އެފަދަ ޚިޔާލުތަކެއްގައި އޭނާ ހުއްޓާ ކައުންޓަރުގައި ހުރި ކުއްޖާ ކޮފީއަށް އަރާ ވަރު ބުނެލިއެވެ. ރިއުމާން ޖީބުން ވޮލެޓް ނަގަމުން އެއަށް ލާރި ދައްކަން އަވަސްވެގަތެވެ. އޭނާ ކޮފީ ހިފައިގެން ނުކުމެގެން ދަމުން އަދިވެސް އެއްފަހަރު ކޮފީ ޝޮޕަށް ބަލައިލިއެވެ.

ކޮފީ ހިފައިގެން އައިސް އޭނާ އޮފީހަށް ވަތްއިރު ބައްޕަ ނާޝިދު ލިފްޓުން ފައިބަނީއެވެ. ރިއުމާންގެ އަތުގައި އޮތް ކޮފީތައްޓަށް އަވަސް ނަޒަރެއް ދީފައި އޭނާ އައިސް ރިއުމާންގެ ގާތަށް ހުއްޓުނެވެ. އެއަށްފަހު ވާހަކަ ދެއްކިއެވެ.

"އަލަށް ހަދަންފަށާ ހޮޓެލްއާ ބެހޭގޮތުން ތައްޔާރުކުރަން ބުނި ރިޕޯޓް ނިމިއްޖެތަ؟" ނާޝިދު އާދައިގެމަތިން ރިއުމާންއާ ވާހަކަ ދައްކާގޮތަށް ވާހަކަ ދެއްްކިއިރު އެ އަޑުގައިވަނީ ސީރިއަސްކަމެވެ.

"މިއަދު ނިންމާފަ ހަވާލުކުރާނަން!" ރިއުމާން ޖަވާބުދީފައި އޭނާ ދަނީކަމަށް ބުނެ ލިފްޓާ ދިމާލަށް ހިނގައިގަތެވެ. ވާހަކަ ދެއްކިއިރު އޭނާ ނާޝިދާ ހަތަރުކަޅި ހަމަނުކޮށްވޭތޯ ބެލިއެވެ. ރިއުމާން ހަވަނަ ފަންގިފިލާއަށް އަރާފައި އޭނާގެ ކެބިންއަށް ވަދެލިއެވެ. އެއަށްފަހު، ފުން ނޭވާއެއް ލިޔެވެ. ހީވީ އޭނާގެ ނަފްސުގައި އުފެދިގެން އުޅޭ އުދާސްކަމަށް ކޮންމެވެސް ވަރެއްގެ ލުޔެއް ބޭނުންވެގެން އުޅޭހެންނެވެ. އަތުގައި އޮތް ކޮފީ ތައްޓަށް ބަލައިލުމަށްފަހު، އެހިފައިގެން ގޮސް އޭނާ މޭޒުކައިރީގައި އިށީނދެލިއެވެ. އެއަށްފަހު، ކޮފީތަށި މޭޒުގެ އެއްފަރާތުގައި ބަހައްޓަމުން ނާޝިދު ނިންމަން ބުނި ފައިލް ނަގާ އެއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި އެކި އެކި ޚިޔާލުތައް ފުނިޖެހެމުން ދިޔައެވެ. މަސައްކަތް ކުރާހިތެއް އޭނާ ނުވިއެވެ. އެހެންނަމަވެސް މަޖުބޫރުވީތީ، އެ ފައިލްގެ މަސައްކަތް ނިންމަން އޭނާ ބޭނުންވިއެވެ.

އެހެން އިނދެފައި އޭނާ އޮފީސް ފޯނުން ކޮންމެވެސް ނަންބަރަކަށް ގުޅައިލިއެވެ. އަދި އޭނާއަށް ސެކެޓްރީއެއް ބޭނުންވާތީ އެކަން އިއުލާން ކުރުމަށް ބުނެލިއެވެ. އެކޮޅުން ޖަވާބު ދިނުމުން އޭނާ ވެސް އިތުރު ވާހަކައެއް ދެއްކުމަކާ ނުލާ ފޯނު ބާއްވަމުން މަސައްކަތަށް ސަމާލުކަން ދެވޭތޯ ބެލިއެވެ.

*****

ސަޖަލް އޭނާ ވަޒީފާ އަދާކުރާ ޖާނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައި އޮފީސް ޕާކިންގް އޭރިޔާގައި އޭނާގެ ސައިކަލު ޕާކުކޮށްލާފައި، ގޮސް އެތެރެއަށް ވަތްއިރު އެމޫނުމަތީގައި ނުފިލާ ހިނިތުންވުމެއް ދައުރުވަމުން ދިޔައެވެ.

އޭނާ ފުރަތަމަވެސް ގޮސް ވަނީ މީޓިން ރޫމަށެވެ. އޭރު އެކިއެކި ޑިޕާރޓްމެންޓްގެ މީހުންތައްވެސް މީޓިން ރޫމަށް ޖަމާވަފައި ތިއްބެވެ. މީޓިންގައި ދެކެވުނީ ދާދިފަހުން އެމީހުން ފެށި އިމްޕޯޓް އެކްސްޕޯޓް ވިޔަފާރި އިތުރަށް ފުޅާކުރާނޭ ގޮތާ ބެހޭ ވާހަކަތަކެވެ. އަދި އެކަންތައް ފުޅާކުރުމަށް ހަދަންޖެހޭ އިޝްތިހާރުތަކުގެ ކަންތައްތައް ބެލެހެއްޓުމާ އެ މަސައްކަތް ހަރުދަނާ ކުރުމަށް ޓީމެއް އެކުލަވައިލާ ވާހަކައެކެވެ. އެ ޚިޔާލު އެންމެންގެ ތާއީދާއެކު ފާސްވުމާއެކު، އެތަން އަތްތިލަބަޑިން ގުގުމައިގެން ދިޔައެވެ. ތަނުގެ ސިއީއޯ އަކީ އެންމެނާވެސް ގުޅޭ މީހެއްކަމުން އޭނާ ވަކި ވަކިން އެންމެންގެ ޚިޔާލުވެސް ހޯދިއެވެ.

މީޓިންގައި ދެން އޮތީ އެ ޓީމް އެކުލަވައިލުމެވެ. ޓީމްގެ ހެޑްއަކަށް އައްޔަން ކުރެވުނީ އެ ކުންފުންނަށް ހަތްއަހަރު މަސައްކަތް ކޮށްދީފައިވާ އުމުރުން ތިރީސް ތިން އަހަރުގެ ހުޝާމްއެވެ. ހުޝާމްގެ އިތުރަށް ސަޖަލް ހިމަނައިގެން އިތުރު ފަސް ކުއްޖަކުވެސް އެ ޓީމަށް ނެގިއެވެ. އެންމެންގެ ރުހުމާއެކު އެ މަސައްކަތް ނިންމާލާފައި، ސަޖަލްމެންނަށް މަސައްކަތް ހަވާލުކުރުން ކުރިއަށް ގެންދިޔައެވެ. ސަޖަލް ހުރީ އޭނާ އެ ޓީމަށް ނެގީތީ ނުހަނު ހިތްހަމަޖެހިފައެވެ. އެފަދަ ތަފާތު މަސައްކަތެއް ކުރުމަކީ އަބަދުވެސް އޭނާ ދެކެމުން އަންނަ ހުފަވެނެކެވެ. އެކަމަކީ އޭނާއަށް ކުރިއަށް ދިޔުމަށް ރަނގަޅު ތަޖުރިބާއަކަށް ވާނޭކަމަށް އޭނާ ގަބޫލުކުރެއެވެ. ސަޖަލްގެ ހުންނަ މަޑުމައިތިރިކަމާއި މަސައްކަތަށް ފަރުވާ ބަހައްޓާ މިންވަރުން އެންމެންގެ ރުހުމާއި ލޯބިވެސް އޭނާއަށް ދަނީ ކެނޑިނޭޅި ލިބެމުންނެވެ.

މީޓިން ނިންމާލުމަށްފަހު، އެމީހުންގެ އާ އޮފީސްބައި އެމީހުންނާ ހަވާލުކުރުން އޮތެވެ. ހުޝާމް އިސްވެ ހުރެ ކަންތައްތައް ހިނގާނޭ ގޮތުގެ ކުޑަ ތަޢާރަފެއް ސަޖަލްއާ ޓީމުގެ ބާކީ އެހެން މެންބަރުންނަށް ދިނެވެ.

އޮފީސް މަސައްކަތް ނިންމާލާފައި، ސަޖަލްއަށް ގެއަށް ދެވުނުއިރު ހަވީރު ހަތަރެއް ޖަހާ ބޮޑުވެއްޖެވެ. އޭނާ ވެފައި ހުރި ވަރުބަލިކަމާއެކު، ފެންވަރާ ތާޒާ ވެލިއެވެ. އެއަށްފަހު އެނދުގައި ޖައްސައިލާ ފޭސްބުކަށް ވަދެލިއެވެ. އޭނާގެ ލޮލުގައި އަޅައިގަތީ ޒާމިިން ފޮނުވާފައި އިން ފްރެންޑް ރިކުއެސްޓެވެ. އެއަށް ބަލައިލުމާއެކު އޭނާގެ ތުންފަތް މައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ސަޖަލް ވަގުތުން އެ ރިކުއެސްޓް އެކްސެޕްޓް ކޮށްލިއެވެ. އޭނާ އެ ރިކުއެސްޓް އެކްސެޕްޓް ކޮށްލުން ލަސްވިފަދައެވެ. ޒާމިންގެ މެސެޖެއް މެސެންޖާއިން ލިބުނެވެ. އޭނާ އޮތީ ސަަޖަލްއަށް ޝުކުރުއަދާކޮށްފައެވެ. ސަޖަލްވެސް މަރުހަބާއޭ ބުނެ ހިނިތުންވެފައިވާ އެމޯޖީ އަކާއެކީ މެސެޖެއް ޒާމިންއަށް ފޮނުވައިލިއެވެ. އިރުކޮޅަކުން އަނެއްކާވެސް ޒާމިންގެ މެސެޖެއް އައެވެ.

"ބިޒީތަ؟" ސަޖަލް އެ މެސެޖް ކިޔާލާފައި އޭނާ ބިޒީ ނޫންކަމަށް ބުނެ ރިޕްލައި ކޮށްލިއެވެ. އެ ފަދަ ވާހަކަތަކެއްގައި ދެމީހުން އެތައް އިރަކު ތިއްބެވެ.

*****

"ކުދިން އެޕްލައިކުރާވަރެއް ބަލާފަ އޭގެ ތެރެއިން ދިހަ ވަރަކަށް ކުދިން ޝޯޓްލިސްޓް ކުރުމަށްފަހު އިންޓަރވިއުއަށް ކިޔާގޮތަށް ހަދަންވީ!" ރިއުމާން އޭނާގެ ކުރިމަތީގައި މަޑުކޮށްލައިގެން ހުރި ޒުވާން އަންހެން ކުއްޖާއަށް އޮޅުން ފިލުވައިދެމުން ދިޔައެވެ. ރިއުމާން ދައްކަމުން ދިޔަ ވާހަކަ އެ އަންހެން ކުއްޖާވެސް އަތުގައި އޮތް ކުޑަ ނޯޓު ފޮތުގައި ނޯޓު ކުރަމުން ގެންދިޔައީ އޭނާއަށް ފަސޭހައަކަށެވެ.

"ދެން އެންމެ ރަނގަޅު ދިޔަޔަސް... މި ހަފްތާ ތެރޭގައި އަހަރެން ބޭނުން މި މަސައްކަތްވެސް ކުރިއަށް ގެންދަން..." ރިއުމާން ބުނެލިއެވެ. އެއާއެކު އެ އަންހެން ކުއްޖާ އެތަނުން ނުކުމެ ދޮރު ލައްޕައިލިއެވެ. ރިއުމާން ގޮނޑީގައި ލެނގިލައިގެން އެތައް އިރަކު އިނެވެ. އެހެން އިންއިރު އޭނާއަށް ސަޖަލްގެ ޚިޔާލުތައް ގޯނާ ކުރަމުން ދިޔައެވެ. އޭނާ އަދިވެސް ސަޖަލް ބޭނުމެވެ. އިންތިހާ ބޭނުމެވެ. އޭނާގެ ބަސްނާހާ ހިތަކީ އެއްގޮތަކަށްވެސް އޭނާއަށް ބާރު ފޯރުވޭ އެއްޗެއް ނޫނެވެ. އެ ހިތަށް ވިސްނައިދޭން އޭނާ ކުރާ މަސައްކަތް ބޭކާރުވަނީވެސް އެހެންވެއެވެ.

އޮފީސް ނިންމާލާފައި ގެއަށް ދިޔުމުގެ ކުރިން، ރިއުމާން އޭނާ ދާ ކޮފީ ޝޮޕަށް ގޮސް ވަދެލިއެވެ. އޭރު ވެސް ކައުންޓަރު ދޮށުގައި ހުރީ މިއަދު ހެނދުނުވެސް އޭނާއާ ދިމާވި ކުއްޖާއެވެ.

"އެކްސް ކިއުޒް މީ؟ ކޯންޗެއް ބޭނުމީ؟" ރިއުމާން ވިސްނުމަކަށް ގެއްލިފައި ހުއްޓައި އޭނާއަށް ސިހުން ނެގުނީ އެ އަންހެން ކުއްޖާ ވާހަކަ ދެއްކުމާ އެކުގައެވެ.

"މީ... އަނެއް... އަހަރެން... އަމް... ކޮފީއެއް..."

"ޓޭކްއަވޭ ތަ؟ ކޮންކަހަލަ ކޮފީއެއް؟" އެ އަންހެން ކުއްޖާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ނޫން... މިތަނުގައި...އެސްޕްރެސޯއެއް..." ރިއުމާން ޖަވާބުދިނެވެ. އެ އަންހެން ކުއްޖާ ހިނިތުންވެލިއެވެ. ރިއުމާން ކޮފީއަށް ލާރި ދައްކާފައި އެތަނުގައި މަޑުކޮށްލިއެވެ. އެވަގުތު ކައުންޓަރުގައި ހުރި ކުއްޖާގެ ލޮލުގައި ދޮރުފަތް ހުޅުވާލާފައި އެތެރެއަށް ވަތް އަންހެން ކުއްޖާ އަޅައިގަތެވެ.

"އަޒޫ..." އެ އަންހެން ކުއްޖާ އެހެން ބުނެލުމާއެކު، ރިއުމާންއަށް ވެސް ބޭއިޚްތިޔާރުގައި ފަހަތަށް އެނބުރިލެވުނެވެ. އެއާއެކު އޭނާއާ އާއްމުކޮށްވެސް ދިމާވާ އަންހެން ކުއްޖާ ފެނުމާއެކު އޭނާއަށް އިރުކޮޅަކު އެ ކުއްޖާއަށް ބަލަހައްޓައިގެން ހުރެވުނެވެ.

"އަޒޫ..." އޭނާއަށް ހިތާ ހިތާ އެ ނަން ކިޔައިލެވުނީ ވޮލެޓް ދޭން ދިޔަރޭގައިވެސް އޭނާއަށް އެ ކުއްޖާގެ ނަން ނޭނހުނީތީއެވެ.

"ހައި ނުހާ..." އަޒްހާގެ ނަޒަރުވެސް ހިނދުކޮޅަކަށް ރިއުމާންއަށް ހުއްޓުނެވެ. އެހެންނަމަވެސް އޭނާ ދެވަނަ ސިކުންތުގައި އެ ނަޒަރު ވަކިކޮށްލަމުން، ނުހާއަށް ބަލައިލިއެވެ.

ކޮފީ ރެޑީ ވުމުން އެ ހިފައިގެން ގޮސް ރިއުމާން އިށީނީ ބޭރުފެންނަގޮަތަށް ޖަހާފައިހުރި ބިއްލޫރިގަނޑާ ދިމާލުގައި ހުރި މޭޒުކައިރީގައެވެ. އޭނާ އިނީ ކައުންޓަރާ ކުރިމަތިވާގޮތަށް ކަމަށް ވުމާއެކު، އެތަނުގައި ހުރި އަޒްހާ އޭނާއަށް ރީތިކޮށް ފެނުނެވެ.

"ކިހިނެއް މިހާރު އޭނަ؟ ހޮސްޕިޓަލުން ދޫކޮށްލައިފިތަ؟" ނުހާ އެހެން ބުނެލި އަޑު އެ ދެމީހުން ދައްކަމުން ދާ ވާހަކައަށް ސަމާލުކަންދީގެން އިން ރިއުމާންއަށް އަޑު އިވުނެވެ.

"އާނ... މިހާރު ވަރަށް ރަނގަޅު." އަޒްހާ ޖަވާބު ދިނެވެ.

"ދެން ކީއްކުރަން ތިއައީ މިގަޑީތަ؟" ހިތަށް އެރީ މިހެން ދަމުން މިތަނަށް ވަދެލާނިއްޔޭ!" އަޒްހާ ބުނެލިއެވެ.

"އަޒްހާ... އައީތަ؟" އިތުރު ކުއްޖަކު އަޒްހާ ފެނިގެން އެހެން އަހައިލި އަޑުވެސް ރީތިކޮށް ރިއުމާންއަށް އިވުނެވެ.

"އަޅެ އަޒްހާ ނުކިޔާ އަޒޫ ކިޔާބަލަ ސަމާހޫ..." ނުހާ ބުނެލިއެވެ.

"ހެހެ އޯކޭ އަޒޫ... އަހަންނަށް އަޒްހާ ކިޔަކިޔާ އާދަވެފައޭ... އެނީވޭޒް މާދަން އަންނާނަން ދޯ އެހެން ވީމަ!" ސަމާހު ބުނެލިއެވެ.

"އާނ. އިރާދުކުރެއްވިއްޔާ... އޭތް ތިޔެއް ނޫނޭ. ސަމާހު މީހަކާ އިނދެފަ އަދި ސައިވެސް ނުދީ ތިއުޅެނީ... ތިހެން އަދި ސަލާމަތެއް ނުވެވޭނެ ދޯ ނުހާ!. އަންހެނުން ގޮވައިގެން އަހަރެމެންނަށް ސައިދޭން އަވަސްކުރޭ..." އަޒްހާ ބުނެލިއެވެ. އޭނާ ވާހަކަ ދައްކަމުން ދިޔައިރުވެސް އިރުއިރުކޮޅަކާ ރިއުމާންއަށް ބަލައިލައެވެ. އެހެންނަމަވެސް ސިއްރުންނެވެ. އޭނާއަށް ރިއުމާން ފެނުނު ފުރަތަމަ ދުވަހުވެސް ރިއުމާން ޚާއްސަވިއެވެ. ރިއުމާންގެ އެ ފިރިހެންވަންތަ ކަމަށް އޭނާއަށް ހިތާ ހިތުން އަބަދުވެސް ތައުރީފް ކުރެވެއެވެ. އެ ޗޮކްލެޓް ކުލައިގެެ ތޫނު ދެލޮލުން އޭނާއަށް ޖެއްސީ ކޮންފަދަ ސިހުރެއްކަމަށް އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ، އެންމެ ފުރަތަމަ ނަޒަރުންވެސް އޭނާއަށް އެ ޒުވާނާ ކަމުދިޔަކަމެވެ. އެ ޒުވާނާގެ ބެލުމުގައި ހުންނަ ސިއްރުވެރިކަމަށް އޭނާގެ ހިތް ވީއްލިގެން ދިޔަކަމެވެ. އަބަދާ އަބަދު އެ ޒުވާނާ ކޮފީ ޝޮޕަށް އަންނަ އިރަކަށް އޭނާއަށް އިންތިޒާރުކުރެވޭކަމެވެ. ފެންނައިރު ހުންނަ އޮފިޝަލް ލުކްވެސް އޭނާއަށް އިންތިހާ ކަމުދެއެވެ. އެ ވާހަކަ އޭނާ އެެއްވެސް މީހެއްގެ ކައިރީގައި ނުބުނި ނަމަވެސް އޭނާއަށް އެކުރެވޭ އިޙްސާސްތަކަށް އޭނާއަށް ހޭނެން އުނދަގޫވެއެވެ. އަޖައިބުވާކަމަކީ، އެ ޒުވާނާ ފެންނަ ކޮންމެ ފަހަރަކުވެސް އޭނާއަށް އެ އަސަރުތައް ކުރުވާކަމެވެ. ހަމަ އެ ޖަޒުބާތުތައް އޭނާގެ އެތެރެހަށީގައި އުތުރިއަރާ ތަކުރާރު ވާކަމެވެ. ފުރަތަމަ ނަޒަރުން މީހުން ކަމުދާ ވާހަކައާއި، ލޯބިވާ ވާހަކަ އޭނާ މީގެކުރިން އަޑު އަހަނީ ވާހަކަ ފޮތްތަކުގައްޔާއި ފިލްމުތަކުގައެވެ. އޭނާގެ އެ ވިސްނުން ބަދަލުވާން މެދުވެރިވި ސަބަބަކީ އެ ޒުވާނާއެވެ.

އެ ޒުވާނާ އެގޮތަށް އެތަނުގައި އިނދެ ކޮފީ ބޯ މީހަކަށް ނުވުމުންވެސް އޭނާއަށް ހިސާބެއްގެ ހައިރާންކަމެއް ލިބުނެވެ. މީގެ ކުރިން އޭނާ އަބަދުވެސް ނަގަނީ ޓޭކްއަވޭ ކޮފީއެކެވެ.

ރިއުމާންއަށްވެސް އިރުއިރުކޮޅަކާ އަޒްހާއަށް ބަލައިލެވެއެވެ. ކީއްވެކަމެއް ނޭނގެއެވެ. އޭނާ ކޮފީތަށި ބޮމުން ދިޔައީވެސް އެހާ ލަސް ލަހުންނެވެ. އޭނާ ކޮފީ ބޮއި ނިންމާލައިގެން އެތަނުގައި އިރުކޮޅަކު މަޑުކޮށްލައިގެންއިނެވެ.

އަޒްހާވެސް ހިތާ ދެކޮޅަށް ކޮފީ ޝޮޕުން ނުކުންނަން ހިނގައިގަތީ އެ ވަގުތު އޭނާއަށް ފޯނެއް އައުމުންނެވެ. ފޯނު ކަންފަތުގައި ޖަހަމުން އޭނާ ނުކުތުމާއެކު، ރިއުމާންވެސް އެތަނުގައި އިނދެފައި ތެދުވިއެވެ. އޭނާ އަޒްހާގެ ފަސް ފަހަތުން މިސްރާބުޖެހިއެވެ. އަޒްހާ ފޯނު ކޯލް ނިންމާލާފައި، ފަހަތަށް އެނބުރިލީ އޭނާގެ ފަހަތުން މީހަކު އަންނަމުން ދިޔަހެން ހީވުމާއެކުގައެވެ. އެއާއެކު އޭނާގެ ދެފައި ހީވީ ހުރިތަނުގައި ތަތްލީހެންނެވެ. އެ ދިމާލަށް އަންނަމުން ދިޔަ ރިއުމާން ފެނި އޭނާއަށް ހިނދުކޮޅަކަށް ހުއްޓުން އަރާގޮތްވެފައި ހުރެވުނީ ކަޅި ޖަހައިލަންވެސް ހަނދާންނެތިފައި ފަދަ ގޮތަކަށެވެ. އޭނާއަށް ހިންދިރުވައިލެވުނެވެ.

"އަޒްހާ ކާމްޑައުން! ހާސްނުވެބަލަ. އޯ ގޯޑް. އޭނަ އައިސް ކީކޭ ބާ ބުނާނީ؟ އަހަރެން ކޮން ޖަވާބެއް ބާ ދޭނީ... ދޫ ކަންނޭނގެ އޮޅޭނީ... ހަމަޖެހިބަލަ އަޒްހާ... ނުވާނެޔޭ އެއްވެސް ކަމެއް. އޭނާ ދައްކާ ވާހަކައެއް ވެސް އެނގިދާނެތާ! އެކަމަކު ކީކޭބާ އޭނާ ބުނާނީ؟ އަހަންނާ ދައްކަން ޖެހޭ ވާހަކައެއް އޮންނާނެތަ؟ ފުންނޭވާއެއް ލާފަ ހަމަޖެހިބަލަ އަޒްހާ!" އެކި ގޮތްގޮތަށް އަޒްހާ އޭނާގެ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

އޭނާ އެފަދަ ޚިޔާލުތަކެއްގައި ހުއްޓާ ރިއުމާން އޭނާގެ ފިރިހެންވަންތަ ހިނގުމުގައި އައިސް އަޒްހާއާ ދާދި ގާތުގައި މަޑުކޮށްލުމާއެކު، އަޒްހާއަށް ބުމަ އަރުވައިލަމުން ދެލޯވެސް ބޮޑުކޮށްލެވުނެވެ. މީހާ އެކީ ފިނިވުމާއެކު، އޭނާއަށް އެއް އަތުން އަނެއް އަތްތިލައިގައި ހިފައްޓާ ބާރުކޮށްލެވުނެވެ. އެވަގުތު ރިއުމާން ބުނާނެ އެއްޗެއް ނޭނގި އޭނާއަށް ހުރިގޮތަށް ހުރެވުނީއެވެ.

(ނުނިމޭ)

ކޮމެންޓް 0