"ތިބާގެ މައިންބަފައިންނަށް ކަމޭހިތާ އޯގާތެރިވާށެވެ. އެއީވެސް އަބަދަށްޓަކާ ދުނިޔޭގައި އުޅޭނެ ބަޔެއް ނޫނެވެ. ކޮންމެ ވަގުތަކުވެސް ވަކިވެގެން ހިނގައިދާނެއެވެ. ވަގުތު ފާއިތުވުމުގެ ކުރިން އެމީހުންނަށް ވަގުތުދީ އަޅާލާ ލޯބިދޭށެވެ. އޭރުން ފަހުން ހިތާމަކުރާކަށް ނުޖެހޭނެއެވެ. ތިބާއާއެކު ވާނީ ރީތި ހަނދާންތަކެވެ."

***

ސަފާޔާ ސިޑިން ތިރިއަށް ފޭބިއިރު ކޮންމެވެސް ވަރަކަށް ހިތް އަވަސްވެ ކަންބޮޑުވިއެވެ. އޭނަގެ ބޮޑުބޭބެއާއި ދަރިންކަން އެނގުނަސް އެމީހުންނަށް އޭނަވާނީ ބީރައްޓެއްސަކަށްތާއެވެ. މި ފިނި ބޮޑު ގަނޑުވަރުގެ ކޮންމެ ދިމާލަކުންވެސް މިފެންނަ ޝާހީކަމާއި ހައިބަވަންތަކަމުންވެސް ހިތް ނުގުޑާވަރެއްނޫނެވެ. ހަތަރެސްފައި ކުރިއަށްވުރެ ފިނިވެލިއެވެ. ބޮޑުބޭބެއަށް އޭނަ ފެންނައިރަށް ތިރިއަށް އައުން ވަގުތުން މަނާކޮށް ރަޖްވާއަށް ހާސް ސުވާލުތައް އަންނާނެއެވެ. ހަގީގަތް އެނގޭދުވަހަކުވެސް ބޮޑުބޭބެގެ ހިތް ވަކި ސާފުވާނެހެއްޔެވެ؟ މަންމަ އެ ކައިވެންޏެއްކުރީ ބޮޑުބޭބެމެންނާއި ދެކޮޅަށެވެ. ކާބަޔާއި ހަމަޔަށް ދިޔުމާއެކު ހިތަށް ފެން އެއްޗެއް އޮއްސައިލިފަދަ އިހުސާސެއް ކުރެވުނެވެ. ގޮނޑީގައި އިށީދެލައިގެން އުސައިމީން އިނީ ފުން ޚިޔާލެއްގައެވެ. އޭނަ ފެނުމުން ސިހޭގޮތްވިއެވެ.

ސަފާޔާ އޮޓޮމެޓިކް އެސްޕްރެސޯ މެޝިން ކައިރީ ހުއްޓުނެވެ. މަތީގައި އަތުރާފައިވާ މަގުތަކުގެ ތެރެއިން މަގެއް ނަގާފައި އޭނައަށް އެއިން ކޮފީ އަޅާކަށް ނޭގުނެވެ.

"މިއާ ކުޅޭކަށް ނޭގޭ. ހެލްޕްވެދީފާނަންތަ؟" ސަފާޔާ އެހިއެވެ.

އުސައިމީންގެ މޫނުމަތީގައި ވި ހައިރާންކަން މަޑުމަޑުންފިލާ ދިޔުމުން އެހެން ޝުއޫރެއް ނުފެނުނެވެ. އޭނަ ސަފާޔާއަށް އެސްޕްރެސޯ އަޅާލަދީފައި ހިނދުކޮޅަކަށްވެސް މަޑުކޮށްނުލާ ނުކުމެގެން ދިޔައީއެވެ. ސަފާޔާ އަށް ބަލަން ހުރެވުނީ ދެރަވެފައެވެ. އަބަދާ އަބަދު އުސައިމީންގެ މޫނުމަތިން މާޔޫސްކަމާއި މޮޅިވެރިކަން ފެންނަން ހުންނަނީ ކީއްވެހެއްޔެވެ؟ އެސުވާލުގެ ޖަވާބުތައް ކޮންމެވެސް މީހަކު ދޭނެނަމައެވެ. ވާހަކަލިޔުންތެރިއެއްގެ ސިކުނޑިއަކީ އެފަދަ އެއްޗަކީކަން ނޭގެއެވެ. ފެންނަ ކޮންމެ ގޮތްނޭގޭ ޝަޚުސަކާއިމެދު ޝައުގުވެރިވެ އެ ޒުވާނަކު ވާހަކައިގެ އިސް ރޯލުގައި ބަހައްޓަން ބޭނުންވެދެއެވެ. އުސައިމީންގެ ތަފާތުކަމުން ސަފާޔާގެ އެހެން ވާހަކައެއްގައި އުސައިމީންފަދަ ޒުވާނަކު ހިމަނައިލަން ނިންމައިލަމުން ހީލިއެވެ.

"ސަފާ..މިތާ؟" ޖޫދުއަށް ސަފާޔާ ފެނުމުން ލޯ ބޮޑުކޮށްލަމުން ގާތަށް އައެވެ.

"އަޅުގަނޑަކީވެސް މިގޭގެ މެމްބަރެކޭ، އަބަދު އެޕާޓްމެންޓްގައި އުޅެ އުޅެ މީހާ ސައިކޯވެދާނެހެން ހީވީމަ ތިރިއަށް އަންނަން ނިންމީ........"

"އެކަމަކު ބައްޕަ މިކަހަލަ ކަންތައްތަކާއި ސްޓްރިކްޓްވާނެ. މިސާލަކަށް މިވަގުތު ދެމީހުން އެއްތަނެއްގައި ތިއްބާ ފެނުމުން ކުށަކަށް ވެދާނެ........."ޖޫދު ހީލިއެވެ.

"ރަގަޅުވާނެ. ރަޖްވާގެ އާއިލާއަކީ އަހަރެންގެވެސް އާއިލާ. ސިބްލިންއެއް ނެތީމަ ހަޔާތް ފާޑަކަށް ފަޅުވެފައި ހުރީ މިއަދު ރަޖްވާގެ ސަބަބުން ފެމިލީއެއް ލިބިއްޖެ. އެހެންވީމަ އެހެންގޮތަކަށް ނުވިސްނާ ހަމަ ޖޫދުވެސް މިއީ ދައްތައެއްކަމަށް ބަލައިގެން އުޅުނީމަ ތިބުނާ ކުށްވެރި އިހުސާސް އެއްވެސް މީހަކަށް ނުކުރެވޭނެ. އެހެންނޫނަސް އަބަދު ރެސްޓޯރެންޓުން ކާން ނުގެނެޔަސް މިގޭ އެންމެނަށް ކޮންމެ ގަޑިއެއްގައި މީރުކޮށް ކައްކާލަދީފާނަން. ޝެފްއަކަށްވެސް އެހާ މީރުކޮށް ކައްކަން ނޭގޭނެ...ދެން އަހަންނަކީ މިގޭގައި ގެންގުޅޭ ކުއްޖެއްގެ ގޮތުގައި ބެލިޔަސް ހެވޭ......."ސަފާޔާ ޕާނެއްގައި ކްރީމް ޗީޒްޖަހަންފެށިއެވެ. އެމަޑު ތުންފަތުގައި ލާނެތް ހިނިތުންވުމެއްވިއެވެ. އޭނަގެ ދޮންމަންމައަށް ޣުލާމު ކޮށްދިން ކުއްޖަކަށް ބޮޑުބޭބެއާއި ދަރިންނަށް ޚިދުމަތްކޮށްނުދެވެންވީ ކީއްވެހެއްޔެވެ؟ ހިތާ ރުހުމުން އޭނަ މިގޭގައި ކައްކާދީފާނެއެވެ. މިއީ އޭނަދެކެނީ ލެއްވި ނިއުމަތެއް ކަމުގައެވެ.

ރުސްލާންއަށްވެސް ވަދެވުނީ އެގަޑީގައެވެ. އޭނަ ހުރީ ދިގު ސޯޓަކާއި ކަޅުނޫކުލައިގެ އަތްކުރު ޓީޝާޓެއްގައެވެ. އާދައިގެ މަތިން މޫނުމަތިން ފެންނަނީ ސީރިޔަސްކަމެވެ. ގަދަ ބުމައަކާއެކު ހިނިތުންވުމެއްނެތް މޫނެކެވެ. ޖޫދު އަވަސްއަވަހަށް ސަފާޔާގެ އެ އަމަލު ރުސްލާންއަށް ވިސްނައިދޭން އުޅުނެވެ.

ޖޫދުއަށް ސަފާޔާގެ އެ އާދަ އެހާ ކަމަކުނުދިޔައެވެ. މެހުމާނެއްގެ ގޮތުގައި އެޕާޓްމެންޓްގައި ބެހެއްޓިޔަސް މުޅިންހެން ފިރިހެނުން އުޅޭ ގެއެއްގެ ތެރޭގައި އުޅުމުން އެމީހުންގެ ""ޕްރައިވެސީ"ވެސް ގެއްލިދާނެއެވެ. އެމީހުންނަށް ކައްކާނެ މީހަކު ބޭނުމެއްނުވެއެވެ. ކިތަންމެ ބޮޑު އަގެއްދީފައި މަޝްހޫރު ޝެފަކު ގެންނާނެ ވަރަށް ފައިސާގެ ތަނަވަސްކަން ދެއްވާފައިވެއެވެ. ވީއިރު އަންހެންކުއްޖަކު ގެންނަން ޖެހޭ އެއްވެސް ސަބަބެއްނެތެވެ. ފިތުނަ އުފެދުން ނޫންކަމެއްނުވާނެއެވެ. ގިނަފަހަރަށް އެގޮތަށް އަންނަ އަންހެންކުދިންގެ ނިޔަތަކީ ކޮބައިކަމެއްވެސް އެނގެނީއެއްނޫނެވެ. ފިރިހެންޓީމެއް އޮތް ގެއަކުން އަންހެންކުއްޖަކަށް ހިމާޔަތް އޮންނާނެކަމަށް އެކުއްޖާ ގަބޫލުކުރާންވީ ސަބަބެއްވެސް ނެތެވެ. އަދި ރަޖްވާގެ ރަހުމަތްތެރިކަމުގެ ފައިދާ ނަގައިގެން މިކުއްޖާގެ ހިތް އާސްމާނަށް އަރަން އުޅޭއިރު ބަދިގޭގައި ހުންނަން ވިސްނުމުން ރުސްލާންއަށް ވިސްނުނީ އެންމެ ގޯސްކޮށެވެ.

"ރުޅިތަ؟ ޕްލީސް އަންކަލް ގާތު ބުނެދީފާނަންތަ ޖޫދު؟"

"ކީއްވެ މެއިޑަކަށް ހުންނަން ބޭނުންވަނީ؟ ކެބިންކްރޫއަކަށް ޕައިލެޓަކަށްވާން އުޅޭ ކުއްޖެއް ނޫންތަ؟"

"ޖޮބްގައި އުޅުނަސް ކެއްކުމަކީ ކުރާހިތުން ކުރާކަމެއްވީމަ....މިއަދު މެންދުރަށް ބިރިޔާނީއާއި ފޮނި އެއްޗެއް ހަދާދީފާނަން..އޭރުން އަންކަލްއަށްވެސް ކެއުން މީރުވެގެން ބަދިގޭ ވަޒީފާ ހަވާލުކުރައްވައިފިއްޔާ ޝުކުރުވެރިވާނަން..."

ރުސްލާންގެ މޫނުމަތީގައިވި ސީރިޔަސްކަން އިތުރުވިއެވެ. އޭނަ އިތުރު އެއްޗެކޭ ނުބުނެ ދާން ހިނގައިގަތުމުން ޖޫދު މޭޒުމަތީގައި އުޅަބޮށި ވިއްދާލައިގެން ސަފާޔާއަށް ބަލަން ހުރީ މަޖާވެފައެވެ."އެނގޭތަ؟ މިގެއަށް އަންހެންކުދިން ގެނައުމާއި ދެކޮޅަށް އެންމެ ބޮޑަށް ވަކާލާތުކުރަނީ ރުސްލާން.."

"ސަބަބަކީ؟"

"ބޭވަފާތެރިކަމުގެ ހިތިކަން ފެނުނީކަމަށް ވާނީ..."

"އޯ....ސޭޑް...އެންމެ މީހެއްގެ ނުބައިނުލަފާކަމުންވެސް އެންމެންގެ މަތިން ހިތްކެނޑޭފަހަރުވެސް އާދޭ. ދުނިޔޭގައިވެސް އެހާ ޓޮކްސިކް މީހުން ނޫޅޭނަމަ ހާދަ ބޮލަށް ފަސޭހަވީސް. އެކަމަކު އިންސާނުންވެސް ފުރިހަމައެއްނޫން. ދުނިޔެވެސް ފުރިހަމައެއްނޫން. ބިކޯޒް އިޓްސް ޓެމްޕަރަރީ.............."ސަފާޔާ ޕާނާއި ބިސްގަނޑެއް ތައްޔާރުކޮށްލުމަށްފަހު ނާސްތާކުރަންފެށިއެވެ.

ޖޫދު އެ ޖުމްލައާއިމެދު ވިސްނައިލުމަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ. ފައިސާއާއި އާރާއި ބާރު ލިބުނަސް ބަދަލުވުމެއްނެތް ހަގީގަތަކީ މަރެވެ. ދުނިޔެއަކީ ފަނާވެދަނިވި ވަގުތީ ހިޔާވައްސެއްކަމެވެ. ޖޫދުގެ އާއިލާގެ ބައެއްމީހުންވެސް ވަނީ ކުއްލިގޮތަކަށް އެންމެން ރޮއްވާލާފައި އަބަދަށްޓަކާ ވެލީގެ ދާނުގައި ނިދާލާފައެވެ. ސަފާޔާގެ ވާހަކަތަކުން ޖޫދުއަށް ފުން އަސަރުތަކެއް ކުރުވި ސަބަބާއިމެދު ސުވާލުކުރަން އުޅެފައިވެސް ރަޖްވާއަށް ކުރިމަތިވި ހާދިސާގެ މަތިން ހަނދާންވެ ސަފާޔާވެސް އެހެން މައުޟޫއަކަށް ވާހަކަ ގެންދިޔައެވެ. މިއާއިލާގެ އެންމެން ދަނެ އެކުވެރިވުމަށްފަހު އޭނަގެ މަންމައާއި ޖާރިދްއާއިވެސް ކޮންމެވެސް ދުވަހަކުން ދިމާވާނެކަމަށް އޭނަ އުއްމީދުކުރެއެވެ.

***

ޒިޔާމް ރަޖްވާއަށް މެސެޖްކުރިޔަސް ރަޖްވާގެ ފަރާތުންވެސް އުއްމީދުކުރިފަދަ ޖަވާބެއް ނުލިބުނެވެ. އެކަމުގެ ސަބަބުން މޫޑުގޯސްވެފައި ހުރެ ގެއަށް ވަނުމާއެކު އޭނަގެ މަންމަ ޒުބޭދާއާއި ޒޯޔާގެ ފަރާތުން ސުވާލުތައް ކުރިމަތިވާންފެށިއެވެ. ޒިޔާމް ރަޖްވާއާއި ކައިވެނިކުރަނީ ކޮން ދުވަހަކުން ތޯ އެހިއެވެ. ޒިޔާމް ރުޅިގަދަވާގޮތްވިއެވެ. ޑިއުޓީއިން އައިގޮތަށް ޔުނިފޯމާއެކު ސޯފާއަށް ވެއްޓިގަންނަމުން އެދުނީ ޖޫސްތަށްޓެއް ގެނެސްދިނުމަށެވެ. ޒޯޔާ ފްރިޖް ހުޅުވާލާފައި މަންމަ ގިރާފައި ހުރި ފޭރުފަނި ފުޅިނެގިއެވެ.

"ފްލައިޓް ކިހިނެއްތަ؟"

"އޯކޭ..."

"ކުރީ ދުވަހުވެސް އެމެރިކާ ފްލައިޓެއް ޓާބިއުލެންސްގައި ޖެހިގެން ބައިވަރު މީހުންނަށް އަނިޔާވި. ސްކޭރީ ދޯ.. ދޮންބެ ފްލައިޓް ޖައްސަންދެން މަންމަގެ ކަމަކީ ދުޢާކުރުން. މަސައްކަތެއްގައި އިނަސް މަންމަ ތަސްބީހަ ގުނަން އިންނާނީ...އެހެޔޮ މީހަކާއި ވާހަކަދައްކަން އިނަސް....ދޮންބެ...އަހަރެންގެ ފޯނު ހަލާކުވެއްޖެ...މިފަހަރު ތަންކޮޅެއް ރަގަޅު ފޯނެއް ޕްލީޒް....އެތާ ސްޓާފުންވެސް ގެންގުޅެނީ މުޅިންވެސް އައި ފޯނު. އަދި ބެސްޓީއެއްގެ ވެޑިންއެއް އެބައޮތް. ވެޑިން ކަލާއަކީ ރޯޒް ގޯލްޑް. އެކުލައިގެ ހެދުމެއްނެތީމަ ކޮންމެހެންވެސް ފަހަން ޖެހޭނެ. އެންމެންވެސް ސްޓައިލިޝްކޮށް ޑްރެސްކުރާއިރު ޒޯވެސް ރީތިވެގެން ދާން ބޭނުމީ......................"

"ޒިޔާމް ދަރިފުޅު...ދޮންނަ މެޝިންގައި މައްސަލައެއް ޖެހިގެން މަންމަ މިއުޅެނީ އެއްޗެހި ނުދޮވެވިގެން..."

ކޮންމެ ދުވަހަކު އެޕާޓްމެންޓްގެ ދޮރު ރަގަޅަށް ނުހުޅުވެނީސް ޝަކުވާތަކާއި އެކި ބޭނުންތަކުން އޭނަގެ ސިކުނޑި ފުރާލައެވެ. ހުރިހާ ޒިންމާއަކާއި ޚަރަދުތައް އުފުލަން ހުރި މީހަކީ އޭނައެވެ. ފައިސާހުރި އަންހެނަކާއި ކައިވެނިކޮށްގެން ނޫނީ އޭނަގެ ބޮލުގެ ރިހުން ކެނޑޭނެ އެއްވެސްގޮތެއް ނުފެނެއެވެ. މަންމައާއި ކޮއްކޮގެ ދިރިއުޅުން އާބާދުކޮށް ދުނިޔޭގެ ހުރިހާ ނިއުމަތަކާއި އުފާތަކެއް ހޯދަދޭން އޭނަ ކުރާ މަސައްކަތަށް އަލިމަގެއް ފެންނާން އޮތީ ރަޖްވާފަދަ ބައިވެރިޔެއްގެ އެހީތެރިކަމުގައެވެ.

ރަޖްވާއަށް ގުޅުމުން އުއްމީދުގެ ބައްތީގެ ހުޅުކޮޅު ދިއްލުނެވެ.

"އާނ.ޖާރިދްއަށްވެސް އަހަރެން ފެނުނީމަ އެފަހުން ޚަބަރެއްނުވޭ..ވަރިކޮށްދޭނެހެން ހީވޭ. ޒިއާމްއަށް ކޮންމެ ކޮންމެ އަންހެންކުއްޖެއް ލިބިދާނެ. ކީއްވެ އެހާވަރުން އަހަންނާއިހެދި އުޅެނީ؟"ރަޖްވާ ސުވާލުކޮށްލިއެވެ.

"ކިތައްފަހަރު ބުނާނީ. ބޭރުފުށުގެ ރީތިކަމަކަށް ނުބަލަމޭ. ރަޖްވާގެ ހިތް ކިހާ ރީތި. ސްނޯކޮޅެއްހާ ސާފު.މިވަރަށް ބުނީމަވެސް އަހަރެންގެ ލޯތްބާއިމެދު ޝައްކުކުރާތީ ދެރަވޭ...އިތުބާރުކޮށްބަލަ...ޕްލީޒް..."

"އޯކޭ..."

"ޖާރިދް ޑިވޯސްނުކުރިޔަސް ކޯޓުން ވަރިނަގާދޭނެހެން ހީވޭ. ބައްޕަމެންގާތު ބުނެގެން އަވަހަށް ނިންމާލައްޗޭ...."

ޒިޔާމް ފޯނު ސޯފާއަށް އެއްލައިލިގޮތަށް ނިތްމަތީގައި އަތް ބާއްވައިގެން ވިސްނުމެއްގައި އޮތެވެ. ރަޖްވާއާއި ކައިވެނިކުރުމުން ސަފާޔާ އޭނަގެ އިންތިޒާރުގައި ހުންނާނެހެއްޔެވެ؟ ދެއަންބަށް ކައިވެނިކުރުމަކީ ދީނުގައި ނެތްކަމެއްނޫނެވެ. އޭނަގެ މަޖުބޫރީ ސަފާޔާ ގަބޫލުކުރާނެއެވެ. އޭނަގެ ލޯތްބަކީ ސަފާޔާއެވެ. ޒިޔާމް ފޯނުނަގާފައި ސަފާޔާގެ ނަމްބަރަށް ގުޅަންފެށިއެވެ. އެތައްފަހަރު ގުޅާފައި ކެނޑުނުއިރުވެސް އެކުއްޖާ ފޯނު ނުނެގުމުން ޒިޔާމް ރުޅިއަންނަގޮތްވިއެވެ.

***

ޖަހާންގީރުއާއި ހުރިހާ ދަރިން ރޭގަނޑުކާންވެގެން މޭޒުދޮށަށް ޖަމާވަމުން އައެވެ. އެންމެ ފަހުން އައީ ރަޖްވާއެވެ. ރަންފިޔާތޮށިކުލައެއްގެ އަތްދިގު ސްވެޓަރަކާއި ޖިންސެއްލައިގެން ހުރިއިރު ބުރުގާކޮޅަކުން އިސްތަށިގަނޑު ނިވާކޮށްލާފައިވިއެވެ. މޫނުގެ ސިފަތައް ގެއްލިފައިވިޔަސް އަލިކަމާއެކު ލޮލުގެ ވިދުންގަދައެވެ. މާޔޫސްކަމުން އަރައިގަންނަން ވަގުތު ނެގިޔަސް ކުރިއަށް އަޅަމުންދާ ކޮންމެ ފިޔަވަޅަކުން ހިތްވަރު ލިބި އުފާވެރިކަން އަނބުރާ އިއާދަވެއްޖެއެވެ. އެންމެ ބޮޑަށް ހިތަށް ހަމަޖެހުންލިބެނީ ޒިކުރުންނެވެ. ނަމަވެސް "ސްކައި ކާސަލް"ގެ އެންމެންނަކީ އޭނަގެ ހިތްވަރުގެ ތަނބުތަކެވެ.

"އައްސަލާމް އަލައިކުމް...."

"وَعَلَيْكُمُ ٱلسَّلَامُ وَرَحْمَةُ ٱللَّٰهِ وَبَرَكَاتُهُ......"އެންމެންގެ މޫނަށް އިތުރު ހިނިތުންވުމާއިއެކު ލޮލުގެ ވިދުން އިތުރުކުރުވީ އެ ޚާއްސަ ލޯބިވާ އަންހެންކުއްޖާ ފެނުމުންނެވެ. ބައްޕައާއި އޭނަގެ ބޭބެމެންގެ ހިތުގައި ރަޖްވާއަށްޓަކާ ވީ ލޯބި އިތުރުވީ އެކުއްޖާއަށް ދިމާވި ހިތާމަވެރި ހާދިސާއަށްފަހުގައެވެ.

"މިރޭގެ ކެއުން ވަރަށް ޚާއްސަ..."

"އެއީ ކީއްވެ؟ ކޮންކަމެއް ސެލެބްރޭޓްކުރަނީ ދަރިފުޅު؟"ޖަހާންގީރު އެހިއެވެ.

ނުނިމޭ

ކޮމެންޓް 0