"މަރުވާނެކަން ޔަގީންވާއިރުވެސް އެކަމަށް ތައްޔާރެއް ނުވެވެއެވެ. ސުވަރުގެ ވާކަން ޔަގީންވާއިރުވެސް އެކަށީގެންވާ ވަރަށް މަސައްކަތެއް ނުކުރެވެއެވެ. ނަރަކައަށް އީމާންވާއިރު އެކަމަކަށް ބިރެއް ނުގަނެއެވެ. ދުނިޔޭގެ އުފާތަކުގެ ތެރެއަށް ނުގެނބި މެދުމިންވަރެއް ގެންގުޅެމުން އާޚިރަތަށްވެސް ތައްޔާރުވާށެވެ. ނޫނީ އަބާއްޖަވެރިއަކަށް ވެދާނެއެވެ."
**
ރަޖްވާ ގެނެސްދިން އަލްބަމުން އޭނަގެ މަންމައާއި ޖާރިދުގެ ފޮޓޯތައް ފެނުމުން ސަފާޔާއަށް ކަރުނަ ހިފެހެއްޓުން އުދަގޫކަމަކަށްވިއެވެ. މަންމައާއި ޖާރިދް ހެވިފައި މޫނާއި މޫނު ޖައްސާލައިގެން ތިބިއިރު އެގުޅުމުގެ މާތްކަމާއި ރީތިކަން އެ ފޮޓޯ ގަނޑު އެކަނިވެސް ސާބިތުކޮށްދެއެވެ.
"ކީއްވެ ރޮނީ ސަފާ؟"
"މިއީ ފެމިލީ. އެކަމަކު ބީރައްޓެހިން. މަންމަވެސް އެންމެ ބޭނުންވީ ދުވަހު އެއްލާލާފައި ދިޔައީ. ކޮންމެފަދަ ސަބަބަކާއިހެދިވެސް އަމިއްލަ މަންމައަކު ދަރިއަކު އެހެން ދޫކޮށްލާފައި ދާންޖެހިދާނެ ހާލަތެއް ކުރިމަތިވެދާނެކަމަކަށް ނުބަލަން. ކާންޓް ފޮގިވް. ދުވަހަކު މާފެއްނުދެވޭނެ. މައި ހާޓް އިޒް ބްރޯކެން ބިޔޯންޑް ރިޕެއާ...."
"އައިމް ސޮރީ ސަފާ..." ރަޖްވާ އަލްބަމްތައް އަވަހަށް އަތުލިއެވެ.
"އިޓްސް އޯކޭ.. ވަރަށް ސްޓްރޯންގްވާނެ. ކޮންމެގޮތެއް ހަދާފައިވެސް އިރާދަކުރެއްވިއްޔާ ކުރިއަށް ދެވޭތޯ ބަލާނީ...ޕައިލެޓަކަށް ވީ ދުވަހަކުން އިރާދަކުރެއްވިއްޔާ ހުރިހާ އުއްމީދުތަކެއް ފުރިހަމަވާނެ....."ސަފާޔާ ކަރުނަތައް ފޮހެލަމުން ހިނިތުންވެލިއެވެ.
"އާނ....ހަގީގަތުގައިވެސް އެކި މީހުންނަށް އެކި އިމްތިހާނުތައް ކުރިމަތިވާނީ.. ވައި މީ އޭ ސުވާލުނުކުރަން އޮންނަނީ އެހެންވެ...ރަސޫލުބޭކަލުންނަށް ވެސް އިމްތިހާނުތައް ކުރިމަތިކުރެއްވި. ވީއިރު ﷲ ތައާލާ އެންމެ ލޯބިވެވޮޑިގެންވާ ފަރާތްތަކަށް އިމްތިހާނުތައް ގިނަވެ އަދި ކޮންމެވެސް ދުވަހަކުން ނަސީބުވެސް މިންވަރުކުރައްވާނެ. ނޫހުގެ ފާނަށް ފްލަޑްވުމުން އިބްރާހިމް އަލައިހިއްސަލާމްއަށް އަލިފާނުން އައްޔޫބުގެފާނަށް ބަލިމަޑުކަމުން، ޔައުގޫބުގެފާނަށް ލޮލުގެ ފެނުން ގެއްލި ދިޔުމުން ޔޫސުފް އަލައިހިއްސަލާމްއަށް ލޯބިވާ ބައްޕާފުޅާއި ވަަކިވެވަޑައިގަންނާން ޖެހުމުން ޔޫނުސް އަލައިއްސަލާމްއަށް ކެތްތެރިކަން މޫސާ އަލައިހިއްސަލާމްއަށް އަނިޔާވެރިންގެ އުދަގޫތައް ދާއޫދު އަލައިހިއްސަލާމް ހަގުރާމައިން އަދި ސުލޭމާން އަލައިހިއްސަލާމްއަށް ރަސްކަމުން އިމްތިހާން ކުރިމަތިވި. އެއިން ކޮންމެ ބޭކަލަކުވެސް އެކަންތައްތަކާއެކު ކެތްތެރިވެވަޑައިގެންނެވި. އެންމެ ލޯބިވެވޮޑިގެންވާ ފަރާތްތަކަށް އިމްތިހާނުތައް ކުރިމަތިކުރައްވާ. އެހެންވީމަ ފަހަރެއްގައިވެސް ވައި މީ އެހެން ނުބުނާށޭ. ﷲ ޓެސްޓްސް ދޯސް ހޫމް ހީ ލަވްސް...."
"ޖީޖީގެ ވާހަކަތައް އިވުނީމަ ހަގީގަތުގައި ވެސް ވަރަށް އިންސްޕަޔާވޭ..."
"އަހަންނަށްވެސް ހަމަ ސަފާގެ ސްޓޯރީސްތަކުން ބައިވަރު ރަގަޅު އާދަތައް ދަސްވި.."
"ސްޓޯރީއޭ ބުނީމަ ހިތަށް އެރީ މިހާރު ހާދަ ވިއުސް ގިނަވެއްޖެއޭ..ރަގަޅު ނޫހަކުން ޗާންސްލިބުނީމަ ސަޅިކަމެއް އެފްބީޕޭޖަށްވެސް ރީޑާސް ކުއްލިއަކަށް އިތުރުވީ...އުފަލުންގޮސް މޮޔަވާވަރުވެފައި ހަމަ އަނެއް ސިކުންތުގައި ހިތާމަކުރުމަކީ ދިރިއުޅުމުގެ އެއްބައި ދޯ..ބަލާލަބަލަ ލާސްޓް އެޕިސޯޑް.." ސަފާޔާ ވާހަކަ ސަފުހާ ހުޅުވާލާފައި ދެއްކިއިރު މުޅިންވެސް ތައުރީފުތަކުގެ ކޮމެންޓްތަކެވެ.
"މާޝާﷲ...."ރަޖްވާ ސަފާޔާގެ ކޯތާފަތުގައި ހިފައިލިއެވެ." ކޮންމެ ދުވަހަކު ފަށާއިރަށް ޒިކުރުކޮށް ދުޢާކުރުމުން ހަލާލުގޮތުގައި މަސައްކަތްކުރަން މަގުފަހިކޮށްދެއްވާނެ....."
"ޖާރިދް އަންނަނީ ކޮންއިރަކުން؟"
"ނޭގޭ ތްރެޓްކުރޭ އެބަ....އެންމެ ފަހުން ރޭގައި ވީޑިއޯކޯލެއްވެސް ކޮށްފިން. އެހެން ހެދީ އޭރުން ތިމާއަށް ކުރިން ލޯބިވެވުނު ރަޖްވާގެ ސިފަތައް މިހާރު ނެތްކަން އެނގޭނެތާ. ދެން ބުނިން އަހަރެން ލޯބިވާ މީހަކު ލިބިއްޖެއޭ ޑިވޯސްކޮށްދޭށޭ......ހެހެ އެފަހުން ޚަބަރެއްނުވޭ......................"
"ދޮންބެއާއި ޖީޖީ ވަރަށް ގުޅޭ..."
"އެކަމަކުވެސް ޖާރިދްގެ ސަބަބުން ކިތައް މީހުން ދުނިޔެ ދޫކުރީ...އެއްއިރެއްގައި ލޯބިވިޔަސް އިތުރަށް އެގުޅުން ކުރިއަށް ގެންދަން ބޭނުމެއްނޫން. ބައްޕަމެންވެސް ހިޔެއްނުވޭ ޖާރިދް މިގޭގައި ހުންނަން ދެން އެއްބަސްވާނެހެން. ސޯ ބަލަމާ ވާ އެއްޗެއް...ހައު އެބައުޓް ޔޫ؟ ކޮބާ ސަފާގެ ލަވް..."
"ޕްލީޒް ޕްލީޒް އޭނައަކީ ޕާސްޓް. އެހިސާބުން އެވާހަކަ ނިންމާލަމާ. ޖީޖީ ޕްރޮމިސްކުރޭ އިތުރަށް އޭނަގެ ވާހަކަ ނުދައްކަން؟" ސަފާޔާ ރަޖްވާގެ އަތުގައި ހިފައިލިއެވެ.
***
ވައިގެ ބަދަރަށް ޖެއްސި މަތިންދާބޯޓެއްގެ ފުރޮޅު ފަޅައިގެން ގޮސްގެން ބައެއް ފްލައިޓްތައް ޑައިވާޓްކުރުމުގައި އަވަދިނެތި އުޅުނީ އުސައިމީންއާއި ތާރިކްއެވެ. ނަސީބަކުން އެއްވެސް ދަތުރުވެރިއަކަށް އަނިޔާއެއްނުލިބެއެވެ. ބޯޓު ރަންވޭގައި ތާށިވުން ފިޔަވާ އިތުރު މައްސަލައެއް ނުޖެހުނުކަމީ ނަސީބެކެވެ. އުސައިމީންއާއި ތާރިކް ވަރުބަލިފިލުވައިލަން ކޮފީއަކަށް ގޮސްތިބިއިރު ތާރިކް ހުރީ ކަންބޮޑުވެފައެވެ." އިއްޔެ އާޓިކަލްއަކުން ދެކުނިން އޭޓީސީއިން މުސާރަ އެހާބޮޑުއިރުވެސް ހައިސްޓްރެސް ޖޮބަކަށްވުމުން އެ ދާއިރާއަށް މީހުން ނުލިބޭ ވާހަކަ...މަށަށް ހީވަނީ އޮޓޯޕައިލެޓަށް ލާހެން ދެން އޭޓީސީއިންނަށް ރޮބޮޓުން ތަމްރީނުކުރަންހެން ދެން ވިސްނާނީ.."
"އާނ ކިރިޔާ މަތިންދާބޯޓުތައް މުޑިނާރާ މި ހިފެހެއްޓެނީ. ނިއުޔޯކްޓައިމްސް އިން އިންވެސްޓިގޭޓްކުރިއިރު ހަމައެކަނި ޖުލައި މަހުވެސް އެމެރިކާގައި ފަންސާސް އޯލްމޯސްޓް ކޮލިޝަންސް..."
"މަ އެހެންވެ މިހުންނަނީ ފްލައިޓަކަށް ނާރަން ހުވާކޮށްގެން..."
"ބިރާއިހެދި އުފާތަކަށް ހުރަސް އެޅިގެންނުވާނެ...ދަތުރުކުރުމަކީ ހަމަ މަޖާކަމެއް.."
"ދަތުރުވެރިންގެ ސަލާމަތަށްޓަކާ އެބަޖެހޭ ސަރުކާރުން އަހަރެމެންގެ މުސާރަ މިއަށްވުރެ ބޮޑުކުރަން...އޭރުން ގިނަކުދިން ކުރިމަތިލާނެ. މަ ދެންފަހަރަކު އޭޓީސީންގެ މުސާރަބޮޑުކުރާ އަދި ވަރުގަދަ ޓެލެސްކޯޕެއް ކޮންމެ ރަށެއްގައި ބަހައްޓާދޭ ރައީސަކަށް ވޯޓުދޭނީ..."ތާރިކް އެއްލޯ މަރައިލިއެވެ. އުސައިމީން ގެ ތަބީއަތު ގޯސްވެފައި އިނަސް ހީލެވުނެވެ. އެވަގުތު ސީތު ކޮފީއެއް އަޅައިގެންގޮސް ޖެހިގެން ހުރި މޭޒުދޮށުގައި އިށީންއިރު އެކުއްޖާގެ މޫނުމަތިވެސް ވަނީ މިލާފައެވެ.
"ސީތުއަށް ކިހިނެއްވެގެން މިއުޅެނީ؟" ތާރިކް ވައި އަޑަކުން އުސައިމީންގެ ކަންފަތްކައިރީގައި އެހިއެވެ.
"ތާރިކް....އެތިފަހަރެއް ޖަހާފާނަން މަގޭ ވާހަކަ ނުދައްކާ މަޑުން އިނދޭ..."ސީތު ލޯ އަޅައިލިއެވެ.
"ހަމަ ޝީޑެވިލްއެއް.."
އުސައިމީން ތެދުވުނެވެ.
"ކޮންތަނަކަށް؟
އުސައިމީން އަތުން އިޝާރާތްކުރުމުން ތާރިކްއަށް އެބުނި އެއްޗެއް ފަހުމްވިއެވެ. ސީތުގެ މިޒާޖު ގޯސްކަން އެނގޭތީ އިތުރަށް ދިމާކުރާނެ މޫޑެއް ތާރިކުގެ ވެސް ނެތުމުން އޭނަ ހިމޭނުން އިނދެ ކޮފީބޮމުން ރަންވޭގެ ހަރަކާތްތަކަށް ބަލަމުން ދިޔައެވެ.
***
ސަފާޔާ ސިޑިން ތިރިއަށް ފޭބިއިރު ކޮންމެވެސް ވަރަކަށް ހިތް އަވަސްވެ ކަންބޮޑުވިއެވެ. އޭނަގެ ބޮޑުބޭބެއާއި ދަރިންކަން އެނގުނަސް އެމީހުންނަށް އޭނަވާނީ ބީރައްޓެއްސަކަށްތާއެވެ. މި ފިނި ބޮޑު ގަނޑުވަރުގެ ކޮންމެ ދިމާލަކުންވެސް މިފެންނަ ޝާހީކަމާއި ހައިބަވަންތަކަމުންވެސް ހިތް ނުގުޑާވަރެއްނޫނެވެ. ހަތަރެސްފައި ކުރިއަށްވުރެ ފިނިވެލިއެވެ. ބޮޑުބޭބެއަށް އޭނަ ފެންނައިރަށް ތިރިއަށް އައުން ވަގުތުން މަނާކޮށް ރަޖްވާއަށް ހާސް ސުވާލުތައް އަންނާނެއެވެ. ހަގީގަތް އެނގޭދުވަހަކުވެސް ބޮޑުބޭބެގެ ހިތް ވަކި ސާފުވާނެހެއްޔެވެ؟ މަންމަ އެ ކައިވެންޏެއްކުރީ ބޮޑުބޭބެމެންނާއި ދެކޮޅަށެވެ. ކާބަޔާއި ހަމަޔަށް ދިޔުމާއެކު ހިތަށް ފެން އެއްޗެއް އޮއްސައިލިފަދަ އިހުސާސެއް ކުރެވުނެވެ. ގޮނޑީގައި އިށީދެލައިގެން އުސައިމީން އިނީ ފުން ޚިޔާލެއްގައެވެ. އޭނަ ފެނުމުން ސިހޭގޮތްވިއެވެ.
ސަފާޔާ އޮޓޮމެޓިކް އެސްޕްރެސޯ މެޝިން ކައިރީ ހުއްޓުނެވެ. މަތީގައި އަތުރާފައިވާ މަގުތަކުގެ ތެރެއިން މަގެއް ނަގާފައި އޭނައަށް އެއިން ކޮފީ އަޅާކަށް ނޭގުނެވެ.
"މިއާ ކުޅޭކަށް ނޭގޭ. ހެލްޕްވެދީފާނަންތަ؟" ސަފާޔާ އެހިއެވެ.
ނުނިމޭ