"ރިލެކްސް ބޭބީ... އަހަރެން ނޫޅެމޭ ކަމެއްކުރާކަށް..." ރިއުމާން އެއްލޯ މަރައިލަމުން ބުނެލިއެވެ. ރިއުމާންގެ އަމަލުތައް ހުރިގޮތުން އޭނާ އަވަހަށް އެތަނުން ނުދާނެކަން ސަޖަލްއަށް ފަހުމްވިއެވެ. އެއާއެކު އޭނާގެ ހާސްކަން ދެގުނަ ވެގެން ދިޔައެވެ.

ރިއުމާންއަކަށް ނޭނގޭތަ މީހުންގެ ތެރޭގައި ރިއުމާން ތިހެން އުޅުނީމަ އަހަރެން އިތުރަށް ރިއުމާންދެކެ ފޫހިވާނެކަމެއް..." ސަޖަލް މަޑުމަޑުން ބުނެލިއެވެ. އެތަނުގައި ތިބި މީހުންގެ ސަމާލުކަން އޭނާއަށް ލިބޭކަށް ސަޖަލް ނޭދެއެވެ. އެހެންވެ އޭނާ ވާހަކަ ދެއްކީވެސް ފުދޭވަރަކަށް މަޑުންނެވެ.

"ގައިމު ތީ ކުރިން ސަޖަލް އުޅުނު ގޮތެއް ނޫނެއްނު!" ރިއުމާން ބުނެލިއެވެ.

"މިހާރު އަހަންނާ ރިއުމާންއާ ދެމެދު ގުޅުމެއް ނެތްއިރު ރިއުމާންއަކަށް ތިހެނެއް ނުބުނެވޭނެ!" ސަޖަލްވެސް މަޑުމަޑުން ބުނެލިއެވެ. އެއަށްފަހު، އޭނާ އާދޭހާއެކު ރިއުމާން ކައިރީގައި ބުނެލީ އެތަނުން ދިޔުމަށެވެ. އެންމެންގެ ކުރިމަތީގައި އޭނާ ލަދުނުގެންނުވުމަށެވެ.

ރިއުމާން އިރުކޮޅަކު ސަޖަލްއަށް ބަލަހައްޓައިގެން ހުރުމަށްފަހު، އެތަނާ ދުރަށް ހިނގައިތަވެެ. ވަކި ހިސާބަކަށް ގޮސް އޭނާ ފަސް އެނހުރި ބަލަިއލިއެވެ. ސަޖަލް އެންމެ ފަހަރަކުވެސް އޭނާއާ ދިމާލަށް ބަލައިނުލުމުން، އޭނާގެ ހިތަށް ކޮންމެވެސް ވަރަކަށް ތަދުވިިއެވެ.

ރިއުމާން ދިޔައީ އޭނާގެ އެޕާރޓްމެންޓަށެވެ. މާލޭގައި ބައްޕަގެ ބޮޑު ގެއެއް ހުރިނަމަވެސް ރިއުމާން ވަކިން އުޅެން ނިންމީ ވަރަށް ވިސްނުމަށްފަހުއެވެ. އާއިލީ މައްސަލަތަކުގެ ތެރޭގައި ބޯ ގޮވައިގެން އުޅެން އޭނާ ބޭނުންނުވީއެވެ. ކުޑައިރުއްސުރެ އޭނާއަށް ފެންނަމުންދިޔަ މަންޒަރުތަކަކީ، އޭނާއަށް އުނދަގޫކުރުވަނިވި މަންޒަރުތަކެކެވެ. އޭނާގެ ޅަ ސިކުނޑިއަށް އެކަންތައްތައް ނަގއިގަންނާކަށް ފަސޭހައެއް ނުވިއެވެ. އާއިލާއަކީ ކިތަންމެ މުއްސަނދި އާއިލާއަކަށް ވީނަމަވެސް، ދިރިއުޅުމުގެ ޙަޤީޤީ ފޮނިކަން އޭނާއަށް އިޙްސާސެއް ނުކުރެވުނެވެ. އެ އެކަނިވެރިކަމުގައި އޭނާގެ ހަޔާތް ވޭތުކުރަމުން ދަނިކޮށް އެ ޙަޔާތަށް ސަޖަލް އައުން ވެގެންދިޔައީ އޭނާގެ ހިތަށް ކުޑަވެސް ހަމަޖެހުން ލިބުނު ކަމަކަށެވެ. ފާރުވެފައިވާ ޒަހަމްތަކުގައި ސަޖަލްގެ ލޯބިވެތި އާދަތަކުން ގަނޑުފެން އަޅައިދިން ފަދައެވެ. ވަކިނުވާންވީ އެތަކެއް ވައުދުތަކުގެ ސަބަބުން ރިއުމާންއަށް ކުޑަ ހިނދުކޮޅަކަށްވިޔަސް އޭނާގެ އެ މާޒީގެ ހިތި ހަނދާންތަކުންް ލިބުނު ވޭނަށް ކޮންމެވެސް ކަހަލަ ޝިފާއެއް ލިބި ތަސައްލީއެއް ލިބިގެން ދިޔައެވެ. އޭނާ އިންތިހާއަށް ސަޖަލް ދެކެ ލޯބިވިއެވެ. އަންހެނުންނަށް އިތުބާރު ކުރުމަކީ ހަޔާތުގައި ނުކުރެވޭނޭ ކަމެއްކަމަށް ނިންމައިގެން ހުއްޓާ އޭނާގެ ހަޔާތަށް އެ އަންހެން ކުއްޖާ އައިސް އެ ހުރިހާކަމެއް ބަދަލުކުރުވިއެވެ. އެންމެން އެއްގޮތެއް ނުވާނެކަމަށް ސަޖަލް އޭނާއަށް ދަސްކޮށްދިނެވެ. ލޯބީގެ ލައްޒަތަކީ ކިހާ ފޮނި މީރު އެއްޗެއްކަން އެ އަންހެން ކުއްޖާ އޭނާއަށް އިޙްސާސްކޮށްލަދިނެވެ.

އެކަމަކު މިއަދު އެ އަންހެންކުއްޖާ ވެސް އޭނާގެ ހިތަށް އެ ދެނީ އަނިޔާއެވެ. އެ ހިތުގައި އުފެދިގެން އުޅޭ ގިލަންވެރިކަމާއި ހިތްދަތިކަމުގެ ސިލްސިލާއަށް ނިމުން އަންނާނީ ކިހިނެއްހެއްޔެވެ؟ ސަޖަލްމަތިން އޭނާއަށް ދުވަހަކުވެސް ހަނދާނެއް ނައްތަލައެއް ނުލެވޭނެއެވެ. އޭނާ އެއަށްވުރެ ބޮޑަށް ސަޖަލް ދެކެ ލޯބިވެއެވެ. އެކަން ސަޖަލްއަށް އިޙްސާސްނުވަނީ ކީއްވެހެއްޔެވެ؟ ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތްއިރު މާޒީގެ ޚިޔާލުތައް އޭނާއަށް އުނދަގޫކުރަން ފެށިއެވެ. އެ ޚިޔާލުތަލުން ދުރުވާކަށް ރިއުމާން މަސައްކަތެއް ނުކުރިއެވެ. ސަޖަލްއާއެކު އުޅުނު އެ ދުވަސްތައް ލިބުމަށް އެދި އޭނާއަށް ހިތާ ހިތުން އެދެވެން ފެށިއެވެ.

*****

ސަޖަލް ރިއުމާންގެ ކެބިންއަށް ވަނީ ޓަކި ޖަހާލުމަށްފަހު، ރިއުމާން އާއެކޭ ބުނެލި އަޑު އިވުމުންނެވެ. އޭނާ އަތުގައި ހުރި ފައިލްތައް ހިފައިގެން ގޮސް ރިއުމާންގެ މޭޒުގެ ކުރިމަތީގައި ހުއްޓުނެވެ.

"މީޓިންއަށް ރެޑީތަ؟" ރިއުމާން އަހައިލިއެވެ. ސަޖަލް އެތަނުން ފައިލެއް ހުޅުވައިލާ މީޓިންގެ އެޖެންޑާ ރިއުމާންއަށް ދައްކައިލިއެވެ.

ދެން މީޓިންއަށްފަހު، މި ކްލައިންޓާ ބައްދަލުކޮށްލަންވެސް އެބަ ދާންޖެހޭ..." ސަޖަލް ޝެޑިއުލް ރިއުމާންއަށް ކިޔައިދެމުންދިޔައިރު ރިއުމާންއަށް ކަޅި ޖަހައިނުލާ ބެލެނީ ސަޖަލްއަށެވެ. އެ ތުނި ހަށިގަނޑާއި ގުޅޭ ގަމީސް ހެދުމެއްގައި ސަޖަލް ހުރިއިރު އިސްތަށިގަނޑު ވަނީ ދޫކޮށްލާފައެވެ. ތުންފަތުގައި މަޑު ފިޔާތޮށިކުލައެއް ޖައްސާލާފައިވާއިރު، އެ ދޮން މޫނާ ނުހަނު ގުޅެއެވެ.

"ސާރ..." ރިއުމާންގެ ފަރާތުން ޖަވާބެއް ނައުމުން ސަޖަލްއަށް ރިއުމާންއަށް ގޮވައިލެވުނެވެ.

އާނ... އާނ ކީކޭ؟" ތެޅިގަނެފައި ރިއުމާންއަށް ބުނެވުނެވެ. ސަޖަލް އޭނާ ބުނި ވާހަކަ ތަކުރާރުކޮށްލިއެވެ.

ރިއުމާން ބޯ ޖަހައިލުމަށްފަހު، ސަޖަލް ދިޔަޔަސް އެންމެ ރަނގަޅުކަމުގައި ބުނެލިއެވެ. ސަޖަލް ނުކުތްތަން ބަލަން އިނުމަށްފަހު، ރިއުމާން އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ. ހިތާ ސިކުނޑީގައި ވަރުގަދަ ހައިޖާނުގަނޑެއް އުފެދިއްޖެއެވެ. އެ އަންހެން ކުއްޖާ ފެނުމުން އެހިތަށް ވަނީ އާދަޔާ ޚިލާފު ގޮތްތަކެކެވެ. ފުރަތަމަ ފެނިލުމުން އެކަނިވެސް އެ އަންހެން ކުއްޖާ އޭނާއަށް ޚާއްސަވިއެވެ. އެކަމާ ކިތަންމެ ދެކޮޅު ހަދަން ބޭނުންވިނަމަވެސް ރިއުމާންއަށް އެކަން ކުރަން އުނދަގޫވިއެވެ. އަންހެނުންނަކީ އެއްކަހަލަ ބައެއްކަމުގައި އޭނާ ސިކުނޑިއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. މައުސޫމް މޫނުގެ ފަހަތުގައި ފޮރުވައިގެން އުޅޭނީ ކޮންފަދަ މަކަރުވެރިކަމެއްކަމެއް ނޭނގެއެވެ.

"އަހަންނަށް ކިހިނެއްތަ މިވަނީ... ކީއްވެތަ އެ އަންހެން ކުއްޖާއާ މެދު މި ވަރަށް މި ވިސްނެނީ ރިއުމާންއަށް ބޮލުގައި ހިފައްޓައިލެވުނެވެ.

މީޓިން ނިންމާލުމަށްފަހު، ކްލައިންޓާ ބައްދަލުކުރަން ދިޔައިރުވެސް ރިއުމާން ދިޔައީ ސަޖަލް ގޮވައިގެންނެވެ. ސަޖަލް ކާރުތެރޭގައި އިނދެގެންވެސް ކުރިއަށް ހުރި ދުވަހުގެ މަސައްކަތްތަކުގެ ޝެޑިއުލް ރިއުމާން އާ ހިއްސާކުރިއެވެ. އެއިން ކޮންމެ ވާހަހަކައަކަށް ރިއުމާން ދިޔައީ ބޯ ޖަހަމުންނެވެ.

ކްލައިންޓާ ބައްދަލުކޮށް ނިންމާލުމަށްފަހު، ސަޖަލްއާ ރިއުމާން އާ ދެމީހުން ނުކުމެ ކާރަށް އަރަން ދަނިކޮށް ދެމީހުންނަށްވެސް ސިހުން ގެނުވީ ފިރިހެންވަންތަ އަޑަކުން ސަޖަލްގެ ނަމުން މީހަކު ގޮވައިލުމާއެކުގައެވެ.

"ސަޖޫ..."

"ނިހާލް... މިތާތަ ވޯކްކުރަނީ؟" ސަޖަލްއަށް ވެސް ބުނެވުނެވެ. ނިހާލްއަކީ ސަޖަލްއާ އެކީގައި ކިޔެވި ކުއްޖެކެވެ. ސަޖަލް ހީލުމަށްފަހު، ނިހާލްއާ ވާހަކަ ދެއްކިއެވެ. އެތަން ބަލަން ހުރުމަށްފަހު، ރިއުމާން ގޮސް ކާރަށް އެރިއެވެ. ސަޖަލްވެސް ހީލުމަށްފަހު ކާރަށް އަރަން މިސްރާބުޖެހިއެވެ. ސަޖަލްގެ ތުންފަތުގައިވި ހިނިތުންވުން ފެނި ރިއުމާންއަށް ދެ ބުމަ ގާތް ކޮށްލެވުނެވެ. ސަޖަލް އެހާ ގާތްކޮށް ފިރިހެން ކުއްޖަކާ ވާހަކަ ދައްކާތަން ފެނި އޭނާގެ ހިތަށް ނޭނގޭ އުނދަގުލެއް ވިއެވެ.

ހުންގާނުގައި ޖަހަލެވުނު ވަގުތަކީ ސަޖަލް އައިސް ކާރަށް އެރިވަގުތެވެ. ސިހިފައި ރިއުމާންއަށް ބަލައިލި ސަޖަލްއަށް ކުޑަކޮށް ދެލޯ ވެސް ބޮޑުކޮށްލެވުނެވެ. ރިއުމާން ކާރު ނުދުއްވާ ގިނައިރު އިންނަން ފެށުމުން ސަޖަލް ރިއުމާންއަށް ގޮވައިލިއެވެ.

"ސާރ!"

ފުން ނޭވާއެއް ދޫކޮށްލި ރިއުމާން ސަޖަލްއަށް ބަލައިލިއެވެ. ސަޖަލްއަށް އޭނާގެ ހިތުގެ ޙާލު އެނގޭނީ ކިހިނެއްހެއްޔެވެ؟ރިއުމާންގެ ހިތުގައި ތަފާތު ޝުއޫރުތައް ދައުރުވަމުން ދިޔައެވެ.

އޭނާ ހަމަބިމަށް އާދެވުނު ފަދައަކުން ކާރު ސްޓާރޓްކޮށްލިއެވެ. އެއަށްފަހު ދުއްވައިލިއެވެ. ވާނުވާ ނޭނމގިފައި ސަޖަލްއަށް ވެސް އިނދެވުނީ ރިއުމާންއަށް ބަލަހައްޓައިގެންނެވެ. ރިއުމާންގެ މިޒާޖަށް އައި ކުއްލި ބަދަލު ދެނެގަންނަން އޭނާ ނުކުޅެދުނެވެ.

"ސާރ... މާދަމާގެ ޝެޑިއުލް މިއަދު ފޮނުވައިލަންވީތޯ..." ތަނުގައިވި ނުތަނަވަސްކަން ދުރުކޮށްލަމުން ސަޖަލް ސުވާލުކޮށްލިއެވެ.

"މާދަމާ ހެނދުނު އަހަންނަށް ކިޔައިލަ ދިނީމަ ރަނގަޅުވާނެ!" ރިއުމާން ސަޖަލްއަށް ބަލައިލުމެއްނެތި ބުނެލިއެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި ދައުރުވަނީ ސަޖަލްއާއި އެ ޒުވާނާގެ ޚިޔާލުތަކެވެ.

"އެއީ ކާކުތަ؟ ހީވަނީ ވަރަށް ގާތް ކުއްޖެއްހެން..."

ރިއުމާން އެންމެ ފަހުން ސުވާލުކޮށްލީ އޭނާއަށް ކެތްނުވުމުންނެވެ. ކުއްލިއަކަށް ރިއުމާން އެ ސުވާލުކުރުކުން އިސް އުފުލައިލަމުން ސަޖަލްއަށްވެސް ރިއުމާންއަށް ބަލައިލެވުނެވެ. އޭރު ރިއުމާންވެސް އިނީ ސަޖަލްއަށް ނަޒަރު ހުއްޓާލައިގެންނެވެ. އެހެންނަމަވެސް ސަޖަލް ހަމަ ބަލައިލުމާއެކު އޭނާ މަގަށް ސަމާލުކަން ދިނެވެ.

"އެއީ... އެއީ އަހަރެންގެ ރައްޓެއްސެއް..." ސަޖަލް ބުނެލިއެވެ. ރިއުމާން އެވަރަކުން އެ ސުވާލު ކުރުމުގެ އެއްވެސް ސަބަބެއް އޭނާއަށް ނުވިސްނުނުކަން އޭރު އެމޫނުމަތިން ދޭހަވަމުން ދިޔައެވެ.

"އެއްޗެކޭ ހީނުކުރައްޗޭ! އަހަރެން ހަމަ އަހައިލީ..." އެއީ ސަޖަލްގެ ރައްޓެއްސެއްކަން އެނގުމުން ރިއުމާންއަށް ލިބުނު ހިތްހަމަޖެހުމާއެކު އޭނާއަށް ބުނެވުނެވެ. ސަޖަލްވެސް ބޯ ޖަހައިލިއެވެ.

ދެމީހުން ދިޔައީ އޮފީހަށެވެ. ގޮސް ބާކީ މަސައްކަތްތައް ކުރުމަށްފަހު، ސަޖަލް ގެއަށް ދާން ނުކުތެވެ. އޭނާ ސައިކަލު ޕާކުކޮށްފައިވާ ހުރި ތަނަށް ގޮސް އަރާ ދުއްވައިލިއިރު އޭނާއަށް ބަލަން ރިއުމާން ހުރިކަމެއް އޭނާއަކަށް ނޭނގެއެވެ. ރިއުމާން ފުންނޭވާއެއް ދޫކޮށްލުމަށްފަހު، ކާރަށް އަރާ ދުއްވައިލިއެވެ. އޭނާ ސަޖަލްގެ ފަސް ފަހަތުން ދިޔައެވެ. ސަޖަލް ގެއަށް ވަނުމުން އޭނާވެސް މިސްރާބުޖެހީ ގެއަށެވެ.

*****

ރިއުމާންއަށް ސިހުން ގެނުވީ އޭނާގެ ފޯނު ރިންގް ވުމާއެކުގައެވެ. ގުޅަނީ ބައްޕަ ނާޝިދުކަމަށް ވުމާއެކު ރިއުމާން ދެ ޚިޔާލެއްގައި ހުރެފައި ފޯނު ނެގިއެވެ.

"ރިއުމާން މިއަދުވެސް އިއްޔެވެސް އޮފީހަށް ނުދާތީ މިގުޅައިލީ... ބަލިވެތަ ތިއުޅެނީ؟" ނާޝިދު ބުނެލިއެވެ.

"ބަލިވެޔެއް ނޫން!" ރިއުމާންގެ ޖަވާބު ކުރެވެ.

"ދެން ކީއްވެ އޮފީހަށް ނުދަނީ؟ ގެއިން ނުކުތް ގޮތަށް އޮފީހުންވެސް ކެނޑެންތަ ތިއުޅެނީ...؟" ނާޝިދުގެ އަޑުގައި ހިސާބެއްގެ ހަރުކަށިކަމެއް ވިއެވެ.

ރިއުމާން އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ. އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ.

"ރިއުމާން... އަަހަރެން އެބަ ވާހަކަ ދައްކަމޭ..." ނާޝިދު ބުނެލިއެވެ.

"މާދަމާ އޮފީހަށް ދާނަން!" ރިއުމާން އަނެއްކާވެސް ދިނީ ކުރު ޖަވާބެކެވެ. ނާޝިދުގެ ފޯނު ކޯލު ނިންމައިލަމުން ރިއުމާން ވިިސްނައިލިއެވެ. އޭނާއާއި ނާޝިދުގެ ގުޅުން ރަނގަޅެއް ނޫނެވެ. ރިއުމާން އެނދުން ތެދުވަމުން ގޮސް ލޯގަނޑު ކުރިމައްޗަށް ހުއްޓުމަށްފަހު، ޓީޝާޓް ބޭލިއެވެ. އެއަށްފަހު ކުޑަކޮށް އެނބުރިލާފައި އޭނާގެ ބުރަކައްޓަށް ބަލައިލިއެވެ. އެ ބުރަކަށީގައި އިން ބޮޑު ލަކުނު އޭނާގެ ލޮލުގައި އަޅައިގަތުމާއެކު އޭނާއަށް ދެ އަތް މުށްކަވާލެވުނެވެ. ހީވަނީ އަދިވެސް އޭނާއަށް އެ ދިލަ ތަދު އިޙްސާސްކުރެވޭ ހެންނެވެ. ދެލޯ މަރައިލުމާއެކު ލީ ފުންނޭވާއާއެކު އޭނާ ހަމަޖެހެން މަސައްކަތް ކުރިއެެވެ.

*****

އެއީ ރިއުމާންގެ އުމުރުން އެންމެ ހަތް އަހަރެވެ. އޭނާ ކޮޓަރީގެ ފާރުގައި ލެނގިލައިގެން ކަކޫ މޭގައި ޖައްސާލައިގެން އިންއިރު އެ ބޮޑު ދެލޮލުގައި ކަރުނައިގެ މުތީތައް އޭރުވެސް ވިދަމުން ދިޔައެވެ. ކަރުނަތައް ހުއްޓުމެއް ނެތި ރޮނގަކަށް ފައިބަމުން ދިޔައިރުވެސް އޭނާ ބެލީ އަނގައިން އަޑެއް ލައްވައި ނުލާވޭތޯއެވެ. މޫނުމަތީގައި އެއްވެސް އިޙްސާސްއެއް ނެތެވެ. އެހެންނަމަވެސް އެހިތް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ. އަތުން ބާރަށް ފައިގައި އަތް އަޅުވާލައިގެން އިން ރިއުމާން އިރުއިރުކޮޅަކާ ފުންނޭވާއެއް ލައެވެ. އޭރުވެސް ދެމީހަކު ޒުވާބު ކުރާ އަޑު ކެނޑި ނޭޅި ކޮޓަރި ތެރެއަށް އިވެމުން ދިޔައެވެ. އެ އަޑުތައް އަހަން އުނދަގޫވެގެން އެންމެ ފަހުން ރިއުމާން ކަންފަތުގައި ބާރަކަށް އަތް އަޅައިލީ އޭނާއަށް އުނދަގޫވަމުން ދިޔައީތީއެވެ. އެއީ އޭނާއަށް އާ އަޑުތަކެއް ނޫނެވެ. އެންމެ ކުޑައިރުއްސުރެ ވެސް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާއަށް އެ އަޑުތައް އިވެއެވެ. ކޮންމެ ދުވަހަކު އިވުނު ކަމުގައި ވީނަމަވެސް އޭނާއަށް ދުވަހަކުވެސް ނުހޭނުނު އަޑުތަކެއްކަމުގައި އެ އަޑުތައް ވިއެވެ.

އެތައް އިރެއް ވީއިރުވެސް އެ އަޑުތައް ނުކެނޑުމުން ރިއުމާން މަޑުމަޑުން ތެދުވެލިއެވެ. އެއަށްފަހު އޭނާ ކޮޓަރިން ނުކުންނަން މިސްރާބުޖެހިއެވެ. ލަސް ފިޔަވަޅުތަކެއްގައި އޭނާ ކޮޓަރިން ނުކުތް އިރުވެސް ކަރުނަތައް ހުއްޓުމެއްނެތި ފައިބަމުން ދިޔައެވެ. އޭނާގެ ކޮޓަރިން ނުކުމެގެން އޭނާ މިސްރާބުޖެހީ މަންމަމެން އުޅޭ ކޮޓަރިއާ ދިމާލަށެވެ. އެ ހިސާބާ އަރާ ހަމަވިއިރު ކުޑަކޮށް ދޮރު ހުޅުވިފައި ހުރިތަން އޭނާގެ ލޮލުގައި އަޅައިގަތެވެ. މަޑުމަޑުން އެ ދޮރު ކައިރިއަށް ޖެހިލުމަށްފަހު، ރިއުމާން އެ ދޮރުން އެތެރެެއަށް ބަލައިލިއެވެ. އެއާއެކު ފެނުނު މަންޒަރުން އޭނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އަނގަމަތީގައި އަތް އަޅައިލެވުނީ އަޑު ބޭރުވިޔަ ނުދިނުމަށެވެ. އޭނާ ބަލަންހުއްޓާ ބައްޕަ ނެގީ އިސްތިރިއެވެ.

އޭރުވެސް މަންމަ ހަޅޭއްލަވަމުން ދިޔައެވެ. މަންމަ އޮތީ ޓައިލްސްތަކު މަތީގައެވެ. ރިއުމާން ބަލާކަށް ނުކުރެ ގޮސް މަންމެގެ އުނަގަނޑުގައި ހިފި ވަގުތަކީ، ބައްޕަ ވެސް އިސްތިރި ޖެއްސި ވަގުތެވެ. އެއާއެކު ރިއުމާންއަށް ހަޅޭއްލަވައިގަނެވުނީ އޭނާއަށް ތަދުވީ ވަރުންނެވެ.

(ނުނިމޭ)

ކޮމެންޓް 0