"ތިބާ އެންމެ ހިތްއެދޭގޮތަށް ދިރިއުޅުން ބައްޓަން ނުކުރެވި ހިނގައިދާނެއެވެ. އެއީ ހަޔާތުގެ އެއް ބަޔެވެ. އެފަދަ ގޮތެއް ދިމާވާއިރު އަމިއްލަ ނަފުސާއި ސުވާލުކުރަން ޖެހޭނީ ތިމާއަށް އިޚުތިޔާރު ލިބިފައިވާ ކަންތައްތަކާއި އިޚުތިޔާރެއް ނެތް ކަންތައްތަކަށެވެ. އިޚުތިޔާރުގައިވާ ކަންތައްތަކަށް ފޯކަސްކޮށް އެކަންތައް ހައްލުކުރަން މަސައްކަތްކުރާށެވެ. އިޚުތިޔާރުގައި ނެތްކަންތައްތަކަށް ﷲ ތައާލާއަށް ބަރޯސާވެ ވަކީލުކުރާށެވެ. ސަބަބަކާއި ނުލާ ހިތާމަކޮށް ވިސްނިޔަސް ރަގަޅު ނަތީޖާއެއް ނުނިކުންނާނެއެވެ. ކޮންމެ ކަމަކަށް ހައްލެއްވެއެވެ. ބައެއްފަހަރު ހައްލަކީ ކެތްތެރިކަމެވެ. ޕޮޒިޓިވްކޮށް ވިސްނުން ބައްޓަންކޮށް ﷲއަށް ތަވައްކަލުކޮށް ކެތްތެރިވެ ދިރިއުޅުމާއި ކުރިމަތިލާށެވެ."
***
ސްކައިއެއާގެ މަތިންދާބޯޓު ފުރަން ތައްޔާރުވަމުން ދިޔައިރު ޒިޔާމް ބޯޓުގެ ވަށައިގެން ހިނގަމުން ދަނިކޮށް ނަޒަރުގައި އަޅައިގަތީ ރޯޒްއެވެ. ޔުނިފޯމްގައި ފެންނަލެއް ރީތިކަމުން ބަލާބަލާ ފޫހިވުމެއްނެތެވެ. ސަފާޔާވެސް މިހެން ހެދުން އަޅާލާ މޭކަޕްކޮށްލުމުން މިއަށްވުރެ ފުރިހަމަވާނެއެވެ. ސަފާޔާގެ ހެދުމުގެ ސްޓައިލް ތަންކޮޅެއް ރަށްފުށުވެފައި އެއްވެސް މޭކަޕެއް ނެތުމުން އަންހެންކުދިންގެ ހުންނަން ޖެހޭ ދިލްކަޝް ބައި މަދުވަނީއެވެ.
"ސަފާ މަތިން ހަނދާންވިޔަސް އެފަދަ ފަގީރުކުއްޖަކާއި ގުޅިގެން ލައިފެއް ނުހޯދޭނެ...އެހެންވީމަ ހަމަ ރަޖްވާ ކަހަލަ މުއްސަދި އަންބެއްބޭނުމީ. ސަފާ ބުނާނެ އިންތިޒާރުކުރާށޭ. ދުޢާކުރާށޭ. ކޮންމެވެސް ދުވަހަކުން ހުރިހާކަމެއް ހަމަޖެހޭނެއޭ. އެކަމަކު އެއީ އެހާ ފަސޭހަކަމެއްތަ؟ މަވެސް މިހާރު އަތުގައި ފައިސާ ނެތަސް އެހެން އެޕާޓްމެންޓެއް ނަގަން މިއުޅެނީ. މަންމައާއި ޒޯޔާއަށް ކޮމްފޮޓަބްލަ ލައިފެއް ހޯދަދޭން...ލިބޭ ފައިސާއަށްވުރެ ކުރަންޖެހޭ ޚަރަދުތައް ބޮޑު...މަސްނިމޭއިރަށް އެތައް ބިލެއް އަންނާނެ..." ޒިޔާމްގެ ސިކުނޑި ވަކާލާތު ކުރެވެމުން ދިޔައީ އޭނަގެ ބޭވަފާތެރިކަމަށް އިންސާފު ހޯދުމަށެވެ.
ރޯޒްގެ އެއްވެސް ސަމާލުކަމެއް ނުލިބުމުން ޒިޔާމް ހިތްހަމަނުޖެހޭގޮތްވިއެވެ. އޭނައަށްވެސް ރުސްލާން ކަމުދަނީ މުއްސަދިވެފައި އިއްޒަތްތެރިން ވީމަހެއްޔެވެ؟
"ޓައިރުތައް ރަގަޅު. ޑެންޓެއްނެތް...އޮއިލް ލީކް..ފިއުލް ލީކެއްނެތް.."ޒިޔާމް މަތިންދާބޯޓުގެ އެއްވެސް މައްސަލައެއް އުޅޭތޯ ޗެކްކޮށްލީ ފުރުމުގެ ކުރިން ޕައިލެޓް ކޮންމެހެން ފުރިހަމަ ކުރަން ޖެހޭ ޒިންމާގެ ދަށުންނެވެ. ނަސީބަކުން މިއަދު ދަތުރުކުރަން ޖެހުނީ އެހެން ކެޕްޓަނަކާއެކުގައެވެ. ޖަހާންގީރުގެ ދަރިއެއް ހުރެއްޖެއްޔާ އޭނަ ނުތަނަވަސްވެ އަތުން ގޯހެއްވެސް ހެދިދާނެއެވެ. ހުރިހާ ސަމާލުކަމެއް އުދުހުމަށް ދޭންޖެހޭއިރު އެހެން ކަމެއް ބޮލުތެރޭ އެނބުރުމަކީ މިހާބޮޑު ޒިންމާއެއް ނަގައިގެން ހުރެ ހެދޭނެ މޮޔައެކެވެ.
އާދައިގެ މަތިން ފްލައިޓް ނައްޓާލުމަށްފަހު ކްރޫޒް ސްޕީޑަށް އަންނާންދެން ކެޕްޓަނާއި ޒިޔާމްގެ ހުރިހާ ސަމާލުކަމެއް އުދުހުމަށް ދެވުނެވެ.
"ކޮފީއެއް؟" ރޯޒްގެ އަޑުން ޒިޔާމްއަށް ބަލައިލެވުނެވެ.
"ލައްބަ....ކަޅު ކޮފީއެއް..." ޒިޔާމްގެ ލޮލުގެ ވިދުންގަދަވިއެވެ. އިރުގަނޑެއްވާންދެން ރޯޒްގެ މަލެއްފަދަ މޫނަށް ބަލަން އިނދެވުނެވެ.
"ޝީޒް ޕްރިޓީ ދޯ..."ކެޕްޓަން މަޖާހިނިގަނޑެއް ޖަހައިލިއެވެ.
"ޝްޝްޝް...ޓޭކެން..." ޒިޔާމް އަވަހަށް ބުނެލިއެވެ.
"ޔޯސްތަ؟"
"ނޫން. ކެޕްޓަން ރުސްލާންގެ..."ޒިޔާމް ކަރުކެހިލިއެވެ.
"އޯ....އަހަރެން ހީކުރީ ޒިޔާމް ފްލާޓްކުރަނީކަމަށް.." ކެޕްޓަންގެ ޖުމްލައިން ޒިޔާމްގެ ހިތަށް ފިނިވެގެންދިޔައެވެ. ތުންތުންމަތިންގޮސް ރުސްލާންއަށް އެ އަޑުއިވި އޭނަގެ އަގުވެއްޓިއްޖެއްޔާ ވާނެގޮތެއް ދެނެވޮޑިގެންވަނީ ﷲ ތައާލާއެވެ.
"އަހަރެންގެ އިމޭޖް ހަޑިވުން ނޫންކަމެއްނުވާނެ. ޖަހާންގީރުގެ ދަރިއެއްގެ ލޯބިވެރިއަކާއި ފްލާޓްކުރަން ހިތަކަށްވެސް ނާރުވާނަން..."ޒިޔާމް ހީގަތެވެ."އަހަންނަކީ ލޯޔަލް މީހެއް. މެރީކުރަން މިއުޅެނީ.."
"ރިއަލީ؟އެހެންވެއްޖެއްޔާ ސޮރީ.."
ޒިޔާމް އެހެން މީހުންގެ ކުރިމަތީގައި ކިތަންމެ މާތްވެގެން އުޅުނަސް ފަރުދާގެ ނިވަލުގައި އޭނަގެ އަނދިރިފަރާތެއް ވެއެވެ. އެންމެ ގާތް މީހުންނަށް ނޫނީ އެސިއްރުތައް ނޭގޭނެއެވެ. ބައެއްދުވަހު ފްލައިޓުން އެރިގެން އެގްރޫޕާއިއެކު އެމީހުން ހިފާފައި ހުންނަ އެޕާޓްމެންޓަށްގޮސް ޕާޓީކޮށް މަޖާނަގާފައި އުޅޭއިރު އަންހެންކުދިންވެސް ބައިވެރިވެއެވެ. ނަމަވެސް އެއީ އެހެން ބަޔަކަށް އެނގޭނެ ސިއްރެއްނޫނެވެ. އޭނަގެ އެންމެ ގާތް އެކުވެރިންނާއެކު އޮންނަ މުނިފޫހިފިލުވުމެވެ. އެކަމަށް އޭނަގެ ޖީބުންވެސް ޚަރަދުހިނގައެވެ. ރަލާއި މިއުޒިކާއި ފިލްމުތައް ބަލާ ސަކަރާތްޖެހިޔަސް ފަހުން އެކަމާއި ފިކުރުބޮޑުވެއެވެ. ބޭޒާރުވެދާނެތީ އެތަނަށް ނުދާން ބޭނުންވިޔަސް އެންމެ ފަހުފަހަރު ކަމަށް ދެވެނީއެވެ. ޕައިލެޓުންނާއި ކެބިންކްރޫއިންގެ ގޮތުގައި ތިބެ ޝަޚުސިއްޔަތަށް އަސަރުކުރުވާނެ ކަމެއްކުރުން ރައްކާތެރިކަމަށް ގަބޫލުވެސް ނުކުރެވެނީއެވެ. އޭނައަށް ނޭގެނީ އޭނަގެ ޝަޚުސަށް އެކަމުން ލިބިދާނެ ގެއްލުމެކެވެ. އިހުސާންތެރިކަމެއް ނެތްކަމެވެ. އެހެން މީހުންނަށް ނޭގުނަސް ތިމާ ހެއްދެވިފަރާތުން އޭނަގެ ހުރިހާ އަމަލެއް ދެކެދެނެވޮޑިގެންވާކަމެވެ.
***
އުސައިމީން ހުސްވަގުތުކޮޅުގައި ކޮފީއެއް ބޯލަން އެމީހުންނަށް ދީފައި ހުންނަ ސައިކޮޓަރީގައި އިންއިރު ރަންވޭ ބިއްލޫރި ދޮރުތަކުން ރަންވޭ ރީއްޗަށް ފެންނާން އޮތެވެ. މަތިންދާބޯޓުތަކުގެ ހަރަކާތްތަކަށް ބަލަން އިންކަމުގައި ހީވިޔަސް އޭނަގެ ސިކުނޑީގައި އެނބުރެމުން ދިޔައީ ޒޯޔާއެވެ. އޭނައާއިދޭތެރޭ ކަންތައްކުރިގޮތުން ހިތަށް ކުރި އަސަރު އޭނަ ފޮރުވީ ހިތުގެ އެންމެ ފުނުގައެވެ. ދުވަހަކުވެސް އަންހެނަކަށް އިތުބާރުކުރާނީ ކިހިނެއްހެއްޔެވެ؟ ޒޯޔާ އޭނަގެ ހިތާއި ސިކުނޑިވެސް މުޅިން ހަލާކުކޮށްލައިފިއެވެ. ސީތު ފާޚާނާއިން ނިކުމެގެން އައިއިރު ލޯރަތްވެ ދުޅަކަމެއް ހުއްޓެވެ. އޭނަ އައިސް އިށީނީ ކުރިމަތީގައި ހުރި ގޮނޑީގައެވެ.
"އާ ޔޫ އޯކޭ؟" އުސައިމީން އަހައިލިއެވެ.
"ނޫން އޯކޭ ވާނީ ކިހިނެއް...."
"ޓެލް މީ..."އުސައިމީން ސުވާލުކުރިއެވެ.
"ވީގޮތް ބުނެދިނަސް އުސައިމީންވެސް އެހީއެއްނުވާނެ.."
"ބުނީމަ ދޯ އެނގޭނީ..."
"އަހަރެންގެ ބޯއިފްރެންޑް. ބްރޯކްއަޕް ވިތް މީ...ކުއްލިއަކަށް...."ސީތުގެ ލޮލަށް ކަރުނަ ގިނަވާންފެށިއެވެ. އުސައިމީން ޓިޝޫއަށް ދިނެވެ. އަންހެންކުދިން ކިހާ ޖަޒުބާތީހެއްޔެވެ؟ ސީތުއަކީ ރީތި އަންހެންކުއްޖެކެވެ. އެކަކު ދިޔަސް އަނެކަކުވެސް އަންނާނެއެވެ.
"ބޭވަފާތެރިއަކަށްޓަކާ ކަރުނަ އޮއްސުމަކީ ބޭކާރުކަމެއްނޫންތަ ސީތު..." އުސައިމީން ބުނެލިއެވެ.
"އެހެނެއްނޫން. އޭނަ ދިޔަސް އެންމެ ރަގަޅު. އެކަމަކު ފަޟީހަތްވެދާނެ ދުވަސްކޮޅަކުން. އެކަމާއި ބިރުގަންނަނީ. ދެރަވެސްވޭ. އެކަމަކު އެހެން ހުރިހާ އިހުސާސްތަކާއެކު....."
"ކޮންކަމަކާއި ރުޅިވާންޖެހުނީ؟ އަހަރެން ހީކުރީ އެގޮތަށް ވަކިވާން ފަސޭހައީ އަންހެންކުދިންނަށް ކަމަށޭ.."
"އަހަރެން ޕްރެގް. އެވާހަކަ ބުނީމަ އޭނަ ދިޔައީ....."
"ވަޓް؟"އުސައިމީން ހީކުރަނީ ސީތުއަކީ ވަރަށް މާތް އަންހެންކުއްޖެއްކަމަށެވެ. ގަވާއިދުން ނަމާދުކޮށް ސުންނަތް ރޯދައެއްވިޔަސް ހިފާނެއެވެ. ފިރިހެންކުދިންނާއި އަނގަތަޅާ ތަނެއްވެސް ނުފެނެއެވެ. އުސައިމީން ސީތުއާއެކު މަސައްކަތްކުރަން ފެށިފަހުން ފެންނަނީ މުޅިންވެސް އުފާވެރިކޮށް ޒިންމާވެގެން މަސައްކަތްކުރާތަނެވެ. އެންމެ ރަގަޅެވެ. ޒާތީ ކަންތައްތައް އުސައިމީންއަށް ނޭގުނީތާއެވެ.
"އުސައިމީންއަށް ހެލްޕްވެވޭނެތަ؟ ދުވަސްކޮޅަކަށް ނަމަވެސް..ޕްލީޒް..."
"ކިހިނެއް؟"
"މެރީ މީ..."
"ވަޓް ދަ ހެލް................."އުސައިމީންފަދަ މަޑުމައިތިރި ޒުވާނަކު ކުއްލިއަކަށް ކޮފީތަށި ދުރުކޮށްލާފައި ރުޅިއިސްކުރިގޮތުން ސީތުއަށްވެސް ޝޮކެއްލިބުނެވެ. އުސައިމީންގެ ބުމަ ކައިރިވިއެވެ. އެންމެންވެސް އޭނަގެ މަޑުމައިތިރިކަމުގެ ނާޖާއިޒު ފައިދާނަގަނީހެއްޔެވެ؟ އެންމެން ބޭނުމެއް ޖެހުނީމަ ބޭނުންކުރަަން ބަހައްޓާފައި ހުރި މެޝިނެކޭ އޭނައެކޭ ހުރީ ކޮންތަފާތެއްހެއްޔެވެ؟
އުސައިމީން އިތުރު ޖަވާބެއް ނުދީ ދުރަށް ދާން ހިނގައިގަތެވެ. ސީތުއަށް ކަރުނުން ފުރިގެންވާ ލޮލަކުން ބަލަން އިނދެވުނެވެ.
***
ރަޖްވާ ގެނެސްދިން އަލްބަމުން އޭނަގެ މަންމައާއި ޖާރިދުގެ ފޮޓޯތައް ފެނުމުން ސަފާޔާއަށް ކަރުނަ ހިފެހެއްޓުން އުދަގޫކަމަކަށްވިއެވެ.
ނުނިމޭ