"މަތިންދާބޯޓު ބޮޑެތި ވިލާތަކުގެ ތެރެއިން ދަތުރުކުރާހިނދު އެމަންޒަރުގެ ހިތްގައިމުކަމުން އާޝޯޚުވެ ބަސްހުއްޓޭވަރުވާހިދު އެންމެ ބޮޑަށް ހަނދާންވަނީ ﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަމެވެ. ހާސްފަހަރު ދަތުރުކޮށް ކޮންމެ ފަހަރަކު އެ ވިލާތަކަށް ބެލިޔަސް ފޫހިވުމެއްނެތެވެ."

***

"ބިއުޓިފުލް.....މީތި ވަކިން ރީތި..."ރަޖްވާއަށް ރުސްލާން ދެއްކި ވެބްސައިޓް ޓެމްޕްލޭޓްސްތަކުގެ ތެރެއިން އޭނައަށް ކަމުދިޔަ ޑިޒައިން ދެއްކިއެވެ. އޭނަގެ އަމިއްލަ ނޫހެއް ވުޖޫދަށް އަންނާތީ ރަޖްވާގެ ހިތަށް ބުނަންނޭގޭފަދަ އުފާވެރިކަމެއް ހިނގައިގަތެވެ. ރުސްލާންގެ މަސައްކަތް ބަލަން ގެއްލިފައި އިންދާ ދޮރުގެ ބެލް އެޅި އަޑަށް ރަޖްވާގެ ހިތް ކުރިއަށްވުރެ އަވަސްވިއެވެ. ސަފާޔާ ބަލާ އޭނަ ފޮނުވީ ޖޫދުއެވެ. ގޭގައި އެންމެ އެގޮތަށް މީހުންނާއި ގުޅިގެން އުޅެން އެނގޭނީ އެކުއްޖާއަށެވެ. ރަޖްވާގޮސް ދޮރު ހުޅުވައިލުމާއެކު ސިހުނެވެ.

ސަފާޔާ ހުންނާނެގޮތް ތަސައްވަރު ކުރެވިފައިވިނަމަވެސް ކުރިމަތިން ފެނުނީީ އެތަސައްވަރާއި މުޅިން ތަފާތު އަންހެންކުއްޖެކެވެ. ތަފާތު ރީތިކަމެއް ލިބިފައިވާއިރުވެސް ސަފާޔާ އަޅައިގެން ހުރި ހެދުމުން އޭނަގެ ދިރިއުޅުުގެ ހާލަތު އަންގާދެއެވެ. ހަށިގަނޑުގެ ބައްޓަން އެއްވެސް ވަރަކަށް ނޭގޭފަދަ ބޯފޮތްޗަކުން ފަހާފައިވާ ގަޔަށް ދޫ ހެދުމަކާއި ކަޅު ބުރުގާއެކެވެ. އެއްވެސް ގަހަނާއެއް ބޭނުންކޮށްފައެއް ނެތެވެ.އަވީގައި އުޅުމުގެ ސަބަބުން ރަން މުށިކުލައަރާ ހަަންގަޑު އެތަން މިތަނުން ކޮންމެވެސް ވަރަކަށް ހުދުވެފައެވެ. ކަޅުކަންގަދަ ބުމައަކާއެކު ބޯ އެސްފިޔަތަކެވެ. މޫނާއި ގުޅޭ ކުލައެއްގެ ލޮލެކެވެ. ވަށް ތުންފަތެވެ. ކެބިންކްރޫއަކަށް އެންމެ އެކަށީގެންވާފަދަ އަންހެންކުއްޖެއްކަން އެންމެ ނަޒަރަކުންވެސް ރަޖްވާ ދެނެގަތެވެ.

"އައްސަލާމް އަލައިކުމް..."ސަފާޔާ ހިނިތުންވެލިއެވެ.

"ވައަލައިކުމުއް ސަލާމް.."ރަޖްވާ ޖަވާބުދިނެވެ.

"މިސް ސަފާޔާގެ އެޕާޓްމެންޓަށް ލަގެޖްތައް ލާދީފާނަން....."ޖޫދު ބެކްޕެކް ބުރަކަށީގައި އަޅުވައިލަމުން ދެއަތުން ދެ ދަބަސް ހިފައިގެން ހިނގައިގަތީ ލިފްޓާއި ދިމާލަށެވެ."ދެކުދިން ކައި ނިމިގެން މައްޗަށް އާދޭ...ކްލަސްޓްރޮފޯބިއާ ހުރޭތަ؟"

"ނޫން ނަތިން ލައިކް ދެޓް...މެންޓަލީ ވަރަށް ފިޓް ނަސީބެއްކަން ނޭގޭ. އެހާ ސްޓްރޯންގްވާނެ..ބައިދަވޭ ރަޖްވާ...ޖޫދުއާއި ދިމާވީމަ އެނގުނީ މުއްސަދިންގެ ދަރިން ގެ ތެރޭގައިވެސް ޑައުންޓު އާތް ބޯއިސް އުޅޭކަން. ވަރަށް ޕައިލެޓް ވައިބްސް އެކަމަކު............"

ޖޫދު ހެވިލާފައި ހުރެ ގޮސް ލިފްޓަށް އަރާ ދޮރު ލައްޕާލައިފިއެވެ.

"ޖޫދު އިސްކޮޅުދިގުވެފައި ބިޔަކަމުން ހީކުރީ ތަންކޮޅެއް މެޗުއާކަމަށް ފަހުން ރަގަޅަށް ވިސްނައިލީމަ އެނގުނީ ޔަންގްކަން...ރަޖްވާގެ ކޮއްކޮއެއް ތަ؟"

"ޔެސް....."ރަޖްވާ ކަންބޮޑުވިއެވެ. ސަފާޔާ އެފަދަ ނަޒަރަކުން މިގޭ އެއްވެސް ފިރިހެންކުއްޖަކަށް ބެލިކަން އެނގިއްޖެއްޔާ ބައްޕަ ރުޅިދުރުވާނެއެވެ.

"މިއި ހާދަ ރީތި ހުވަފެނީ ގެއެކޭ ރަޖްވާ. ސޯ އެލެގެންޓް ހަމަ އިންކްރެޑިބަލް...ފިލްމްތަކުން ފެންނަފަދަ ގަނޑުވަރެއްހެން. އެންޑް ޔޫ އާ ސޯ ލަކީ މިކަހަލަ ގެއެއްގައި އުޅެވުނީމަ. އެކަމަކު ހަގީގަތުގައި ހިތް މުއްސަދިވެއްޖެއްޔާ އެނިމުނީދޯ. އަހަރެންވެސް ބޭނުންވަނީ ފަގީރުވިޔަސް ލޯބިވާ ބައިވެރިޔާއާއެކު ޖިފުޓިއެއްގައި އުޅެން. އޭނަ އަދިވެސް ކައިވެނި ލަސްކުރާތީ ހިތަށް އެރީ އަމިއްލަ ފައިމައްޗަށް ތެދުވެ ކަމަކާއި އުޅޭނީއޭ. އަދިވެސް މާލެ އައިކަމެއްވެސް ނޭގޭނެ. ސަޕްރައިޒެއް ދޭންވެގެން މިހިރީ...."ސަފާޔާ ރަޖްވާއާއި އެކު ހިނގައިގަންނަމުން ކެލިގްރަފީއާއި އިންޓީރިއާ ޑިޒައިން އަދި ސިޑިބަރި ރީތިވެގެން އެ ވާހަކަދެއްކިއެވެ. ކާކޮޓަރިއަށް ވަދެފައިވެސް ސަފާޔާ ތަލިން ކުޅުހިކުނެވެ. އޭނަފަދަ ފަގީރު އަންހެންކުއްޖަކަށް މިފަދަ ގަނޑުވަރަކަށް ވަދެވުނުކަމީ ލެއްވި ރަހުމަތެކެވެ. ފެއަރީޓޭލްއެއްގައި އުޅެވޭފަދައެވެ.

ކާކޮޓަރީގެ ތަނަވަސްކަމުންވެސް ހޯލެއްފަދައެވެ.

"ވާއު.....ސުބުހާނަﷲ......މިލިއަނުން އަގުނުކުރެވޭނެ ދޯ. ބިތްތަކުގައި މިހިރީ ކޮންކަހަލަ ބައްތިތަކެއް؟ އަޅެ ހާދަ ނަލައޭ...ކެން އައި ޓަޗް؟ މިހުރީ އުއްބައްތި ޗާންދަލިއާއެއްތަ؟" ރަނާއި ހުދުން ވާ ގޮނޑިއެއްގައި އިށީނަސް އެގޮނޑި ހަޑިވެދާނެތީ ބިރުން ސަފާޔާ އުޅުނެވެ. "އިށީދެވިދާނެތަ؟"

"އޮފްކޯޒް...."

"ހާދަ ފިންޏޭ މި ރަށް..."

"ރަށް ފިނީއެއްނޫން ސަފާ....މިގެ އޭސީކޮށްފައި ހުރީމަ..."

"ކާކޮޓަރިވެސް އޭސީކޮށްފަތަ؟" ސަފާޔާ ލޯބޮޑުކޮށްލިއެވެ. "ވާއު...ކަރަންޓްބިލް ކިހާވަރެއްތަ؟"

"އައި ހޭވް ނޯ އައިޑިއާ..."

ސަފާޔާ ކުޅުދިޔާވީ ތަށިތަކުގެ މަތިތައް ހިއްލާލުމުން ދުވި މީރުވަހުންނެވެ. ދުވަހަކު ނުދެކޭ ބާވަތްބާވަތުގެ ކާނާތަކެވެ. ޓުކުރިއެއްގައި ޕީޗާއި ސްޓްރޯބެރީ އަދި މޭބިސްކަދުރުފަދަ މޭވާވެސް ހުއްޓެވެ. ސަފާޔާގެ ލޯ ދަތުރުކުރީ އެކި ތަށިތަކަށެވެ. ކައިފާ ނުކާނެ އެއްޗެއްވެސް ނޭގުނެވެ. ސަފާޔާ އުޅެބޮޑުވީ ގިނައިން ރިހާކުރާއި ގަރުދިޔަކައިގެންނެވެ. ދޮންމަންމައަށް ވެގެން ރަގަޅު އެއްޗެއް އަނގަޔަށް ލެވުނަނުދޭނެއެވެ. ޕިއްޒާ އެއްޗެއް ލިބުނަސް ދޮންމަންމަ އޭނައަށް ނުދައްކާ ފޮރުވާނީއެވެ. އިރާދަކުރެއްވިއްޔާ އެދުވަސް މާޒީވެގެން ދިޔައީއެވެ. ހަޔާތުގެ އެ ސަފުހާތައް ކިތަންމެ ބަދުނަސީބުކޮށް ދިޔަސް ކުރިއަށް ހުރި ސަފުހާތަކުގައި އުފާވެރި ރީތި ހަނދާންތައް ބިނާކުރެވޭނެއެވެ. މިގެއާއި ޒިއާމްއަކީވެސް އޭނަގެ ނަސީބެވެ. ރަޖްވާފަދަ އެކުވެރިއެއްލިބުނު ކަމަށްޓަކާ އޭނަ އުފާކުރިއެވެ.

ފުޅާ ބިއްލޫރި ދޮރުތަކުން ފެންނަން ފެށީ ބޯކޮށް ވާރޭވެހޭ މަންޒަރެވެ. ގަސްތަކުގައި ވައި އަޅުވާ އިރު އެހާ ހިތްގައިމެވެ. ފިނިކަން އިތުރުވިއެވެ.

"ރަޖްވާ ގޭތެރޭގައިވެސް ނިގާބު އަޅައިގެން އުޅެނީ އެސްފީނާ ޖެހިދާނެތީތަ؟" ސަފާޔާގެ ސުވާލުން ރަޖްވާގެ އަތުގެ ހަރަކާތަށް ހުއްޓުމެއް އައެވެ. ސަފާޔާއަށް އަދިވެސް އޭނަގެ ހަގީގަތެއް ނޭގޭނެއެވެ. މިކުއްޖާ ބިރުގެންފާނެކަން ނޭގެއެވެ. ނަމަވެސް އޮޅުމެއްގެ ތެރޭ ބަހައްޓާކަށް ނުވާނެއެވެ.

"ސަފާ...އަހަރެން...ނިގާބު އަޅަނީ މީހުން ބިރުގަންނާނެތީ.."

"ތިބުނި އެއްޗެއް ނޭގުނު.."

"ދިމާވި ހާދިސާއެއްގައި ފިހުނީ..."

ސަފާޔާ އަނގަމަތީގައި އަތް އެޅިއެވެ."ޕުއާ ގާލް..އައިމް ސޯ ސޮރީ...އެއްގޮތަކަށްވެސް ނުދެނެހުރިން...."

"ފެއިންޓް ނުވައްޗޭ..." ރަޖްވާ މޫނުގައިވާ ފޮތިކޮޅު ނައްޓަންވެގެން ފަށުގައި އަތް ޖެއްސިއެވެ.

"އަހަރެންގެ ހިތް ވަރަށް ވަރުގަދަވާނެ.. ބްރޭކްވީބައިގާ ސުޕަގްލޫ ޖަހަމުންގޮސް ބައްދައިލިގޮތަށް ހިތް ހަރުވެއްޖެ.."ސަފާޔާ މަޖާގޮތަކަށް ބުނެލިއެވެ.

"ޔޫ އާ ފަނީ...ހެހެ.."ރަޖްވާއަށް ހެވުނެވެ.

ރަޖްވާ ފޮތިކޮޅު ނައްޓާލުމުން ސަފާޔާ ކުޑަކޮށް ސިހޭގޮތްވިއެވެ. އެހާ ރީތި އަޑެއްލިބިފައިވާ އަންހެންކުއްޖާ ޖޫދުފަދަ ރީތިކަމެއް ލިބިފައިވާނެކަމަށް އޭނަ ހީކުރިއެވެ. ނަމަވެސް ފިހުމުގެ ސަބަބުން މޫނުގެ ސިފަ ބަދަލުވެ ރީތިކަން އެއްކޮށް ގެއްލިފައިވާ ކުއްޖެކެވެ. ނަމަވެސް ލޮލުގެ ސާފުކަމާއެކު އޯގާތެރިކަމާއި ވިސްނުންތޫނުކަން ފެނެއެވެ.

ސަފާޔާ ރަޖްވާ ކައިރިން ހާދިސާގެ ތަފްސީލް އަހަން އުޅުމުން ރަޖްވާ ބުނީ އަދި އެ ވާހަކަދައްކާނެ ހިތްވަރެއް ނެތްކަމުގައެވެ. އިހަށް ކައިގެން އަރާމުކުރަން ދާނީކަމުގައި ބުނެފައި ރަޖްވާ އެވާހަކަ ދައްކަން އިންކާރުކުރުމުން ސަފާޔާވެސް އެކަން ހަދާން ނައްތާލައިފިއެވެ. ރަޖްވާ ކޮންމެ ސިފައެއްގައި ހުއްޓަސް އެވަރުގެ އެކުވެރިއެއް އަދި "ފޭން"އެއް އުމުރު ދުވަހުވެސް ނުލިބޭނެއެވެ. އޭނަގެ ވާހަކަތަކަށް ޚިޔާލުހޯދަންވެސް ރަޖްވާ ރަގަޅުވާނެއެވެ. ރަޖްވާއަކީ ސަފާޔާގެ އެންމެ ގާތްއެކުވެރިޔާއެވެ. އެކުވެރިޔަކަށް އަދި ލޯބިވެރިޔަކަށްވެސް ސިފަ މުހިއްމުވާންވީ ކީއްވެހެއްޔެވެ؟ އެހާވެސް ރަޖްވާގެ ހިތް ރީއްޗެވެ. ދެކުދިން ކާން ފަށާފައިވެސް ސަފާޔާ އެތައް ފަހަރު ކެއުމަށް ތައުރީފުކުރިއެވެ. އެގެއިން ފެންނަ ކޮންމެ އެއްޗެއް ތަނެއް ސަފާޔާގެ ހިތުން ޖާގަހޯދިއެވެ.

އެޕާޓްމެންޓަށް ގެންދިޔުމުން ސަފާޔާ އުފަލުން މޮޔަވާވަރުވިއެވެ. އޭނަގެ ކުޑަ ކޮޓަރިއަށްވުރެ ފާޚާނާވެސް އެތައް ގުނަބޮޑެވެ. ދުވަހަކު ބޭނުންނުކުރާހާ ސާފު ރީތިތަނެކެވެ. ސަފާޔާ ވަގުތުން ލަގެޖުން ހެދުންތަކާއި ފޮތްތަކާއި އެކު އޭނަގެ ލެޕްވެސް ނަގާފައި އެދުމަތީގައި ބެހެއްޓިއެވެ.

"ސަފާ. ޝޮޕިންއަށް ދާންވާނެ ދޯ. ތިހެދުން އަޅާގޮތް ކުޑަކޮށް ތަފާތުކޮށްލަންވާނެ. އަބާޔާ ކިހިނެއްވާނެ؟"

"ރަޖްވާ. ބޯއިފްރެންޑްބުނި އޭނައަށް ކަމުދާ ހެދުންތައް ގަނެދޭނަމޯ..."

"އޯ.....އަބާޔާ ކަމަކުނުދާނެތަ؟"

"އެހެން ބުނާކަށް ނޭގޭ.."ސަފާޔާ އެތާހުރި ކަފަގަނޑެއްކަހަލަ ފައިވާނަކަށް ފައިކޮށްޕައިލުމުން ފަޔަށް އަރާމުވިއެވެ."އަޅެ މިވެސް ލޯބިކަން. ފިނިކަންވެސް ކެނޑިއްޖެ....ހައު ކިއުޓް.....ރަޖްވާ. ކިހިނެއް އަހަރެން މި އިހުސާންތެރިކަމުގެ ބަދަލުދޭނީ. ލަދުވެސް ގަނޭ.....ޑޯންޓް ވޮރީ. ކިޔަވައިގެން ފައިސާ ލިބެންފެށީމަ އަނބުރާ ދައްކާނަން.."

"މިއީ ހަމަ ހަދިޔާއެއް ސަފާ..."

"އެހެންތަ؟"ސަފާޔާ ބެލްކަނީގެ ދޮރު ހުޅުވައިލިއެވެ. އަދި އުފާވެރިކަމުގެ އަޑެއް ލައްވައިލިއެވެ."އެމޭޒިން ވިއު..."

ރަޖްވާއަށްވެސް އެކުވެރިޔާގެ އުފާވެރިކަމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ހަގީގަތުގައިވެސް މީހަކަށް ހެޔޮކަމެއްކޮށްދީ ހިނިތުންވުމުގެ ސަބަބަކީ ތިމާކަން އެނގުމުން ތަފާތު އުފަލެއް ހިތަށް ލިބޭނެއެވެ. އޭނައަށްވެސް ވީ އެފަދަ ގޮތެކެވެ. ސަފާޔާ އޭނަގެ ސިފައަކާއިގެން އެހާވަރަކުން ނޫޅުނެވެ. ބިރަކުންވެސް ނޫޅެއެވެ. ތަފާތު ނަޒަރަކުން ބެލުމުގެ ބަދަލުގައި އޭނަގެ އެ ސިފައާއިއެކުވެސް އެކުވެރިއެއްގެ ގޮތުގައި ބަލައިގަތީއެވެ.

***

އޮއްސެމުން ދިޔަ އިރުގެ ކަތި ދޯދިތައް އުޑުމަތި އޮރެންޖްކުލައެއް ޖައްސުވާލައިފިއެވެ. މުޅިއުޑުމަތި ހުޅުގަނޑެއްހެން ހަދައިލިއިރު އާޝޯޚުވާހާ ރީއްޗެވެ. ޖަހާންގީރު ލައިބްރަރީ ކޮޓަރީގެ ސޯފާއެއްގައި އިންއިރު ކުރިމަތީގައި ހުރި ގޮނޑީގައި އަރްސަމް އިށީދެލައިގެން އިނެވެ. ކޮފީމޭޒުމަތީގައި ހުރި ކޮފީތަށިން ދެބަފައިން ކޮފީ ބޮމުން ދިޔައިރު އަރްސަމްގެ މޫނުމަތިން ފެންނަނީ މޮޅިވެރިކަމުގެ އަސަރުތަކެވެ.

"ދަރިފުޅާ. އަބަދު ތިހެން ގެއިން ނުނިކުމެ ކޮއްކޮއާއި ދެބެން އުޅުމަކީ ވަރަށް ދެރަކަމެއް. ލޯބިވާ އަޅުތަކުންނަށް އިމްތިހާނުތައް ގިނައިން ކުރިމަތިކުރައްވާ. އެންމެ ބޮޑެތި މުސީބާތްތައް ޖެއްސެވީ ރަސޫލުބޭކަލުންނަށް. އެ ހާދިސާއަކީ ހިތުން ފިލުވަން ފަސޭހަކަމެއް ނޫންކަން ބައްޕައަށްވެސް އެނގޭ. އެކަމަކު ދަރިފުޅުވެސް ކުރިއަށް ފިޔަވަޅެއް އަޅަން ޓްރައިކޮށްބަލަ....."ޖަހާންގީރު ތަކުރާރުކޮށް އެ ވާހަކަދެއްކިއެވެ.

"ލައްބަ ބައްޕާ. މަސައްކަތްކުރާނަން.."

"ދަރިފުޅު މިފަހަރު ބައްޕަ ޔޫރަޕަށް ކުރާ ދަތުރުގައި ބައިވެރިވާންވީނު..."

"އެކަމަކު...."

"ބައްޕަ ހަމަ ދަރިފުޅަށް ރަަގަޅަކަށް މިބުނަނީ..."

"އޯލްރައިޓް..." އަރްސަމް ހަތިޔަރުބެހެއްޓިއެވެ.

"ރަޖްވާވެސް އެއުޅެނީ އޮންލައިން ނޫހެއް ހުޅުވަން...ކުރިން ކިހާ ޑިޕްރެސްވެފައިހުރީ. ބައްޕަ ހިޔެއްނުކުރަން ރަޖްވާ އެހާ ފާސްޓްކޮށް ހީލްވާނެކަމަށް. ﷲއަށް ހަމްދުކުރަން..........."

އަރްސަމްގެ ލޯ ހުއްޓިފައިވަނީ ވާރޭގެ ތެރެއަށެވެ. ފުން ނޭވާއެއް ދޫކޮށްލާފައި އޭނަ އިސްޖަހައިލިއެވެ. ކޮންމެވެސް ވަރަކަށް ލޯ ތެމުނެވެ.

***

ޒިޔާމް ރަޖްވާއަށް އޭނަގެ ސެލްފީއެއް ފޮނުވިއެވެ."މިރޭ ހިނގާ ރެސްޓޯރެންޓަކަށް ދާން.............."

"ސޮރީ...ތިކަހަލަ ކަމަކަށް އެއްބަހެއްނުވެވޭނެ...."

ޒިޔާމް އަނގަޔަށް ގޮތެއް ހަދައިލިއެވެ. އޭނައަށް ރަޖްވާ ފެންނަނީ ހަމަ ހައްދުފަހަނަޅާފައިވާ އަންހެންކުއްޖެއްގެ ގޮތުގައެވެ. އޭނައަށް ކަމުދަނީ ހަގީގަތުގައި އޭނައާއިއެކު ސޯޝަލްމީޑިއާއަށް ފޮޓޯލެވޭކަހަލަ އަންހެންކުއްޖެކެވެ. ހުޅުވިފައިވާ ހިތަކަށް ވާންޖެހެއެވެ. ކެބިންކްރޫއިންގެ ތެރޭގައި އެކަހަލަ އަންހެންކުދިން ހިމެނެއެވެ. ޒިޔާމް ސަފާޔާގެ މަތިން ހަނދާންވިއެވެ. ރަށްފުށު ކުއްޖަކަށްވުމުން "ކަޓު"ގޮތެއް ހުންނަކަމަށް އޭނަގެ ހިތްބުނާއިރުވެސް ސަފާޔާގެ ތަފާތު ރީތިކަމާއި އެހުނަން ހިތްދަމައިގަންނަގޮތް އަދި ދެލޮލަކީ ޒިޔާމް އެންމެ ބޭނުންވާ ސިފަތަކެވެ. ކަޓުހެދުން ބަދަލުކޮށް ކެބިންކްރޫ ޓްރޭނިން ނިންމައިލާއިރު އޭނައާއި އެއްފެންވަރަކަށް އާދެވިދާނެއެވެ. މައްސަލައަކީ ރަޖްވާ އެދޭތެރެއަށް ވެއްދުނުކަމެވެ. ސަފާޔާއަށް ހަގީގަތް އެނގިއްޖެއްޔާ އޭނަ ރޮލާ ކައިލާނެއެވެ.

***

ފްލައިޓް ފުރުމުގެ ސާޅީސްފަސްމިނިޓް ކުރިން ކްރޫރޫމަށް ޒިޔާމްއާއި ކެބިންކްރޫއިންނާއެކު ހާޟިރުވީ ފްލައިޓްގެ ކެޕްޓަން ރުސްލާންއެވެ. އޭނައަކީ ޖަހާންގީރުގެ ދަރިއެއްކަން ޒިޔާމްވެސް ދަނެއެވެ. އެންމެން އެހާ ބޮޑަށް އިހުތިރާމްކުރަނީވެސް އެންމެންގެ ވެރިޔާގެ ދަރިއަށް ވީމައެވެ. އޮޕަރޭޝަނަލް ސްޓާފް އެމީހުންނަށް ފްލައިޓް ޑޮކިއުމެންޓްތަކާއި އައިޕެޑްތައް ދިނެވެ. އަދި ތެލާއި މޫސުމާއި ބެހޭގޮތުން އޭނަ ވާހަކަދެއްކިއެވެ. އޮފީސްތެރޭގައި އަރާމު ސޯފާގޮނޑިތަކާއި ކުޝަންތަކެވެ. ބިތުގައި ސްކްރީނެއް ހުއްޓެވެ. ސްކައިއާލައިންސްގެ އެއާބަސްއެއްގެ މޮޑެލްއަކާއި މާގަސްތައް ޖަހާފައި ހުރި ބޮޑެތި ވަށިތަކުން ތަނުގެ ޒީނަތްތެރިކަން އިތުރުކޮށްފައިވެއެވެ.

ރުސްލާން އޭނަގެ ކްރޫއިންނަށް ބަލަހައްޓައިގެން ހުރީ ސީރިޔަސް ނަޒަރަކުންނެވެ.

"އެންމެންގެ މެޑިކަލް ލައިސެންސްއާއި ޓްރެއިނިން އަޕްޑޭޓްތަ؟"

"ލައްބަ ސަރ....."

ރުސްލާން ދެން ވާހަކަދެއްކީ ދަތުރުކުރާ މަގުގެ މޫސުމާއި ބެހޭގޮތުންނެވެ. ސްޓްރެޗާ ކޭސްއެއްވެސް މިއަދު ފްލައިޓްގައި ގެންދަން ޖެހޭތީ އެ ވާހަކަވެސް އޭނަ ފާހަގަކޮށްލިއެވެ. ބްރޭކްގަޑީގައި ނަމާދުކޮށް އަދި މެންދުރު ކެއުން ގަޑިއަށް ފައްތަންވީގޮތްވެސް ރުސްލާން ބުނެދިނެވެ. ޒިޔާމްގެ ހިތުގައި ހަސަދައިގެ ހުޅުކޮޅެއް ރޯވިއެވެ. އެންމެ ރަގަޅެވެ. ރުސްލާން އޭނައަށްވުރެ އިސްކޮޅުން ދިގެވެ. ހަށިގަނޑު ސީދާވެފައި ސީރިޔަސް ފިރިހެންވަންތަގޮތެއް ހުރެއެވެ. ބައްޕަ ޖަހާންގީރުގެ ސިފަތައް ހުރިހާދަރިންނަށް ވާރުތަވެފައިވެއެވެ. ނަމަވެސް އޭނަފަދަ "ޕްރިޓީ" މޫނެއް ލިބިފައި ނުވޭނޫންހެއްޔެވެ؟ އެކަމަކު މުއްސަދިވެފައި ފައިސާ ހުރީމަ އަންހެންކުދިންގެ ލޯތައްވެސް ބޮޑަށް ހުއްޓެނީ ޖަހާންގީރުގެ ދަރިންނަށެވެ. ރުސްލާން އިމްކާން އަދި ޖޫދު ފެންނައިރަށް އަންހެންކުދިން ކަޅިވިދޭތަން ފެނުމުން ޒިޔާމްގެ ހިތް އަނދައިގަނެއެވެ.

ބްރީފިންއަށްފަހު ޒިޔާމް ފްލައިޓަށް އަރާ ޗެކްލިސްޓް ފުރިހަމަކޮށްލިއެވެ.

"ސްކައި އެއާ ނައިންޓީ ތްރީ..ފޮލޯ އެސްއައިޑީ، ކްލައިމްބް ސެވެން ތައުޒަން ފީޓް..ކްލިއާ ފޯ ޓޭކްއޮފް....ރަންވޭ ތާޓީ ސިކްސް..."އެއާޓްރެފިކް ކޮންޓްރޯލާ ތާރިކް ގެ އަޑު އިވުނެވެ.

ޒިޔާމްވެސް ހަމަ އެގޮތަށް ތަކުރާރުކޮށްލިއެވެ.

މަތިންދާބޯޓުގެ ފުރޮޅުތައް ރަންވޭއިން ހިއްލައިލުމަށްފަހު އޭގެ ކްރޫޒް ސްޕީޑާއި ހަމަޔަށްވެސް ކެޕްޓަނާއި ޒިޔާމްވެސް ތިބީ ސަމާލުވެގެންނެވެ. އެންމެބޮޑަށް ފަރުވާތެރިވާންޖެހެނީ ނައްޓާލާއިރު އަދި ބޯޓު ޖައްސާވަގުތުގައެވެ. ސްކައިއެއާލައިންގެ އެންމެ ރީތި އެއް ފްލައިޓް އެޓެންޑެންޓެއްކަމަށްވާ ރޯޒް ކޮފީ ހިފައިގެން އައިސް ކޮކްޕިޓަށް ވަނެވެ.

"ކޮފީ........"

 

ކޮމެންޓް 0