"ތިއީ ބޭކާރު މީހެކޭ ބުނެވުނަސް ގަބޫލުނުކުރާށެވެ. ﷲ ތައާލާ ބޭކާރު އެއްވެސް މީހަކު ނަހައްދަވައެވެ. އެންމެންވެސް ދުނިޔެއަށް ފޮނުއްވީ ﷲ ތައާލާއަށް އަޅުކަން ކުރުމަށެވެ. އިމްތިހާނަށެވެ. ކޮންމެ މީހަކަށްވެސް ނިއުމަތްތަކާއި އެކީ މުސީބާތްތައްވެސް ޖައްސަވައެވެ. އެންމެފަހުން ދަތުރުކުރަން ޖެހެނީ ދާއިމީ މަންޒިލަށެވެ. ދަތުރުވެރިއެއް ފަދައިން ދުނިޔޭގައި އުޅެން ދަސްކުރާށެވެ. ނިއުމަތްތަކަށް ޝުކުރުކޮށް މުސީބާތްތަކަށް ކެތްތެރިވާށެވެ."

 

***

ރަޖްވާއާއި ސަފާޔާ އެއާޕޯޓަށް ވަންއިރު ޓޫރިސްޓުން ގިނަކަމުން ތަން އޮތީ ފުރާލާފައެވެ. އެންމެންގެތެރެއިންވެސް ރަޖްވާގެ ލޮލުގައި އަޅައިގަތީ އެންމެ މޫނެކެވެ. ސަފާޔާއަށްވެސް ބަލަން ހުރެވުނީ އެދިމާލަށެވެ. އެންމެންގެ ތެރެއިންވެސް ފާހަގަވާފަދަ ރީތި ފިރިހެނަކަށްވީމަ އެހެން ލޯތައްވެސް ހުއްޓުނެވެ. ޕައިލެޓް ޒިޔާމްއަށްވެސް އެކަން އިހުސާސްވިފަދައެވެ. ފަޚުވެރިކަމާއެކު އިސްއުފުލާލައިގެން މޮޑެލްގޮތަކަށް ހިނގާފައި އައިގޮތަށް ދަންނަ މޫނެއް ފެނުމުން މިސްރާބުޖެހީ އެދިމާލަށެވެ.ސަފާޔާއަށް ހާސްކަމާއެކު ބަލައިލެވުނީ ދާދި ގާތުގައި ހުރި ރަޖްވާއަށެވެ. މިގޮތަށް ބޭޒާރުވުމަކީ އޭނަ އުއްމީދުކުރިގޮތެއްނޫނެވެ. ގަންނާކުރެއްވި ބިރުން މޭގަނޑު އަނގަޔަށް އަންނަގޮތްވުމާއެކު ފިނިފިނި ދުވަހަކަށްވިޔަސް ނިތުގައި މުތީތައްފަދައިން ދާތިކިތައްވެސް ވިދަންފެށިއެވެ.

"ޓޮއިލެޓަށް ދާން ޖެހިއްޖެ.............."ސަފާޔާއަށް ދުއްވައިގަނެވުނީ ފާޚާނާތައް ހުރި ބަރިއާއި ދިމާލަށެވެ.

ޒިޔާމް ރަޖްވާއާއި އަރާ ހަމަވީއިރުވެސް ސަފާޔާ ގޮސް އޮބައިލި ދިމާލަށް ނަޒަރު ހުއްޓިފައި ހުރިގޮތުން ދަންނަ މީހަކަށް ބެލިހެންނެވެ. ސަފާޔާ ހެދުން އަޅާފައި ހުރިގޮތާއި މޭކަޕުން ޒިޔާމްއަށް ޔަގީންނުވީކަން ނޭގެއެވެ.

"ދެންމެ މިތަނުގައި ހުރެފައި ދިޔައީ ކޮންކުއްޖެއްތަ؟"ޒިޔާމް ހުއްޓުނީ ރަޖްވާގެ ކުރިމަތީގައެވެ. ޕައިލެޓް ޔުނިފޯމްގައި އޭނަަ ފެންނަލެއް ވަކިން ސްމާޓެވެ. މުޅިތަނުގައި ހިތްގައިމު މީރުވަހެއްވެސް ހިފާލައިފިއެވެ. ރަޖްވާ އެއްޗެކޭ ބުނަން އަނގަ ހުޅުވާލާފައިވެސް ލައްޕައިލީ ޒިޔާމްއަށް އޭނަގެ އަޑުން ދެނެގަނެވިދާނެތީއެވެ. ހިމޭންކަން ޚިޔާރުކުރުން ނޫންގޮތެއް ނެތެވެ.

ޒިޔާމް ދުރަށް ހިނގައިގަތުމުން ރަޖްވާ ހިނި އަންނަގޮތްވިއެވެ.

އިރުގަނޑެއްނުވަނީސް ޒިޔާމްގެ މެސެޖެއްއައެވެ. ދެންމެ ކަޅުހެދުމުގައި ހުރި "ނިންޖާ"އެއް ފެނުނުކަމަށާއި "މިއުޓް"ކަން ޔަގީންވީ އޭނަގެ ސުވާލަށް ޖަވާބު ނުދިނުމުންކަމުގައި ބުނެލިއެވެ. އެ ޖުމްލައާއިމެދު ވިސްނާލުމާއެކު ޒިޔާމްގެ އީމާންކަމާއިމެދު ހިތުގައި ޝައްކު އުފެދުނެވެ. ދީނީއެއްވެސް ކަމަކަށް ފުރައްސާރަކުރުމަކީ ރަޖްވާ ބަލައިގަންނާނެ ކަމެއްނޫނެވެ. އޭނަގެ ނިގާބު އެޅުމުގެ ނިޔަތް ގޯސްވުން އެއީ އެހެން މައްސަލައެކެވެ. މިފަހަރު ރަޖްވާ އެތަންކޮޅު ފާހަގަކޮށްލަން ބޭނުންވެފައިވެސް ހުއްޓައިލީ އެހެން ވިސްނުމެއްގެ ސަބަބުންނެވެ. ޖާރިދްއާއިހެދި އޭނައަށް އަދި ޒިޔާމްއާއި ކައިވެނިކޮށް އެކީީ ދިރިއުޅުމެއް ފެށޭނެކަމުގެ ޔަގީންކަމެއްވެސް އޮތީއެއް ނޫނެވެ. ނަމަވެސް ޒިޔާމްއާއިމެދު ހިތުގައި އޮތް ގަދަރަށް ކުޑަނަމަވެސް ލޮޅުމެއް އައެވެ. އޭނަ ނިންޖާއާއި މިއުޓް ބޭނުންކުރިގޮތް ރަޖްވާއަށް އެއްގޮތަކަށްވެސް ކަމުނުދިޔައީއެވެ.

"ރަޖްވާ..ކިހިނެއް ހަދަނީ؟ ކޮންދުވަހަކުން އަހަރެންގެ ހުވަފެން ހަގީގަތަކަށްވާނީ؟" ޒިޔާމް އެހިއެވެ.

"ކެތްތެރިވެބަލަ ޕްލީޒް...އަހަންނަކަށްވެސް ނޭގޭ.."

"އެކްސް ކީކޭ ބުނަނީ؟ އެކްސްއެއްނޫން ދޯ. ހަމަ ހަޒްބެންޑް... އޭނަ ވަރިނުކޮށްފިއްޔާ އަހަރެމެން ކައިވެނިކުރާނީ ކިހިނެއްތަ؟ ދެރައީ ރައްޓެހިވިއިރު އެއްވެސް ވަރަކަށް އެ މީހާގެ ވާހަކަ ޖީޖީ މަގޭ ގާތު ނުބުނީމަ..މިގުޅުން ރަގަޅުވާނީ ކިހިނެއް؟އަދިވެސް ތީ މީހެއްގެ އަންބެއް. އަހަންނަށް މިއޮތް ބޮޑު ދުނިޔެއިން ލިބުނީ މީހެއްގެ އަންބެއް. ހައިރާނެއްނުވާނެތަ؟" ޒިޔާމްގެ ވާހަކަހުރީ ފޫހިވެ މާޔޫސްވެފައިވާ ގޮތަކަށެވެ. ރަޖްވާ ދެރަވިއެވެ. އޭނައަށްވެސް ކުށްވެރި އިހުސާސްތަކެއްކުރެވުނެވެ.

އޭރު ސަފާޔާ ރަޖްވާ ހުރި ދިމާލަށް އަންނަތަން ފެނުނެވެ.

"އައިމް ސޮރީ...ފަހުން އެބަ ގުޅަން.."ރަޖްވާވެސް ސަފާޔާއާއި ދިމާލަށް ހިނގައިގަތެވެ.

"ހީވީ ގޯސްޓެއް ފެނިގެން ދުއްވައިގަތީހެން..."ރަޖްވާ ބުނެލިއެވެ.

"ޑިޕްރެޝަންގައި ހެލުސިނޭޓްވޭތަ؟ ތިބުނާހެން ގޯސްޓެއް އަންނަނިކޮށް ފެނުމުން ބިރުން ހަލާކުނުވީ ކިރިޔާ.."

"ސަފާ..އޭރު ސަފާއަށް ފެނުނީ ޒިޔާމް...ސްކައި އެއާ ޔުނިފޯމްގައި...."

"އެއީ ޒިޔާމްތަ؟ އާނ....ވަރަށް ހެންޑްސަމް ޕައިލެޓެއް.."ސަފާޔާ ހިންދިރުވައިލިއެވެ.

"މަޖާކަމަކީ އޭނަ ސަފާގެ ވާހަކަ އެހީމަ. މަގޭ ކައިރިން އެހި ކޮންކުއްޖެއް ހެއްޔޭ...."

"ރިއަލީ؟ މިހެން ހެދުން އަޅާފައި ހުރީމަ ކެބިންކްރޫއަކާއި ވައްތަރުވީމަ ކަމަށްވާނީ.."ސަފާޔާ ކަންބޮޑުވުން އެކުލެވޭ ހިނިގަނޑެއް ޖަހައިލަމުން ހާސްކަން ފޮރުވަން މަސައްކަތްކުރިއެވެ.

"ވެދާނެ ދޯ...އެނގޭތަ؟އޭނަ ހަމަ އަހަނީ ޑިވޯސްގެ ވާހަކަ.އަހަންނަށް ކުރިން ޒިޔާމްގާތު އެވާހަކަ ނުބުނެވުނީތީ ރިގްރެޓްކުރަން. ޒިޔާމް މިއަދު ފޫހިވެފައިކަން ނޭގޭ ހުރީ. ފާޑަކަށް ވާހަކަދެއްކީ.........ދެން އަނެއްކޮޅުން ހުރީ އެ ޖާރިދް.....އޭނަ..."

"ކޮން ޖާރިދްއެއް؟"ސަފާޔާ ސިހުނެވެ.

"މަގޭ ފިރިމީހާ..."

"ސީރިޔަސްކޮށް؟ އަަހަރެންގެ ބޭބެގެ ނަން..."

"ސަފާގެ ބޭބެއެއް ހުންނަ ވާހަކަ ނުބުނަމެއްނު."

"އެހާ މުހިއްމުނުވީމަ. މިބުނީ އެހާ ގުޅުން ނެތީމަ.. މަންމައަކީ ޕާކިސްތާނު މީހެކޭ ބުނީމެއްނު. މަންމަ ބައްޕައާއި ކައިވެނިކޮށްގެން ރާއްޖެއަށް ބަދަލުވީ އާއިލާ ރުހުންނެތި. މަންމަ އެންމެކުރިން ބޭރުމީހަކާއި ކައިވެނިކުރީ. އެކައިވެންޏަށް ދޮންބެ ލިބުނީ. މަންމަ ދޮންބެ އެކޮޅުގައި ބަހައްޓާފައި އައީމަ ސަފާއާއި ގުޅުމެއް އަނެއްހެން ނެތަސް ކުރީގެ ފޮޓޯތައް މަންމަ ދެއްކި..ކުޑަވިޔަސް ހަނދާންވަނީ ހަމައެކަނި އޭނަގެ އަޅިފެހި ދެލޯ.............."

"ސުބުހާނަﷲ...."ރަޖްވާއަށް އަތް އެޅުނީ އަނގަމަތީގައެވެ."ދުނިޔެއަކީ ކުޑަތަނެއް. ޖާރިދްގެ ބައްޕައަކީވެސް އިނގިރޭސި ރައްޔިތެއް. އޭނަގެވެސް އެންމެ ރީތި ސިފައަކީ އެލޯ. ހަމަ ސަފާ ބުނިހެން ތަފާތު ކުލައެއް ހުންނަނީ. ބައެއްފަހަރު އަޅި ނޫނީ މަޑުނޫ އަދި ފެހިކުލަވެސް އަރާ...މާތްﷲ އޭނައަށް އެވަރުގެ ރީތި ސިފައެއް ދެއްވީމަ ކަން ނޭގޭ އެވައްތަރަށް އުޅެނީ. މިބުނީ ރީތި މީހުން ގިނަފަހަރު މަގު އޮޅޭ ދޯ. އަހަރެން ސަފާ ގާތު ފިރިމީހާގެ ވާހަކަ ތައް ދެއްކިއިރު އެންމެ ފަހަރަކުވެސް ނަމެއް ނުބުނެވޭ ދޯ. އޭނަ އެ ފިރިހެނާކިޔައިގެން ވިއްޔަ ވާހަކަދެއްކުނީ......."

"ދައްކަބަލް ފޮޓޯއެއް..އޭރުން އެނގިދާނެ."

"ގޭގައި އަލްބަމްތައް ހުންނާނެ. ވެޑިން އަލްބަމްވެސް..ފޫހިވީވަރުން ފޮށިގަނޑަކަށް ލާ ބަންދުކޮށްފައި ސްޓޯރޫމަށް ލީގޮތަށް ބަލާވެސް ނުލަން. އޭނަ އަހަރެންގެދިރިއުޅުން ބަރުބާދުކޮށްލީ...އެކަމަކު....ސަފް...އަދި އެނގޭތަ؟ ޖާރިދްގެ މަންމައކީި އަހަރެންގެ ބައްޕަގެ ކޮއްކޮއެއް..."

"އޭނ..ޝޮކަކަށްފަހު ޝޮކެއް. ތިބުނީ ޖަހާންގީރު ސާހަބްއަކީ މަގޭ ބޮޑުބޭބެ......."ސަފާޔާގެ ހިތް ތެޅިގަތީ އާދަޔާ ޚިލާފު ބާރަށެވެ. އަނގަމަތީގައި އަތް އެޅުނުއިރު ލޯވެސް ބޮޑުކޮށްލިގޮތުން ދެލޯ ފުންމާލަފާނެހެން ހީވިއެވެ. ކުއްލިއަކަށް ދެކުދިންގެ ކުރިމަތީގައި ނިއުޅިގަތް މާޒީ އެކުދިންނަށް ކުއްލި ހައިރާންކަމަކާއި ސިހުމެއް ގެނުވައިފިއެވެ.

"މަންމަގެ ނަންބުނެބަލަ ސަފާ.."

"ހާލާ......"

ރަޖްވާއަށް ސަފާޔާގެ މޫނުގައި އަތުން ހިފަހައްޓައިލެވުނެވެ."މާނައަކީ ތިއީ މަގޭ ކަޒިންއެކޭ....ބައްޕައަށް އެނގިލައްވައިފިއްޔާ......ގަބޫލެއްވެސް ނުކުރެވޭ...ޝޮކިން ހަމަ. އެމޭޒިން.......ކޮންފަދަ ބޮޑު އިއްތިފާގެއް...ސަފާއަށް ތިހުރެވުނީ ހިލޭ ބަޔެއްގެ ގާތުގައެއްނޫން. ތަގުދީރު ސަފާ ގެނައީ އަމިއްލަ ހޯމްއަށް. މިއީ ސަފާ މަންމަގެވެސް ގެ. ބައްޕައާއި ބޮޑުދައިތައަށް މިގެ ދީފައި ކާފަ ދުނިޔެދޫކުރެއްވީ..ﷲގެ އޯގާވަންތަކަން..."

ސަފާޔާގެ ލޮލަށް ކަރުނަ އައެވެ."މާނައަކީ ތިއީ އަހަރެންގެ ފަހަރިއޭ.."

"އެއީ ދެން މިހާރު ގާތްގަނޑަކަށް ނިމިފައިވާކަމެއް. އައިމް ސޮރީ ސަފާ. އެކަމަކު ސަފާގެ ބޭބެއަކީ އެހާ މާތް މީހެއްނޫން. ބޮޑުދައިތަވެސް އެކަމާއި ވަރަށް ހިތާމަކުރާކަމަށް ވަނީ...ވަރަށް ދެރަވެ ރޮއި ދުޢާކުރޭ. އަދި ބައްޕަމެންނާއި ބޮޑުދައިތަގެ ގުޅުން ކެނޑިފައި އޮތީމައާއެކު ބޮޑުދައިތަވެސް އެކަނިވެރި ދިރިއުޅުމެއް ވޭތުކުރަނީ. ޖާރިދްވެސް މަންމައެއްގެ ލޯބި ނުލިބި ކުޑައިރު މަންމައާއި ވަކިން އާންޓްއެއްގެ ގާތުގައި ހުރީމަ އޭނަގެ އަގީދާ ބަލިކަށިވެ ގޯސް މަގު ޚިޔާރުކުރީ. މާ ފަހުން ބޮޑުދައިތަ ހާލާ އަނެއްކާ ލަންޑަނަށް ބަދަލުވީ...ބޮޑުދައިތަގެ ދަރިއަކަށްވީމަ ބައްޕަމެންވެސް ޖާރިދްއާއި މެރީކުރަން ހުއްދައެއްނުދެއްވި. ދެކޮޅަށް ކައިވެނިކުރީ. އަހަންނާއި ޖާރިދް ގެ ކައިވެންޏަކީވެސް ބައްޕަގެ ރުހުން އޮވެގެން ކުރެވުނު ކައިވެންޏެއްނޫން.................."

"މައި ގުޑްނެސް. ސިކުނޑީގައި ނެތް މިހުރިހާ އެއްޗެއް ނަގައިގަންނަވަރެއް. ފެއިންޓްވެދާނެ.."ސަފާޔާއާއި ދެކުދިން ކެފޭއަށް ވަދެ ސްމޫތީއަށް އޯޑަރުދިނެވެ.

"ބައްޕަ ގާތުބުނަންވީ؟"

"ނޫން ނޫން. އިހަށް އެއްވެސް މީހެއްގެ ގާތު ބުނާނެކަމެއްނެތް. ބޮޑުބޭބެއާއި އޮތް ގުޅުން ރަގަޅުކުރާނީ ފުރަތަމަ ޖީޖީގެ އެކުވެރިއެއްގެ ގޮތުގައި ހުރެގެން..އެކަމަކު މަންމައާއި ދޮންބެއާއި މީޓްކުރާހިތުން ކާންޓް ވެއިޓް.."ސަފާޔާގެ ލޮލުގައި ކަރުނައިގެ މުތީތައް ވިދާ ބަބުޅަންފެށިއެވެ.

ދެކުދިން އެކި ވާހަކަތަކުގައި ތިބިއިރު އެކަކު އަނެކަކަށް އޮތް ގުޅުމުގައި އިތުރު ކުލަތަކެއްޖެހުނެވެ. ފުރަތަމަ ނަޒަރުންވެސް ހިތުގައި ލޯތްބާއި ކުލުނު ޖެހުނީ ކީއްވެކަން މިއަދު ސާފުވެއްޖެއެވެ. ވާހަކައެއް ނޫނެވެ. ފިލްމެއްވެސް ނޫނެވެ. ނަމަވެސް ހަގީގީ ދިރިއުޅުމުގައި އެފަދަ އެތައްކަމެއް ފޮރުވިފައިވެއެވެ. އެތައް ކުދިންނެއް ގެއްލި ނަސްލު އޮޅިފައިވުމުގެ އިތުރުން މައިންބަފައިންގެ ހިމާޔަތުގެ އުނގުން ދޫކޮށްލެވިފައިވަނީ ކިތައް ކުދިންނެއްކަން ދެނެވޮޑިގެންވަނީ ހެއްދެވި ފަރާތެވެ. ދެކުދިންގެ ގުޅުން ފެށުނީ އެކުވެރިންގެ ގޮތުގައެވެ. މިހާރު ދެބެންގެ ދެދަރިންނެވެ. އެއްލޯބިވެރިޔަކު ހިއްސާކުރަމުންދާކަން އަދި ރަޖްވާއަކަށް ނޭގެއެވެ. އޭނަވަނީ އަނދިރީގައެވެ.

***

"ސްކައިކާސަލް"ގެ ތެރޭގައި ޖައްސައިލި ފުރަތަމަ ފިޔަވަޅު މިއަދު ސަފާޔާއަށް ތަފާތުވިއެވެ. ﷲއަށް ހަމްދުކުރެވުނެވެ. މިއަދާއި ހަމަޔަށް އޭނަ ދެނެހުރީ އޭނައަކީ ހިމާޔަތެއްނެތް ވާލެއްޔާރެއްނެތް ނިކަމެއްޗެއްކަމުގައެވެ. މަންމައަކާއި ދޮންބެ ނަމުގައި ހުރިނަމަވެސް ދުވަހަކު ބައްދަލުނުވާނެކަމުގައެވެ. ލިބުނު ރަގަޅު އެކުވެރިޔާއާއިއެކު ލޯބިވެރިއަކު ހިއްސާކުރަން ޖެހުމާއެކު ހަގީގަތް އެގޭއިރަށް އޭނަ މިގެއިންވެސް ދާންޖެހޭނެކަމަށް އޭނަ ހީކުރިއެވެ. ނަމަވެސް މިއީ އޭނަގެ މަންމަގެ ހިއްސާވާ ގެއެއްކަން ރަޖްވާގެ ފަރާތުން އެނގުމުން އަމިއްލަ ނަފުސަށް އޮތް އިތުބާރު އާވިއެވެ. ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

މިތަނުގައި މަންމަގެ ހަނދާންތައްވެސް ވާނެތާއެވެ.

"ޖީޖީ. މަންމަގެ އެއްވެސް ހަނދާނެއް މިގޭގައިވާނެތަ؟"

"އާނ ހާލާ އާންޓްގެ ކޮޓަރިއެއް ހުރޭ. އެތަނުގެ ތަޅުދަނޑި ބައްޕަގެ އަތުގައި އޮންނާނީ.."

"އައި ސީ....."

ސަފާޔާ ޒިޔާމްއާއިމެދު ވިސްނައިލިއެވެ. އޭނަގެ އަމިއްލަ އެދުންބޮޑުވެގެން މުއްސަންޖަކު ހޯދަން ޚިޔާލުނުކުރިނަމަ ހަމަ ޒިޔާމްއަށް މި އާއިލާއިން ފުރުސަތު ލިބިދާނެނޫންހެއްޔެވެ؟ ޒިޔާމް އަމިއްލައަށް އެއުޅެނީ އެފުރުސަތު ގެއްލުވާލައިގެންނެވެ. ޖާރިދްއަކީ ކިތަންމެ ނުބައި ނުލަފާ މީހަކަށްވިޔަސް ބޭބެކަން އެނގުމާއެކު ރަޖްވާއާއި ދެމީހުންގެ ގުޅުން ކެނޑުނަނުދޭން އޭނަގެ ހިތް ގޮވަމުން ދިޔައެވެ. އެކަން ކުރަން އޭނައަށް ދާދި ފަސޭހައެވެ. ޒިޔާމްއަކީ އޭނަގެ ލޯބިވެރިޔާކަން ބުނެލުމުން މައްސަލަ ހައްލުވީއެވެ.

***

އުސައިމީން އާއި ޒޯޔާ އިށީދެލައިގެން ތިބީ ރެސްޓޯރެންޓެއްގެ ހާމަ ބައިގާވާ މޭޒެއްގެ ކައިރީގައެވެ. އެދިމާލުގައި ތިބިއިރު މޫދު ހިމޭން ދޫލައެއްހެން ފެންނާން އޮތެވެ. ދޭތެރެއަކުން ވައިގެ ބަނދަރަށް ޖަައްސަން ނޫނީ ނައްޓައިލާ މަތިންދާބޯޓުގެ އަޑުން ހިމޭންކަން ކަނޑުވައިލައެވެ. ޒޯޔާގެ މޫޑު ގޯސްކަން މިރޭ މޫނުމަތިން ހާމަވެއެވެ.

އުސައިމީން ޖީބުން ނެގި ކުޑަފޮށްޓެއް ހުޅުވައިލަމުން ނެގީ ހުދު ޖަވާހިރެއްޖަހާފައި އިން އަނގޮޓިއެކެވެ.

"މެރީ މީ ޒޯ....."

ޒޯޔާ ދެލޯބޮޑުކޮށްލިއެވެ."އެކަމަކު......އަދި....ކީކޭ ބުނާނީ..ތަންކޮޅެއް އަވަސް..މަންމަ ގެ ހުއްދަވެސް ބޭނުންވާނެ..."

"ތިބުނީ..."

"މިބުނީ އިހަށް މިގުޅުން ކުރިއަށް ނުގެންދާން ނިންމައިފީމޭ..."

އުސައިމީން އިސްޖެހީ ލަދުންނެވެ. ތުންފަތުގައި ދަތްއަޅައިލިއެވެ. އަންހެންކުއްޖަކަށްވުރެ އުސައިމީންގެ ލަދުވެތިކަން ބޮޑެވެ. ޒޯޔާއަށް އެ ސިފަތަކާއި ކިތަންމެ ވަރަަކަށް ގަޔާވިނަމަވެސް އުސައިމީންގެ ހަގީގަތް އެނގިފައިވާތީ އެގުޅުމާއިގެން ކުރިއަށް ދެވެން ނެތީއެވެ. އުސައިމީން އެހާ ޔަގީންކަމާއެކު ދިއްކޮށްލި އަނގޮޓި ފޮށްޓަށް ލީގޮތަށް ބުނާނެ އެއްޗެއްވެސް ނޭގުނެވެ. މިހުރިހާ ދުވަހު ކައިވެނި އަވަސްކުރަންވެގެން ބާރުއެޅީވެސް ޒޯޔާއެވެ. އޭނަގެ ފަހަތުން އާދޭސްކުރަމުން ދުވެ ދުވާލަކު ހާސްފަހަރު ގުޅާ ފުލުފުލުގައި މެސެޖްކޮށް އުސައިމީންއަށް މަޖުބޫރުކޮށްގެން އެ ފިޔަވަޅުނެގުމާއެކު ޒޯޔާ އޭނަގެ މޫނުމަތީ ޖެހި އެތިފަހަރަކަށްވިއެވެ. މޫނު ރަތްވެ ލަދުންގޮސް އިސްއުފުލައިލާނެ ހިތްވަރެއް ނުލިބިއިނދެފައި އުސައިމީން ދާންވެގެން ތެދުވުނެވެ. އޭނަ ހީކުރީ ޒޯޔާ އޭނަ ހުއްޓުވާނެކަމަށެވެ. ނަމަވެސް ޒޯޔާ އެއްޗެކޭ ނުބުނުމުން ޔަގީންވީ އެއީ ޒޯޔާކުޅުނު ޑްރާމާއެއްކަމުގައެވެ. އެހާ ވަރުގަދަ ލޯތްބެއްވިނަމަ އުސައިމީން ހުއްޓުވަން މަސައްކަތްކުރީހެވެ.

***

ސްކައިއެއާގެ މަތިންދާބޯޓު ފުރަން ތައްޔާރުވަމުން ދިޔައިރު ޒިޔާމް ބޯޓުގެ ވަށައިގެން ހިނގަމުން ދަނިކޮށް ނަޒަރުގައި އަޅައިގަތީ ރޯޒްއެވެ. ޔުނިފޯމްގައި ފެންނަލެއް ރީތިކަމުން ބަލާބަލާ ފޫހިވުމެއްނެތެވެ. ސަފާޔާވެސް މިހެން ހެދުން އަޅާލާ މޭކަޕްކޮށްލުމުން މިއަށްވުރެ ފުރިހަމަވާނެއެވެ.

ނުނިމޭ

ކޮމެންޓް 0