"ނުވައެއް ޖަހާއިރު.. އައިސް ގުޅާނެ..." ޝައުފާ ބުނެލިއެވެ. އެފަދަ ވާހަކަތަކެއްގައި އެމީހުން ތިއްބާ ޝައުފާއަށް ފޯނެއް އައެވެ. ޝައުފާ ފޯނު ނަގައިގެން ހުރެ ގޮސް އެންޖީއޯގެ ދޮރު ހުޅުވައިލިއެވެ. އެއާއެކު ކުރިމަތީގައި ހުރި ޒުވާނާ ޝައުފާ ފެނިގެން ހިނިތުންވެލިއެވެ.

"ޒިމް..." ޝައުފާގެ އަޑުގައިވަނީ އުފާވެރިކަމެވެ.

ޒުވާނާ ހުރީ ކޯޓް ފަޓްލޫނުގައެވެ. އޮޅާލިކުލައިގެ ހަންގަނޑެއް ލިބިފައިވާ އެ ޒުވާނާ ލާފައިވަނީ ކަޅުކުލައިގެ ޕްލެއިން ކޯޓެކެވެ. ކޯޓުގެ ދަށުން ލާފައިވާ ހުދު ގަމީހާ، އަޅާފައިވާ ކަޅާ ރަތްކުލައިގެ ޓައީ ފެންނަމުންދިޔައިރު، ލާފައިހުރީ ކަޅުކުލައިގެ ފަޓްލޫނެކެވެ. އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލްކޮށްލާފައިވާއިރު، އަރާފައިވަނީވެސް ކަޅުކަން ގަދަ އޮޕް ބޫޓަކަށެވެ. އޭރު، އޭނާގެ އެއްއަތުގައި ދަބަހެއް އޮތެވެ. ދަބަސް ހިފައްޓައިގެން ހުރި އަތުގައި ލެދަރ ގަޑިއަށް އަޅާލާފައިވާއިރު، ވެސް ހިތްގައިމެވެ. އިސްތަށިގަނޑު ސްޓައިލްކޮށްލާފައި ވާއިރުވެސް، ބައެއް އިސްތަށިތައް ނިތްމައްޗަށް ގޯނާ ކުރަމުންދިޔައީ އަމުރަށް ނުކިޔަމަންތެރިވާ ފަދައަކުންނެވެ. އިސްކޮޅުގައި ގައިގަނޑަކަށް ހަފޫޓު ހުންނާނެއެވެ.

ޒުވާނާ ހިނިތުންވެލައިގެން ހުރިއިރު، ކަނާއަތް ފަރާތު ކޮލަށް އެޅިފައިވާ އަޑިކޮޅުގެ ސަބަބުންވެސް، އޭނާގެ ރީތިކަން އިތުރަށް ފުރިހަމަ ކޮށްދެއެވެ. މިޒަމާނުގެ ކުދިން ބުނާގޮތުންނަމަ ފެންނަ ފެނުމަށް ވަރަށް 'ހޭންޑްސަމް'އެވެ. 'ސްމާރޓް'ވެފައި 'ޕްރޮފެޝަނަލް' އެވެ. އޭނާގެ އެއްފަރާތުގައި އިތުރު ދެ ޒުވާނުން ތިބިިއިރު، އެ ޒުވާނާއެކޭ އެއްގޮތަށް އެމީހުންވެސް ތިބީ ކަޅުކުލައިގެ ކޯޓު ފަޓްލޫނުގައެވެ. އެތަނުން އެއް ޒުވާނަކު ތަންކޮޅެއް އަނިދިރި ނޫކުލައެއްގެ ގަމީހެއް ލާފައިހުރިއިރު އަނެއް ޒުވާނާ ހުރީ ކަޅުކުލައިގެ ގަމީހެއްގައެވެ.

"ޝައު... ކިހިނެއް؟" ޒުވާނާ ސުވާލުކޮށްލިއިރު، އޭނާގެ އަޑުގައިވެސް ވަނީ އެކުވެރިކަމެވެ. ވާހަކަ ދެއްކިއިރު ގާތްކަމެއް އެ އަޑުގައިވެއެވެ. ކުރިން އެ ދެމީހުންނަށް އެކަކު އަނެކަކު އެނގޭކަން އެކަމުން ދޭހަވެއެވެ.

"އަހަރެން ރަނގަޅު، ޒިމް ކިހިނެއް؟ އެންޑް ލީނީން އެންޑް ޝުޖާއު ރައިޓް؟" ޝައުފާ އެހެން ބުނެލިގޮތުން އޭނާއަށް އެ ޒުވާނާ ރަނގަޅަށް އެނގުނެއްކަމަކު ދެން ތިބި ދެމީހުން އެހާ ރަނގަޅަށް ނޭނގޭކަން އެނގެއެވެ.

"މީ ޒާމިން އިނގޭ ދަ ލީގަލް ލޯ ފާރމްގެ ފަރާތުން.. ދެން މިތިބީ ޝުޖާ އެންޑް ލީނީން..." އެމީހުން ވަންނަން ތަން ދައްކާފައި ޝައުފާ ވާހަކަ ދެއްކިއެވެ. އޭނާ ފުރަތަމަ ކަމަކަށް ސަޖަލްމެންނަށް އެމީހުން ތަޢާރަފް ކޮށްދިނެވެ. ޒާމިންއާ އެކީ މީގެ ކުރިންވެސް ޝައުފާ ބައެއްކަންތައްތަކުގައި މަސައްކަތް ކޮށްފައިވުމާއެކު، އޭނާއަށް ޒާމިން ވަރަަށް ރަނގަޅަށް އެނގެއެވެ. އަދި އެ ދެމެދުގައި ފުދޭވަރެއްގެ އެކުވެރިކަމެއްވެސް ވެއެވެ. ދެން ތިބި ފިރިހެންކުދިންނާ މާގިނައިން ވާހަކަ ދެކެވިފައިނުވާ ކަމަށް ވީނަމަވެސް، އޭނާއަށް އެ ދެމީހުންވެސް ކޮންމެވެސް ވަރަކަށް އެނގެއެވެ.

ޒާމިން އެތެރެއަށް ވަދެލުމަށްފަހު، ވަށައިގެން ބަލައިލިއެވެ. ޝައުފާ އެތަނުގައި ތިބި ބޯޑު މެންބަރުން ތަޢާފަރް ކޮށްދިނެވެ. ބޯޑުމެންބަރުންގެ ތެރޭގައި ހަތް މީހުން ތިބި ނަމަވެސް ޒާމިންއަށް އެންމެ ބޮޑަށް އަޅައިގަތީ ސަޖަލްއެވެ. ސަޖަލްގެ އެ ޖާދުވީ ދެލޮލެވެ. ހިތިފަތު ބުމައާއި ދިގު އެސްފިޔަތަކުން ހިޔާދީފައިވީ، ދެލޮލަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނެވެ. އެދެލޮލުގެ ފުރިހަމަކަމުން އޭނާއަށް ޖެއްސީ ކޮންފަދަ ޖާދޫއެއްކަމެއް އޭނާއަކަށް ނޭނގެއެވެ. އެ ފަން އިސްތަށިގަނޑުވެސް ނިއުޅުވާލާފައި އޮތްގޮތް ނުހަނު ހިތްގައިމެވެ. ތުންފަތުގައި ޖައްސާފައިވާ މަޑު ފިޔާތޮށި ކުލައިގެ ސަބަބުން އޭނާގެ ތުންފަތަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވެއެވެ. ޒާމިން ފަހަރަކު މީހަކާ ސަލާން ކުރަމުން ގޮސް، އެންމެ ފަހުން ސަޖަލްއާ ޖެހުނެވެ.

އޭނާގެ އަތް ސަޖަލްގެ އަތުގައި ބީހިލިވަގުތު ވެސް އޭނާއަށް އާދަޔާ ޚިލާފުގޮތެއް ވިއެވެ. ކީއްވެކަމެއް ނޭނގެއެވެ. އެވަގުތު އޭނާގެ ހިތުގެ ވިންދު ވެސް ކޮންމެވެސް ވަރަކަށް ހަރަކާތްތެރިވެލީ އޭނާއަށް ކަމެއް އަންގައިދޭންހެން ހީވެއެވެ.

"ސޯ މީޓިން ރޫމަށް ދަމާ..." ޝައުފާ ބުނެލިއެވެ. އެއާއެކު ވިސްނުމަކަށް ގެއްލިފައިހުރި ޒާމިންއަށް ސިހުންލިބުނެވެ. އޭނާވެސް އާއެކޭ ބުނަލަމުން އަވަސް އަވަހަށް ބޯ ޖަހައިލިއެވެ. ޝައުފާގެ ފަހަތުން އެންމެންވެސް ގޮސް މީޓިން ރޫމަށްވަނެވެ.

އެތެރެއަށް ވަނުމަށްފަހު، ޝައުފާ އިށީނީ މީޓިން ރޫމުގައި ހުރި ވަށް ދިގު މޭޒުގެ އެއްފަރާތުގައެވެ. އެންމެންނަށް އޭނާ ފެންނާނޭ ގޮތަށެވެ. ޝައުފާގެ އެއްފަރާތުގައި ޒާމިންއާއި ލީނީންއާއި ޝުޖާއު އާ ދެމީހުން އިށީނެވެ. ދެން ތިބި މީހުންވެސް ގޮސް ގޮނޑިތަކުގައި އިށީނދެ ހަމަޖެހުމާއެކު އެންމެ ފުރަތަމަ ވާހަކަ ދެއްކީ ޝައުފާއެވެ.

"ސޯ އަހަންނާ ޒިމް އާ ސޮރީ... ޒާމިންއާ..."

"އޯކޭވާނެ ޒިމް ކިޔަސް... މިތަނުގައި ދެން މިތިބީ ހަމަ ހައްތަހާވެސް ޒުވާނުންތާ؟ ކުރިއަށް އޮތްތަނުގައި އެކުގައި މަސައްކަތްކުރަން ފަސޭހަވާނީވެސް އެންމެންވެސް ކޮންފޮޓަބަލް ވާގޮތަށް ވާހަކަ ދެއްކީމަތާ..." ޒާމިން ޝައުފާގެ ވާހަކައާ ވިއްދާ ބުނެލުމާއެކު ބޯ ޖަހައިލުމަށްފަހު، އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ.

އެމީހުންގެ އެއްބައްދަލުވުމަކީ ދަ ލީގަލް ލޯ ފާރމް އާއެކު ހަދަން އުޅޭ އެއްބަސްވުމުގެ ކުރިން ބާއްވާ ބައްދަލުވުމެއް ކަމުގައި ޝައުފާ ބުނެލިއެވެ. ޝައުފާ ވާހަކަ ދައްކަމުންދިޔައިރު ޒާމިންވެސް ހަމަހިމޭންކަމާއެކު ވާހަކަތައް އަޑު އަހަމުން ދިޔައެވެ. 'ހޯޕް' އެންޖީއޯ އަކީ އިޖްތިމާއީ ކަންތައްތަކުގެ އިތުރުން އަންހެނުންނާ ކުޑަކުދިންގެ ޙައްގުތަކަށް ވަކާލާތު ކުރުމުގެ އިތުރުން އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ފަރާތުން ދަ ލީގަލް ލޯ ފާރމްއާ ދެމެދުވާ އެއްބަސްވުމަކީ އަނިޔާ ލިބޭ މީހުންގެ ޙައްޤުތަކަށް ވަކާލާތު ކުރުމަށް އެ އެންޖީއޯއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ވެވޭ އެއްބަސްވުމެކެވެ. އެއްބަސްވުމުގައި ސޮއި ކުރާ ހިސާބުން، އެ ޖަމިއްޔާ މެދުވެރިކޮށް އެހީތެރިކަން ބޭނުންވާ މީހުންނަށް ދަ ލީގަލް ލޯ ފާރމްގެ ފަރާތުން ޤާނޫނީ ގޮތުން ފުރިހަމަ އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ.

"އޯކޭ. މީ މިވަގުތަށް އަހަރެން ދައްކަން ހުރި ވާހަކަ. ދެން، ޒިމް އެއްޗެކޭ ބުނެލަން ބޭނުންތަ؟" ޝައުފާ ޒާމިންއަށް ފުރުސަތު ދިނެވެ.

"އަހަރެންވެސް އެހާ ފޯމަލްކޮށެއް ވާހަކައެއް ނުދައްކާނަން... އެންމެ ފުރަތަމަވެސް ބުނެލަން ބޭނުންވަނީ މި އެންޖީއޯގެ ފަރާތުން ކުރާ ހުރިހާކަމެއް ވެސް އެޕްރިޝިއޭޓް ކުރަމޭ... އަހަރެމެންނާ އެކީ މި ވެވޭ އެއްބަސްވުމަކީވެސް މި އެންޖީއޯ އިތުރު ހަރުފަތްތަކަކަށް ގެންގޮސްދޭނެ ކަމަށްކަމަށް ޚުދު އަހަރެމެންވެސް ޤަބޫލުކުރަން... ދެން އަނެއްވާހަކައަކީ، އަހަންނަށް ޝައު އެނގޭ ކުރިންވެސް، އެކުގައި މަސައްކަތްވެސް ކުރެވިފައި ހުރީ... ލޯ ފާރމްގެ ފަރާތުން އެގްރީމެންޓްގައި ސޮއިކުރާނީ އަހަރެން، އަހަންނާއެކު ދެން މަސައްކަތް ކުރާނީ ލީނީންއާއި ޝުޖާއު. ދެމީހުންނަކީވެސް އަހަންނެކޭ އެއްގޮތަށް ގާނޫނީ ވަކީލުން.. ތިކޮޅުން ކާކު އެންމެ އިސްކޮށް ހުންނާނީ؟" ޒާމިން ކުރު ތަޢާރަފެއްދިނެވެ. އޭނާ ސުވާލުކޮށްލިއިރު ސަޖަލްއަށް ވެސް އަވަސް ނަޒަރެއް ދެވުނެވެ. ނޭނގި ނަމަވެސް އޭނާއަށް އުންމީދު ކުރެވުނީ އެ އަންހެން ކުއްޖާ އެމީހުންނާ އެކު ހަރަކާތްތެރިވުމަށެވެ. އޭނާގެ ހިތުގައިވި ޒުވާންކަމުގެ ވިންދުން އޭރުވެސް އޭނާގެ ގާތުގައި ކޮންމެވެސް އެއްޗެއް ބުނަން މަސައްކަތް ކުރަމުން ދިޔައެވެ. ފުރަތަމަ ނަޒަރުން މީހުން ކަމުދާ ވާހަކައާއި ލޯބިވެވޭ ވާހަކަ އޭނާ މީގެ ކުރިން އަހަނީ ވާހަކަ ފޮތްތަކުގަޔާއި ފިލްމުތަކުގައެވެ. އެހެންކަމުން އޭނާއަށް އެ ކުރާ އަސަރުތަކުގެ މާނަ ނަގަންވީ ގޮތެއް ޒާމިންއަކަށް ނޭނގުނެވެ.

"މިކޮޅުން އިސްކޮށް ހަރަކާތްތެރިވާނީ ސަޖަލް، ދެން އަހަރެން..." ސަޖަލްއަށް އިޝާރާތް ކޮށްލުމަށްފަހު ޝައުފާ ބުނެލިއެވެ. އެހިނދު ޒާމިންގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

" އަހަރެމެންނާ ކުރިން ޝައު ބައްދަލުކޮށްފަ އޭރު ބުނި ޕޮއިންޓްތައްވެސް ހިމަނައިގެން އަލުން އެގްރީމެންޓް ރަނގަޅުކޮށްލާފަ މީނީ. ސައިން ކުރުމުގެ ކުރިން ވީ ވޯންޓް ޔޫ ގާއިޒް ޓު ހޭވް އަ ލުކް އޮން އިޓް."

ޒާމިން އޭނާގެ ދަބަހުން އެގްރީމެންޓް ފައިލް ނެގިއެވެ. އެއަށްފަހު އޭނާ މޭޒުމަތީގައި ފައިލް ބާއްވައިލަމުން ޝައުފާއަށް ބަލައިލިއެވެ. ޝައުފާ ހިނިތުންވެލަމުން އެގްރީމެންޓް ނަގާ އޭނާ ފަހަރަކު ގަނޑެއް ކިޔަންފެށިއެވެ. އެ މޫނުމަތީގައިވަނީ ހިތްހަމަޖެހުމުގެ ކުލަވަރެވެ.

"ރަނގަޅު..." ޝައުފާ ހިނިތުންވެލިއެވެ. އޭނާ އޭނާގެ އެއްފަރާތުގައި އިން ސަޖަލްއަށް އެ ފައިލް ދިނެވެ. ސަޖަލްވެސް ބަލައިލިއެވެ.

"އަދިވެސް އެގްރީމެންޓް ބަލައިލަން ބޭނުމިއްޔާ މަޑުކޮށްލާފަ އަންނަ ހަފްތާގައި ސޮއިކުރަން ހަދަންވީނު!" ޒާމިން ދިން ޚިޔާލާ އެންމެންވެސް އެއްބަސްވިއެވެ.

"އަހަންނަށްވެސް ތި ޚިޔާލު ކަމުދޭ..." ޝައުފާ ފަހަރަކު މީހަކުގެ މޫނަށް ބަލައިލިއެވެ. އިތުރު މީހަކު އެހެން ޚިޔާލެއް ފާޅުނުކުރުމުން އެމީހުން ނިންމީ އެގޮތަށް ކުރިއަށް ދިޔުމަށެވެ. މީޓިން ނިންމާލުމަށްފަހު، ޒާމިންމެން ދާން އުޅުމުން އެމީހުންނާއެކު ދޮރާ ހިސާބަށް ޝައުފާ ދިޔައެވެ. އެމީހުން ފޮނުވައިލުމަށްފަހު، އަނބުރާ މީޓިން ރޫމަށް ވަތްއިރުވެސް ސަޖަލްމެން އެތަނުގައި ވާހަކައިގައި ތިއްބެވެ.

"ސޯ ފައިނަލީ އެކަންތައް ވީ..." ޝައުފާ އުފާވެލާފައި ބުނެލިއެވެ. ޖުމާނާވެސް ހިނިތުންވެލުމަށްފަހު، ކުޑަކޮށް ސަޖަލްގެ ގައިގައި ބައްދައިލިއެވެ. އެތަނުގައި ތިބި އެންމެންގެ މޫނުމަތިން ވެސް ފެންނަނީ އުފާވެރިކަމެވެ. ދުވަސްތަކަކަށްފަހު، އެ އެންމެންގެ ހުވަފެން ހަޤީޤަގަތަކަށް ވެގެން ދިޔުމުގެ ސަބަބުން، ކޮންމެ މީހަކުގެވެސް ހިތުގައި ވަނީ ބުނެދޭން ނޭނގޭ ފަދަ އުފާވެރިކަމެކެވެ.

"އެހެންވީމަ އެމީހުންވެސް މި އޮފީހުގައި ދޯ މަސައްކަތްކުރާނީ، އެއްބަސްވުމުގައި ވަނީ އެހެންނެއްނު!..." ޖުމާނާ އަހައިލިއެވެ.

"އާނ... އެމީހުންގެ ވަޒީފާ އެކޮޅުގައި އޮތަސް، މިކޮޅުން އެހީތެރިކަމަށް ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެމީހުން އަންނާނީ މި އޮފީހަށް..." ޝައުފާ ބުނެލިއެވެ. އޭނާގެ އަޑުގައިވަނީ ބުނެދޭން ނޭނގޭ ފަދަ އުފާވެރިކަމެކެވެ.

"ތޭންކިޔު ސޯ މަޗް ފޯރ ދި ސަޕޯޓް ގާއިޒް... ވިތައުޓް ޔޫ ގާއިޒް އަހަންނަށް އެކަނި މިއިން އެއްވެސް ކަމެއް ނުވާނެ..." ޝައުފާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާފައި އެމީހުން އޮފީހުން ނުކުތްއިރު ގަޑިން ދިހަގަޑި ބަޔަށް ވުރެ ބޮޑު ވެއްޖެއެވެ.

މަގުމަތި އާދައިގެ މަތިން ވަރަށް ހަލަބޮއްޔެވެ. ދުއްވާ މީހުންނާ ހިނގާ މީހުންނެވެ. ބާޒާރުކުރާ މީހުންނާ އެހެނިހެން ބޭނުންތަކުގައި ނިކުމެ އުޅޭ މީހުންނެވެ. ފަލަކުގައި ރަސްކަން ކުރަމުންދިޔަ ހަނދާއި އެ އަލިކަމުގެ ތެރޭގައ ޝާމިލްވަމުންދިޔަހާ ތަރިތަކުގެ އަލި ފަނޑުކޮށްލުމަށްފަހު، އިމާރާތްތަކާއި މަގުމަތީގެ ލައިޓްތަކުގެ އަލި ވަނީ އަތްގަދަކޮށްލާފައެވެ. އިމާރާތްތަކުގެ އަލި ރޭގަނޑުގެ އަނދިރިކަމުގެ ތެރެއިން ފެންނަނީވެސް ހުވަފެނީ ގޮތަކަށެވެ.

ސަޖަލް ގެއަށްދިޔަ މަގުމަތީގައި އޭނާގެ ފަހަތުން ރިއުމާން ފާރަލީކަން އޭނާއަށް އެނގެއެވެ. އެކަމުން އޭނާއަށް ނުތަނަވަސްކަން ލިބުނެވެ. ރިއުމާންގެ އަމަލުތަކުގެ ސަބަބުން އޭނާ ވަނީ ނުހަނު ކަންބޮޑުވެފައެވެ. އެ ގުޅުން ނިންމައިލިކަމުގައިވިނަމަވެސް ރިއުމާން ދޫ ނުދޭނޭކަމަށް ސަޖަލްއަށް ވިސްނޭތީ، އެކަމާވެސް އޭނާ ހުރީ އިންތިހާ ހާސްވެފައެވެ.

ސަޖަލްއަށް ހަމަނޭވާ ލެވުނީ ގެއަށް ގޮސް ވަދެވުމުންނެވެ. އޭނާ އުދާސްކަމުގެ ފުންނޭވާއެއް ދޫކޮށްލަމުން، އަތުގައި އޮތް ދަބަސް ސޯފާ މައްޗަށް އެއްލައިލިއެވެ. އެއަށްފަހު ގޮސް އައިސްއަލަމާރިން ފެންފުޅިއެއް ނަގާ ތަންޓަކަށް އަޅާ އެ ބޮއިލަމުން ކަރުހިއްކައިލުން ފިލުވައިލިއެވެ.

އެއަށްފަހު، އޭނާ ގޮސް ކޮޓަރިއަށް ވަދެލީ ބައްޕަ ނިދާފައި އޮތްކަން ޔަޤީންކޮށްލުމަށްފަހުއެވެ. ކޮޓަރިއަށްވަދެ އެއްޗެހި ބަދަލުކޮށްލައިގެން އެނދުގައި އޮށޯވެލި ސަޖަލް އޭނާގެ ފޯނަށް ނަޒަރު ހުއްޓައިލިއެވެ. ހުރިހާ އެޕްއަކުންވެސް އޭނާ ރިއުމާން ބްލޮކް ކޮށްލާފައި ހުރުމުން އޭނާއަށް ރިއުމާންގެ އެއްވެސް މެސެޖެއް ނުލިބެއެވެ. އެކަމުގެ ސަބަބުން ސަޖަލްއަށް ވެސް ހިސާބެއްގެ ހުސްކަމެއް އިޙްސާސްވިއެވެ. އެކަމުން އެކަނިވެސް އޭނާގެ ހިތުގައި ރިއުމާންއަށް އުފެދިފައިވާ އިޙްސާސްތައް އެކީ ހިންދައިނުލެވޭކަން އޭނާއަށް އެނގުނެވެ. އަދި އެ އިޙްސާސްތަކަކީ އޭނާއަށް އެހާ ފަސޭހައިން ފުރަގަސްދެވޭނޭ އިޙްސާސްތަކެއް ނޫންކަން ވެސް އޭނާއަށް އެވަގުތު އެނގިގެން ދިޔައެވެ. އެހެންނަމަވެސް ބުނެދޭން ނޭނގޭ ޒާތެއްގެ ހިތްހަމަޖެހުމެއް އޭނާގެ ހަށީގައި ދައުރުވެލީ ކީއްވެކަމެއްވެސް ޚުދު އޭނާއަކަށް ނޭނގެއެވެ. އޭނާގެ ހިތުގައި އަދި ރިއުމާންއާ މެދު އިޙްސާސްތަކެއްވީ ކަމުގައި ވީނަމަވެސް، ރިއުމާންގެ އުޅުން ހުންނަގޮތުން އެ ޖަޒުބާތުތަކުގެ މައްޗަށް ބިރުވެރިކަމަކާއި ހިސާބެއްގެ ފޫހިކަމެއްވެސް ވެރިވާން އުޅޭހެން ސަޖަލްއަށް ހީވެއެވެ. ހަޤީގަތުގައި އޭނާގެ އިޙްސާސްތައް ދެނެގަންނަން ސަޖަލް ވަނީ ނުކުޅެދިފައެވެ. އޭނާއަށް ނިދުނީވެސް އެފަދަ ޚިޔާލުތަކެއްގައި އޮއްވައެވެ.

***

އެނދުގައި އޮށޯވެލައިގެން އޮތް ރިއުމާންގެ ނަޒަރު ހުރީ އޭނާގެ އަތުގައި އޮތް ފޯނަށް ހުއްޓިފައެވެ. އެހެން އޮވެފައި ފޯނު އެއްފަރާތު ސައިޑް ކަބަޑުމަތީގައި ބާއްވަމުން އޭނާ ފުންނޭވާއެއް ދޫކޮށްލިއެވެ. ސަޖަލް މަތިން އޭނާ މާ ބޮޑަށް ހަނދާންވަނީއެވެ. އެ އަންހެން ކުއްޖާއަކީ އޭނާގެ ޙަޔާތުގައި އޭނާ އެހާ ލޯބިވީ ހަމައެކަނި އަންހެން ކުއްޖާއެވެ. އޭނާއަށް އެހާ ހިތްދަތި އަސަރުތަކެއް ކުރުވަނީ އެހެންވެއެވެ. މާޒީގައިވެސް އޭނާއަށް ލިބުނީ ހުސް ހިތާމައެވެ. އަމިއްލަ މަންމައާއި ބައްޕަގެ ފަރާތުންނެވެ. ކުޑައިރު ލިބުނު އަނިޔާތަކުން ލިބުނު ޒަޚަމްތަށް ފަސޭހަވިނަމަވެސް، އެ ހުރިހާކަމެއް އޭނާގެ ހިތުގައި ބިންވަޅު ނެގިފައިވެއެވެ. އޭނާ ކުރަމުން ގެންދާ ހިތާމައިގެ ކުޑަވެސް މިންވަރެއް އެހެންމީހަކަށް ނޭނގުމަކީ އޭނާއަށް އިތުރު ހިތްދަތިކަމެއް ލިބުނު ކަމަކަށެވެ. އެހިތާމަތައް އެކަނި ބަރުދާސްތުކުރަން ޖެހުމުގެ ސަބަބުން އޭނާ ބަލިކަށިވަމުންދާ ފަދަ އިޙްސާސްއެއް އޭނާއަށް ކުރުވަމުން ދިޔައެވެ.

ރިއުމާންގެ ލޮލުގެ ހިމަކޮޅުން ކަރުނަތައް ފައިބަމުންދިޔައީ އޭނާގެ އިޚްތިޔާރަކާ ނުލައެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހުނުނަމަވެސް އެއްފިޔަތަކާ ޖަދަލުކުރުމަށްފަހު ކަރުނަތް ފައިބަނީއެވެ. އޭނާގެ ބަސްނަހާ ހިތް އޮތީ އޭނާގެ އިޚްތިޔާރަކު ނޫނެވެ. އެހިތް އެދިގޮވަނީ ސަޖަލްއަށެވެ. ސަޖަލްގެ ލޯތްބަށެވެ. އޭނާގެ މޫނުމަތީގައި ފިރުމަމުންދިޔަ ކަރުނަތައްވެސް އޭނާއަށް އިޙްސާސްވީ ދިލަހޫނުކަމާއެކުގައެވެ.

"އައި ލަވްޔޫ ސަޖޫ... ޕްލީޒް ކަމް ބެކް... އައި އެމް ސޮރީ އޭ... ހައު ކޭން ގައި ލިވް ވިތައުޓް ޔޫ؟" ރިއުމާންއަށް ބުނެވުނެވެ. އޭނާ ލޯ މަރައިލީ މޭގައި އަތް ޖައްސައިލަމުންނެވެ. މެއާ ދިމާލުން ތޫނު ރިހުމެއް އުފެދޭހެން އޭނާއަށް ހީވިއެވެ. އެ ރިހުން ބޮޑުވެ މުޅި ހަށިގަނޑަށްވެސް އެ އަސަރު ކުރުވަށް ފަށައިފިއެވެ. އަނެއްކާވެސް ބޮޑަށް ރޮވެން ފެށުމުން، އޭނާއަށް އެ އޮތްގޮތަށް އޮވެ ބޮލުގައި ހިފައްޓައިލެވުނެވެ. އޭނާގެ އެތެރެހަށީގައި އުފެދިގެން އުޅޭ ތޫފާނަށް އެއްވެސް ވަރަކަށް އޭނާއަށް ލުޔެއް ނުލިބުމާއެކު، އޭނާއަށް ހަޅޭއްވެސް ލަވައިގަނެވުނެވެ. އޭނާގެ ނަފްސުވަނީ ކޮންމެވެސް ކަހަލަ ތަސައްލީއެއް ބޭނުންވެފައެވެ. އެހެންކަމުން އޭނާއަށް ރުޅިވެސް އާދެވެމުން ދިޔައެވެ. އެތަކެއް ޖަޒުބާތުތަކަކުން އޭނާގެ އެތެރެހަށި ފިއްސަމުންދިޔަ އިޙްސާސްއެއް ރިއުމާންއަށް ކުރުވިއެވެ.

އޭނާއަށް ނިދުނީވެސް އެފަދަ ޚިޔާލުތަކެއްގައި އޮއްވައެވެ. ޖެހިގެން އައި ދުވަހު އޭނާއަށް ހޭލެވުނީ ފޯނުގެ އެލާރމްގެ އަޑާއެކުގައެވެ. ސައިޑްކަބަޑު މަތީގައި އޮތް ފޯނުގައި އަތް ޖައްސައިލާ އޭނާ އެލާރމް ނިއްވައިލުމަށްފަހު، އެނދުގައި ހަމަޖެހިލިއެވެ. ކޮންމެވެސް ވަރަކަށް އޭނާގެ ބޮލުގައި ރިއްސަމުން ދިޔައިރު، ދެލޯ ކައިރީގައިވެސް ކޮންމެވެސް ވަރެއްގެ ރިހުމެއް ހުއްޓެވެ. އޭނާ ލޯ މަރައިލަމުން ދެފަހަރަކު ލޯ އުނގުޅައިލިއެވެ. އޮފީހަށް ދާން ބޭނުންނުވެ ހުރެފައިވެސް އޭނާ ކަންނެތްކަމާއެކު، ތެދުވެ މޯޅިއަކަށް ދެމިލިއެވެ. އޭރު ގަޑިން ހަތްގަޑި ބައިވަނީއެވެ. އޭނާ އެނދުގެ ކަނާއަތް ފަރާތުގައި ހުރި އަލަމާރި ކައިރިއަށް ހުއްޓިފައި ދޮރުފަތް އެއްފަރާތަކަށް ކަހައިލިއެވެ. ލާނެ އެއްޗެއް ނެގުމަށްފަހު އޭނާ ގޮސް ވަނީ ފާޚާނާއަށެވެ.

ފެންވަރައިގެން ނުކުމެ ފާޚާނާ ދޮރުގެ އެއްފަރާތުގައި ހުރި އެތީގައި ތުވާލި އަޅުވައިލުމަށްފަހު، އޭނާ ގޮސް އޭނާ ނެގި އެއްޗެހި ލިޔެވެ. ގަދަ ނޫކުލައިގެ ގަމީހާއެކު، އަޅާފައިވާ ކަޅުކުލައިގެ ޓައީގައި ރިއުމާން ފެންނަލެއް ކިތަންމެހާވެސް ފުރިހަމައެވެ. އޭނާ ލޯގަނޑުކުރިމަތީގައި ހުރެ، އަމިއްލަ ސޫރައަށް، ފަހު ފަހަރަށް ބަލައިލުމަށްފަހު، އެނދުގެ ސައިޑް ކަބަޑު މަތީގައި އޮތް އޭނާގެ ވޮލެޓު ނަގާ ޖީބަށް ލަމުން ފޯނާ ކާރުގެ ތަޅުދަނޑި ހިފައިގެން ކޮޓަރިން ނުކުތުމުގެ ކުރިން ކޮޓަރީގެ ބޮކިތައް ނިއްވައިލިއެވެ. ކޮޓަރި ދޮރު ލައްޕައިލުމަށްފަހު، އޭނާ ގަޑިއަށް ބަލައިލިއެވެ. އެއަށްފަހު، އޭނާ ނުކުމެ ދޮރު ލައްޕައިލުމާއެކު، އޮޓޮމެޓިކުން ތަޅު ލެވުނެވެ.

ކާރަށް އަރައިގެން ރިއުމާންއަށް އޮފީހަށް ދެވުނުއިރު ހުރީ ގަޑިން އަށެއްޖަހަން ދެ މިނިޓަށް ވެފައެވެ. އޭނާ އަވަސް އަވަހަށް ކާރު ޕާކުކޮށްލާފައި ގޮސް ކާޑު ޖަހައިލިއެވެ. އެއަށްފަހު މިސްރާބުޖެހީ އެތަނުގައި ހުންނަ ކޮފީ ޝޮޕަށް ދިޔުމަށެވެ.

އެތެރެއަށް ވަތްއިރު، މީހުން އެތަނުގެ އެތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ. އޭނާ ވަށައިގެން އެތަނަށް ބަލައިވެސް ލިޔެވެ. ވަން ދޮރުގެ އެއްފަރާތުގައި އޯޑަރު ނަގާ ކައުންޓަރު އިންއިރު، ދޮރުގެ އަނެއްފަރާތުގައި މީހުންނަށް އިށީނދެވޭ ގޮތަށް ލަކުޑިން މޭޒާ ގޮނޑި ހަދާފައި ހުއްޓެވެ. އެ ގޮނޑިތަކުގައި ވެސް ބައެއް މީހުން އިށީނދެގެން ތިއްބެވެ. ތަނުގައިވި އޭސީގެ ފިނިކަމުގެ ތެރޭގައިވެސް، ކޮފީގެ ވަސް ކޮންމެވެސް ވަރަކަށް ހިފާލާފައިވާއިރު އެތަނުގެ އިންޓީރިއަރ ޑިޒައިން ހިތްގައިމުކަމަށް ދައްކަނީ ތަނުގައި ހުރި އިންޑޯރ ގަސްތަކުގެ ސަބަބުންނެވެ.

"އެސްޕްރެސޯއެއް...ޓޭކް އަވޭ ޕްލީޒް..." ކައުންޓަރު ކައިރީގައި ހުއްޓުމަށްފަހު، ރިއުމާން ވާހަކަ ދެއްކިއެވެ. އެއާއެކު، ކައުންޓަރުގައި ހުރި އަންހެންކުއްޖާ ރިއުމާންއަށް ބަލައިލަމުން ކޮންޕިއުޓަރ ސްކްރީންއަށް ނަޒަރު ހުއްޓައިލިއެވެ. ދެވަނަ ސިކުންތުގައި އެ ކުއްޖާ މައުނަވީ ހިނިތުންވުމަކާއެކު ރިއުމާންއަށް ބަލައިލުމަށްފަހު، ނިކަން އަވަސް އަވަހަށް ކޮފީގެ އަގު ބުނެލިއެވެ. އޭރު އެތަނުން މީހަކު ކޮފީ ހަދަން އަވަސްވަގެތެވެ. ރިއުމާން ލާރި ދައްކާލާފައި ކައުންޓަރުގެ އެއްފަރާތަށް ޖެހިލީ އިތުރު މީހަކު ވަނުމުންނެވެ.

ކޮފީ ހިފައިގެން އޭނާ އަނބުރާ އައިސް ކެބިންއަށް ވަދެފައި މޭޒު ދޮށުގައި އިށީނެވެ. އެއަށްފަހު، ކުރަން ހުރި މަސައްކަތްތައް ބަލައިލިއެވެ. ނުނިމޭ ބައިވަރު މަސައްކަތް ހުރިތަން ފެނިފައި، އޭނާއަށް ފުރަތަމަވެސް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. ސެކެޓްރީއެއްގެ މުހިންމުކަން އޭނާއަށް އަނެއްކާވެސް އިޙްސާސްވީ އެވަގުތެވެ. ކުރާނެ މަސައްކަތެއް ނޭނގި ރިއުމާންއަށް އިނދެވުނެވެ. ސަޖަލް އެ މަގާމަށް އައުމަކީ އޭނާގެ އެންމެ ބޮޑު އުންމީދެވެ. އޭނާ ނިންމީ އެދުވަހުވެސް ސަޖަލްއާ ބައްދަލުކުރަން ދާށެވެ. ސަޖަލް ނުފެނި އެންމެ ދުވަހެއް ހޭދަކުރަންވެސް އޭނާއަށް ވަނީ އުނދަގޫވެފައެވެ. އިރުކޮޅަކު ފޯނަށް ބަލަހައްޓައިގެން އިނދެފައި ރިއުމާން މަސައްކަތަށް ސަމާލުކަން ދެވޭތޯބެލިއެވެ.

ރިއުމާން އޮފީހުން ނުކުތްއިރު ބަންގި ގޮވިތާ ދިހަވަރަކަށް މިނިޓް ވެއްޖެއެވެ. ކާރަށް އަރައި މާފަންނު ކޮޅުން އޭނާ ދުއްވައިލީ މައްޗަންގޯޅިއާ ދިމާލަށެވެ. އޭނާގެ އަމާޒަކީ މިއަދުވެސް ސަޖަލްއާ ބައްދަލުކުރުމެވެ. ސަޖަލްގެ، ގެ ހުންނަ ހިސާބަށް އާދެވުމުން އޭނާ ކާރު އެއްފަރާތުގައި ޕާކުކޮށްލިއެވެ. އެއަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ. ސަޖަލް އުޅޭ އެޕާރޓްމެންޓަށް އޭނާ ވަންނާނީ ކިހިނެއްބާއޭ އޭނާގެ ހިތަށް އެރިއެވެ. އެތަނުގައި ހުރެފައި އޭނާ ސަޖަލްއަށް ގުޅޭތޯ މަސައްކަތްކުރިއެވެ. ނުގުޅުނީ ސަޖަލް އޭނާގެ ނަންބަރު ބްލޮކް ކޮށްލާފައިވާތީއެވެ. އެކަމާވެސް ރިއުމާން ރުޅި އަންނަ ގޮތްވިއެވެ. އޭނާއަށް އެގެއަށް ވަންނަން ފުރުސަތު ލިބުނީ މީހަކު ނުކުތުމުންނެވެ.

ބައްޕަ މިސްކިތަށް ދިޔުމާއެކު ސަޖަލް ސޯފާގައި އިށީނދެލިއެވެ. އެ އުޅޭ އެޕާރޓްމެންޓަށް ވަންނަން މީހަކު ބެލްއަޅައިލީ އޭނާ އެހެން އިންދައެވެ.

"ބައްޕަ އަނެއްކާ ތަޅުދަނޑި ވެސް ނުލާތަ އެ ދިޔައީ..."

މާ ބޮޑު ވިސްނުމަކާ ނުލާ ގޮސް އޭނާ ދޮރު ހުޅުވައިލީ ފަހަރުގައި ރަޝާދުކަމަށް ހީކޮށްފައެވެ. އޭނާ ދޮރު ހުޅުވައިލުމަށްފަހު، ބައްޕައޭ ބުނަން ވެގެން އުޅުނު ވަގުތު ރިއުމާން ފެނިގެން ސިހިފައި ފަހަތަށް ޖެހިލެވުނެވެ.

(ނުނިމޭ)

ކޮމެންޓް 0