ކައްކަން އުދާފައި އޭނާ މޭޒުކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. ފޯނަށް މެެސެޖެއް އައުމާއެކު، ސަޖަލްއަށް އެ މެސެޖު ހުޅުވައިލެވުނެވެ. އެ މެސެޖުގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލި ސަޖަލްގެ ދެ ބުމަ ގާތްވިއެވެ. އޭނާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

"ސަޖޫ އަހަރެންދެކެ އެއްވަރަކަށް ވެސް ލޯބި ނުވަނީތަ؟ ކީއްވެ އަހަރެންގެ ނަންބަރު ބްލޮކްކުރީ..."

ނުދަންނަ ނަންބަރަކަށް ވިޔަސް އެ މެސެޖު ކިޔައިލުމާއެކު، އެއީ ރިއުމާންގެ މެސެޖެއްކަން ސަޖަލްއަށް ޔަޤީން ކުރެވުނެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެމެސެޖަށް ރިޕްލައި ކުރާ ޚިޔާލެއް އޭނާ ނުކުރިއެވެ. ސަޖަލް ރިޕްލައި ނުކުރުމުން ރިއުމާންގެ މެސެޖުތައް ފުލުފުލުން އަންނަން ފެށިއެވެ. އެކަންތައް ބޮޑުވެގެން އެންމެ ފަހުން ސަޖަލް އެ ނަންބަރުވެސް ބްލޮކް ކޮށްލިއެވެ.

އެކުވެރިއަކާ އެކު ކޮފީއެއްގައި އިނދެފައި ރިއުމާން ސަޖަލްއަށް މެސެޖު ކުރީ އެ އެކުވެރިޔާގެ ފޯނުންނެވެ. ސަޖަލް އޭނާގެ ނަންބަރު ބްލޮކް ކޮށްލުމުން އޭނާއަށް ސަޖަލްއާ ވާހަކަ ދެއްކޭނޭ އެއްގޮތެއްވެސް ނެތެވެ. ސަޖަލް މެސެޖް ނުކުރުމުން އޭނާ ހިސާބަކަށް ރުޅި އަންނަ ގޮތްވިއެވެ. ކޮފީ ނިންމާލާފައި ގެއަށް ގޮސް ކޮޓަރިއަށް ވަތް ރިއުމާން އަދިވެސް އެއްފަހަރު ސަޖަލްއަށް ގުޅޭތޯ މަސައްކަތްކުރިއެވެ. އޭނާގެ ރުޅިގަނޑު ފަޅައިގެން ދިޔައީ ސަޖަލްގެ ފޯނު ނިއްވާލާފައިވާކަމަށް ބުނާތީއެވެ. އަތުގެ ކޮޅަށް ފޯނު ހޫރައިލުމާއެކު، ފާރުގައި ޖެހިފައި ފޯނު ފުނޑުފުނޑު ވިއެވެ. ރިއުމާންއަށް ބޮލުގައި ހިފައްޓައިިލަމުން ގޮސް އެނދުގައި އިށީނދެވުނެވެ. ސަޖަލްދެކެ އޭނާ އިންތިހާ ލޯބިވިއެވެ. އެކަން ސަޖަލްއަށް އިޙްސާސްނުވަނީ ކީއްވެހެއްޔެވެ؟

*****

ރޭގަނޑުގެ ވަގުތެވެ. ރަޝާދުގެއަށް ދޫކޮށްލެވުމާއެކު، ސަޖަލް ބައްޕަ ގޮވައިގެން އައިއިރު ރޭގަނޑު ނުވައެއް ޖަހާ ބޮޑުވެއްޖެއެވެ. ބައްޕައަށް ކާންދީފައި ސަޖަލްވެސް ވަނީ ފެންވަރާ ތާޒާވެލުމަށެވެ. ފެންވަރާ ހަދާލައިގެން ނުކުމެ އޭނާ ނިދަން ތައްޔާރުވެގެން އައިސް އެނދުގައި ޖައްސައިލިއެވެ. ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ވަރުބަލިކަމެއް އިޙްސާސްވުމާއެކު، އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ރަޖާ ގައިގައި އަޅައިލަމުން އޭނާ ފޯނު ސައިޑު ކަބަޑު މަތީގައި ބޭއްވިއެވެ. ސަޖަލް ނިދޭތޯ މަސައްކަތް ކުރިނަމަވެސް އޭނާގެ ސިކުނޑީގައި ދައުރުވަމުންދިޔަ ޚިޔާލުތަކެއްގެ ސަބަބުން އޭނާއަށް ނިދޭގޮތެއް ނުވިއެވެ. އެނދުގައި ދެކޮޅަށް ފުރޮޅިފުރޮޅިި ސަޖަލްއަށް އޮވެވުނީ އޭނާއަށް އުނދަގޫކުރަމުންދިޔަ އެ ޚިޔާލުތަކުގެ ސަބަބުންނެވެ. ރިއުމާންގެ ޚިޔާލުތައް އައިސް އޭނާ ވަށައިލަން ނެގީ މަދު ސިކުންތުކޮޅެކެވެ.

*****************

އިންޓަރވިއުއަށް ދާން ތައްޔާރުވި ސަޖަލް ލޯގަނޑު ކުރިމަތީގައި ހުރެ އޭނާގެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. އޭނާ ލާފައިހުރީ ކަލުކުލައިގެ ގަމީސް ހެދުމަކާއި ކަޅު ކުލައިގެ ޖީންސްއެކެވެ. ހެދުމުގެ މެދުން ހުދުކުލައިގެ ރޭނދާ ކޮޅެއް އަޅާފައިވެއެވެ. އިސްތަށިގަނޑު ދޫކޮށްލާފައި ވާއިރު ތުންފަތުގައި ޖައްސާފައިވާ ފިޔާތޮށިކުލައާއި ކޮށްފައިވާ ލުއި މޭކަޕް އޭނާގެ ދޮން މޫނާއި ނުހަނު ގުޅެއެވެ. އަރާފައިވާ އުސްފައިވާނުގެ ސަބަބުން އޭނާގެ އިސްކޮޅު އެހެންޏާ ހުންނަވަރަށް ވުރެ ދިގުހެން ހީވިއެވެ. އަމިއްލަ ނަފްސަށް ހިނިތުންވެލި ސަޖަލް އެނދުމަތީގައި ބާއްވާފައި އޮތް ފައިލް ނަގައިގެން ކޮޓަރިން ނުކުތެވެ. އޭރު ބައްޕަ ރަޝާދު ސިޓިންރޫމުގައި މަޑުކޮށްލައިގެން ޓީވީއަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

"ދަރިފުޅާ އިންޓަރވިއުއަށް ދާން ތައްޔާރުވީ ދޯ..."

"ލައްބަ... މި ޖޮބް ލިބޭނެނަމަ..." ސަޖަލް އުންމީދާއެކު ބުނެލިއެވެ.

"އިންޝާ ﷲ ލިބޭނެ..." ރަޝާދު ހިނިތުންވެލަމުން ސަޖަލްއަށް ބަަލައިލިއެވެ.

"ބައްޕަ ބޭސް ކައްޗޭ... ދެން ދަނީ!" ސަޖަލް ރަޝާދުއަށް ބޭސްކާން ހަނދާންކޮށްލަދީފައި، ގެއިން ނުކުތެވެ. އަތްދަބަސް އަޅުވައިލަމުން އޭނާ ފުން ނޭވާއެއް ދޫކޮށްލީ ނުތަނަވަސް ވެފައިހުރީތީ އެ ހާާސްކަން ފިލުވައިލުމަށެވެ.

ސައިކަލަށް އަރާ ސައިކަލު ސްޓާރޓް ކޮށްލިއިރުވެސް އޭނާގެ މޫނުމަތީގައި ކޮންމެވެސް ކަހަލަ ހާސްކަމެއް ހުއްޓެވެ. ސަޖަލް ސައިކަލު މަޑުކޮށްލީ ވައިޓްލިލީ އެންޓަރޕްރައިޒެސް ގެ މައި އޮފީހުގެ ޕާރކިންގް އޭރިޔާގައެވެ. ހަތްބުރިއަށް ނަގާފައިވާ އެ އިމާރާތަކީ ފައިވް ލިލީގެ މައި އޮފީހެވެ. ވައިޓްލިލީ ކުންފުންޏަކީ ރާއްޖޭގައި ކޮންސްޓްރަކްޝަން އަދި ރިސޯޓް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން ގެންދާ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ ލަބީބުގެ ކުންފުންޏެކެވެ.

އެތެރެއަށް ވަތްއިރު ކޮންމެވެސް ވަރަކަށް އެތެރޭގައި މީހުން ހަރަކާތްތެރިވާތަން ފެނެއެވެ. ބޭރުގައި އިން ކައުންޓަރު ކައިރިއަށް ހުއްޓުމަށްފަހު، ސަޖަލް އޭނާ ދާންވީ ތަނަކާ ބެހޭގޮތުން ސުވާލުކުރިއެވެ. ހަތްވަނަ ފަންގިފިލާގައި ހުންނަ އެޗްއާރް ޑިޕާރޓްމެންޓަށް ދާން ބުނުމުން ސަޖަލް ލިފްޓާ ދިމާލަށް މިސްރާބުޖެހިއެވެ. އެވަގުތު ފޯނުގައި ހުރެ އެދިމާލަށް އައި މީހަކުގެ ގައިގައި އަޅައިގަތެވެ. ހަދައިލެވުނު ގޮތަކުން ސަޖަލްގެ އަތުގައި އޮތް ފައިލްގައި ހުރި ގަނޑުތައް އެތަނަށް ވެރުނެވެ.

"ސޮރީ... ސޮރީ" ގަނޑުތައް ނަގަން ސަޖަލް އަވަސްވެގަތީ އެމީހަކު މޫނަށް ވެސް ބަލައިލުމެއްނެތިއެވެ.

"އިޓްސް އޯކޭ!"

އެމީހަކުވެސް އޭނާއަށް އެހީތެރިވާން ފެށިއެވެ. އޭނާ ގަނޑުތައް ނަގަމުން ގޮސް އެންމެ ފަހުގަނޑު ނަގަން އަތްލި ވަގުތަކީ އޭނާ އަޅައިގަތް މީހާވެސް އެ ގަނޑުގައި އަތްލީ ވަގުތެވެ. ދެމީހުންގެ އަތް ކޮންމެވެސް ވަރަކަށް ބީހިލިއެވެ. ސަޖަލް އިސްއުފުލައިލާ އެމީހަކަށް ބަލައިލިއެވެ.

ރިއުމާންއަށް ވެސް ހުރެވުނީ ސަޖަލްގެ މޫނަށް ގެއްލިފައެވެ. ސަޖަލްގެ ކަޅުކަން ގަދަ އެ ދެލޮލުން އޭނާއަށް ޖެއްސީ ކޮންފަ ޖާދޫއެއްކަމެއް ނޭނގުނެވެ. ރިއުމާންއަށް ހަމަހޭވެރިކަން ވީ ސަޖަލް އެ ގަނޑު ދަމައިގަންނަމުން އެ ހިފައިގެން ތެދުުމުންނެވެ. ރިއުމާންވެސް ތެދުވެލަމުން އަދިވެސް އެއްފަހަރު މާފަށް އެދުނެވެ. ސަޖަލް އެ ޒުވާނާ ދިޔަ ދިމާލަށް ބަލައިލަމުން ފުންނޭވާއެއް ދޫކޮށްލަމުން ލިފްޓުގެ ފިތަށް އޮބައިލިއެވެ.

ލިފްޓު އައުމާއެކު އޭނާ އަވަސް އަވަހަށް ލިފްޓަށް އަރަމުން ގަޑި ބަލައިލިއެވެ. އިންޓަރވިއު އޮތީ އެގާރަ ޖަހާއިރުއެވެ. ހަތްވަނަ ފަންގިފިލާއަށް އާދެވުމާއެކު ސަޖަލް ލިފްޓުން ފޭބިއެވެ. އެއްފަރާތުގައި އިން އެޗްއާރް ރިސެޕްޝަން ކައިރިއަށް ޖެހިލާ އޭނާ ވާހަކަ ދެއްކިއެވެ.

"އެކްސް ކިޔުސް... އިންޓަރވިއުއަށް..."

"ގޮވައިލާނެ، އިށީންނަވާ..." އެކުއްޖާ ސަޖަލް ކައިރީގައި ބުނެލިއެވެ. އޭނާ އެއްފަރާތުގައި ހުރި ސޯފާގައ އިށީންއިރު، އިތުރު ދެކުއްޖަކުވެސް، އެތަނުގައި މަޑުކޮށްލައިގެން ތިއްބެވެ.

"އިންޓަރވިއުއަށްތަ؟" އެތަނުން އެއްކުއްޖަކު ސަޖަލް ކައިރީގައި އަހައިލިއެވެ.

"ޔާ... ވަޓް އެބައުޓް ޔޫ!"

"ސޭމް!"

ސަޖަލް އެ ކުއްޖާއާ ވާހަކަ ދައްކައިލިއެެވެ. އެމީހުން އެތަނުގައ ތިއްބާ އިތުރު ދެ ކުއްޖަކުވެސް އިންޓަރވިއުއަށް އައެވެ.

އޭނާގެ ނަޒަރު ހުއްޓުނީ އެތަނަށް ވަތް ޒުވާނާ ފެނިފައެވެ. އެއީ އޭނާގެ ގައިގައި އަޅައިގަތް ޒުވާނާއެވެ. އެއީ އަނެއްކާ މިތަނުގެ މުވައްޒަފެއް ހެއްޔެވެ؟ ނޫނީ އިންޓަރވިއުއަށް އައިސް ހުރި ކުއްޖެއް ހެއްޔެެވެ؟ އޭނާގެ އެ ސުވާލުގެ ޖަވާބު ލިބުނީ އެ މީހަކު އެޗްއާރް އެތެރެއަށް ވަނުމުންނެވެ.

ފަހަރަކު ކުއްޖަކު ވައްދާ އިންޓަވިރުކުރަން ފެށުމާއެކު ސަޖަލްގެ ހިތް އަވަސްވާން ފެށިއެވެ. އެ ހުރިހާ ކުދިންގެ ތެރެއިން އޭނާ ހޮވޭނީ ކިހިނަކުން ހެއްޔެވެ؟ ސަޖަލް ދެއަތް ދެއަތާ މޮޑެންފެށިއެވެ. ނުތަނަވަސްކަމާއެކު، އޭނާއަށް ދެތިން ފަހަރު ފުންނޭވާއެއް ދޫކޮށްލެވުނެވެ. ހާސްކަމާއެކު އޭނާއަށް އަތުގައި އޮތް ފައިލަށް ބާރުކޮށްލެވުނެވެ.

ފަހަރަކު ކުއްޖަކު ނިމެމުން ގޮސް އެންމެ ފަހުން ސަޖަލްއާ ޖެހިއްޖެއެވެ. އޭނާ އެތެރެއަށް ވަތްއިރުވެސް ހުރީ ހާސްވެފައެވެ. ކަންބޮޑުވެފައެވެ. އޭނާ އެ ވަޒީފާ ނުހަނު ބޭނުމެވެ. އޭނާގެ ނަޒަރު ހުއްޓުނީ އެތަނުގައި އިން ޒުވާނާއަށެވެ. ސަޖަލް ހިންދިރުވައިލިއެވެ. އިންޓަރވިއުގައި ސުވާލުތައް ކުރަން ފެށުމާއެކު ހަމަޖެހެމުން ޖަވާބުދެވޭތޯ ސަޖަލް މަސައްކަތްކުރިއެވެ. އޭނާ ބެލީ އޭނާގެ އެ ނުތަނަވަސްކަން އެމީހުންނަށް ސިއްރުކުރެވޭތޯއެވެ. އިންޓަރުވިއުގައި ކުރަމުންދިޔަ ސުވާލުތަކަށް ފުރިހަމައަށް ޖަވާބު ދެވޭތޯ ސަޖަލް މަސައްކަތްކުރިއެވެ.

އިންޓަރވިއު ނިންމާލާފައި އެމީހުން ބުނީ ފަހުން ވަކިއެެއްޗެއް އަންގާނޭ ކަމުގައެވެ. ސަޖަލް ނުތަނަވަސްވެފައިވާ ހިތަކާއެކު، ނުކުމެ ގެއާ ދިމާލަަށް މިސްރާބުޖެހީ އޭނާއަށް އެ ވަޒީފާ ލިބޭތޯ ހިތާހިތުން ދުޢާ ކުރަމުންނެވެ.

ގެއަށް ގޮސް ވަނުމާއެކު، ބައްޕަ ރަޝާދުގެ ސުވާލުތައް ސަޖަލްއާ ކުރިމަތިވިއެވެ.

"ދަރިފުޅާ އިންޓަރވިއު ކިހިނެއް؟ ފަސޭހަތަ؟ ޖަވާބެއް ދިންތަ؟" ރަޝާދު އެއްފަހަރާ އެތައް ސުވާލެއް ކޮށްލިއެވެ.

"އުނދަގުލެއް ނޫން. އެކަމަކު ވަރަަށް ގިނަކުދިން އެޕްލައި ކުރި. ނޭނގެ ވާނެގޮތެއް!"

"އިންޝާ ﷲ ރަނގަޅުވާނެ!" ރަޝާދު ހިނިތުންވެލިއެވެ. އޭނާ އަބަދުވެސް ސަޖަލްއަށް އެދެނީ ކާމިޔާބެވެ.

"ބައްޕަ ކީމޯނަގަން މާދަން ދޯ ދާންޖެހެނީ؟..." ސަޖަލް ސުވާލުކޮށްލުމާއެކު، ރަޝާދު ބޯ ޖަހައިލިއެވެ.

ޖެހިގެންއައި ހަފްތާ ތެރޭގައި ސަޖަލްއަށް ވަޒީފާ ލިބުނުކަމުގައި އެންގިއެވެ. އަދި އެ ހަފްތާގައި ވަޒީފާއަށް ނުކުންނަންވެސް ބުންޏެވެ.

އޮފީހުގެ ފުރަތަމަ ދުވަސްކަމުން ސަޖަލްގެ ހިތަށް އާދަޔާ ޚިލާފު ނުތަނަވަސްކަމެއް ވެރިވެފައިވެއެވެ. އޭނާ ހޮވުނީ ސެކެޓްރީއެއްގެ މަގާމަށެވެ. ސަޖަލް ތައްޔާރުވެލައިގެން ނުކުތްއިރު ރަޝާދު އޮތީ ސޯފާގައި ޓީވީ އަޅުވައިގެން ނިދިފައެވެ. އޭނާ ޓީވީ ނިވާލާފައި ގެއިން ނުކުމެ ސައިކަލަށް އަރާ އޮފީހަށް ދާން މިސްރާބުޖެހިއެވެ. ނިދިފައި އޮތުމުން ރަޝާދަށް ގޮވާ ޚިޔާލެއް ސަޖަލް ނުކުރިއެވެ.

އޮފީހަށް ދިޔުމާއެކު، ކައުންޓަރުގައި އިން ކުއްޖާ ސަޖަލް ކައިރީގައި ބުނީ އެޗްއާރަށް ގޮސް ވަޒީފާގެ ބަޔާނުގައި ސޮއިކުރުމަށެވެ. ސަޖަލް މައްޗަށް އަރާ ވަޒީފާގެ ބަޔާން ވަރަށް ރަނގަޅަށް ކިޔެވެ. އެއަށްފަހު އޭނާ ސޮއި ކޮށްލިއެވެ. އެޗްއާރުގައި ހުރި އަންހެން ކުއްޖާ އޭނާ ގޮވައިގެން މިސްރާބުޖެހީ ހަވަނަ ފަންގިފިލާއަށެވެ. އެ ކުއްޖާ މަޑުކުރީ ޑިވެލޮޕްމެންޓަލް ޓީމުގެ މެނޭޖަރުގެ ކެބިންއާ ހިސާބަށް އާދެވުމުންނެވެ. އޭނާ ޓަކި ޖަހާލާފައި އެތެރެއަށް ވަންނަމުން ސަޖަލްއަށް ވެސް އިޝާރާތް ކޮށްލިއެވެ.

"ސާރ..."

މީ... ސަޖަލް ދޯ!" އެ ޒުވާނާގެ ފިރިހެންވަންތަ އަޑު ސަޖަލްގެ ކަންފަތުގައި ޖެހުމާއެކު އޭނާއަށް އަވަސްއަވަހަށް ބޯ ޖަހައިލެވުނެވެ. އެޒުވާނާ ގޮނޑިން ތެދުވެލިއެވެ.

އެއާއެކު އެ ފިރިހެންވަންތަކަމަށް ހިތާ ހިތުން ސަޖަލްއަށް ތަޢުރީފް ކުރެވުނެވެ. ހުދުކުލައިގެ ގަމީހެއްލާފައި ބެގީ ޖަހާލާފައިވާއިރު އެއާއެކު ކަނޑު ނޫކުލައިގެ ޓައީއެއް އަޅާވައިވާއިރު، ނުހަނު ސްމާރޓްކަމަށް ދައްކައެވެ. އިސްތަށިގަނޑު ޒަމާނީ ގޮތަކަށް ޑިޒައިން ކޮށްލާފައިވާއިރު އެމޫނާ ނުހަނު ގުޅެއެވެ.

ސަޖަލް ފުރަތަމަ ފެނުނު ހިސާބުންވެސް ރިއުމާންގެ ހިތަށް އެނގުންވިއެވެ. އެ އަންހެން ކުއްޖާ ފެނުނުފަހުން އެ ސޫރަ އޭނާގެ ހިތުގައި ބިންވަޅު ނެގުނީ ދުވަހަކުވެސް ފަނޑުނުވާނޭ ގޮތަކަށެވެ. އަބަދާ އަބަދު އެ ސޫރަ ދެކެން އޭނާގެ ހިތް އެދިގޮވަން ފެށިއެވެ. ސަޖަލް ދެކޭ ހިތުން އޭނާގެ ހިތް ބޭޤަރާރުވާން ފެށިއެވެ.

ރިއުމާންގެ އެދުމަށް ސަޖަލް އައިސް ގޮނޑީގައި އިށީނދެލިއެވެ.

"އެންމެ ރަނގަޅު ގޮސްލިޔަސް!" ރިއުމާން އެތަނުގައި ހުރި ކުއްޖާ ކައިރީގައި ބުނެލުމާއެކު، އެކުއްޖާ ބޯ ޖަހާލަފައި ނުކުމެލިއެވެ.

މަސައްކަތާ ބެހޭ ވާހަކަތައް ރިއުމާން ސަޖަލްއަށް ކިޔައިދިނެވެ. ކުރަންޖެހޭ މަސައްކަތްތައް ވެސް އޭނާ ތަފްސީލުކޮށްދިނެވެ.

"އަހަންނާ އެކު މީޓިންތަކުގައި ބައިވެރިވުމާއެކު އަހަރެންގެ ޝެޑިއުލް ރޭވުންވެސް ސަޖަލްއާ ހަވާލުކުރާނަން!"

ރިއުމާން ދައްކަމުންދިޔަ ކޮންމެ ވާހަކައަކަށް ސަޖަލް ދިޔައީ ބޯ ޖަހަމުންނެވެ. އެ ވަޒީފާ އޭނާއަށް ލިބުމުން އޭނާ ވަނީ ނުހަނު އުފާވެފައެވެ.

ސަޖަލްގެ ކެބިން އިންނަނީ ރިއުމާންގެ ކެބިންއާ ޖެހިގެންނެވެ. ފުރަތަމަ ދުވަސްކަމުން ރިއުމާން ސަޖަލްއަށް ކަންތަައްތައް ތަފްސީލުކޮށްލަދިނެވެ. އެއަށްފަހު ބައެއް ކަހަލަ ކުދިކުދި ކަންތައްތައް ހަވާލުކުރިއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ރިއުމާން ސަޖަލްއަށް ބަލައިލާ ބަލައިލުމުގައި އާދަޔާ ޚިލާފު ގޮތެއް ހުންނަކަން ސަޖަލްއަށް ވެސް އެނގެއެވެ. އެހެނަސް އޭނާ މަސައްކަތްކުރީ އެކަންތައް ނޭނގޭކަމަށް ހަދައިލައިގެން ހުންނާށެވެ. ރިއުމާންއަކީ އޭނާގެ ބޮސްއެވެ. އެ ގުޅުން އެހެން ގޮތަކަށް ބަދަލުވެއްޖެއްޔާ އޮފީސްތެރޭގައި ދައްކާނެ ވާހަކައެއް ވެސް ނޭނގެއެވެ. ފަހަރެއްގައިވެސް އޭނާގެ ނަން ހަޑިވާގޮތަށް އޮފީސްތެރޭގައި ވާހަކައެއް ފެތުރޭކަށް ސަޖަލް ނޭދެއެވެ. އޭނާ ބޭނުންވަނީ އެ ދެމެދުގައި އޮތް ގުޅުން ޕްރޮފެޝަނަލް ގުޅުމެއްގެ ގޮތުގައި ބާއްވާށެވެ. ފަހަރެއްގައިވެސް އޭނާއާއި ރިއުމާންއޭ ކިޔައިގެން ދޮގު އެއްވެސް ވާހަކައެއް ބަޔަކު ދައްކާ އަޑު އަހާކަށް އޭނާ ނޭދެއެވެ.

އެއީވެސް އާދައިގެމަތިން އޮފީހުގައި ބުރަ ދުވަހެކެވެ. ސަޖަލް ރިއުމާން ބުނި ފައިލްގެ މަސައްކަތްތައް ނިންމާ ރިއުމާންގެ ސޮރި ކުރަން ކެބިންއަށް ވަދެލީ ޓަކި ޖަހާފައެވެ. އޭރު ރިއުމާން އިނީ ކޮންޕިއުޓަރަށް ނަޒަރު ހުއްޓާލައިގެންނެވެ. ސަޖަލް ފެނުމާއެކު، އޭނާ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލަމުން އޭނާ ކައިރިއަށް އައުމަށް އިޝާރާތްކުރިއެވެ. ސަޖަލް ފައިލް ހިފައިގެން ގެންގޮސް ރިއުމާންއަށް ދައްކައިލާ އެ ފައިލް ބަލައިލުމަށް އެދުނެވެ.

"ސަޖަލް! މާދަމާ ވަރަށް މުހިންމު މީޓިންއެއް އެބައޮތް...އަހަންނާއެކު އެ މީޓިންގައި ބައިވެރިވާން ސަޖަލް ޖެހޭނެ ދާން! އެއްވެސް މައްސަލައެއް އެބައޮތްތަ؟" ރިއުމާން ފައިލަށް ބަލައިލަމުން ، ވާހަކަދެއްކިއެވެ. ސަޖަލް ބޯ ޖަހައިލިއެވެ. ރިއުމާން ފައިލް ރަނގަޅަށް ކިޔާފައި އޭގައި ސޮއިކޮށްލިއެވެ. އެއަށްފަހު އެ ފައިލު ސަޖަލްއާ ހަވާލުކުރިއެވެ.

އެދުވަހު އޮފީސް ނިމުނު ގަޑީގައި ވާރޭ ވެހިގަތުމުން ނުކުންނަ ދޮރު ކައިރީގައި ސަޖަލް މަޑުކޮށްލީ ވާރޭ ތުނު ކޮށްލާތޯއެވެ. ކޯޓުވެސް ނުގެނެވޭތީ އޭނާ ތެމިގެން ގެއަށް ދާކަށް ބޭނުމެއް ނުވިއެވެ.

"ސަޖަލް" އޭނާ ސިހުނީ ރިއުމާން އޭނާއަށް ގޮވައިލި އަޑާއެކުގައެވެ.

(ނުނިމޭ)

ކޮމެންޓް 0