"މިލިއަނަށްވުރެ ގިނަ މުސްލިމުން ތިބި އައްޒާއަށް ތެލާއި ގޭހާއި ބޭނުންވާ އެހެން ސާމާނުތައް ލިބޭނެ ހުރިހާ މަގުތައް ބަންދުކޮށް ފެނާއި ކަރަންޓު ކަނޑައިލާ ކަނު އަނދިރީގައި ހުރިހާ ޟަރޫރީ ބޭނުންތަކުން މަހުރޫމްކޮށްލާފައި މެދުކެޑުމެއްނެތި ހުރިހާ އިމާރާތްތަކަށް ބޮން އަޅާ ސުންނާފަތި ކުރަމުންދާއިރު ވަށައިގެން ތިބި މުސްލިމް ގައުމުތަކުން އެ ނުލަފާ ޖައްބާރު ނަތަންޔާހޫއާއި އިޒްރޭލް ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކޮށް ހަމައެކަނި ހުޅަގާއި އެމެރިކާ ރުއްސަން ހިމޭނުން ތިބުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫނެވެ. ގޮނޑިކޮއްކޮ ވެރިންގެ ސަބަބުން މުސްލިމުން ނިކަމެތިވެ އަޅުވެތިވެގެން ދަނީއެވެ."
***
ރުސްލާން އެކީ ފްލައިޓެއް އޮތުމުން ޒިޔާމްގެ މޫޑުގޯސްވިއެވެ. ނަމަވެސް ކެބިންކްރޫއަކަށް ރޯޒް ހުރިތަން ފެނުމާއެކު މޫނު އަލިވެގެން ދިޔައެވެ.
"ހެލޯ ރޯޒް...." ޒިޔާމް ގޮވައިލީ ގާތްގޮތަކަށެވެ.
"ހޫމް...."ރޯޒް ފޯނަށް ގެއްލިފައި އިނދެ ޝައުގުވެރިކަމެއް ނެތް ރާގަކަށް ކިޔައިލިއެވެ.
"ރޯޒްއަށް ގުޅާ ގުޅާ ފޯނެއްވެސް ނުނަގަމެއްނު..އެވަރަށް މެސެޖްކުރީމަވެސް ރިޕްލައިނުކުރަން...ކިހިނެއްވީ؟"ޒިޔާމް ޕައިލެޓް ޔުނިފޯމްގައި ސްމާޓެވެ. އަގުބޮޑުސެންޓްގެ ލުއިވަހަކީވެސް އަންހެންކުދިން ހިތް އަތުލުމުގެ އުކުޅެކެވެ. ނަމަވެސް ރޯޒްގެ ހިތުގެ ވެރިޔަކީ އަދި އެހެން ޒުވާނެކެވެ.
"އައި އާސްކްޑް ޒިޔާމް ލައިކްވޭހެއްޔޭ."
"ސޯ..." ޒިޔާމްގެ ސިކުނޑީގައި އިންޒާރުގެ ރަގަބީލެއް ޖެހުނެވެ.
"އަހަރެން ލައިކްވާ ވާހަކަ ނުބުނަމެއްނު..."
ތީގެ މާނައަކީ؟"
"މާނައަކީ އަހަރެންގެ ހިތުގެ ވެރިޔަކީ އަދި އެހެން މީހެކޭ..."
"ރޯޒް އަމިއްލައަށް ބުނީ ޕާސްޓް ހަދާން ނައްތާލާފައި މޫވްއޮން ކުރަން ބޭނުމޭ........................"
"އޭރު އަދި އަހަންނަށް ޒިޔާމްގެ ހަގީގަތް ދަސްނުވަނީ. އެނގުނުއިރު ޒިޔާމްގެ ޚާއްސަކަމެއްނެތް. ކެހިވެރި ބޭވަފާތެރި މީހުންނަށް ހިތުގައި އެއްވެސް ޖާގައެއްނެތް ސޮރީ."ރޯޒް ތެދުވެގެން ހިނގައިގަތުމުން ޒިޔާމްއަށް މޭޒުމަތީގައި މަޑުމަޑުން ގޮށްމުށުން ޖަހައިލެވުނެވެ. ރޯޒް އަދި އޭނަގެ ހިތާއި ކުޅެލީ އެންމެ ނުބައިކޮށެވެ. އަމިއްލަ ނަފުސަށް އޮތް އިތުބާރު އޮޔާދާން އުޅެފައިވެސް އޭނަ ސަމާލުވެލިއެވެ. ރޯޒްދެކެ ވެވުނީ ވަގުތީ ލޯތްބެއްކަން ހިތަށް ވިސްނައިދިން އިރު ސަފާޔާއާއި ރަޖްވާގެ ޚިޔާލުތައް އޭނަގެ ސިކުނޑިއަށް އުދަގޫކުރަންފެށިއެވެ. އެއްގޮތެއްގައި ދެމިނުހުރެ އެކިކޮޅުން ކާން އުޅުމުން ލިބެން އުޅުނީ ހީނުކުރާވަރުގެ ލަނޑެކެވެ. ރޯޒް ހީކުރަނީ ކީކޭކަމަށް ހެއްޔެވެ؟ އޭނައަށް މިދުނިޔެއިން އަންހެންކުއްޖަކު ނުވާނީކަމަށްހެއްޔެވެ؟ ރޯޒްއަށްވުރެ ހާސްބައި ރީތި ފުރިހަމަ އަންހެންކުއްޖެއް އޭނައަށް ލިބިދާނެއެވެ.
ފްލައިޓް ތެރޭގައި ޒިޔާމްގެ މޫޑު ގޯސްވެފައި އިންވަރު ރުސްލާންއަށް ފާހަގަކުރެވުނެވެ. އެހާ ފިޓް ނޫނިއްޔާ ދެންފަހަރަކުން މަސައްކަތަށް ނިކުތުން ރައްކާތެރި ނޫންކަމުގައި ރުސްލާން ބުނީ މަޑުމައިތިރިކަމާއެކު ވިސްނައިދޭފަދަ ގޮތަކަށެވެ.
***
ސީތު ފެނުމުން އުސައިމީން އަވަހަށް ނަޒަރު ހުއްޓައިލީ މާ ދުރަށެވެ. ދެރަވެފައިވާ ކަހަލަގޮތަކަށެވެ.
"ހިތަށް އަރަނީ އަހަރެން މަޖުބޫރުކުރީއޭ ދޯ..."
"އެހެނެއްނޫން. ހަރާމް ކަމަކަށް އަރައިގަތުމުން ދެން ކުރިމަތިވެދާނެ ބޮޑު މުސީބާތަކާއިމެދު ވިސްނެނީ..."
"ހަރާމް ކަމަކަށް އަރައިގަންނަވަރަށް ކެއާކުރާކަން އެނގުނީމަ ވަރަށް އުފާވެއްޖެ........................."
"އެކަމަކު ސީތު އަހަންނާއިމެދު އަޅާލާނަމަ މިހާ އުދަގޫކަމެއްގެ ތެރެއަށް ވަންނަން ދައުވަތު ނުދޭނަމެއްނު..."
"އުސައިމީން. އަހަރެން ބުނީމެއްނު ރިގްރެޓެއް ނުކުރާނެއޭ...އެހާ ނުބައިމީހަކަށް އަހަރެންވެދާނެކަމަށް ދެކުމަކީ އުސައިމީންގެ ކުށެއް. އަހަންނަށް އިތުބާރުނުކުރާކަން. އަބަދުވެސް ބުނަމެއްނު ސީތު ހާދަ ރަގަޅޭ. ނަމާދު ގާއިމުކުރެއޭ. ގުރުއާން އަޑުއަހާ ކިޔަވައޭ...ޒިކުރުނުކޮށް ދުވަހަކުވެސް ނުހުންނަ ވާހަކަ ބުނަމެއްނު. އެހާ ރަގަޅު އަންހެންކުއްޖަކު ފިރިހެނުންނާއިއެކު ގޯސްމަގަކުން ހިނގާފާނެހެން ހީވޭތަ؟" ސީތުގެ އެ ޖުމްލައިން އުސައިމީން ސިހިފައި ކުއްލިއަކަށް ސީތުއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.
"ތިބުނީ؟"
"އަހަރެން ޕްރެގްއެއްނޫން..."
އުސައިމީންއަށް އެސްފިޔަ ޖަހައިލަން ނޭގިފައި ބަލަން އިނދެވުނެވެ.
"އާނ....ބައްޕަ ދޫނުކޮށް ޝޭޚަކާއި ކައިވެނިކުުރުވަން އުޅުނީމަ ދޮގުހަދަން މަޖުބޫރުވީ. އޭރުން މެރީ ނުކުރުވާނެއްނު.."
"ޝޭޚެކޭ ތިބުނީ؟ ޝޭޚެއްވެއްޖެއްޔާ ސީތުއާއި ގުޅޭނެކަމަށް އަހަރެން ހީކުރީ..."އުސައިމީން ދެއަތްތިލަ މަހައިލުމަށްފަހު ދަތްދޮޅީގައި އަޅުވައިލިއެވެ.
"އެކަމަކު ސީޔާސީ ޝޭޚަކަށްވީމަ ކަމުނުދިޔައީ...ހެހެ.."
"ސިޔާސީ ޝޭޚުންނޭ ތިބުނީ ކޮން މާނައެއްގައިތަ؟"
"އެބުނީ މިސާލަކަށް އޭނަވެސް އެވަގުތު ހުންނަ ސިޔާސީ ޕާޓީއަކަށް ސަނާ ކިޔާފައި އެހެން މީހުންނަށް އެތިވަރުގޮވާނެ. ލާދީނީ ކިޔަކިޔާފައި އެޕާޓީއިން މަގާމެއް ލިބުނީމަ ދެން އެ ލާދީނީކަމެއް ނުފެންނާނެ. އެހެންވީމަ ވަރަށް ގިނަ މީހުންނަށް އޮޅުވައިލެވެނީ ދޯ. އިލްމުވެރިން ތިބެންޖެހޭނީ ނުގުޑާ ސާބިތުކަންމަތީގައި..ﷲ ސުބުހާނަހޫ ވަތައާލާ އަދި ރަސޫލު ސަައްލަﷲ އަލައިހިވަސައްލަމްގެ ރުހިވޮޑިގަތުން ލިބުމަށް މަސައްކަތްކުރަން ޖެހެނީ...ވަކި ޕާޓީއެއް ރުއްސަން ސަނާ ކިޔަކިޔާފައި އެހެން އުޅުނީމަ ކަމަކުނުދޭ ދޯ..އެކަހަލަ މީހުންދެކެ ހަމަ ނަފްރަތުކުރެވޭ.......މަގާމުތަކުގެ ދަހިވެތިކަމުގައި ދީން ވިއްކާލާ ބަޔެއް.............."ސީތުގެ ވާހަކަ ހުރިގޮތުން އުސައިމީންގެ ހިތުން ޚާއްސަ ގަދަރެއް ދެވުނެވެ.
"ތިބުނީ ރަގަޅަށް. އަހަންނަކީވެސް ސިޔާސީ މީހެއްނޫން. އެކަމަކު ސީތުގެ ވިސްނުމަށް އެއްބަސްވަން......."
"އަހަންނަށް ހެލްޕްވެދޭނަންތަ؟ ދޮގު ހެދިކަމުގައިވިޔަސް؟" ސީތު ސުވާލުކުރިއިރު މޫނުމަތިން ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ފެންނާން ހުއްޓެވެ.
"ކުރިންވެސް ހަމަ ތެދަށް ބުނިނަމަ....ދޮގެއްގެ މައްޗަށް ކައިވެނި ބިނާކޮށް އަހަރެން ކިހާވަރަކަށް ހާސްކުރުވައިފިން. ރޭގަނޑު ނިދިވެސް ހަރާމް އެއްޗެއްކަމުގައިވި.." އުސައިމީންގެ ތުންފަތްމައްޗަށް ލުއި ހިނިތުންވުމެއްވެރިވިއެވެ.
"ތެދު ބުނިނަމަ އުސައިމީން އެހާ ފަސޭހައިން އެއްބަސްނުވާނެ. ސަބަބަކީ އުސައިމީން ބާރު އަޅާނީ އެ ޝޭޚާއި ކައިވެނިކުރަން. އަމިއްލަ ނަފުސަށް އިތުބާރެއް ނޯންނާނެ. އެހެން ހުރިހާ ފިރިހެނުންވެސް ތިމާއަށްވުރެ ރަގަޅޭ ބުނާނީ....."ސީތުގެ ނަޒަރުގައި ތަފާތުގޮތެއް ހުއްޓެވެ. ޚާއްސަ ނަޒަރެކެވެ.
އުސައިމީންގެ ހިތުން އެތައް ހާސް ހަންދަރެއްގެ ބުރަދަން ނެގުނުފަދަ އިހުސާސެއްވިއެވެ. އޭނަ ވިސްނިވަރު އެހެން މީހެއްގެ ހިތަކަށްވެސް ނުގެނެވޭނެއެވެ. ނަސްލު އޮޅުވައިލަން ހިތަށް އަރާ އެކަމުގެ ތެރެއަށް ފުންމައިލެވުނުކަމަށްޓަކާ އެތައްފަހަރު އަމިއްލަ ނަފުސް ކުށްވެރިކުރެވުނެވެ. އޭނަ ސީތުއާއި ކައިވެނިކޮށްގެން ނުވާނެކަމުގައި ހިތް ބުނަމުން ދިޔައެވެ. ކޮންމެވެސް ސަބަބަކާއިހުރެ އެފާފައިން ސަލާމަތްކުރެއްވުމަށް އެދި ދެންނެވުނެވެ. އެންމެފަހުން އޭނަގެ ދުޢާ އިޖާބަކުރެއްވީއެވެ.
***
ޒަހްރާ ބަލާ އެއާޕޯޓަށް އައީ ޖަހާންގީރުއާއި ހާލާއެވެ. ޒަހްރާގެ އެއްވެސް ދަރިއަކު ނައުމުން ހިތަށް އުދަގޫވިޔަސް ޒަހްރާ އެކަމެއް ނުދައްކާ އުފާވެރި ހިނިތުންވުމަކާއެކު ޖަހާންގީރުއާއި ހާލާއަށް ސަލާމްކުރިއެވެ. ހާލު އޮޅުންފިލުވުމަށްފަހު އެކިވާހަކަތަކުގައި ގޮސް ކާރަށް އެރިއެވެ. ޖަހާންގީރު އެދެމީހުންނަށް މާފުކުރިކަމަށްޓަކާ ޝުކުރުވެރިވިއެވެ. ޖަހާންގީރުބުނީ މާފުދިނުމަކީ އިސްލާމްދީން ދަސްކޮށްދޭ ރީތި އެއް ފިލާވަޅުކަމުގައެވެ. ޖަހާންގީރު ގާތު ކުރީ ސީޓުގައި އިށީނީ ޒަހްރާއެވެ. ފަހަތު ސީޓުގައި އިށީދެެ ހާލާ ހަމަޖެހިލިއެވެ.
"އަޅުގަނޑުވެސްދުޢާކުރަނީ ކޮންމެވެސް ދުވަހަކުން އުސައިމީންގެ ހަގީގަތް ދުނިޔެއަށް އެނގުން. ކުށެއް ނުކުރަމޭ ބުންޏަސް އެއްވެސް އިންސާނަކަށް ގަބޫލެއްވެސް ނުކުރެވޭ..................."ޒަހްރާ ހިނިތުންވެލިއެވެ.
"އެވާހަކަ ބާއްވަމާ. މާޒީ ހަނދާން ނައްތާލާފައި އާ ފެށުމަކުން ފެށީމަ އެންމެނަށް ރަގަޅުވާނީ.........."
"ބޭބެ އަޅުގަނޑަށް މާފު ދެއްވިއިރު އެންމެ ބޮޑަށް އެކަމާއި ދެކޮޅުވީ ޕޭރެންޓުން ދުނިޔޭގައި ނެތްކަމީ ދެރަވާކަމެއް. އެހެންވެ އަޅުގަނޑުވެސް ހަމަ ފާފަފުއްސެވުމަށް އެދި ދަންނަވަނީ ހެއްދެވި ފަރާތުން..."
"ޖާރިދް ކިހިނެއް؟" ޒަހްރާ އެހިއެވެ.
"ޖާރިދްގެ ޚަބަރެއްނުވޭ..."ހާލާ ފުން ނޭވާއެއް ދޫކޮށްލިއެވެ.
"އަދިވެސް ގޭންގްތަކާއިއެކު އުޅެނީ؟"
"ﷲ އެ ދަރިފުޅަށް ތެދުމަގު ދައްކަވާށި...މަންމައާއި ބައްޕައެއްގެ ބެލުމުގެ ދަށުން ދަރިން ތަރުބިއްޔަތު ނުކުރެވުނުކަމުގެ ހިތިކަން މިއަދު މިފެންނަނީ....ވަރަށް ދެރަވޭ..ކޮންމެ ނަމާދެއްގެ ފަހުގައި ދުޢާކުރަނީ...ﷲއަކީ ރަހުމާން ވަންތަ ރަހީމް ވަންތަ.."ހާލާގެ ލޮލުން ކަރުނައިގެ އަސަރު ފައުޅުވިއެވެ."މަންމައެއް ނެތަސް ބޭބެގެ ދަރިން ކިހާ ރަގަޅު.އެކަމަކު މާމަމެންގެ ތަރުބިއްޔަތު...ރަގަޅު މަގު ދައްކާދިނީ.."ހާލާ ބުނެލިއެވެ.
"އަލްހަމްދުލިﷲ...."
"އަޅުގަނޑު ފެނުމުން ރަޖްވާވެސް ނުރުހޭނެކަން ނޭގޭ. އެއްވެސް ކުއްޖަކު ހަމަމާފު ނުކުރާނީ؟" ޒަހްރާ ޖަހާންގީރުގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.
"އެކަމާއި ނުވިސްނާ. ދުވަސްކޮޅެއް ނަގާނެހެން ހީވަނީ..އެކަމަކު އަދި ކުދިންނަށްވެސް ވިސްނޭނެ ދޯ...މަންމަގެ މުހިއްމުކަމާއި ލޯބި އިހުސާސް ކުރެވުނީމަ މަޑުމަޑުންގޮސް މަންމައާއި ނުލާ ނޫޅެވޭވަރުވެދާނެ. އޭރުން މާފުވެސް ކުރާނެ.."
"ތެދެއް ފަހަރި. ކެތްތެރިވީމަ ރަގަޅަށް ދާނީ.."
ތިން މީހުން ވާހަކަދައްކަން ތިއްބާ ގެއާއި ހަމަޔަށް އާދެވުނެވެ.
ގޭތެރެއޮތީ ފަޅު ފުށްޓަރެއްހެންނެވެ. އެއްވެސް ދިމާލަކުން އަޑެއް ބަޑެއްނީވެއެވެ. މުޅި ގެ އޮތީ ހިމޭންކަމުގެ ތެރެއަށް ގެނބިފައެވެ. ޒަހްރާގެ ސާމާނުތައް ކޮޓަރިއަށް ގެންގޮސް ވެއްދުމަށްފަހު ޖަހާންގީރު އެދުނީ އަރާމުކޮށްލުމަށެވެ. ދިގުދަތުރަކަށްފަހު ނިދާލާ ތާޒާވެލުމަށްފަހު ކުދިންނާއި ބައްދަލުކުރާނީ ކަމުގައި ބުނެލުމަށްފަހު އޭނަވެސް ނުކުތީ އެކުވެރިއަކާއި ބައްދަލުކޮށްލުމަށެވެ.
***
"ސަފާ..މިއޮތީ އޮމަރުގެ ނަމްބަރު..ރުސްލާން މި ނަމްބަރު ދީފައި ބުނީ ދެން ކޮންމެވެސް ވަރަކަށް ވާހަކަދައްކާލާށޭ. ވައިބަރކޮށްލިޔަސް އޯކޭވާނެއޭ...ސަފާ ބޭނުމިއްޔާ ވާހަކަދައްކާ. ސަބަބަކީ އަހަރެން ބޭނުމެއްނޫން ދެން ފިރިހެނަކާއި ދިމާލަށް ބަލައިލަންވެސް. ވަރަށް ފޫހިވޭ........."ރަޖްވާ ސަފާޔާގެ ގާތުގައި ސޯފާއަށް އަރާ އޮށޯތެވެ.
"ހޫމް...ދައްކަބަލަ ތި ނަމްބަރު...މަގޭ ވާންއުޅޭ ފިރިމަނިކުފާނު ވީމަ ދެން އެބަޖެހޭ ވާހަކަދައްކައިލަން..މިގެއަށް އައުމުގެ ކުރިން މީޓްކޮށްލަން ވީކަން ނޭގޭ..."
"އެއީ ކީއްކުރަން؟"
"އަހަރެން ބޭނުމީ އޮމަރުއަށް އޮޅުވާނުލާ ހަމަ ރަގަޅަށް މި މެރިޖް ކުރިއަށް ގެންދަން. ރަޖްވާ ކަމަށް ހީކޮށް މެރީކޮށްފައި އެހެން މީހެއްކަން އެނގުނީމަ އެވާނީ އޮޅުވައިލުމެއް ކަމަށް ނޫންތަ؟ހަމަ ރީތިގޮތުގައި މިކަން ގެންދަން ފެންނަނީ..އަހަރެން ބޭނުން އަވަހަށް މެރީކުރަން. ސޯ ހަމަ ފެނިގެން އޭނައަށް ކަމުގޮސްގެން މެރީކުރިއްޔާ ކިހާ ސަޅި..އޭނަ ނޫނެކޭ ބުނެފިއްޔާ އެހެން ޗޮއިސްއެއްނެތް. ޖީޖީ ޖެހޭނީ އޭނައާއި ކައިވެނިކުރަން.............." ސަފާޔާ ރަޖްވާގެ ބޮލުގައި މަޑުމަޑުން ޖަހައިލިއެވެ.
"ނޫން ނޫން......"ރަޖްވާ އަނގަޔަށް ގޮތެއް ހަދައިލިއެވެ.
"ބަޓް.......ހޫމް ސަފާ ތިބުނީ ރަގަޅަށޭ. ސަފާގެ ރީތި މޫނުކޮޅު ފެނުނީމަ އޮމަރު ހަމަ ފެއިންޓްވާނެ...އޭނަ ނޫނެކޭ ނުބުނާނެކަން މަށަށް ޔަގީން.." ރަޖްވާ ފޯރިއާއި ޖޯޝާއެކު ކުޑަކޮށް ހަޅޭއްލަވައިގެންފާ ނަށާވެސް ލިއެވެ."ކުރިން މިކަހަލަ މޮޅު އައިޑިއާއެއް ނައީ ކީއްވެތަ؟ސަފާ ތިބުނިހެން ކެއްސެއް ނުދީ ހަމަ ރީތިކޮށް މިކަންތައް ކުރިއަށް ގެންދެވެން އެބައޮތް ދޯ......"
"މެރިޖަށްފަހު އެކަމަކު އޭނަ މިގޭގައި ހުންނަން ވެއްޖެއްޔާ ކިހިނެއްވާނީ؟"
"ދެމީހުން ނިދާ ކޮޓަރި ބަދަލުކުރާނީ. ނިގާބުގައި ތިބީމަ އެހާ ނޭގޭނެ...އެކަނި ކޮޓަރިން ބޭރަށް ނިކުންނައިރު ވިސްނަން ޖެހޭނީ "ސަފާޔާ ހިނިގަނޑެއް ޖަހައިލިއެވެ.
***
ސަފާޔާއާއި އެކު އައި ރަޖްވާ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގެ ދޮށުގައި އިށީދެ ތާޒާ ޖޫހަކަށް އޯޑަރުކޮށްލިއެވެ. އަތްދިގު ކަކުލާއި ހަމަޔަށް އޮތް ހެދުމަކާއި ހަރުވާޅެއް ލައިގެން ސްކާފެއް އަޅައިގެން ސަފާޔާ އިންއިރު އެތައް ބަޔެއްގެ ނަޒަރު އެކުއްޖާއަށް ހުއްޓުނެވެ. ރަޖްވާ ސަފާޔާއާއި ޗެޓްކުރަންފެށިއެވެ.
"ގަޑި ޖެހިއްޖެތަ ގަޑިއަށް ފަރުވާތެރި ނުވާ މީހެއް ވެއްޖެއްޔާ ޕޮއިންޓްސް މަދުވާނެ ދޯ..."
އަދި ފައިވް މިނިޓްސް އެބައިން...އަހަންނަށް ހީވަނީ މިއަންނަނީހެން...."
"ކޮބައިތަ؟"ރަޖްވާ އެހިއެވެ.
"ދިގު ތުނބުޅިއަކާއިއެކު ތާކިހާއެއް އަޅައިގެން ހުދު ކުރުތާއެއްގައި އެވަނީ...."
"ސާބަހޭ. އޭނަ ރާއްޖޭ މީހަކާއި ވައްތަރެއްނޫން. ޕާކިސްތާން ހިސާބު ޒުވާނަކާއި މަށަށް ވައްތަރީ..."
ޒިޔާމް ގެ މެސެޖެއް އައުމުން ސަފާޔާގެ ބުމަ ގޮށްޖެހުނެވެ. ހިތް އަވަސްވެލި ނަމަވެސް ޒިޔާމްއަށްޓަކާ ހިތުގައިވިހާ އިހުސާސްތަކެއް ނައްތައިލަން ސަފާޔާ ބޭނުމެވެ. އޭނަ ޒިޔާމްދެކެ ވީ ތެދުވެރި ލޯބީގެ ބަދަލުގައި ޒިޔާމްގެ ފަރާތުން ފެނުނީ ކެހިވެރިކަމާއި ބޭވަފާތެރިކަމެވެ. ޒިޔާމްއަކީ ކޮން ކަހަލަ މީހެއް ހެއްޔެވެ؟