ތިބާ ހިތްދަތިކޮށްލާފައި ދިރިއުޅުން ހަލާކުކޮށްލުމަށްފަހު މީހަކު އުފަލުގައި އުޅެންޏާ އެކަމާ ހިތާމަނުކުރާށެވެ. މާތްﷲ ގުރުއާނުގެ މަރިޔަމް ސޫރަތުގެ ފަސްދޮޅަސް ހަތަރުވަނަ އާޔަތުގައި ވަހީކުރައްވާފައިވަނީ وَمَا كَانَ رَبُّكَ نَسِيًّا މާނައަކީ "އަދި ކަލޭގެފާނުގެ ވެރި ރަސްކަލަކީ ހަދުމަނެތިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ."

 

***

"ސަފާ. ކިހިނެއްވީ؟"

"ރަޖްވާ. ސަފާޔާ ކޮޓަރީގެ އެނދުމަތީގައި ކުރުގެޅިލައިގެން އޮތްއިރު ވަށައިގެން ހުރީ އަލްބަމްތަކާއި ކާޑުތަކެވެ. ޒިޔާމްގެ ފޮޓޯތަކެވެ.

"އޭނަ އަހަންނާއި ރުޅިވެއްޖެ...." ސަފާޔާ އަވަހަށް ބޮޑު ރަޖާއިން އޭނަގެ ހަށިގަނޑާއެކު ވަށައިގެންވާހާ ހަނދާންތައްވެސް ރައްކާކޮށްލީ ރަޖްވާއަށްވެސް ދައްކަން ބޭނުންނުވުމުންނެވެ.

އެތައް އިރެއްވާންދެން ސަފާޔާ ރޯން އޮތްއިރު ރަޖްވާ ގެނެސްދިން ޓިޝޫބޮޑިން މޫނު ފޮހެމުންގޮސް ޑަސްބިންފުރައިލިއެވެ. ރޮއިރޮއިދެލޯ ފާރުވަންދެން ރުއިމަށްފަހު އެންމެފަހުން ރަޖްވާ ގެނެސްދިން ކޮފީތަށި ބޯން ހެޑްބޯޑަށް ލެނގިލައިގެން އިންއިރުވެސް ގިސްލެވެމުން ދިޔައެވެ. ހިތްފުރެންދެން ރޮއިލުމުން ހިތަށް ހަމަޖެހުން ލިބުނީކަމެއް ނޫނީ ކަރުނަ ހުސްވީކަމެއްވެސް ނޭގެއެވެ.

"ކީއްވެ؟"

"އޭނަ ބޭނުމެއްނުވޭ ކައިވެނިކުރަން، ވަރަށް އިގޯބޮޑު ފިރިހެނެއް. އޭނަ ރަޖްވާ އެދުނު ފަދައިން އަހަންނާ މެރީކޮށްގެން މި އެޕާޓްމެންޓަށް ބަދަލުވާކަށް އެއްބަހެއް ނުވި. ބޮޑާ ފިރިހެނާ ރިފިއުޒްކުރި. އެހެން ބަޔެއްގެ ގާތުގައި އުޅެން ބޭނުމެއްނޫނޯ ބުނީ. އެހެން ބަޔެއްގެ އިހުސާންތެރިކަން ލިބިގެން މީހަކާއި އިނީމަ އޭނަގެ ނަމަށްވެސް ހުތުރުކަމަށް ބުނީ. އަމިއްލަ ފައިމައްޗަށް ތެދުވެ ވަންނާނެތަނެއް ލިބި އާއިލާއެއް ބެލެހެއްޓޭވަރުވީމައޭ އެހިސާބަށް ވިސްނާނީ...އެހެންވެ އެކަމާއިި ރުޅިހަދާލާފައި އަހަރެން އައީ..."ސަފާޔާ އޮޅުވައިލިއެވެ.

"ހަރުދަނާ ގޮތަކަށް ވާހަކަ އެހެރީ..."

"އާނ..."ސަފާޔާ ތުންފަތުގައި ދަތް އަޅައިގަތެވެ."ގިނަ ޒުވާނުން އެފަދަ ގޮތެއް ނުހޯދާ މައިދައިތައިންނާއެކު އުޅުނީމަ މައްސަލަވެސް ޖެހޭދޯ. އަމިއްލަ ދިރިއުޅުމެއް ވަކިން ފެށީމަ ފަސޭހަވާނީ...."

"އެއްވެސް ގޮތަކަށް ލައިފް ޕާފެކްޓެއްނުވާނެ. ކޮންމެވެސް އެއް އުދަގޫތަކެއް އެއްގޮތުން ނުވިއްޔާ އަނެއްގޮތުން އަންނާނެ..ވަކިން އުޅުނަސް ކިތަންމެ އިމްތިހާނުތަކެއް ދިމާވާނެ. ސަބަބަކީ މިއީ ވަގުތީ މަންޒިލެއް ވީމަ..ސަފާ. ދެރަނުވޭ. ސަފާވެސް އަމިއްލަ ކެރިއާ ބިލްޑްކުރަން މަސައްކަތްކުރޭ.. ސްޓޯރީތައް ޕަބްލިޝްކޮށް އެއިންވެސް އާމްދަނީ ހޯދިދާނެ. އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރަން ފަށަންވީ ވަގުތުވެސް ޖެހިއްޖެ. އޭރުން އަދިި ތަޖުރިބާ ލިބި ލިޔަން ފަސޭހަވެސްވާނެ..."

"އަހަރެން ތިގެއަށް ވަނަސް އޯކޭތަ؟"

"ބައްޕަ އެހާ ހިތްހަމަޖެހިލައްވާނެ ކަމެއްނޫން. އަންހެން މެއިޑުންވެސް ނުގެންގުޅޭ..."

"މުޅިންވެސް ބޯއިން އިން ތިބީމަތަ؟" ސަފާޔާއަށް މަޖާވިއެވެ.

"ހޫމް....ނޮން މަހުރަމްސް...އަހަރެންވެސް އެހާ ލައިކްވާކަމެއް ނޫން ސްޓްރޭންޖާސްއިންގެ ތެރޭ އަންހެންކުއްޖެއް ހުރުން.. އެޕާޓްމެންޓުގައި ހުރުން މިވަގުތަށް އެންމެ ރަގަޅީ. ގޭގައި ޕާޓީއެއްކަހަލަ އެއްޗެއް އޮތިއްޔާ އިންވައިޓްކުރާނަން. ބޭބެމެން ގޭގައި ނޫޅެންޏާ އަޔަސް ހަމަ އޯކޭވާނެ."

"ހްމްމް.."ސަފާޔާ ކުޝަންގައި ބޯ ޖައްސާލައިގެން އިންއިރު ޒިޔާމްގެ ފަރާތުން ބަދަލުހިފާނެގޮތަކާއިމެދުވެސް ވިސްނިއެވެ. ޒިޔާމް އޭނަގެ ފަހަތުން އާދޭސްކުރަމުން އަންނަވަރުކޮށްލާނީއެވެ. ފަހަރެއްގައި ސަފާޔާ ހެދުން އަޅާގޮތުން ހިތްހަމަނުޖެހިގެން ބަހަނާއެއް ދައްކަނީހެއްޔެވެ؟ އެނގިދާނެތާއެވެ. އޭނަ ހެދުންވެސް ބަދަލުކުރާނެއެވެ. މިރަށުން ފެންނަ އެހެން އަންހެންކުދިން ފަދައިން މޭކަޕްވެސް ކުރާނީއެވެ. ޒިޔާމް ހަސަދަވެރިވާނެހެން އެހެން ކުއްޖަކާއި ރައްޓެހިވާންވީއެވެ. މަޖަލަކަށެވެ. ޖޫދު ކިހިނެއްވާނެބާވައެވެ. ޖޫދު ކައިރީ ހަގީގަތް ކިޔާދީފައި ދެމީހުން އެއްކޮށް އެ ޒިޔާމްގަނޑަށް ފެނިގެން އުޅެންފެށުމުން ޒިޔާމްގެ ބޯ ގޮވާނެއެވެ. އޭރުން ޒިޔާމްވެސް ފަސްފަހަތުން ނުނައްޓައިގެން އުޅޭނެއެވެ. ސަފާޔާ ރަޖްވާގެ ގާތުގައި އެދުނީ ބާޒާރުކުރަން އެކީގައި ދިޔުމަށެވެ. ވަޒީފާއަށް ދާންފަށަންވާއިރަށް ހެދުމާއި މޭކަޕްސާމާނުވެސް ގަންނަންޖެހޭނެއެވެ.

ސަފާޔާ ޗޮކްލެޓް ޑޯނަޓެއް ކަމުން ދިޔައީ ނިކަން ދަހިކޮށެވެ. ރަޖްވާ ގެނައި ޕިއްޒާއާއި ޑޯނަޓް އަދި ބާގާވެސް ހުސްކޮށްލުމަށްފަހު ޗޮކްލެޓްތަށިވެސް ބޯލުމަށްފަހު ސަފާޔާ އަނގަަމަތީގައި ހުރި ޗޮކްލެޓް ފޮހެލައިފިއެވެ.

***

ގޭގެ ލައިބްރަރީގެ ތެރެއަށްވެސް ރަން އަވި ފެތުރި އުޖާލާކޮށް ފެންނާން އޮތެވެ. ޖަހާންގީރު ސޯފާގައި އިށީދެލައިގެން އިންއިރު ރަޖްވާވެސް ކުރިމަތީގައި ހުރި ސޯފާގޮނޑީގައި ދަތްދޮޅީގައި އަތް ވިއްދާލައިގެން އިނެވެ.

"ބައްޕާ. އަޅުގަނޑު ވަރަށް ކަންބޮޑުވޭ..އޭނައަކީ ރަގަޅުމީހެއްނޫން.."

"ޖާރިދުގެ ގާތުން ވަރިވެގެން ނޫނީ އެހެން މީހަކާއި ކައިވެނިކުރަން ދީން ހުއްދައެއް ނުކުރެއެއްނު ދަރިފުޅާ..."

"ބައްޕަ އޭނައާއި ވާހަކަދައްކަވަންވީ ނޫންތޯ؟"

"އެންމެ ރަގަޅު."

"އޭނަ ނޫނެކޭ ބުންޏަސް ކޯޓުން ވަރިނަގާދީފާނެ.." ރަޖްވާގެ ހިތުގައި ޖާރިދްއާއިެމދު އުފެދިފައިވާ ނަފްރަތުގެ ހުޅުކޮޅު އިތުރަށް ބޮޑުވިއެވެ. އެނަން ކިޔަންވެސް އޭނަގެ ހިތް ނުރުހެއެވެ. އޭނަގެ އާއިލާގެ މައުސޫމް އެތައް ފުރާނައެއް ނަގައިލި ޒާލިމަކީ އެއީއެވެ. ނުފޫޒުގެ ބޭނުންކޮށްގެން ގާނޫނުގެ އަތްދަށުން ދެމިގަތަސް އޭނަގެ ހިތުން ދެން ޖާގައެއްނުލިބޭނެއެވެ. ދުވަހެއްގެ ކޮޅުންވެސް މާފެއް ނުދޭނެއެވެ. ދުނިޔެއިން ފިރިހެނުން ހުސްވިޔަސް ބަލާވެސް ނުލާނެއެވެ. އެއީ ޅަ އުމުރުގައި ހެދުނު ކުށެކެވެ.

"ބައްޕަ މަސައްކަތްކުރާނަން. އެކަމަކު ޒިޔާމްއާއި ބެހޭގޮތުންވެސް މައުލޫމާތު ހޯދާފައި ނޫނީ ކައިވެނިކުރިއަށް ގެންދަން ނުފެނޭ.."

ރަޖްވާގެ ހިތުގައި ކަންބޮޑުވުމާއިއެކު ހާސްކަން އުފެދުނެވެ. އެއްވެސް މީހަކު ފުރިހަމައެއްނުވާނެއެވެ. އޭނަގެ ހުތުރު ސޫރައާއިއެއްކޮށްވެސް އެކީ އުޅެން ޒިޔާމް އެހެރީ ނިންމައިގެންނެވެ. އެވަރުން އޭނައަށް ފުދެއެވެ. ނަމަވެސް ބައްޕަމެންގެ ހުއްދަނެތި ހަޔާތުގެ އެހާ މުހިއްމު ނިންމުމެއް ނުވެސް ނިންމޭނެއެވެ.އޭނަގެ ދުޢާއަކީ ހުރިހާކަމެއް ހައްލުވެ ދިރިއުޅުމުގެ ދަތުރު އޮމާންކަމާއެކު ކުރިއަށް ދިޔުމެވެ. "ދަތުރު" އެލަފުޒާއެކުވެސް ކުއްލިއަކަށް ސިކުނޑިއަށް ވާންވެލާ ބޮލުގައި ދެއަތުން ހިފަހައްޓައިލެވުނީ ދަތުރު އޮމާންވުމުގެ ބަދަލުގައި ތޫފާނަކަށް ކޮންމެ ވަގުތަކުވެސް ވެދާނެކަމުގެ ހަދާންތައް އާކުރުވަމުންނެވެ.

***

ސަފާޔާ ލެޕްޓޮޕް ހިފައިގެން އެނދުގައި ހަމަޖެހިލިއެވެ. ލިޔަންފެށިތަނާ ރަޖްވާ ކޮތަޅުތަކެއް ހިފައިގެން އައިސް އެނދުމައްޗަށް އަޅައިލިއެވެ. އެކިކުލައިގެ ހެދުންތަކާއި ހަރުވާޅު އަދި ޝޯލްތަކެވެ." ސަފާ އަހަންނަށްވުރެވެސް ހިކި. މަަށަށް ތަންކޮޅެއް ބާރުވެއްޖެ ދެތިން ކިލޯ ބަރުވީމަ. ކްލޯޒެޓް ފުރެންދެން ވަރަށް އާ އެއްޗެހިވެސް ހުރީމަ މިގެނެސްދިނީ. މިހިރީ ވިކްޓޯރިއާ ސިކްރެޓް އަދި ޝެނެލް ބްރޭންޑް ހެދުން..."

ސަފާޔާގެ ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. ފަހަރަކުހެދުމެއް ގައިގާ ޖައްސަޖައްސާފައި ލޯގަނޑުދޮށުގައި ހުރެގެން އޭނަ ޗެކްކުރިއެވެ.

"ވާއު....ހާދަ ލޯތްބޭ.."

"މީގެ ބޭރުން ޖެކެޓެއްލީމަ ރަގަޅުވާނެ.."

"ވަރަށް ސްޓައިލިޝް.."

"ހޫމް. ހަމަ ސަފާއަށް ޚާއްސަކޮށް ފަހާފައި ހެން ހީވޭ..." ރަޖްވާ ތައުރީފުކުރިއެވެ.

"މޫނުގައި މިހިރަ ހުދު ސްޕޮޓްސް.." ސަފާޔާ ލޯގަނޑުދޮށުގައި ހުއްޓި ރަގަޅަށް އޭނަގެ ސޫރައަށް ބަލައިލިއެވެ.

"ފައުންޑޭޝަން ލީމަ ރަގަޅުވާނެ. ގެނޭ މޭކަޕްކޮށްދޭނަން. މިތާ އިށީދެބަލަ.. އެކަމަކު ހަމުގެ ޚާއްސަ ޑޮކްޓަރަކަށް ދައްކައިލާނީ. މިކަހަލަ ތަންތަން ހުރީމަ ބަލަން ޖެހޭނެ ދޯ....." ރަޖްވާ ސަފާޔާ ގޮނޑީގައި ބޭންދުމަށްފަހު މޭކަޕްކޮށްދޭންފެށިއެވެ. އިރުކޮޅެއްފަހުން ލޯގަނޑަށް ބަލައިލުމާއެކު ކޯތާފަތުގައި އަތްޖައްސައިލެވުނީ ލޯގަނޑުން ފެނުނު ސޫރައިގެ ތަފާތުކަމުންނެވެ.

"ކުރިން ބެލިން ގޮސިޕްގާލް. އޭގައި އުޅޭ ބްލެއާ ވޯލްޑޯފް ހަމަ.."ރަޖްވާ ހީލިއެވެ.

"ތެންކިއު ޖީޖީ....." ސަފާޔާ ރޯކަމަށް ހެދެމުން ރަޖްވާގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ."އެހެންވިއްޔާ ކެބިންކްރޫއަކަށްވެސް ވެވިދާނެ. ކާކަށް ބްލެއާ ވަލްޑޯފް ރެޒިޒްޓްކުރެވޭނީ؟"

"ޔޫ އާ ރިއަލީ ބިއުޓިފުލް.." ރަޖްވާގެ ހިތް ތައުރީފުކުރިއެވެ.

***

ޒިޔާމް ރަޖްވާއަށް މެސެޖްކުރަން ފެށުމުން ޖަވާބެއްދޭން މަޖުބޫރުވިއެވެ.

"ޒިޔާމް. އައިމް ސޮރީ. މިހެން ޕާސްޓް އައިސް އަރާ ހަމަކުރާނެކަމެއް ނުދެނެހުރިން..ބައްޕަގެ ފަރާތުން އެނގެންޖެހުމަކީވެސް ބޭނުންވި ގޮތެއްނޫން. އައިމް ރިއަލީ ސޮރީ.."

"ތިބުނީ ކީކޭ ރަޖްވާ؟"

"އައިމް މެރީޑް. އެކަމަކު އޭނައަކީ އަހަންނަށް ހެޔޮއެދޭމީހެއްނޫން. މަރައިލަން އުޅުނީ.."

"ސަބަބަކީ ކޮބާ ރަޖްވާ؟ ރަޖްވާ ކޮންފަދަ ބޮޑުކުށެއްކޮށްގެން މީހަކު އެހާވަރުން ބޮމެއް ގޮއްވާލައިގެން އެހެން އެތައް ބަޔަކާއެކު ފްލައިޓެއް ގޮއްވައިލާނީ. ހާދަ ހިތްހަރު ނުލަފާ މީހެކޭ. ޑޯންޓް ޓެލްމީ ޔޯ އެކްސްއަކީ ޓެރަރިސްޓެކޭ..."

"އެހެނެއްނޫން. އެހެން ސަބަބަކާއިހެދި.."ރަޖްވާ ކޮންމެވެސް ކަމެއް ފޮރުވަން މަސައްކަތްކުރާފަދައެވެ.

"ސޯ.....ކިހިނެއް އަހަރެން ހަދާނީ؟ އައި ހޯޕް އަހަންނަށް ދެރަގޮތެއް ނަހަދާނެކަމަށް. ބާކީކޮށްނުލާނެކަމަށް. ރަޖްވާގެ ސިއްރުތައް ހާދަ ގިނައޭ............."

ޒިޔާމްގެ ވާހަކަތަކުން ރަޖްވާއަށް ލޯތްބާއި އޯގާތެރިކަމުގެ މަތިވެރިކަން އިހުސާސްކުރެވުނެވެ. ޖާރިދް އެމީހުންގެ ދިރިއުޅުމަށް ފުންމައިލީތީ ފޫހިވިއެވެ. ކޮންމެގޮތެއް ހަދާފައިވެސް އިރާދަކުރެއްވިއްޔާ އޭނަ ޖާރިދްގެ ފަރާތުން ސަލާމަތްވާނެއެވެ. ޖާރިދަށްވުރެ ހުރިހާ ގޮތަކުންވެސް ޒިޔާމް މާ ރަގަޅެވެ. ނަމަވެސް އެކީގައި އުޅުނުއިރު ޖާރިދްވެސް ވަރަށް ހެޔޮވެގެން މަތި އޮމާންކޮށްގެން އުޅުނު ދުވަސްވަރެއްވެސް އައެވެ. އޭގެ ފަހުން އެނގެންފެށީ ޖާރިދްގެ އަނދިރި ފަރާތެވެ.

ޒިޔާމް ސަފާޔާއަށް ގުޅަން މަސައްކަތްކޮށްކޮށް ދެދުވަސްވީއިރުވެސް އޭނަ ހުރީ ޖަވާބުނުދޭން ނިމްގައިގެންނެވެ.

***

ބައްޕަގެ ފަރާތުން ރަޖްވާއަށް ލިބުނު ޚަބަރަކުން ރުޅިއައިސް ފަޅައިގެންދާވަރުވިއެވެ. ޖާރިދް ބުނީ އޭނަ ރަޖްވާވަރިކުރަން ބޭނުންނޫން ކަމަށާއި ވަރަށް އަވަހަށް ބައްދަލުކުރަން އަންނާނެކަމުގައެވެ. ރަޖްވާއަކީ އޭނަގެ ހަލާލު އަނބިމީހާކަމުގައި ވުމުން ގޮތެއް ނިންމާނީ ދެމީހުން ވާހަކަދައްކައިގެން ކަމުގައި އޭނަ ބުނީ ސާބިތުކަމާއެކުގައެވެ. ރަޖްވާ ކިތަންމެ ނުރުހުނަސް އެންމެ ފަހުފަހަރަށް ޖާރިދްއާއި ކުރިމަތިލާންޖެހެއެވެ. ދެމީހުންގެ އޮތްހާ ގުޅުމެއް ކަނޑާލާ އަބަދަށްޓަކާ ވަކިވުމުގެ ތަތްގަނޑު ޖަހަންވާނެއެވެ.ރަޖްވާގެ ސޫރައަށް އައިސްފައިވާ ބަދަލު އޭނައަށް އަދި ނޭގެނީހެއްޔެވެ؟ އޭނަގެ ރީތިކަމާއި ފުރިހަމަކަމުގެ މައްޗަށް މޮޔަވެގެން ޖާރިދް އުޅުނު ޒަމާން ވޭތުވެގެން ހިގައްޖެއެވެ. އޭނައަށްވެސް ރަޖްވާ ފެނިއްޖެއްޔާ ބިރުން ދުވެ ފިލާނެއެވެ. ނޫނީ ހުރިތަނަށް އަނބުރައިގަނެގެން ވެއްޓޭނީ ނޫންކަމެއްވެސް ނޭގެއެވެ.

"ބައްޕާ. ޖާރިދްއަށް އަޅުގަނޑުގެ ސޫރަ...ބާންސްތަކުގެ ވާހަކަ ނަންގަތިންތޯ؟"

"ނޫން..ކީއްވެ އެވާހަކަ ބުނަންވީ؟ދަރިފުޅު ގެ މޫނު ފިހުނަސް ތިއީ ހަމަ ލޯބިކުއްޖެއް ދަރިފުޅާ......"

ލޯބިވާ މީހުންނަށް އޭނަ ފެންނާނީ އެންމެ ރިތި އަންހެންކުއްޖާގެ ގޮތުގައެވެ. ނަމަވެސް ލޯގަނޑުން ސޫރަ ފެނުނަސް އޭނަގެ ހިތަށް ބިރުވެރިކަން ވަދެއެވެ. ދެރަވެސްވެއެވެ. އޭނަ މޭކަޕްކޮށްފައި އޭރު އުޅުނުއިރު މިފަދަ ދުވަހެއް އައިސްދާނެކަމަކަށް ހިޔެއްނުކުރެއެވެ. އޭރު އިސްތަށިގަނޑުވެސް ނިވާނުކޮށް އެންމެނަށް އިޝްތިހާރުކޮށްލައިގެންނެވެ. އޭރު އޭނައަކީ އެންމެންގެ ޕްރިންސެސްއެވެ. މަޝްހޫރު ކުއްޖެކެވެ. ކޮލެޖްގަޔާއި އާއިލާގައިވެސް އެންމެން ރުހޭ ލޯބިވާ އަންހެންކުއްޖާއެވެ. ހާލަތުބަދަލުވާން ނެގީ ކުޑަހިނދުކޮޅެކެވެ. އެރޭ އޭނައާއި އާއިލާގެ ދިރިއުޅުމަށް އައި ޒަލްޒަލާއިން އަދިވެސް އަރައިނުގަނެވެއެވެ. އަދިވެސް އޭނައަށް ފެންނަނީ އެބިރުވެރި ހުވަފެންތަކެވެ. ޓީވީއިން މަތިންދާބޯޓެއް ފެނުނަސް ވަގުތުން ޕެނިކްވެ މުޅިކުއްޖާ ފިނިވެއެވެ. މާޒީން ފިލަން ދުވަމުންދަނިކޮށް މާޒީ އަނެއްކާ އޭނައާއި އަރާހަމަކޮށްފިއެވެ. ޖާރިދްއަކީ ގާތިލެކެވެ. އޭނަ ޖާރިދާއި ވާހަކަނުދައްކާނެއެވެ. "ނުލަފާ ފިރިހެނާ..." އޭނަގެ އާއިލާގެ އެތައްބަޔަކު މަރައިލި އަނިޔާވެރިއެކެވެ.

 

***

ޒިޔާމް ސްކައި އެއާލައިންގެ އޮފީހާއި ދިމާލަށް ހިނގައިގަތްވަގުތު ސްކައިއެއާ ކްރޫ ޓީމެއް ހިނގާފައި ދާތަން ފެނުނެވެ. ސްކައިއެއާލައިންގެ ފްލީޓްގައި ހިމެނޭ އެއާބަސްގެ ކްރޫއެއް ބޭރުގައުމަކަށްދާން ނައްޓައިލަނީއެވެ. ކެޕްޓަން އިމްކާން ހިނގާފައި ދިޔައިރު އަންހެންކުދިންގެ ސަމާލުކަން އަތުލާފައިވާކަން ފާހަގަވެ ފަޅިސިކުންތުކޮޅަކަށް އެ މަގާމުބޭނުންވިއެވެ. އެއީ އޭނަގެވެސް ހުވަފެނެވެ. އެންމެން އިހުތިރާމްކުރާ ލޯބިވާފަދަ ކެޕްޓަނަކަށްވުމެވެ. އެވެސް އިމްކާންގެ އާއިލާގެ މެމްބަރަކަށްވުމެވެ. މުއްސަންޖަކަށްވުމެވެ. ސްކައިއެއާލައިންފަދަ ކުންފުންޏެއް އަމިއްލަވުމެވެ. ރަޖްވާގެ ފިރިޔެއް ހުންނަކަން އެނގުމުން އުއްމީދުގެ ބައްތި ނިވެން އުޅުނަސް އޭނަ އެހުޅުކޮޅު ނިވުނަނުދޭން ފުރާނަވެސް ގުރުބާންކޮށްފާނެއެވެ. ޒިޔާމްއާއެކު މިއަދުވެސް ހުރީ ރުސްލާންއެވެ. ރަޖްވާގެ ބޭބެމެންނާއެކު ޑިއުޓީކުރަންވުމުން އޭނައަށް ނަފްސާނީގޮތުން އުދަގޫވެ ތުރުތުރުލާގޮތްވެސް ވެއެވެ. ގޯހެއް ހެދިދާނެތީ ބިރުގަންނަނީއެވެ.

ޒިޔާމް: ސްކައި އެއާލައިންސް ނައިން ތްރީ.."

ޓަވަރ:ސްކައިއެއާ ނައިން ތްރީ ގޯ އަހެޑް.."

ޒިޔާމް: ސްކައިއެއާ ނައިންތްރީ ރިކުއެސްޓް ޓެކްސީ..."

ޓަވަރ: ސްކައި އެއާ ނައިންތްރީ ޓެކްސީ އެންޑް ހޯލްޑް ޝޯޓް ޑީ ފައިވް ވަޔާ ބީ ފޯ އެންޑް ރިޕޯޓް ފުލީ ރެޑީ ފޯ ޑިޕާޗާ..."

ޒިޔާމް: ޓެކްސީ އެންޑް ހޯލްޑް ޝޯޓް ޑީ ފައިވް ވަޔާ ބީ ފޯ އެންޑް ވިލް ރިޕޯޓް ފުލީ ރެޑީ ފޯ ޑިޕާޗާ. ސްކައި އެއާ ނައިން ތްރ.ީ"

ޒިޔާމް: ސްކައި އެއާ ނައިން ތްރީ، ވީ އާ ފުލީ ރެޑީ ފޯ ޑިޕާޗާ ހޯލްޑިން ޝޯޓް ޑީ ފައިވް..."

ޓަވަރ: އެންޓާ އެންޑް ލައިން އަޕް ރަންވޭ ތާޓީ ސިކްސް ސްކައިއެއާ ނައިން ތްރީ"

ޓަވަރ: ސްކައި އެއާ ނައިން ތްރީ ފޮލޯ ޕިލިކްވަން އޭ ޑިޕާޗާ. ކްލައިމްބް ސެވެން ތައުޒަން ފީޓް، ވިންޑްސް ޓޫ ސެވެން ޒީރޯ ޑިގްރީސް ފިފްޓީން ނޮޓްސް ޔޫ އާ ކްލިއާޑް ފޯ ޑިޕާޗާ..."

ޒިޔާމް: ފޮލޯ ޕިލިކްވަން އޭ ޑިޕާޗާ، ކްލައިމްބް ސެވެން ތައުޒަން ފީޓް ކްލިއާޑް ފޯ ޓޭކްއޮފް ރަންވޭ ތާޓީ ސިކްސް، ސްކައި އެއާ ނައިން ތްރީ......"

މަތިންދާބޯޓުގެ ފުރޮޅުތައް ރަންވޭއިން ހިއްލައިލުމާއެކު ވައިގެ ތެރެއަށް އަރައިގެން ދިޔައީ އަޑުގޮއްވަމުންނެވެ. ރުސްލާން މިއަދު އޭނަގެ "ޓޭކް އޮފް"އަށް ސައްތައިން ސައްތަދޭނެކަމާއިމެދު ޝައްކެއްނެތެވެ.

 

***

ރަޖްވާ ސަފާޔާގެ އަތުގައި ހިފައިގެން މަޑުމަޑުން ހިނގަމުންގޮސް ރަޖްވާގެ ތަނަވަސްކޮޓަރިއަށް ވަނެވެ. ކޮޓަރިއަކަށްވުރެ ބޮޑު ހޯލެކޭކިޔަސް ރަގަޅުވާނެކަމުގައި ސަފާޔާ ދެކުނެވެ. އެހާ ބޮޑެވެ. ޒަމާނީކުލަތަކާއި ޝާހީކަން އެކުވެ އަޖައިބެއްފަދަ އަރާމު ފުރިހަމަތަނެއްކަމުގައި ވެފައިވިއެވެ. ރަޖްވާ އޭނަގެ ވޯކިން ކްލޯޒެޓަށް ވަނުމުންވެސް ސަފާޔާއަށް ތައުރީފުކުރެވުނެވެ. ގަޑިތަކާއި ބޫޓުތައް އަދި ގަހަނާތައްވެސް ވަކިން ބަހައްޓާފައި ހުއްޓެވެ. އަންހެން ކުދިން ޖަވާހިރާއި ރަނަށް ލޯބިކުރާއިރު ސަފާޔާވެސް އެފަދައެވެ. ޚާއްސަކޮށް ކުލަކުލައިގެ ޖަވާހިރާއިހެދި އުޅެވެއެވެ. ރަޖްވާ ހަދިޔާކުރި ޔާގޫތު ސެޓާއި އެފަދަ ކުލައެއް އަރާ ގަޑި ހިފައިގެން ކޮޓަރިއަށް ވަނެވެ.

"މާދަން ހަމުގެ ޑޮކްޓަރަށް އެޕޮއިންޓްމެންޓް ލިބިފައިއޮތީ..."

"ޖޮބަށް ދާންވާއިރަށް މީހާ ޓްރާންސްފޯމްކޮށްލަން ޖެހޭނެ ދޯ..."

"ހެހެ..."

"ރަޖްވާ އަހަރެން މިހެން އެހިޔަސް ރުޅި ނާންނައްޗޭ...."

"ޔަގީން..."

"ހަމަމިހެން ހިތަށް އަރާވަރުން.."

"ރުޅިއެއް ނާންނާނަން. ކިޔާބަލަ.."

ސަފާޔާގެ ސުވާލުން ވަގުތުން ރަޖްވާގެ މޫނުގެ ކުލަ ބަދަލުވިއެވެ. އެހެން އެހުނުކަމުގެ މޮޔަ ސަފާޔާ ހީވިއެވެ. ރަޖްވާ އޭނަ ވަގުތުން ދަމާ ނެރެ އެގެއިން ބޭރުކޮށްލާނެކަން ޔަގީނެވެ.

ނުނިމޭ

ކޮމެންޓް 0