"މައިންބަފައިން ގެ ގައިގެ ބާރު ދޫވެ މުސްކުޅިވެފައިވަނިކޮށް އެދެމީހުންނަށް އޯގާތެރިވެ އަޅާލާ ޚިދުމަތްކޮށްދިނުމަކީ ދެދުނިޔޭގެ ނަސީބާއި ބާއްޖަވެރިކަން ލިބޭނެ ކަމެކެވެ. ތިބާގެ ދަރިންނަށްވުރެ މައިންބަފައިންގެ ކަންތައްތަކަށް އިސްކަންދޭށެވެ. އެންމެ ފުރަތަމަ މައިންބަފައިންނަށް ޚިދުމަތްކޮށްދީފައި ދަރިންނާއި އަޅާލާށެވެ. ނޫނީ ނޭގުމުގެ ތެރޭގައިވެސް މައިންބަފައިންގެ ހިތުގައި ޖެހިދާނެއެވެ. މައިންބަފައިންނަށް އޯގާތެރިވެގެން ﷲ ތައާލާގެ ތަނަވަސް ރަހުމަތް ލިބިގަންނާނެ ބަޔެއްކަމުގައި އަޅަމެން ލައްވާށިއެވެ."

***

"ތިކަމެއްނުވާނެ ދަރިފުޅު..."މަންމަ އަންދަލާ ކަންބޮޑުވުމާއެކު ޕާންފޮތިވެސް ތަށިތެރޭގައި ބާއްވާފައި ނެޕްކިން އިން ތުންފޮހެލިއެވެ."ބައްޕަގެ އެކުވެރިޔާ ޖަހާންގީރުގެ ކުރިމަތީގައި އެހާބޮޑަށް ލަދުގަންނަވައިލަން އޮމަރުއަށް ކެރޭނެ؟ ބައްޕަގެ އަގެއްވެސް ހުންނަންވާނެއްނު. އޮމަރުކައިރިން އަހާފައި އޯކޭވެގެން މިހުރިހާކަމެއް ނިންމީ.."

"މައްސަލައަކީ ރަޖްވާ..އަޅުގަނޑެއްނޫން މަންމާ..."

"ރަޖްވާ އެހެން ބުންޏަސް ޖަހާންގީރު ތިކަހަލަ ވާހަކައެއް ނުދައްކާ.."

"މަންމާ.....ރަޖްވާ ބޭނުންވަނީ ބައްޕަމެންނަށް ނާންގާ މިކައިވެނި ކުރިއަށް ގެންދަން.އޭނަ ފެމިލީއަށް އަދި ނޭންގިޔަސް އަޅުގަނޑު މަންމަމެންނަށް އަންގައިގެން ކުރިއަށް ގެންދަން ބޭނުންވީ........."

"ސަފާޔާއަކީ ކާކުތަ؟"

"އަޅުގަނޑަކަށްވެސް އޭނަގެ ފެމިލީއެއް ނޭގޭ. ރަޖްވާ ސަލާމަތްކުރަންވެގެން ސަފާޔާ އަމިއްލައަށް ގުރުބާންވާން ނިންމީކަމަށްވާނީ. އޭނަގެ އެއްވެސް ކަމެއް ނޭގޭ. އެކަމަކު ތެދުވެރިކުއްޖަކަށް ވީމަ ލައިކްވެވިއްޖެ. އޮޅުވާލައިގެން ކައިވެނި ކުރަން ސަފާޔާ ބޭނުމެއްނުވި....."އޮމަރު ގެ ވާހަކަތައް ހުރިގޮތުން އޭނަގެ މަންމަ އަންދަލާ ހައިރާންވިއެވެ. އޮމަރު އެހާ ފަސޭހައިން އެކުއްޖާގެ ބަހަށް ހެއްލޭނީ ވަރަށް ޗާލާކު އަންހެނަކަށްވީމައެވެ. އަންދަލާއަށް މިއީ ބަލައިގަންނަން ފަސޭހަކަމެއްނޫނެވެ.

"އޮމަރު. މަންމަ ނުބުނާނަން ބައްޕަ އެއްބަސްވާނެއޭ. ތިބުނާ ކުއްޖެއްގެ ފެމިލީ ބެކްގްރައުންޑާއި އެއްޗެހިވެސް ބަލައިލަން ޖެހޭނެ..."

"މަންމާ. އިޓްސް ނޮޓް މައި ފޯލްޓް..ރަޖްވާ ބޭނުންނުވަންޏާ އެހިސާބުން އެކުއްޖާ ބޭނުންގޮތަކަށް ލައިފް.........."

"މަންމާ..ޑިވޯސީއަކަށްވުރެ އާ އަންހެންކުއްޖެއް ދޮންބެއަށްވެސް މާ ރަގަޅުވާނެ. އެކްސްއިންގެ އުދަގޫތަކާއި އެއްޗެހި ފޯރާ ފަހަރު މަދެއްނޫން...މިބުނީ ރަޖްވާގެ އެކްސް ދޮންބެއަށް ތްރެޓްކުރަން ފަށައިފިއްޔާ؟" އޮރްހާން އުމުރަށްވުރެ ހަރު މީހެއްހެން ވާހަކަދެއްކިއެވެ."އަޅުގަނޑުވެސް ބޭނުމީ ދޮންބެ ސަފާޔާ އާއި މެރީކުރުން..."

"މީ ޓޫ.."އާންޔާވެސް އަވަހަށް ބުނެލިއެވެ. އޮމަރު ދެކުދިންނަށްވެސް ލޯ މަރައިލަމުން ހިނިތުންވެލީ ތާއީދުކުރީތީއެވެ. ބެލުމުގައި ޝުކުރާއި ލޯބިވިއެވެ.

"އެނީ އަށްވެސް އެންމެ ފައިދާ ވާނީ ދޮންބެ ރަޖްވާއާއި އިނީމަ.."

"އެއީ ކީއްވެތަ މަންމާ.." އާންޔާ ލޯ ކުޑަކޮށްލިއެވެ.

"އަރްސަމްއާއި އާންޔާގެ ކައިވެނި ހަމަޖައްސަންވެސް ވާހަކަދެކެވިފައިވާތީ.........................."އަންދަލާގެ ޖުމްލައިން އާންޔާ ލޯ ބޮޑުކޮށްލިގޮތަށް މޭޒުގައި ބޯ އަޅައިލިއެވެ.

"ޔާﷲ ސޭވް މީ....މަންމާ. ޕްލީޒް އައިމް ނޮޓް އިންޓެރެސްޓެޑް.. ތި ބުނާ އަރްސަމްގެ ވައިފްއާއި ކިޑް ފްލައިޓް ވެއްޓުމުގެ ހާދިސާގައި ނިޔާވީދޯ އެފަހުން ކޮން ޒަމާނެއް މީހަކާއި ނީދެ އެހެން ހުންނަތާ...އޭނައަކީ މުސްކުޅިއެއްނު. މެންޓަލްވެފައި ހުންނާނީ. އައިމް ޖަސްޓް ނައިންޓީން މަންމާ...ބައްޕަ އެވަރު ކަމެއް ހަމަޖެއްސެވިއިރު ނުވެސް ބުނުއްވާ. ސޮރީ............އައިމް ނޮޓް މެރީން ދެޓް އޯލްޑް ހެގް............."އާންޔާ ތުންފިތައިލުމަށްފަހު ތެދުވުނެވެ. ހުދާއި ކަޅުގެ ހުރަސްރޮގުދެމި ޓީޝާޓަކާއިއެކު ޖިންސެއްލައިގެން ހުރިއިރު ބައްޓަން ރީތި ހަށިގަނޑަކާއި ދިގު ފަން އިސްތަށިގަނޑެއް އާންޔާއަށް ލިބިފައިވިއެވެ. އެލްމަންޑް ލޮލަކާއި ހިމަ ބުމައެކެވެ. ވަށް މޫނެކެވެ. މަންމަމެންގެ ހަރުކަށިކަމާއި ބޭބެގެ "އަޅުވެރި"ކަމުން އާންޔާއަށް ޖެހެނީ އެމީހުން ގަބޫލުކުރާ އުސޫލުތަކަށް ތަބާވެ އަބާޔާ ހެދުމުގައި ގެއިން ބޭރަށް ދިޔުމަށެވެ. އެގޮތް އާންޔާއަށް ކަޓުނަމަވެސް އުޅެންޖެހިފައިވަނީ އޭނައަށް ލިބިފައިވާ ރީތިކަން ޒުވާން ފިރިހެންކުދިންނަށް ފޮރުވައިގެންނެވެ. ދީނުގައި އޮންނަނީ އެހެން ވިޔަސް މި ޒަމާނުގައި އެވަރުން ދީނަށް އުޅެނީ ކޮންބަޔެއްހެއްޔެވެ؟

"ބައްޕަ ކައިރީ ތިހެން ބުނަން ކެރޭނެތަ؟"

"މަންމަ ބުނެދީ. ޕްލީޒް.."އާންޔާ ކަރު އެލުވައިލިއިރު ރައްޓެހިވެގެން އުޅޭ ކުއްޖާގެ މަތިން ހަނދާންވުމުން ހިތަށް ތަދުވެ ރޮވެން އުޅުނެވެ. ބޭޒާރުވެއްޖެއްޔާ މަންމައާއި އެހެން އެންމެންގެ ގާތުގައި އޭނަގެ މާތްކަމާއި ގަދަރުކުޑަވެދާނެތީ ދެރަވިއެވެ. އެންމެން ދެކޭގޮތުގައި އޭނައަކީ މީހަކަށް ލިބޭނެ އެންމެ ރަގަޅު އަންހެންދަރިއެވެ. އަޅުވެރި ކިޔަމަންތެރި ހުރިހާ ރީތި ސިފަތައް އެއްކޮށްލައިގެން ހުރި އަންހެންކުއްޖެކެވެ.

"ނޫން އާންޔާގެ ހިތްވަރު ހުންނަންވާނެ. ބައްޕަ މަޖުބޫރުނުކުރާނެކަން އެންމެ ބޮޑަށް އެނގޭނީވެސް އާންޔާއަކަށްނު. ހުރި އެންމެ އަންހެންދަރި ނުރުހޭގޮތަށް އެއްވެސް ފިޔަވަޅެއް ބައްޕަ ނާޅާނެ. ޑޯންޓް ވޮރީ....."އަންދަލާ ކައިނިމިގެން ތެދުވުނެވެ." ބައްޕަ ރަށުން ދުރުވާއިރަށް އޮމަރުއާއި އާންޔާގެ ކޮންފްރޮންޓޭޝަނެއް އޮންނާނީ....މަންމައަށް ބައްޕައާއި ދެކޮޅަށް އެއްޗެކޭ ބުނަން ފަސޭހައެއްނުވާނެ...ބައްޕަގެ ދަރިންނަށް އެކަން ކުރެވޭނީ......"

"މަންމާ. މިއީ ދުނިޔޭގެ ނިމުމެއްނޫން. ވަރަށް ސިމްޕަލް ކަމެއް. ބައްޕައާއި ކުރިމަތިލާ ހަގުރާމައަކަށްދާން ޖެހޭ ހާލަތެއްވެސް ނޫން.. ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަގަޅަށް. ﷲ ތައާލާ ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ.. އާންޔާއަށްވެސް ލިޔުއްވާފައިވާ ބައިވެރިޔާ އަދި އަންނާނެ އިންޝާﷲ..." އޮމަރު މަޑުމައިތިރިކަމާއެކު ޖަވާބުދިނެވެ.

"ދޮންބެ ތިބުނީ ހަމަ ރަގަޅަށް...ލަވް ޔޫ...................."އާންޔާ ވަރަށް ލޯބިކޮށް ހިނިތުންވެލިއެވެ.

***

އަދްނާންއަށް އޭނަގެ ދަރިފުޅު އޮމަރު ރަޖްވާ ނޫން އަންހެންކުއްޖަކާއި ކައިވެނިކުރަން އުޅޭކަން އެނގުމުން ސިހުމެއްލިބުނެވެ. އެކަމާއި ދެކޮޅުވެރިކަން ފައުޅުކޮށް އޮމަރުއާއި ދިމާލަށް ދެތިން ބަސް ބުނެލާފައިވެސް އޮމަރުގެ ފަރާތުން ސަބަބު އޮޅުން ފިލުވުމާއެކު ދަރިފުޅު ގާތުން މާފަށް އެދުނެވެ. ރަޖްވާ ކައިވެނިނުކުރަން ބޭނުންވުމަކީ އޮމަރުގެ ކުށެއް ނޫނެވެ. ބައްޕައަށް ވިސްނުނީތީ އޮމަރު ހެއްދެވި ފަރާތަށް ޝުކުރުކުރިއެވެ. އޭނަގެ ދުޢާއަކީ ސަފާޔާވެސް އަޅުވެރި އަންހެންކުއްޖެއްކަމުގައި ވުމެވެ. ނިގާބީ އަންހެންކުއްޖަކަށް ސަފާޔާ ވުމެވެ. ނިގާބުގެ މަގުސަދު އެޅޭގޮތަށް ސަފާޔާ މީހުންނަށް ފިލަން ނިގާބު އެޅުމަކީ އޭނަދެކޭގޮތުން ގޯސްކަމެކެވެ. ނިޔަތް ރަގަޅުވާން ޖެހޭނެއެވެ. އިހުސާންތެރި ކުއްޖަކަށްވާން ޖެހޭނެއެވެ.

ކައިވެނީގެ ރެއަށްޓަކާ ތައްޔާރުވަމުން ދިޔައިރު ޖަހާންގީރު އަދި އެއާއިލާގެ އެއްވެސް މީހަކަށް ރަޖްވާއާއި ސަފާޔާގެ ރޭވުމުގެ ހިލަމެއްނުވިއެވެ. ކައިވެނީގެ ފޯމު ގެނެސް ސޮއިކުރުވާ ހުރިހާކަމެއްގައި އުޅުނީ އޮމަރުއެވެ.

***

ޒިޔާމް ދަތުރު ނިންމާފައި ގެއަށް އައިއިރު ސަބަބަކާއި ނުލާ ތަބީއަތު ގޯސްވެ ވެއްޓިގަނެވުނީ ސޯފާއަށެވެ. ޒޯޔާ ކޮޓަރިތެރޭ އުޅޭކަން އެނގުނީ ކޮރެއަން ޑްރާމާއެއް ބަލާ އަޑުއިވުނީމައެވެ. ޒޯޔާ ވަގުތު ދުއްވައިލަން ކުރާކަމަކީ ޑްރާމާ ބެލުމާއި ސޯޝަލް މީޑިއާގެ ބޭނުން ބޭކާރުގޮތުގައި ދުއްވައިލުމެވެ. އަތުން ފޯނު ނޫނީ ލެޕް ދޫކޮށްލެވޭ ހިދުކޮޅެއްވެސް ދާކަމަކަށް ނުވެއެވެ. ކުއްލިއަކަށް ޑްރާމާގެ އަޑު ކެނޑުމާއެކު ޒޯޔާ ތޫލި އަޑަކުން ހަޅޭއްލަވައިގެންފާ ނުކުމެގެން ދުވަމުން އައެވެ.

"ދޮންބެ...ވައިބާއަށް ސަފާޔާ ކާޑެއް ނުފޮނުވާތަ؟"

"ވަޓް؟"ޒިޔާމް ލޯ ހުޅުވާލީ ކަންނެތްގޮތަކަށެވެ.

"ސަފާޔާ މީހަކާއި އިންނަނީ...ވައިބާކޮށްފައި އެބައިން ކާޑެއް..މިހިރީނު.........."ޒޯޔާ ޒިޔާމްގެ މަގަތުގައި އިށީދެފައި ކާޑު ހުޅުވާލައިފިއެވެ."އޮމަރު ދަންނަންތަ؟"

"ކީކޭ؟ އޮމަރުއޭ؟" ޒިޔާމް ލޯ ހަނިކޮށްލަމުން އަހައިލިއެވެ.

"އާނ މިހިރީނު..." ޒޯޔާ ކާޑުދައްކައިލުމުން ލިބުނު ޝޮކާއިއެކު ތެދުވުނުގޮތަށް ބަލަހައްޓައިގެން އިދެވުނީ އެސްފިޔަޖަހައިލަންވެސް ނޭގިފއެވެ." ސަފާޔާ މެރީކުރަނީ؟ އޮމަރް އަދްނާންއާއި؟ އެވެސް ޕައިލެޓެއް..........އެއާބަސްގެ ކެޕްޓަނެއް....."

"އޯ.....އެހެންވީމަ ދޮންބެ އޭނަ ދޫކޮށްލީމަ ފޮނި ދައްކަން ދޮންބެއަށްވުރެ މަތީ މީހެއް ހޯދީތާ......ފޫހިކުއްޖާގަނޑެއް ހުވާ."ޒޯޔާ ތުންފިތައިގަތެވެ. "އެކަމަކު ޔަގީންވޭ ތިބުނާ އޮމަރުއަށް ރީތިކަމުގެ ދާއިރާއިން ދޮންބެ ހިނގިމަގަކުން ނުހިގޭނެކަން.."

ޒޯޔާ ކިޔާ އެއްޗެއް އެހުމެއްނެތި ޒިޔާމް އޭނަގެ ފޯނު ހިފައިގެން ހިނގައިގަތީ ކޮޓަރިއާއި ދިމާލަށެވެ. މޫނުމަތިން ފެނުނު މާޔޫސްކަމާއި މޮޅިވެރިކަން ޒޯޔާގެ ހިތުގެ ހަމަޖެހުންވެސް ނަގާލައިފިއެވެ.

ޒިޔާމް ފުލުފުލުގައި ކޯލުކުރިޔަސް ސަފާޔާ ޖަވާބެއްުނުދިނެވެ. ސަފާޔާއަށް އެތައް މެސެޖެއްކުރިއެވެ. އެގޮތަށް އޭނަގެ ހިތް ހަލާކުކޮށްލާފައި އެހެން ކައިވެންޏެއްކޮށްގެން ހަމަޖެހިގެން ދިރިއުޅެވުނުނަ ނުދޭނެކަމަށާއި އޮމަރަށް ހަގީގަތް ކިޔައިދޭނެކަމަށް ބުނެ ބިރުދެއްކިއެވެ. ކައިވެނިކުރާ ގަޑިއަށް އެތަނަށް ހާޟިރުވެ ސަފާޔާ ބޭވަފާތެރިވީކަން އިއުލާން ކުރާނެކަމަށާއި އެންމެންގެ ތެރޭ ފަޟީހަތްވެ ލަދުގަންނަން ބޭނުން ނޫނިއްޔާ ކައިވެނި ހުއްޓައިލަން އިންޒާރުކުރިއެވެ. އެއިން މެސެޖެއް ބަލައިލިކަމެއްވެސް ނޭގެއެވެ. ސަފާޔާ ކަންތައްކުރިގޮތާއިމެދު ރުޅިއައިސްރަތްވެ ޒިޔާމް ކޮޓަރިތެރޭ ދެކޮޅަށް ހިނގަންފެށިއެވެ.

***

އޮމަރުއާއި ސަފާޔާގެ ކައިވެންޏަށް ދެފަރާތުގެ އާއިލާއިން ހާޟިރުވަމުން ދިޔައިރު ސަފާޔާވެސް އިނީ ނިގާބު އަޅައިގެން ހެދުމުގެތެރޭ ފޮރުވިގެންނެވެ. އާއިލާގެ މީހުންތައް ގޭތެރޭގައި ހަރަކާތްތެރިވަމުން ދިޔައިރު ސަފާޔާއާއި ރަޖްވާވެސް ހާސްވީ ފަޅާއަރާފާނެތީއެވެ. ސަފާޔާ އަނގައިން ބުނުމެއްނެތި ހިމޭންކަން ޚިޔާރުކުރިއިރު ރަޖްވާ އުޅުނީ ސަފާޔާ ކަމަށް ހެދިގެން ބަދިގޭ ބައިގައެވެ.

ޒަހްރާއާއި ހާލާ ކޮޓަރިއަށް ވަންއިރު ނިގާބުގައި ތިބި ދެ އަންހެންކުދިން ފެނުނެވެ.

"މިތަނުން ރަޖްވާއަކީ ކޮބައިތަ؟ މިކުދިން މި ހެދުންލައިގެން ތިބީމަ ވަކިކުރަންވެސް ނޭގުނު............"ޒަހްރާ އަތް ޖައްސައިލީ ރަޖްވާގެ ބޮލުގައެވެ. އަމިއްލަ ދަރިފުޅު ވަކިކުރުމަކީ މަންމައެއްގެ ޟަމީރަށް އުދަގޫކަމެއްނޫނެވެ. ދޮރުމަތިން ބަޔަކު ސަލާމް ދިނުމުން އެމީހުން އެނބުރުނުއިރު އެވެސް ނިގާބު އަޅައިގެން ތިބި އަންހެނުންތަކެވެ. އަންދަލާއާއި ޒަހްރާ އަދި ހާލާ ސަލާމްކުރުމަށްފަހު އާންޔާ ގެނެސް އެނދުގައި ބޭންދިއެވެ.

"މިކުދިންތައް ވަކިކުރަންވެސް މިއަދު ފަސޭހައެއްނުވި.."

"ކައިވެނި ކުރެވުނީމަ ސަފާ އަންހެންވެރިންނާއި ސަލާމްކޮށް ފޮޓޯނަގާއިރު ނިގާބު ނަގަންވާނެ ދޯ. އެހެދުމުގައި ސަފާ ވަރަށް ރީތިވާނެކަން ޔަގީން..............."އަންދަލާ ބުނެލިއެވެ.

"ސަފާޔާއެއްނޫން. ރަޖްވާ..."

"ނޫން ސަފާގެ ކައިވެނި މިއަދު ކުރެވެނީ..............."

ސަފާޔާގެ ނަން އިވުމާއެކު ހާލާގެ ފައިދަށުން ބިންގަނޑުދެމިގަތްހެން ހީވިއެވެ. އަންދަލާ ނިކަން އަވަހަށް ހަގީގަތް ކިޔާދިނުމުން އެންމެން ގަނޑުވެ ބުނާނެ އެއްޗެއް ނޭގިފައިތިބިއިރު ރަޖްވާއާއި ސަފާޔާ މިގޮތަށް ޑްރާމާއެއް ކުޅެން ޖެހުނު ސަބަބެއްވެސް ވިސްނައިގަންނާކަށް ނޭގުނެވެ. ހަގީގަތް އެނގުމާއެކު ކައިވެނި ކެންސަލް ކުރަން އެދެން ޒަހްރާ ބޭނުންވިއެވެ. ޖަހާންގީރަށް މެސެޖްކޮށްގެން ކޮޓަރިއަށް ގެންގޮސް އެ ވާހަކަތައް ހިއްސާކުރުމުން ޖަހާންގީރަށްވެސް ބޮލުގައި ހިފަހައްޓާލައިގެން އިނދެވުނެވެ. ޒަހްރާ ހިތާމަކުރިޔަސް ހާލާއަށް ތަފާތު އުފާވެރިކަމެއް ލިބި އެކަން ބަލައިގަންނަން ފަސޭހަވީ އެންމެ ސަބަބަކާއިހެދިއެވެ. އޭނަދެކޭގޮތުން ރަޖްވާއަކީ ޖާރިދްގެ އަނބިމީހާއެވެ. ގިޔާމަތްދުވަހުންވެސް އެކުދިން އެކީގައިވުމަކީ އޭނަގެ ދުޢާއެވެ.

***

ރަޖްވާގެ ބޭބެމެން ހަފްލާއަށް ތައްޔާރުވެލައިގެން އައިއިރު އަންހެންކުދިންގެ ނަޒަރުގައި އަޅައިގަންނަފަދަ ތަފާތު ރީތިކަމެއް ކޮންމެ ޒުވާނެއްގެ ގައިގާ ހުއްޓެވެ. ޝަޚުސް ވަރުގަދަވެފައި މީހުންތަކުގެ ތެރެއިން ފާހަގަކުރެވޭހާ އިސްކޮޅާއި ފިރިހެންވަންތަ ސިފަތަކެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑެވެ. އެންމެންގެ ޅިޔަނަށްވާން އުޅޭ އޮމަރުގެ އިސްތަށިގަނޑު ތަންކޮޅެއް ދިގުކޮށް އޮތަސް އެހެން ސިފަތައް އެ ޒުވާނުންނާއި ވައްތަރެވެ. އެންމެން މޭޒުދޮށުގައި އިށީންނަމުން ދިޔައިރު އެކަކަށްވެސް އޭރު ވާން އުޅޭގޮތެއް ރޭކާނުލައެވެ. ތަންކޮޅެއް ދުރުގައި ހުރި އާންޔާ ރަޖްވާގެ ބޭބެމެންގެ ތެރެއިން އަރްސަމް ދެނެގަނެވޭތޯ ބެލިއެވެ. އޭނައަށް އެނގުނީ މޭޒުދޮށުގައި ތިބީ ރަޖްވާގެ ބޭބެމެންކަމެވެ. އެތަނުން ފެނުނު އެއް މޫނަކަށް ނަޒަރު ހުއްޓައިލެވުނުގޮތަށް އާންޔާއަށް ހުރެވުނީ ނަޒަރު ވަކިކޮށްނުލެވިފައެވެ.

"އެއީވެސް ރަޖްވާގެ ބޭބެއެއްތަ؟"އާންޔާ އޭނަގެ މަންމަގެ ކަންފަތްކައިރީގައި އަހާލައިފިއެވެ.

"އުސައިމީން...........ހޫމް ކިހިނެއްވީ؟"

"އޭނަ ތަފާތު ވީމަ.."

އަންދަލާ ހިންދިރުވައިލިއެވެ. އުސައިމީންގެ ހަގީގަތާއިބެހޭގޮތުން އޭނަގެ ކަންފަތާއި ހަމަޔަށްވެސް އެފަދަ ވާހަކައެއް ފޯރާފައިވީ ނަމަވެސް އެވާހަކަ ގަބޫލުކުރަން އޭނަގެ ޟަމީރު ދެކޮޅުހެދިއެވެ. މުއްސަދިން ފާފައެއްކުރިޔަސް އެކަން ފޮރުވަން ނޫނީ އެއްފަރާތްކޮށްލަން އެންމެންވެސް މަސައްކަތްކުރާނެއެވެ. ފަޟީހަތްވާނީ ނިކަމެތިންނެވެ. މުއްސަދިން ފާފަތަކުން ބޯ ދަމައިގަންނާނެއެވެ.

"އެއިނީ އަރްސަމް. ކިހާ ހެންޑްސަމް....އާންޔާއާއި ކިހާ ގުޅޭ.."އަންދަލާ ވާހަކަދެއްކީ ނިކަން މަޑުންނެވެ.

"މަންމާ............ހީޒް އޯލްޑް.."

"އޯލްޑް އިޒް ގޯލްޑް...ކާކު ބުނާނީ އަރްސަމްއާއި އާންޔާގެ އުމުރުގެ ތަފާތެއް ހުންނާނެއޭ. އެހާވެސް އަރްސަމް ސްމާޓް. ކޮންމެ އަންހެންކުއްޖަކު ހިތްއެދޭނެ ހުރިހާ ސިފަތަކެއް އަރްސަމްގެ އެހެރީ..."

"ނޮޓް މައި ޓައިޕް މަންމާ..."އާންޔާ ވާހަކަދެއްކުން ހުއްޓައިލަން އަންދަލާ އިޝާރާތްކުރީ ގާޒީން އަންނަތަން ފެނުމުންނެވެ. ގޮނޑިތައް ފުރެމުންގޮސް މޭޒުވަށައިގެންވާހާ ގޮނޑިތައް ފަޅުފިލިއެވެ. ޖަހާންގީރުގެ މޫނުމަތިން ފެނުނީ ހަމަޖެހިފައި އިންކަމުގެ ކުލަވަރެވެ. ޝުއޫރުތައް ފޮރުވަން ކުޅަދާނައެވެ. ހިތް ހަލާކުވާއިރުވެސް އޭނަގެ މޫނުމަތިން ފެންނާނީ އެހެން އިހުސާސްތަކެވެ.

ގާޒީ ކައިވެނިކޮށްދެމުންގޮސް ރަޖްވާގެ ނަމުގެ ބަދަލުގައި އެހެން ނަމެއްކިޔުމުން ރަޖްވާގެ ބޭބެމެންނާއި އެހެން ބައެއް އާއިލާ މީހުންވެސް ހުއްޓުންއެރިއެވެ.ސިހިފައި އެކަކު އަނެކަކަށް ބަލައިލެވުނެވެ.ގަނޑުފެން ފަދައިން މުޅި ހަށިގަނޑުގައި ދުވެލީ ޝޮކްގެ ރާޅުތަކެވެ. ރަޖްވާގެ ބަދަލުގައި ނިގާބުގައި އިނީ ހަމަ އެގޭގައި ޚާދިމާއަކަށް ހުންނަ ސަފާޔާ ހެއްޔެވެ؟ ބައްޕައަށް ގޮންޖަހާފައި ރަޖްވާވެސް އެކަމަށް އެއްބަސްވީހެއްޔެވެ؟

ނުނިމޭ

ކޮމެންޓް 0