އެހެން ކިޔާފައިވެސް ފަހަރެއްގައި ސަޖަލް އެގޮތަށް އަމަލު ކޮށްފާނޭ އޭނާއަށް ހީކުރެވިފައެއް ނެތެވެ. އޭނާ ފުންނޭވާއެއްލާ ހުންގާނުގައި އަތުން ޖަހައިލިއެވެ. އެއަށްފަހު ދެ އަތް މުށްކަވައިލިއެވެ. ދެން ކަންތައް ވެގެންދާނީ ކިހިނެއްކަން ނޭނގޭ ޙާލު ރިއުމާންގެ ހިތުގެ ތެޅުންވެސް ކޮންމެވެސް ވަރަކަށް ބާރުވެގެން ދިޔައެވެ.
ސަޖަލް އޭނާއާ މެދު އެގޮތަށް ކަންތައް ކޮށްފިނަމަ އޭނާއަށް ވެގެން ދާނޭ ގޮތަކާމެދު އޭނާގެ ހިތުގައި އެތަކެއް ސުވާލުތަކެއް އުފެދެމުންދިޔައެވެ. ސަޖަލްއާ މެދު އޭނާގެ ހިތުގައި ޝަކުވާތައް ފުނިޖެހުމުގެ ނަތީޖާއެއްގެ ގޮތުން އޭނާގެ ދެލޯވެސް ފެންކަޅިވަމުން ދިޔައެވެ.
"ވައި އާރ ޔޫ ޑުއިންގް ދިސް ޓު މީ؟" ރިއުމާންއަށް އޭނާގެ ހިތާ ދިމާ މޭގައި އަތް އަޅައިލެވުނެވެ.
ފުލުހުންގެ އިދާރާއަށް ވަތް ސަޖަލް އެއްފަރާތު ކައުންޓަރު ދޮށަށް ހުއްޓި މައްސަލައެއް ރިޕޯޓް ކުރަން ކަމަށް ބުނުމާއެކު, އެތަނުގައި އިން ފުލުސްކުއްޖާ ސަޖަލް ގާތު މައްސަލައިގެ ބާވަތާ ބެހޭގޮތުން ސުވާލުކޮށްލިއެވެ. ސަޖަލް އޮޅުން ފިލުވައިދިނުމާއެކު، އެއްފަރާތުގައި ހުރި ގޮނޑި ބަރި ދައްކައިލާ އެހަށް އެތަނުގައި އިށީނުމަށް އެ ކުއްޖާ އެދުނެވެ. ސަޖަލް އަތުގައި އޮތް ފޯނަށް އަތުން ބާރުކޮށްލަމުން ގޮސް، ގޮނޑި ބަރީގައި އިށީންއިރުވެސް އޭނާއަށް ކުރެވެން އުޅޭ ކަންތަކާ މެދު ހިތުގައި ސުވާލު އުފެދިފައިވެއެވެ. އެގޮތުން އެ ކުރެވެނީ ރަނގަޅުކަމެއް ބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. މީހާ ފިނިވެ ނޭވާވެސް ކޮންމެވެސް ވަރަކަށް އަވަސް ވަމުން ދިޔައެވެ. ހިންދިރުވައިލެވުމާއެކު، އޭނާއަށް އުދާސްކަމުގެ ނޭވާއެއް ބޭރުކޮށްލެވުނެވެ. ނަފްސުގައިވި ނުތަނަވަސްކަމަށް ހައްލެއް ގެންނާނޭ ގޮތެއް އޭނާއަކަށް ނޭނގުނެވެ. ހިކިފައިވި ތުންފަތުގައި ދޫ ހާކައިލަމުން ތުންފަތް ތެންމައިލުމާއެކު، ސަޖަލް އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލިއެވެ. ހިންދިރުވައިލުމާއެކު އޭނާ އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރީ އެއީ ހުރިހާ ގޮތަކުން ވެސް އެންމެ ރަނގަޅު ގޮތްކަމުގަ އެވެ. ރިއުމާންގެ އަމަލުތަކަށް އެތަކެއް ދުވަހު އޭނާ ކެތްކޮށްގެން އުޅެފިއެވެ. އެހެންނަމަވެސް ދެން އެކަމެއް ނުވާނެއެވެ. އޭނާވެސް ހަމަޖެހިލައިގެން ދިރުއުޅެން ބޭނުމެވެ. އަބަދާ އަބަދު ބިރުވެރިކަމެއްގެ ތެރޭގައި ހުންނާކަށް އޭނާގެ ނަފްސުވެސް އެއްބަހެއް ނުވިއެވެ. އެ ހުރިހާކަމަކަށް ވިސްނައިލުމަށްފަހު، ސަޖަލް އޭނާގެ ހިތަށް ވިސްނައިދިނީ އޭނާ އެކުރަނީ ރަނގަޅުކަމެއް ކަމުގައެވެ.
އޭނާ އެތަނުގައި އިންދާ ކައުންޓަރުގައި އިން ކުއްޖާ އޭނާއަށް ގޮވައިލިއެވެ. އެއާއެކު ސަޖަލް ތެދުވެގެން ގޮސް އެ ކުއްޖާގެ ކައިރިއަށް ހުއްޓުނެވެ. އެ ކުއްޖާ ސަޖަލް ގޮވައިގެން ގޮސް، ދޮރެއް ހުޅުވާލާފައި އެތެރެއަށް ވަނެވެ. އެއަށްފަހު އެތަނުގައި ހުރި ގޮނޑި ދައްކާލާފައި އިށީނުމަށް އެދުނެވެ. ސަޖަލް ގޮސް މޭޒު ކައިރީގައި ހުރި ގޮނޑި ދަމައިލާ އޭގައި އިށީނެވެ. އިތުރު ފުލުހަކު އެތަނަށް ވަނީވެސް އެވަގުތެވެ. އޭނާ އައިސް ސަޖަލްގެ ކުރިމަތީގައި ހުރި ގޮނޑީގައި އިށީނަމުން ސަޖަލްއަށް ބަލައިލިއެވެ. އޭނާ ސަޖަލް ކައިރިން ހުރިހާ މައުލޫމާއެއް އޮޅުން ފިލުވިއެވެ.
ބަޔާނެއް ނަގައިލަން ޖެހޭނެ!" ފުލުސްމީހާ ބުނެލިއެވެ. ސަޖަލް ބޯ ޖަހައިލިއެވެ.
ފުލުސްމީހާ ކުރަމުންދިޔަ ސުވާލުތަަކަށް ސަޖަލް ޖަވާބު ދިނެވެ. އޭނާ ބަޔާން ދީފައި ބަޔާނުގައި ސޮއި ކުރިއެވެ. ފުލުސް މީހާ ބުނީ އެމީހުން އެ މައްސަލަ ތަހުގީގު ކުރާނެ ކަމުގައެވެ. ފާރަލުން ފަދަ ކަންތައްތަކަކީ ކުށެއްކަމުގައެވެ. އަދި އުނދަގޫކުރުމާއި އެއްޗެއްސަށް ގެއްލުން ދިނުމަކީވެސް ކުށެއްކަމުގައެވެ. އެމީހުން އިތުރު މައުލޫމާތެއް ބޭނުންވެއްޖެނަމަ ގުޅާނޭ ކަމުގައެވެ. އަދި ދެން އެފަދަ ކަމެއް ތަކުރާރު ވެއްޖެނަމަ ވަގުތުން އެމީހުންނަށް އަންގަން ވެސް ފުލުސް މީހާ ބުނެލިއެވެ. ސަޖަލް އެ ހުރިހާކަމަކަށް އެއްބަސްވިއެވެ. އޭނާ ފުލުހުންގެ އިދާރާއިން ނިކުތީ ހަމަޖެހުމުގެ ނޭވާއެއް ލަމުންނެވެ. އެވަގުތު އެކަމަކީ އޭނާ މާކުރިންވެސް ކުރަންވީ ކަމެއްކަމުގައި ސިިކުނޑި ބުނެލިއެވެ.
ކާރުގައި އިން ރިއުމާންގެ ލޮލުގައި ސަޖަލް ނުކުތްތަން އަޅައިގަތުމާއެކު، އޭނާއަށް ދޮރު ހުޅުވައިލަން އަސްވެގަނެވުނެވެ. އެހެންނަމަވެސް ހިތަށް އެރި ޚިޔާލާއެކު އޭނާއަށް ހަރަކާތްތައް މަޑު ޖައްސައިލެވުނެވެ. ސަޖަލް އަނެއްކާވެސް ފުލުހަށް ގޮސްފިނަމަ ކަމަކު ނުދާނެއެވެ. އޭނާ ކެތްތެރިކަން އިސްކުރުން ވަރަށް މުހިންމެވެ.
ރިއުމާން އޭނާގެ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. ފުލުހަށް މައްސަލަ ހަމަ ހަޤީގަތުގައިވެސް ހުށައެޅީބާއޭ ރިއުމާންގެ ހިތަށް އެރިއެވެ. ނޫނީ ސަޖަލް އޭނާއަށް ބިރުދައްކަނީ ހެއްޔެވެ؟ އޭނާ ހާސްކުރުވަނީ ހެއްޔެވެ؟ އޭނާ ބަލަން އިންދާ ސަޖަލް ސައިކަލަށް އަރައިގެން ދުއްވައިލިއެވެ. ރިއުމާންއަށް އެތައް އިރަކު އެތަނުގައި އިނދެވުނެވެ.
ސަޖަލް އޮފީހަށް ގޮސް ވަތްއިރު، ތަނުގައި ރަސްކަން ކުރަމުންދިޔައީ އަނދިރިކަމެވެ. އޭނާ އެތަނުގެ ލައިޓެއް ދިއްލައިލަމުން މީޓިން ރޫމަށް ވަނެވެ. އެއަށްފަހު ގޮސް ލައިޓް ޖައްސައިލާ، އޭސީގެ ފިނި މަތި ކޮށްލަމުން ގޮނޑީގައި އިށީނެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަަހައިލަމުން އޭނާ ނިތްކުރިމަތީގައި އަތުގެ ދެ އިނގިލިން ފިތައިލިއެވެ. އޭރުވެސް އޭނާގެ ބޮލުގައި ހީވަނީ އެއްޗަކުން ތަޅާ ހެންނެވެ.
އޭނާ ލިޔުންތައް ހުރި ކަބަޑުން ލިޔުންތައް ނަގައިގެން އައިސް ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. އަދި ލެޕްޓޮޕް ހުޅުވައިލާ އެ ލިޔުންތަކުގެ ސޮފްޓް ހުޅުވައިލިއެވެ. މަަސައްކަތަށް ސަމާލުކަން ދޭން އުޅުނުނަަމަވެސް، އެކަންތައް ކުރަން އޭނާއަށް ނުހަނު އުނދަގޫވިއެވެ. އޭނާއަށް ރިއުމާންގެ ހަނދާންތައް އުނދަގޫ ކުރަނީއެވެ. އިތުރަށް އެކަމާ ނުވިސްނަން އަމިއްލަ ނަފްސަށް ވިސްނައިދެމުން ސަޖަލް ފުންނޭވާއެއް ލާ އަނެއްކާވެސް މަސައްކަތަށް ސަމާލުކަން ދެވޭތޯ ބެލިއެވެ. އެހެން އިންދާ އޭނާއަށް ފޯނު ކޯލެއް އައެވެ. ޒާމިންކަމަށް ވުމާއެކު އޭނާ ނިކަން އަވަސްއަވަހަށް ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން ހަލޯ އޭ ކިޔާލައިފިއެވެ.
"ސަޖޫ... އޮފީހުގަތަ؟ މިރޭ ކްލައިންޓާ އެކީ އޮތް މީޓިން ކުއްލިއަކަށް ކެންސަލް ވީމަ ސަޖޫ އޮފީހުގަ ނަމަ ދާން ކަމަށް..." ޒާމިން ވާހަކަ ދެއްކިއެވެ.
"އަހަރެން އޮފީހުގަ! އޯކޭ އާދޭ..." ސަޖަލް ލުއި ހިނިތުންވުމަކާއެކު ބުނެލިއެވެ. އޭނާ މާގިނައިރު މަޑުކުރާކަށްވެސް ނުޖެހުނެވެ. ޒާމިން އައިސް އެތެރެއަށް ވަނެވެ. އޭރުވެސް އޭނާގެ އަތުގައި އޭނާ އާއްމުކޮށް ގެންގުޅޭ ދަބަސް އޮތެވެ. އެ އަތުން ހިފާލައިގެން އައިސް މޭޒުމަތީގައި ބާއްވަމުން އޭނާ ސަޖަލްއާ ގާތަށް ޖެހިލާ ސަޖަލް ކުރަމުންދިޔަ މަސައްކަތަށް ނަޒަރު ހުއްޓައިލިއެވެ.
"ދެންމެތަ ތި ފެށީ؟" ޒާމިން ސުވާލުކޮށްލިއެވެ.
"އާނ... އަދި މާގިނަ އިރެއް ނުވޭ..." ސަޖަލް ބުނެލިއެވެ. އެއަށްފަހު އޭނާ ޒާމިންއާ ދިމާލަށް ބަލައިލިއެވެ. އެވަގުތު އޭނާގެ ނޭވާވެސް ހީވީ އަރުތެރޭގައި ތާށިވީހެންނެވެ. ސަޖަލްގެ އެއްފަރާތުން ހުޅުވާފައިހުރި ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން ކުޑަކޮށް ގުދުވެލައިގެން ޒާމިން އޮތްއިރު، އެ ދެމެދުގައި ވަނީ ހަނި ދާއިރާއެކެވެ. ސަޖަލްގެ ހިތުގެ ތެޅުންވެސް ބާރުވިއެވެ. އެވަގުތު ޒާމިންއަށްވެސް ސަޖަލްއަށް ބަަލައިލެވުމާއެކު، ދެމީހުންގެ ހަތަރު ކަޅި ބައްދަލުވިއެވެ. އެކަކު އަނެކަކުގެ ހޫނު ނޭވާ އެޅެމުންދިޔައިރު، ޚުދު ޒާމިންގެ ހިތްވެސް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. އޭނާއަށް ސަޖަލްގެ ދެލޮލާ ނަޒަރު ވަކިކޮށްލުން ވީ އުނދަގޫ ކަމަކަށެވެ. އޭނާއަށް ކަޅިވެސް ޖަހާނުލާ ސަޖަލްއާ ދިމާލަށް ބަލަހައްޓައިގެން އެގޮތަށް އޮވެވުނެވެ. ސަޖަލްގެ ދޮން މޫނާ އެ ތުންފަތުގައިވި މަޑުފިޔާތޮށިކުލައިގެ ސަބަބުން އެ މޫނުމަތި ފެންނަނީވެސް އުޖާލާކޮށެވެ. ޒާމިން އޭނާގެ އަވަސްވަމުންދިޔަ ހިތުގެ ތެޅުން ހަމައަކަށް އަޅުވަމުން ކަރުކެހިލިއެވެ. އެއަށްފަހު އޭނާ ހަށިގަނޑު ސީދާ ކޮށްލިއެވެ. އެއަށްފަހު އޭނާ ގޮސް ގޮނޑީގައި އިށީނދެލިއެވެ. އަދި ލެޕްޓޮޕް ނަގާ ހުޅުވައިލިއެވެ. އަދި ފައިލްވެސް ހުޅުވައިލިއެވެ. އެދެމެދަށް ބުނެދޭން ނޭނގޭ ނުތަނަވަސްކަމެއް ވެރިވެގެން ދިޔައެވެ.
"އަހަރެން ފުލުހަށް ގޮސްފިން." ކުއްލިއަކަށް ސަޖަލް ބުނެލުމާއެކު ޒާމިންއަށް އަނެއްކާވެސް ސަޖަލްއަށް ބަލައިލެވުނެވެ. އެއާއެކު އަނެއްކާވެސް ދެމީހުންގެ ހަތަރު ކަޅި ބައްދަލުވިއެވެ. ޒާމިންއަށް އެވަގުތު ބުނާނެ އެއްޗެއް ނޭނގުނެވެ.
"ކިހިނެއްވީ؟. އަހަރެން ފުލުހަށް ގޮސް މައްސަލަ ހުށައަޅައިފީމޭ.. ރިއުމާންގެ މައްސަލަ!" ސަޖަލް ބުނެލިއެވެ.
"އެހެންތަ؟" ޒާމިން އެހެން ބުނެލުމަށްފަހު، އިތުރަށް ވީގޮތް އޮޅުން ފިލުވިއެވެ. އެއާއެކު ސަޖަލް ޒާމިންއަށް ވީގޮތް ކިޔައިލަދިނެވެ.
*****
ސަޖަލް ދިޔަފަހުންވެސް އެތައް އިރަކު އެހެން އިނދެފައި ރިއުމާންވެސް ގެއަށް ދިޔުމުގެ ބަދަލުގައި ދިޔައީ އޭނާ އާއްމުކޮށް ގޮސް އުޅޭ ކޮފީ ޝޮޕަށެވެ. އޭނާ ގޮސް ކޮފީ ހިފައިގެން މޭޒު ދޮށުގައި އިށީނެވެ. އޭރު އެތަނުގައި ހަރަކާތްތެރި ވަމުންދިޔައީ މަދު ބަޔެކެވެ.
ރިއުމާން ގޮސް އިށީންތަން ބަލަން ހުރުމަށްފަހު އަޒްހާ ކައިރީގައި ހުރި ކުއްޖާ ކައިރީ ކައުންޓަރަށް ބަލައިލަދިނުމަށް ބުނުމަށްފަހު ރިއުމާންއާ ދިމާލަށް މިސްރާބުޖެހިއެވެ.
"އެކްސް ކިއުޒް. ބާކީ ލާރި މިއޮތީ!' އަޒްހާ އޭނާގެ އަތުގައި އޮތް ލާރި ރިއުމާންއަށް ދިއްކޮށްލިއެވެ. ވިސްނުމެއްގައި ހުރެގެން އޭނާއަށް އާދެވުނީ ލާރި ނުލާކަންވެސް ރިއުމާންއަށް ރޭކާލީ ދެނެވެ. އަޒްހާއަށް ރިއުމާން އަށް ގޮވައިލާފައިވެސް ލާރި ހަވާލުކުރެވުނީހެވެ. އެހެންނަމަވެސް އޭނާ އެގޮތް ބޭނުންވީ ކީއްވެެގެންކަމެއް ނޭނގުނެވެ.
"އާ ޔޫ އޯކޭ؟" އަޒްހާގެ ސުވާލާއެކު ރިއުމާންއަށް އަޒްހާއާ ދިމާލަށް ބަލައިލެވުނެވެ. އޭރު އަޒްހާ ހުރީ އޭނާއާ ދިމާލަށް ބަލަހައްޓައިގެންނެވެ. އަޒްހާގެ މޫނުމަތިން އޭނާއަށް ފެނުނު އަސަރުތައް ދެނެގަންނަން ރިއުމާން ނުކުޅެދިނެވެ. އަނެއްކޮޅުން ރިއުމާންގެ މޫނުމަތީގައި ރަސްކަން ކުރަމުންދިޔަ މާޔޫސްކަން އަޒްހާއަށް ސިއްރެއްނުވިއެވެ. އަނެއްކާވެސް ރިއުމާންގެ މަންމައާ މައްސަލައެއް ޖެހުނީބާއޭ އަޒްހާގެ ހިތަށް އަރަމުންދިޔައެވެ. ރިއުމާންގެ ދެލޮލުން ފެނުނު ރިހުމުގެ ސަބަބުން ރިއުމާންއަށް އެހީތެރިވާން އަޒްހާގެ ހިތް ގޮވަމުންދިޔުުމުގެ ނަތީޖާއެއްގެ ގޮތުން އެވަގުތު ރިއުމާން އެކަނިކޮށްލަން އަޒްހާގެ ހިތްއެއްބަސް ނުވީ ކުރިން ދުވަހުވެސް އޭނާއަށް އަޑު އިވުނު ބަސްތަކެއްގެ ސަބަބުންނެވެ. ރިއުމާން ވަނީ ކޮންމެވެސް މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައިކަން އޭނާއަށް އެނގެއެވެ.
"އައި އޭމް ފައިން!" ރިއުމާން ހިނދުކޮޅެއްގެ ހަމަހިމޭންކަމަކަށް ފަހު ބުނެލިއެވެ.
"ޔޫ ޝުއަރ ޔޫ އޯކޭ؟" އަޒްހާއަށް އަނެއްކާވެސް ސުވާލުކޮށްލެވުނެވެ.
"އަހަރެން ފައިންވިޔަސް ނޫނީ ނޫންވިޔަސް އެކަމުން އަޒްހާއަށް ކޮށްދެވޭނީ ކޮންކަމެއް؟" ރިއުމާން ސުވާލުކޮށްލިއެވެ. އެ އަޑުގައި ބުނެދޭން ނޭނގޭ ޖަޒުބާތެއް ވެއެވެ.
"ފެރެންޑެއްގެ ހައިސިއްޔަތުން ކޮށްދެވޭނެ ކަމެއް ވެސް އެނގޭނީ އަހަންނާ ޝެއަރ ކޮށްލީމައެއްނު!" އަޒްހާ ބުނެލިއެވެ.
"ފްރެންޑް؟" ރިއުމާންއަށް އަޒްހާއަށް ބަލައިލެވުނެވެ.
އޯ ގޯޑް އަޒްހާ... އޭނަ ކީކޭތަ ހީކުރާނީ؟ މާ އަނގަ ގަދަނުކޮށް މިތަނުން ދޭ!" އަޒްހާގެ ހިތް ވާހަކަ ދެއްކިއެވެ. އޭނާއަށް ރިއުމާންގެ އެ ސުވާލާއެކު ތުންފަތުގައި ދަތްވެސް އަޅައިލެވުނެވެ. ހަމައެއާއެކު އޭނާގެ ހަށިގަނޑު ފިނިވުމާއެކު ލަދުވެތިކަންވެސް އިޙްސާސްވީ ރިއުމާން އެގޮތަށް އޭނާއާ މެދު ނުވިސްނާކަން އެނގުމުންނެވެ.
"މައި ގާރލްފެރެންޑް..." ރިއުމާން އެ ހިސާބަށް ބުނެފައި ހުއްޓައިލުމާއެކު އަޒްހާއަށް ބުމަ އަރުވައިލެވުނީ ބޭއިޚްތިޔާރުގައެވެ. ރިއުމާން ބުނެލި ވާހަކައިން އޭނާގެ ހިތުގެ ހިނގުންވެސް ހީވީ ހިނދުކޮޅަކަށް މަޑުޖެހިލިހެންނެވެ.
(ނުނިމޭ)