"މައި ގާރލްފެރެންޑް..." ރިއުމާން އެ ހިސާބަށް ބުނެފައި ހުއްޓައިލުމާއެކު އަޒްހާއަށް ބުމަ އަރުވައިލެވުނީ ބޭއިޚްތިޔާރުގައެވެ. ރިއުމާން ބުނެލި ވާހަކައިން އޭނާގެ ހިތުގެ ހިނގުންވެސް ހީވީ ހިނދުކޮޅަކަށް މަޑުޖެހިލިހެންނެވެ.

އޭނާގެ އެތެރެހަށީގައި އެވަގުތު އެތަކެއް ޖަޒުބާތުތަކެއް އުތުރިއަރަން ފެށިއެވެ. އެއް އަތްވެސް އޭނާއަށް މުށްކަވައިލެވުނެވެ. ހިތުގައި އުފެދެމުންދިޔަ ޖަޒުބާތުތައް ކޮންޓްރޯލް ކުރާނެ ގޮތެއް ނޭނގުނު އަޒްހާ މަސައްކަތް ކުރީ އެ އަސަރުތައް އޭނާގެ މޫނުމަތިން ނުދައްކާވޭތޯއެވެ. އެހެންނަމަވެސް އެކަން އޭނާއަށް ނުކުރެވުނީ އެހިތް މާޔޫސްވީ ވަރުންނެވެ.

"އައި މީން... މައި އެކްސް ގާލްފްރެންޑް ފުލުހަށް މައްސަލައެއް ހުށަހެޅީ..." ރިއުމާންއަށް އެހެން ބުނެފައި ހުއްޓައިލެވުނެވެ. ރިއުމާންގެ އެ ޖަވާބާއެކު، ހިނދުކޮޅަކަށް އަޒްހާގެ ހިތުގައި އުފެދުނު ތޫފާން މައިތިރިވެ، ހަމަޖެހުމުގެ ނޭވާއެއް އޭނާއަށް ދޫކޮށްލެވުނެވެ. އޭނާއަށް ބުނެދޭން ނޭނގޭ ފަދަ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

"އެކްސް ގާލްފްރެންޑް؟" އޭނާއަށް ދުލުން އެބަސްތައް ބޭރުކޮށްލެވުމާއެކު ސީދާ ރިއުމާންގެ ދެލޮލާ ނަޒަރު ސީދާ ކޮށްލެވުނެވެ. އޭރު ރިއުމާންވެސް އިނީ އޭނާއަށް ބަލަހައްޓައިގެންކަމުން އަޒްހާގެ ހަށިގަނޑު އެކީ ފިނިވެގެން ދިޔައެވެ. ރިއުމާންއާ އަޒްހާ ވާހަކަ ދެއްކި ގޮތުން ރިއުމާންވެސް ބޭނުންވީ އެ ވާހަކަތައް އަޒްހާއަށް ކިޔައިދިނުމަށެވެ. އޭނާ ވަނީ ކޮންމެވެސް މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައެވެ. އެއީ އެކުވެރިއަކަށް ވިޔަސްއެވެ.

"އާ ޔޫ އޯކޭ؟ ކިހިނެއްތަ އަސްލުވީ؟" އަޒްހާއަށް އަހައިލެވުނެވެ. އެއާއެކު ރިއުމާންއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ.

"އަޒްހާ... އަނގަ މަޑުންލައިގެން ހުރެބަލަ! ތި އަނގަޔާ ހެދި ހުރިހާކަމެއްވެސް ވާނެ... ޝަޓް އަޕް..." އަޒްހާ އޭނާގެ ހިތާ ވާހަކަ ދެއްކިއެވެ.

"ޑޫ ޔޫ ތިންކް ޔޫ ކޭން ގިވް މީއަ ފި އު މިނިޓްސް؟" ރިއުމާން އެއްބުމަ ހިއްލައިލިއެވެ.

"ޔާ ޝުއަރ..." އަޒްހާ ކައުންޓަރާ ދިމާލަށް ބަލައިލުމަށްފަހު، އެތަނުގައި ހުރި ކުއްޖާއަށް އަތުން އިޝާރާތް ކޮށްލީ އޭނާ އިރުކޮޅަކުން ދާނަމޭ ބުނާ ފަދައަކުންނެވެ. އެއާއެކު އެ ކުއްޖާ ލުއި ހިނިތުންވުމަކާއިއެކު ބޯ ޖަހައިލިއެވެ. އެއާއެކު އަޒްހާ ރިއުމާންގެ ކުރިމަތީގައި ހުރި ގޮނޑި ދަމައިލާ އިށީނދެލިއެވެ.

"ޔޫ ކޭން ޝެއަރ ވިތްމީ އިނގޭ އުނދަގޫވާކަމެއް ހުރިއްޔާ. އަހަރެން އަޑު އަހާނަން. އޭޒް އަ ފްރެންޑް!" އަޒްހާ ފަހު ޖުމްލަ ބުނެލީ އޭނާގެ ހިތާދެކޮޅަށެވެ. އޭނާ ލުއިކޮށް ހިނިތުންވެލިއެވެ.

"ކިހިނެއްވެގެންނޭ ފުލުހަށް ދިޔައީ؟ ކިޔައިދީބަލަ! އަހަންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމެއްތަ؟" އަޒްހާ ސުވާލުކޮށްލީ ރިއުމާން އެއްޗެއް ނުބުނެ އިންނަން ފެށުމުންނެވެ.

"އަހަރެން ކިހިނެއް ވާހަކަ ފަށާނީ..." ރިއުމާންއަށް ބުނެވުނެވެ. ހަމަ ހަޤީގަތުގައިވެސް އެ ވާހަކަތައް ކިޔައިދޭން ފަށާނީ ކިހިނެއްކަމެއް އޭނާއަކަށް ނޭނގެއެވެ. ސަޖަލްއާ އެކު ފެނުނު ފިރިހެން ކުއްޖާއާ ސަޖަލް ވާހަކަ ދައްކާކަން އޭނާއަށް ޔަޤީނެވެ. އެ ހިނދު އަނެއްކާވެސް އޭނާއަށް އަމިއްލަ ހިތާ ޝަކުވާ ކުރެވުނީ ސަޖަލް އޭނާގެ ބަދަލަށް އެ ފިރިހެން ކުއްޖާއާ ގާތްގުޅުމެއް ބާއްވަން މަސައްކަތްކުރާތީއެވެ.

"ހޭ... ރިއުމާން..." ރިއުމާން ވިސްނުމަކަށް ގެއްލިފައި އިންނަން ފެށުމުން އަޒްހާ އަތް ހޫރައިލަމުން ރިއުމާންގެ ސަމާލުކަން ހޯދައިލިއެވެ.

"އާނ. ކީކޭ؟" ރިއުމާންއަށް ސިހިފައި ބުނެވުނެވެ.

"ކޮން ޚިޔާލަކަށް ގެއްލިފަ؟ ކިޔައިިދީބަލަ ވެގެން ތިއުޅޭ ގޮތެއް!" އަޒްހާއަށް ސުވާލުކޮށްލެވުނެވެ. ރިއުމާން ބޯ ޖަހައިލަމުން ކުރު ގޮތަކަށް އަޒްހާއަށް ވެގެން އުޅޭގޮތް ކިޔައިދޭން ފެށުމާއެކު އަޒްހާ އޭނާގެ ހުރިހާ ސަމާލުކަމެއް ރިއުމާންއަށް ދިނެވެ.

"ސޯ ރިއުމާން އޭނައަށް ފާރަލީ؟ އެންޑް އޭނަ މައްސަލަ ފުލުހަށް ހުށައެޅީ. އެއީ ދޯ މައިގަނޑު މައްސަލައަކީ؟" ރިއުމާންގެ ވާހަކަ ނިމުމާއެކު އަޒްހާއަށް ބުނެވުނެވެ.

"އަހަރެން ދިޔައީ އޭނަދެކެ ލޯބިވާތީ އޭ..." ރިއުމާންއަށް ބުނެވުނެވެ. ކުރެވުނީ ރަނގަޅުކަމެއް ނޫންކަމުގައި އޭނާގެ ސިކުނޑި ވިސްނައިދިނަސް އޭނާއަށް އެކަން ޤަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ.

"އޭނަތަ އަދިވެސް ބޭނުމީ؟" އަޒްހާ ކުއްލިއަކަށް ސުވާލުކޮށްލިއެވެ. އޭނާ ރިއުމާންގެ ޖަވާބަކަށް އިންތިޒާރުކޮށްކޮށް އިންދާ ރިއުމާން ފުންނޭވާއެއް ދޫކޮށްލިއެވެ.

"އައި މީން އަދިވެސް އޭނަ ދެކެ ލޯބިވޭދޯ އޭ އެންޑް އޭނަ އަނބުރާ އައިސްފިއްޔާ އަދިވެސް އޭނަ ކައިރިއަށް ދާނަންދޯ އޭ!" އަޒްހާ އަނެއްކާވެސް ސުވާލުކޮށްލިއެެވެ.

"ލޯބިވަންޏާ ދެވޭނެ ދޯ... އެކަމަކު އޭނަ އަންނާނެކަމާމެދު ޝައްކު..." ރިއުމާން ހަޤީގަތުގައިވެސް އެ އަންހެން ކުއްޖާ ދެކެ އިންތިހާ ލޯބިވާކަމުގައި އަޒްހާއަށް ގަބޫލުކުރެވުނެވެ.

"އެހެން ކުއްޖަކު ތި ޙަޔާތަށް ގެންނާކަށް ނުވިސްނަންތަ؟ އައި މީން އެހެން ކުއްޖަކާ އެކީ އުޅެން ފެށީމަވެސް ތި ޚިޔާލްތަކާ ކޮންމެވެސް ވަރަަކަށް ދުރުވާނެހެން އަހަންނަށް ހީވަނީ... "

"ހިތް އެއްބަސްވެގެން ދޯ އެހެންކަމެއް ވާނީ..." އަޒްހާގެ ވާހަކަ ނިމުނުހެން ހީނުވެ ރިއުމާން ބުނެލިއެވެ.

"ރިއުމާންގެ އެހާ ރައްޓެހިންނެއްވެސް ނުތިބޭދޯ!" އަޒްހާ މަޑުމަޑުން ސުވާލުކޮށްލިއެވެ.

"ކިހިނެއްވީ؟ ކުއްލިއަކަށް ތިހެން ތި އެހީ..." ރިއުމާންވެސް ރައްދުގައި އަޒްހާއަށް އަމާޒުކޮށްލީ ސުވާލެކެވެ.

"އެހެން މިބުނީ... އަހަންނާ އަދި އިހަކަށް ދުވަހު ދިމާވި މީހަކަށް ވާއިރުވެސް އަހަންނާ ތިވާހަކަތައް ހިއްސާކުރީމަ. އަހަންނަށް ފީލްވަނީ ރިއުމާންއަށް ކޮންމެވެސް ފްރެންޑެއް ނޫނީ ގާތްމީހެއްގެ ހެލްޕް ބޭނުންވެޔޭ... އެންޑް އެ ދުވަހު އިވުނު ވާހަކަތަކުން އަހަންނަށް އެނގުނީ އާއިލާގައި ވެސް އެ ކަންތައްތައް ހިއްސާ ކޮށްލެވޭހާ ގާތް މީހަކު ނުހުންނަކަން." އަޒްހާ ބުނެލިއެވެ.

"ދެން ބުނެބަލަ، ކީއްވެތަ އަޒްހާ އަހަންނަށް އެހާ އެހީތެރިވާން ބޭނުންވަނީ؟" ރިއުމާން ވެސް އިތުރު ސުވާލެއް އަޒްހާއާ ސުވާލުކޮށްލަމުން ކުރިމަތީގައި ބަހައްޓާފައި ހުރި ކޮފީ ތަށިން އެތި ފޮދެއް ބޮއިލިއެވެ.

"އެއީ... އަމް... އަހަރެން... އަހަރެން މީ... އާ... އަހަންނަށް އެންމެ ގާތުން ފެނުނީ ޑިވޯސް އާ ލައިފަށް އައި ބަދަލުތަކުގެ ސަބަބުން ދޮންތަ އުޅުނުގޮތް... އެންޑް އެ ދުވަހުގެ ވާހަކަތައް އަޑު އިވުމަށްފަހު އަހަރެން ހިތަށް އެރީ ކުޑައިރުއްސުރެ ހާދަ ސަފަރ ކުރާނެޔޭ ރިއުމާން. އައި މީން ވިސްނަބަލަ! ކުޑައިރު އެ ހުރިހާއެއްޗެއް އަމިއްލަ ބޮލުތެރޭ ބަހައްޓައިގެން އެއްވެސް މީހަކަށް ޝެއަރ ނުކޮށް ހުރެފަ ކުއްލިއަކަށް ކެތްނުކުރެވިގެން އެ ހުރިހާ ފްރަސްޓްރޭޝަންއެއް ނެރިލެވޭނީ އަސްލުވެސް ވަރަށް ބޮޑުވަރު ވީމަ ދޯ. އެ ހުރިހާ ވާހަކައެއް އަހަންނަށް އަޑު އިވުނީމަ އަހަންނަށް ހީވީ ރިއުމާންއަށް އެހީތެރިވާން އަހަންނަށް ފަސޭހަ ވާނެޔޭ..." އަޒްހާ ބުނެލިއެވެ.

"މޭބީ އައި ޝުޑް ޑޫ އިޓް!" އަޒްހާގެ ވާހަކަ އަޑު އަހަން އިން ރިއުމާންއަށް މަޑުމަޑުން ބުނެވުނެވެ.

"ކީކޭ؟" ރިއުމާން އެހެން ބުނިލެއް މަޑުކަމުން އަޒްހާއަށް ސުވާލުކޮށްލެވުނެވެ.

"އެއްޗެކޭ ނޫނޭ... ވަރަށް ބޮޑަށް ތޭންކްސް އޭ..." ރިއުމާން ހިނިތުންވެލިއެވެ.

"ކޮންކަމަކަށް؟" އަޒްހާވެސް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން އަހައިލިއެވެ.

"އަހަރެންގެ ވާހަކަތައް އަޑު އެހީމަ..." ރިއުމާން ބުނެލިއެވެ.

"އޯކޭ ސޯ ފްރެންޑްސް؟" އަޒްހާ އޭނާގެ އަތް ސަލާމަތް ދިއްކޮށްލަމުން ބުނެލިއެވެ.

"މިހާރުވެސް މީ އެކުވެރިންނެއް ނޫންތަ؟" ރިރުމާންވެސް އަޒްހާއާ ސަލާމްކޮށްލަމުން ބުނެލިއެވެ.

"އޮފިޝަލީ މި ފެށުނީ އޭ ފްރެންޑްޝިޕް..." އަޒްހާ ހީލުމާއެކު އޭނާގެ ކުދި ދަތްތައްވެސް ކޮންމެވެސް ވަރަކަށް ފެނިލިއެވެ.

"ލަހެއް ނުވޭތަ؟" ރިއުމާން ކޮފީތަށީގައި ހިފައްޓައިލިއެވެ.

"ނޫނޭ... މިދަނީ ދާން ދެން ކައުންޓަރަށް..." އަޒްހާ ހިނިތުންވެލާފައި ތެދުވިއެވެ. އެއަށްފަހު އޭނާ ކައުންޓަރާ ދިމާލަށް ހިނގައިގަތެވެ. ރިއުމާން ހުރީ ހުސްކޮށްކަން އެނގުމުން އޭނާގެ ހިތަށް އުފާވެރިކަމެއް ވެރިވެފައިވެއެވެ. ހިތަށް ލިބިފައިވަނީ އަޖައިބުކުރުވަނިވި ހިތްހަމަޖެހުމެކެވެ. އޭނާގެ ހިތް އެ ޒުވާނާ މިލްކުކޮށްފިކަން އަޒްހާއަށް އެނގުނެވެ. އެހެންނަމަވެސް އޭނާ އެކަން ރިއުމާންއަކަށް ނާންގާނެއެވެ. ރިއުމާންގެ ހިތުގައިވަނީ ކީކޭކަން އޭނާއަށް އެނގެއެވެ.އޭނާ ކައުންޓަރު ދޮަށަށް ގޮސް ހުއްޓިފައި ރިއުމާންއަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. އޭރު ރިއުމާން އިނީ ލޯގަނޑުން ބޭރު ބަލަހައްޓައިގެންނެވެ. އޭރުވެސް އެމޫނުމަތީގައި ހިސާބެއްގެ ކަންބޮޑުވުމެއް ވެއެވެ.

ރިއުމާން ބޭރަށް ބަލަހައްޓައިގެން އިންދާ އޭނާއަށް އޮފީސް ނަންބަރަކުން ފޯނެއް އައެވެ. މޭޒުމަތީގައި އޮތް ފޯނަށް ބަލަހައްޓައިގެން އިނުމަށްފަހު، އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލަމުން ސަލާމް ގޮވައިލިއެވެ.

"ވަޢަލައިކުމް ސަލާމް... ރިއުމާން ތޯ؟" އެކޮޅުން ސުވާލުކޮށްލުމާއެކު ރިއުމާންގެ ހިތް ތެޅިލިއެވެ. އެއީ ކޮންތަނަކުން އައި ފޯނު ކޯލެއްކަން އޭނާއަށް އެނގޭކަހަލައެވެ.

"އާދެ!" ރިއުމާން ކުރު ޖަވާބެއް ދިނެވެ.

"ފުލުހުންގެ އިދާރާއަށް ހުށައެޅިފައިވާ މައްސަލައަކާ ގުޅިގެން އިނގޭތޯ މި ގުޅައިލީ... އަޅުގަނޑުމެން ބޭނުންވޭ ބަޔާނެއް ނަގަން." އެކޮޅުން ވާހަކަ ދެއްކި މީހާ ބުނެލިއެވެ. ރިއުމާން ހިތްދިރުވައިލިއެވެ. އެއްޗެއް ނުބުނެ ހުއްޓައި އިތުރަށް އޭނާ ބުނީ މާދަމާ ދެ އެއް ޖަހާއިރު ބަޔާން ދޭން ފުލުހުންގެ އިދާރާއަށް ދިޔުމަށެވެ. ރިއުމާން އެއްބަސް ވެފައި ފޯނު ބޭއްވިއިރު އޭނާއަށް ފުންނޭވާއެއް ދޫކޮށްލާ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލެވުނެވެ. ސަޖަލްއާ މެދު ޝަކުވާތައް ފުނިޖެހުނެވެ. އޭނާގެ ޙާލަތު އިޙްސާސްވެސް ނުވާ ޙާލު ސަޖަލް ކުރި ކަންތަކުގެ ސަބަބުން އޭނާއަށް ނުތަނަވަސްކަމެއް ލިިބިފައިވެއެވެ.

އޭނާގެ މޫޑު އެކީ ޚަރާބުވުމާއެކު އިންތަނުން އޭނާއަށް ތެދުވެވުނެވެ. އެ މަންޒަރު ފެނި އަޒްހާއަށް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނު ނަމަވެސް އެވަގުތު އެތަނުގައި ހުރި ކަސްޓަމަރާއި ވާހަކަ ދައްކަން ޖެހުމުގެ ސަބަބުން އެކަމަށް މާ ބޮޑު ސަމާލުކަމެއް ދެވޭގޮތެއް އޭނާއަކަށް ނުވިއެވެ. ރިއުމާން އެތަނުން ނުކުމެގެން ގޮސް އޭނާގެ ކާރަށް އަރާ ގެއާ ދިމާލަށް ދުއްވައިލިއެވެ.

*****

ޝައުފާ ބުނި ހުރިހާ ބަދަލެއް ލިޔެކިޔުންތަކަށް ގެނައުމަށްފަހު، އެ އެއްޗެހި މެއިން ކުރުމަށްފަހު ޒާމިންއާ ސަޖަލްއާ ދެމީހުން ނުކުތީ އެކުއެކީގައެވެ. ސައިކަލުގައި ސަޖަލްގެ ގެއާ ހިސާބަށް މިރޭވެސް ޒާމިންދިޔައެވެ. ރޭގަނޑުގެ ސަލާމްކޮށްލުމަށްފަހު، ދެމީހުން ވަކިވިއެވެ. ސަޖަލް ގޮސް ގެއަށް ވަތްއިރު ރަޝާދު ހޭލާ އިނުމުން އޭނާއަށް ސުވާލުކޮށްލެވުނެވެ.

"ބައްޕަ އަދިވެސް ނުނިދަނީތަ؟"

"ނިދަން އުޅެފަ ދަރިފުޅު އަންނަންދެން މަޑުކޮށްލީ... މާދަމާ ރިޕޯޓްތައް ލިބޭނެ ދޯ..." ރަޝާދު ބުނެލިއެވެ.

"އާނ... ލިބުނީމަ ރޭގަނޑު ކްލިނިކަށް ގޮސް ދައްކައިލަމާ... ފެށޭ ހަފްތާގައިވެސް ޑޮކްޓަރުގެ އޯޕީޑީއެއް ނެތްކަމަށެއްނު ހޮސްޕިޓަލުން ބުނީ... އަނެއްކޮޅުން އަޅުގަނޑަށްވެސް އޭރުން އޮފީސް ނިންމާލާފަ ދެވޭނެއެއްނު..." ސަޖަލް ޚިޔާލެއްދިނެވެ. ރަޝާދަށްވެސް އެ ޚިޔާލު ކަމުދިޔައެވެ. އޭނާ އެއްބަސްވިއެވެ.

*****

ޖެހިގެން އައި ދުވަހު، ރިޕޯޓްތައް ނެގީ ކްލިނިކަށް ދިޔަ މަގުމަތީގައެވެ. ކްނިނިކަަށް ދެވުނުއިރު، ރޭގަނޑު އަށެއްޖަހަނީއެވެ. އެމީހުންދިޔައިރު އަދި ޑޮކްޓަރު ބަލާކަށް ނުފަށައެވެ. އެތަނުގައި ތިބޭތާ ދިހަވަރަކަށް މިނިޓް ވީތަނާ ނަސީބަކުން ޑޮކްޓަރު ފައިސަލް އައިސް ކްލިނިކަށް ވަނެވެ. ލިބިފައި އިނީ ފުރަތަމަ ނަންބަރުކަމުން މާގިނައިރު މަޑުކުރާކަށް ނުޖެހުނެވެ. ރިޕޯޓްތައް ހިފައިގެން ގޮސް ދެމީހުން އެތެރެއަށް ވަނުމާއެކު، ޑޮކްޓަރ ފައިސަލް ހިނިތުންވެލިއެވެ.

ރަޝާދު ގޮނޑީގައި އިށީނދެލުމާއެކު، ސަޖަލް ރިޕޯޓްތައް ޑޮކްޓަރ ފައިސަލް އަތަށް ދެމުން ގޮސް ބަލިމީހާގެ އެހީތެރިޔާއަށް ޚާއްސަކޮށްފައިހުރި ގޮނޑީގައި އިށީނެވެ. ޑޮކްޓަރ ފައިސަލް ރިޕޯޓްތަކަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔައެވެ. އޭނާގެ މޫނުމަތިން ފެންނަމުންދިޔަ ކުލަވަރުތައް ދެނެގަންނަން ސަޖަލް މަސައްކަތް ކުރިއެވެ.

"ކިހިނެއްތޯ ރިޕޯޓްތައް ޑޮކްޓަރ؟" ރަޝާދު ސުވާލުކޮށްލިއެވެ. ފައިސަލް ބަލައިލީ ސަޖަލްއަށެވެ. އެ ނަޒަރާއެކު ސަޖަލް ފިނިވާގޮތްވިއެވެ.

(ނުނިމޭ)

ކޮމެންޓް 0