"މާން... ކީކުރަންތަ ތިއުޅެނީ..."
"ކޯޑު ޖަހާބަލަ..." ރިއުމާން ރުޅިއައިސްގެން ބުނެލިއެވެ. އެއާއެކު ސަޖަލް ފޯނުގެ ކޯޑު ޖަހައިލިއެވެ.
"އެކަމަކު ރިއުމާން ކީކުރަންތަ ތިއުޅެނީ؟" ރިއުމާން ސަޖަލްގެ ފޯނުން އެއްޗެހިތަކެއް ބަލަން ފެށުމުން ސަޖަލްއަށް ބުނެވުނެވެ.
"މަޑުން ހުރެބަލަ!" ރިއުމާން ސަޖަލްއަށް ބަލައިލަމުން ބުނެލިއެވެ. އެއަށްފަހު އޭނާ ސަޖަލްގެ ފޯނުގައި ހުރި މެސެޖުތައް ބަލަން ފެށިއެވެ. ފޭސްބުކާއި މެސެންޖާއާއި ވައިބާއާއި އެހެން ސޯޝަލް މީޑިއާގެ އެކައުންޓުތައް ވެސް ބެލިއެވެ.
"މީ ކާކު؟" ވަކި ހިސާބަކުން ރިއުމާން އޭނާގެ ހަރަކާތް މަޑުޖައްސައިލުމަށްފަހު، މެސެންޖާއިން ސަޖަލް ފިރިހެން ކުއްޖަކާ ވާހަކަ ދައްކާފައި އިން ކޮންވަރސޭޝަންއެއް ދައްކައިލަމުން ބުނެލިއެވެ.
"ތީ... އަހަރެންގެ އެކުވެރިއެކޭ، އޭނަ މެލޭޝިއާގައި ހުރެފައި ރާއްޖެ އައިސް ހުރިހާ އެކުވެރިންނާ ބައްދަލުކޮށްލަން ބޭނުންވާ ކަމަށް ބުުނުމުން އަހަރެން ތިއަށް ޖަވާބު ދިނީ" ސަޖަލް ބުނެލިއެވެ. އޭނާއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.
"ދެން މީ ކާކު؟" އިތުރު މީހަކު ދައްކައިލަމުން ރިއުމާން ބުނެލިއެވެ.
"ތީ ތިމާގެ ކުއްޖެއް... ކަޒިންއެއް... " ސަޖަލް އަނެއްކާވެސް ބުނެލިއެވެ.
"ރިއުމާންއަކަށް ތީގެން އަހަރެން ބެލޭމްކުރެވޭ އެއްވެސް އެއްޗެއް ނުފެންނާނެ..." ސަޖަލް އެންމެ ފަހުން ރުޅި އައިސް ބުނެލިއެވެ. އޭނާއަށް ރިއުމާންގެ އެ އަމަލުން އުނދަގޫވިއެވެ. ރިއުމާން އޭނާއަށް އިތުބާރު ނުކުރާކަމުގައި، އޭނާގެ ސިކުނޑި އޭނާއަށް ބުނެދިނެވެ.
"ހެވޭ އަހަންނަށް... ނުޖެހޭ ފިރިހެން ކުދިންނާ ވާހަކަ ދައްކާކަށް..." ރިއުމާންގެ އަޑުގައިވަނީ ނުރުހުމެވެ. އޭނާ ސަޖަލްއަށް ބަލައިލިއިރު ވެސް އެ އަޑުގައިވަނީ ރުޅިވެރިކަމެވެ.
"ކީއްވެތަ މާން އަހަންނަށް އިތުބާރު ނުކުރަނީ؟ ތިހެން އަހަރެންގެ ފޯނުގަ ހުންނަ އެއްޗެހި ބަލާނީ އަހަންނަށް އިތުބާރު ނުކުރާތީ ދޯ. ގައިމު އަހަރެންވެސް މާންގެ ފޯނުގަ ހުންނަ އެއްޗެއްސެއް ނުބަލަމެއްނު. އިތުބާރު ނުކުރަންޏާ ކިހިނެއް ދެމީހުން އެކުގަ އުޅޭނީ... ގެނޭ އަހަރެންގެ ފޯނު..." ސަޖަލް އެންމެ ފަހުން ބުނެލިއެވެ. ރިއުމާންގެ އެގޮތަށް އަމަލު ކުރުމަކީ އޭނާއަށް ގަބޫލުކުރެވުނު ކަމެއްނޫނެވެ. ތަންކޮޅެއް ބާރަށް އޭނާއަށް އެހެން ބުނެވުނީވެސް އެހެންވީމައެވެ.
"އަން. މިއޮތީ ފޯނު. އަހަންނަށް ހެޔޯ މީގެން ކޮންމެ ފަދަ ކަމެއް ކުރިޔަސް..." ރިއުމާން ސަޖަލްއަތަށް ފޯނު ދިނެވެ. ސަޖަލްވެސް ފޯނު ހިފައިގެން ނުކުމެލުމަށްފަހު، ފުންނޭވާއެއް ދޫކޮށްލިއެވެ.
ޖެހިގެން އައި ދުވަހު ވެސް އޭނާއާ ރިއުމާންއާ ދެމެދު މާގިނަ ވާހަކައެއް ނުދެކެވެއެވެ. ސަޖަލް އިސްވެ ވާހަކަ ދައްކަން ބޭނުންނުވެ ހުރެފައިވެސް، އެންމެ ފަހުން މާފަށް އެދުނީ އޭނާވެސް ރިއުމާން ދެކެ ލޯބިވާތީއެވެ. ދެމެދުގައި އެފަދަ މައްސަލަަތައް ޖެހޭކަށް ސަޖަލް ބޭނުންނުވާތީއާ ވެސް އެކުގައެވެ. އެފަދަ ކުދިކުދި ކަންތައްތަކުގައި މައްސަލަ ޖެހޭނަމަ ހަމަޖެހިގެން ނޫޅެވޭނޭކަމަށް އޭނާއަށް ވެސް، ޤަބޫލުކުރެވެއެވެ.
ސަޖަލް މާފަށް އެދިފައި، ރިއުމާންއަށް މެސެޖު ފޮނުވުމާއި އެކު ރިއުމާން ވެސް، ރިޕްލައި ކޮށްލިއެވެ. ހީވީ އޭނާ ސަޖަލްގެ މެސެޖަކަށް އިންތިޒާރުކުރަމުން ދިޔަހެނެވެ.
ދުވަސްތައް އެގޮތުގައި ފާއިތުވަމުން ދިޔައެވެ. ދޭތެރެ ދޭތެރެއިން އެފަދަ ކޫސާނީ ކަންތައްތަކާ އެ ދެމެދުގައި މައްސަލަތައް ޖެހެއެވެ. ރިއުމާން ސަޖަލްގެ ފޯނުވެސް ޗެކްކުރެއެވެ. ސަޖަލް އެކަމާ ހިތްހަމަނުޖެހުނަސް އެއްޗެއް ނުބުނަނީ އޭނާ އެއްޗެއް ބުންޏަސް ރިއުމާން ހިތްހަމަ ނުޖެހޭތީއެވެ. ރިއުމާން ކޮންމެ ފަހަރަކުވެސް ބުނަނީ ލޯބިވަންޏާ ދައްކަން ނުޖެހޭ އެއްޗެއް ފޯނުގައި ނުހުންނާނޭ ކަމުގައެވެ. އެއީ ރިއުމާން އޭނާ ދެކެ ލޯބިވާތީ އަދި އޭނާ ގެއްލެން ނޭދޭތީ ރިއުމާން އުޅޭ ގޮތެއްކަމުގައި ސަޖަލްވެސް ވެސް ހީކުރެވުނެވެ. އޭނާ ގިނަ ފަހަރު އެއްޗެއް ނުބުނެ ހުންނަނީވެސް ރިއުމާންއާ މައްސަލަ ޖެހެން ބޭނުންނުވާތީއެވެ. އޭނާ ރިއުމާން ދެކެ އިންތިހާ ލޯބިވެއެވެ. ރިއުމާން އޭނާދެކެ ރުޅި އައުމުން އޭނާ އެހާވަރަށް ދެރަވަނީވެސް އެހެންވެއެވެ.
އެއީވެސް އާދައިގެ ދުވަހެކެވެ. ސަޖަލް އޮފީސް ނިންމާފައި ނުކުމެ ސައިކަލާ ދިމާލަށް މިސްރާބުޖެހިތަނާ ރިއުމާން އެ އައި ގޮތަށް އައިސް ސަޖަލްގެ އަތުގައި ހިފެއްޓިއެވެ. އެއާއެކު ސަޖަލްއަށް ސިހިފައި ބަލައިލެވުނެވެ.
"މާން... ކިހިނެއްވީ؟ މީ އޮފީސް ކުރިމައްޗޭ، މީހަކަށް ފެނިދާނެ..." ސަޖަލްއަށް ބުނެވުނެވެ. އޭނާއަށް ރިއުމާންގެ އަތުތެރެއިން އަތް މިނިވަން ކުރަން އަވަސްވެގަނެވުނީ އެމީހުން އެތިބިތަން މަތިން ހަނދާންވެފައެވެ.
"އަހަރެން އަތްލީމަ ސަޖަލް ތިހާ ނުރުހެނީ ކީއްވެތަ؟ އަހަރެން އިނގިލި ކުރި ޖައްސައިލިޔަސް ތިވަރު ވާން ޖެހޭތަ؟" ރިއުމާން ބުނެލިއެވެ.
"މިހާރު ކޮންކަމަކާތަ މާން ހިތްހަމަ ނުޖެހުނީ... އަހަރެން ގާތުވެސް ބުނެލަބަލަ..."
"އަހަންނާ އެކު އަހަރެން ގެއަށް ދާން ކެރޭނެ؟..." ރިއުމާން ކުއްލިއަކަށް ސުވާލުކޮށްލިއެވެ.
"އެކަމަކު ކީކުރަން؟" ސަޖަލްއަށް ބުނެވުނެވެ.
"އަހަރެން ނޫޅެމޭ ސަޖަލްއަށް ކަމެއް ކުރާކަށް. ހަމައެކަނި ވާހަކަ ދައްކައިލަން..." ރިއުމާން ބުނެލިއެވެ.
"އެކަމަކު...."
"ސަޖަލް އަހަންނަށް އިތުބާރު ނުކުރާތީ ދޯ ނުދާނީ..." ރިއުމާން ސަޖަލްގެ އަތުން އަތް ދޫކޮށްލިއެވެ.
"މާން... ތިހެން ރުޅި ނާދެބަލަ...އަހަންނަށް ކީއްތަ ކުރެވުނީ..." ސަޖަލްއަށް އޭނާއަށް ގޯސްކޮށް ކުރެވުނު އެއްވެސް ކަމެއް ނޭނގުނެވެ. އެހެންކަމުން އޭނާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.
"އިތުބާރުކުރަންޏާ އަހަންނާއެކު ހިނގާ.." ރިއުމާން ބުނެލިއެވެ. އެންމެ ފަހުން ހަތިޔާރުބަހައްޓަން ޖެހުނީ ސަޖަލްއަށެވެ. ރިއުމާން އާއެކު ކާރަށް އަރާ އޭނާ އިިށީނުމާއެކު، ރިއުމާން ކާރު ދުއްވައިލިއެވެ. އޭރުވެސް ސަޖަލްގެ ހިތުގައި ތަފާތު އެއްޗެހި ދައުރުވަމުން ދިޔައެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.
"ކީއްވެތަ މިއަދުވެސް އެ ފިރިހެނާއާ އެހާ ގާތްކޮށް ވާހަކަ ދެއްކީ..." ކުއްލިއަކަށް ރިއުމާން އަހައިލިއެވެ. އެއާއެކު ސަޖަލްއަށް ސިހިފައި ރިއުމާންއަށް ބަލައިލެވުނެވެ. ރިއުމާން ރުޅިއައިސްގެން އުޅޭ ސަބަބު އެނގި ސަޖަލްއަށް އަނެއްކާވެސް، ދޫކޮށްލެވުނީ ފުން ނޭވާއެކެވެ.
"މާން.... އެކަމާތަ މިއަދުވެސް ހިތްހަމަ ނުޖެހުނީ... އެއް އޮފީހެއްގައި އުޅޭއިރު ވާހަކަވެސް ދައްކަން ޖެހޭނެ. އަނގައިންވެސް ބުނަން ޖެހޭނެ. އެކަމަކު އޭގެ މާނައަކީ އަހަންނާ އެމީހަކާ ގުޅުމެއް އޮންނަނީއެއް ނޫނެއްނު..." ސަޖަލްއަށް ބުނެވުނެވެ.
ރިއުމާން އޭނާގެ، ގެ ކައިރިއަށް ކާރު ހުއްޓައިލުމަށްފަހު، ކާރުގެ ދޮރު ހުޅުވާލާފައި، ނުކުތުމުން ސަޖަލްވެސް ނުކުމެލިއެވެ. އެއަށްފަހު އޭނާ ރިއުމާންގެ ފަހަތުން ހިނގައިގަތެވެ. އޭރުވެސް ރިއުމާން ކުރަން އުޅޭ ކަމެއް ނޭނގި އޭނާ ހުރީ ހާސްވެފައެވެ. އެގޮތަށް ރިއުމާން އާއެކު އެކަނިވާތީ އޭނާގެ ހިތް އޭރުވެސް ބާރަށް ތެޅެމުން ދިޔައެވެ.
"ކިހިނެއްވީތަ؟ އަހަރެން ނޫޅެމޭ ކަމެއް ކުރާކަށް ބުނެފީމެއްނު!" ސަޖަލްގެ ނުތަނަވަސްކަން ރިއުމާންއަށް ފަހުމްވީނަމަވެސް އޭނާއަށް ރީއްޗަކަށް ވާހަކައެއް ނުދެއްކުނެވެ. އޭނާ އާއެކު ލިފްޓަށް އެރި ސަޖަލްއަށް ބަލައިލަމުން ރިއުމާން ބަޓަންއަށް ފިތައިލިއެވެ. އޭނާ އުޅޭ ފްލޯއަށް އައިސް ލިފްޓު ހުއްޓުމާއެކު އޭނާ ސަޖަލްއާއެކު ފޭބިއެވެ. ދޮރުފަތް ހުޅުވައިލުމަށްފަހު އޭނާ ސަޖަލްވަންނަން ތަން ދެއްކިއެވެ.
ސަޖަލް އެތެރެއަށް ވަދެ ވަށައިގެން ބަލައިލިއެވެ. އެއްކޮޓަރީގެ އެ އެޕާރްޓްމެންޓަކީ ތަނަވަސް ބޮޑު އެޕާރޓްމެންޓެކެވެ. އޭނާގެ އެއްފަރާތުގައި ނުކުމެވޭގޮތަށް ތަނަވަސް ބޮޑު ބެލްކަންޏެއް ވާއިރު ކައްކާތަންކޮޅާއި މޭޒު ވެސް ހުއްޓެވެ. ސޯފާއެއް ބެހެއްޓިފައިވާއިރު ސޯފާތަކުގެ ކުރިމަތީގައި ޓީވީ ރެކާއި ޓީވީ ހުއްޓެވެ. ރިއުމާން ސަޖަލްއަށް ބަލައިލުމަށްފަހު، އެދުނީ ސަޖަލްގެ ފޯނު ދިނުމަށެެވެ. ސަޖަލް ވިސްނަން ހުރެފައި ރިއުމާން ބުނެލި ގޮތަށް އޭނާގެ ފޯނު ރިއުމާންއަށް ދިނެވެ. ސޯފާތަކަށް އިޝާރާތް ކޮށްލުމުން ސަޖަލްވެސް ގޮސް އިށީނދެލިއެވެ. އޭނާ ރިއުމާންއަށް ބަލަން އިނީ ރިއުމާން ކުރާކަމެއް ނޭނގިފައެވެ.
އެތައް އިރަކު ރިއުމާން ސަޖަލްގެ ފޯނު ހިފައިގެން ހުއްޓެވެ. އޭނާ ހިތް ފުރޭ ވަރުވީ ކަންނޭގެއެވެ. ސަޖަލްއަތަށް ފޯނު ދީފައި އައިސް ސަޖަލްގެ އެއްފަރާތުގައި ރިއުމާން އިށީނދެލިއެވެ.
"ހިތްހަމަޖެހޭވަރު ވެއްޖެތަ؟" ސަޖަލްއަށް އެއްޗެއް ނުބުނެއެއް ނީނދެވުނެވެ. އޭނާއަށް އެހެން ބުނެވުނީވެސް ރުޅިއައިސް ހުރެއެވެ.
"ރުޅި އައީތަ؟" ރިއުމާން އަހައިލިއެވެ. އެ އަޑުގައި ހިސާބެއްގެ މަޑުމޮޅިކަމެއް ވިއެވެ. ސަޖަލް ރިއުމާންއަށް ބަލައިލިއެވެ.
"މާން... ޕްލީޒް ތިހެން ނަހަދަބަލަ... އަހަންނަށް އަދިވެސް އިތުބާރު ނުކުރެވެނީތަ؟ ކީއްވެތަ ތިހެން ތިވަނީ؟" ސަޖަލްއަށް ވެސް އަހައިލެވުނެވެ. އޭނާއަށް އާދޭސް އެކުލެވިގެންވީ ބެލުމަކުން ރިއުމާންއަށް ބަލައިލެވުނެވެ.
"އޯކޭ... އަހަރެންދެން ފޯނެއް ނުބަލާނަން އޯކޭއެއްނު..." ރިއުމާން ބުނެލިއެވެ. އެދުވަހު ސަޖަލް ރިއުމާންއާ ވަރަށް ވާހަކަ ދެއްކިއެވެ. އެފަދަ ގޮތަކަށް އެގުޅުން ހީނަރުވެގެންދާން ބޭނުންނުވާކަމަށް އޭނާ ބުންޏެވެ. ހަމައެއާއެކި ރިއުމާން އޭނާއަށް އިތުބާރުކުރުމަށްވެސް އެތަކެއް ފަހަރު އެދުނެވެ.
އެގޮތުގައި ދުވަސްތައް ފާއިތުުވަމުން ދިޔައެވެ. އެއީވެސް އާދައިގެ ދުވަހެކެވެ. ސަޖަލް އޮފީހުން ނުކުމެގެން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ގެ ކައިރީ ފިހާރެއަކަށް ވަދެފައި ނުކުތް ވަގުތު އެކުވެރި ނިހާލް ފެނިގެން ސަޖަލްއަށް މަޑުޖެހިލެވުނެވެ.
"އަނހާ. ސަޖަލް... މިތާތަ ގެ ހުންނަނީ؟" ނިހާލް އަހައިލިއެވެ.
"އާނ... މިތަނާ ދުރެއް ނުވާނެ... ނިހާލް ކީކުރަނީ މިހިސާބުގަ؟" ސަޖަލް އަހައިލިއެވެ.
"އަހަރެންވެސް ވަރަށް ފަހުން މިހިސާބަކަށް ޗޭންޗް ވީ... ކޭން ވީ ގޯ ކޮފީއަކަށް... އޭނި ކޮފީ ޝޮޕަށް... ބިޒީ ނޫނިއްޔާ..." ނިހާލް ބުނެލިއެވެ.
"އެހެން ފަހަރަކުން އޯކޭ ވާނެތަ؟" ސަޖަލް އަހައިލިއެވެ.
"ތި ދުވަހެއް ނާންނާނެއެއްނު... ދެން ހިނގާބަލަ... ގިނަ އިރެއް ނުވާނެޔޭ..." ނިހާލް ބުނެލިއެވެ. ސަޖަލް އެންމެ ފަހުން އެއްބަސްވިއެވެ. ދެމީހުން އެކުގައި ގޮސް ކޮފީ ޝޮޕަށް ވަދެ އިށީނދެލިއެވެ. އެކި އެކި ވާހަކަތަކުގައި ތިބެ ކޮފީ ނިންމައިލަމުން ދެ އެކުވެރިންވެސް ނުކުތެވެ.
"އޯކޭ... ކޮފީ ވެސް ނިމުނީ... ދެން ދަނީ އޭ..." ސަޖަލް ސައިކަލަށްއަރާ ދުއްވައިލިއެވެ. އޭނާ ގެ ކައިރީގައި ސައިކަލު ޕާކުކޮށްލާފައި ގެއަށް ވަންނަން ހިނގައިގަތެވެ.
ދޮރުފަތް ހުޅުވާލާފައި ސަޖަލް އެތެރެއަށް ވަތްހެން ހީނުވެ އޭނާ ފަހަތުން އައި މީހަކުވެސް އައިސް ގޭތެރެއަށް ވަނެވެ. އެއާއެކު ސަޖަލްއަށް ފަހަތަށް ބަލައިލެވުނެވެ. އޭނާ ސިހުނީ ރިއުމާން ފެނިފައެވެ. ރިއުމާންގެ ލޮލުގައިވި ރުޅިވެރިއަސަރާއި ،އެމޫނުމަތީގައިވި ނުރުހުމުގެ އަސަރުތައް ފެނި، ސަޖަލްއަށް ބުމަ އަރުވައިލެވުނެވެ.
(ނުނިމޭ)