"ނޯ ވީ ކާންޓް... އައި ކާންޓް ދޫ ދިސް އެނީ މޯރ އޭ ބުނެފީމެއްނު!..."

ރިއުމާންގެ އަމަލުތަކުން ހިތްހަމަނުޖެހި ހުރިފައި ގޮތް ދޫކުރާ ޚިޔާލު ދޫކޮށްލި ސަޖަލް ބުނެލިއެވެ.

"ނޯ... ނޯ... ނޯ... ވީ ކޭން މޭކް ދިސް ވޯކް، ޕްލީޒް ސަޖޫ..." ރިއުމާން އާދޭހާއެކު، ބުނެލިއެވެ. އެހެން ބުނުމުން ސަޖަލްގެ ފަރާތުން އޭނާ ބޭނުންވާފަދަ ޖަވާބެއް ލިބޭނެކަމަށް އޭނާއަށް އުންމީދުކުރެވުނެވެ.

"އަހަންނަކަށް ދެން ކެތެއް ނުކުރެވޭނެ... އަހަންނާ އެކީ އުޅެން ބޭނުމިއްޔާ މާން ފުރަތަމަ މާންގެ ވިސްނުން ބަދަލުކުރޭ.. އެނޫން އެއްވެސް ގޮތެއް ނެތް!. އަހަންނަށްވެސް ކޮންމެވެސް ވަރެއްގެ މިނިވަންކަމެއް އޮންނަން ވާނެ ދޯ..." ސަޖަލް ބުނެލިއެވެ.

"ސަޖޫ ކީއްވެތަ؟ އަހަންނަށް އުނދަގޫވާތީއޭ އަހަންނަށް ރުޅި އާދެވެނީ... ކެއާރ ކުރާތީ އޭ... އެކަން ކީއްވެތަ އަންޑަރސްޓޭންޑް ނުވަނީ؟"

"އަހަރެން މި ބުނާ އެއްޗެއް ވެސް މާންއަށް ކީއްވެތަ އަންޑަސްޓޭންޑް ނުވަނީ؟ ތީ ކެއަރ ކުރުމެއް ނޫނޭ މާން... ކެއަރ ކުރުމާ ކޮންޓްރޯލް ކުރުމާ ވަރަށް ތަފާތުވާނެ... އެ ދޭތީގެ ޑިފަރެންސް ފުރަތަމަ އަންޑަރސްޓޭންޑް ވެބަލަ!... " ސަޖަލްއަށް ރިއުމާންގެ ވާހަކަ ހުއްޓުމާއެކު ބުނެވުނެވެ. ރިއުމާން އާ އެހާ ގާތުގައި ހުންނަންވުމުން، އޭނާގެ އެތެރެ ހަށީގައިވެސް ބުނެދޭން ނޭނގޭ ޖަޒުބާތުތަކެއް އުފެދެމުން ދިޔައެވެ. އޭނާގެ ހިތުގެ ތެޅުންވެސް އިންތިހާ ބާރުވެފައިވާއިރު، އޭނާ މަސައްކަތް ކުރަމުންދިޔައީ އެ އިޙްސާސްތައް އޭނާގެ ކޮންޓްރޯލްގެ ދަށަށް ގެނެވޭތޯއެވެ. އޭނާގެ ހިތުގައި ލޯބި ވިޔަސް އެކަންތައް ފާޅުނުކޮށްވޭތޯ ސަޖަލް މަސައްކަތް ކުރިއެވެ. ރިއުމާންގެ ގަދަ ޗޮކްލެޓްކުލައިގެ ކަޅިއަށް ބަލަން ހުންނަން އޭނާއަށް އުނދަގޫވިއެވެ. ހިތުގެ ލަގަން ދޫވަމުންދާ އިޙްސާސް ކުރެވުމުން، ސަޖަލް ރިއުމާންއާ ނަޒަރު ވަކިކޮށްލިއެވެ.

"ސަޖޫ... އަހަރެން..." ސަޖަލްގެ މޫނުމަތީގައިވި ސީރިއަސްކަމުން ރިއުމާން ހާސްކުރުވިއެވެ.

"މާން... އައި ޖަސްޓް ނީޑް ސަމްޓައިމް އެލޯން... އަހަންނަށް ވަގުތުކޮޅެއް ދީ... ވިސްނައިލަން ބޭނުން، އަހަރެން ބޭނުން މިހުރިހާކަމަކުން ބްރޭކެއް ނަގަން... ކުޑަކޮށް ހަމަޖެހިލަން ބޭނުމީ... އަހަންނަށް އެވަގުތު ދީ..." ސަޖަލް ރިއުމާންގެ ވާހަކަ ހުއްޓުވާ ބުނެލިއެވެ. އޭނާ ރިއުމާންގެ ދެލޮލަށް ބަލައިލިއެވެ.

"ސަޖޫ ޕްލީޒް... އަހަންނަށް ސަޖޫ އާ ނުލާ ނޫލެވޭނޭ... ސޮރީ އޭ ބުނެފީމެއްނު..." ރިއުމާންގެ އަޑަށް ކުއްލިއަކަށް މަޑުމޮޅިކަން ވެރިވިއެވެ. އޭނާގެ އަޑު މަޑުވީވެސް އެހެންވެއެވެ.

"އެކަމުވެސް ހެޔޮ، އަހަރެން ދެކެ ލޯބިވަންޏާ އަހަންނަށް އެ ފުރުސަތު މާން ދޭނެ..."

"ސަޖޫ... ނޭނގޭތަ އަހަރެން ލޯބިވާވަރު؟ އަހަރެންގެ ލޯތްބާމެދު ޝައްކުކުރަނީތަ؟"

ސަޖަލް ގޮތް ދޫ ނުކުރުމުން ރިއުމާން އެންމެ ފަހުން ރުޅިއައެވެ. އޭރު އެ ދެލޮލުގައި ކޮންމެވެސް ވަރަަކަށް ކަރުނައިގެ އަސަރުވެސް ހުއްޓެވެ. އޭރު އެތަކެއް ޖަޒުބާތުތަކެއް އޭނާގެ އެތެރެހަށީގައި އެއްވެފައިވެއެވެ. އޭނާ އައި ރުޅީގައި ފާރުގައި ގޮށްމުށްކަވާފައި ޖެހިއެވެ. ރިއުމާންގެ އެ އަމަލުން ސަޖަލްވެސް ސިހޭގޮތްވިއެވެ. ރިއުމާން އެހެން ދެތިން ހަތަރު ފަހަރު ޖެހިއެވެ. އޭނާގެ އަތަށް ތަދުވަމުން ދިޔަޔަސް ފަރުވާލެއް ނެތް ފަދައެވެ.

"ރުޅި މަޑުކޮށްބަލަ މާން، ރުޅި އައުމަކީ ހައްލެއް ނޫނޭ..." ރިއުމާންގެ ރުޅިގަނޑު ފެނި ރިއުމާންއާ އެކީ ހުންނަންވުމުން ސަޖަލް ޖެހިލުންވާގޮތްވިއެވެ. އޭނާއަށް އެހެން ބުނެވުނީވެސް ހާސްކަމާއެކުގައެވެ.

"އަހަންނަށް ކެތެއްނުވާނެޔޭ ބުނެފީމެއްނު... " ރިއުމާން ސަޖަލްގެ ދެ އަތުގައި ހިފާލަމުން އޭނާއާ ދާދިގާތަށް ދަމައިލިއެވެ. އެއަށްފަހު އޭނާ ބުނެލިއެވެ.

"ޖަސްޓް ގިވް މީ ސަމްޓައިމް ޕްލީޒް... ދަނީ..." ރިއުމާން ތަޅުދަނޑި ނުދިނުމުން އެންމެފަހުން ސަޖަލް ނިންމީ ގެއަށް ދިޔުމަށެވެ. އޭނާ ރިއުމާންގެ އަތް ފޮޅުވާލާފައި، ގެއިން ނުކުތުމަށް ހިނގައިގަތެވެ. ރިއުމާން އައިސް ސަޖަލްގެ ކުރި ބެއްދިއެވެ. އެއަށްފަހު އޭނާ ސަޖަލްގެ ދެއަތުގައި ހިފައިލިއެވެ.

"ވެއިޓް ސަޖޫ... ދިޔަޔަސް މައްސަލަ ހައްލެއް ނުވާނެއެއްނޫންތަ؟"

"ދޫކުރޭ... އަހަރެން ދާންވެއްޖެ...އަހަންނަށް ހެޔޯ ރިއުމާން ސައިކަލު ތަޅުދަނޑި ނުދިނަސް..." ސަޖަލް ބުނެލިއެވެ. އެއަށްފަހު އޭނާ ރިއުމާންގެ އަތް ފޮޅުވައިލިއެވެ.

"އަން މިއޮތީ ތި ތަޅުދަނޑި އަހަންނަށް ވަރިހަމަ..." ރިއުމާން އަތުގައި އޮތް ތަޅުދަނޑި އެއްލައިލިއެވެ. ސަޖަލް އެ ނަގައިގެން ނުކުމެގެން ހިނގައިގަތުމުން ރިއުމާން، ބާރަށް ދޮރު ލައްޕައިލިއެވެ. އެގެއިން ނުކުމެގެން ސަޖަލް އޮފީހާ ދިމާލަށް ދިޔައީ ހިނގާފައެވެ. ސައިކަލު ނަގައިގެން، އޭނާ ގެއަށް ގޮސް ފުރަތަމަވެސް ފެންވަރާ ތާޒާވެލިއެވެ. އެއަށްފަހު، ބައްޕަ ކޮބައިތޯ ބަލައިލިއެވެ. ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލަމުން މަޑުމަޑުން ދޮރު ހުޅުވައިލިއިރު، ބައްޕަ ނިދާފައި އޮތްތަން ފެނި، ސަޖަލްވެސް ކޮފީއެއް ހަދަން އަވަސްވެގަތީ އޭނާގެ ވަރުބަލިކަމާއި ސިކުނޑިއަށް ވެރިވެފައިވާ ނުތަނަވަސްކަމަށް ކޮންމެވެސް ކަހަލަ ލުޔެއް ލިބޭތޯއެވެ. ކޮފީ ހަދަލައިގެން އޭނާ އެ ހިފައިގެން ނުކުމެލީ ބެލްކަންޏަށެވެ. ދުރުދުރުންވެސް ފެންނަމުންދިޔަ ދިގު އިމާރާތްތަކަށް ބަލަން ހުރެގެން އޭނާ ކޮފީ ބޮމުންދިޔައިރުވެސް، އޭނާގެ ސިކުނޑީގައި ވަނީ ހާސްކަމެެވެ. ދުވަސްކޮޅަކަށް ރިއުމާން އާ ދުރަށް ދިޔުމަކީ އޭނާއަށް ކުރެވޭނޭ އެންމެ ރަނގަޅު ކަންތައް ކަމުގައި އޭނާއަށް ވިސްނުނެވެ. ކޮފީތަށި ހުސްކޮށްލައިގެން އޭނާ ސޯފާގައި އިށީނދެ ޓީވީ އަޅުވައިލިއެވެ. އެހެންނަމަވެސް ޓީވީއިން އަންނަމުން ދިޔަ އެއްވެސް އެއްޗަކަށް އޭނާއަށް ސަމާލުކަން ދެވޭގޮތްނުވީ، އޭރުވެސް ރިއުމާންގެ ހަނދާންތައް އޭނާއަށް ގޯނާކުރަމުން ދިޔައީތީއެވެ.

ޖެހިގެން އައި ދުވަހުވެސް، ރިއުމާންއާ ކުރިމަތިލާނޭ ހިތްވަރު ނެތުމުން ސަޖަލް އެންމެ ފަހުން އޮފީހަށް ސަލާންބުނެފައި ގޭގައި މަޑުކުރީ އޭނާގެ ހިތާ ދެކޮޅަށެވެ. އޭނާ ދެން އެ ދުވަހުގެ ބާކީ ބައި ހޭދަކުރީ އެންޖީއޯގެ ބައެއް ކަންތައްތައް ކުރުމުގައެވެ. އެ ކަންތައްތަކުގައި މަސްއޫލުވެ އުޅެން ފެށުމުން، އޭނާގެ ސިކުނޑީގައިވީ ހާސްކަންވެސް ކުޑަކޮށް ކުޑަވާގޮތްވިއެވެ.

ރޭގަނޑު ބައްޕައަށް ކާންދީފައި ސަޖަލް ވެސް ކައިގެން ތަންކޮޅެއް އަވަހަށް ނިދާލުމުގެ ބޭނުމުގައި ކޮޓަރިއަށް ވަދެލިއެވެ. އޮށޯތްތަނާ ރިއުމާންގެ މެސެޖުތައް ފުލުފުލުގައި އަންނަން ފެށިއެވެ. ވައިބާއިންނާ މެސެންޖާއިންނެވެ. އެންމެ ފަހުން އޭނާ ވައިފައިވެސް އޮފްކޮށްލިއެވެ. ސަޖަލް އޮފްވުމާއެކު ރިއުމާން ދެން މެސެޖް ކުރަންފެށީއެވެ. މާފަށް އެދިފައި އެތައް މެސެޖެއް އޭނާ ފޮނުވިއެވެ. އެހެންނަމަވެސް މިފަހަރު ސަޖަލްވެސް ހުރީ އޭނާގެ ގޮތުގައެވެ. އޭނާ ފޯނު ސައިލެންޓަށް ލަމުން އޮށޯވެ ގައިގައި ރަޖާ އަޅައިލިއެވެ. އޭރުވެސް އޭނާއަށް ވިސްނެމުން ދިޔައީ މާދަމާ އޮފީހަށް ގޮސް ރިއުމާންއާ ކުރިމަތިލާނޭ ގޮތަކާ މެދުގައެވެ. އެއް އޮފީހެއްގައި އުޅެންޏާ އަބަދު ފިލައިގެން ނޫޅެވޭނެކަންވެސް އޭނާއަށް އެނގެއެވެ. އޭނާ ހާސްކަމާއެކު ނިތުގައި އަތް ހިންގައިލިއެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލިއެވެ.

"އަހަރެން ކިހިނެއްތަ ހަދާނީ...؟ މާންއަށް ވިސްނައިދޭނީ ކިހިނެއްތަ؟" އެންމެ ފަހުން އޭނާގެ ތުންފަތް ފޫ ދުއްވާލަފައި އެބަސްތައް ނިކުތެވެ. އޭނާއަށް ނިދުނީވެސް އެފަދަ ޚިޔާލުތަކެއްގައި އޮއްވައެވެ.

ޖެހިގެން އައި ދުވަހު އޮފީހަށް ދިޔުމުންވެސް ސަޖަލްއަށް ރިއުމާންގެ އުނދަގޫތަކާ ކުރިމަތިވިއެވެ. ސަޖަލްގެ ކެބިންއަށް އައިސް ރިއުމާން އެތައް ފަހަރަކު މާފަށް އެދުނެވެ. އޭނާ ދެން އެހެން ނުހަދާނެކަމަށް ބުނެ ވަޢުދުވިއެވެ. އަދި އޭނާއަށް އެއް ފުރުސަތުދޭން އެދި އާދޭސްކުރިއެވެ. ރިއުމާންގެ މޫނުމަތިން ފެނުނު ހިތްދަތި އަސަރުތަކާ، އެ ދެލޮލުން އޭނާއަށް ފެނުނު ރިހުމުގެ ސަބަބުން ސަޖަލްގް ހިތްވެސް މަޑު ކަފަކޮޅަކަށް ވެގެންދިޔައެވެ. އެހެންނަމަވެސް އޭނާ ހުރީ އެހާ ފަސޭހައިން ދޫދޭ ގޮތަކަށް ނޫނެވެ.

"އަހަރެން ބުނެފީމެއްނު އަހަންނަށް ވަގުތު ކޮޅެއް ދޭށޭ... ކީއްވެތަ އެވަރުކަމެއްވެސް ނުކޮށްދެވެނީ؟" ރިއުމާންއަށް ބަލައިލަމުން ސަޖަލް ބުނެލިއެވެ.

"ވީ ކޭން މޭކް ދިސް ވޯކް އޭ... ދެން ކީއްވެތަ ސަޖޫ ބޭނުންވަނީ ވަގުތުކޮޅެއް؟ އަހަރެން އެހެން ނުހަދަން ވައުދުވާންވީ ކިތަށް ފަހަރުތަ؟" ރިއުމާން ބުނެލިއެވެ.

"މީ އޮފީސް... ސާރ.. ޕްލީޒް... އަހަރެން މަސައްކަތް ކުރިޔަ ދީ... ނޫނީ އަހަރެން އޮފީހުން ކެނޑޭނީ..." ސަޖަލް ބުނެލިއެވެ. ރިއުމާން ސަޖަލްއަށް ހިތް ހަލާކުވާ ފަދަ ނަޒަރެއް ދީފައި އެތަނުން ނުކުމެގެން ދިޔުމުން ސަޖަލްއަށް ވެއްޓިގަނެވުނީ ގޮނޑިއަށެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށް ލެވުނެވެ.

އެދުވަހު އޮފީހުގައި ވެސް ނަސީބަކުން ސަޖަލްއަށް ރިއުމާންއާ ކުރިމަތިލާކަށް ނުޖެހުނެވެ. އޭނާ ހުރީ އެކަމާ ހިތްހަމަޖެހިފައެވެ. އޮފީސް ނިންމާފައި ސަޖަލް ގެއަށްދިޔައިރުވެސް ރިއުމާންގެ ޚަބަރެއް ނުވެއެވެ. އެގޮތުގައި ހަފްތާއެއް ފާއިތުވެގެން ދިޔައިރުވެސް ސަޖަލްއާ ރިއުމާންއާ ދެމެދު ވީ ނުތަނަވަސްކަމެވެ. އޮފީހުގައިވެސް ސަޖަލް ހަމައެކަނި ރިއުމާންއާ ވާހަކަ ދައްކަނީ މަޖުބޫރުވެގެންނެވެ. އެގޮތަށް ވާހަކަ ނުދައްކާ ހުންނަންވުމުން، އެކަމުން ޚުދު ސަޖަލްއަށްވެސް ދިޔައީ އުނދަގޫވަމުންނެވެ. އެހެންނަމަވެސް އޭނާ ކެތްތެރިވީ ރިއުމާންއަށް އެއްޗެއް ވިސްނައިދިނުމުގެ ބޭނުމުގައެވެ. ކޮންމެ ދުވަހަކާއި ރެއަކު ރިއުމާންގެ އެތައް މެސެޖެއް ސަޖަލްއަށް ލިބެމުން ދިޔައެވެ. އެކަމުގެ ސަބަބުން އޭނާއަށް އަނެއްކާވެސް ރިއުމާން ހަޤީގަތުގައި އޭނާ ދެކެ ލޯބިވާކަމަށް ޤަބޫލުކުރެވުނެވެ. ރިއުމާންއަށް އިތުރު ފުރުސަތެއް ދޭން ވެސް އޭނާ ނިންމީ އެހެންވެގެންނެވެ.

ސަޖަލް ރިއުމާންއަށް މެސެޖް ކުރީ ނިދަން އޮވެފައެވެ. އޭނާ ވެސް ރިއުމާންއާއެކީ އުޅެން ބޭނުންވާ ކަމާއި ދެން އެފަދަ އަމަލެއް ރިއުމާންގެ ކިބައިން ނުފެންނާނެކަމަށް އުންމީދުކުރާކަމުގައި ސަޖަލް ބުނެލީ، ކުރިއަށް އޮތްތަކުގައި ކަންތައް ހިނގާނޭ ގޮތް އެއްވެސް ވަރަކަށް ނޭނގޭ ޙާލުގައެވެ. ވަގުތުން ރިއުމާންގެ ޖަވާބު އައެވެ. އޭނާއަށް އިތުބާރު ކުރުމަށް ބުނެފައެވެ. ސަޖަލް އެހެން އޮއްވާ ރިއުމާން ގުޅިއެވެ. އެރޭ އެތައް ދަމެއް ދެމީހުން ވާހަކަ ދައްކަން ހޭދަކުރިއެވެ. ހީނަރުވެފައިވާ ގުޅުން ރަނގަޅުވުމުން ދެހިތަށް ލިބިފައިވަނީ ބުނެދޭން ނޭނގޭ އުފާވެރިކަމެކެވެ. އެކަކު އަނެކަކަށްޓަކާ އެތަކެއް ވަޢުދުތަކެއް ވިއެވެ.

އެހެންނަމަވެސް އެ ދުވަހަށްފަހުވެސް، އެ ދެމީހުންގެ ގުޅުން އެގޮތުގައި ކުރިއަށް ނުދިޔައީ އަނެއްކާވެސް ރިއުމާންގެ ސަބަބުންނެވެ. ރިއުމާންއަށް އޭނާގެ އުޅުން ބަދަލެއް ނުކުރެވުނެވެ. އޭނާއަށް އިޚްތިޔާރުގައި ނަމަވެސް ނޫނީ އިޚްތިޔާރުން ބޭރުންނަމަވެސް އެކަންތައްތައް ތަކުރާރުކުރުން ވެގެން ދިޔައީ ސަޖަލްއަށް ނުތަނަވަސްކަން ވެރިކުރުވިކަމެކެވެ. އެގޮތުގައި ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ސަޖަލްއަށް އެންމެ ފަހުން ރިއުމާންއާ ވަކިވުމަކީ އެންމެ ރަނގަޅު ގޮތްކަމުގައި ވިސްނެން ފެށުނެވެ.

އެއީވެސް އެފަދަ ދުވަހެކެވެ. ރިއުމާންއާ ސަޖަލްއާ ދެމީހުން ތިބީ ރިއުމާންމެން ގޭގައެވެ. ގޭތެރޭގައި އެއްވެސް ތަރުތީބުކަމެއް ނެތެވެ. މޭޒުމަތީގައި ހުރި އެއްޗެހިތައްވެސް އެކި ތަންތަކަށް އުކާފައިވާއިރު ރިއުމާން ހުރީ ރުޅި އައިސް ރަތްވެފައެވެ. އޭރު ސަޖަލް ހުރީ ބިރުން ވިރިވިރިއެވެ.

"ރިއުމާން... އަހަރެން އެބަ ބިރުގަނޭ... ދުރަށް ދޭ..." ރިއުމާން ސަޖަލްއާ ކައިރިވާން ފެށުމުން ސަޖަލްއަށް ބުނެވުނެވެ. އޭނާ އުޅުނީ އެގެއިން ނުކުންނާށެވެ. އެކަމަކު ސަޖަލްއަށް އެ ފުރުސަތު ނުދިން ރިއުމާންއަށް ހިފުނީ ސަޖަލްގެ އިސްތަށިގަނޑުގައެވެ.

"ކީއްވެތަ މިއަދުވެސް އެ ފިރިހެން ކުއްޖާއާއެކު ކޮފީއަށް ދިޔައީ؟ ތެދަށް ބުނޭ..." ރިއުމާން ހަޅޭއްލަވައިގަތެވެ.

"އައްދޯތް. ތަދުވޭ ރިއުމާން... ދޫކުރޭ! އަހަރެން ބުނެފީމެއްނު އޭނާގެ ގީއެފްއަށް ދޭން ގިފްޓެއް ޗޫޒް ކޮށްދޭން އެހީތެރިވެދޭންނޭ... ކީއްވެތަ ޤަބޫލުނުކުރަނީ؟" ސަޖަލް ބުނެލިއެވެ.

"ގިފްޓު ޗޫޒް ކުރަނީ ކޮފީ ޝޮޕްތަކުގަތަ؟"

"މާން... ޕްލީޒް... އެ އެތި ގަނެގެން އޭނަ ކިޔަން ފެށީމަ އަހަންނަށްވެސް ނުކެރުނީއޭ..."

"ސަޖަލްއަށް ދުވަހަކުވެސް އަހަރެން ލޯބިވާވަރު އިޙްސާސް ނުކުރެވޭނެ..."

ރިއުމާން ރުޅި އައިސްގެން ސަޖަލް ކޮށްޕައިލުމާއެކު ސަޖަލްގޮސް ވެއްޓުނެވެ. ޖެހުމުން ތަދުވިނަމަވެސް ޖެހުނުހެން ހީނުވެ އޭނާ ތެދުވިއެވެ.

"މިހާރު މާ މައްޗަށް ތި ދަނީ ރިއުމާން!... މި ގުޅުން މިހާ ހިސާބުން ނިމުނީ ދެން... އަހަރެން ދަނީ... " ސަޖަލް އެހެން ބުނެލާފައި ނުކުނަން ހިނގައިގަތެވެ. އޭނާއަށް ކެތެއް ނުކުރެވުނެވެ. އަނިޔާ އަކީ ފަހަރެއްގައިވެސް އޭނާ ބަލައިގަންނާނެ ކަމެއް ނޫނެވެ.

"ސަޖަލް ވެއިޓް!" ކުރެވުނު ކަންތައް ރިއުމާންއަށް ރޭކާލެވުނީ ދެނެވެ. އޭނާއަށް ބުނެވުނެވެ. އެހެންނަމަވެސް ސަޖަލް ހުރީ ދޫ ދޭ ގޮތަކަށް ނޫނެވެ.

"ހެޔޮ ދެން، އިނަފް އިޒް އިނަފް...." ސަޖަލް ބުނެލިއެވެ. އެއަށްފަހު އޭނާ ރިއުމާން ހިފެއްޓި އަތް ފޮޅުވާލާފައި ނުކުމެގެން ދިޔައެވެ. ސަޖަލް ގެއަށް ދިޔަތާ ގިނައިރެއްނުވެ ރަޝާދުގެ ޙާލު ބޮޑުވެގެން ހޮސްޕިޓަކަށް ގެންދެވުނެވެ.

ޖެހިގެން އައި ދެދުވަހުވެސް ސަލާން ބުނެފައި ތިން ވަނައަށް ވީ ދުވަހު ސަޖަލް އޮފީހަށް ދިޔައީ އޭނާގެ ރެޒިގްނޭޝަން ލެޓަރ ހިފައިގެންނެވެ. އެ ދެ ދުވަހުވެސް ރިއުމާން އޭނާ ހޯދަން އެތައް ފަހަރަކު އެގެއަށް އައެވެ. އެތައް މެސެޖެއް ކުރިއެވެ. ސަޖަލް އެކުވެރިއަކާ އެކު ކޮފީއަށް ދިޔުމުން އޭނާއަށް ރުޅިގަނޑު ކޮންޓްރޯލް ނުކުރެވުނީކަމުގައި ބުނެފައި އެތައް މެސެޖެއް ކުރިއެވެ. އެ ހަނދާންތަކުގައި ހުރި ސަޖަލް ނުތަނަވަސްކަމާއެކު ވެސް ގޮސް ރިއުމާންގެ ކެބިންއަށް ވަނެވެ. އެއާއެކު ގޮނޑީގައި އިން ރިއުމާންއަށް ކޮޅަށް ތެދުވެވުނެވެ. ސަޖަލް މޭޒުމަތީގައި ސިޓީ އުރަ ބައިންދައިލިއެވެ.

"ކޯންޗެއް؟" ރިއުމާން ސުވާލުކޮށްލިއެވެ.

"އަހަރެންގެ ރެޒިގްނޭޝަން ލެޓާރ..." ސަޖަލް ބުނެލިއެވެ. އެއަށްފަހު އޭނާ ނުކުންނަން ހިނގައިގަތުމާއެކު، ރިއުމާން އޭނާއަށް ގޮވައިލިއެވެ. ސަޖަލް އަޅައިނުލާ ދާން އުޅުމުން ރިއުމާން ގޮސް ސަޖަލްގެ އަތުގައި ހިފެއްޓިއެވެ.

"މަޑުކޮށްބަލަ ސަޖޫ؟ ކީއްވެ ކުއްލިއަކަށް ރެޒިގްނޭޝަން ލެޓާރ...؟" ރިއުމާންއަށް ހައިރާންކަމާއެކު އަހައިލެވުނެވެ.

"ދޫކުރޭ އަހަރެން ދާންވެއްޖެ. އަހަރެން މިއައީ މިގުޅުން އެއްވެސް ގޮތަކަށް ކުރިއަށް ގެންދަން ބޭނުންނުވާކަން އަންގަންވެގެން. އަހަރެމެން ދެމީހުން ދެމެދު އެއްވެސް ގުޅުމެއް މިހާރަކު ނެތް!...."

"ސަޖަލް ހީކުރީ ތިހެން ދިޔައިމަ އަހަރެމެން ދެމީހުން ދެމެދު އޮތް ގުޅުން ނިމުނީކަމަށްތަ؟" ރިއުމާން އަހައިލިއެވެ. އެއާއެކު ސަޖަލް ލޯ އަޅައިލިއެވެ.

"ދުރަށް ދޭ!" ސަޖަލްއާ ރިއުމާން ކައިރިވާން އުޅުމުން ސަޖަލް ރިއުމާންގެ ކޯތާފަތަށް އޭނާގެ އަތުގެ ހޫނު ހަމަލާއެއް އަމާޒުކޮށްލިއެވެ. އެއަށްފަހު ނުކުންނަން ތަޅުގައި ހިފައިލިއެވެ. އެއާއެކު ރިއުމާން ގާތަށް ރުޅިއައިއެވެ. އޭނާއަށް ހިވުނީ ސަޖަލްގެ އިސްތަށިގަނޑުގައެވެ. އޭނާއަށް ސަޖަލްކޮށްޕައިލެވުނީ އެ ގަޑީގައި އައިސްފައި ހުރި ރުޅީގެ މައްޗަށް އޭނާއަށް ބާރު ނުފޯރުވުނީތީއެވެ. އޭނާއަށް ހަދައިލެވުނު ގޮތަކުން ސަޖަލް ގޮސް ވެއްޓި ފާރުގައި ނިތްކުރި ޖެހި ފަޅައިގެން ދިޔައެވެ.

"އައި އެމް ސޮރީ... ސަޖޫ!" ކުރެވުނުކަންތައް ރޭކާލީ ރިއުމާން އެހެން ބުނެލުމަށްފަހު ސަޖަލްއާ ގާތްވެލިއެވެ. ކުއްލިއަކަށް އެ އަންނަ ރުޅިގަނޑު ކޮންޓްރޯލް ނުކުރެވޭތީ އެކަމާވެސް އޭނާ ކަންބޮޑުވިއެވެ.

"ދުރުގަ ހުރޭ... އަހަރެން ދާންވެއްޖެ!" ވަމުންދިޔަ ތަދަށް ނުބަލާ ސަޖަލް އެ ކެބިންއިން ނުކުމެގެން އެދިޔަ ގޮތަށް ދިޔައީ އޭނާގެ ސައިކަލާ ދިމާލަށެވެ. ސައިކަލަށް އަރައިގެން އޭނާ ގެއަށް ދިޔުމުގެ ބަދަލުގައި ފުރަތަމަ ދިޔައީ ފިހާރެއަށެވެ. އެއްޗެހި ގަނެގެން ގޮސް ސައިކަލު ޕާކުކޮށްލާފައި އޭނާ ގެއަށް ވަންނަން ދޮރު ހުޅުވައިލި ވަގުތު ރިއުމާންވެސް އައިގޮތަށް އައިސް އެތެރެއަށް ވަނެވެ. އެހެން ފަހަރުތަކޭ ޚިލާފަށް ރިއުމާން ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. އޭނާ ސަޖަލްއާ އެކު ލިފްޓުން މައްޗަށް ވެސް އެރިއެވެ. އޭނާގާތު ކިތަންމެ ވަރަކަށްވެސް ދާން ކިޔެއްކަމަކު ރިއުމާން ހުރީ އެގޮތަށް ދާކަށެއް ނޫނެވެ.

އެންމެ ފަހުން އޭނާ ސަޖަލްއާއެކު ގޭތެރެއަށް ވެސް ވަނެވެ. ސަޖަލް އެއްޗެހިތައް ބަހައްޓާފައި އޭނާގާތު ދާން ބުނުމުން އޭނާ ސަޖަލް އޭނާއާ ދޮރާ ދެމެދު ހައްޔަރުކޮށްލިއެވެ.

"ތީ ހަމަ އެކަނި މަގޭ ޙައްޤެއް!"

ސަޖަލް އޭނާއާއި ދޮރާ ދެމެދު ފިއްތާލައިގެން ހުރެ ރިއުމާން ބުނެލިއެވެ.

*****

ޚިޔާލުތަކުން ސަޖަލްއަށް އެރޭވެސް ނުކުމެވުނީ ފަތިސްނަމާދު ބަންގީގެ އަޑާއެކުގައެވެ. ވިސްނިވަރަކަށް ބޯ ހާސްވަމުންދިޔަ ސަޖަލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަމާދުކޮށްލައިގެން ވެފައިހުރި ވަރުބައްޔާއެކު އޭނާއަށް އެނދުގައި ޖައްސައިލެވުނެވެ. ހެނދުނު އަށެއް ޖަހާއިރަށް އެލާރމް ކުރުމަށްފަހު، އޭނާ ނިދާލަން ގަސްތުކުރީ އެ ގަޑީގައި ބައްޕައަށް ސައި ހަދައިދޭން ޖެހޭނެތީއެވެ.

ކުޑަކޮށް ނިދާލުމަށްފަހު ތެދުވެ އޭނާ ސައި ތައްޔާރުކޮށްލަން އަވަސްވެގަތެވެ. ތަންކޮޅެއް ލުއިއެއްޗެއް ހަދައިލުމުގެ ބޭނުމުގައި ބައްޕައާއި އޭނާއަށް ވާވަރަށް ސޭންޑްވިޗް ހެދުމަށްފަހު، އޭނާ ރަޝާދަށް ގޮވައިލިއެވެ. ދެމީހުން ސައިބުއީ އެކީގައެވެ.

"ދަރިފުޅާ... އަދިވެސް ވަޒީފާ ހަމަޖެހޭނެ ދުވަހެއް ނޭނގޭތަ؟" ރަޝާދު ސުވާލުކޮށްލިއެވެ.

"އަދިވެސް އެއްވެސް ތަނަކުން ނުގުޅައޭ... ކިޔެވި ދާއިރާއާ ގުޅޭތަނަކުން ވަޒީފާ ލިބޭތޯ މިއުޅެނީ..." ސަޖަލް ޑިގްރީ ހާސިލްކުރީ ބިސްނެސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވާސިޓީއިންނެވެ. އުމުރުން ފަންސަވީސް އަހަރުގެ ސަޖަލް ދިރިއުޅުމާ މެދު ފޮނި އުންމީދުތަކެއް ކުރެއެވެ. ކިޔެވި ދާއިރާއިން ކުރިއަށް ދިޔުމަކީ އޭނާގެ ވަރަށް ބޮޑު އުންމީދެކެވެ.

"ލީ އެއްވެސް ތަނަކުން ނުގުޅަންޏާ ބައްޕައަށް ފެންނަނީ ދެން އިތުރު ތަންތަނަށް ވެސް ލާން... މާލޭގައި ވަޒީފާއަށް ނުގޮސްވެސް ނޫޅެވޭނެއެއްނޫންތަ؟"

"ތީވެސް ތެދެއް ބައްޕާ...މިއަދު އަދި އެންޖީއޯއަށް ވެސް ދާން އެބަޖެހޭ... ގޮސް އައިސް އަނެއްކާވެސް ބަލައިލާނަން އެވައިލަބަލް ޖޮބްސްތައް!" ސަޖަލް ބުނެލިއެވެ. އެއަށްފަހު އޭނާ ރަޝާދަށް ބަލައިލާ ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.

"ދަރިފުޅު ކުރިން އުޅުނީ ލަބީބުގެ ކުންފުނީގަދޯ.... އޭނަ ނިޔާވީމަ އޭނާގެ ދަރިދޯ އެ ކުންފުނި ހިންގަނީ؟" ރަޝާދު ސުވާލުކޮށްލިއެވެ.

"އާނ... ނާޝިދެއްނު މިހާރު އެ ހިންގަނީ... އަދިވެސް ގިނަ މީހުންނަށް އެނގެނީ ލަބީބުގެ ނަން ބުނީމަ.." ސަޖަލް ބުނެލިއެވެ.

"ބައްޕައަށް އެނގޭ ދަރިފުޅު ކޮންމެވެސް ބޮޑުކަމެއް ވީމަކަށް ވަކިވާނީ...އެކަމާ ސުވާލުކުރާކަށް ބޭނުމެއް ނޫން..." ރަޝާދު ބުނެލިއެވެ.

"ބައްޕަ ކީ މޯ ނަގަން ދާންޖެހޭނެ ދޯ މިއަންނަ ހަފްތާގައި؟" ސަޖަލް މައުޟޫ ބަދަލުކޮށްލަމުން ސުވާލުކޮށްލިއެވެ.

"އާނ... ކީމޯ ނެގުމަކީ ވަރަށް ވަރުބަލި ވާކަމެއް..." ރަޝާދު އިތުރުކޮށްލިއެވެ. ދެ މީހުން އެފަދަ ވާހަކަތަކެއްގައި ތިބެ ސައިބޮއި ނިންމައިލިއެވެ. ސައިބޮއިގެން ސަޖަލް އެންޖީއޯއަށް ދާންވެގެން ނުކުތްއިރު ވެސް އަވި އޮތީ ދިއްލާލާފައެވެ. އޭނާއަށް ސައިކަލުގައި އެންޖީއޯއާ ހިސާބަށް ދެވުނުއިރު ހެނދުނު ދިހައެއް ޖަހަނީއެވެ. ބޯޑުގެ ހުރިހާ މެންބަރުންނާ ލީޑަރުން ހަމަވުމާއެކު މީޓިން ފެށުނެވެ.

"އެންމެނަށްވެސް އެނގޭނެ ކަންނޭނގެ ކީކުރަންކަން މިއަދުގެ ބައްދަލުވުން މި ބޭއްވެނީ... ލޯ ފާރމްކަންތައް ވަރަށް ބާރަށް ކުރިއަށް ދާކަމަށް އެކޮޅުން ބުނި، އެއްބަސްވުމުގައި ސޮއި ކުރުމުގެ ކުރިން އެމީހުން ބޭނުންވޭ ހުރިހާ ބޯޑު މެންބަރުންނާ ބައްދަލުކޮށްލަންވެސް....އެކޮޅުން ހުރިހާ ކަމަކާ ހަވާލުވާ މީހާވެސް އަންނާނެ މިރޭ، އެހެންވީމަ މިރެއަށް މީޓިން ޝެޑިއުލް ކޮށްލަންވެގެން މިއުޅެނީ... އެންމެ ރަނގަޅުތަ؟" ޝައުފާ ވާހަކަ ދެއްކިއެވެ.

"އެންމެ ރަނގަޅު އަހަންނަށް... ސަޖޫ އާ ނިހޭމެންނޯ؟" ޖުމާނާ ބުނެލިއެވެ. ޖުމާނާ ބުނި އެއްޗަށް އެހެން ހުރިހާއެންމެންވެސް ތާއީދުކުރިއެވެ. އެތަނުގައި ތިބީ ޖުމްލަ އަށް މެންބަރުންނެވެ.

"އެމީހުން އައުމުގެ ކުރިން މިކޮޅުން އިސްކޮށް ހަރަކާތްތެރިވާނެ ބަޔަކާ މެދު ވެސް އެބަޖެހޭ ގޮތެއް ނިންމަން. އޭރުންތާ އެކޮޅުން ސުވާލުކުރީމަ ވަގުތުން ޖަވާބު ދެވޭނީ..." ޝައުފާ ބުނެލިއެވެ.

"ސަޖަލް ކިހިނެއްވާނެ، މައްސަލައެއް އެބައޮތްތަ؟ ދެން ބޭނުންވެއްޖެ ކޮންމެ ހިނދެއްގައި އަހަރެންވެސް ހުންނާނެ. ޖުމާނާއާއި ނިހާމެންވެސް މިހާރު އިސްކޮށް ފަންޑްރެއިސިން ކަހަލަ ކަންތަކުގެ ތިއުޅެނީ... އެހެންވީމަ އަހަރެން ބޭނުންވަނީ ސަޖަލްއަށް މިކަންތައް ހަވާލުކުރަން. އޭރުން އަހަންނާ ސަޖަލްއަށް މިބައި ކުރިއަށް ގެންދެވޭނެތާ..."

ޝައުފާ ވާހަކަ ދެއްކުމުން އެ ކަމަށް ހުރިހާ އެންމެންވެސް ތާއީދުކުރިއެވެ. މަޝްވަރާތައް ނިންމައިލުމަށްފަހު، ސަޖަލްގެއަށް ދާން ނުކުމެފައި އޭނާއަށް މަގުގެ ދެކޮޅު ހޯދާ ބަލައިލެވުނެވެ. އޭނާއަށް މިހާރު އަަބަދުވެސް ހީވަނީ ރިއުމާން އޭނާއަށް ފާރަލަނީހެންނެވެ. އެކަމުން އޭނާއަށް ނުހަނު ބޮޑު ނުތަވަސްކަމެއް ލިބިފައިވެއެވެ. އޭނާއަށް މިހާރު އަބަދާ އަބަދުވެސް ހުރެވެނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ހިތަށް ހަމަޖެހުމެއް ނުލިބެއެވެ. ތަނަކަށް ދާން ނުކުތަސް ރިއުމާން ދެންމެ ދެންމެ އައިސްފާނެހެންވެސް އޭނާއަށް ހީވެއެވެ.

"ސަޖޫ... އޭތް ކިހިނެއްވީ؟ ކޯންޗެއް ތި ހޯދަނީ؟" ޖުމާނާ ސަޖަލްއާ ކައިރިވެލާފައި ސުވާލުކޮށްލިއެވެ.

"އަ... އާނ... ކަމެއްނުވޭ..." ސަޖަލް ހަމަޖެހެން މަސައްކަތް ކުރިއެވެ.

"ކަމެއް ނުވަންޏާ ތިހެނެއް ސަޖަލްއެއް ނޫޅޭނެ ދޯ... އަހަރެން ގާތު ބުނެބަލަ!" ސަޖަލްގެ ނުތަނަވަސްކަން ފާހަގަވި ޖުމާނާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ކަމެއް ނުވެޔޭ ޖުމީ..." ސަޖަލް އެ ގަޑީގައި ރިއުމާންގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާ ބުނެލިއެވެ.

"ދަނީ ޖުމީ... ސީ ޔާ... އިނގޭ!" ސައިކަލަށް އަރާ ދުއްވައިލުމާއެކު ސަޖަލް ޖުމާނާއަށް ބުނެލިއެވެ. ޖުމާނާވެސް އަތުން ހަނާ އަޅައިލިއެވެ. ސަޖަލް ގެއަށް ގޮސް މެންދުރަށް ކެއްކުމަށްފަހު، އަނެއްކާވެސް އިށީނދެ ވަޒީފާތައް ބަލަން ފެށިއެވެ. އޭނާއަށް ފޯނެއް އައީވެސް އެ މަސައްކަތުގައި އިންދައެވެ.

އޮފީސް ނަންބަރަކަށް ވުމާއެކު އޭނާ އުންމީދާއެކު ފޯނު ނެގިއެވެ. އޭނާއަށް ގުޅީ ދާދި ފަހުން އޭނާ އެޕްލައިކޮށްފައި އިންޓަރވިރުއަށް ދިޔަ ޖާނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައި އޮފީހުންނެވެ. އެކޮޅުން ބުނީ އޭނާއަށް ވަޒީފާ ހަމަޖެހުނު ކަމުގައެވެ. ޖެހިގެން އަންނަ ހަފްތާއިން ފެށިގެން ވަޒީފާއަށް ނުކުންނަން ޖެހޭނެ ކަމުގައެވެ. ސަޖަލް ޝުކުރު އަދާކޮށްފައި އެންމެ ފުރަތަމަވެސް އޭނާގެ ބައްޕައަށް އެ ޚަބަރު ދިނެވެ. އެއަށްފަހު އޭނާ ލެޕްޓޮޕް ލައްޕައިލިއެވެ.

ސަޖަލް ދެން އަނބުރާ އެންޖީއޯއަށް އައިއިރު ޖުމާނާއާއި ޝައުފާގެ އިތުރުން އެހެން ކުދިންވެސް އެތަނުގައި ތިއްބެވެ.

"ކިހާއިރަަކަށް އެމީހުން އަންނަނީ؟" ސަޖަލް އަހައިލިއެވެ.

"ނުވައެއް ޖަހާއިރު.. އައިސް ގުޅާނެ..." ޝައުފާ ބުނެލިއެވެ. އެފަދަ ވާހަކަތަކެއްގައި އެމީހުން ތިއްބާ ޝައުފާއަށް ފޯނެއް އައެވެ. ޝައުފާ ފޯނު ނަގައިގެން ހުރެ ގޮސް އެންޖީއޯގެ ދޮރު ހުޅުވައިލިއެވެ. އެއާއެކު ކުރިމަތީގައި ހުރި ޒުވާނާ ޝައުފާ ފެނިގެން ހިނިތުންވެލިއެވެ.

(ނުނިމޭ)

ކޮމެންޓް 0