"ﷲ ސުބުހާނަހޫވަތައާލާގެ ކުޅަދުންވަންތަކަން ބަލައިލި ކޮންމެ ދިމާލަކުން ފެންނަ މި ރީތި ބިމުގެ އެކި މަންޒިލަށް ދަތުރުކުރުމުގެ އުފާ ލިބި އެތައް ބަޔެއްގެ ސަގާފަތާއި ދިރިއުޅުން ފެނި އެތައް ބަޔެއްގެ ވާހަކަތައް އުގެނި ކިތަންމެ އަޖައިބާއި ތަފާތު އެކި ތަޖުރިބާތައް ކުރުމަކީ ހުވަފެނެކެވެ. ދަތުރުކުރުމަކީ ސިކުނޑީގެ ދުޅަހެޔޮކަން އިތުރުކޮށް ފިކުރުތަކާއި ޚިޔާލުތަކާއި ދުރުވެ ސިކުނޑިވެސް ހުސްކޮށްދޭ ބައިވެރިޔެކެވެ. އަމިއްލަ ނަފުސްވެސް އިތުރަށް ދަސްވެ ޕޮޒިޓިވްކޮށް ވިސްނެއެވެ."

***

އިރުއޮއްސެމުން ދިޔައީ ރަން ދަޅަތައް ފަތުރުވަމުން އުޑުމަތި ހުޅުދާން ކޮށްލަމުންނެވެ. ބޯ ވާރޭގެ ތިކިތަކުގެ ތެރެއިން "ސްކައި ކާސަލް" ފެންނައިރު ދެކޭ މީހުންގެ ހިތްތައް އާޝޯޚުކުރުވާހާ ފުރިހަމައެވެ. ގޭގެ ބަގީޗާގައި ދޫލައެއްހެން ފެންނަން އޮތް ގަދަފެހިކުލައިގެ ވިނަގަނޑާއި ބައެއް ހިސާބުގައި އިންދާފައިވާ ގަސްތަކާއި ފޮޅިފައިވާ ކުލަކުލައިގެ މާތަކުން އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވިއެވެ. ސަންގުމަރުމަރު ޓައިލްސް މަތީގައި ފެން ތިކިތައް ބޮސްދެމުން، ކުދި ބާނިތައް ނަށަމުންދާ މަންޒަރުވެސް މެއެވެ. ހީވަނީ ކުދި ކުދި ޖަވާހިރުތައް ފެންމަތީގައި ވިހުރެވެމުންދާހެނެވެ.

ލިވިންރޫމްއިންވެސް ދައްކަނީ ގޭގެ ހައިބަތާއި މުއްސަދިކަމެވެ. އެލުވާފައިވާ ހައިބަވަންތަކަމުން ފުރިފައިވާ ކްރިސްޓަލް ޗާންދަލިޔާއާއި މޮޅު ދޫލަ އަދި ސޯފާސެޓްތަކުގައިވެސް ޝާހީކަމެއް ހުއްޓެވެ. އެއްފަރާތުގައި ހުރި ފޮތް ހަރުގަނޑާއި ފަތި ޓީވީ އަދި ފައި ގަނބައިގެންދާފަދަ ބޯ ދޫލަވެސް އަގުނުކުރެވެއެވެ. ފާރުގައިވާ އަރަބި ކެލިގްރާފީގެ މަސައްކަތްތަކުން އިސްލާމީ މާހައުލެއްގެ އަސަރުވެސް ފެނެއެވެ. މުޅިގޭގައި ފިނިކަމާއި އެއްވަރަށް މީރުވަހެއް ހިފާލާފައިވިއެވެ. ނިގާބީ އަންހެންކުއްޖާ ފައިތިލަ މަސާޖްކުރަމުން ދެފަރާތުން އެރެން ހުރި ޑިޒައިނާ ސިޑިއަކުން މައްޗަށް އަރައިގެން ގޮސް ކޮރިޑޯ ގައި ހުރި ކޮޓަރިއެއްގެ ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ތަނަަވަސް ކޮޓަރީގައިވާ ބެޑްރޫމުން ފެންނަނީ ޕީޗުކުލައިގެ ފަރުނީޗަރުތަކެވެ. އެކުލައާއިއެކު ބައެއް ސާމާނުތައް ހުދުން ހުރުމުން ނިކަން ހިތްގައިމެވެ.

މޫނާއި އެއްކޮށް ސްކާފް އޮޅާލައިގެން ހުރި އެޅި އަންހެންކުއްޖާ ކާރުން ފޭބިގޮތަށް އަވަސް ހިނގުމެއްގައި ލިފްޓަށް އަރައިގެން ގޭގެ އެންމެ މަތީ ފަންގިފިލާއަށްގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ.އެނދުމައްޗަށް ވެއްޓިގަތްގޮތަށް ޑައިރީ ނެގިއެވެ.

"ޑިއަރ ޑައިރީ... އެނގޭތަ؟ބިއުޓީ އެންޑް ބީސްޓަށް ފިލްމުތައް ކުޅެ ވާހަކަ ލިޔަނީ. އޭގައި އަބަދުވެސް އަންހެންކުއްޖާ ރީތީ. އެކަމަކު އަހަރެންގެ ބަދުނަސީބުކަން ދެކެބަލަ. މަގޭ ވާހަކައިގާ ބިއުޓީއަކަށް މިވަނީ ފިރިހެންކުއްޖާ. ބީސްޓަކީ އަހަރެން. އަންލަކީ ވާން ދިމާވީ އެންމެ ރެއެއްގެ ބިރުވެރި ހާދިސާއެއް. މާޒީގެ އެ ރޭގެ ވާހަކަ ދުވަހެއްގެ ކޮޅުންވެސް ހިއްސާކުރާކަށްނެތިން..އެއީވެސް މިހާ ވިއްސާރާ ތޫފާނީ ރެއެއް. ވާރޭގެ ބަދަލުގައި ބޯކޮށް ސްނޯ ފައިބަމުން ދިޔައީ................."

ކޮންމެވެސް މީހަކު ކޮޓަރީގެ ދޮރުގައި ތަޅަން ފެށުމުން ރަޖްވާ އަވަހަށް ޑައިރީ ބާއްވާފައި ތެދުވުނެވެ.

"ކާކުތަ؟"

"ރަޖްވާ ގެއަށް އައިތޯ ބަލަންވެގެން..........."

"އާނ. ގޭގައި މިއުޅެނީ..."ރަޖްވާ ބުނެލިއެވެ.

"ދޮރު ހުޅުވަބަލަ..."

"މިއުޅެނީ ނަމާދުކުރަން... އަޅުކަމުގެ ވަގުތު ޖެހިއްޖެ... އެންމެނަށް ވަގުތުދީފައި ހެއްދެވިފަރާތަށް ކަނޑައަޅާފައިވާ ވަގުތުތައް އެއްވެސް ކުއްޖަކަށް ނުދެވޭނެ އިނގޭ. ސޮރީ ........."ރަޖްވާ ދޮރު ކުޑަކޮށް ހުޅުވައިލަމުން ތަންކޮޅެއްބާރަށް ބުނެލިއެވެ. އޭރު ވާރޭ ބޯކޮށްލައިފިއެވެ. ރަޖްވާގެ ހިތުގައި ކޮންމެވެސް ވަރެއްގެ ބިރުވެރިކަމެއް ހިނގާލައިފިއެވެ.

"ޑީޕް ބްރެތް...."ރަޖްވާ އަމިއްލަ ނަފުސަށް ހަނދާންކޮށްލަދިނެވެ.

"ތިކަން އެނގޭ...."

ރަޖްވާ ދޮރުލައްޕައިލުމަށްފަހު ވުޟޫކޮށްލައިގެން އަވަސްވެގަތީ ނަމާދުކުރުމަށެވެ. އިސްކޮޅުން ދިގުވެފައި ހިމަ ހަށިގަނޑެއް ލިބިފައިވި ނަމަވެސް އޭނަގެ ސޫރައަށް ރުހުމުގެ ލޮލުން ބަލައިލާނެ ޒުވާނެއް މަދުވާނެއެވެ. އަލިފާނުގެ ހާދިސާއެއްގައި މުޅި ހަށިގަނޑު ފިހި މޫނު އައިބުވެފައިވުމުގެ ސަބަބުން މީހުންގެ ތެރެއަށް ނިކުމެ އުޅެން އޭނަ ޖެހިލުންވެއެވެ. އެ ހާދިސާއަށް އެތައް އަހަރެއް ފާއިތުވެގެން ދިޔަސް އަދިވެސް އެކަމުގެ ސަބަބުން ލިބުނު ނަފްސާނީ އަދި ޖިސްމާނީ ގެއްލުންތަކުން އަރައިނުގަނެވި ހަޔާތަށް ފަޅުކަމެއް ވެރިވެފައިވިއެވެ. އޭނައަށް ހަގީގީ ލޯބި ދުވަހަކުވެސް ލިބޭނެބާވައޭ ހިތަށް އަރައެވެ. އެހެން ހުއްޓާ އޭނައާއި ދިމާވީ ޒިޔާމް ކިޔާ ޒުވާނެކެވެ. އޭނަގެ ސޫރަ ރީތި ނޫންކަމުގައި ބުނުމުންވެސް ޒިޔާމް ބުނީ ރަޖްވާގެ އަޚުލާގާއި އޭނަގެ ހިތުގެ ރީތިކަމުން ރަޖްވާއަށް އޭނަގެ ހިތް ދެވިއްޖެކަމުގައެވެ. އޭނަގެ ގާތުގައި ރަޖްވާއަކީ އަގުބޮޑު ޖަވާހިރެކެވެ.

ދެނަމާދުދޭތެރޭ ގުރުއާން ކިޔެވުމަށްފަހު އިޝާކޮށްލުމުން ރަޖްވާގެ ހިތުގައިވާ ދާއިމީ ރިހުމަށް ލުޔެއްލިބުނެވެ. ފޯނު ދިއްލެން ފެށުމުން ބަލައިލިއިރު ޒިޔާމްގެ މެސެޖެކެވެ.

"އަދިވެސް ހިތަށް އަރަނީ ޒިޔާމްއަށް އަހަރެން ފެނުނީމަ.......ލައިކް ނުވާނެއޭ...ހަގީގަތުގައި ބޭނުމީ ﷲއަށްޓަކާ ލޯބިވެ އެކީ އުޅޭނެ ބައިވެރިޔެއް...އެފަދަ މީހަކަށް ޒިޔާމް ވާން ބޭނުމިއްޔާ ފޯނުންވެސް ވާހަކަ ނުދައްކާ މެރީކުރާނީ. ހަލާލް ރިލޭޝަނެއް ނެތިއްޔާ ބްލެސިން ގެއްލިދާނެތީ ބިރުގަނޭ..."

"ބައްޕަ ވަލީދޭނެތަ؟"

"އިންޝާﷲ..."

"ރަޖްވާ ފެމިލީ މީހުންނާއި ވާހަކަަދައްކަންވީނު..."

"ބައްޕަ ބުނުއްވީ ރަގަޅު މީހަކަށްވެއްޖެއްޔާ ބައްޕަ އޯކޭވާނެކަމުގައި. ޒިޔާމް ޕައިލެޓެއްވީމަ އަދި ބައްޕަ ވަކިން ރުހިލައްވާނެ...."

"ފުރަތަމަ ބައްޕަގެ ހުއްދަ ހޯދަބަލަ ރަޖްވާ...އޭރުން އަހަރެން ވަލީ ހޯދަން ދާނަން.........."

"އިސްތިޚާރާ ނަމާދުވެސް ކޮށްފިން."

"ގުޑް ގާލް..." ޒިޔާމް ބުނެލިއެވެ."ތޫފާނީ ރެއެއް. މިރޭ އަހަރެން ފްލައިކުރަން އެބަޖެހޭ.....ދުޢާކޮށްދެއްޗޭ..."

"ޔޫ ވިލް ހޭވް އެ ސޭފް ފްލައިޓް އިންޝާﷲ.."

އަހަރުތަކެއްގެ ތެރަޕީއަށްފަހު އޭނަގެ ނަފްސާނީ މައްސަލަތަކަށް ހައްލެއް ލިބި ހިނިތުންވާން ދަސްކުރިޔަސް އަދިވެސް ސޫރަ އެހެން މީހުންނަށް ދެއްކުމުގެ ހިތްވަރެއް ނުލިބެއެވެ. އަމިއްލަ ލޮލަށްވެސް އޭނަގެ ސޫރަ ކަމުނުދަނީއެވެ. ޒިޔާމްއަށް ތަސްވީރެއް ފޮނުވަން އެދުމުން ފަސްޖެހެވެނީވެސް ޒިޔާމް "ރިޖެކްޓް" ކޮށްފާނެތީއެވެ. އެކަމަކު ޒިޔާމްއަށް އިތުބާރުކުރެވެނީ ކީއްވެކަމެއް ނޭގެއެވެ. ކައިވެނީގެ ކުރިން ފިރިހެންމީހާއަށް އަންހެންކުއްޖާ ފެންނަންޖެހޭނެއެވެ. މޫނުވެސް ބަލަން ޖެހޭނެއެވެ. ވީއިރު ފޮޓޯ ފޮނުވުމުން މާ ފަސޭހަނޫންހެއްޔެވެ؟ ކުރީގެ ފޮޓޯއެއް ފޮނުވަންވީހެއްޔެވެ؟ ނޫނެކެވެ. އޭރުން ދެވޭނީ ކެއްސެކެވެ. ކަމުނުދިޔައްޔާ ކަމުނުދިޔައީއެވެ. އެހެންވެ ފޮޓޯއެއް ވައިބާ ކޮށްލުމަށްފަހު ޒިޔާމްއަށް ލިބުނުކަން ޔަގީންވުމާއެކު ފިނިވީވަރުން އަލުން ފޯނަށް ބަލައިލާނެ ހިތްވަރެއްވެސް ނުލިބި އޭނަ ފޯނު އެނދުމައްޗަށް އެއްލައިލީއެވެ.

ސްކައިކާސަލްގެ ކާކޮޓަރީގައި ބެހެއްޓިފައިވާ ބޮޑު މޭޒަކީ ބޮޑު އާއިލާއަކަށް ކެއުމަށް އެންމެ އެކަށީގެންވާފަދަ ތަނަވަސް މޭޒެކެވެ. ރަނާއި ހުދުކުލައިން ޖަރީކޮށް ބާލީސްޖަހާފައިވާ އަރާމު ގޮނޑިތައް މޭޒުވަށައިގެންވާއިރު އެންމެ ކޮޅުގައި ހުރި ގޮނޑީގައި އިނީ އާއިލާގެ އެންމެއިސްވެރިޔާ ޖަހާންގީރު ޚާންއެވެ.ހުދުއިސްތަށިގަނޑަކާއި ތުނބުޅިއެއްގެ ވެރި ޖަހާންގީރުގެ ޝަޚުސިއްޔަތުގެ ވަރުގަދަކަމަށް މޫނުގެ ކޮންމެ ސިފައެއް ހެކިދެއެވެ. ވަރުގަދަ ބުމައެކެވެ. އޭނަގެ ހުރިހާ ފިރިހެންދަރިންނަށްވެސް އެ ވަރުގަދަކަމާއި ރީތިކަން ލިބިފައިވިއެވެ. ބާމަތިފުޅާ ސީދާ ހަށިގަނޑާއި ކަޅުކަންގަދަ ބުމަ އަދި ހަތަރެސްކަން މޫނާއި ނޭފަތަކީ ބައްޕަގެ ފަރާތުން ވާރުތަވެފައިވާ ސިފަތަކެވެ. އެންމެނަކީވެސް ސްކައި އެއާލައިންސްގެ ކެޕްޓަނުންނެވެ. ޖަހާންގީރަކީ އެ އެއާލައިންގެ ސީއީއޯއަށް ވުމުގެ ކުރިން އެތައް އަހަރުތަކެއްވާންދެން ކެޕްޓަންކަންކޮށްފައިވާ ތަޖުރިބާހުރި ފަޚުރުވެރި ޕައިލެޓެކެވެ. އެއްބަނޑު އެއްބަފާ ދިހަމީހުންގެ ތެރޭގައި ޕައިލެޓުންނާއި ކްރޫޒްޝިޕްތަކު ވެރިންނާއި ކެޕްޓަނުންވެސް ހިމެނެއެވެ. އެންމެން ގޮނޑިތަކުގައި ހަމަޖެހިލައިގެން އިންތިޒާރުކުރަމުން ދިޔައީ ރަޖްވާއަށެވެ. އާއިލާގައި މިވަގުތު ހުރި ހަމައެކަނި އަންހެން ކުއްޖާއަށްޓަކާ އެންމެންގެ ހިތުގައި ޚާއްސަ ލޯތްބެއް އޮވެއެވެ.

"އައްސަލާމް އަލައިކުމް....ކުޑަކޮށް ލަސްވެއްޖެ..."ރަޖްވާ މަޑު ހިނގުމެއްގައި އައިސް އޭނައަށް ޚާއްސަ ގޮނޑީގައި އިށީނެވެ.

"ރަޖްވާ....ކިހިނެއް؟ ހަވީރު ތެރަޕިސްޓަށް ދައްކަން ދިޔައިން ދޯ..."

"ލައްބަ ބައްޕާ. ނައިޓްމެއާސްތައް ފެންނަލެއް މިހާރު މަދު..."

"ދިރިއުޅުމުގައި ހީނުކުރާފަދަ ބޮޑު ހާދިސާތައް ހިނގާ. އެއީ ﷲ މެދުވެރިކުރައްވާ އިމްތިހާނު. އިމްތިހާނު ޕޭޕަރު އަތަށް އެރުމުން ހުރިހާ ދަރިވަރުންވެސް ޕޭޕަރު ވީހާވެސް ރަގަޅަށް ފަރުވާެތެރިކަމާއެކު ހަދަންބޭނުންވޭ. އެކަމަށް ތައްޔާރުވެ ރަގަޅަށް މަސައްކަތްކުރާ ކުދިންގެ ނަތީޖާ ލިބުމުން އުފާވެރިކަން ނޫން އެހެން އެއްޗެއް ނުލިބޭނެ. ހަމަ އެފަދައިން މިއީވެސް އިމްތިހާނުތައް...ﷲ އެކި ގޮތްގޮތަށް އަޅުތަކުން އިމްތިހާނުކުރައްވާ. ކެތްތެރިވުމުން އޭގެ ނަތީޖާ ފޮނިވާނެ.." ޖަހާންގީރު ބުނެލިއެވެ.

"ރަޖްވާ..މިހާރު މީހުންނަށް މޫނު ނުފޮރުވިޔަސް އޯކޭވާނެއްނު........"ޖޫދު ދަތްދޮޅީގައި އަތް ވިއްދާލައިގެން އިނދެ ރަޖްވާގެ މޫނަށް ބަލަން ފެށުމުން ރަޖްވާ ކުޑަކޮށް ކަޅި އަޅައިލިއެވެ.

"މައި އަގްލީ ފޭސް ބަލާހިތުން އުޅޭ މީހެއްނެތޭ..."

"ސްވީޓްހާޓް. ބޭރުފުށުގެ ރީތިކަމަކީ އަގެއް ހުރި ކަމެއްނޫން. ޔޫ ހޭވް އެ ބިއުޓިފުލް ހާޓް.....އެވަރުން ފުދޭ. އެހެންނޫނަސް ރަޖްވާއަކީ ދުނިޔެއަށް އުފަންވީއިރު ރީތި އަންހެންކުއްޖެއް. އެއްވެސް އައިބެއްނެތް. ދިމާވި ހާދިސާއެއްގައި އައިބުތަކެއް ހުއްޓަސް ދުނިޔޭގައި ހުރި ކަމަށްޓަކާ ﷲއަށް ހަމްދުކުރަން..."އިމްކާން ބުނެލިއެވެ.

"އަޅުގަނޑު ބޭނުމީ ނިގާބު އަޅަން. އޭރުން ގެއިން ބޭރަށް ނިކުމެއުޅެން ފަސޭހަވާނެ..މަގުތަކުން ނިގާބީ އިން ފެނޭ.."

"ކޮއްކޮއަށް ކޮމްފޮޓަބްލް ގޮތަކަށް އުޅުނީމަ ރަގަޅުވާނެ..." އިމްކާން ރަޖްވާއާއި އެއްބައިވިއެވެ.

"އައިމް އެގެއިންސްޓް ދިސް...."ރުސްލާން ދެކޮޅުހެދިއެވެ.

"ކީއްވެ؟" ރަޖްވާ އެހިއެވެ.

"ސަބަބަކީ ނިގާބު އެޅުމުގެ ނިޔަތް ރަގަޅު ނޫންވީމަ. މީހާގެ ހުތުރު ސިފަތައް ފޮރުވަން ނޫނީ ބޮލުގައި ނުރަޖެހީމަ އިސްތަށިގަނޑު ފޮރުވަން އެޅީމަ ނިޔަތް ރަަގަޅުނުވޭ. ﷲ އެންގެވިގޮތަށް އުޅެންވެގެން ބުރުގާ އެޅީމަ ﷲގެ އަމުރުފުޅަށް ކިޔަމަންތެރިވީމަ އެކަން ރަގަޅުވާނީ......އެގޮތަށް ވިސްނެނީ..."

ހިމޭނުން އިނީ އަރްސަމްއެވެ.އެއީ އޭނަގެ އާދައެވެ.ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއްނޫނީ އޭނަ ނުދައްކައެވެ. އަރްސަމްގެ ކުށްވެރި އިހުސާސްތަކުން އަރައިގަނެވޭނެ ދުވަހެއް އަންނާނެކަމެއް ނޭގެއެވެ. ކޮޓަރީގައި ހަތަރުދަމު ބަދެވިގެން އިނަސް ބައްޕައަށް އިހުތިރާމްކުރުމުގެ ގޮތުން އޭނަ ގަޑިން ކާން އައިސް ބައްޕައާއިއެކު ވަގުތު ހޭދަކުރެއެވެ. އެނޫނީ އިންނަނީ އަމިއްލަ ދުނިޔެއެއްގައެވެ.

އެކި ވާހަކަތައް ދެކެވެމުން ދިޔައިރު ކެއުމަށް އިންސާފުކުރެވެމުން ދިޔައެވެ. އޭރުވެސް ބޯވާރެއާއެކު ދޭތެރެއަކުން ކަންފަތް ބައްވާހާ ބާރަށް ގުގުރައިލައެވެ. ވިދުވަރުގެ ތޫނު އަލިވެސް މެދުކެނޑުމެއްނެތި ކުޑަދޮރުގެ ބިއްލޫރިތައް ފުރާނާލާފައި ކޮޓަރިއަށް އަލިކުރަމުން ދިޔައެވެ. އެމަންޒަރުން މާޒީގެ ބިރުވެރި ރެއެއްގެ ހަދާންތައް އާވުމުން ރަޖްވާ "ޕެނިކް" ވާގޮތްވިއެވެ. ކެވުނީވެސް ތަންކޮޅެއް ކުޑަކޮށެވެ. އެހެންނޫނަސް ބޮލުތެރޭ އެނބުރެނީ ޒިޔާމްއެވެ. އޭނަގެ ތަސްވީރު ފެނުމުން ޒިޔާމްގެ ޚިޔާލު ބަދަލުވެދާނެބާވައެވެ. ފޯނަށް ބަލައިލަންވެސް ޖެހިލުން ވެއެވެ. ޒިޔާމްގެ ޖަވާބު އަންނާނެ ގޮތެއް ނޭގޭތީއެވެ.

***

ޒިޔާމް ސްޕެއިންއިން ޕައިލެޓްކޯސް ފުރިހަމަކުރުމަށްފަހު އެނބުރި ގައުމަށް އައިތާ އަދި މާ ގިނަަދުވަހެއްނުވެއެވެ. އޭނަ ދިރިއުޅެނީ މަންމައާއި ކޮއްކޮ ޒޯޔާއާއިއެކު އެޕާޓްމެންޓެއްގައެވެ. ޒޯޔާ އޭލެވެލް ނިންމައިލުމަށްފަހު ޕްރައިވެޓް ކްލިނިކަކުން ވަޒީފާ ހޯދިއެވެ. އޭނަގެ ހުވަފެނަކީ ރަޝިއާއިން މެޑިސިން ހެދުމެވެ. ޒިޔާމް ޕައިލެޓް ކޯސްހެދީ ލޯނެއް ނަގައިގެން ކަމުން ވަޒީފާ ލިބުނަސް ލޯނު ދައްކަންޖެހެއެވެ. އަނެއްކޮޅުން މަންމަ އަބަދު އޭނައަށް ބާރު އަޅަނީ ޒޯޔާ ކިޔަވަން ފޮނުވުމަށެވެ.ޚަރަދުތައް ދެކޮޅު ނުޖެހޭތީ ބޯގޮވާފައި ހުރިއިރު ލޯބިވެރިޔާ ސަފާޔާއެދެނީ އަވަހަށް ކައިވެނިކުރުމަށެވެ. ދިރިއުޅުމެއް ފެށޭނީވެސް އަމިއްލަ ފައިމައްޗައް ތެދުވެވިގެން ނޫންހެއްޔެވެ؟

ޒިޔާމްއާއި ރަޖްވާ ދިމާވީ ފޭސްބުކްއިންނެވެ. ރަޖްވާގެ އާއިލާއާއި ބެހޭގޮތުން އޭނައަށް އެނގުނީ ޒޯޔާގެ ފަރާތުންނެވެ. ޖަހާންގީރު ޚާންގެ ދަރިއެއްކަން އެނގުމާއެކު ޒިޔާމްގެ ސިކުނޑިއަށް ޝައިތާނާ ވެރިވެގަތެވެ. އެފަދަ އަންހެންކުއްޖަކު ހަޔާތަށް އައުމަކީ އޭނައަށް ލެއްވި ނަސީބެކެވެ. މީހުންނާއި ކައިވެނިކުރަން ބޭނުންވާ ސަބަބުގެ ތެރޭގައި މުދާވެރިކަން އޮވޭ ނޫންހެއްޔެވެ؟

ޒިޔާމް ޖިމުން ނިމިގެން އައިސް ގެއަށް ވަނުމަށްފަހު ފެންވަރާލައިގެން ނިކުމެ އަލަމާރިން އޭނަގެ ޔުނިފޯމްނެގިއެވެ. އިސްޓާކީނާއި ގަޑިވެސް އެނދުމަތީގައި އޮތެވެ. ގަޔަށް ހިފާލާފައިވާ އެހެދުމުގައި އޭނަގެ ރީތިކަން އެތައް ގުނަ އިތުރެވެ. ލޯގަނޑުކުރިމަތީގައި ހުރެ ކުރުކޮށް ކޮށާލެވިފައިވާ ފަން އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.

"ތިވަރަށް ފަރިނުބެލިޔަސް ހެންޑްސަމް..."ޒޯޔާ ދޮރުމަތީގައި ހުއްޓުނެވެ.

"އީވިލް އައިސް.....އަސްތަޣުފިރުﷲ. މަންމާ ދުޢާކޮށްދެއްޗޭ. ނޫނީ ފްލައިޓް ވެއްޓިދާނެ...."

"ޒިޔާމް. ކޮންކަހަލަ ވާހަކައެއް ތިދައްކަނީ...މިހާ ވިއްސާރައިރު ފްލައިޓްދަތުކުރޭތަ؟" ޒިޔާމްގެ މަންމަ ޒުބޭދާ ހާސްކަމާއެކު ކުޑަދޮރުން ބޭރަށް ބަލައިލުމަށްފަހު ފޮތިތައް ދަމާލައިފިއެވެ."ވައިވެސް ހާދަ ބާރޭ....."

"މަންމަ ހާސްނުވޭ. ފްލައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައްވެސް ވަރުގަދަ. ކަމެއް ދިމާވާންވެއްޖެއްޔާ ހިނގާފައި ދިޔަސް ސަލާމަތެއްނުވާނެ. ސެލްފީއެއް ނަގައިލަމާ.."ޒިޔާމް އޭނަގެ މަންމައާއި ޒޯޔާގެ މޫނާއި މޫނު ޖެހޭހާ ކައިރީގައި ހުރެ ފޮޓޯއެއްނެގިއެވެ."މަރުވިޔަސް އެންމެފަހުގެ ހަނދާނަކަށްވެސް މި ރީތި ސްމައިލް މަންމަމެންނާއެކު ވާނެ..."

"ފޮނިގަނޑު..."ޒުބޭދާއަށް ހެވުނެވެ.

ނުނިމޭ

ކޮމެންޓް 0