"ސޮރީ.. ދެވަނަ ސިކުންތުގައި އޭނާއަށް ރިއުމާން ގެ އަޑު އިވުނެވެ. ރިއުމާން ސަޖަލް ގެންގޮސް ސޯފާގައި ބައިންދާފައި ފަސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް އެތަނުގެ ކުރިމަތީގައި ހުރި މޭޒުގައި އިށީނދެލިއެވެ. އެއަށްފަހު ސަޖަލްގެ ނިތްކުރިމަތިން ފެޅިފައިވާ ތަނަށް ބަލައިލިއެވެ. އެއަށްފަހު ކަފަ ކޮޅަކަށް ބެޓަޑިންކޮޅެއް އަޅާ އެތަން ސާފުކޮށްލަން އުޅެލިއެވެ. އެ ހުރިހާއިރުވެސް ސަޖަލްއަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. އޭނާއަށް އެ އިން ގޮތަށް އިނދެވުނީއެވެ. ރިއުމާން ކަފަކޮޅު ޖައްސައިލި ވަގުތު ސަޖަލްއަށް އަނގަޔަށް ގޮތެއް ހަދާލެވުނެވެ. ރިއުމާން ކުޑަކޮށް ސަޖަލްގެ މޫނާ ދިމާ ގުދުވެލާ ފުމެލިއެވެ.

ރިއުމާން އާ އެހާ ގާތުގައި އިންނަންވުމުން ސަޖަލްގެ ހަށިގަނޑުގައިވެސް ފިނިކަމެއް ދައުރުކޮށްލިއެވެ. އޭނާގެ ހަށިގަނޑުގައި އުފެދެމުންދިޔަ ކަރަންޓް އޮއިވަރުތަކުގެ ސަބަބުން އޭނާއަށް އިނދެވުނީ ނޭވާލާންވެސް ހަނދާންނެތިފައެވެ. ދެ އަތް މުށްކަވައިލި ސަޖަލް ލޯ މަރާ ތަގުޅިކޮށްލިއެވެ. އޭރު އޭނާގެ އެތެރެހަށީގައި އުފެދުނު ތޫފާން މައިތިރިކުރަން ހަދާނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގުނެވެ. ސަޖަލް ލޯ މަރާ ފިއްތާލައިގެން އިންތަން ފެނި ރިއުމާންއަށް ލުއި ހިނިތުންވުމެއްް އޭނާގެ އަމިއްލަ ނަފްސަށް ހަދިޔާކޮށްލެވުނެވެ. އޭނާ ބޭސް އަޅާ ނިންމައިލުމަށްފަހު ތެދުވަން އުޅުނު ވަގުތު އޭނާގެ ނަޒަރު ސަޖަލްގެ ތުންފަތަށް ދަތުރުކޮށްލިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރައިލުމާއެކު ތެދުވެލުމަށްފަހު ވާހަކަ ދެއްކިއެވެ.

"ސަޖޫ... އަހަރެން ނިމިއްޖެޔޭ. ލޯ ހުޅުވަބަލަ ދެން. އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް..." ރިއުމާން ބުނެލިއެވެ.

ސަޖަލް އޭނާގެ ދެލޯ ހުޅުވައިލިއެވެ. އެއަށްފަހު، ރިއުމާންއަށް ބަލައިލިއެވެ. އޭރު ރިއުމާން ހުރީ ކޮޅަށެވެ. ސަޖަލް އަވަސް އަވަހަށް އޭނާގެ އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ސޯފާއިން ތެދުވިއެވެ. އެއަށްފަހު އޭނާ ނިތްކުރިމަތީގައި އަތް ޖައްސައިލިއެވެ. މަލަން ކޮޅެއް އަޅާފައި އިނުމުން އޭނާ ރިއުމާންއަށް ބަލައިލާ ހިނިތުންވެލިއެވެ.

"ތޭންކްސް" އޭރުވެސް ހިތުގެ ތެޅުން ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ސަޖަލް ބުނެލިއެވެ. ސަޖަލް ހުރި ގޮތުން ރިއުމާންއަށް އަނެއްކާވެސް އަމިއްލަ ނަފްސަށް ހިނިތުންވެވުނެވެ. އޭނާގެ އެ ގާތްކަމުން ސަޖަލްއަށް ގޮތްތަކެއް ވެގެން ދިޔަކަމުގައި އޭނާއަށް ޔަޤީން ކުރެވުނެވެ.

"މީ... މާދަމާ އޮންނަ މީޓިންގެ އެޖެންޑާ އާ ކުރިން ދުވަހު ބައްދަލުކުރި ކްލައިންޓާ ދެމެދު ވެވުނު އެއްބަސްވުމުގެ ކޮޕީއެއް އޮންނާނެ..." ސަޖަލް މޭޒުމައްޗަށް އިޝާރާތް ކޮށް ބުނެލިއެވެ. ރިއުމާން ބޯ ޖަހައިލިއެވެ.

"އަހަރެން އެ ބަލައިލާނަން..." ރިއުމާން ބުނެލިއެވެ.

އެ ދުވަހަށް ފަހު ޚުދު ސަޖަލްއަށްވެސް ރިއުމާން އާ ދޭތެރޭ ވިސްނެން ފެށުނެވެ. ދެމީހުން އެކުގައި ކްލައިންޓުންނާ ބައްދަލުކުރަން ދިޔުމާއި އޮފީހުގައި އެކުގައި ވަގުތު ހޭދަކުރެވެން ފެށުމުން ދެމީހުންނަށްވެސް އެކަކު އަނެކަކު ކަމުދާން ފެށިއެވެ. ސަޖަލް ހުންނަނީ އޭނާއާ ރިއުމާންއާ ދެމެދު ވިސްނޭތީ އެކަމާ ކަންބޮޑުވެފައެވެ. ފަހަރެއްގައިވެސް އޭނާ އަކީ ކާކުކަން ހަނދާންނައްތައިލާކަށް އޭނާ ބޭނުމެއްނޫނެެވެ. ރިއުމާން އަކީ އޭނާގެ ބޮސްކަމުގައި އޭނާ ދިޔައީ އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރަމުންނެވެ.

އަނެއްކޮޅުން ރިއުމާން މަސައްކަތްކުރީ ސަޖަލްއާ ދެމެދު އޮތް ގުޅުން އިތުރަށް ކުރިއަށް ގެންދިޔުމަށެވެ. އޮފީހުގައި ވެސް ސަޖަލް ނުފެނި ގިނައިރު ވާން ފެށުމުން އޭނާއަށް އުނދަގޫވާން ފެށިއެވެ. އަބަދާ އަބަދު ސަޖަލްގެ އެ ސޫރަ ދުށުމަށް އޭނާ ބޭޤަރާރުވާން ފެށިއެވެ. އެ ސޫރަ ނުފެންނަންޏާ އޭނާގެ ހިތަށް ތަފާތު ވަސްވާސްތައް ވެރިވާންފެށިއެވެ. އަންހެނުންނަށް ދުވަހަކު އިތުބާރު ނުކުރުމަށް އޭނާ ހުރީ ނިންމައިގެންނެވެ. އެހެންނަމަވެސް ސަޖަލް ފެނުނު ފަހުން އޭނާއަށް އެ ހުރިހާކަމެެއް ދޫކުރެވެން ފެށުނެވެ. ސަޖަލްއަށް ބޭނުންވާން ފެށުނެވެ. އެ އަންހެން ކުއްޖާ އޭނާގެ މީހަކަށް ވާން އެދެވެން ފެށުނެވެ.

އެއީވެސް އެފަދަ ދުވަހެވެ. ރިއުމާން ސަޖަލްއަށް ގުޅައިލީ ސަޖަލް ގާތު އޭނާގެ ކެބިންއަށް އައުމަށް ބުނުމަށެވެ. އޭނާ ދެފަަހަރަކު ގުޅުމުންވެސް ސަޖަލް ފޯނެއް ނުނަގައެވެ. އެންމެ ފަހުން ކެތްނުކުރެވި އޭނާ ގޮނޑިން ތެދުވީ ސަޖަލްގެ ކެބިންއަށް ދިޔުމުގެ ބޭނުމުގައެވެ. އޭނާ ކެބިންއިން ނުކުމެގެް ސަޖަލްގެ ކެބިންއާ ދިމާލަށް މިސްރާބުޖެހީ ފަހަރެއްގައިވެސް އޭނާ ހިތްނޭދޭ މަންޒަރެއް ފެންނާނޭ ކަމަކަށް ނޫނެވެ. ސަޖަލް ގެ ކެބިންއާ އަރާ ހަމެވެފައި އޭނާ ބިއްލޫރިގަނޑުން ސަޖަލް އެތެރޭގައި އުޅޭތޯ ބަލައިލިއެވެ. އެއާއެކު އޭނާގެ ދެބުމަ ގޮށް ޖެހުނީ ސަޖަލް އިތުރު ފިރިހެނަކާއެކު ހުރިތަން ފެނުމުންނެވެ. ވަގުތުން އޭނާގެ ދެބުމަ ގޮށްޖެހުމާއެކު އޭނާގެ ދެއަތް މުށްކެވުނެވެ. ސަޖަލް ހުރީ އެމީހާގެ ގިރުވާނުގައި ހިފައްޓައިގެންނެވެ.

ރިއުމާން ކުއްލިއަކަށް ދޮރު ހުޅުވައިލުމާއެކު ސަޖަލް ދިޔައީ ސިއްސައިގެންނެވެ. އޭރު އޭނާ ހުރީ އޭނާގެ އަތުން އެ ފިރިހެންމީހާގެ ގަމީހަށް ކޮފީ އެޅުމުން އެކަމާ ހާސްވެފައެވެ. އޭނާ ފަހަރެއްގައިވެސް ގަމީހުގައި އަތްލީ އެހެން މަގްސަދެއްގައެއް ނޫނެވެ. އެހެންނަމަވެސް އޭނާ ފަަހަތަށް އެނބުރުނުވަގުތު އޭނާ އެމީހާގެ ގައިގައި އަޅައިގަތުމުން ކޮފީ އެޅުމުން ލިބުނު ސިހުމުގައި ގަމީހުގައި އަތް ލެވުނީއެވެ. އޭނާއަށް ފެނުނީ ރުޅިއައިސް ރަތްވެފައި ހުރި ރިއުމާންއެވެ.

'ސާރ" ސަޖަލްއަށް ގޮވައިލެވުނެވެ.

ރިއުމާން ފެނުމާއެކު އެތަނުގައި ހުރި ފިރިހެންމީހާވެސް އެކްސްކިއުޒް މީއޭ ކިޔާ އެތަނުން ނުކުންނަން ހިނގައިގަތެވެ. އެއާއެކު ރިއުމާން އެއައި ގޮަތަށް އައިސް ސަޖަލްގެ އަތުގައި ހިފާ އޭނާއާ ދިމާލަށް އަނބުރުވައިލިއެވެ.

"ސަޖަލް ކިހިނެއްވެގެންތަ ތިއުޅެނީ؟" ރިއުމާން ރުޅިއައިސް އަހައިލިއެވެ.

"އަހަރެން ކީކުރީތަ ސާރ... އަހަރެން..." ސަޖަލްއަށް ބުނެވުނެވެ. އޭނާއަށް ބަލައިލެވުނީ ވެރިފައިވާ ކޮފީ ތަކަށެވެ.

"ސަޖަލްއަށް ވެސް ކަމުނުދަނީ އަހަރެން ގާތްވީމަ... އެހެންމީހުން ގާތްވީމަ އޯކޭ ދޯ... އެހެންމީހުންނާ އެކީ ކޮންމެ ގޮތަކަށް އުޅުނަސް އޯކޭ... ޑޯންޓް ޔޫ ނޯ އައި ހޭވް ފީލިންގްސް ފޯ ޔޫ ކަން... ވައި ޑޯންޓް ޔޫ އަންޑަސްޓޭންޑް..." ރިއުމާން ރުޅި އައިސް ހުރެ ބުނެލިއެވެ. އެއާއެކު ސަޖަލްއަށް ސިހިފައި ރިއުމާންގެ ދެލޮލަށް ބަލައިލެވުނެވެ. ރިއުމާން އެހާ ރުޅި އައިސް ހުރުމުން އޭނާއަށް ހިންދިރުވައިލެވުނެވެ. ރިއުމާން ދެެންމެ ބުނި ބަސްތަކަށް ދޭނޭ ޖަވާބެއްވެސް އޭނާއަކަށް ނޭނގުނެވެ. އެއްޗެއް ބުނަން ހުޅުވައިލި އަނގަ ލައްޕައިލަން މަޖުބޫރުވީވެސް އެހެންވެއެވެ. ރިއުމާންގެ ހިތުގައި އޭނާއާ މެދު ވަނީ ކީކޭކަން އެނގުނު ސަޖަލް ހުރީ ހަޤީގަތުގައިވެސް ބަސްހުއްޓިފައެވެ.

ރިއުމާން ސަޖަލްގެ އަތުގައި ހިފާ އޭނާއާ ގާތަށް ދަމައިލިއެވެ.

"އަހަރެން ހީކުރީ ސަޖަލް ތަފާތުވާނެކަމަށް... ތީ އެހެން އަންހެނުންނާ ތަފާތު ކުއްޖެއްކަމަށް. އެކަމަކު އެއީ ކުށްހީއެއްކަން މިއަދު އަހަންނަށް އެނގިއްޖެ... އަންހެނުންނަށް އިތުބާރު ކުރުމަކީ ހެދޭ ބޮޑު ގޯހެއްކަންވެސް ވިސްނިއްޖެ. ލޮލު ކުރިމައްޗަށް ފެނުނު މަންޒަރުތައް އެހާ އަވަހަށް ހަނދާންނައްތައިލެވުނީމަ ވެސް ދެރަވެއްޖެ. ޔޫ އާ ޖަސްޓް ލައިކް އޯލް ދި އަދަރ ވުމަން އައުޓް ދެއަރ. ދެއާޒް ނޯ ދިފަރެންސް..." ރިއުމާން އެއްފައްޗަކަށް ހުރިހާ އެއްޗެއް އަމުނައިލުމަށްފަހު އެތަނުން ނުކުންނަން ހިނގައިގަތެވެ. ރިއުމާން ދެންމެ ބުނި ބަސްތަކުން ހުއްޓުން އަރާފައިހުރި ސަޖަލްއަށް ދެން ވެސް ހުރެވުނީ ހަދަންވީ ގޮތެއް ނޭނގިފައެވެ. ރިއުމާންގެ އެ ރުޅިގަނޑު އޭނާ މާނަކުރަންވީ ގޮތެއް ނޭނގުނެވެ. ފުންނޭވާއެއް ދޫކޮށްލި ސަޖަލްއަށް ގޮސް ގޮނޑީގައި އިށީނދެވުނެވެ.

ޖެހިގެން އައު ދުވަހު ސަޖަލް އޮފީހަށް އައުމުންވެސް ރިއުމާން ސަޖަލްއާ މާ ބޮޑު ވާހަކައެއް ނުދައްކައެވެ. ބުނަން ބޭނުންވާ އެތި ފިޔަވާ އިތުރު އެއްޗެއް އޭނާ ނުބުނެއެވެ. އެކަމުން ސަޖަލްއަށް އުނދަގޫވަމުން ދިޔައެވެ. ދެމީހުން އެކުގައި ވިޔަފާރި ބައްދަލުވުމަކަށް މާލޭގެ މަޝްހޫރު ހޮޓެލްކަށް އެދުވަހު ހަވީރު ދާންޖެހުނީވެސް އެކުއެކީގައެވެ. ކާރުގައި ދިޔަ އިރުވެސް ރިއުމާން އެއްވެސް ވާހަކައެއް ސަޖަލްއަކާ ނުދައްކައެވެ. އެކަމުން ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ސަޖަލްއަކަށް ނޭނގުނެވެ. އޭނަ އިނީ ރިއުމާންގެ އެ ހަމަހިމޭންކަމުން އުނދަގޫވެފައެވެ. އޭނާގެ ހިތުގައި އޭރުވެސް ބައިވަރު ސުވާލުތައް ރަސްކަން ކުރަމުން ދިޔައެވެ.

"އޭރު އަހަރެން އުޅުނީ އޭނާގެ ގަމީހަށް އަހަރެންގެ އަތުން ކޮފީތަށި އެޅުނީމަ... "

"އަހަރެން އަހައިފިންތަ އެއީ ކިހިނެއް ވީކަމެއްތޯ" ސަޖަލްގެ އަނގައިގައި ޖުމްލައިގެ އަނެއްބައި އޮއްވާ ރިއުމާން ބުނެލިއެވެ. އެއާއެކު ސަޖަލް ވަގުތުން ބަސްހުއްޓުނެވެ. އޭނާ ހިސާބަކަށް ލަދު ގަންނަ ގޮތްވެސްވިއެވެ. އޭނާ ރިއުމާން ގާތު އެހެެން ބުނަންވީ ކީއްވެކަމެއް ޚުދު އޭނާގެ ނަފްސަކަށް ވެސް ނުވިސްނުނެވެ. ރިއުމާންގެ އެ 'މިސްއަންޑަރސްޓޭންޑިން' ދުރުކުރަން އެހާ ވަރުން އޭނާ ބޭނުންވީ ކީއްވެކަމެއް ވެސް އޭނާއަކަށް ނޭނގުނެވެ. އެނގޭހާވެސް އެއްޗަކީ ރިއުމާން އޭނާއާއި މެދު އެހާ ދަށް ކޮށް ދެކެން އޭނާ ބޭނުންނުވާ ކަމެވެ. އޭނާގެ ހިތުގައި އުފެދެމުންދާ އިޙްސާސްތަކަށް ދޭނޭ ނަމެއް ސަޖަލްއަކަށް ނޭނގެއެވެ.

"އަހަރެން..." ސަޖަލް އިތުރަށް ވާހަކަ ދައްކަން އުޅުނުނަމަވެސް އޭނާއަށް އެ ފުރުސަތު މިފަހަރުވެސް ރިއުމާން ނުދިނެވެ.

"އައި ޑޯންޓް ވޯންޓް އެނީ އެކްޕްލެނޭޝަން..." ރިއުމާން ބާރަށް ބުނެލުމުން ސަޖަލްއަށް ވެސް އިތުރު އެއްޗެއް ބުނާކަށް ނުކެރުނެވެ.

"ސޮރީ ސާރ" ސަޖަލް މަޑުމަޑުން ބުނެލިއެވެ. ރިއުމާން ކާރު ދުއްވަން އިނދެގެން ސަޖަލްއަށް ބަލައިލިއެވެ. ސަޖަލްގެ މޫނުމަތިން ފެނުނު މާޔޫސްކަން އޭނާއަށް ވެސް އުނދަގޫކުރުވިއެވެ. އެހެންނަމަވެސް އޭނާ ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ސަޖަލްއަށް އޭނާ ކުރީ ކުށެއްކަން އޭނާ ހުރީ އަންގައިދޭން ބޭނުންވެފައެވެ. އޭނާ އެގޮތަށް ކަންތައް ކުރީ އެހެންވީމައެވެ. ސަޖަލް އިނީ އިސްޖަހައިލައިގެންނެވެ.

އެމީހުން ބައްދަލުވުން ނިންމާލާފައި އެނބުރު އޮފީހަށް އައުތަނުން ނާޝިދު އެ ދެމީހުންނާ ބައްދަލުކުރަން އެދުމުން ސަޖަލް އާ ދެމީހުން ނާޝިދުގެ ކެބިންއަށް ދިޔައެވެ. ނާޝިދު ބުނީ ބިޒްނެސްގެ މުހިންމު ބައްދަލުވުމަކަށް ރާއްޖޭން ބޭރަށް ފުރާ ވާހަކައެވެ. އަދި އެކަމުގެ ހުރިހާ ތައްޔާރީތަކެއް އޭނާ ހަވާލުކުރީ ރިއުމާން އަދި ސަޖަލްއާއެވެ.

"ބައްޕަ ބޭނުންވަނީ ރިއުމާން އަދި ސަޖަލް މި ދަތުރު ބައިވެރިވާން.. މީ ވަރަށް މުހިންމު ބައްދަލުވުމެއް... މި ބައްދަލުވުމަށް ކޮންމެ ކޮންމެ މީހަކު ފޮނުވާކަށް ބައްޕަ ބޭނުމެއް ނުވޭ..." ނާޝިދު ބުނެލިއެވެ. ނާޝިދު އެހެން ބުނުމުން ރިއުމާންއަށް ބަލައިލެވުނީ ސަޖަލްއަށެވެ. ސަޖަލްވެސް އޭރު އިނީ ރިއުމާންއަށް ބަލަހައްޓައިގެންނެވެ.

"އައި އެމް އޯކޭ ވިތް އިޓް... އެކަމަކު ސަޖަލް ކޮންމެހެންވެސް ގެންދަން ޖެހޭނެތަ؟" ރިއުމާން ފަރުވާކުޑަ ގޮތަކަށް އަހައިލުމުން ސަޖަލްއަށް އިސްއުފުލައިލާ ރިއުމާންއަށް ބަލައިލެވުނެވެ.

(ނުނިމޭ)

ކޮމެންޓް 0