.

"ވަރަށް ރަގަޅު އަންހެންކުއްޖަކު ފެނިއްޖެ. އެކުއްޖާގެ ނަމަކީ އާންޔާ...އަރްސަމްއާއި ވަރަށް ގުޅޭ......" އެކުވެރިޔާ މެސެޖްކުރިއެވެ.

"ތިކަމާއި ބެހޭގޮތުން އިތުރަށް އެންމެ އެއްޗެއް ބުންޏަސް ބްލޮކްކޮށްލާނަން..........."އަރްސަމް އިންޒާރުދިނެވެ.

"ސޮރީ ސާހަބް..އެކަމަކު....."

"އައި މީން އިޓް....."

"ހެހެ....."އެކުވެރިޔާ ހިނިގަނޑެއް ޖަހައިލިއެވެ.

***

ޖަހާންގީރުގެ ކޮޓަރިއަށް ރަޖްވާ ވަނީ ސަލާމްގޮވާލާފައެވެ. އޭނަގެ ބޭބެ ރުސްލާންއާއި އަރްސަމް ފެނުމުން ކޮންމެވެސް ބޮޑުކަމެއްވެއްޖެ ކަމުގައި ހިތް ބުނަންފެށިއެވެ. މަންމަގެ ޚަބަރެއް އެނގުނީބާވައެވެ. ރަގަޅަށްވިއްޔާ އެންމެ ފަހު ވަގުތު ކެންސަލްވީއެވެ. މަންމަދެކެ ރުޅިއާއި ނަފްރަތު އުފައްދަން މަަސއްކަތްކުރިޔަސް ހިތުގެ ފުންމިނުގައިވަނީ އެހެން ޖަޒުބާތެކެވެ. ހަގީގަތުގައި އޭނަ މަންމަދެކެން ބޭނުންވިއެވެ. މަންމަ ދަސްކުރަން އެހިތް އެދުނެވެ. އެންމެންގެ މޫނުތަކަށް ބަލައިލުމުން މާ ބޮޑު އެއްޗެއް ދެނެއެއްނުގަނެވުނެވެ. ރަޖްވާ އިށީނީ އޭނަގެ ބައްޕައާއި ޖެހިގެންނެވެ.

" ވަޓް ހެޕެންޑް؟"

"މާބޮޑުކަމެއްނުވޭ....ރަގަޅު ހުށަހެޅުމެއް އައީ.ދަރިފުޅުގެ ކައިވެންޏަށް މިފަހަރު އެހީ ބައްޕަގެ ވިޔަފާރީގެ ބައިވެރިޔެއްގެ ދަރިއެއް. އޮމަރު ކިޔަނީ.."

"އޭނައަށް އަޅުގަނޑުގެ ސޫރަ ފެނިއްޖެއްޔާ ހޭނެތިދާނެ.."

"ދަރިފުޅުގެ ނަޒަރަކުން ނޫންކަން ނޭގޭ އެހެން މީހުން ދެކެނީ. އޮމަރުއަށް ހުރިހާ ހަގީގަތެއް އެނގިހުރެވެސް ތަގުވާވެރި އަޅުވެރި ހަޔާތުގެ ބައިވެރިޔެއް ބޭނުންވާތީ އެގޮތަށް ނިންމީ................"

"ވެލް.....އަޅުގަނޑު ކޮމްފޮޓަބްލްއެއްނޫން..."ރަޖްވާގެ ލޮލުން ކަރުނައިގެ އަސަރު ފައުޅުވިއެވެ.

"ބައްޕަ އެދިލެއްވީތީ ޓްރައިކޮށްލަންވީނު ޖީޖީ..." ރުސްލާން އެދުނެވެ.

"ޒިޔާމްފަދަ ފުރޭތައިންގެ އަތްދަށުން ހުރި އެންމެ އަންހެންދަރިއަކު ސަލާމަތްކުރުމަކީ ވާޖިބެއްކަމަށް ދެކެނީ...ޒިޔާމްއާއިބެހޭގޮތުން ހަގީގަތް އެނގުނުއިރު ވަރަށް ކަމުނުދާ މީހަކަށްވީ...ދަރިފުޅު ވިސްނާލާފައި ޖަވާބެއްދީ.."

"އޯލްރައިޓް...ބައްޕައަށް ފެނިލައްވާގޮތެއް..އާންޓް ހާލާ އަންނަނީ ކޮން ދުވަހަކުން؟" ރަޖްވާގެ މައުޟޫ އެހެން ދިމާލަކަށް އަނބުރައިލަން ބޭނުންވިއެވެ.

***

އުސައިމީން އަވަދިނެތި އެއާޓްރެފިކް ބެލެހެއްޓުމުގެ މަސައްކަތުގައި އިނދެފައި ކޮފީއެއް ބޯލަންގޮސް ކޮފީ ރޫމަށް ވަންއިރު ސީތުގެ ގައިގާ އަޅައިނުގަތީ ކިރިޔާއެވެ. އުސައިމީން އަވަހަށް އަތް ދުރުކޮށްލާފައި އަތް ހިއްލައިލިއެވެ."ސޮރީ...."

ސީތު ބީރައްޓެއްސެއްފަދައިން އޭނަ ފެނުނުކަމަށްވެސް ނަހަދާގޮސް އެންމެ ކަނުގައި ހުރި މޭޒުދޮށުގައި އިށީނެވެ. ކޮފީތަށި ތުނބުގައި ޖެހިއެވެ. އުސައިމީން ސީތުގެ މޭޒުކައިރިއަށްގޮސް މޭޒުގައި އަތްތިލަ ވިއްދައިލިއެވެ.

"ސީތު...ކޮފީއަކީ އެހާ ރަގަޅު އެއްޗެއް ނޫނެއްނު.."

"ތިއީ ކާކު؟ އަހަންނަށް ރަގަޅާއި ހެޔޮބުނެދޭން؟ ޕްލީޒް ލީވް.." ސީތުގެ އަޑުގައި ރުންކުރުކަމެއް ހުއްޓެވެ.

"ސީތު. އަހަރެން ބޭނުމެއްނޫން އެކުވެރިއަކަށް ދެރައެއްދޭން...މިހިރީ ތިދަރިފުޅުގެ ބައްޕައަށްވާން ތައްޔާރަށް..." އުސައިމީންގެ އަޑުގައި ތަފާތު އަސަރެއް ހުއްޓެވެ.

"ސުބުހާނަﷲ...ހާދަ ރަގަޅޭ..ހީކުރިވަރަށްވުރެ މާތް.....ތެންކިއު އުސައިމީން. ﷲ ތިކަމުގެ ޖަޒާ ދެއްވާށި.."

"މިއީ ހުއްދަކަމެއްނޫން ސީތު..ޖަޒާ ދެއްވާނީ އެމީހާގެ ހެޔޮ އަމަލުތަކަށް..."

"އައި ނޯ..އައި ނޯ.....ފަހުން އުސައިމީން ރިގްރެޓެއްނުކުރާނެ...." ސީތު ހިނިތުންވެލިއެވެ. އުސައިމީން ކުރިމަތީގައި ހުރި ގޮނޑީގައި އިށީދެ އޭނަ ދެން ހަދަންވީގޮތަކާއިމެދު ވާހަކަދައްކަން ފެށިއެވެ. ހިތުގައި އެއްވެސް އުފަލެއް ހަމަޖެހުމެއްނެތެވެ. އޭނަގެ ހިތް ރޮނީއެވެ. ޒޯޔާގެ މަތިން އެހިތް އަދިވެސް ހަނދާނެއްނުނެތެއެވެ.ވީއިރު އެއްވެސް އަންހެންކުއްޖެއްގެ ހިތުން ލޯތްބެއް މަގާމެއް ހޯދާކަށް ހިތަކު ނެތެވެ. އުސައިމީން އެތަނުން ތެދުވެގެން ހިނގައިގަތީ އޭނަ ސީތުގެ މައިންބަފައިންނާއި ބައްދަލުކުރާނެކަމަށް ބުނެފައެވެ.

***

ސަފާޔާއާއި ރަޖްވާއާއި ދެކުދިން ނިގާބުގައި ތިބިއިރު މަގުމަތިންދާ މީހުންނަށް އެކުދިން ވަކިކުރަން ނޭގޭނެކަމުގެ ހިތްހަމަޖެހުން ޔަގީނުންވެސް ސަފާޔާއަށް ލިބިފައިވިއެވެ. ޒިޔާމްއަށްވެސް އޭނަ މިހެދުމުގައި ހުއްޓާ ފެނުމުން ދެނެގަންނަން ފަސޭހައެއްނުވާނެއެވެ. ބާޒާރުކޮށްލަން އައިގޮތަށް މޯލަށް ވަދެ ރީތިވާ ސާމާނުތަކާއި އެއްޗެހި ގަނެގެން ކޮތަޅުތައް ހިފައިގެންގޮސް މޯލްގެ ރެސްޓޯރެންޓަކަށް ވަދެލިގޮތަށް ރަޖްވާ އޭނައާއި އޮމަރުގެ އެންގޭޖްމެންޓްގެ ވާހަކަތައްވެސް ކިޔާދިނެވެ. އެއްވެސް ވަރަކަށް ފިރިހެނަކަށް އިތުބާރުނުކުރެވޭތީ މިއީ ހިތް މަތީ ހިލަ ބަހައްޓައިގެން ބައްޕަމެންނަށްޓަކާ ވާ ގުރުބާނީއެއްކަމުގައި އޭނަ ބުންޏެވެ.

"ރަޖްވާގެ ބަދަލުގައި އަހަރެން ދަންތަ؟"

"ތިބުނީ؟" ރަޖްވާ ބުމަ އަރުވައިލިއެވެ.

"ދެމީހުންވެސް ނިގާބު އަޅައިގެން ތިބީމަ ވަކިކުރާކަށް ނޭގޭނެ ތާ...ސޯ ރަޖްވާގެ ބަދަލުގައި އަހަރެން އޮމަރުއާއި މެރީކުރުން ކިހިނެއްވާނެ؟ އަހަރެންވެސް ބޭނުން އެފަދަ ރަގަޅުކުއްޖެއް.އޭނަ އަކީ ޝޭޚެއްހެން މަށަށް ހީވަނީ.."

ކޮމެންޓް 0