އޭނާ ގެއާ ހިސާބަށް ދަންދެން ރިއުމާން ފަހަތުން އައެވެ. ސަޖަލް ގޭތެރެއަށް ވަނުމާއެކު ރިއުމާންއަށް ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލެވުނެވެ. އޭނާ ކާރަށް އަރަންވެގެން މިސްރާބުޖެހިއެވެ. އޭރު އެމޫނުމަތީގައިވަނީ ބުނެދޭން ނޭނގޭ ފަދަ އަސަރެކެވެ. ސަޖަލް ކަންތައް ކުރާގޮތުން އޭނާ ވަނީ މާޔޫސްވެފައެވެ. ކާރަށް އަރާ ދުއްވައިލަން އުޅުނު ވަގުތު މަގުގެ އެއްފަރާތުން ދިޔަ ސައިކަލުގެ ފަހަތުގައި އިން އަންހެން މީހާ ލޮލުގައި އަޅައިގަތުމާއެކު ރިއުމާންއަށް ހުންގާނުގައި ބާރަށް ހިފައްޓައިލެވުނެވެ. އޭނާއަށް ދަތްކުނޑި ވިކައިލެވުނެވެ. މީހާގެ ނަފްސަށް ހަރުކަށިކަން ވެރިވެގެންގޮސް ނާރުތަކަށްވެސް ވާންކަމެއް އިޙްސާސްކުރެވުނެވެ. އޭނާއަށް ދެތިންފަހަރަކު ފުންނޭވާއެއް ދޫކޮށްލެވުނީ ހަށިގަނޑުގައި އުފެދިފައިވާ އުދާސްކަން ދުރުކޮށްލުމުގެ ބޭނުމުގައެވެ.

އެވަރުންވެސް އޭނާއަށް ލިބިފައިވީ ނުތަނަވަސްކަމަށް ކުޑަވެސް ލުޔެއް ނުލިބެއެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގައިލުމަށްފަހު ގޮސް ރިއުމާން ކާރަށް އަރާ ދުއްވައިލިއެވެ. އޭރުވެސް އޭނާގެ ސިކުނޑީގައި ދައުރުވަމުންދިޔައީ ދެންމެ ސައިކަލުން އޭނާއަށް ފެނުނު އަންހެންމީހާއެވެ.

*****

ސަޖަލް ގެއަށް ގޮސް ސައި ތައްޔާރުކޮށްލިއެވެ. އެއަށްފަހު އޭނާ ރަޝާދަށް ސައިބޯން ގޮވިއެވެ. ރަޝާދުވެސް ސޯފާގައި އިނދެފައި އައިސް މޭޒުކައިރީގައި އިށީނުމާއެކު ބައްޕައަށް ސައި އަޅައިދީފައި ސަޖަލްވެސް ގޮނޑީގައި އިށީނެވެ.

"ދަރިފުޅާ... އެހެން ތަނަކުން ވަޒީފާއެއް ބަލައިފިންތަ؟ ރަޝާދު ސުވާލުކޮށްލީ ސައިތަށިން އެތިފޮދެއް ބޮއިލުމަށްފަހުއެވެ.

"ބަލަމުން މިދަނީ، ކަމުދާތަންތަން އެބަހުރި. ދެތަނަކަށް އެޕްލައިވެސް ކޮށްފިން. ޖޮބެއް ހޯދުމަކީވެސް މިހާރު މާވަހަރެއް ހޮވުން ފަދަ ކަމެއްނު... އެހާ އުނދަގުލުން ލިބޭނީ... ވަޒީފާއަކަށް އިއުލާންކޮށްލާއިރަށް ސަތޭކައިން ކުދިން އެޕްލައި ކުރޭވިއްޔަ. ގިނ ފަހަރަށް ކިޔަވައިގެން ހުއްޓަސް ވަޒީފާއެއް ނުލިބޭނެ. އެމީހުން ބޭނުން މީހަކަށް ދޭނީ..." ސަޖަލް ބުނެލިއެވެ.

"ތީވެސް ތެދެއް... ކީއްކުރާނީ ދަރިފުޅާ!" ރަޝާދު ދަރިފުޅުގެ މޫނަށް ބަލައިލަމުން ބުނެލިއެވެ.

ޖެހިގެންއައި ހަފްތާގެ ތެރޭގައި ސަޖަލް ތިން ތަނަކަށް އިންޓަރވިއުއަށް ދިޔައެވެ. ކޮންމެ ތަނަކުންވެސް ބުނަނީ ފަހުން ވަކި އެއްޗެއް އަންގާނޭ ކަމުގައެވެ. ސަޖަލް އުންމީދުކޮށްގެން ހުރީ ކޮންމެވެސް އެއްތަނަކުން އޭނާއަށް ވަޒީފާ ހަމަޖެހޭނޭ ކަމުގައެވެ. ރިއުމާންގެ މެސެޖުތައް ވެސް ފުލުފުލުގައި ސަޖަލްއަށް އަންނަމުން ދިޔައެވެ. އެކިފަހަރު އެކި ނަންބަރުންނެވެ. އެކަމާ ސަޖަލް ހުންނަނީ ބޯ ގޮވާފައެވެ. ރިއުމާން އޭނާއަށް ފާރަލާކަން އޭނާއަށް އެނގެއެވެ. މެސެޖުކޮށްފައި އޭނާ ހުރިތަނާ އެއްކޮށް ބުނަން އެނގޭނީ އެހެންވެތާއެވެ. ރިއުމާން އުޅޭގޮތުން ސަޖަލްއަށް ނުތަނަވަސްކަމެއް ލިބިފައިވެއެވެ. އޭނާ ދާހާތަނަކަށް ފާރަލައިގެން އުޅެންފެށުމުން އޭނާގެ ހިތުގެ ހަމަޖެހުން ވެސް ގެއްލިފައިވެއެވެ.

ހެނދުނުގެ ވަގުތެވެ. ސަޖަލް ގެއިން ނުކުމެގެން މިސްރާބުޖެހީ އޭނާ މަސައްކަތްކުރާ އެންޖީއޯގެ އޮފީހަށް ދިޔުމަށެވެ. އޭނާއަކީ ވަޒީފާގެ އިތުރުން އިޖްތިމާއީ އެކިއެކި ކަންކަމުގައި ވެސް ޝައުގުވެރިކަމާއެކު ހަރަކާތްތެރިވާ ޒުވާނެކެވެ. އެގޮތުން ސަޖަލް މަސައްކަތްކުރާ އެންޖީއޯ އަކީ އަންހެނުންނާ ކުޑަކުދިންގެ ހައްގުތަކުގެ އިތުރުން އެހީތެރިކަން ބޭނުންވާ އެހެންމީހުންނަށްވެސް އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ޖަމިއްޔާއެކެވެ.

ސަޖަލް ސައިކަލު މަޑުކޮށްލީ އާރޓްފިޝަލް ބީޗާ ދިމާލުގައި ހުރި ދިހަ ބުރީގެ އިމާރާތެއްގެ ކުރިމައްޗަށެވެ. އޭނާ މަގުގެ އެއްފަރާތުގައި ސައިކަލު ޕާކުކޮށްލާފައި އެ އިމާރާތަށް ވަދެ ލިފްޓުގެ ބަޓަނަށް ފިތައިލިއެވެ. ލިފްޓް އައުމާއެކު ހަތަރު ވަނަ ފަންގިފިލާއަށް އަރާ އޭނާ ދަބަހުން ކާޑު ނަގާ ދޮރު ހުޅުވައިލިއެވެ. ދޮރުގެ އެއްފަރާތުގައި އިން ބޯޑުގައި "ހޯޕް އެންޖީއޯ" ޖަހާފައިވާއިރު އެތަނުގައި ތަފާތު ވައްތަރުގެ އިންޑޯ ގަސްތައް ބަހައްޓާފައި ހުއްޓެވެ. ސަޖަލް އެތެރެއަށް ވަދެލިއެވެ.

"އަހާ ސަޖޫ... " އެވަގުތު އެތަނުގައި ހުރި ޖުމާނާ ސަޖަލްއަށް ބަލައިލަމުން ގޮވައިލިއެވެ.

"ހައި... މީޓިން ނުފަށަންދޯ އަދި. ހީކުރީ ގަޑި ޖެހޭނެކަމަށް... ހެހެ..." ސަޖަލް އޭނާގެ އިސްތަށިގަޑު ރީތިކޮށްލިއެވެ.

"ޝައު ނައިސްގެން މިތިބީ. އާއްމުކޮށް ޝައު އަންނާނެ ގަޑިއެއް، ބޮޑުކަމެއް ދިމާވީކަންނޭގެ ދޯ ލަސްވަނީ...

އެ އޮފީހަކީ ތަނަވަސް އޮފީހެކެވެ. އޮފީސްތެރެ ޒީނަތްތެރިވެފައިވަނީ ތަނުގެ އެތެރޭގައި ބަހައްޓާފައި ހުރި އިންޑޯ ގަސްތަކުގެ އިތުރުން ފާރުތަކުގައި ހަރުކޮށްފައިވާ ތަފާތު ބޮޑެތި ފޮޓޯ ފްރޭމްތަކުގެ ސަބަބުންނެވެ. އެގޮތުން އެމީހުންނަށް ލިބިފައިވާ ކާމިޔާބީތައް ރަމްޒުކޮށްދޭ ލިޔުންތަކާއި ތަފާތު އެކި އެކި ހަރަކާތްތަކުން ލިބިފައިވާ ހަނދާނީ ލިޔުންތައްވެސް ހިއްޕާފައި ހުއްޓެވެ. ސަޖަލް އެތަނުގެ އެއްފަރާތުގައި ހުރި ސޯފާގައި އިށީނދެލިއެވެ. ޖުމާނާއާއި އެހެން ކުދިން އޭރުވެސް އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ.

"މިއަދުގެ މީޓިންމީ އަނެއްކާ ކޮންކަމަކަށް އޮންނަ މީޓިންއެއް؟ ޝައުއާ ވެސް ވާހަކަ ދައްކާނުލެވުނު ވިއްޔަ ރަނގަޅަށް..." ސަޖަލް އަހައިލިއެވެ.

"އަހަރެން ބުނީމެއްނު ފަންޑްރެއިސިންގް އިވެންޓެއްގެ ވާހަކަ. އަންހެނުންގެ ދުވަހަހާ ގުޅުވައިގެން ބާއްވަން އުޅޭ... ޝައު ބުނި އެކަމާ ބެހޭގޮތުން ކުޑަ މަޝްވަރާ ބައްދަލުވުމެއް ބާއްވަންނޭ...ކުރާނެ ކަންތައްތަކާ އެއްޗެހި ޑިސައިޑްކުރަންހެން ހީވަނީ..." ޖުމާނާ ބުނެލިއެވެ. ސައުފާއަކީ އެ އެންޖީއޯގެ ފައުންޑާރ އެވެ. ސަޖަލްއާއި ޖުމާނާއަކީވެސް އިސްމަގާމުތަކެއް އަދާކުރަމުން ގެންދާ ދެމީހުންނެވެ. އެދެމީހުން އެންޖީއޯގެ ބޯޑު މެންބަރުންތެރޭގައިވެސް ހިމެނެއެވެ.

"އޯހް... އެކަމަށްތަ؟ އަހަރެން ހީކުރީ އެއްކަލަ ލޯ ފާރމާއެކީ ސޮއިކުރަން އުޅުނު އެއްބަސްވުމާ ބެހޭގޮތުންކަމަށް..." ސަޖަލް ބުނެލިއެވެ.

"ނޫނޭ. އެކަންތައް ތަންކޮޅެއް ލަސްކޮށްލީ އެ ކޮޅުން ޖަވާބެއް ލިބުން ލަސްވެގެންކަމަށް ވަނީ... ލެޓްސް ހޯޕް އެމީހުންނަށް އަހަރެމެންގެ ޕްލޭން ކަމުދޭތޯ...އަހަރެންވެސް ވަރަށް އެކަން އެގޮތަށް ވާން ބޭނުން..." ޖުމާނާ ވާހަކަ ދެއްކިއެވެ. އޭނާ ސަޖަލްއަށް ބަލައިލަމުން ބުމަ އަރުވައިލިއެވެ.

"އަހަރެން ވެސް ވަރަށް ބޭނުން އެކަންތައް ކުރަން. އޭރުން ހާދަ ބައިވަރުބަޔަކަށް އެހީވެވޭނޭ!" ޖުމާނާގެ ވާހަކައަށް ބޯ ޖަހައިލުމާއެކު ސަޖަލް ބުނެލިއެެވެ. އެމީހުން އެތަނުގައި ތިއްބާ ޝައުފާ އެތެރެއަށް ވަނެވެ.

"ހޭ ގާލްސް..." ޝައުފާ ބުނެލިއެވެ. އޭރު އޭނާއަށް މާނޭވާ ލެވެއެވެ.

"ޝައު ހާދަ ވަރެއްވެފަ ތިހުރީ؟" ސަޖަލް ލުއިހިނިތުންވުމަކާ އެކީ އަހައިލިއެވެ.

"އެހެންނެއްނު ވާނީ... އެންމެފަހު ވަގުތު އެނގުނީ ސައިކަލުގަ ޕެޓްރޯލްނެއްކަން. ޓެކްސީއެއް ހޯދަން އުޅެ އުޅެ ނުލިބުނީމަ...... މާފަންނު ކޮޅުން މިހާ ހިސާބަށް މި އަންނަން ޖެހުނީ ހިނގާފަ..." ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ޝައުފާ ބުނެލިއެވެ. އޭނާ އަޅާފައިވާ ބުރުގާ ރީތިކޮށްލަމުން ފުންކޮށް ނޭވާ ލާންފެށިއެވެ. ލާފައިވާ ނޫކުލައިގެ ގަމީސް ޓޮޕްކޮޅާއެކު ކަޅުކުލައިގެ ޝޯލްއެއް އަޅާފައިވުމުން ސައުފާއާއި ނުހަނު ގުޅެއެވެ. އޭނާ އަޅާފައިވާ ނަންބަރު އައިނު ރަނގަޅުކޮށްލަމުން މީޓިން ރޫމާ ދިމާލަށް ހިނގައިގަތެވެ. އެއާއެކު ސަޖަލްގެ އިތުރުން ޖުމާނާއާއި ދެން ތިބި ކުދިންވެސް ޝައުފާގެ ފަހަތުން ހިނގައިގަތެވެ.

"ޝައު. އެއްކަލަ ލޯ ފާރމްކަންތައް އަދިވެސް ހަމަނުޖެހޭތަ؟" މީޓިން ފެށުމާ ދޭތެރޭ ހޭދަވި ކުޑަ ވަގުތުކޮޅުގައި ޖުމާނާ ޝައުފާއާ ސުވާލުކޮށްލިއެވެ.

"އަހަރެންވެސް އެބަ ވަރަށް މަސައްކަތްކުރަން އެކަން ކުރެވޭތޯ...ހީވަނީ ކާމިޔާބު ވާނެހެން. އެހަށް ހިނގާ މިއަދުގެ މީޓިންގެ ވާހަކަ ދައްކަން... އަހަރެން ބޭނުންވަނީ ފަންޑްރެއިސިން އިވެންޓަކާއެކު އިތުރު ހަރަކާތްތަކެއް ހިންގަން." ޝައުފާ އޭނާގެ ޚިޔާލެއް ފާޅުކުރިއެވެ. އެ ޚިޔާލު އެންމެންނަށްވެސް ވަރަށް ކަމުދިޔައެވެ. ބާކީ ވަގުތުތަކުގައި މަޝްވަރާކުރެވުނީ ކުރިއަށް ގެންދާނޭ އިތުރު ހަރަކާތްތަކަކާ ބެހޭގޮތުންނެވެ. މީޓިން ނިންމާލާފައި އެންމެން އޮފީހުން ނުކުތީ އެކުއެކީގައެވެ.

"އޭތް. ސަޖޫ... ޖޮބުން ކެނޑުނީތަ ހަމަ އެންމެ ފަހުން؟" ޖުމާނާ ސަޖަލްގެ އަތަށް ދަމައިލަމުން ސުވާލުކޮށްލިއެވެ.

"އާނ. ރިއުމާންގެ އުނދަގޫ މާ ބޮޑުވިއްޔޭ، އަހަރެން ހިތަށް މިހާރު އަރަނީ އަނެއްކާ އެއީ އަހަންނަށް ހެދުނު މިސްޓޭކެއް ބާއޭ..." ސަޖަލް ފުންނޭވާއެއް ދޫކޮށްލިއެވެ.

"އެއީ...ސަޖޫ އޭނަ ދެކެ ލޯތްބެއް ނުވޭތަ؟" ޖުމާނާ ސުވާލުކޮށްލިއެވެ.

"ލޯބިވިޔަސް އެކަހަލަ މީހަކާ އެކީ ކިހިނެއްތަ އުޅޭނީ ޖުމީ... އަހަންނަކަށް ދެން ނުވާނެ. ކިތަށް ފަހަރު އަހަރެން އޭނައަށް ޗާންސް ދިނިންތަ؟" ސަޖަލް ޖުމާނާއަށް ބަލައިލިއެވެ.

"އަދިވެސް އޭނަ އުނދަގޫކުރަނީތަ ސަޖޫ..." ސަޖަލްގެ މޫނުމަތިން ނުތަނަވަސްކަން ފެނުމާއެކު ޖުމާނާއަށް ސުވާލުކޮށްލެވުނެވެ.

"އުނދަގޫކުރާނީހޭ؟ ކިހާވަރަކަށް... ކުދިން ދުވަހުވެސް ފިހާރައަށް ދަނިކޮށް ފެނިގެން އަހަރެން ފަހަތުން އަޅުވައިލިގޮތަށް މަގުމަތީގައިވެސް އުޅުނުގޮތެއް ނޭނގެ ބުނާކަށްވެސް.... އަހަންނަކަށް ނޭނގެ އޭނާއަށް ވެފަހުންނަ ގޮތެއް. އަހަރެން މިހާރު މަގުމައްޗަށް ނުކުންނަންވެސް ޖެހިލުންވޭ. އަހަރެން ދާހާ ތަނެއް އޭނާއަށް އެނގޭ... އޭނަ އަހަންނަށް ފާރަލާތީ ދޯ އެވަރު އެނގޭނީ.. ނޭނގެ ދެން..." ސަޖަލްއަށް ބޮލުގައި ފިރުމައިލެވުނެވެ. އޭނާ ހިތުގެ އިޙްސާސްތައް އެކުވެރިޔާއަށް ކިޔައިލަދިނެވެ. އެއާއެކު ބޮލުން ބަރުއެއްޗެއް އުފުލިއްޖެކަމުގެ އިޙްސާސް އޭނާއަށް ކުރެވުނެވެ. ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބުނެވެ. ޖުމާނާއަކީ އޭނާގެ އެކުވެރިންގެ ތެރެއިންވެސް ވަރަށް ޚާއްސަ ކުއްޖެކެވެ. ސަޖަލްގެ ޙަޔާތުގެ ގިނަކަންތައްތައް ޖުމާނާއަށް އެނގެއެވެ. ހަމައެއާއެކު ޖުމާނާގެ ޙަޔާތުގެ ގިނަ ކަންތައްތައްވެސް ސަޖަލްއަށް އެނގެއެވެ. ދެ އެކުވެރިންނަކީ ސްކޫލުއިރުއްސުވެ ވެސް ގާތް ރަޙްމަތްތެރިންނެވެ.

"ދެން އެކަމާ މާބޮޑަށް ނުވިސްނާ...އަހަންނަށް އެނގޭ ސަޖޫ އަސްލުވަރަށް ލޯބިވިކަން ރިއުމާންދެކެ. މިހާރުވެސް ވާނެ ކަން އެނގޭ... "

"ނުވިސްނަން އުޅުނަސް އޭނަ އުޅޭގޮތަކުން އަހަންނަށް ނުވިސްނާ ހުރެވޭދޯ..." ސަޖަލް އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލިއެވެ. މަގުމައްޗަށް ނުކުމެ ޝައުފާއާއި ދެންތިބި ކުދިން ހިނގައިގަތުމުން ސަޖަލްވެސް އެކުވެރިޔާއަށް ހިނިތުންވުމެއް ދެމުން ސައިކަލާ ދިމާލަށް މިސްރާބުޖެހިއެވެ. އެއާއެކު އޭނާގެ ލޮލުގައި އަޅައިގަތީ ސައިކަލުގައި އެމަގުން ދިޔަ ރިއުމާންއެވެ. އެއާއެކު ސަޖަލްއަށް ހައިރާންކަން ލިބިގެންދިޔައެވެ. ރިއުމާންގެ ތުންފަތްމަތީގައިވީ ހިނިތުންވުން ރީތިކޮށް ސަޖަލްއަށް ފެނުނެވެ. އޭނާއަށް ބަލައިލެވުނީ ސައިކަލަށް އަރަމުންދިޔަ ޖުމާނާއަށެވެ.

"ހީވޭ ކަމެއްހެން؟" ޖުމާނާއަށް އަޑު އިވޭވަރަކަށް ސަޖަލް ބުނެލިއެވެ. އެއަށްފަހު ދެފަރާތަށް ބޯ ހޫރައިލަމުން އޭނާ ސައިކަލަށް އަރާ ސައިކަލު ސްޓާރޓްކޮށްލިއެވެ. ގެއަށް ގޮސް ސަޖަލް ފުރަތަމަވެސް ފެންވަރާ ތާޒާވެލިއެވެ. އެއަށްފަހު އޭނާ އެނދުގައި އޮށޯވެލީ ވަރުބަލި ފިލުވައިލުމުގެ ބޭނުމުގައެވެ. އެ ހަފްތާތެރޭގައި ސަޖަލް އުޅެންޖެހުނީ އެންޖީއޯ ކަންތައްތަކުގައި ފުދޭވަރަކަށް ބިޒީކޮށެވެ. އެކަމުގެ ސަބަބުން އޭނާގެ ނުތަނަވަސްކަން ކޮންމެވެސް ވަރަަކަށް ދުރުވިއެވެ. މަސައްކަތުގައި މަސްއޫލުވުުމުން ރިއުމާންގެ ޚިޔާލުތަކުންވެސް އޭނާއަށް ކުޑަކޮށް ދުރުވެވުނެވެ. ހިތަށް ހަމަޖެހުން ލިބުނެވެ.

އެއީ ހަވީރުގެ ވަގުތެކެވެ. ފަންޑް ރެއިސިން އިވެންޓުގައި ސަޖަލް ހަރަކާތްތެރިވަމުން ދިޔައީ ކަޕްކޭކާއި އެހެނިހެން ލުއި ކާއެއްޗެހި ވިއްކަމުން ދިޔަ މޭޒުކައިރީގައެވެ. އެ ހަރަކާތް ހިންގީ ރަސްފަނުގައެވެ. އާއްމުންގެ ތަރުހީބުވެސް ދިޔައީ ފުދޭވަރަކަށް ލިބެމުންނެވެ. އެމީހުން ގަސްތުކޮށްފައިވަނީ އެ ހަރަކާތުން ލިބޭ ފައިސާ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ބައެއްމީހުންނަށް ފޯރުކޮށްދިދުމަށެވެ. ސަޖަލްގެ ސަމާލުކަން ކުއްލިއަކަށް ހުއްޓުނީ އޭނާގެ ހުރި މޭޒުކައިރިއަށް އައިސް ހުއްޓުނު ރިއުމާންއަށެވެ. ސަޖަލްގެ ހަރަކާތްތައް ހިނދުކޮޅަކަށް މަޑުޖެހިލުމާއެކު އޭނާއަށް ވަށައިގެން ބަލައިލެވުނެވެ. ރިއުމާން ހިނިތުންވެލައިގެން ހުރި އިރު ސަޖަލްގެ އެ ނުތަނަވަސްކަންވެސް އޭނާއަށް ފާހަގަ ނުވާކަހަލައެވެ. ސަޖަލް ރިއުމާންއަށް ބަލައިލުމަށްފަހު ތުންފަތުގައި ދަތް އަޅައިލިއެވެ. އެތަނުގައި ރިއުމާންއާ ދެބަސްވެ ބައެއްގެ ނަޒަރުތައް އެ ދިމާލަށް ސީދާވާކަށް އޭނާ ނޭދެއެވެ.

"ކޯންޗެއް ބޭނުމީ؟" ސަޖަލް ސުވާލުކޮށްލީ ރިއުމާން އެއްޗެއް ނުބުނެ އޭނާއާ ދިމާލަށް ބަލަން ހުންނަން ފެށުމުންނެވެ.

"ސަޖޫ...." ރިއުމާން ބުނެލިއެވެ. އެއަށްފަހު އޭނާ ފުން ނަޒަރަކުން ސަޖަލްއަށް ބަލައިލިއެވެ.

ރިއުމާން... ވަޓް އާރ ޔޫ ޑުއިން؟" ސަޖަލްއަށް ބުނެވުނެވެ. އޭރުވެސް އޭނާ ދިޔައީ ވަށައިގެންވީ މާހައުލަށް ނަޒަރު ހިންގަމުންނެވެ. ރިއުމާން ކޮށްފާނޭ ކަމަކަށް ސަޖަލް ހުރީ ސަމާލުވެއެވެ. ކުއްލިއަކަށް ރިއުމާން މޭޒުމަތީގައި އޮތް ސަޖަލްގެ އަތުގައި މަޑުމަޑުން ހިފައްޓައިލިއެވެ. އެއާއެކު ސަޖަލްއަށް ސިހިފައި އެ އަތް ފޮޅުވައިލެވުނެވެ. އެންމެންގެ ތެރޭގައި ރިއުމާން އެފަދަ އަމަލެއް ކޮށްފާނޭކަަމަށް ކުރިން ރިއުމާންއަށް ހީކުރެވިފައެއް ނެތެވެ. ރިއުމާން އިތުރުކަމެއް ކޮށްފާނެތީ ސަޖަލް ހާސްވިއެވެ.

"ރިލެކްސް ބޭބީ... އަހަރެން ނޫޅެމޭ ކަމެއްކުރާކަށް..." ރިއުމާން އެއްލޯ މަރައިލަމުން ބުނެލިއެވެ. ރިއުމާންގެ އަމަލުތައް ހުރިގޮތުން އޭނާ އަވަހަށް އެތަނުން ނުދާނެކަން ސަޖަލްއަށް ފަހުމްވިއެވެ. އެއާއެކު އޭނާގެ ހާސްކަން ދެގުނަ ވެގެން ދިޔައެވެ.

(ނުނިމޭ)

ކޮމެންޓް 0