މާތް ﷲ ކީރިތި ގުރުއާނުގެ އަަލްއިސްރާ ސޫރަތުގެ ތޭވީސް ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.

"وَقَضَىٰ رَبُّكَ أَلَّا تَعۡبُدُوٓاْ إِلَّآ إِيَّاهُ وَبِٱلۡوَٰلِدَيۡنِ إِحۡسَٰنًاۚ إِمَّا يَبۡلُغَنَّ عِندَكَ ٱلۡكِبَرَ أَحَدُهُمَآ أَوۡ كِلَاهُمَا فَلَا تَقُل لَّهُمَآ أُفّٖ وَلَا تَنۡهَرۡهُمَا وَقُل لَّهُمَا قَوۡلٗا كَرِيمٗا" މާނައަކީ އެކަލާނގެއަށް މެނުވީ ތިޔަބައިމީހުން އަޅުކަން ނުކުޅައުމަށާއި މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ކަލޭގެފާނުގެ ރަސްކަލާނގެ ކަނޑައަޅުއްވާ އެންގެވިއެވެ. އެދެމީހުން ކުރެ އެކަކު ނުވަތަ އެދެމީހުން ތިބާގެ ގާތުގައި ތިބެ މުސްކުޅިކަމާއި ހަމަޔަށް ފޯރައްޖެނަމަ އެދެމީހުންނަށް އުފްވެސް ނުބުނާށެވެ.( އެބަހީ ނުރުހުމުގެ ކިތަންމެ ކުޑަ ބަހެއްވިޔަސް ނުބުނާށެވެ.) އަދި އެދެމީހުންނަށް އަޑުލައި ނަހަދާށެވެ. އަދި މާތް ބަހަކުން އެދެމީހުންނަށް ބަސް ބުނާށެވެ."

***

ޖަހާންގީރުއާއި ހުރިހާ ދަރިން ރޭގަނޑުކާންވެގެން މޭޒުދޮށަށް ޖަމާވަމުން އައެވެ. އެންމެ ފަހުން އައީ ރަޖްވާއެވެ. ރަންފިޔާތޮށިކުލައެއްގެ އަތްދިގު ސްވެޓަރަކާއި ޖިންސެއްލައިގެން ހުރިއިރު ބުރުގާކޮޅަކުން އިސްތަށިގަނޑު ނިވާކޮށްލާފައިވިއެވެ. މޫނުގެ ސިފަތައް ގެއްލިފައިވިޔަސް އަލިކަމާއެކު ލޮލުގެ ވިދުންގަދައެވެ. މާޔޫސްކަމުން އަރައިގަންނަން ވަގުތު ނެގިޔަސް ކުރިއަށް އަޅަމުންދާ ކޮންމެ ފިޔަވަޅަކުން ހިތްވަރު ލިބި އުފާވެރިކަން އަނބުރާ އިއާދަވެއްޖެއެވެ. އެންމެ ބޮޑަށް ހިތަށް ހަމަޖެހުންލިބެނީ ޒިކުރުންނެވެ. ނަމަވެސް "ސްކައި ކާސަލް"ގެ އެންމެންނަކީ އޭނަގެ ހިތްވަރުގެ ތަނބުތަކެވެ.
 
"އައްސަލާމް އަލައިކުމް...."

"وَعَلَيْكُمُ ٱلسَّلَامُ وَرَحْمَةُ ٱللَّٰهِ وَبَرَكَاتُهُ......"އެންމެންގެ މޫނަށް އިތުރު ހިނިތުންވުމާއިއެކު ލޮލުގެ ވިދުން އިތުރުކުރުވީ އެ ޚާއްސަ ލޯބިވާ އަންހެންކުއްޖާ ފެނުމުންނެވެ. ބައްޕައާއި އޭނަގެ ބޭބެމެންގެ ހިތުގައި ރަޖްވާއަށްޓަކާ ވީ ލޯބި އިތުރުވީ އެކުއްޖާއަށް ދިމާވި ހިތާމަވެރި ހާދިސާއަށްފަހުގައެވެ.

"މިރޭގެ ކެއުން ވަރަށް ޚާއްސަ..."

"އެއީ ކީއްވެ؟ ކޮންކަމެއް ސެލެބްރޭޓްކުރަނީ ދަރިފުޅު؟"ޖަހާންގީރު އެހިއެވެ.

"އެއީ އަޅުގަނޑުގެ ބެސްޓްފްރެންޑް މިރޭ ހުރިހާ ކެއުމެއް ތައްޔާރުކުރީމަ. އަދި މިގޭ ޝެފެއްގެ ގޮތުގައި އޭނަ ދެން މަސައްކަތް ކުރަން ނިންމީމަ."

"ދަރިފުޅަށް މިގޭގެ ގަވާއިދު އެނގޭ.މިގޭގެ ރޫލްއޭ އަދި ބުންޏަސް މިގޭގައި އިސްލާމީ ރީތި އުސޫލުތައް ދަމަހައްޓަން މަސައްކަތްކޮށް ޑިސިޕްލިންއާއި މެނާސްތައް އިސްލާމީ ގިއުގަނޑުތެރޭގައި ބަހައްޓަން ބޭނުންވާތީ ހިލޭ އަންހެނަކު މިގޭގައި ނުބަހައްޓަނީ....ވީމަ އެ ރޫލް ބްރޭކް ކުރަން ގުޑް އެކްސްކިއުޒެއް އެބައޮތްތަ؟" ޖަހާންގީރު އެހިއެވެ.

"ސަފާ ކައްކާ ގަޑީގައި ބަދިގެއަށް ވަނުން ބޯއިސް އިންނަށް މަނާ. އެގޮތަށް އޮތިއްޔާ އެ ރޫލް ބްރޭކްވަނީކަމަށް ނުވާނެ ނޫންތޯ ބައްޕާ..."

"މޫނުބުރުގާ އަޅައިގެން އުޅެފިއްޔާ މައްސަލައެއްނެތް ދޯ...ނޫނީ އިންވިޒިބްލްވާނެ ކަހަލަ ކްރީމެއްލައިގެން...މިހެންބުނާއިރުވެސް އަޅުގަނޑަށް ހީވަނީ ދެން މި ރޫލް ބަދަލުކުރަން ވީހެން...ސަބަބަކީ..."ޖޫދުއާއި ދިމާލަށް ރުސްލާން ކަޅިއެޅުމުން އޭނަ އަވަހަށް މޫނުގައި އަތް އެޅީ ބިރުންކަމަށް ހެދެމުންނެވެ."ސޮރީ.....އަންހެނުންނަށް އެލާޖިކްވާ ކުއްޖަކު ހުރިކަން ހަނދާން ނެތުނީ......"

"ޖޫދު ތިބުނީ ރަގަޅަށް. އެރޫލް އެހެން އޮތުމުގެ މާނައެއްނެތް...."ޖަހާންގީރުގެ ޖުމްލައިން އެންމެންގެ ނަޒަރު ބައްޕަގެ މޫނަށް ހުއްޓުނެވެ.

ބައްޕަގެ އެ ހަރުކަށި ވިސްނުމަށް ދޫ ދޭނީ ރަގަޅު ސަބަބެއް އޮތީމައެވެ.

"ބައްޕާ....ތެންކްސް...."ރަޖްވާގެ ލޯވެސް ހިނިތުންވެލިއެވެ."އައި ތިންކް ބައްޕަ އަޅުގަނޑަށްޓަކާހެން ރޫލް ބަދަލުކޮށްދެއްވީ..."

"މުޅިން އެހެނެއްނޫން ދަރިފުޅު....މިގެއަށް އެހެން ދެ އަންހެން ކަނބަލުން އަންނާތީ ހިތަށް އެރީ ޚާދިމާއިންނަށް އަންހެންކުދިން ތިބުންވެސް ރަގަޅުވެދާނެއޭ..."

"ކޮން އަންހެން ކަނބަލުންނެއް؟ އެނީވަން ގެޓިން މެރީޑް؟" އިމްކާން ލޯ ހަނިކޮށްލިއެވެ." ހާދަ ސިއްރުން...."

"ދަރިފުޅުމެންގެ މަންމައާއި ބޮޑުދައިތަ ހާލާ....."

"ވަޓް؟"

"ނޯވޭސް......"

"އެހެނެއްނުވާނެ...ބައްޕަ ކީއްވެ އެގޮތަށް ނިންމެވީ؟ފައިނަލް ތޯ؟"

"ފައިނަލް...އޯލްރެޑީ ޓިކެޓް ބުކްކުރުވައިފިން...މަންމައާއި ބޮޑުދައިތަގެ ކޮޓަރި ތައްޔާރުކުރުވަން ދަރިފުޅާއި ހަވާލު........."

ރަޖްވާ ހިންދިރުވައިލިއެވެ.

"އާނ....ދީނުގައި މަންމައަކީ ކިހާވަރެއްގެ މީހެއްކަން ނުދަންނަ ކުއްޖަކު އެބަހުރިތަ؟ މަންމައަކީ ކާފަރެއްކަމުގައިވިޔަސް އިހުތިރާމްކުރަން ރަސޫލު ސައްލަﷲ އަލައިހި ވަސައްލަމް ދަސްކޮށްދެއްވާފައެއް ނުވޭތަ؟ ކީރިތި ގުރުއާނުގައި ﷲ ނޫން ފަރާތަކަށް އަޅުކަން ނުކުރަން އަންގަވާފައި ވިދިގެން އޮންނަނީ މައިންބަފައިންނަށް އޯގާތެރިވާންޖެހޭ ކަމަށް ނޫންތަ؟ އިންސާނުންވީމަ ކުށެއްކުރެވިދާނެ...ތައުބާވުމުން ބޮޑެތި ފާފަތައްވެސް ފުއްސަވާދެއްވާ. އެހެންވީމަ ބައްޕަގެ ދަރިންގެ މަންމައަށް މާފުކޮށްދިނުމަކީ ދަރިފުޅުމެންވެސް ހެޔޮ ހިތުން ގަބޫލުކުރާނެކަމެއް ކަމަށް ބައްޕަގެ ޔަގީންކަން އެބައޮތް. ހުރިހާ ނިއުމަތްތަކާއިއެކު ވެސް ދިރިއުޅުމަށް މަދުވަނީ މަންމަ...މަންމައަކީ ގެއެއްގެ ރޫހު...މަންމައެއްގެ ލޯތްބާއި ނުލާ ދިރިއުޅުމަކީ ހަގީގަތުގައި ދަތި އުދަގޫކަމެއް. ދަރިންދެކެ މަންމައަށްވުރެ ލޯބިވާނެ އިންސާނެއް ނުވާނެ..ހުރިހާ ކުދިންވެސް އެކަން ވިސްނާލަބަލަ...މިގޭގައި ދިރިއުޅުމުގައި އެއްޗެއް މަދުހެން ހިޔެއްނުވޭތަ؟"

"އެކަމަކު....ތިކަން ގަބޫލުކުރަން ފަސޭހައެއްނޫން.." އިމްކާން ދެކޮޅުހެދިއެވެ. ޖަހާންގީރުގެ ނަޒަރު އެހެން މޫނުތަކަށް ހުއްޓުނެވެ. އެކެއްގެ މޫނުންވެސް ޖަހާންގީރު ބޭނުންވިފަދަ އުފާވެރި އަސަރެއް ނުފެނުނެވެ.

"އަޅުގަނޑުވެސް މަންމަ މިގެއަށް ގެންނަން ހިތްހަމައެއް ނުޖެހޭ...ބައްޕަހާ ބޮޑު ހިތެއް ލިބިފައެއް ނުވޭ...ސޮރީ ޑޭޑް...."ރުސްލާންގެ ވާހަކަވެސް ހުރީ އިމްކާންއެކޭ އެއްގޮތަށެވެ.

"ވަޓް އެބައުޓް ޔޫ ސޭމް؟" ދޮށީ ދަރިފުޅު ހިމޭންކަމާއެކު ކަމުން ގެންދިޔައިރު ދެކެވެމުންދިޔަ ވާހަކައަށް ސަމާލުކަން ހުރިހެނެއްވެސް ހިޔެއްނުވެއެވެ.

"ބައްޕައަށް ފެނިލައްވާގޮތެއް..."

"ނޯ....ނޯ.....އައިމް އެގެއިންސްޓް ދިސް..އައި ހޭޓް ހާރ...."ރަޖްވާގެ ލޯ ކަރުނުން ފުރުނެވެ.

"ރަޖްވާ......." ޖަހާންގީރުގެ އަޑުގައި ހަރުކަށިކަމެއްވިއެވެ.

"ޑޭޑް ބިކޯޒް އަޅުގަނޑުމެންގެ ރުހުން ބޭނުންވެލެއްވީމަ.....މިއީ އަޅުގަނޑުގެ ޚިޔާލް...ދުވަހަކުވެސް އޭނަ ހަޔާތަށް ގެންނަން އެއްބަހެއް ނުވެވޭނެ..ހާލާ އާންޓް އޯކޭ....އެކަމަކު ޒަހްރާ މިގޭގައި ހުރުމަކީ ހަމަ ޓޮލެރޭޓް ކުރެވޭ ވަރުގެ ކަމަކަށް ނުވާނެ..."ރަޖްވާގެ ހިތުގައި މަންމައާއިމެދު ދެކޮޅުވެރިކަން އުފަންކުރެވުނީތީ ޖަހާންގީރު އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ.

އެއްވެސް ކުއްޖަކު އެހާ ފަސޭހައިން އެކަން ގަބޫލުކުރަން ތައްޔާރެއްނުވިއެވެ. ބައްޕައަށް ކިތަންމެ ވަރަކަށް އިހުތިރާމް ކުރިކަމުގައިވިޔަސް މަންމަ އެކުދިން ދޫކޮށްލާފައި ދިޔައީ އަމިއްލައަށެވެ. އުސައިމީންގެ ހަގީގަތް ފަޅާއެރުމުން ބައްޕައާއި ކުރެވުނު ކުޑަ "ހަގުރާމަ"އަކަށްފަހުގައި މަންމަގެ ނިންމުމެވެ. މަންމަ ނިންމީ އިތުބާރުނުކުރާ މީހަކާއިއެކު ދިރިއުޅެން ބޭނުންނުވާކަމުގައެވެ. ބައްޕައަށް މަންމަގެ ބޭވަފާތެރިކަމާއި މަކަރުވެރިކަން ޔަގީންވީ ހެދި ޓެސްޓަކުންނެވެ. އުސައިމީންގެ ސިފަތައް އެ އާއިލާކުދިންނާއި ކިތަންމެ ތަފާތަސް ބައްޕަ ކުރިން ޝައްކުނުކުރީ މަންމަދެކެ ވީ ލޯތްބާއި އޮތް ޔަގީންކަމެއްގެ ބޮޑުކަމުންނެވެ. އުސައިމީން ބޮޑުވަމުންދިޔަ ވަރަކަށް ސިފަ ވައްތަރުވީ ބައްޕައާއި މަންމަގެވެސް އެކުވެރިއަކާއެވެ. އެމެރިކަން ކޮރެއަންއެކެވެ. ޝައްކުކުރެވުނަސް އއެ ހިތާމަތައް ހިތުތެރޭގައި ފޮރުވައިގެން އެތައް ދުވަހެއް ވޭތުކުރިއެވެ. ހުރިހާ ކުދިންނަށް އެހާ ބޮޑަށް އެކަމުގެ ހަގީގަތް ނޭގިފައި އޮތީ ޖަހާންގީރުވެސް އެކަން ސިއްރެއްގެ ގޮތުގައި ބާއްވަން މަސައްކަތްކުރީތީއެވެ. ކުއްލިއަކަށް މަންމަ ޒަހްރާ އާއި ބޮޑުދައިތަ ހާލާއަށް މާފުދީގެން ގެނައުމަކީ އެއާއިލާގެ ހަމަޖެހުމާއި މަސްލަހަތަށް ލޮޅުން އަރާނެކަމެއްކަމާއިމެދު ޝައްކުކުރާ އެކަކުވެސް ނެތެވެ. ބައްޕަ މާފުދިނަސް އެހެން އެއްވެސް ކުއްޖަކަށް މަންމައަށްއަށް މާފުދިނުމަކީ ޔަގީނުންވެސް ކުރެވޭނެކަމެއް ނޫނެވެ. ބޮޑުދައިތަގެ ވާހަކައަކީ އަދި އެހެން މައްސަލައެކެވެ.

***

ޒިޔާމް ރޯޒްއަށް ނަޒަރު ހުއްޓާލައިގެން ދަތްދޮޅީގައި އަތް އަޅުވާލައިގެން އިންގޮތުން ރޯޒްއަށް އުދަގޫވިއެވެ. ޒިޔާމްގެ ނުސީދާ ގޯނާތަކުގެ ހަގީގަތް ދެނެގަންނަން އޭނަގެ ހިތް އެދުނީ އޭނަގެ ކަންފަތަށް އިވިފައިވާ އަޑެއްގެ އަޖުމަ ބަލަންވެގެންނެވެ. ދެމީހުންވެސް ތިބީ ސްކައިއެއާލައިންގެ އޮފީހުގެ ލައުންޖްގައެވެ.

"ހެލޯ ޒިޔާމް....ކިހިނެއް ހާލު؟" އެތޫނު ބެލުމުން އުދަގޫވެގެން އެންމެފަހުން ރޯޒް ތެދުވެގެންގޮސް ޒިޔާމްގެ ގާތުގައި ހުރި ގޮނޑި ދަމާލައިގެން އިށީނެވެ.

"އެހާ އޯކޭ އެއްނޫން...ރޯޒް އަބަދު ފެންނަނީ މޫޑީކޮށް.ކިހިނެއްވީ؟ ރުސްލާންއަކީ އެކްސްއެކޭވެސް ކިޔާ އަޑުއެހިން..."

"މާޒީގެ ވާހަކަދެއްކުމުގެ މާނައެއްނެތް..ހުރިހާ އެއްޗެއް ޑިލީޓްކޮށްފައި އާ އެޕިސޯޑެއް ލިޔަން ބޭނުމީ..."ރޯޒްގެ ހިނިތުންވުން ޒިޔާމް ހައިރާންކުރުވިއެވެ. "ޒިޔާމް އަހަރެން ވަރަށް ޑިރެކްޓްކޮށް ހިތުގައި އޮންނަ އެއްޗެއް ބުނެލަން. ޒިޔާމް ފްލާޓްކުރާވަރުން އަހަރެންދެކެ ލައިކްވަނީ ބާވައޭ ހިތަށް އަރާ. ޔަގީންކޮށްލަން މިއެހީ؟ ޑޫ ޔޫ ލައިކް މީ؟"

"އޮފްކޯޒް...."ޒިޔާމް ބުމަ އަރުވައިލިއެވެ.

"ސިންގަލް؟"

"ހޫމް......ރޯޒްދެކެ ލައިކްވެވުނުފަހުން ހަމަ ވެއިޓިންގައި މިހުންނަނީ..."

"ވާއު...."ރޯޒްގެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ. އޭނަ އަތުކުރީގައި އޮތް ހިމަ ރަންގަޑިއަށް ބަލައިލިއެވެ."އަހަރެންގެ ފްލައިޓް ބްރީފިން ގަޑި....އަދި ދިމާވާނެ ދޯ..."

ރޯޒް ދާން ހިނގައިގަތުމުން ޒިޔާމްއަށް ހީލެވުނީ ހިތަށް ލިބުނު ބޮޑު އުފަލަކުންނެވެ. ރޯޒްގެ އާއިލާގެ ތަނަވަސްކަމާއިއެކު އެވަރުގެ ރީތި އަންހެންކުއްޖެއް ލިބުމުން ދޫކޮށްލާނީ ކާކުހެއްޔެވެ؟ ޔަގީނުންވެސް އޭނައަށް ރޯޒްއާއި ރުހެވުނީ އެހެން ހުރިހާ އަންހެންކުދިން ސިކުނޑިން އެވަގުތު އެއްފަރާތްކޮށްލާފައެވެ. ސަފާޔާއާއި ރަޖްވާ ޚިޔާލުން ނެރެ އެއްލާލެވުނު ވަގުތުކޮޅެކެވެ. ރޯޒްގެ އެ ވާހަކަކޮޅުން ޒިޔާމް ހައްލާލިގޮތުން ދިމާވެދާނެ ތޫފާނަކާއިމެދު ވިސްނައެއް ނުލެވުނެވެ.

***

ރުސްލާން އަތަށް ރޯޒް ފޯނުު ދިނުމުން އޯޑިއޯ އަޑުއެހިއެވެ. ރޯޒްބުނީ ޒިޔާމްގެ ކައިވެނި ރަޖްވާފަދަ މައުސޫމް އަންހެންކުއްޖަކާއި ކުރެވެން އުޅޭކަން އެނގިފައި އޮތްވާ ޒިޔާމްގެ ބޭވަފާތެރިކަން އެނގުމުން އެކަން ޔަގީންކޮށްދޭން ބޭނުންވީކަމުގައެވެ. ޒިޔާމްއާއި ބެހޭގޮތުން އިތުރު ވާހަކަތައްވެސް އިވިފައިވާ ކަމުގައެވެ. ރަޖްވާގެ ބޭބެއެއްގެ ހައިސިއްޔަތުން އެކުއްޖާ ސަލާމަތްކޮށްދިނުމަކީ ކޮންމެހެންވެސް ރުސްލާންގެ ވާޖިބެއްކަމުގައެވެ. އޭނަފަދަ އަންހެންކުއްޖަކު އެފަދަ އަނދަވަޅަކަށް ވެއްޓެން އޭނަގެ ޟަމީރުވެސް ތަން ނުދިނީއެވެ. ފިރިހެނުން ރީތި ވާވަރަކަށް ބޭވަފާތެރިކަމާއި ނުބައިކަން ބޮޑުވާނެއެވެ. ރުސްލާންއަށްވެސް ޒިޔާމްގެ އަޑު އިވުމުން ހައިރާންވިޔަސް އޭނަގެ މޫނުމަތިން އަސަރެއް ނުފެނުނެވެ. ރޯޒްވެސް ޒިޔާމްއާއި "ފްލާޓް"ކޮށްގެން ނުވާނެއެވެ. ރުސްލާން އިތުރު އެއްޗެއް ބުނުމެއްނެތި ތެދުވެގެން ދުރަށް ދާން ހިނގައިގަތެވެ.

"ފޮނިކަން..."ރޯޒްއަށް ތުން ފިތައިގަނެވުނެވެ.

***

މިންޝާވީގެ އަސަރުގަދަ ގުރުއާނުން ހިތާއި ރޫހަށް ލިބެމުން ދިޔަ ފިނިކަމަކުން ރަޖްވާއަށް ލޯ މަރައިލެވުނެވެ. ރޫހާނީގޮތުން އެލިބިދޭ ހިތްހަމަޖެހުން އެހެން ކަމަކުން ނުލިބޭކަން އޭނައަށް ޔަގީނެވެ. ގުރުއާނަކީ ހިތުގެ ހަމަޖެހުމެވެ. ފުރާނައިގެ ކާނާއެވެ. މިންޝާވީގެ އަޑު އުމުރަށް އެހިޔަސް ފޫހިވުމެއްނެތެވެ. އޭނައަށް މީހެއްގެ ހިލަންވީވެސް ބަނޑުމަތީގައި ބާއްވައިގެން އޮތް ކުޝަންގައި ހިފާ މީހަކު ދަމައިލުމުންނެވެ.

ނުނިމޭ
ކޮމެންޓް 0