"ހަޔާތުގައި ދިމާވާ ކޮންމެ ކަމަކީ އިމްތިހާނެކެވެ. އީމާންތެރިކަން ވަރުގަދަ ވާ ވަރަކަށް އިމްތިހާންތައް ގިނަވާނެއެވެ. އެހުރިހާ ކަމަކަށް ކެތްތެރިވެ އަޅުކަމުގައި ގިނަ ވަގުތު ހޭދަކޮށް ﷲ ސުބުހާނަހޫ ވަތައާލާގެ ރުހިވޮޑިގަތުން ހޯދަން މަސައްކަތް ކުރާށެވެ. ކޮންމެ ފަދަ ބޮޑު ހިތާމައެއް ދިމާވިޔަސް ހަމްދުކުރާށެވެ. ޝުކުރުވެރިވެ ކެތްތެރިވާށެވެ.މިވަގުތީ ދުނިޔޭގައި ލޯބިވާ ކޮންމެ މީހަކުދެކެވެސް ލޯބިވާންޖެހޭނީ ﷲއަށްޓަކައެވެ. އޭރުން ހިތާމަތަކުން އަރައިގަނެ ކެތްތެރިވާން ދަސްވާނެއެވެ."
***
ޒިޔާމް ގެ މެސެޖެއް އައުމުން ސަފާޔާގެ ބުމަ ގޮށްޖެހުނެވެ. ހިތް އަވަސްވެލި ނަމަވެސް ޒިޔާމްއަށްޓަކާ ހިތުގައިވިހާ އިހުސާސްތަކެއް ނައްތައިލަން ސަފާޔާ ބޭނުމެވެ. އޭނަ ޒިޔާމްދެކެ ވީ ތެދުވެރި ލޯބީގެ ބަދަލުގައި ޒިޔާމްގެ ފަރާތުން ފެނުނީ ކެހިވެރިކަމާއި ބޭވަފާތެރިކަމެވެ. ޒިޔާމްއަކީ ކޮން ކަހަލަ މީހެއް ހެއްޔެވެ؟ އޮމަރުއާއި އޭނަގެ ކައިވެނީގެ ދައުވަތު ކާޑު ލިބުމުން ޒިޔާމްގެ މޫނަށް އަރާނެ ކުލަވަރު ދެކެން ސަފާޔާ ބޭނުންވިއެވެ.
ހުދުކުރުތާގައި ހުރި ޒުވާނާއަކީ އޮމަރުއަކަށް ނުވިއެވެ. އޭނަ ގޮސް އިށީނީ އެހެން މޭޒެއްގައި އެކުވެރިންނާއެކުގައެވެ. ވާހަކަދައްކަންފެށީވެސް ފާރިސީ ބަހުންނެވެ.
ކުއްލިއަކަށް ސަފާޔާގެ ނަޒަރުގައި އަޅައިގަތީ އިސްކޮޅުން ދިގު ޒުވާނެކެވެ. އިސްތަށިގަނޑު ކޮންމެވެސް ވަރަކަށް ހާވާލާފައި ކުޑަކޮށް ތުނިކޮށް ކޮށާފައިވާ ތުނބުޅިއެކެވެ. ގަދަ ބުމައަކާއި ތޫނު ދެލޮލެވެ. އަޅިފެހި ޓީޝާޓަކާއި ޖިންސެކެވެ. ކިތަންމެ ސާދާކޮށް ހުއްޓަސް ޝަޚުސިއްޔަތު ވަރުގަދަވެފައި ލޯތައް ހުއްޓޭފަދަ ޒުވާނެކެވެ. އޭނަ ހިނގައިގަތީ ރަޖްވާ އިން މޭޒާއި ދިމާލަށެވެ. އެކަމަކު ސަފާޔާ ކުޑަކޮށް އަތުން އިޝާރާތްކޮށްލުމުން ކުޑަކޮށް ބުމަ އަރުވާލާފައި އެދިމާލަށް ހިނގައިގަތެވެ.
"އޮމަރު؟"
"ނިގާބީ އެކޭ ބުނީމެއްނު.." އޮމަރު ގޮނޑި ދަމާލައިގެން އިށީނެވެ. ސަފާޔާ ލަދުގަންނަގޮތްވިއެވެ. އޮމަރުއަށް ލިބިފައިވަނީ ރީތިކަން ހުސްކުރި ލޮލެކެވެ. އެސްފިޔަތައް ކަޅުވެފައި ބޯކަމުން އަންހެންކުދިން ހަސަދަވެރިވާހާވެއެވެ. މިހާ ތޫނު ހިތްދަމައިގަންނަ ލޮލެއް މިވީހާތަނަށް ދެކެފައެއްނުވެއެވެ. ލަދުގަންނަވާފަދަ ބެލުމެކެވެ.
"ޔެސް....މިފަހުން ނިގާބު އަޅައިގެން އުޅުނީ. އެކަމަކު ވާން އުޅޭ ފިރިމީހާއަށް ފެންނަންވާނެއްނު....މިބުނީ މެރީކުރުމުގެ ކުރިން ދެކެލަންވާނެ ދޯ..."ސަފާޔާ ކުޑަކޮށް ހީލިއެވެ. އޮމަރު މިހާ ރީތިވެދާނެކަމަށް އޭނަ ފަހަރެއްގައިވެސް ހިޔެއްނުކުރެއެވެ.
"ތިއީ ރަޖްވާ؟ ގަބޫލެއްނުކުރެވޭ..އެއިނީ ރަޖްވާ ދޯ...ތިއީ ފްރެންޑެއް..."އޮމަރު ރަޖްވާ އިން މޭޒަށް ނަޒަރު ހުއްޓައިލިއެވެ.
"ކީއްވެ ތިހެން ހިތަށް އެރީ؟"އޮމަރުގެ ވިސްނުމަށް ސަފާޔާ ސަތޭކަދިނެވެ. ވިސްނައިގަންނަން ހަމަ މޮޅީއެވެ. އެހެންނޫނަސް ފްލައިޓް ގޮވުމުގެ ހާދިސާއެއްގައި ފިހިފައި ހުރި ކުއްޖެއް ނޫންކަން ސަފާޔާ ފެނުމާއެކު އޮމަރުއަށް ވިސްނޭނެތާއެވެ. ނިއުކްލިއާ ސައިންޓިސްޓަކަށް ނުވިޔަސް އެވަރު ދެނެގަނެވޭނެއެވެ.
"ދެން ބުނެބަލަ...ތިއީ ކޮންކުއްޖެއް؟ކޮބާ މީގެ ބޭނުމަކީ؟"އޮމަރު އެއް ބުމައަރުވައިލިއެވެ."އެނގޭތަ؟ އޮޅުވައިލުމަކީ އަހަރެން އެންމެ ނަފްރަތުކުރާ ކަންތައް....އަހަންނަށް އެނގޭ ރަޖްވާގެ ސިފައަށް ބަދަލުއައިސްފައިވާކަން. އެކަމަކު އަޅުވެރި ރަގަޅު ކުއްޖަކަށް ވީމަ ކައިވެނިކުރަން އެއްބަސްވީ. ކޮންމެހެން ރީތި މީހަކު މުހިއްމެއްނޫން. އަހަރެން ޓެސްޓްކުރަން ކުރިކަމެއްވިއްޔާ ވަރަށް ކަޑަ.."
"އަހަރެން ބައްދަލުކުރީ ހަގީގަތް ހާމަކުރަން. އަހަންނަކީ ސަފާޔާ...ތިހީކުރިގޮތަށް ނިގާބުގައި އެއިނީ ރަޖްވާ. ރަޖްވާ ގެ އެހެން ބޯއިފްރެންޑެއް ހުރީމައާއިއެކު މައްސަލަތަކެއް ޖެހިފައި ހުރީމަ މިވަގުތު އޭނަ މެރީކުރަން ބޭނުމެއްނޫން. އެކަމަކު ބައްޕަމެން އެހާ އެދިލައްވާ ކަމަކަށްވީމަ ރަޖްވާއަށް ނޫނެކޭ ބުނަން ފަސޭހައެއްނުވި. އަހަރެމެން ދެމީހުންވެސް ނިގާބު އަޅައިގެން އުޅޭތީ އެހެން މީހުންނަށް އެކަން ދެނެގަންނަން ފަސޭހައެއްނުވާނެ..އައި ވޯޒް ވެއިޓިން ފޯ އެ ގުޑްމޭން ލައިކް ޔޫ....އިމޭޖިން ކުރެވުނީވެސް ޝޭޚެއްގޮތަށް ދިގު ތުނބުޅިއަކާއި ޖުއްބާއެއްލާފައި ކަމަށް ހުންނާނީ..އެކަމަކު ތަސައްވަރުގައި ހުރި މީހާއެއް ނޫން ފެނުނީ...އެކަމާއި ހިތް ބިރުގަނެއްޖެ. ތިހާ ރީތި މީހުން ވަފާތެރިވާނެއޭ ހިތަށް އަރައިފި.............."ސަފާޔާ ހުރިހާ ވާހަކައެއް ކިޔާ ނިންމައިލިއިރު ނޭވާ ހިފަހައްޓައިލެވުނެވެ.
އޮމަރު ދޭނެ ޖަވާބެއް އެނގެނީއެއް ނޫނެވެ. އޮޅިގެންވެސް އޮމަރުއަށް ތައުރީފުވެސް ކުރެވުނީއެވެ. ސަފާޔާގެ މޫނު އިތުރަށް ރަތްވިއެވެ.
"ތިބުނަނީ ދެން ޖަހާންގީރުބޭބެމެންނަށް އޮޅުވައިލަންވީއޭ؟"
"އޮޅުވައިލުމެއް ނޫން. ދުވަސްކޮޅަކުން ހަމަޖެހުނީމަ ހަގީގަތް ބުނާނީ..."
"ހޫމް..ތިކަމާ ޖެހޭނީ ވިސްނަން..އަހަންނަށް އެއްގޮތަކަށްވެސް މި އޮޅުވައިލުމާއި މަކަރުހެދުން ކަމަކުނުދޭ..ސިންސިއާ ތެދުވެރިކަމަކީ ކުޑައިރުއްސުރެ މަންމަމެން ދަސްކޮށްދިން ސިފަތައް.........."އޮމަރު އަނގަޔަށް ހަދައިލިގޮތްވެސް ސަފާޔާއަށް ކަމުދިޔައެވެ.
"އައި ނޯ....މިސާލަކަށް އޮމަރުގެ ޕޭރެންޓުންނަށް ޚާންދާނާއި މުއްސަދިކަންވެސް މުހިއްމުވާނެ ދޯ...ރަޖްވާފަދަ ކުއްޖަކު އެމީހުންނަށް ކަމުދާނީ..އަހަރެންގެ އާއިލާ އެނގުނީމަ ފަހަރެއްގައި ގަބޫލުނުވެދާނެތީ އޮމަރު ބިރުގަންނަނީ؟ ނިކަމެތި އާއިލާއެއްގެ އަންހެންކުއްޖެއްވިޔަސް ހަމަ ރަގަޅުވެދާނެއޭ މަންމަ ގާތުބުނެބަލަ................."
"ރީތިވީމަ ފަޚުރުވެރިވާކަށް ނުވާނެ.."
"އޮމަރުއަށް އަހަރެން ރީތިވީތަ؟"ސަފާޔާއަށް ހެވުނެވެ.
"އާނ. އެކަމަކު ބަލައިލަން ރީތި އެއްޗަކީ އަގުހުރި އެއްޗަކަށް ނުވެވެސް ހިގައިދާނެ................"
"އެހާ ދެރަކޮށް ނުލައްޗޭ..."
ދެމީހުން އެކުވެރިކަމާއެކު ވާހަކަދައްކާތަން ފެނުމުން ރަޖްވާ އުފާވިނަމަވެސް އެކަނިވެރިވާގޮތްވިއެވެ. ސަފާޔާއަށް މެސެޖްކޮށް ކޮށް ފޯނަށް ބަލާލަނީއެއްނޫނެވެ. އެންމެ ރަގަޅެވެ. އޮމަރު ރީއްޗެވެ. ސްމާޓެވެ. ހެދުން އަޅާފައި ހުރީ ރީތިކޮށެވެ. އޭގެ މާނައަކީ އެކީގައި އައި އެކުވެރިޔާ އެތާ ތެރޭ އިންކަން ހަނދާން ނައްތައިލުމެއްނޫނެވެ. ރަޖްވާއަށް ކެތްނުވެގެން އެންމެފަހުން ތެދުވެގެން އެ މޭޒާއި ދިމާލަށް ހިނގައިގަތެވެ.
"ސުބުހާނަﷲ. އަދިވެސް ކާ އެއްޗަކަށް އޯޑަރު ނުކުރަނީތަ؟ ސަފާ އަހަރެންގެ މަތިން ހަނދާން ނައްތާލައިފި...."
"ސޮރީ ސްވީޓީ...އޮމަރު ކޮންވިންސް ނުކުރެވިގެން މިއުޅެނީ..އޮމަރު ބޭނުމެއްނުވެޔޯ އޮޅުވައިލަން............."
"އޮމަރު....."އޮމަރު އިސްވެ އަތް ދިއްކޮށްލީ ރަޖްވާއާއި ސަލާމްކޮށްލުމަށެވެ. ސަފާޔާ އަނގަ ހުޅުވައިލީ އޮމަރުއަށް އެއީ ނިގާބީ ކުއްޖެއްކަމާއި ސަލާމް ނުކުރާނެކަން ބުނުމަށެވެ. ނަމަވެސް ދެވަނަ ސިކުންތުކޮޅުގައި ފެނުނީ އެދެމީހުންގެ އަތްތިލަ މަހައިލެވުނުތަނެވެ. އޮމަރުއަށް ރަޖްވާގެ މޫނުން އެންމެ ތަންކޮޅެއް ނުފެނުނުނަމަވެސް އެލޮލުން ބަލަން ހުރީ އޯގާތެރި ނަޒަރަކުންނެވެ.
""ރަޖްވާ...ފްރެންޑުން ކިޔަނީ ޖީޖީ..."
"ލަވްލީ ނޭމް..." އޮމަރު ގާތުގައި ހުރި ގޮނޑިއަށް އިޝާރާތްކޮށްލިއެވެ."އަވަހަށް އިށީންނަވާ................"
"ސޯ....ރަޖްވާއަށް އަހަރެން ކަމުނުދިޔައީ ކީއްވެގެންނޯ؟"އޮމަރު ވާހަކަދައްކަންފެށީ އެތައް ދުވަހަކުއްސުރެ ދަންނަ އެކުވެރިއެއް ފަދައިންނެވެ. އެއްވެސް ބީރައްޓެހިކަމެއްނެތެވެ. ޥާހަކަދައްކަން ފަސޭހަ މީހުންވެސް ދުނިޔޭގައި އުޅެނީއެވެ. އެދޭތެރޭގައި ދުރުކަމެއް ނެތި ވާހަކަދައްކަން ފެށުމުން ސަފާޔާވެސް އުފާވިއެވެ.
***
ހާލާ ގަނެގެން އައި މިރުސް ވަށިގަނޑު ފެންޑާގެ އެއްފަރާތުގައި ބެހެއްޓުމަށްފަހު ފެންދޭންފެށިއެވެ. ޒަހްރާ ކުރެހުން އެޅި މަރުމަރު ހިލައިގެ ހުދު ގޮޮނޑިއެއްގައި އިށީދެލައިގެން އިނީ ހާލާގެ ހަރަކާތްތަކަަށް ބަލަހައްޓައިގެންނެވެ.
"އަދިވެސް ހާލާ ބޭނުންވަނީ ހަމަ ތަރުކާރީއާއި މޭވާ ގަސް އިންދަން ދޯ..."
"އާނ...ބަގީޗާ ގަސްތައް ކިތަންމެ ރީއްޗަސް ހިޔާލިބުނަސް މީރުވަސް ދުވިޔަސް ކޮންމެވެސް ބަޔަކު އެހެން ރަހައެއްވެސް ހުންނަންވާނެ..އަހަންނަށް އަބަދުވެސް ރަގަޅީ މޭވާއާއި ތަރުކާރީގަސްތައް..ޒަހްރާ ދެން ބުނެބަލަ..ކީއްވެ ބޭބެއަށް މާފުކުރަން ނިންމީ؟" ހާލާ ކުއްލިއަކަށް މައުޟޫ ބަދަލުކޮށްލިއެވެ.
"ބަލިވާން ފެށީމައާއި އުމުރު މާ އަވަހަށް ކަޑައްތުވާނީ ވިސްނަން މަޖުބޫރުވީ. އިތުބާރުނުކުރާ މީހަކާއިއެކީ ނޫޅޭނެކަމަށް ބުނިން. އަމިއްލައަށް އަހުދުވިން. އެކަމަކުވެސް މާފުދޭން ދަސްވީ..........." ޒަހްރާ ބުނެލިއެވެ. ހާލާ ޖަގު ބަހައްޓާފައި އައިސް ޒަހްރާގެ ގާތުގައި އިށީނެވެ.
"ބޭބެއަށް އިތުބާރު ނުކުރެވި އެކީގައި އުޅެން ފަސޭހަތަ؟"
"ބޭބެ އަހަންނަށް އިތުބާރުކުރުން ހުއްޓައިލީ. ބޭބެ އިތުބާރުނުކުރަންޏާ އެކީގައި އުޅުމުގެ މާނައެއްނެތް ކަމަށް ނިންމާފައި ދިޔައީ. އެކަމަކު މިހާރު އުމުރުން ފާއިތުވެގެން ދާ ކޮންމެ ދުވަހަކީ މަރާއި ކައިރިއަށް އެޅޭ ފިޔަވަޅެއް..ދަރިންނާއި ވަކިން ހުރުމަކީ ބޮޑު ކުށެއް ހާލާ...އަހަރެން އަމިއްލައަށް ދަރިންނާއި ދުރަށް ދިޔައީ. އެކުދިންގެ އެއްވެސް ކުށެއްނެތި. އިންސާފެއްވެސް ނޫން. އެކުދިން ދުވަހަކު މާފުކުރާނެ ކަމެއްނޭގޭ. އެކަމަކު ރަހިމްގެ ގުޅުން ކަނޑައިލުމަކީ ފާފައެއް. އެހެންވެ ދަރިން ކައިރިއަށް މިއައީ. ހަޔާތުގެ ބާކީ އޮތް ދުވަސްކޮޅު މަންމައެއްގެ ވާޖިބު އަދާކޮށް އެކުދިންނަށް މަހުރޫމުވި ލޯތްބާއި އަޅައިލުން ދޭން................."ޒަހްރާ ފެންކަޅިވިއެވެ.
"އަހަރެންގެވެސް ............."ހާލާ އެއްޗެކޭ ބުނަން އުޅެފައި ތުންފަތުގައި ދައިގަތެވެ.
"ކޮންމެ ވަގުތަކުވެސް ފަހު ނޭވާ ދުނިޔެއަށް ދޫކުރަން ޖެހިދާނެ. އެކަން ވިސްނުނުއިރު ވަރަށް ލަސްވެއްޖެ....ހުރި އެންމެ އަންހެންދަރިފުޅުވެސް އަހަންނަށް ނަފްރަތުކުރޭ. އަނގައިން ބުނަންވެސް ބޭނުމެއްނުވޭ...އެކަމަކު.....އުފާވެރި ޚަބަރެއް. ރަޖްވާއާއި އޮމަރުގެ ކައިވެނި...................."
"ތެދަށް ބުނަންޏާ ތި ކައިވެނި ނުވުމަށް އެދި ދުޢާކުރަން. ކުރާނަން. ރަޖްވާއަކީ މަގޭ އަންހެންދަރިއެއް.."
"ޖާރިދް ކީއްވެ ދެން ފިލައިގެން ދިޔައީ؟"
"ސަބަބެއް ނޭގޭ. ކޮންމެވެސް ބޮޑުކަމެއް ދިމާވީކަން ނޭގޭ.."
"އޮމަރުއާއި ރަޖްވާގެ ކައިވެނި ހަމަޖެހި ހުރިހާ ކަމެއް ނިމިފައިވާއިރު ދެން މައްސަލަޖެހޭ އެއްވެސް ކަމެއް ހާލާވެސް ނުކުރިއްޔާ ރަގަޅީ..އޯކޭ؟ ޖާރިދް ގެ އަންބަކަށް ނުވިޔަސް ރަޖްވާގެ ބޮޑުދައިތައަކީ ތިއީ..ލޭގެ ގޮތުން ގުޅިފައިވަނީ. އަމިއްލަ ދަރިއެއްގެ ގޮތުގައި ހަމައެހެެރީ. ރަޖްވާގެ އުފާވެރިކަމަށް މިއަދު އިސްކަން ދޭންވާނީ....މިރޭ އޮމަރުގެ މަންމައާއިއެކު ރެސްޓޯރެންޓަކަށް ދަމާ ހިނގާ..ގުޅުން ބަދަހިކުރަންވާނެ ދޯ.."
ހާލާގެ ދުޢާއަކީ ޖާރިދް އެނބުރިއައުމެވެ.އެ ދަރިފުޅު ހެޔޮލަފާ މަޑުމައިތިރި ކުއްޖަކަށްވާން ބޭނުމަސް މިފަދަ ވަގުތެއްގައި ޖާރިދްގެ ގޭންގުގެ ބާރު ދައްކައިލިޔަސް ހެވޭ ހިތަށް އަރާފައި ހެވުނެވެ.
***
"މަންމާ..އަހަރެން ކައިވެނިކުރާނީ ރަޖްވާއަކާއި ނޫން...ސަފާޔާ އާއި...."އޮމަރުއާއި އޭނަގެ މަންމަ އަދި ކޮއްކޮ އާންޔާ އަދި އޮރްހާން ސައިބޯން ތިބިއިރު ބައްޕަ އަދްނާނު ވީ ދުބާއީގައެވެ. އެކުވެރިއެއްގެ ދައުވަތަކަށް ތިން ދުވަހުގެ ދަތުރެއްގައެވެ.
"ވަޓް؟" އާންޔާވެސް ލޯ ބޮޑުކޮށްލިއެވެ.
"ދަރިފުޅު ތިއީ ކޮންކަހަލަ ސަމާސާއެއްތަ؟"
"ސަމާސާއެއްނޫން މަންމާ...މިއީ ހަގީގަތް...ރަޖްވާ ބޭނުމެއްނޫން މި ކައިވެނިކުރަން. އޭނަގެ އެކުވެރި ސަފާޔާ...."
"ތިކަމެއްނުވާނެ ދަރިފުޅު..."މަންމަ ކަންބޮޑުވުމާއެކު ޕާންފޮތިވެސް ތަށިތެރޭގައި ބާއްވާފައި ނެޕްކިން އިން ތުންފޮހެލިއެވެ."ބައްޕަގެ އެކުވެރިޔާ ޖަހާންގީރުގެ ކުރިމަތީގައި އެހާބޮޑަށް ލަދުގަންނަވައިލަން އޮމަރުއަށް ކެރޭނެ؟ ބައްޕަގެ އަގެއްވެސް ހުންނަންވާނެއްނު. އޮމަރުކައިރިން އަހާފައި އޯކޭވެގެން މިހުރިހާކަމެއް ނިންމީ.."
"މައްސަލައަކީ ރަޖްވާ..އަޅުގަނޑެއްނޫން މަންމާ..."
"ރަޖްވާ އެހެން ބުންޏަސް ޖަހާންގީރު ތިކަހަލަ ވާހަކައެއް ނުދައްކާ.."
"މަންމާ.....ރަޖްވާ ބޭނުންވަނީ ބައްޕަމެންނަށް ނާންގާ މިކައިވެނި ކުރިއަށް ގެންދަން.އޭނަ ފެމިލީއަށް އަދި ނޭންގިޔަސް އަޅުގަނޑު މަންމަމެންނަށް އަންގައިގެން ކުރިއަށް ގެންދަން ބޭނުންވީ........."
"ސަފާޔާއަކީ ކާކުތަ؟"
ނުނިމޭ