"ތިމާގެ އީމާންތެރިކަން ދޫކޮށްލުމަށް އެކަށީގެންވާވަރުގެ އެއްޗެއް ނެތެވެ. ﷲ ސުބުހާނަހޫ ވަތައާލާއާއި އޮތް ގުޅުން ރަގަޅުކުރުމުގެ ގޮތުން ކުރަން ޖެހޭ ކޮންމެ ކަމަކަށް ޖެހިލުންވެގެން ނުވާނެއެވެ. އެއީ މާހައުލު ބަދަލުކުރުން، ވަކި ލައިފްސްޓައިލެއް ދޫކޮށްލުން، ބައެއްކަހަލަ ގުޅުން ކަނޑައިލަން ޖެހުނުކަމުގައި ވިޔަސް ހެވެވެ. އީމާންކަން ބަލިކަށިވެ ފިތުނަތަކުގެ ސަބަބުން ﷲ އައްޒަ ވަޖައްލުއާއި އޮތް ގުޅުން ބަލިކަށިވާނަމަ ތައުބާވެ ދުޢާކުރާށެވެ. އަދި އީމާނަށް ހުރަސްއަޅާ ކޮންމެ ކަމަކާއި ދުރުވާށެވެ. ހުރިހާކަމަކަށްވުރެ މުހިއްމުވާނީ ތިމާއާއި ހެއްދެވި ފަރާތާއި އޮންނަ ގުޅުމެވެ."

 

***

ޒިޔާމް ބޯ ހޫރައިލިއެވެ."އެހެންވީމަ ތި ފަސްހާސްރުފިޔާގެ ބޭނުމުގައި އަހަރެން ރޯޒްއާއި ރައްޓެހިވާނަން...ސީރިޔަސްކޮށް ކުރާކަމެއްނޫން. އެހެން މީހަކަށްވެސް އެނގިގެންނުވާނެ. ސަބަބަކީ އަހަރެންގެ ލޯބިވެރިޔެއް ހުރޭ. މަޖަލަކަށްކުރާ ސިއްރުކަންތައް އެހެން ބަޔަކަށް އެނގޭކަށް ނުޖެހޭނެ...އެކަމަކު ރުސްލާންއާއި ކޮން ގުޅުމެއް އޭނަ އޮތީ؟"

"އެކްސްއެއްހެން ހީވަނީ...."

ޒިޔާމްގެ ހިތަށް ނުބައިގޮތެއްވިއެވެ. ރުސްލާންއާއި ކުރިން ގުޅުމެއް އޮތިއްޔާ މިފަދަ ބޮޑު ރިސްކެއް ނަގަން ހަަދައިގެން އޭނަގެ މަގުސަދު ހާސިލުނުވެ އަޑިގަނޑަކަށް ވެއްޓިއަރައިނުގަނެވިދާނެއެވެ. އޭނަގެ ބޮލުގައި ތުހުމަތެއް އަޅުވާ ލައިސަން ހިފަހައްޓައިފިއްޔާ އޭނަގެ ކެރިއާ އެއްކޮށް ހަލާކުވެގެން ދާނެއެވެ. ފުރަތަމަ އިސްކަންދޭންވީ ކުރިމަގު ބިނާކުރުމަށެވެ. ރީތި އަންހެންކުދިން އޭރުން ހަކުރު މާމުޔަށް ދަމާހެން އޭނަގެ ގާތަށް އަންނާނެ ނޫންހެއްޔެވެ؟

"އަހަރެންގެ ފިއާންސޭއެއް ހުއްޓާ މިކަހަލަ ވިޔާނުދާ ކަންތައްތައްތަކާއިގެން އުޅުން....ކިހާ ކަޓުކަމެއް. ފަސްމިލިއަން ދިނަސް މަ ތިކަހަލަ ވިޔާނުދާ ގޮތަކަށް ނޫޅޭނަން. އަހަރެންގެ ލޯބިވެރިޔާއަށް ލޯޔަލްވާނަން.."

"މިސްޓަރ ލޯޔަލް...ކާކު ފިއާންސޭއަކީ؟"

"އެއީ އަދި ސިއްރެއް...އެނގުނީމަ ވާސްޓްކޮށް ސަޕްރައިޒްވާނެ.."

"ސަޕްރައިޒްވީވަރުން ސިކުނޑި އުދުހިގެން ޕްލޫޓޯއަށް ކަން ނޭގޭ ދާނީ..."ދާއިމް ހިނިގަނޑެއްޖަހައިލިއެވެ.

"ހަގީގަތުގައި ކޮންމެ ކޮންމެމީހަކަށް އެކަހަލަ ނަސީބެއް ނުލިބޭނެ. ކާމިޔާބުވަނީވެސް ރީތިމީހުންނަށްކަން ދިރާސާތަކުން ދައްކާ. އަވަހަށް ވަޒީފާ ލިބި ޕްރޮމޯޓްވެ ބޮޑު މުސާރާވެސް ލިބޭ.ރީތިކަމުގެ ތެރޭގައި ބަލައިލަން ސަޅިވުމާއި ޑްރެސްކުރާގޮތް ރީތިވުން އަދި ސްމާޓްކަން ހިމެނޭ... ފިޒިކަލީ އެޓްރެކްޓިވް މީހުންގެ ކޮންފިޑެންސްވެސް ހުންނާނެ. އެހެންވުމުން އެކީ މަސައްކަތްކުރާ މީހުންނަށްވެސްއެކަން ފަސޭހަވޭ. އަހަރެން ޑިސްކްރައިބްކުރަންޏާ ބުނެވިދާނެ ހެންޑްސަމް ސޯޝަބްލް. ޑޮމިނެންޓް، ވާމް މެންޓަލީ ހެލްދީ އިންޓެލިޖެންޓް އެންޑް ސޯޝަލީ ސްކިލްޑްމީހެކޭ، ރީތިމީހަކަށްވުމުގެ އެންމެ ޝަރުތެއްވެސް މަގޭ މަދެއްނުވޭ............"

"ޢަސްތަޣުފިރުﷲ. ތިމާ އަމިއްލަމީހާއަށް ތިވަރަށް ޕްރެއިޒްކުރަން ހެޔޮވާނެ؟"

"ދާއީ....އެއަކަށް ނުކިޔޭނެ ޕްރެއިޒްކުރުމޭ. އަހަރެންގެ ހުރި ސިފަތައް ތެދަށް ކިޔައިދިނީ.........."

"ހޫމް އެކަމަކު...."

"އަހަރެން ފޮނިކަނޑަން ދައްކާ ވާހަކައެއްނޫން. އަންހެންކުދިން މަށަށް ބަލާވަރުން އީވިލް އައިސްްގެ ބިރަށް މަ ރޭބަންވެސް ލޮލުން ނަގަން ބިރުގަނޭ.. ދެޓްސް ކްރޭޒިނެސް. ވެން ދޭ ސީ މީ ހަމަ ލަދެއްނެތި ލޯބޮޑުކޮށްފައި ބަލަން ތިބެއޭ...އައިމް ލައިކް....ވަޓް ދަ ހެލް...މިއީ ކޮންފަދަ ކަންތައްގަނޑެއްބާވައޭ. މަ ކިހިނެއްހެއްޔޭ އެންމެނަށް ލިބޭނީ؟ ދެން ޖެހޭނީ ކޮށާ ކުދިކޮށްފައި މީހަކަށް އެތިކޮޅެއް ދޭންށޭ....ސެހާދަތް. މަ ބޯހަލާކު...."ޒިޔާމް އިސްތަށިގަނޑުގައި އަތް ހިންގައިލީ ފޮނިގޮތަކަށެވެ.

"ބިއުޓީއިޒް ޕަވާ..." ޒިޔާމް ފޮނިކަމުން ފުރިފައިވާ ފަދަ ގޮތަކަށް ހީލައިފިއެވެ.

"އަމިއްލައަށް ތިމާ މީހާއަށް އެސްފީނާޖެހިދާނެތަ؟ އެންމެ ކުރިން ޒިއާއަށް ޒިއާގެ އެސްފީނާޖެހިދަނެއޭ މަގޭހިތަށް އަރަނީ..."

"ހޫމް...އެހެންވެދާނެތަ؟"

"ކިތައްގަޑިއިރު ޔޯ ރިފްލެކްޝަންއަށް ބަލަން؟"

"ރިފްލެލްޝަން އަރާ އެއްޗެއް އަތުޖެހިއްޖެއްޔާ...." ޒިޔާމް ކޮފީތަށިން އެތިފަހަރެއް ބޯލިއެވެ. އެެހެން ލާފައި ދިޔަ އަންހެންކުދިންތަކެއް އެނބުރި ބަލަމުން ދާންފެށުމުން ޒިޔާމް ހަށިގަނޑު ސީދާކޮށްލަމުން ހަށަންބަދެލިއެވެ."ފެނޭތަ؟ މިއީ މިބުނާ ވާހަކައަކީ.."

"ޒިއާ. ބުނެބަލަ ފިއާންސޭވެސް ސިއްރުން ތިގެންގުޅެނީ.."

އެކުއްޖާ ރީއްޗެއްނޫން. ވަރަށް ސިމްޕަލް...އެ ވޯޑްވެސް އެންމެ ސޫޓަބަލް އެއްނޫން. ހަމަ އަގްލީއޭ ބުނާނީ.." ޒިޔާމް ކިޔައިދިނީ ރަޖްވާގެ ސިފަތަކެވެ. އޭނަގެ ފިއާންސޭއަކަށް ވާނީ ރަޖްވާ ނޫންހެއްޔެވެ؟

'ޑޭމް ކީއްވެ؟"

"ލޯބިވަންޏާ ސިފަ މުހިއްމެއްނުވާނެ..."

ދާއިމް އަނގަ ހަދާލައިގެން އިންތަން ފެނި ޒިޔާމްއަށް ހެވުނެވެ.

"އަހަރެންގެ ސުވާލެއް އެބައޮތް؟ ދެން ކޮބާ ހުތުރު މީހުން ދުނިޔެއަށް އައުމުގެ ޕާޕޯސް؟"

ޒިޔާމް ދަތްދޮޅީގައި އަތް ވިއްދާލައިގެން ވިސްނުމެއްގެ ތެރޭގައި އިނެވެ." ތިހާ މޮޔަ ސުވާލެއްކޮށްފާނެކަމަކަށް ހިޔެއްނުކުރަން. ސަބަބަކީ އަހަރެމެން މުސްލިމުންނަށް މާ ރަގަޅަށްވެސް ދުނިޔެއަށް ފޮނުއްވި ސަބަބު އެނގޭތީ. ރީތި މީހުންނަށް އަދި ދުނިޔޭގެ ކަންތައް ފަސޭހަވިޔަސް ﷲގެ ހަޟުރަތުގައި އެންމެ މާތް މީހާއަކީ ތަގުވާވެރިމީހާ. އެހެން މީހުންގެ ރުހުން ހޯދުމަށްވުރެ ﷲގެ ރުހިވޮޑިގަތުން ލިބުމުން ޓްރޫ ހެޕިނަސް ލިބޭނެ.....އަހަރެން މިހާ ރީތިވީމަ މިއުޅެނީ އަންހެންކުއްޖަކު ހޮވަންވީމަވެސް އުދަގޫވެގެން. އެހެންވެ މިބުނަނީ. ރީތިވުމަކީ ކާރސްއަކަށްވެސް ބައެއްފަހަރުވޭ..."

ދާއިމް ހިނިގަނޑެއްޖަހައިލިއެވެ.

"ޔޫ އާ އިމްޕޮސިބްލް.."

"މިއީ ހަގީގަތް. އަހަރެމެންނަށް އަދި އެހެން ނޫޅެވުނަސް.."

"ތިބުނީ ހަމަ ތެދެއް.."ދާއިމްވެސް އެއްބަސްވިއެވެ.

***

ބައެއްފަހަރު މާ ބޮޑަށް ރީތިމީހުން ކޮންމެވެސް ވަރަކަށް ނާސިސިސްޓިކްވެ ތިމާއަށް އެހެން މީހުން ޚާއްސަ ސަމާލުކަމެއް ދޭންޖެހޭނެކަމުގައި ގަބޫލުކުރެއެވެ. ޒިޔާމްވެސް ދެކޭގޮތުގައި އޭނަފަދަ ރީތިމީހަކަށް ހުރިހާ ފުރުސަތެއްވެސް ހުޅުވެންޖެހޭނެއެވެ. ހަޔާތުގެ ބައިވެރިޔަކަށް ރަޖްވާ ހެދުމަކީވެސް އޭގެ ތެރޭގައި ހިމެނިގެންވާ ބަޔެކެވެ. ކާމިޔާބުގެ ހަރުފަތްގަނޑުން އަރާއިރު ބައެއްފަހަރު ނުރުހެވޭ ކަންތައްތައްވެސް ފެނިދާނެއެވެ.

ޒިޔާމް ސަފާޔާއާއި ރަޖްވާއަށް އެއްފަހަރާ މެސެޖްކުރަމުން ދިޔައިރު ތުންފަތްމަތީގައި ހިނިތުންވުމެއްވިއެވެ.

"ރަޖްވާ. ތިގެއަށް ދާންވީތަ؟ ހާދަބޭނުމޭ...."

"ކެތްތެރިވެބަލަ. އެއީ ރީތި ސިފައެއް.."

"ވަރަށް ގިނަ މިނިޓްވާންދެން ކެތްކޮށްފިން.."

"އެހެން މީހުން ގަޑިގުނަނީ މިނިޓަކުން ނޫން....ހެހެ.."

"ރަޖްވާ ޕްލީޒް. ކޮންމެވެސް ގޮތަކުން ހިނގާބަލަ މީޓްވެލަން....."

"މަވެސް ބޭނުންވޭ. ޒިޔާމް ގާތު އަދި ވަރަށް ބޮޑު ސިއްރެއް ނުބުނެވޭ ކައިވެނީގެ ކުރިން އެވާހަކަ ބުނުން މުހިއްމުކަން ނޭގޭ....."

ޒިޔާމްގެ ޝައުގުވެރިކަން ހާސް ދަރަޖަ މައްޗަށްއެރިއެވެ.

އަނެއްކާ ރަޖްވާ ބުނަން އުޅެނީ ކޮންފަދަ ސިއްރެއްހެއްޔެވެ؟ ކައިވެނީގެ ހަދިޔާއަކަށް އެމީހުންނަށް ބީއެމްޑަބްލިއު ކާރެއްލިބި ބޮޑު ސިންގާ ޕެންޓްހައުސްއަކާއި ސްކައިއެއާލައިންގެ ހިއްސާދާރުކަން ލިބެނީ ނޫންބާވައެވެ. ޒިޔާމްގެ ސިކުނޑިއަށް އެތައް ޚިޔާލެއް އަރާފޭބިއެވެ. ސަފާޔާގާތު ބުނަންއުޅެފައިވެސް ފަސްޖެހުނެވެ. ކޮންމެގޮތަކަށް ހެދުން އެޅިޔަސް ސަފާޔާވެސް ވަރަށް ފާޑެއްވާނެއެވެ. ސަފާޔާގެ އެއްޗެއް އެހެން މީހަކާއި ހިއްސާކުރަން ބޭނުންނުވާފަދަ އަންހެންކުއްޖެކެވެ. ދެއަންބަށް މީހުންނައި އިނުމާއި ސަފާޔާ ނިކަން ދެކޮޅެވެ. އޭނަ ދެކޭގޮތުން ހަމަހަމަޔަށް ކަންތައްކުރެވޭނީ ލައްކައަކުން އެކަކަށެވެ. އެހެން އަންހެނަކު މެދުވެރިކޮށް އޭނަގެ ދިރިއުޅުން އުޖާލާކުރަން ސަފާޔާ އެއްބަހެއްނުވާނެއެވެ. ހަދާނެގޮތަކާއިމެދު ވިސްނަމުންގޮސް ޒިޔާމް ބޯ ފަޅައިގެންދާވަރުވިއެވެ.

***

ޓަވަރުގެ ވަށައިގެން ބިއްލޫރި ޖަހާފައިވާއިރު ރަންވޭ ރީއްޗަށް ފެންނާން އޮތެވެ. ކުރިމަތީގައި އެތައް ކޮމްޕިއުޓަރެއް ބަހައްޓާފައިވާއިރު އެއާޓްރެފިކް ކޮންޓްރޯލާއިން ޒިންމާދާރުކަމާއެކު މަސައްކަތްކުރަމުން ދިޔައެވެ. އެތަނުން އެކެއްކަމަށްވާ އުސައިމީންގެ އަޑު އެއްވަރަކަށް ހިފެހެއްޓިފައިވިޔަސް އަވަސްކަމެއް ވެއެވެ."ސްކައި އެއާ ނައިން ތްރީ ގޯ އެރައުންޑް....ސްކައި އެއާ ނައިން ތްރީ ގޯ އެެރައުންޑް.. ސްކައިއެއާ ނައިންތްރީ ގޯ އެރައުންޑް...."

އުސައިމީންގެ އަޑު ތަންކޮޅެއް ބާރުވިއެވެ."ސްކައި އެއާ ނައިން ތްރީ ގޯ އެރައުންޑް"

"އީކޭ ތްރީ ފޯ ފައިވް ވިތްއައުޓް ޑިލޭ ކްރޮސް ރަންވޭ އެއިޓީން...ކޮންޓްކްޓް ގްރައުންޑް ވިތްއައުޓް ޑިލޭ.. ޕްލީޒް. ޓްރެފިކް ކޮމްޕެނީ. ޓޫމައިލް ފައިނަލް.... އޮންދެޓް ސައިޑް...."

"ސްކައި އެއާ؟"

"ވީގޮޓް ޕްރޮބްލެމްސްް ވިތް ދަ ރޭޑިއޯ...ހިއާ..."

"ދެޓްސް ޕްރިޓީ އެވިޑެންޓް..ސްކައި އެއާ ޕުލް އޯލް ދަ ވޭ އަޕްޓު.................."

ސްކައިއެއާލައިންސްގެ ރޭޑިއޯއަށް ދިމާވި މައްސަލައަކުން ބޮޑު ކާރިސާއެއް ނުހިގާ ސަލާމަތްވިކަމީ ހަމަ ނަސީބެކެވެ. އުސައިމީން ކިތަންމެ ހަމަޖެހުނަސް އޭނަގެ ނިތްކުރިންވެސް ދާތިކިތައް ހިއްލާލައިފިއެވެ.

"ޑޭމް.......ކިރިޔާ....."

ތާރިކްވެސް ކައިރިއަށް އައެވެ."ސުބުހާނަﷲ ހަމަ ކިރިޔާ ދެ ފްލައިޓް މުޑިނޭރީ....."

"ސްޓްރެސްބޮޑު ޖޮބެއްގައި މިއުޅެވެނީ..އިމޭޖިންކޮށްބަލަ ނައިން އިލެވެންގައި ޓަވަރުތަކުގައި ތިބި އޭޓީސީއިންގެ ހާލު...." ތާރިކް އުސައިމީންގެ ބުރަކަށީގައި ޖަހައިލިއެވެ. "ވަރަށް ރަގަޅަށް ތި ކޭސް ހެންޑްލްކުރީ.."

"އަހަރެމެންގެ އަޑުންވެސް އެތައް ބަޔަކަށް އަސަރުކޮށްފާނެ ދޯ...އެކަމަކު އެއްވެސް ބަޔަކު އަހަރެމެން އުޅޭކަމެއް ނުދަނޭ..."

ބްރޭކަށް ކޮފީ ރޫމަށްގޮސް ސީތުއާއި ތާރިކް އަދި އުސައިމީން ވާހަކަދައްކައިލަން ތިއްބެވެ. ޕައިލެޓުންނަށް އެންމެންގެ ސަމާލުކަން ލިބުނަސް އެ ޒުވާނުންނަކީ ފަރުދާގެ ފުރަގަހުގައި ތިބެގެން އެއާޕޯޓުގެ އެންމެ ޚާއްސަ އެއް ބައި ހިންގާ މުހިއްމު ބަޔެކެވެ. އެތައް ފްލައިޓެއް އުދުހެމުންދާއިރު އެ އުޅަދުތައް ކޮންޓްރޯލްކުރާ ބަޔަކީ އެއީއެވެ.

***

ސަފާޔާއަށް އެގޭގައި އުޅޭ ޒުވާނުން ފެނުމުން ހައިރާންވިނަމަވެސް އޭނައާއި އެކަށީގެންނުވާކަމަށް ފުރަތަމަ ނަޒަރުންވެސް ގަބޫލުކުރެވުނެވެ. އެތައް ސަބަބަކާއިހެދިއެވެ. އެންމެ ފަސޭހަވާނީ އެމީހެއްގެ ފެންވަރުން އުޅުނިއްޔާއެވެ. ސަފާޔާ އަށް އެގޭގެ ބޮޑުކަމާއި ތަނަވަސްކަން އަދި ޝާހީކަން ފެނުމުން ގަނޑުވަރެއްގައި އުޅެވޭފަދަ އިހުސާސެއްކުރެވުނެވެ. ދުވަސްކޮޅަކަށް އެގެއަށް ޒިޔާރަތްކުރި މެހުމާނެކެވެ. އަރާމު އެޕާޓްމެންޓެއްގައި އުޅެން ލިބިފައި ހަތަރުއިރު މީރުކޮށް ކާން ލިބުމާއި އަމާންކަމާއި ހިމޭންކަމަކީ އޭނަފަދަ އަންހެންކުއްޖަކަށް ހަމަ ރަހުމަތެކެވެ. ބެލްކަނީގައި ހުރި ޕޮޓްތަކުގައި ތަފާތުކުލަކުލައިގެ މީރުވަސްދުވާ މާތައް އިންދާފައިވެއެވެ. އެތަނުގައި ހުންނަ ސަންބެޑްގައި އޮށޯވެލައިގެން އެއްވެސް މީހެއްގެ އުދަގުލެއްނެތި ވާހަކަ ލިޔަން އޮތުމަށްވުރެ ހިތްގައިމު އެހެންކަމެއް ނުފެނެއެވެ.

ވާހަކައިގެ އެންމެ ފަހު ބާބު ފޮނުވައިލިތަނާ އަސުރުނަމާދުނުކުރާ ހަދާންވިއެވެ. އޭރު ގަޑިން ހަޔެއްޖަހަން ކައިރިވިއްޖެއެވެ.ވުޟޫކޮށްގެން ނިމިގެން އައިތަނާ މީހަކު ޓަކިޖެހުމުން ދޮރު ހުޅުވައިލިއިރު ރަޖްވާއެވެ.

"ހާދަ ރަގަޅޭ. މަޣުރިބުކުރަން ދޯ...."

"ލައްބަ..."ސަފާޔާ ދޮގުހެދިއެވެ.

"މާޝާﷲ.....ގަޑިން ނަމާދުކުރަން އަހަރެންވެސް ހުންނަނީ. އެކަމަކު މަދުފަހަރެއްގައި އެކަންވަނީ....ސަފާ ތިހުންނަނީ ނަމާދުވަގުތަށް ބަލަބަލާ ދޯ.."

ސަފާޔާ ނަމާދުކުރަނީ ތެޅެމެންފޮޅެމުންގޮސް އެންމެފަހު ވަގުތުގައޭ ބުނާކަށް ނުކެރުނެވެ. އާއްމުކޮށް މެންދުރާއި އަސުރާއި އެއްކޮށް އަދި މަޣުރިބާއި އިޝާ އެއްކޮށެވެ. މިއަދުވެސް ދިމާވިގޮތަކުން މެންދުރަށް ނޭރުނީމަ އަސުރުލަސްކޮށްގެން ހުރެވުނީއެވެ.

"ވަން މިނިޓް. ޖަމާއަތުގައި ކުރާނީ. މިއަންނަނީ ވުޟޫކޮށްލައިގެން އިނގޭ...."

ރަޖްވާ ލޯމަތިން ގެއްލުމާއެކު ސަފާޔާ އެއްމިނިޓްތެރޭ ނަމާދުކޮށްލީ އެއްވެސް ޚުޝޫއަތްތެރިކަމެއްނެތި ކުރަން ޖެހިގެން ކުރާކަމެއްގެ ގޮތުގައެވެ. ނަމާދުނުކުރަންޏާ ލިޔުންތެރިއެއްގެ ގޮތުގައި އޭނައަށް ކާމިޔާބުނުވެދާނެކަމަށް ގަބޫލުކުރެވެނީއެވެ. ސަފާޔާއަށް ހަގީގަތުގައި އެހެދޭ ގޯސްތައް ރޭކާނުލަނީއެވެ. ނޫނީ އަދި ތެދުމަގުނުފެންނަނީއެވެ. އަޅުކަން ކުރަނީ އެހެންމީހުން ލައްވާ ރަގަޅޭ ބުނުވަން ނޫނީ އެހެން މީހުންނަށް ދައްކާކަށް ނޫނެވެ. ރަޖްވާ ފެންނައިރަށް އޭނަގެ ނަމާދު ވީހާވެސް ލަސްވެ ރީއްޗަށްކުރެއެވެ. މީހަކުނެތިއްޔާ ތެޅިމަރުވެގެން ކޮށްލަނީ އެހެން ކަންތައްތައް ނުވެދާނެތީއެވެ. ބަލަން ހުންނަ ފިލްމުތަކާއި ވީޑިއޯތައް އެހާ ގިނައެވެ. ކިޔަން ހުންނަ ވާހަކަތަކާއި އަދި ލިޔަންވެސް އެތައް ވަގުތެއް ބޭނުންވެއެވެ. ވަގުތުގެ ވެރިފަރާތަކީ ކޮބައިކަން ވިސްނޭނަމަ ސަފާޔާވެސް އެހެން ނޫޅުނީހެވެ.

ނަމާދުކޮށް ނިމުމަށްފަހު ދެކުދިން ބެލްކަނީގައި އިށީދެލައިގެން ތިއްބެވެ.

"ސަފާޔާ. ވާހަކައެއް ބުނަންތަ؟"

"ޔެސް..."

ކޮމެންޓް 0