އޭރުވެސް މަންމަ ހަޅޭއްލަވަމުން ދިޔައެވެ. މަންމަ އޮތީ ޓައިލްސްތަކު މަތީގައެވެ. ރިއުމާން ބަލާކަށް ނުހުރެ ގޮސް މަންމަގެ އުނަގަނޑުގައި ހިފި ވަގުތަކީ، ބައްޕަ ވެސް އިސްތިރި ޖެއްސި ވަގުތެވެ. އެއާއެކު ރިއުމާންއަށް ހަޅޭއްލަވައިގަނެވުނީ އޭނާއަށް ތަދުވީ ވަރުންނެވެ.

ރިއުމާން ހަޅޭއްލަވައިގަތުމުން ނާޝިދަށްވެސް ސިހުން ލިބުނެވެ. އޭނާ އަތުގައި އޮތް އިސްތިރިއަށް ބަލައިލިއެވެ. އެއަށްފަހު ރުޅިވެރިކަމާއެކު ރިއުމާންއަށް ބަލައިލަމުން އޭނާ ވާހަކަ ދެއްކިއެވެ.

"ކީއްކުރަން ތިއައީ؟ ހަމަމިހާރު ކޮޓަރިއަށް ދޭ..." ނާޝިދު ބުނެލިއެވެ. އޭރުވެސް ރިއުމާންގެ މަންމަ ސަފީނާ ރޮމުންދިޔައެވެ. ރިއުމާންއަށް ނާޝިދު ހަޅޭއްލަވައިގަތުމުން ސިހިފައި ހުރިއިރު ނަގަމުންދިޔަ ދިލައަށް އޭނާއަށް ކެތްކުރަން ދަތިވިއެވެ.

"ދަރިފުޅާ... ދޭ... އަވަހަށް ދޭ..." ސަފީނާ ރޮމުން ބުނެލިއެވެ. ސަފީނާއަށް ބަލަން ހުރެފައި ރިއުމާންވެސް ދުވެފައި ނުކުމެގެން ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އެއަށްފަހު ލަސްނުކޮށް އޭނާ ވަނީ ފާޚާނާއަށެވެ. އޭރުވެސް އޭނާގެ އަނގައިން ވޭނީ އާހުތައް ބޭރުވަމުން ދިޔައެވެ. ރޮވޭ ޙާލު ޝަވަރު ދޫކޮށްލަމުން އޭނާ އެތަނުގައި އެތައް އިރަކު ހުރިއެވެ. ފިނިފެން ޖެހުމުން ކޮންމެވެސް ވަރަކަށް ދިލަ މަޑުވިހެން ހީވެ ރިއުމާން އެތަނުން ނުކުންނަން ހިނގައިގަތެވެ. ކެތްކުރެވޭނޭ އެންމެ މައްޗަކަށް އޭނާ ކެތްކުރަން މަސައްކަތްކުރި ނަމަވެސް ނަގަމުންދިޔަ ދިލައިގެ ސަބަބުން ރިއުމާންއަށް ރޮވެމުން ދިޔައެވެ. އޭނާ ލޯގަނޑު ކުރިމައްޗަށް ހުއްޓި އެތަނަށް ނަޒަރު ހުއްޓައިލިއެވެ. މުޅި އެ ހިސާބު ރަތްވެފައިވާއިރު ހިސާބަކަށް ފޮޅުލަން ފަށާފައި ހުއްޓެވެ. އޭނާ ގޮސް އެނދުގައި އިށީންއިރުވެސް އެ ދެލޮލުން ހޯސްލާފައި ކަރުނަތައް ފައިބަމުން ދިޔައެވެ.

"މަންމާ... " ތުންފަތް ފޫ ދުއްވާލަފައި މަންމަ އެ ލަފުޒު ރިއުމާންއަށް ކިޔެމުން ދިޔައެވެ. މަންމައާއި ބައްޕަގެ ޒުވާބުތަކަކީ އޭނާއަށް އާ އެއްޗެއް ނޫނެވެ. ކިތަންމެ ދުވަހަކު ބައްޕަ މަންމައަށް އަނިޔާ ކުރާ މަންޒަރު ރިއުމާންއަށް ފެނެއެވެ. މަންމެ ދެކެ ރުޅި އަންނަ ފަހަރަކު ވިއްޔާ ބައްޕަ ބައެއް ފަހަރު އޭނާއަށް ވެސް ރުޅި ބާލައެވެ. އެއިން ކޮންމެ ފަހަރަކު ޚުދު ރިއުމާންއަށްވެސް އެތަކެއް އަނިޔާއެއް ލިބެއެވެ.

އޭނާ އެތަނުގައި އިންދާ ކޮޓަރީގެ ދޮރުފަތް ހުޅުވާލާފައި ސަފީނާ އެތެރެއަށް ވަނެވެ. ރިއުމާން އޭނާގެ މަންމައަށް ބަލައިލުމަށްފަހު ނޭފަތް ދަމައިލިއެވެ. އޭރު ސަފީނާގެ ތުންފަތް ފަޅައިގެން ގޮސްފައިވާއިރު އޭރުވެސް އެތަނުން ލޭ ފައިބަމުން ދިޔައެވެ. އަތުން ތަންގަނޑެއް ނޫފައިގަނެފައިވާއިރު ނިތްކުރިމަތި ވެސް ވަނީ ރަތްވެފައެވެ.

"ދަރިފުުޅާ..." ސަފީނާއަށް ރިއުމާންއަށް ގޮވައިލަމުން އެ ދިމާލަށް އާދެވުނެވެ. ރިއުމާން ވެސް އެނދުން ތެދުވެލިއެވެ. ރިއުމާންގެ ބުރަކައްޓަށް ބަލައިލުމަށްފަހު ސަފީނާ އައީ ފަސްޓް އެއިޑް ބޮކްސް ހިފައިގެންނެވެ. އެއައިގޮތަށް އައިސް އޭނާ ރިއުމާންގެ ބުރަކަށީގައި ބޭސް އުނގުޅައިލަދިނެވެ.

އެދުވަހަށްފަހުވެސް ބައްޕަ ދިޔައީ އެކިގޮތް ގޮތުން ސަފީނާއަށް އަނިޔާކުރަމުންނެވެ. ބައެއްފަހަރު އެ އަނިޔާތަކުގެ ޝިކާރައަކަށް ރިއުމާންވެސް ވެދެއެވެ.

މަހެއްހާދުވަސް ފަހުން ނާޝިދު ރާއްޖޭން ބޭރަށް ފުރީ އޮފީސްކަމަކުއެވެ. އެއާއެކު ސަފީނާއަށްވެސް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އެއީވެސް އާދައިގެ ދުވަހެކެވެ. ދަންވަރުގެ ވަގުތުގައި ކަރުހިއްކައިގަނެގެން ރިއުމާންއަށް ހޭލެވުނެވެ. އޭނާ އެނދުގެ ސައިޑް ކަބަޑު މަތީގައި ހުރި ޖަގަށް ބަަލައިލިއެވެ. ފެން ހުސްވެފައި ހުރުމުން ކަންނެތްކަމާއެކުވެސް ރިއުމާން ތެދުވީ އޭނާ ކަރުހިއްކަމުން ދިޔައީތީއެވެ. އާފުރެމުން ތެދުވެ ރިއުމާން ކޮޓަރިން ބޭރަށް މިސްރާބުޖެހިއެވެ. މަޑުމަޑުން ދޮރުފަތް ހުޅުވައިލި ރިއުމާންއަށް ސިހުން ލިބުނީ ފިރިހެނަކާއެކު މަންމަ ކޮޓަރިއަށް ވަތްތަން ފެނުމުންނެވެ. އެއީ ބައްޕަ ނޫންކަން އޭނާއަށް ޔަޤީނެވެ. އެވަގުތު މަންމައާއި އެ މީހާ ތިބިގޮތުން އޭނާއަށް ހިންދިރުވައިލެވުނެވެ. އަވަސް އަވަހަށް އޭނާ ކޮޓަރީގެ ދޮރުން އެތެރެއަށް ވަދެލިއެވެ. އެއަށްފަހު އޭނާ އިރުކޮޅަކު މަޑުކޮށްލިއެވެ. ރިއުމާން މަޑު ފިޔަވަޅުތަކެއްގައި އެދިމާލަށް މިސްރާބުޖެހިިއެވެ. އޭނާ ސަފީނާގެ ކޮޓަރީގެ ދޮރާ ހިސާބަށް އަރާ ހަމަވެފައި ފިޔަވަޅުތައް މަޑުޖައްސައިލިއެވެ. ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ދެކޮޅު ބަލައިލުމަށްފަހު ރިއުމާން ދޮރާ ގާތްވެލިއެވެ. އެއަށްފަހު އޭނާ އެތެރެއަށް ނަޒަރު ހުއްޓައިލިއެވެ. އެވަގުތު މަންމައާއި އެ ފިރިހެންމީހާ ތިބިގޮތްފެނި އޭނާގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އަވަސްއަވަހަށް ދެލޯ މަތީގައި އަތް އަޅައިލަމުން އޭނާ ކޮޓަރިއާ ދިމާލަށް ދުއްވައިގަތްއިރު އޭނާގެ މޫނުމަތީގައި މުތީތަކެއްފަދައިން ދާތިކިތައް ވިދަމުން ދިޔައެވެ. މާނޭވާލެވެމުންދިޔަ ޙާލު ރިއުމާން އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ. ހަދާނޭ ގޮތެއް ކުރާނޭ ކަމެއް އޭނާގެ ޅަ ސިކުނޑިއަކަށް ނުވިސްނުނެވެ. ތުރުތުރު އަޅަމުން ދިޔަ ޙާލު އޭނާ އެނދުގައި އޮށޯވެލިއެވެ. އެއަށްފަހު އޭނާ ދެލޯ މަރާ ތަގުޅި ކޮށްލިއެވެ.

*****

ޚިޔާލުތަކުން ރިއުމާންއަށް ނުކުމެވުނު އިރު އޭނާގެ ދެލޮލުގެ ތެރޭގައި ކަރުނަތައް ޖަމާވެފައި ވެއެވެ. އެހެން ހުރިއިރު އޭނާގެ ޚިޔާލަށް އޭނާއަށް ސަޖަލްގެ ގެ ކައިރިން ފެނުނު އަންހެން މީހާގެ ހަނދާންތައް އާވިއެވެ. އާއެކެވެ. އެއީ ސަފީނާ ނޫން އެހެން ދެވަނަ މީހެއް ނޫނެވެ.

މީހާ ތުރުތުރު އަޅަމުން ދިޔައިރު އޭނާގެ ދެލޮލުން ރުޅިވެރިކަންވެސް ފެންނަމުން ދިޔައެވެ. ގޮށްމުށްކަވާފައި އޭނާ ފާރުގައި ޖަހައިލީ އެ ނުތަނަވަސްކަމަށް ކުޑަނަމަވެސް ލުޔެއް ދިނުމުގެ ބޭނުމުގައެވެ. ނަފްސަށް ހަމަޖެހުން ނުލިބުމުން އޭނާގާތަށް އިތުރަށް ރުޅި އަންނަން ފެށިއެވެ. ދެން ރުޅި ބޭލެން ފެށީ ކޮޓަރި ތެރޭގައި ހުރި އެއްޗެއްސަށެވެ. ކޮޓަރި ތެރޭގައި ހުރި އެއްޗެހި އެތަން މިތަނަށް އުކަމުންދިޔަ ރިއުމާންއަށް އޭރުވެސް މާނޭވާ ލެވެމުން ދިޔައެވެ. ހީވާކަހަލައެވެ. އޭނާ ބޭނުންވަނީ އެ ޚިޔާލުތަކުން އެކީ ދުރުވާށެވެ. ހަދާނެ ގޮތެއް ނޭގުމުން އެންމެފަހުން ބޮލުގައި ހިފައްޓައިލަމުން ރިއުމާން ގޮސް އިށީނީ އެނދުމަތީގައެވެ. އެއަށްފަހު އޭނާ ދެލޯ މަރައިލިއެވެ. ޚިޔާލަށް ސިފަވީ އަނެއްކާވެސް އެރޭގެ މަންޒަރެވެ. އެކަމުން އުނދަގޫވު ރިއުމާން އެދުމައްޗަށް ވެއްޓިގަތުމަށްފަހު ބާލީހަކުން މޫނު ފޮރުވައިލިއެވެ. އޭނާގެ މާޒީއަކީ ހިތިކަމުން ފުރިފައިވި މާޒީއެކެވެ. އެ މާޒީގައި ހިނގާފައިވާ ހުރިހާކަމެއްގެ ސަބަބުން އޭނާއަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. މީހުންނަށް އިތުބާރުކުރުމަކީ އޭނާއަށް ފަސޭހަކަމެއް ނޫނެވެ. ކުޑައިރުއްސުރެ މިއަދާ ހިސާބަށް ވެސް އޭނާއަށް ފެނިފައިވަނީ ބަލަން ބޭނުން ނުވާ މަންޒަރުތަކެެކެވެ. ރިއުމާންއަށް ނިދުނީވެސް އެފަދަ ޚިޔާލުތަކެއްގައި އޭނާ އޮއްވައެވެ.

ޖެހިގެން އައި ދުވަހުގެ ހެނދުނުގެ ވަގުތެވެ. ރިއުމާން އޮފީހަށް ދާން ތައްޔާރުވަމުން ދިޔައިރުވެސް އޭނާގެ މޫނުމަތިން ވަރުބަލިކަން ފާޅުވަމުން ދިޔައެވެ. މާޒީގެ ޚިޔާލުތަކާ ސަޖަލްގެ ޚިޔާލުތައް އެކުވެގެން އޭނާގެ ނަފުސުގައި ވަނީ ވަރުގަދަ ތޫފާނެއް އުފައްދާފައެވެ. ފުންނޭވާއެއް ދޫކޮށްލި ރިއުމާން މީހާ ހަމަޖެހެން މަސައްކަތް ކުރިއެވެ. ގަމީސް ބެގީ ޖަހާލުމަށްފަހު އޭނާ ޓައީ އަޅައިލިއެވެ. އެއަށްފަހު ނުކުތުމުގެކުރިން ފަހު ފަހަރަށް އޭނާ ލޯގަނޑުން އަމިއްލަ މީހާގެ ސޫރައަށް ބަލައިލިއެވެ. އެއަށްފަހު އޭނާ އެތަނުގައި އޮތް އަގު ބޮޑު ގަޑި އަތުގައި އަޅައިލަމުން ކޮޓަރިން ނުކުތުމަށް މިސްރާބުޖެހިއެވެ.

ގެއިން ނުކުމެގެން އޭނާ ގޭގެ ތިރީގައި ހަދާފައިވާ ގަރާޖަށް ވަނެވެ. އެއަށްފަހު އެތަނުގައި އޮތް ކަޅުކުލައިގެ ކާރާ ދިމާލަށް މިސްރާބުޖެހިއެވެ. ކާރަށް އަރާ ދުއްވައިލި ރިއުމާން މަގުމައްޗަށް ސަމާލުކަންދިނެވެ. އޭނާ ކާރު މަޑުކޮށްލީ ވައިޓްލިލީ އެންޓަރޕްރައިޒެސްގެ މައި އޮފީހުގެ ޕާކިން އޭރިޔާގައެވެ. އޭނާ ކާރުން ފޭބިއިރު ނާޝިދުވެސް އައިސް މަޑުކޮށްލަނީއެވެ. ރިއުމާން ފެނިގެން އޭނާ އައިސް ރިއުމާން ކައިރިއަށް މަޑުކޮށްލިއެވެ.

"އިއްޔެ ބުނި ޕްރޮޖެކްޓް ތަކުގެ މަސައްކަތް ނިންމައިފިންތަ؟"

ނާޝިދު ދެއްކީ ކޮންމެވެސް ޕްރޮޖެކްޓެއްގެ ވާހަކައެވެ.

"ނިންމައިފިން... މައްޗަށް ގޮސް މެއިލް ކޮށްލާނަން..."

ނާޝިދުގެ ސުވާލުތަކަށް ރިއުމާން ޖަވާބު ދިނުމާއެކު ނާޝިދު އެތަނުން ނުކުންނަން ހިނގައިގަތެވެ. ރިއުމާންއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ފަހުން ފަހުން އައިސް ބައްޕަގެ އަނިޔާތަށް ކޮންމެވެސް ވަރަކަށް މަދުވިނަމަވެސް އެކަނި އުޅެވޭ ވަރުވުމުން ރިއުމާން ބައްޕައާއެކު އެއްފުރާޅެއްގެ ދަށުގައި އުޅެން ބޭނުންނުވީ މާޒީގައި ކަންތައް ހިނގާފައިވާ ގޮތުންނެވެ. އޭނާ ހުރީ ބައްޕައާއެކު އެއް އޮފީހެއްގައި ވެސް މަސައްކަތް ކުރާ ގޮތަކަށް ނޫނެވެ. އެހެންނަމަވެސް ބައްޕަ މާގިނައިން ކިޔަން ފެށުމުން އެގޮތާ އޭނާ އެއްބަސްވީ ޚުދު އޭނާއަށް ވެސް އުޅެން ފަސޭހައަކަށެވެ. ބައްޕަ އޭނާ އެ އޮފީހުގައި މަސައްކަތް ކުރަން ބޭނުންވަނީ ކީއްވެގެންކަން ރިއުމާންއަށް ވެސް އެނގެއެވެ.

ރިއުމާން ފުރަތަމަވެސް އޮފީހަށްވަދެ އޭނާގެ ކެބިންއަށް ގޮސް ނާޝިދަށް ނާޝިދު ބޭނުންވެގެން އުޅޭ ލިޔުންތައް މެއިލްކޮށްލިއެވެ. އެއަށްފަހު އޭނާ މަސައްކަތް ކުރަން އަވަސްވެގަތެވެ. ޕާސަނަލް ސެކެޓްރީއެއް ނެތުމުގެ އުނދަގޫ ކިތަންމެ ވަރަކަށްވެސް އޭނާއަށް އިޙްސާސްކުރަން ޖެހުނެވެ. މަސައްކަތްތައް ނިންމައިލުމަށްފަހު ރިއުމާން ގެއަށް ދިޔުމުގެ ބަދަލުގައި މިސްރާބުޖެހީ ސަޖަލްމެން ގެއާ ދިމާލަށެެވެ.

އޭނާ އެގެއާ ހިސާބަށް އަރާ ހަމަވިއިރު ސަޖަލްގެ ބައްޕަ ރަޝާދު އެގެއިން ނުކުންނަނީއެވެ. ރިއުމާން މަޑުކޮށްލީ ރަޝާދު އެތަނުން ދުރަށް ދަންދެނެވެ. އިތުރު މީހަކު ދޮރު ހުޅުވައިލުން ވެގެން ދިޔައީ އޭނާއަށް ލިބުނު ރަނުގެ ފުރުސަތަކަށެވެ. އޭނާ އެތެރެއަށް ވަދެ ލިފްޓް އަންނަންދެން މަޑުކޮށްލިއެވެ. ސަޖަލް އުޅޭ ފްލޯއަށް އައިސް އޭނާގެ ޖީބުގައި އޮތް ގަނޑުކޮޅު ދޮރު ދަށުން އެތެރެއަށް ކޮށްޕައިލިއެވެ. އެއަށްފަހު އޭނާ އިރުކޮޅަކު އެތަނުގައި މަޑުކޮށްލިއެވެ. ރިއުމާން އެެގެއިން ނުކުތްއިރު ކޮންމެވެސް ވަރަކަށް ހިމަފޮދު ވާރޭ ވެހެމުންދިޔަ ނަމަވެސް އޭރުވެސް އަވި އޮތީ ދިއްލާލާފައެވެ. އޭނާ ކާރަށް އަރާ ގެއާ ދިމާލަށް މިސްރާބުޖެހިއިރުވެސް އެ މޫނުމަތީގައިވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ.

ސަޖަލް ކޮޓަރިން ނުކުތްއިރު ރަޝާދު ނެތުމުންނާ އެ ގަޑީގައި ބަންގި ގޮވުމުން މިސްކިތަށ ދިޔައީކަން އޭނާއަށް އެނގުނެވެ. އެއްލި ކަޅިއަކުން އޭނާގެ ލޮލުގައި އަޅައިގަތީ ދޮރު ކައިރީގައި އޮތް ކަރުދާސްކޮޅެވެ. އޭނާ މަޑުމަޑުން ހިތެއްގެ ބައްޓަމަށް ފަތް ޖަހާފައިވާ ކަރުދާސްކޮޅު ނަގާ ބަލައިލިއެވެ. އޭގައި ކޮންމެވެސް އެއްޗެއް ލިޔެފައިވާހެން ހީވެ ސަޖަލް މަޑުމަޑުން އެ ގަނޑު ކޮޅު ނިއުޅުވާލާ އޭގައި އޮތް އެއްޗެއް ކިޔައިލިއެވެ.

(ނުނިމޭ)

ކޮމެންޓް 0