ވޯޑަށް ވަންނަ ދޮރުގައި ކާޑު ޖައްސައިލާފައި އޭނާ ދޮރު ހުޅުވައިލިއެވެ. އެއަށްފަހު އެތެރެއަށް ވަދެލިއެވެ. އޭނާގެ ފިޔަވަޅުތައް މަޑުވީ ސަތޭކަ ފަސްވަނަ ކޮޓަރިއާ ހިސާބަށް އާދެވުނު ފަހުންނެވެ. މަޑުމަޑުން ދޮރު ހުޅުވައިލުމަށްފަހު ސަޖަލް އެތެރެއަށް ވަދެލިއެވެ.

އެތެރޭގައި އޮތް އެނދުގައި އޮތް މެދު އުމުރުގެ ފިރިހެންމީހާގެ ތުންފަތް މަަށްޗަށް ސަޖަލް ފެނި ހިނިތުންވުމެއް ވެރިވިއެވެ. ސަޖަލްވެސް ހިނިތުންވެލަމުން އައިސް އެނދުކައިރީގައި މަޑުކޮށްލިއެވެ.

"ބައްޕާ..." ސަޖަލް އެމީހާއަށް ގޮވައިލިއެވެ.

"ދަރިފުޅު ނައިސްގެން އިނދެއިނދެފަ ޖަލިއްތަ ވެސް ހަމަ ދެންމެ ކުޑަކަމެއް ޖެހިގެން އެ ދިޔައީ..."

"އެހެންތަ؟ ބިޒީކޮށް އުޅުނީމަ ލަސްވީ..." ސަޖަލްއަށް ބުނެވުނެވެ.

"ދަރިފުޅު ނިތްކުރި މައްޗަށް ކިހިނެއްވެފަ؟" ކުއްލިއަކަށް ރަޝާދުގެ ނަޒަރު ހުއްޓުނީ ސަޖަލްގެ ނިތްކުރިމަތީގައި އަޅާފައިއިން މަލަން ކޮޅަށެވެ.

"ވެއްޓި ޖެހިފަ..." ސަޖަލް ބުނެލިއެވެ. އޭނާ ހަމަޖެހިލައިގެން ހުރެ ޖަވާބު ދިނީ ރަޝާދަށް ޝައްކުކުރާނޭ އެއްވެސް ޖާގައެއް ނުލިބޭފަދަ ގޮތަކަށެވެ. އޭނާ މޫނު އަނބުރައިލީ އެމޫނަށް އަރާ ފައިބަމުންދިޔަ ކުލަވަރު ރަޝާދަށް ފަހުމް ވެދާނެތީއެވެ.

"އެހެންވީމައޭ ދަރިފުޅު ކައިރީ ބުނަނީ ބަލައިގެން އުޅޭށޭ!" ރަޝާދު ބުނެލިއެވެ.

ރަޝާދަކީ ސަޖަލްގެ ބައްޕައެވެ. ސަޖަލްގެ މަންމަ ކާމިލާ ވަނީ ސަޖަލް ކުޑައިރު މި ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. ސަޖަލް ކުޑައިރު ބެލީ ބައްޕަ ފަރާތު ބޮޑުދައިތައެއް ކަމުގައިވާ ޖަލީލާއެވެ. ރަޝާދަކީ ލޭގެ ކެންސަރާ ހަންގުރާމަކުރަމުންދާ މީހެކެވެ. އޭނާ ހޮސްޕިޓަލުގައި ބޭއްވީ މީގެ ދެދުވަހެއް ކުރިން ހާލު ބޮޑުވެގެންނެވެ. ސަޖަލް ރަޝާދު ދެކެ އިންތިހާ ލޯބިވިއެވެ. ޖަލީލާވެސް ފުރަތަމަ އިންމީހާ މަރުވުމުން އެހެންމީހަކާ އިންނަންދެން އުޅުނީ ސަޖަލްމެން ގޭގައެވެ. އެހެންނަމަވެސް ދެވަނަ ކައިވެންޏެއް ކުރުމަށްފަހު، އޭނާ ވެސް ފިރިމީހާ ގެއަށް ބަދަލުވީއެވެ.

"ޑޮކްޓަރު ބަލާފަ ބުނި ރަނގަޅިއްޔާ މާދަމާ ގެއަށް ދޫކޮށްލާ ވާހަކަ..." ކޮތަޅުން ކާއެއްޗެހި އަޅާފައި ހުރި ތަށިތައް ނަގަމުންދިޔަ ސަޖަލްއަށް ބަލައިލަމުން ރަޝާދު ވާހަކަދެއްކިއެވެ.

"ޑޮކްޓަރު ބުނި ބޭސް ބަދަލުކުރާ ވާހަކަ ވެސް ... މިއަދު ރައުންޑަށް އައިސް ބޭސް ސިޓީ ލިޔެދިންތަ؟"

"އާނ... ކަބަޑުތެރޭގަ އިންނާނެ ބޭސް ސިޓީ... ދަރިފުޅު ދެން ބޭރަށް ގޮސްފަ އަންނައިރު ބޭސްތައް ނަގައިގެން އަންނާތި އިނގޭ" ރަޝާދު ބުނެލުމާއެކު ސަޖަލް ބޭސް ސިޓީ ބަލައިލިއެވެ. އެއަށްފަހު އާއެކޭ ބުނެލިއެވެ.

އެތައް ވާހަކައެއް ދެކެވުނު ނަމަވެސް، ސަޖަލް އޭނާ ވަޒީފާއިން ވަކިކުރި ވާހަކައެއް ރަޝާދު ކައިރީ ނުބުނެއެވެ. އެ ވާހަކަ ބުނެގެން ރަޝާދު ކަންބޮޑުވާކަށް ސަޖަލް ނޭދެއެވެ. އެރޭ ސަޖަލް ގެއަށް ދާން ނުކުތީ އެގާރަ ޖެހިފަހުން ބޮޑުދައިތަ ޖަލީލާ އައުމުންނެވެ.

ހޮސްޕިޓަލުން ނުކުމެގެން އޭނާ ހިނގައިގަތީ ހޮސްޕިޓަލުގެ ޕާކިން އޭރިޔާއާ ދިމާލަށެވެ. ރޭގައި ވާރޭ ވެހޭތީ ކޯޓު ނުގެނެވޭތީ އޭނާ ޓެކްސީގައި ގެއަށް ދިޔައީ ސައިކަލު އެތަނުގައި ބަހައްޓާފައެވެ. ސައިކަލަށް އަރަމުން ދިޔައިރު އޭނާގެ ފަހަތުން މީހަކު އަންނަމުން ދިޔަކަމެއް ސަޖަލްއަކަށް ނޭނގެއެވެ. ޕާކިން އޭރިޔާއަށް ވަންނަ ދިމާ އެއްފަރާތުގައި ހުރި ގަސްތަކު ކައިރިއަށް އާދެވުނު ތަނާ، ކޮންމެވެސް މީހަކު އޭނާގެ އަނގަމަތީގައި އަތްއަޅާ، ގަސްތަކު ތެރެއަށް ވައްދައިފިއެވެ. ސަޖަލް ހަޅޭއްލަވަން ކުރި މަސައްކަތް ބޭކާރުވިއެވެ. އޭނާ ގަދަހަދަމުން ދިޔައީ، އެމީހަކުގެ ކިބައިން ސަލާމަތްވާށެވެ. އެތަނުގައި ހުރި ލައިޓްވެސް އަނދާފައި ހުރުމުގެ ސަބަބުން ތަނަށް ވެރިވެފައިވަނީ އަނދިރިކަމެވެ.

"ސަޖޫ..." ސަޖަލްގެ ކަންފަތް ދޮށުގައި އެމީހަކު ބުނެލުމާއެކު، ސަޖަލްއަށް ދެލޯ ބޮޑުކޮށްލެވުނެވެ. އެއީ ރިއުމާންގެ އަޑެވެ.

"ރި...އު... މާ... ން...." ސަޖަލް އުނދަގުލުން ބުނެލިއެވެ. އޭނާ ހަޅޭއްލަވަން މަސައްކަތް ކުރިއެވެ.

"ހަޅޭއްލަވަންޏާ އަހަރެން ސަޖޫ ދުލެއްނުކުރާނަން... ހަޅޭއްނުލަވާނެކަމަށް ވަޢުދުވޭ..." ރިއުމާން އޭރުވެސް ހުރީ ސަޖަލްގެ ފުރަގަހުން ސަޖަލްގެ ގައިގައި ބައްދާލައިގެންނެވެ. އޭނާ ތުންފަތް ސަޖަލްގެ ކަންފަތާ ކައިރިކޮށްލުމުން ރިއުމާންގެ ހޫނު ނޭވާ ސަޖަލްގެ ކަނދުރާއަށް އެޅެންފެށިއެވެ. އެއާއެކު ސަޖަލްގެ ގައިން ހީބިހިނަގައިގެން ދިޔައެވެ. ރިއުމާން އޭރުވެސް ހުރީ އޭނާގެ، އެއް އަތުން ސަޖަލްގެ އަނގަމަތީގައި ހިފައްޓާލައިގެންނެވެ. އެ އަނދިރިގަނޑުގައި އެގޮތަށް ހުންނަންވުމުން ސަޖަލް ކަންބޮޑުވިއެވެ. އޭނާގެ ނޭވާ އަވަސްވެ މީހާ ދާހިތްލަން ފެށިއެވެ. ރިއުމާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އެއްބަސްތަ؟" ރިއުމާން ބުނެލިއެވެ.

ސަޖަލް ބޯ ޖަހައިލިއެވެ. އޭނާ ގަދަހަދަން މަސައްކަތް ކުރިނަމަވެސް، ރިއުމާންގެ ކިބައިން އޭނާއަށް ސަލާމަތެއް ނުވެވޭނެކަން އޭނާއަށް އެނގެއެވެ.

ރިއުމާން މަޑުމަޑުން ސަޖަލްގެ އަނގަމަތިން އަތް ދޫކޮށްލިއެވެ. އެއަށްފަހު އޭނާގެ އަތް ވެސް ސަޖަލްގެ އުނަގަނޑުން ދޫކޮށްލިއެވެ. ރިއުމާން އަތް ދޫކޮށްލިހެން ހީނުވެ ސަޖަލް ހަޅޭއްލަވައިގަތެވެ. އެއާއެކު ރިއުމާން އަނެއްކާވެސް ސަޖަލް ކައިރިއަށް ޖެހިލާ ސަޖަލްގެ އަނގަމަތީގައި އަތް އަޅައިލިއެވެ.

"އަހަރެން ބުނީމެއްނު ހަޅޭއްނުލަވާށޭ... ސަޖޫއަށް އަޑެއް ނީވޭތަ؟" ރިއުމާން ބުނެލިއެވެ.

"ދޫ... ކޮ...ށް... ލާ..." ސަޖަލް ބުނެލިއެވެ.

"އަދިވެސް އަހަރެން ސަޖޫއަށް ފުރުސަތެއް ދޭނަން.ހަޅޭއްނުލަވާތި!" ރިއުމާން އަމުރު ކޮށްލިއެވެ. އަދި އޭނާ ސަޖަލް ދޫކޮށްލިއެވެ.

"ރިއުމާން ކިހިނެއްވެގެންތަ ތިއުޅެނީ؟ އަހަރެން ފަހަތުން ފާރަލައިގެން މިތަނަށް ވެސް އައީތަ؟ ރިއުމާން މޮޔަވީތަ؟" ސަޖަލްއަށް ބުނެވުނެވެ. އެ އަޑުގައި ހަރުކަށިކަންވިއެވެ.

"އާނ... އަހަރެން މޮޔަވެއްޖެ! ސަޖޫއަށް ނޭނގުނަސް އަހަރެން ސަޖޫދެކެ ވަރަށް ލޯބިވޭ..." ރިއުމާން ބުނެލިއެވެ.

"ލޯބި... މީތަ ތިކިޔާ ލޯތްބަކީ... ބުނެބަލަ! މީތަ ތި ކިޔާ ލޯތްބަކީ؟ " ސަޖަލް އޭނާގެ ނިތުގައި އަޅާފައިވާ މަލަންކޮޅު ދައްކައިލަމުން ބުނެލިއެވެ.

"އަހަރެން ކިތައް ފަހަރު މާފަށް އެދެފިންތަ؟ އެއީ އަހަރެން ގަސްތުގަ ކުރިކަމެއް ނޫންކަން ސަޖޫއަށް ވެސް އެނގޭނެ. ސަޖޫއަށް އެނގޭނެ އަހަރެން ސަޖޫއަށް ގަސްތުގަ ގެއްލުމެއް ނުދޭނެކަން... އެއަށްވުރެ ބޮޑަށް އަހަރެން ސަޖޫދެކެ ލޯބިވޭ..." ރިއުމާން ބުނެލިއެވެ.

"ތީ ލޯތްބެއް ނޫން ރިއުމާން... ތިއަކަށް ނުކިޔާނެ ލޯތްބެއް... އެޓްލީސްޓް އަހަންނަށް ހަމަޖެހިލަން ފުރުސަތެއް ދީބަލަ! އަހަރެން ފަހަތުން ފާރަލައިގެން އަހަރެން އައި ތަނަކަށް އައިސް މިހާރު ތިޖަހަނީ ކޮންސަކަރާތެއް؟ ތީތަ ތިކިޔާ ލޯތްބަކީ؟" ސަޖަލް ގާތަށް ވެސް ރުޅި އަތުވެއްޖެއެވެ. އޭނާއަށް ވާހަކަ ދެއްކުނީވެސް ބާރަށެވެ. ސަޖަލް ފަސް އެނބުރުމާއެކު، ރިއުމާން އައިސް ސަޖަލްގެ ކުރި ބެއްދިއެވެ. އަދި އޭނާ ސަޖަލްގެ އަތުގައި ހިފައިލިއެވެ. ސަޖަލް ރިއުމާންގެ އަތް ފޮޅުވައިލިއެވެ. އެއަށްފަހު އޭނާ ވާހަކަ ދެއްކިއެވެ.

"އަހަރެންގެ ގަޔަށް އަތް ނުލިޔަސް ރިއުމާންއަށް ވާހަކަ ދެއްކޭނެ!" ސަޖަލް ބުނެލިއެވެ.

"މީ ލޯބި ނޫން ކޯންޗެއް ސަޖޫ؟ އަހަރެން ލޯބިވޭ ސަޖޫދެކެ. ވަރަށް ބޮޑަށް ލޯބިވޭ... ކީއްވެތަ ތިހެން ތިކަންތައް ކުރަނީ؟" ރިއުމާން ސަޖަލްގެ އަތުން ދޫކޮށްލަމުން ބުނެލިއެވެ. އޭރު އެ އަޑަށް ހިސާބެއްގެ މަޑުމޮޅިކަމެއް ވެރިވެއްޖެއެވެ.

"ތީ... ތިއަށް ކިޔައީ އޮބްސެޝަން ރިއުމާން!. ތީ ލޯތްބެއް ނޫން...އަޑު އިވިއްޖެތަ؟ ތީ ތީ ލޯތްބެއް ނޫނޭ!" ސަޖަލް ބާރަށް ބުނެލިއެވެ. އެއަށްފަހު، އޭނާ ރިއުމާން އާ ދުރަށް ހިނގައިގަތެވެ. ރިއުމާންގެ މޫނުމަތީގައި ކުލަވަރުތައް ބަލާކަށް ސަޖަލް އެތަނުގައި ހުންނާކަށް ބޭނުމެއްނުވިއެވެ.

"އަހަރެން މި ލޯބި ވާވަރަށް އެހެން އެއްވެސް މީހަކަށް ސަޖޫދެކެ ލޯތްބެއް ނުވެވޭނެ..." ރިއުމާން ހުރިތާ ހުރެފައި ބުނެލިއެވެ. އައި ރުޅީގައި އޭނާއަށް އަތުން އެތަނުގައި ހުރި ގަހުގައި ވެސް ޖަހައިލެވުނެވެ. އަތަށް ތަދުވިނަމަވެސް އޭނާ އެކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. ސަޖަލްއަކީ ހަމައެކަނި އޭނާގެމީހެކެވެ. އޭނާގެ ޙައްޤެކެވެ.

ޖެހެމުންދިޔަ ތެތްފިނި ވައިރޯޅިތައް ސަޖަލްގެ ފަންއިސްތަށިގަނޑާ ސަމާސާކުރަމުން ދިޔައެވެ. ސައިކަލަށް އަރަމުން ސަޖަލް އޭނާގެ އިސްތަށިގަނޑު ކަންފަތް ދޮށަށް ލައްވައިލިއެވެ. އެއަށްފަހު، އޭނާ ސައިކަލު ސްޓާރޓް ކޮށްލިއެވެ. ލީ ފުންނޭވާއާއެކު، ސަޖަލް ބޭނުންވީ އޭނާގެ އެ ނުތަނަވަސްކަމެއް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިލަދިނުމަށެވެ. ސައިކަލުގައި ސަޖަލްއަށް ގެއަށް ދެވުނުއިރު އެގާރަ ގަޑި ބައިވަނީއެވެ.

ފެންވަރާލައިގެން ނުކުމެ ސަޖަލް އޭނާގެ ކޮޓަރީގައި ހުރި ސްޓަޑީ ޓޭބަލްގެ ކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. އެއަށްފަހު އޭނާ ލެޕްޓޮޕް ހުޅުވައިލިއެވެ. ވަޒީފާއަށް އިއުލާންކޮށްފައި ހުރި ތަންތަނާ އެތަންތަނުގެ ނަންބަރުތައް އޭނާ އެތަނުން ނޯޓު ފޮތެއް ނަގާ ނޯޓްކޮށްލިއެވެ. އެ މަސައްކަތުގައި ރޭގަނޑުގެ އެތައް ދަމެއް ސަޖަލް ހޭދަކުރިއެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ސަޖަލް ހޮސްޕިޓަލަށް ދިޔުމުން އެކަމާ ބެހޭގޮތުން ރަޝާދު ސަޖަލްއާ ސުވާލުކުރިއެވެ.

"ސަޖަލް ދަރިފުޅާ މިއަދު އޮފީހަށް ނުދަނީތަ؟"

"ލައްޕަ ބައްޕާ... ބައްޕަ ކައިރީގައި މަޑުކޮށްލަން ބޭނުމީ..." ސަޖަލް ބުނެލިއެވެ. އޭނާ ބެލީ ލުއި ހިނިތުންވުމެއް އޭނާގެ ތުންފަތް މައްޗަށް ވެރިކޮށްލެވޭތޯއެވެ. ރަޝާދަށް ކިތަންމެ ސިއްރުކުރަން ބޭނުންވިޔަސް ސަޖަލްގެ މޫނުގެ ކުލަ އޮއްސިފައިވާތީ އެކަން ރަޝާދަށް ފާހަގަކުރެވުނެވެ. އެކަމާ ބެހޭގޮތުން ސުވާލުކުރަން އުޅެފައިވެސް ރަޝާދު އަޅައިނުލީ، އެ ދަރިފުޅު ބޭނުންވެއްޖެނަމަ އެކަމާ ބެހޭގޮތުން އަމިއްލައަށް ވާހަކަ ދައްކާނޭކަމަށް އޭނާއަށް ޤަބޫލުކުރެވޭތީއެވެ. އެ ދަރިފުޅު ބޮޑުވެފައިވުމުން އަމިއްލައަށް ވިސްނަންޖެހޭ ކަންތައްތައް ހުންނާނޭ ކަމަށް ރަޝާދު ޤަބޫލުކުރެއެވެ. ސަޖަލްއަކީ އަޚުލާޤު ރަނގަޅު ކުއްޖެއްކަން އޭނާއަށް އެނގެއެވެ. ވުމާއެކު ސަޖަލް ގޯސްމަގަކުން ނުދާނޭ ކަމުގެ ފުރިހަމަ ޔަޤީންކަން އޭނާއަށް އޮވެއެވެ. އެ ދުވަހު މެންދުރަށް އެއްޗެއް ކައްކައިލަން ސަޖަލްގެއަށް ގޮސްލިއެވެ.

ކައްކަން އުދާފައި އޭނާ މޭޒުކައިރީގައި ހުރި ގޮނޑީގައި އިށީނދެލިއެވެ. ފޯނަށް މެެސެޖެއް އައުމާއެކު، ސަޖަލްއަށް އެ މެސެޖް ހުޅުވައިލެވުނެވެ. އެ މެސެޖުގައި ލިޔެފައި އޮތް އެއްޗެއް ކިޔައިލި ސަޖަލްގެ ދެ ބުމަ ގާތްވިއެވެ. އޭނާއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ.

(ނުނިމޭ)

ކޮމެންޓް 0