"ނޫނޭ... އަހަރެން އެހެންނެއް ނުބުނަމެއްނު... އެކަމަކު.... އާ އޯކޭ... ހިނގާ!" ސަޖަލް ބުނެލިއެވެ. އިރުކޮޅަކު ހިމޭނުން ހުރުމަށްފަހު ސަޖަލް، ޒާމިންއަށް ބަލައިލަމުން ލުއި ހިނިތުންވުމެއް އަނެއްކާވެސް ހަދިޔާކޮށްލިއެވެ. ސަޖަލް ތަޅުގައި ހިފާލާފައި އެތެރެއަށް ވަނުމާއެކު ޒާމިންވެސް ސަޖަލްގެ ފަހަތުން އެތެރެއަށް ވަދެލިއެވެ.
އެނދުގައި އޮށޯވެލައިގެން އޮތް ރަޝާދަށް ދޮރާ ދިމާލަށް ބަލައިލެވުނީ ދޮރު ހުޅުވުނު އަޑަށެވެ. ސަޖަލް ލޮލުގައި އަޅައިގަތް ނަމަވެސް، ދެވަނަ ސިކުންތުގައި އެ ނަޒަރު ދަތުރު ކޮށްލީ ސަޖަލްއާއެކު އެތެރެއަށް ވަދެގެން އައި ޒުވާނާއަށެވެ.
"ބައްޕާ... މީ.... ޒާމިން... އެކުގައި އެންޖީއޯގަ މަސައްކަތް ކުރާ ކުއްޖެއް..." ސަޖަލް ޒާމިންއަށް އިޝާރާތްކޮށްލިއެވެ.
"ޒާމިން... މީ ބައްޕަ..."
"އައްސަލާމް ޢަލައިކުމް..." ޒާމިން ސަލާމް ގޮވައިލިއެވެ. ރަޝާދު ސަލާމް ބަލައިގަނެފައި ލުއި ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. މީގެ ކުރިން ސަޖަލް ދުވަހަކުވެސް އެގޮތަށް ފިރިހެން ކުއްޖަކާ އޭނާއާ ބައްދަލުކުރުވާފައި ނުވާތީ، އެއީ ސަޖަލްގެ ވަރަށް ޚާއްސަ ރައްޓެއްސެއްކަން ދެނެގަންނާކަށް ރަޝާދަކަށް އުނދަގުލެއް ނުވެއެވެ. އޭނާ މާނަފުން ގޮތަކަށް ސަޖަލްއަށް ބަލައިލުމަށްފަހު، އަނެއްކާވެސް އެ ޒުވާނާއަށް ނަޒަރު ހުއްޓައިލިއެވެ. ބަލާބެލުމަށް ހަ ފޫޓަށް ވުރެ އިސްކޮޅު ކުރެއް ނުވާނެއެވެ. އިސްތަށިގަނޑު އާދައިގެ ވަރަކަށް ކޮށާލާފައި ޒަމާނީގޮތަކަށް ސްޓައިލް ކޮށްލާފައިވާއިރު، ތުނިކޮށް ފަޅަން ފަށާފައިވާ ތުނބުޅީގެ ސަބަބުން އެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ބަލާބެލުމަށް ޝަހްސިއްޔަތު ވަރުގަދަ ވެފައި ހަރުދަނާކަމަށް ދައްކައެވެ.
"ސަޖޫ...ސަޖަލްގެ ބައްޕަ ބާއްވާފަ އޮތީމަ ގޮވައިލަން ވެގެން މި ވަދެލީ... އެކުވެރިއަކަށް ގޮވައިލަން އައި ތަނުން ސަޖަލްއާ ދިމާވީމަ ހިތަށް އެރީ ގޮވައިލަން ވަދެލާނީއޭ..." ޒާމިން ވާހަކަ ދެއްކިއެވެ. ވާހަކަ ދެއްކިއިރު ޒާމިން އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިކޮށްލާފައިވެއެވެ.
"އެހެންތަ؟ ހާދަ ރަނގަޅޭ..." ރަޝާދު އޭނާގެ ހިނިތުންވުން ފުޅާކޮށްލިއެވެ. އިރުކޮޅަކު އެތަނުގައި ހުރެލާފައި ޒާމިން ސަޖަލްއަށް ބަލާލާފައި ވާހަކަ ދެއްކިއެވެ.
"ސަޖޫ... ގޮސްލަނީ އިނގޭ ދެން، ބޭބޭ ދަނީ..." ޒާމިން އަވަސް ނަޒަރެއް ރަޝާދަށް ވެސް ދިނެވެ. ރަޝާދު ބޯ ޖަހާލިއެވެ. ޒާމިން ނުކުމެގެން ދިޔުމުންވެސް، ޒާމިންއާ ބެހޭގޮތުން އިތުރަށް ވާހަކަ ދައްކާ ޚިޔާލެއް ރަޝާދު ނުކުރެއެވެ. އެފަދަ ގުޅުމެއް އެ ޒުވާނާއާ މެދު ވާކަމުގައި ވާ ނަމަވެސް ސަޖަލް އޭނާއާ އެ ވާހަކަ ހިއްސާކުރާނޭ އެވަގުތު އޭނާގެ ހިތް ބުނެލިއެވެ. މިވަގުތު އެވާހަކަ ދެއްކުމުގެ މާ ބޮޑު ބޭނުމެއް އޭނާއަށް ނުފެނުނީވެސް އެހެންވެއެވެ. އެހެންނަމަވެސް އެ ޒުވާނާ ފެނުނު ހިސާބުން ފަށައިގެން ސަޖަލްއާ އެ ޒުވާނާއާ ދެމެދު އެހެން ގުޅުމެއް ވަނީ ބާއޭ އޭނާގެ ހިތަށް ކެނޑިނޭޅި އަރަމުން ދިޔައީ، އޭނާ ދުނިޔޭގައި ހުއްޓާ ސަޖަލް މީހަކާ އިނުމަކީ އޭނާ ދެކެމުން އަންނަ ހުވަފެނެެއްކަމުގައި ވާތީއެވެ. އޭނާ މި ދުނިޔޭން ދިޔުމުގެ ކުރިން ސަޖަލްއަށް އުފާވެރިކަން ހޯދައިދީ ހިތްހަމަ ޖެހުމުގައި ގެންގުޅެވޭނޭ ފަދަ ޒުވާނަކާ ސަޖަލް ގުޅުވަން އޭނާ ނުހަނު ބޭނުމެވެ. ސަޖަލްއަށް ހިމާޔަތްދޭނޭ ސަޖަލް ދެކެ އިންތިހާއަށް ލޯބިވާ މީހަކު އެ ޙަޔާތަށް އައުމަކީ އޭނާގެ އެންމެ ބޮޑު އުންމީދެވެ.
އެހެންނަމަވެސް އޭނާ ސަޖަލްއަށް އެއްވެސް ކަމެއްގައި މަޖުބޫރެއް ނުކުރާނެއެވެ. ދިރިއުޅުމުގައި ނިންމާނެ އެފަދަ ނިންމުންތައް ނިންމުމުގެ ފުރުސަތު އޭނާ ދަރިފުޅަށް ދޭން ބޭނުމެވެ. އޭނާ ދަރިފުޅަށް ދިން ތަރުބިއްޔަތުގެ އަލީގައި އެ ދަރިފުޅު ގޯސްމަގަކުން ނުހިނގާނޭ ކަމުގައި ފުރިހަމަ ޔަޤީންކަން އޭނާއަށް އޮންނާތީއާ ވެސް އެކުގައެެވެ. މިހާތަނަށް އައި އިރުވެސް ދުވަހަކުވެސް ސަޖަލްގެ ފަރާތުން އޭނާ ލަދުގަންނާނެ ފަދަ އަމަލެއް ފެނިފައެއް ނުވެއެވެ.
"ބައްޕާ... އެއްވެސް ކަމެއް ބޭނުންތަ؟" ސަޖަލް ސުވާލުކޮށްލުމާއެކު، ރަޝާދު ނޫނެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
"ވަރަށް ވަރުބަލި. ކުޑަކޮށް ނިދާލަން ބޭނުމީ... " ރަޝާދު ބުނެލިއެވެ.
"ބައްޕަ އަރާމުކޮށްލާ... އަޅުގަނޑު ވެސް ސޯފާގައި ކުޑަކޮށް ޖައްސައިލާނަން..." ސަޖަލް އެހެން ބުނެލާފައި އެއްފަރާތުގައި ހުރި ސޯފާތަކާ ދިމާލަށް ހިނގައިގަތެވެ. ފޯނަށް މެސެޖެއް އައުމާއެކު، އޭނާ ފޯނު ނަގާ ބަލައިލިއެވެ. ޒާމިންގެ މެސެޖެކެވެ. އޭނާ އަހާފައި އޮތީ އޭނާއާ ބެހޭގޮތުން ރަޝާދު އެއްވެސް ވާހަކަ އެއް ދެއްކިތޯއެވެ.
"ކިހިނެއްވީ ކުއްލިއަކަށް ތިހެން ތިއެހީ؟" ސަޖަލް ވެސް ސުވާލެއް ކޮށްލިއެވެ.
"އެހެން މި އެހީ ކުއްލިއަކަށް އަހަރެން ކަހަލަ މީހަކު ގޮވައިލަން ދިޔައިމައެއްނު..." ޒާމިން އަނެއްކާވެސް ރިޕްލައިކޮށްލިއެވެ. ސަޖަލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އަނެއްކާވެސް ޒާމިންއަށް މެސެޖެއް ފޮނުވައިލިއެވެ.
"އެއްވެސް އެއްޗެކޭ ހަމަ ނުބުނޭތަ؟ އަހަންނާ ބެހޭގޮތުން ހަމަ އެކައްޗެއް ވެސް ނުުބުނެ؟... އަނެއްކާ ހިތްހަމަ ނުޖެހުނީތަ؟" ސަޖަލްގެ މެސެޖް ދިޔަލެއް ލަސްވި ފަދައެވެ. ޒާމިން އަނެއްކާވެސް މެސެޖް ކޮށްލިއެވެ. ސަޖަލްގެ ތުންފަތުގައިވި ހިނިތުންވުން ފުޅާވިއެވެ. ޒާމިންއާ އޭނާއާ ދެމީހުން އެތައް އިރަކު ވާހަކަދައްކަން ތިއްބެވެ.
ސަޖަލްއަށް ސިހުން ލިބުނީ އޮފީސް ނަންބަރަކުން އޭނާއަށް ގުޅުމުންނެވެ. ޒާމިން ގާތު މަޑުކޮށްލަން ބުނުމަށްފަހު، ސަޖަލް ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. ގުޅީ ފުލުހުންގެ އިދާރާއިންނެވެ. ސަޖަލް ލާފައިވާ މައްސަލަ އެމީހުން ބަލަމުންދާ ކަމުގަޔާއި އިތުރު އުނދަގުލެއް ރިއުމާންގެ ފަރާތުން ކުރިމަތިވަމުންދޭތޯ ފުލުހުން ސުވާލުކުރިއެވެ. ސަޖަލް ވިސްނައިލުމަށްފަހު، އާއެކޭ ބުނެ އެ ސުވާލެއް ޖަވާބު ދިނީ ރިއުމާންގެ މެސެޖްތައް އަދިވެސް އޭނާއަށް އައުން ނުހުއްޓޭތީއެވެ. ކުރެވުނީ ރަނގަޅުކަމެއްބާއޭ ހިތަށް އެރި ނަމަވެސް އެވަގުތު ސަޖަލް ކަންތައް ކުރީ އޭނާގެ ސިކުނޑި އޭނާއަށް ވިސްނައިދިން ގޮތަށެވެ.
ފުލުހުން އިތުރަށް ސުވާލުކުރީ ކުރިމަތިވަނީ ކޮންކަހަލަ އުނދަގުލެއްތޯއެވެ. ސަަޖަލް އެ ވާހަކަތައް ކިޔައިދީފައި ފޯނު ބޭއްވިއެވެ. އޭރު ޒާމިންގެ މެސެޖެއް އައިސްފައި އޮތެވެ. އޭނާ އެ މެސެޖަށް ރިޕްލައިކޮށްލަމުން ދެންމެ ހިނގާދިޔަ ހާދިސާގެ ކުޑަ ތަފްސީލެއް ޒާމިންއަށް ދިނެވެ.
*****
ގަޑިން މެންދުރު ދެއެއް ޖެހީއެވެ. ރިއުމާން އޮފީހުގެ މަސައްކަތްތައް ނިންމާލުމަށްފަހު، ނުކުންނަން ހިނގައިގަތެވެ. އޭނާ ޕާކިންގް އޭރިޔާއާ ދިމާލަށް ލަސް ފިޔަވަޅުތަކެއްގައި ހިނގާލާފައި ދިޔައެވެ. ފޯނަށް ނަޒަރު ހުއްޓާލައިގެން ހުރެ އޭނާ ކާރާ ދިމާލަށް ހިނގަމުން ގޮސް ކުރިމައްޗަށް ބަލައިލިވަގުތު، ފެނުނު މަންޒަރުން ކުޑަކޮށް ހުއްޓުން އަރާ ގޮތްވިއެވެ. ކުރިޔަށް ފިޔަވަޅު އަޅަންވެސް އޭނަ ޖެހިލުންވިއެވެ. އެހެންކަމުން އޭނާ އަނބުރާ އައި ކޮޅަށް ހިނގައިގަތެވެ. އޭނާއަށް ފެނުނު ބަޔަކު އެތަނުން ނުކުތްތަން ބަލަން ހުރުމަށްފަހު، އަނެއްކާވެސް ރިއުމާން ޕާކިންގް އޭރިޔާއާ ދިމާލަށް ހިނގައިގަތެވެ. އޭރުވެސް އެތައް ސުވާލެއް އޭނާގެ އެތެރެހަށީގައި އުތުރިއަރަމުން ދިޔައެވެ. އެ ފެނުނު މަންޒަރުގެ މާނަ އޭނާ ނަގާނީ ކިހިނެއްކަމެއް ޚުދު އޭނާއަކަށް ވެސް ނޭނގުނެވެ. މީހާގެ ނަފްސުގައި ތޫފާނެއް އުތުރި އަރަން ފެށިއެވެ. ޖިސްމަށް އުނދަގޫވާފަދަ އިޙްސާސްތަކެއް އުފަންކުރުވައިފިއެވެ. އޭނާއަށް ނިތުގައި އެއް އަތުން ފިރުމައިލެވުނެވެ. އެއަށްފަހު ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހީވަނީ ނަފުސުގައި އުފެދިގެން އުޅޭ ތޫފާން މައިތިރިކުރަން ބޭނުންވެެގެން އުޅޭހެންނެވެ.
ކާރަށް އަރާ ރިއުމާން އިށީނދެލިއެވެ. އެއަށްފަހު އޭނައަށް ހުންގާނުގައި ބާރަށް ޖަހައިލެވުނެވެ. މީހާގެ އެތެރެހަށީގައި އުފެދުނު ޖަޒުބާތުތައް އޭނާގެ ބާރުގެ ދަށަށް ގެންނާނީ ކިހިނެއްކަމެއް ރިއުމާންއަކަށް ނޭނގުނެވެ. އޭނާ އެެހެން އިންދާ ފުލުހުންގެ އިދާރާއިން އޭނާއަށް ގުޅިއެވެ.
"ވަޢަލައިކުމް ސަލާމް..." އެކޮޅުން ސަލާމް ގޮވައިލުމާއެކު، ރިއުމާން ބުނެލިއެވެ. އެމީހުން އެދުނީ އަނެއްކާވެސް ބަޔާނެއް ނަގަން ރިއުމާން އައުމަށެވެ. އަދިވެސް ރިއުމާންގެ އުނދަގޫ ސަޖަލްއަށް ލިބޭކަން އެމީހުންނަށް އެނގުނީކަން ރިއުމާންއަށް ދެނެގަނެވުނެވެ. އެއާއެކު އޭނާގެ ހިތުގައި އަނެއްކާވެސް ޝަކުވާތައް ފުނިޖެހެމުން ދިޔައެވެ. ސަޖަލް އަނެއްކާވެސް އޭނާގެ މައްސަލަ ފުލުހުގައި ޖެއްސީހެއްޔެވެ؟ ސަޖަލް ހާސިލްކުރަން ބޭނުންވަނީ ކޮންކަމެއްހެއްޔެވެ؟ މައްސަލައަކީ ހަމައެކަނި އޭނާ ސަޖަލްއަށް މެެސެޖެއް ކޮށްލުން ހެއްޔެވެ؟ ސަޖަލް ދެކެ ލޯބިވާތީ ސަޖަލްއާ ދުރުގައި ނުހުރެވުން ހެއްޔެވެ؟ ދެލޮލުގެ ތެރެއަށް ކަރުނަތައް ޖަމާވުމާއެކު ރިއުމާންއަށް ރުޅި އާދެވެން ފެށިއެވެ. ފެނުނު މަންޒަރުގެ ސަބަބުން އޭނާ އެހާ ހާސްވެފައި އިންދާ، އަނެއްކާ ދެންމެ ލިބުނު ޚަބަރާއެކު އޭނާގެ ހާސްކަން ދެގުނަވެެގެން ދިޔައެވެ.
ފުލުހުން ގަޑި ބުނުމުން ރިއުމާން ފޯނު ކަނޑައިލަމުން، ހުންގާނުގައި ޖައްސާލާފައިވާ އަތް މަތީގައި ބޯ ޖައްސައިލިއެވެ. އެއަށްފަހު އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލިއެވެ. އެތަނުގައި އެތައް އިރަކު ޚިޔާލަށް ގެއްލިފައި އިނދެފައި އޭނާ ދިޔައީ ގެއަށެވެ. ގެއަށް ގޮސް ފެންވަރާ ތާޒާ ވެލައިގެން އޭނާ އެނދުގައި ޖައްސައިލީ އަރާމުކޮށްލުމަށެވެ. ގަޑިއަށް ބަލައިލަމުން ރިއުމާން ފޯނު ނަގާ ހުުޅުވައިލިއެވެ. ކްލިނިކުން ފޮނުވާފައި އިން ގަޑިއަށް ބަލައިލަމުން ރިއުމާން އޭނާގެ މޭ މަތީގައި ފޯނު ބާއްވައިލިއެވެ.
ރޭގަނޑު އަށްގަޑިބަޔަށް އޭނާގެ އެޕޮއިންޓްމެންޓް އިނީތީ ރިއުމާން ރީތިވީ ކްލިނިކަށް ދާށެވެ. ލޯގަނޑު ކުރިމަތީގައި ހުރެ އޭނާ އަމިއްލަ ސޫރައަށް އަދިވެސް އެއްފަހަރު ބަލައިލިއެވެ. ލާފައިވާ އަޅިކުލައިގެ އަތްދިގު ގަމީސް ގަޔަށް ހެޔޮވަރުވަރަކަށް ހުރިއިރު، ލާފައިވާ ކަޅު ކުލައިގެ ޖީންސާއެކު ފެންނައިރު ހިތްގައިމު ގޮތެއް ހުއްޓެވެ. އިސްތަށިގަނޑު ޒަމާނީ ގޮތަކަށް ސްޓައިލް ކޮށްލާފައިވާއިރު، އެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ޑްރެސިންޓޭބަލް މަތީގައި ހުރި ސެންޓް ފުޅިން ގަޔަށް ޖަހައިލުމާއެކު، ހިތްގައިމު މީރުވަހަކުން މުޅިތަން އެއްވަސްވިއެވެ. ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ މީހާގެ ސޫރައަށް ބަލައިލަމުން، ރިއުމާން ޑްރެސިންޓޭބަލް މަތީގައި އޮތް އޭނާގެ ގަޑި ނަގާ އަތުގައި އަޅައިލިއެވެ. އެއަށްފަހު އެނދުމަތީގައި އޮތް އޭނާގެ ފޯނު ނަގަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ.
އެޕާރޓްމެންޓުން ނުކުމެގެން ލިފްޓުން ތިރިއަށް ގޮސް އޭނާ ކާރު ނެރިގެން ދި ހެލްޕް ކްލިނިކާ ދިމާލަށް މިސްރާބުޖެހިއެވެ. ނަސީބަކުން ކްލިނިކާ ކައިރިން އޭނާއަށް ކާރު ޕާކުކުރާނޭ ޖާގަ ލިބުނެވެ. ކާރުން ފައިބައިގެން ރިއުމާން ގޮސް ކްލިނިކަށް ވަތްއިރު، އެތަނުގައި އިން އަޒްހާ އޭނާގެ ލޮލުގައި އަޅައެއް ނުގަނެއެވެ. އެކަމަކު އަޒްހާގެ ލޮލުގައި ރިއުމާން އަޅައިގަތެވެ. ރިއުމާން ކައުންޓަރު ދޮށަށް ހުއްޓިފައި މެމޯ ކޮޅު ހައްދަން އޭނާގެ އައިޑީކާކު ދިއްކޮށްލިއެވެ. އެއަށްފަހު، އޭނާ ފޯނަށް ނަޒަރު ހުއްޓައިލިއެވެ. އެ ހުރިހާއިރުވެސް، އަޒްހާ އިނީ، ރިއުމާންއަށް ބަލަހައްޓައިގެންނެވެ.
މެމޯ ކޮޅު ދިއްކޮށްލުމާއެކު، އައިޑީ ކާޑާއެކު އެ މެމޯ ކޮޅުގައި ހިފަމުން ރިއުމާން އެނބުރިލިއެވެ. އެއާއެކު އެތަނުގައި އިން އަޒްހާ އޭނާގެ ލޮލުގައި އަޅައިގަތުމާއެކު، ރިއުމާން ވަގުތުން ހުއްޓުން އަރާ ގޮތްވިއެވެ. އަޒްހާ ރިއުމާންއަށް ބަލައިލާ ހިނިތުންވެލުމުންވެސް ރިއުމާންއަށް ހިނިތުންވާކަށް ނޭނގުނެވެ. އަތުގައި އޮތް މެމޯ ކޮޅަށްވެސް އޭނާއަށް ބާރުކޮށްލެވުނެވެ. އޭނާ މަޑުމަޑުން އަޒްހާ އާ ދިމާލަށް ހިނގައިގަތެވެ. އެމަންޒަރު ފެނި އަޒްހާގެ ހިތް ނޭނގޭ ބާރުމިނުގައި ތެޅެން ފެށިއެވެ. ރިއުމާންގެ އެ ފިރިހެންވަންތަ ކަމަށް ހިތާ ހިތުން އޭނާއަށް ތަޢުރީފް ކުރެވެން ފެށުނެވެ.
"އަޅޭ... ހާދަ ރީއްޗޭ... ސާބަހޭ އަޒްހާ... ހަމަޖެހިބަލަ. އޭނަ ނޫޅެޔޭ އަދި އަޒްހާއާ ހެދިއެއް... ތިވަރު ނުވެބަލަ... އޯ ގޯޑް. ނޫނޭ ކިހިނެއް އިނގެނީ ހަމަ އަހަންނަށްވެސް އޭނަ ލިބިދާނެއެއްނު. ކީއްވެ ނުލިބެންވީ؟ " އަޒްހާގެ ސިކުނޑީގައި އާދައިގެ މަތިން ތަފާތު ޚިޔާލުތައް ފުނިޖެހެމުން ދިޔައެވެ. އަޒްހާގެ އެއްފަރާތުގައި ހުރި ގޮނޑި ދޫކޮށްފައި ޖެހިގެން ހުރި ގޮނޑީގައި ރިއުމާން އިށީނދެލިއެވެ. އޭރުވެސް އަޒްހާ އިނީ ޚިޔާލަކަށް ގެއްލިފައެވެ.
"ހައި" އޭނާ އަށް ސިހުން ގެނުވީ ރިއުމާން ގޮވައިލި އަޑު އިވިފައެވެ.
"އާނ... އާނ.. ކީކޭ؟" އަޒްހާއަށް އަޅައަޅައިގަނެފައި ވާހަކަ ދެކެވުނެވެ.
(ނުނިމޭ)