"ރިޒުގު ލިބުމަށް ހުރަސް އަޅާ ހަތަރުކަންތައް ތަކުގެ ތެރޭގައި ހެނދުނު ވަގުތު ނިދުން، ނަމާދުކުރުން މަދުވުން، ކަންނެތްކަން އަދި ޚިޔާނަތްތެރިކަން ހިމެނެއެވެ."< ޒާދުލް މުއާދު އިބްނު ގައްޔިމް>

***

އެއާޕޯޓާއި ހަމަޔަށް ފޯރުމުން ޒިޔާމް ރޭބަން އަވިއައިނުން ލޯ ފޮރުވައިލުމަށްފަހު ހިނގައިގަތުމާއެކު އެތައް ލޯތަކެއް އޭނަގެ މައްޗަށް ހުއްޓުނެވެ. އެނިމޭއަކުން ފެންނަފަދަ ރީތި ސިފަތަކެއް ލިބިފައިވާ ޒުވާނާ ޕައިލެޓް ޔުނިފޯމްގައި ހުރުމުން ދެކޭ ކޮންމެ މީހަކަށް ދެވަނަފަހަރަށް ބަލައިލަން މަޖުބުރުކުރުވާފަދަ ގޮތެއް އޭނަގެ ގައިގާވިއެވެ. ޒިޔާމްއަށް އެކަން އިހުސާސްކުރެވޭފަދައެވެ.

ޒިޔާމްު އެއާލައިންގެ އޮފީހަށްވަދެ ކާޑުޖެހިއެވެ. އެތަަނަށް އައިއިރު އެއާބަސްތަކުގެ ޕައިލެޓުންނާއި ކެބިންކްރޫއިން އެކީގައި ހިނގާފައިދާ މަންޒަރު ފެނުމުން އޭނައަށްވެސް އަދި އެފަދަ ދުވަހެއް އަންނާނެކަމުގައި އުއްމީދުކުރިއެވެ. އޭނަވެސް ފުރަތަމަފެށީ ކެބިންކްރޫއެއްގެ ގޮތުގައެވެ. އޭރުވެސްދެކެމުން އައި ހުވަފެނަކީ އެއާބަސްއެއްގެ ކެޕްޓަންއަކަށްވުމެވެ. އެފަދަ ފުރުސަތެއް ފަހިކޮށްދިން ސްކައިއެއާލައިނަށް އޭނަގެ ހިތް ޝުކުރުވެރިވިއެވެ. އެކަމަކު އޭގެ ބަދަލުގައި އެކުންފުނީގެ އިސްވެރިޔާގެ ހުރި ސިފަހުތުރު އަންހެންކުއްޖާއާއި ކައިވެނިކުރުމަކީ އަމިއްލަ ނަފުސަށް ދެވޭނެ ބޮޑު އަނިޔާއެކެވެ. ރަޖްވާގެ ސިފަ ފެނުނީއްސުރެ ހިތް ފިނިވީގޮތަށް އޭނަ ވިސްނަމުން ދިޔައީ އެކަމުން ބޯ ދަމައިގަންނާނެ ގޮތެކެވެ. އަނެއްކޮޅުން ފައިސާގެ ދަހިވެތިކަމާއި މުއްސަދި ދިރިއުޅުން އޭނައަށް ހަނާ އަޅަނީއެވެ. މުއްސަދި އަންހެންކުއްޖަކާއި ކައިވެނިކޮށްގެން ފައިސާއާއި މުދާތައް އަތު އަޅުވައިލެވުމުން ރީތި އަންހެންކުދިން ފަސޭހައިން ލިބޭނެނޫންހެއްޔެވެ؟އޭރުން އޭނަގެ ފަހަތުގައި މިހާރަށްވުރެ ދިގު ކިޔޫއެއް އޮންނާނެއެވެ. އެހެން މުއްސަދިންގެ ދިރިއުޅުން ބައްޓަންކޮށްފައިވަނީވެސް އެގޮތަށް ނޫންހެއްޔެވެ؟ ޒިޔާމް އެކިގޮތްގޮތަށް ވިސްނާފައި ނިންމީ ރަޖްވާއާއި ކައިވެނިކުރުމަށެވެ.

***

"ސްކައިކާސަލް"ގެ އެންމެ މަތީބައިގާ މެހެމާނުން ދިރިއުޅޭ އެޕާޓްމެންޓެއް ސާފުކުރުވުމުގެ މަސައްކަތުގައި ރަޖްވާ އަވަދިނެތި އުޅުނުއިރު އޭނަގެ މޫނުވަނީ ސްކާފަކުން ފޮރުވައިލާފައެވެ. މަސައްކަތުމީހުންވެސް އޭނަދެކެ ބިރުގެންފާނެތީ ޖެހިލުންވަނީއެވެ. ކޮޓަރީގެ ދޮރުތަކުގައި ދަމާފައިވާ ފޮތިތަކާއި ބެޑްޝީޓްތަކާއި އެއްޗެހިވެސް އާކުރުވުމަށްފަހު ވެކިއުމްކްލީނާއިން ހިރަފުސްފޮޅާ ނިމުނުއިރު އެތަނުގެ ކޮންމެ އެއްޗަކުން އޮފްއަރައެވެ. މަސައްކަތް ނިމުމުން ރަޖްވާ މަސައްކަތު މީހުންނަށް އިތުރަށް ފައިސާދިނީ ސަދަގާތްކޮށްލުމުގެ ނިޔަތުގައެވެ.

"ސަފާ...ރޫމް އިޒް ރެޑީ.."

"ތިގޭގައި ހުރިހާ ބްރަދާސްއިންނާއެކު އުޅެންވީމަ ވަރަށް ކަންބޮޑުވޭ..."

"ދޭ އާ ހާމްލެސް....އަންހެންކުދިންނާއި ވަރަށް ދުރުން އުޅޭނީ. އެމީހުން އަންހެނުންނަށް އިތުބާރެއްނުކުރޭ..."

"ކީއްވެތަ؟"

"ސަބަބަކީ........."ރަޖްވާ އެއްޗެކޭ ބުނަން އުޅެފައި ހުއްޓައިލިއެވެ.

"އިޓްސް އޯކޭ..."

"ކޮންއިރަކުން އަންނަނީ؟"

"ދޮންމަންމައަށް ފުރާކަން އެނގިއްޖެއްޔާ އައިޑީކާޑު ފޮރުވާނެ. ޕާސްޕޯޓެއްވެސް ނޯވޭ. އެހެންނޫނަސް ތިގޭގައި އުޅޭކަށް ނުކެރޭނެ. ރަޖްވާ. އަހަރެން މިވީހާތަނަށް އެއްވެސް މީހެއްގެ ފަރާތުން ފައިދާ ނަގާފައިނުވާނެ. ޚާއްސަކޮށް އެކުވެރިއެއްގެ މުއްސަދިކަމުގެ ނާޖާއިޒު ފައިދާ ނެގުން އަހަންނަށް އެހާ ރަގަޅުކަމަކަށް ނުވޭ. އައި ތިންކް...މެރީކޮށްގެންހެން ތިކޮޅަށް ދާންވީ...އޭރުން ފިރިމީހާގެ ގޭގައި ހުރެވޭނެ.މިބުނީ އެކުވެރިއެއްގެ ގޭގައި ހުންނަން ކޮމްފޮޓަބްލްއެއް ނޫން..."ސަފާޔާގެ ވާހަކަ އިވުމުން ރަޖްވާ ދެރަވިއެވެ. އެހާވަރުން އޭނަ މަސައްކަތްކުރުމުން ބޭކާރުކަމަކަށް ވީހެއްޔެވެ؟

"މަތީ ފްލޯގައި ހުންނަ ތިން އެޕާޓްމެންޓުން އެއްތަން ސަފާއަށް ކުއްޔަށް ދީފާނަން. އެގޮތް ކިހިނެއްވާނެ...ހަޒްބެންޑާއެކުވެސް އަންނަން ހަމަ އޯކޭ.."

"އައި ވިލް ޓޯކް ޓު ހިމް އިނގޭ.."

"ވަން މޯ ތިންގް،މިފަހަރުގެ އެޕިސޯޑް ކިޔައިލަން ތަންކޮޅެއް އުދަގޫވި. ބެޑްރޫމް ސީން ތަންކޮޅެއް ޑީޓެއިލްކޮށް ދިޔައީ ސަފާ...."

"ކޮމެންޓްތައް އަންނަވަރުން ހިތަށް އެރީ ރާއްޖޭގެ ގިނަ ރީޑާސްގެ ސަޕޯޓްވެސް އެގޮތަށް ލިބޭހެން. ވާހަކަކިޔުންތެރިން ހިތްހަމަޖެހޭގޮތަށް ލިޔެގެން ކުރިއަށް ދެވޭނީ އަދި މިއުޅެނީ ރަގަޅު އޮންލައިން ނިއުސްއަކުން ޗާންސްވެސް ނުލިބިގެން...އަހަރެން އަމިއްލައަށްވެސް ލަދުގަތް އެބައިތައް ލިޔަން އެކަމަކު ދެން އެވެސް ސްޓޯރީތަކަށް ހަމަ އިމްޕޯޓެންޓްދޯ. އެވެސް ރިލޭޝަންޝިޕެއްގައި މުހިއްމުކަމެއް. އިޓްސް އެކްޗުއަލީ އިންޓެރެސްޓިން. ރޮމެންޓިކްވީމަ.........."

"ޑޯންޓް ވޮރީ...ފެންވަރު ރަގަޅު ކިޔުންތެރިންނަށް ޗާންސްލިބޭނެ. އެކަމަކު އަހަންނަށް ބޮޑަށް ރަގަޅީ އެބައިތައް މަދުކޮށްލީމަ........"

"ރަޖްވާ. އަހަރެން އޭނައާއި ވާހަކަދައްކާފައި އެބަގުޅަން އިނގޭ..."

ރަޖްވާ ކޮންމެވެސް ވަރަކަށް ހައިރާންވީ ސަފާޔާއާއިމެދު އޭނަ ދެކުނު ފުރަތަމަ ނަޒަރިއްޔާތު ސަފާޔާ އެނގުނުވަރަކަށް ބަދަލުވަމުން ދާކަން އެނގިފައެވެ. އޭނަ ހީކޮށްގެން ހުރީ ސަފާޔާވާނީ ވަރަށް ސާދާސީދާ މައުސޫމް އަދި އަޅުވެރި އަންހެންކުއްޖެއްކަމަށެވެ. ނަމަވެސް އެކުއްޖާ ތޮށިގަނޑުން ބޭރަށް ނިކުންނާން ފަށައިފިކަމުގެ އިހުސާސްކުރެވުނެވެ. އެހެން ބަދަލުވާންވީ ސަބަބެއް ނުވިސްނުނަސް ގޯސް ދިމާލަކަށް އެކުވެރިޔާ ދާކަން އެނގުމުން އުދަގޫވިއެވެ.

 

***

"ކޮބާ ކޮންއިރަކުން ރަޖްވާ ފެމިލީ މީހުންނަށް އަހަރެން އިންޓްރޮޑިއުސްކޮށްދޭނީ؟"ޒިޔާމް ފްލައިޓުން ފޭބުމާއެކު މެސެޖްކޮށްލިއެވެ.

"އަދި ތަންކޮޅެއް އަވަސްކަން ނޭގޭ. ބައްޕަމެންނާއި އެކަހަލަ ވާހަކައެއް ދެއްކުން އަދި ފަސޭހައެއްވެސް ނޫން...އައި ފީލް ލައިކް....ދެން ނޭގޭ އަދި ދުވަސްކޮޅެއް ބޭނުން..."ރަޖްވާގެ އެންމެ ބޮޑު ބިރަކީ ޒިޔާމްއަށް އޭނަގެ ސޫރަ ފެނުމުން ލިބިދާނެ ޝޮކެކެވެ. ތަސްވީރާއި މީހާ ފެންނައިރު ހުންނަގޮތާއި ހާސްބައި ތަފާތުވާނެއެވެ. އަމިއްލަ ނަފުސަށް އޭނަގެ އެއްވެސް އިތުބާރެއް ނެތެވެ. ފެންނަފެނުމާއި ފޮޓޯތަކާއި ތަފާތުވާނެކަން ޒިޔާމަށްވެސް އެނގެންވާނެއެވެ.

"ޕްލީޒް ރަޖްވާ. އައި ކާންޓް ވެއިޓް..."

"ޒިޔާމް. އަހަރެންނަކީ ކާކުކަން އަދި ޒިޔާމްއަށް ރަގަޅަށް ނޭގި ހިނގައިދާނެ. ހަގީގަތަކީ ދިމާވި ހާދިސާއަކުން އަދިވެސް މުޅިން އަރައިނުގަނެވި ދިރިއުޅުން ހުއްޓުމަކަށް އައިސްފަ ހުރެވުނީ. ދިރިއުޅުމެއް ހޯދަން ބޭނުމިއްޔާ އަމިއްލަ ފައިމައްޗަށް ފުރަތަމަ ތެދުވާންޖެހޭނެ. އެފަދަކަމެއް ފަށާފައި ކައިވެންޏަކާއި ހަމަޔަށް ދާނީ..."ރަޖްވާ ބުނެލިއެވެ."ގިވް މީ ސަމްޓައިމް..........."

"އޯލްރައިޓް...." ޒިޔާމް އިރުގަނޑެއްފަހުން ޖަވާބުދިނެވެ.

 

***

ރަޖްވާ ވިޔަފާރިއެއްފަށަން ބޭނުންވެ އޭނަގެ ބައްޕަމެންނާއި ވާހަކަދެއްކީ ކެއުމަށްފަހު ވާހަކަދައްކަން ސިޓިންރޫމްގައި ތިބިއިރު ދެކެވުނު ވާހަކައެއްގައެވެ. ރަޖްވާވެސް ބޮޑަށް ބޭނުންވީ އޭވިއޭޝަން ދާއިރާގެ ކޮންމެވެސް ވިޔަފާރިއެކެވެ. ރަޖްވާގެ ޝައުގުހުރީ ޓްރެވެލް އެޖެންސީއެއް ނޫނީ އޭވިއޭޝަން މެގެޒިންއަކަށެވެ. ނޫނީ ފްލައިޓް ކޭޓަރިން ސާވިސްއަށެވެ. ދަރިފުޅުއެފަދަ ޚިޔާލެއް ފައުޅުކުރުމުން ޖަހާންގީރު އުފަލުން ހިނިތުންވިއެވެ. އެފަދަ ދުވަހަކަށް އޭނަ އަބަދުވެސް އުއްމީދުކުރަމުން ދަނިކޮށް ރަޖްވާ މާޒީ ހަނދާންނައްތާލާފައި ކުރިއަށް ފިޔަވަޅެއް އަޅަން ނިންމިކަމުގެ ނިޝާނެކެވެ. އޭނަ ދަރިފުޅަށް ހިތްވަރުދިނެވެ. ރަޖްވާ އެދުނީ ލޯނަކަށެވެ. ބައްޕަގެ އެހީނެތި އަދިވެސް އޭނައަށް ކުރިއަށް ދެވޭކަށް ނެތެވެ.

ޖޫދު ޓްރެވެލް އެޖެންސީއެއް ހުޅުވަން ބޭނުންވެފައި ހުރުމުން ރަޖްވާވިސްނީ ބޮޑަށް އޭވިއޭޝަން މެގެޒިންއަކާއެކު އެކަމާއި ގުޅޭ މައުޟޫތަކަށް ބްލޮގިން ކުރަންފެށުމަށެވެ. ބްލޮގިންއިން އަހަރަކު މިލިއަނުން ލިބޭ މީހުންވެސް މަދެއްނޫނެވެ. އޭވިއޭޝަން ސިނާއަތާއި ބެހޭ މައުލޫމާތު މުއްސަދި މީހެއް ވެއްޖެއްޔާ ބްލޮގްގައި ބޭނުންތެރި ފައިދާކުރުވަނިވި އެއްޗެހި ގެނެސްދެވޭނެއެވެ. އޭނަގެ ބްލޮގަށް ގިނަ މީހުން ވަނުމުން ސްޓޭކްހޯލްޑަރުންނާއި އެހެން ވިޔަފާރިތަކުގެ ރަގަޅު އިޝްތިހާރުތައް ލިބޭނެއެވެ. ގަވާއިދުން ބްލޮގްގައި ލިޔެ ދަތުރުފަތުރުކުރުމާއި ބެހޭގޮތުން އިރުޝާދުދީ މީހުން ހިތްދަމައިގަންނަަ ފަދަ ގޮތަކަށް ގެނެސްދޭންވީއެވެ. އެހުރިހާ ކަމަކާއިމެދު ރަޖްވާ ވިސްނަންް ފެށީ ހަޔާތުގެ ބައިވެރިޔަކު ލިބުމުން ހިތް ހަމަޖެހުނު ވަރުންނެވެ. މުޅިން އިތުބާރު ނުކުރެވުނަސް ޒިޔާމްގެ ރަގަޅުކަމާއި މާތްކަން އަދި ވަފާތެރިކަން އޭނައަށް ގަބޫލުކުރެވެމުން ދިޔައެވެ.

"ބައްޕައަށް ހީވާގޮތުން އޭވިއޭޝަން މެގެޒިންއެއް ރާއްޖޭގައި ނުހިނގާނެ. އޮންލައިން ނޫހެއް ހިންގިއްޔާ ކިިހިނެއްވާނެ ދަރިފުޅު؟" ޖަހާންގީރު ޚިޔާލެއްދިނެވެ.

"ލައްބަ ބައްޕާ ދިވެހިބަހުން ގެނެސްދޭ މެގެޒިންއެއްވީމަ އަޅުގަނޑުވެސް ހިތަށް އަރައިފި އެހާ ގަޔާނުވެދާނެއޭ......"

"ދިވެހިންގެ މެންޓެލިޓީ ތަފާތުވެދާނެ..އެންމެ ރަގަޅުވާނީ ސްކައިގެ ނޫހެއް އޮންލައިންކޮށް ހުޅުވުން. އޭރުން ބޭނުންވަރަކަށް އޭގައި ސްކައި އިޝްތިހާރުކޮށް އޭވިއޭޝަން މެގެޒިންއެއްގައި ގެނެސްދޭ ހުރިހާ އެއްޗެއް ގެނެސްދެވިދާނެ..."

"ޔޫ އާ ރައިޓް. ސަފާވެސް ރަގަޅު ނޫހަކުން ޗާންސް ނުލިބިގެން އުޅޭ..."ރަޖްވާގެ ލޮލުގެ ވިދުން ގަދަވިއެވެ.

"ސަފާ އަކީ ޖާނަލިސްޓެއްތަ؟"

"ނޫން ރައިޓާއެއް.....ސޯ ސަފާއަށް އެ ނޫހަށް ލިޔެވޭނެތާ...ޔޭ އައިމް ސޯ އެކްސައިޓެޑް. ތެންކިއު ޑޭޑް.."ރަޖްވާ ތެދުވެގެންގޮސް އޭނަގެ ބައްޕަގެ ކަދުރާއަށް އަތް ވައްޓައިލިއެވެ. އެތައް ދުވަހެއްފަހުން ރަޖްވާ އޭނަގެ ބައްޕަގެ ގައިގާ ބައްދައިލީ ކުޑައިރު ފަދައިންނެވެ.

***

ޒިޔާމް ފްލައިޓުން ފޭބިގޮތަށް އޭނަގެ ދަބަސް ހިފައިގެން ގޮސްވަނީ އެޕާޓްމެންޓެއްގެ މަތީގައި ހުރި ޕެންޓްހައުސްއަކަށެވެ. އޭނައާއެކު އައި އިތުރު ދެ ޕައިލެޓުންނާއި ކެބިންކްރޫއިންވެސް ގެއަށް ދިޔުމުގެ ބަދަލުގައި އެކުވެރިއެއްގެ އުފަންދުވަސް ފާހަގަކުރަން ވަނީ އެތަނަށެވެ. ޕާޓީކުރަން އައިގޮތަށް މިއުޒިކްކުޅެ އަޑުގަދަކުރާވަރުން އެޕާޓްމެންޓްމެންޓްގެ ތިރީބައިގާ އުޅޭ މީހުންނަށްވެސް އުދަގޫވެގެން ފުލުހުންނަށް ރިޕޯޓްކުރާވަރުވިއެވެ. އެތަނުގައި ބޭނުންކޮށްފައި ހުރި ބިއަރުދަޅުތައްވެސް ތިރިއަށް އުކާފައި ހުއްޓެވެ. ޒިޔާމްވެސް އެ ފޯރީގައި އުޅެފައި ގެއަށް ދާންވެގެން ގޮސް ކާރަށް އެރީ ރޭބަން އަވިއައިނު އަޅައިގެން ހުރެއެވެ.

"ޒިޔާ...ކޮންތާކު؟ ކިހިނެއް ދަތުރު؟"

"އޮންދަ ވޭ ޓޫ ހޯމް...މޮނޮޓޮނަސް...އެހެން ދުވަހެކޭ އެއްފަދަ..."

"މަގޭ ހިތުގެ ކައްޕިތާނު..." ސަފާޔާ މެސެޖްކޮށްލިއެވެ.

"ކައްޕިތާނަކަށްވެސް އަދި ވާނެ އޭ 380 އެއާބަސްގައި ސަފާ ގޮވައިގެން ދަތުރުކުރުމަކީ ހަމަ ޑްރީމްއެއް..."

"އިންޝާﷲ.....ޒިޔާ މާލެދާނެ ފުރުސަތެއްލިބިއްޖެ އެކަމަކު މެރީކޮށްގެން ދާންބޭނުމީ."

"ސަފާ. މާލެއައީމަ ތިވާހަކަދައްކާނީ. އަހަރެންވެސް ސަފާއާއި ޑިސްކަސްކޮށްލަން ޖެހޭ ބައެއްކަންތައްތައް އެބަހުރި.އަދި ކިރިޔާ ޖޮބަށް ދާން ފަށާފައި ލޯނުވެސް ނުދެއްކި އޮތީ. ޒޯ މެޑިސިން ހަދަން ފުރާތީ އެވެސް ބޮލުގައި އެޅިފައިވާ ޒިންމާއެއް. މުސާރަވެސް އެންމެ ބޮޑެއްނޫން. ބިގް މަނީ އަތަށް އަރާނީ ކެޕްޓަންއަކަށް ވެވުނީމަ...އެނީވޭސް އުފާވެއްޖެ ލަވް އަންނާތީ. އަވަހަށް އާދޭ މިކޮޅަށް..."ޒިޔާމްގެ އަޑުގައި ކުއްލިއަކަށް އުފާވެރިކަމުގެ އަސަރު އެކުލެވުނެވެ."ސަފާ ބުނީމެއްނު ކެބިން ކްރޫއަކަށޭ ވާނީ؟"

"ނޯ..ޕައިލެޓަކަށް.."

"ވާއު......އައި ކާންޓް ވެއިޓް ޓު ސީ ޔޫ ލަވް.ލޯންގް ޑިސްޓެންސް ރިލޭޝަންޝިޕް އެހާ ވޯކެއް ނުކުރޭކަން ނޭގޭ. އަހަރެންވެސް ބޭނުމީ މަގޭ ގާލް އަބަދު ކުރިމަތީގައި ފެންނަން ހުރުން. އެންމެ ރީތިކޮށް ޑްރެސްކޮށްފައި...އަބަދުއެކީގައި ހިގާލަންގޮސް ޑޭޓަށްގޮސް އުޅުނީމަ ކިހާ ސަޅިކަމެއް. ދުރުގައި ހުރީމަ އެކަނި މެސެޖްކޮށްލެވެނީ...ކީކޭ ސަފާ ބުނަނީ؟"

"އޮފްކޯޒް އަހަރެންވެސް ބޭނުމީ ޒިޔާ ފެންނަ ހިސާބުގައި ހުރުން. ވަރަށް މިސްވޭ..."

"އަހަރެން ކެޕްޓަނަކަށް އަދި ސަފާ ކޯޕައިލެޓަކަށް ތިބީމަ ކޮކްޕިޓްވެސް ހޫނުގަދަކަމުން ރޯނުވިއްޔާ ރަގަޅުވާނެ...މިބުނީ ދެމީހުންވެސް ކިހާ ހޮޓް....................."ޒިޔާމް ސަމާސާކޮށްލިއެވެ.

ސަފާޔާއަށްވެސް ހެވުނެވެ.

***

ރަޖްވާ ލައިގެން ހުރި ހެދުމުގެ ބޭރުން ކަޅުކުލައިގެ މަޑުފޮތީގެ ޖެކެޓެއްލުމަށްފަހު އެފޮތީގެ ބުރުގާ އަރަބި ސްޓައިލަކަށް އެއްފަރާތުން ވައްޓައިލުމަށްފަހ މޫނުގައި މާސްކެއް އެޅިއެވެ. ލޮލުގައި ހުރީ އަވި އައިނެކެވެ. ސަފާޔާގެ ޚިޔާލު ބަދަލުވެ މާލެ އަންނަން ފްލައިޓްގައި ކަން އެނގުނީއްސުރެ އޭނަގެ ހިތަށް ހާސްކަމައެކު ކަންބޮޑުވުމުގެ އަސަރުވެރިވެގެންފިއެވެ. ބައެއްފަހަރު އޭނަގެ ސޫރަ އަންހެންކުއްޖަކަށް ފެންނަންވެސް ހިތް ނޭދެނީއެވެ. އެންމެފަހުން މާސްކު ނެގުމަށްފަހު އަވަހަށް ނިގާބު އެޅީ ލޯވެސް ފޮރުވޭގޮތަށެވެ.

"އަހަންނަށްވެސް ލޯގަނޑުން ބަލަން އުދަގޫ. އެހެން ކުދިންނަށްވެސް ސިހުމެއްލިބޭނެ. ފޮރުވިގެން ހުރިމަ މާފަސޭހަ......" ރަޖްވާ ސިޓިން ރޫމްގެ ސޯފާއެއްގައި އިށީނެވެ. އެތަނަށް ފެތުރިފައިވަނީ ލޮލަށް ފިނިކަންދޭފަދަ އަރާމު ރީދޫކުލައެކެވެ. ކޮފީމޭޒުމަތީގައި ހުރި ވާސްގައި އަތުރާފައި ހުރިމާތަކުގެ ލުއި މީރުވަސް އޭސީގެ ފިންޏާއެކުވެފައި ވިއެވެ. ކުޑަދޮރުން ފެންނަނީ ބޯކޮށް ވާރޭވެހެމުންދާ މަންޒަރެވެ. ވިއްސާރަ ތޫފާނީ ރެއެކެވެ. ރަޖްވާގެ ހިތް ތެޅިލިއެވެ. ވާރޭގެ ބަދަލުގައި ބޯކޮށް ސްނޯވެހެމުންދާ ހަނދާން ސިކުނޑީގެ ކަނެއްގައި ފިޔަ ޖަހައިލިތަނާ ކުއްލިއަކަށް ސިޑިން އިމްކާން ފައިބައިގެން އަންނަތަން ފެނުނެވެ.

"މިރޭ ކާކުގެ އިންތިޒާރުގައި؟"

"އެޕާޓްމެންޓްގައި އުޅެން ވިޒިޓާއެއް އަންނަނީ.."

"ބޯއިއެއްތަ؟"

"އަގް...ނޯ...."ރަޖްވާ ބޯ ހޫރައިގަތެވެ.

"ހެހެ....ގާލްއެއް ވިއްޔަ ލޯވެސް ނުފެންނާނެހެން ފިލައިގެން ތިއިނީ ކިއްވެ؟ އެކުއްޖަކު ބިރުން ހިތް ހުއްޓިދާނެއްނު.."

"މޫނު ނަގައިގެން ހުއްޓާ ފެނިއްޖެއްޔާ ތިބުނާގޮތަށް ވެދާނެ. އެހެންވެ އެކުއްޖާގެ ލޮލަށްވެސް ފަސޭހަވާނެހެން މިހެން ހެދީ...އޭނައަށް ފެންނަން ބޭނުމެއްނޫން..."

"ރަޖްވާ ތިވިސްނަނީ ނުބައިކޮށް.ޔޫ އާ ނޮޓް ދެޓް ހިޑިއަސް. ތިހީކުރާހެން މޮންސްޓާއެއްހެން ހިޔެއްނުވޭ. ޔޫ އާ ޕްރިޓީ ލިޓްލް ސިސް..ޓްރަސްޓްމީ..."އިމްކާން ރަޖްވާގެ އަތުގައި މަޑުމަޑުން ހިފައިލިއެވެ.

"ޖީޖީ............."ރުސްލާންގެ އަޑު ދުރުން އިވުނެވެ." އާދެބަލަ މި ރަަގަޅުތޯ ބަލައިލަން...މީގެއިން އެންމެ ކަމުދާ ޑިޒައިންއެއް ޗޫޒްކުރީމަ އެގޮތަށް ފައިނަލް ކުރާނީ..."

"އައިމް ހިއަރ..."ރަޖްވާ ތަންކޮޅެއް ބާރަށް ގޮވައިލިއެވެ.

ރުސްލާން މެކްބުކް ހިފައިގެން އައިސް ހުޅުވާލައިފިއެވެ."މިތަނުން އެންމެ ރީތީ ކޮން ޑިޒައިންއެއް؟ އަދި ކުލަ..."

"ބިއުޓިފުލް.....މީތި ވަކިން ރީތި..."ރަޖްވާއަށް ރުސްލާން ދެއްކި ވެބްސައިޓް ޓެމްޕްލޭޓްސްތަކުގެ ތެރެއިން އޭނައަށް ކަމުދިޔަ ޑިޒައިން ދެއްކިއެވެ. އޭނަގެ އަމިއްލަ ނޫހެއް ވުޖޫދަށް އަންނާތީ ރަޖްވާގެ ހިތަށް ބުނަންނޭގޭފަދަ އުފާވެރިކަމެއް ހިނގައިގަތެވެ. ރުސްލާންގެ މަސައްކަތް ބަލަން ގެއްލިފައި އިންދާ ދޮރުގެ ބެލް އެޅި އަޑަށް ރަޖްވާގެ ހިތް ކުރިއަށްވުރެ އަވަސްވިއެވެ. ސަފާޔާ ބަލާ އޭނަ ފޮނުވީ ޖޫދުއެވެ. ގޭގައި އެންމެ އެގޮތަށް މީހުންނާއި ގުޅިގެން އުޅެން އެނގޭނީ އެކުއްޖާއަށެވެ. ރަޖްވާގޮސް ދޮރު ހުޅުވައިލުމާއެކު ސިހުނެވެ.

ނުނިމޭ

ކޮމެންޓް 0