"އައި އެމް އޯކޭ ވިތް އިޓް... އެކަމަކު ސަޖަލް ކޮންމެހެންވެސް ގެންދަން ޖެހޭނެތަ؟" ރިއުމާން ފަރުވާކުޑަ ގޮތަކަށް އަހައިލުމުން ސަޖަލްއަށް އިސްއުފުލައިލާ ރިއުމާންއަށް ބަލައިލެވުނެވެ.

"ކިހިނެއްވީ؟ ކަމަކާ ރިއުމާން ހިތްހަމަ ނުޖެހެނީތަ؟" ނާޝިދު ފަހަރަކު މީހަކުގެ މޫނަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. ސަޖަލްއަށް އަވަސްއަވަހަށް ދެފަރާތަށް ބޯ ހޫރައިލެވުނެވެ. އޭނާއާ ރިއުމާން އާ ދެމެދު އެއްވެސް ކަހަލަ ނުތަނަވަސްކަމެއް އޮތްކަން އޭނާ ނާޝިދަށް އަންގާކަށް ބޭނުމެއްނޫނެވެ.

"ދެން ކިހިނެެއްވެގެން؟" ނާޝިދު ރިއުމާންއަށް ބަލައިލާ ސުވާލުކޮށްލިއެވެ.

"އެއީ ސަޖަލް ނުގެންދިޔަޔަސް އެ ހުރިހާކަމެއް ނިންމޭނެހެން ހީވާތީ. އެހެންނޫނަސް ސަޖަލް ގެންގޮސްފިއްޔާ އަނެއްކާ މިކޮޅުގެ މަސައްކަތްތައްވެސް ލަސްވެދާނެއެއްނޫންތަ؟ އެހެންވެ އެއްވެސް ކޮޅަކުން މަސައްކަތަށް ބުރޫ އަރާކަށް ބޭނުމެއް ނޫން. އަނެއްކޮޅުން މިހާރު ހަދަމުންދާ ރިސޯޓް އާ ބެހޭގޮތުން ބާއްވާ ބައްދަލުވުމެއްވެސް އެބައޮތް ވަރަށް އަވަހަށް. އެ ބައްދަލުވުމަށް ތައްޔާރުކުރަންޖެހޭ ޕްރެސެންޓޭޝަންވެސް ސަޖަލް ހަދާ ނިންމައިފި. އަދި އެ ޕްރެސެންޓް ކުރަން ހަމަޖެހިފަވެސް ވަނީ ސަޖަލް. އެހެންވީމަ ސަޖަލް މިކޮޅުގައި ބަހައްޓަން އަޅުގަނޑަށް ފެންނަނީ.." ރިއުމާން އެއްފައްޗަކަށް ހުރިހާއެއްޗެއް ކިޔައިނިންމައިލުމާއެކު, ނާޝިދަށްވެސް ވިސްނައިލެވުނެވެ. އެންމެ ފަހުން އޭނާ އެއްބަސްވީ އެ ދަތުރު އެކަނި ރިއުމާން ފޮނުވާށެވެ.

"އެކޮޅުގެ ބައްދަލުވުމާ ބެހޭ އެއްޗެހި ކިޔައިދޭން ރިއުމާން މަޑުކޮށްފަ, އެންމެ ރަނގަޅުދެން ސަޖަލް ދިޔަޔަސް" ނާޝިދު ސަޖަލްއަށް ބަލައިލަމުން ބުނެލިއެވެ. ސަޖަލް ނުކުންނަން ދޮރުގައި ހިފައިލި ވަގުތު ނާޝިދު ބުނެލި ވާހަކަ އޭނާއަށްވެސް އަޑު އިވުނެވެ.

"އަދިވެސް ގެއަށް އަނބުރާ އަންނާކަށް ނުވޭތަ؟" އެ އަޑު އިވުމުން ސަޖަލްގެ ހިތުގައި ތަފާތު ޝުޢޫރުތައް ދައުރުވިއެވެ. އޭނާ ދޮރު ހުޅުވާލާފައި އަަވަސް އަވަހަށް ނުކުތީ އެމީހުންގެ އަމިއްލަ ވާހަކަ އަޑު އަހަން ހުރުމަކީ ރަނގަޅުގޮތަކަށް ނުވާނެތީއެވެ. ސަޖަލް ނުކުމެގެން ދިޔައީ އޭނާގެ ކެބިންއަށެވެ. ގޮނޑީގައި އިށީނދެވުމާއެކު އޭނާއަށް ރިއުމާންގެ އެ ދުރުކަމާމެދު ވިސްނައިލެވުނެވެ. އޭނާ ހީކުރީ ރިއުމާން ބޭނުންވާނީ އޭނާއާ އެކީގައި އެ ދަތުރު ދިޔުމަށްކަމަށެވެ. އެހެންނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. އެކަމާ ސަޖަލް ހައިރާންވެސް ވިއެވެ. އަނެއްކާ ރިއުމާން އޭނާ އެހާ ދުރުކޮށްލުމުންވެސް, އޭނާއަށް ނޭނގޭ އުނދަގުލެއް އިޙްސާސްވަމުން ދިޔައެވެ.

ޖެހިގެން އައި ހަފްތާގައި ރިއުމާން ސިންގަޕޫރަށް ފުރުމާއެކު ސަޖަލްއަށް އެކަނިވެރިކަން އިޙްސާސްކުރެވެން ފެށުނެވެ. އެހެނީ ރިއުމާން ހުންނައިރު އޭނާ އަބަދުވެސް ރިއުމާން ބުނާކަންތައް ކޮށްދޭން ޖެހެއެވެ. އެހެންކަމުން ރިއުމާން ނެތުމުން އޭނާއަށް އެ ފަޅުކަން އިޙްސާސްވީއެވެ. އެއީވެސް އާދައިގެ ދުވަހެކެވެ. ސަޖަލް އޮފީހަށް ގޮސް ރިއުމާންގެ ކެބިންކައިރިން ލާފައި ދިޔައިރު އޭނާއަށް ރިއުމާން މަތިން ހަނދާންކޮށްލެވުނެވެ. އަދި އެންމެ ފަހުން ދުވަހު އޭނާއާ ރިއުމާން އާ ދެމެދު ހިނގި ހާދިސާ މަތިންވެސް އޭނާ ހަނދާންވިއެވެ. ރިއުމާންއަށް އެ ހާދިސާ ހިނގިގޮތް އޭނާ ކިޔައިދީ އެ އޮޅުންފިލުވައިދޭން އޭނާ ބޭނުންވީ ކީއްވެކަމެއްވެސް ޚުދު އޭނާއަކަށް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ މީގެ ކުރިން އެހެން އެއްވެސް ފިރިހެން ކުއްޖަކާ މެދު ނުވިސްނޭ ވަރަށް އޭނާއަށް ރިއުމާން އާ މެދު ވިސްނޭކަމެވެ.

ވިސްނުންތަކެއްގައި ހުރެ އޭނާ ކެބިންއަށް ގޮސް ގޮނޑީގައި އިށީނދެލިއެވެ. އެއަށްފަހު އޭނާ ފޯނު ނަގާ އިންސްޓަގްރާމަށް ވަދެލިއެވެ. އެއަށްފަހު އޭނާ ރިއުމާންގެ ބައި ހާވައިލަން ވެގެން ރިއުމާންގެ ޕްރޮފައިލްއަށް ވަދެލިއެވެ. އޭނާ ރިއުމާން ސިންގަޕޫރުގައި ނަގާފައިހުރި ފޮޓޯތަކުން ބަލަމުން ދަނިކޮށް ލޮލުގައި އަންހެން ކުއްޖަކާ އެކު ނަގާފައި އިން ފޮޓޯގަނޑެއް އަޅައިގަތެވެ. އެ ކުއްޖާގެ އިސްތަށިގަނޑުގައި ބްލޮންޑް ކުލަހުރިއިރު ހަމުގައި ހުރީ ހުދު ދޮނެކެވެ. ބަލާބެލުމަށް ރާއްޖެ ކުއްޖެއް ހެނެއް ހިޔެއްނުވެއެވެ. ރިއުމާން އެ ކުއްޖާއާ އެކު ހިނިތުންވެފައި ފޮޓޯއަށް ހުއްޓިގެން ހުރިތަން ފެނިފައި އޭނާގެ ހިތަށް ތަފާތު ގޮތެއް ވެގެން ދިޔައެވެ. ދެވަނަ ސިކުންތުގައި އޭނާއަށް ވެރިވި އިޙްސާސްއާއެކު އޭނާއަށް މޭގައި އަތް އަޅައިލެވުނެވެ.

"ވެއިޓް... އޭމް އައި ގެޓިންގް ޖެލަސް؟" ސަޖަލްއަށް އޭނާގެ އަމިއްލަ ނަފްސާ ސުވާލުކޮށްލެވުނެވެ. އޭނާއަށް އެ އިޙްސާސްތައް މާނަ ކުރެވުނުގޮތުން އޭނާ ހައިރާންވެސް ވިއެވެ.

"ނޯ ސަޖަލް. ކަމް ބެޓް ޓު ޔޯ ސެންސަސް..." ސަޖަލް އޭނާގެ އަމިއްލަ ނަފްސަށް އަޑު އިވޭވަރަށް އަނެެއްކާވެސް ބުނެލިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރައިލަމުން މާދަމާގެ ޕްރެސެންޓޭޝަން ހުޅުވައިލިއެވެ. އޭނާ ޕްރެސެންޓް ކުރަން ޖެހޭތީ އޭނާ ހުރީ ހިސާބަކަށް ނުތަނަވަސްވެފައެވެ. އެ ޕްރެސެންޓޭޝަން އަދިވެސް އެއްފަހަރު ބަލައިލާ އިތުރު އިސްލާހެއް ގެންނަން ޖެހޭތޯ ބެލުމަށްފަހު ސަޖަލް އެ ބަދަލުތައް ގެނައެވެ. އޭނާ ގޮނޑީގައި ހަމަޖެހިލިއެވެ. ރިއުމާންނެތުމުގެ ފަޅުކަން އޭނާއަށް ކިތަންމެ ހާވެސް ބޮޑަކަށް އިޙްސާސްވަމުން ދިޔައެވެ.

"އަނެއްކާ އަހަރެންވެސް ރިއުމާން އާ ގަޔާވަނީތަ؟" ސަޖަލްއަށް އެންމެ ފަހުން އެ ސުވާލުވެސް އޭނާގެ އަމިއްލަ ނަފްސާ ކޮށްލެވުނެވެ. އޭނާ ގަބޫލުކުރާކަށް ބޭނުމެއްނުވިއެވެ. އެހެންނަމަވެސް ހިތާ ސިކުނޑީގެ ހައިޖާނުގަނޑުގެ ތެރޭގައި އޭނާއަށް ކުރި ނުލިބޭނެކަން އޭނާގެ ސިކުނޑި ދިޔައީ ވިސްނައިދެމުންނެވެ. ސަޖަލްއަށް ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގައިލެވުނެވެ. އޭނާ އަނެއްކާވެސް ބެލީ މަސައްކަތަށް ސަމާލުކަން ދެވޭތޯއެވެ.

ޖެހިގެން އައި ހަފްތާގެތެރޭގައި ބައްދަލުވުން ނިންމައިލުމަށްފަހު ރިއުމާން މާލެ އައެވެ. ރިއުމާން އެ އައި ގޮތަށް އައިސް އަނެއް ދުވަހު އޮފީހަށް ނުކުންނަން ފެށިއެވެ. އެކަމުން ސަޖަލްގެ ހިތަށް ހިތްހަމަޖެހުން ލިބިގެން ދިޔައެވެ. އެބަދަލުތަކުގެ ފަހަތުގައި ފޮރުވިފައިވާ މާނަ ޚުދު ސަޖަލްއަށްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ ރިއުމާން ފެނުމުން އޭނާގެ ހިތަށް ވެސް ހަމަޖެހުން ލިބޭކަމެވެ. އެ ހިތްވެސް އުފާވާކަމެވެ. އެއީ ލޯބިކަމެއް އޭރު ސަޖަލްއަކަށް ނޭނގެއެވެ. އޭނާ އެގޮތަށް އެކަންތައް ގަބޫލުކުރާކަށް ބޭނުމެއްވެސް ނޫނެވެ.

ހަމަ އެ ހަފްތާގެ ތެރޭގައި އިތުރު ބައްދަލުވުމަަކަށް އެ ކުންފުނިން އަލަށް ހުޅުވި ރިސޯޓަކަށް އެ ދެމީހުން ކުންފުނީގެ ކަމެއްގައި ދާން ޖެހުނެވެ. ނާޝިދު މިފަހަރު އެ ދެމީހުން ކައިރީގައި ދާން ބުނުމުން ރިއުމާންވެސް ދެކޮޅެއް ނުހެދިއެވެ. އެދެމީހުން އެ ރިސޯޓަށް ދާން ހަމަޖެހުނީ ޖެހިގެން އައި ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.

ސަޖަލް ރީތިވެގެން ނުކުތްއިރު އޭނާގެ ބައްޕަ ރަޝާދު ސިޓިން ރޫމުގައި އިނެވެ.

"ދަރިފުޅު ދަނީތަ؟ ކޮން އިރަކުން އާދެވޭނީ..." ރަޝާދު ސުވާލުކޮށްލިއެވެ.

"ހީވަނީ އެކޮޅުގައި އެއްދުވަސްވަރު ވެދާނެހެން. ނިމުނުހާ އަވަހަކަށް އަންނާނަން. އަހަރެން ބުނިން ބޮޑުދައިތަ ކައިރީގަވެސް ބައްޕައަށް ކާއެއްޗެހި ގެނެސް ހަދައިލަ ދެއްޗޭ..." ސަޖަލް ބުނެލިއެވެ.

"ކިހާ އިރަކަށް ފުރުންއޮތީ؟" ގަޑިއަށް ބަލައިލަމުން ރަޝާދު އަނެއްކާވެސް ސުވާލުކޮށްލިއެވެ.

"ހަތަރުގަޑި ބަޔަށް ފުރުން އޮތީ... "

"މިހާރު އެއޮށް ހަތަރެއް ޖެހީ... ފަސޭހައިން ޓެކްސީއެއްވެސް ނުލިބޭނެ... އަވަހަށް ދޭ ދަރިފުޅާ." ރަޝާދު ބުނެލިއެވެ. ސަޖަލް އޭޏާ ދަނީކަމަށްބުނެ ގެއިން ނުކުމެގެން ތިރިއަށް ގޮސް މަގުމަތިން ޓެކްސީއެއް ލިބޭތޯ އުޅުނެވެ. ނަސީބަކުން ލަސްތަކެއްނުވެ ހުސް ޓެކްސީއެއް އޭނާއަށް ލިބުނެވެ.

"އެމް.އެމް.އޭ ކުރިމައްޗަށް..." ޓެކްސީއަށް އެރުމަށްފަހު ސަޖަލް އަވަސް އަވަހަށް ބުނެލިއެވެ.

ލަސްތަކެއްނުވެ ފުރާ ދިމާލަށް އާދެވުމާއެކު އޭނާ ލާރި ދީފައި ފޭބިއެވެ. އެއަށްފަހު ކޮނޑުގައި ދަބަސް އަޅުވައިލަމުން ވަށައިގެން ބަލައިލިއެވެ. އެއާއެކު އޭނާގެ ލޮލުގައި ބަނދަރު ކައިރީގައި ހުރި ގަހެއްގެ ދޮށުގައި ހުރި ރިއުމާން ލޮލުގައި އަޅައިގަތެވެ. ރިއުމާން އޭނާއަށް ހަނާ އަޅައިލިތަން ފެނިގެން އޭނާ އެ ދިމާލަށް މިސްރާބުޖެހިއެވެ. އަޅާފައިވާ އަވި އައިނު ރަނގަޅުކޮށްލަމުން ސަޖަލް ގޮސް ރިއުމާން ކައިރީގައި މަޑުކޮށްލިއެވެ.

"ލޯންޗް އަންނާނެޔޭ ބުނީ މިހާރު... ނައިސްގެން މިހުންނަނީ؟" ރިއުމާން ސަޖަލްއަށް ބަލައިލަމުން ބުނެލިއެވެ. އޭނާ ވެސް ހުރީ ކޮނޑުގައި ދަބަހެއް އަޅުވައިލައިގެންނެވެ.

"ސާރ.. މީ... ލިޔުންތައް ގެނައިންތަ؟" ސަޖަލް ކަމެއް ހަނދާންވާ ފަދައަކުން ބުނެލިއެވެ. ރިއުމާން އާ އެކޭ ބުނެ ބޯ ޖަހައިލިއެވެ. ސަޖަލްވެސް ފުންނޭވާއެއް ދޫކޮށްލިއެވެ. ދެން އަނެއްކާވެސް އެ ދެމެދަށް ވެރިވީ ހިމޭންކަމެކެވެ. ރިއުމާންގެ އެ ދުރުކަމުން އުނދަގޫވެފައި ހުރި ސަޖަލްވެސް އޭނާގެ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

"ކަމޯން ސަޖަލް... ކޮންޓްރޯލް ޔުއަރ ފީލިންގްސް؟ ރިއުމާން ދުރުކޮށްލީމަ ތިހާ ނުތަނަވަސްތިވަނީ ކީއްވެތަ؟ އުނދަގޫވަނީ ކީއްވެތަ؟ އޯ ގޯޑް..."

"އަނެއްކާ ކަނޑު މައްޗަށް ގަދަތަ؟ މިބުނީ ހޮޑުލާ އެކަހަލަ ކަމެއްވޭހޭ؟" ސަޖަލްގެ ޚިޔާލީ ދުނިޔެއިން ނުކުމެވުނީ ރިއުމާން ވާހަކަ ދެއްކި އަޑާ އެކުގައެވެ.

"ނޫން. އެކަހަލަ ކަމެއް ނުވޭ..."

ސަޖަލްގެ ޖަވާބު އިވިގެން ރިއުމާން ހިނިތުންވެލިއެވެ. ރިއުމާން ހިނިތުންވެލިތަން ފެނިފައި ބޭ އިޚްތިޔާރުގައި ސަޖަލްއަށް ވެސް ހިނިތުންވެވުނެވެ. އޭނާއަށް ލަދުން އިސްޖަހައިލެވުނީ ކީއްވެކަމެއް ޚުދު އޭނާއަށް ވެސް ނޭނގުނެވެ. ރިއުމާންއަށްވެސް އެ މަންޒަރު ފެނި ހިނިތުންވެވުނެވެ. ސަޖަލް އިސްއުފުލައިލާ ރިއުމާންއަށް ބަލައިިލިއިރުވެސް ރިއުމާން ހުރީ އަދިވެސް އޭނާ އާ ދިމާލަށް ބަލަހައްޓައިގެންނެވެ. ސަޖަލް ރިއުމާންއާ ދިމާލަށް ބަލައިލި ބާރުމިނުގައި އަނެއްކާވެސް ދުރު ބަލައިލިއެވެ. ރިއުމާންގެ އެ ނަޒަރުން އޭނާ ފިނިވެއެވެ. ދެއަތް މުށްކަވާ ބާރުކޮށްލެވުނީވެސް އެހެންވެއެވެ.

ހަތަރުގަޑި ފަންސަވީސް ވެފަ ހުއްޓާ އެމީހުން ބަލައި އައި ލޯންޗް ފަޅު ތެރެއަށް ވަނެވެ. ލޯންޗް ބަނދަރަށް ކައިރިކުރުމާއެކު، ރިއުމާން އައިސް ލޯންޗަށް އެރިއެވެ. އެއަށްފަހު އޭނާ ސަޖަލްއަށް އަތް ދިއްކޮށްލިއެވެ. ސަޖަލްވެސް ދެ ވިސްނުމެއްގައި ހުރެފައި ރިއުމާންގެ އަތުގައި ހިފައިލިއެވެ. އެއާއެކު އޭނާގެ އެތެރެ ހަށީގައި ނޭނގޭ އޮއިވަރެއް ދަތުރުކޮށްލިއެވެ. ހީވީ ކަރަންޓްޝޮކެއް ހެންނެވެ. އޭނާ މަޑުމަޑުން ރިއުމާންގެ އެހީގައި ލޯންޗަށް އަރާ އެތެރެއަށް ވަދެލިއެވެ. ސަޖަލް އިށީނީ ލޯންޗްގެ އެންމެ ފަހަތު ސީޓުގެ އެއްފަރާތުގައެވެ. ރިއުމާންވެސް އައިސް އިށީނީ ސަޖަލް އިން ފަރާތް ނޫން އަނެއް ފަރާތުގައެވެ. ލޯންޗް ނައްޓައިލުމާއެކު ސަޖަލް އޭނާގެ ފޯނުން އެ މަންޒަރު ފޮޓޯ ނެގިއެވެ. އެއަށްފަހު އޭނާ އެ މަންޒަރު އިންޓަގްރާމްކޮށްލިއެވެ. ސަޖަލްގެ ހަރަކާތްތަކަށް އެ ހުރިހާއިރުވެސް ރިއުމާން އިނީ ބަލަބަލައެވެ.

ރިސޯޓުގެ ފާލަމާ ހިސާބަށް ލޯންޗް ގާތް ކުރުމާއެކު ރިއުމާން ގޮނޑިން ތެދުވެ ހިނގައިގަތެވެ. ސަޖަލްވެސް ކޮނޑުގައި ދަބަސް އަޅުވައިލަމުން ރިއުމާންގެ ފަހަތުން ހިނގައިގަތެވެ. ސަޖަލް ފާލަން މައްޗަށް ފައިބަން ވެސް ރިއުމާން އެހީތެރިވެދިނެވެ. އޭރު އެ ދެމީހުންނަށް މަރްޙަބާ ކިޔަން އެ ރިސޯޓުގެ ބައެއް އިސްވެރިން ވެސް ތިބިއެވެ. ފައިބައިގެން އެ ދިޔަ ގޮތަށް އެމީހުންނާއެކު ސަޖަލްމެން ދިޔައީ ރެސްޓޯރެންޓަށެވެ. އެއްޗެއް ކައިލައިގެން ރޫމަށް ދާން ދިޔައިރުވެސް ރިއުމާން ދިޔައީ އެމީހުންނާ ވާހަކަ ދައްކަމުންނެވެ. އެ ދެމީހުން ތިބެން ހަމަޖެހުނު ކޮޓަރި ހުންނަނީ އެކަކު އަނެކަކަކުގެ ކޮޓަރިޔާ ޖެހިގެންނެވެ.

ސަޖަލްވެސް ގަސްތުކުރީ ފެންވަރާލައިގެން އަރާމުކޮށްލުމަށެވެ. ފެންވަރާލައިގެން އެނދުގައި ޖައްސައިލިތަނާ ސަޖަލްގެ ލޮލަށް ނިދި ސަވާރުވިއެވެ. ރޭގަނޑު ކާންދާންވެގެން ރިއުމާން ގުޅުމުންވެސް ސަޖަލް ބުނީ އޭނާ ކާން ބޭނުންނުވާ ކަމުގައެވެ. އޭނާ ރޫމުން ބޭރަށް ނުކުމެލިއިރު ޖެހެނީ ތެތްފިނި ވައި ރޯޅިތަކެކެވެ. ދިއްލާފައިވާ އޮރެންޖް ކުލައިގެ އަލިމަޑު ބޮކިތަކުގެ ސަބަބުން އެތަނުގައި ވަނީ ހުވަފެނީ ގޮތެކެވެ. ސަޖަލް އޭނާގެ އިސްތަށިގަނޑު އެއްފަރާތަކަށް ވައްޓައިލަމުން ނުކުމެލިއެވެ. އޭނާ މިސްރާބުޖެހީ ބީޗާ ދިމާލަށެވެ. ގޮނޑުދޮށުގއި ރާޅު ޖަހާ ފަށުގައި އޭނާ ހިނގަމުންދިޔައީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތިއެވެ. އޭރު އަންނަމުންދިޔަ ވައި ރޯޅިތައް އޭނާގެ އިސްތަށިގަނޑާ ސަމާސާ ކުރަމުން ދިޔައެވެ. ހިނގަމުންދިޔަ ސަޖަލްއަށް ކުއްލިއަކަށް ހުއްޓުން އެެރީ އޭނާގެ ފަހަތުން އައި މީހަކު އޭނާގެ ކޮނޑަށް އަތް ވައްޓައިލުމުންނެވެ. ހަމައެއާއެކު އޭނާއަށް ދުނި ނުބައިވަހުން އޭނާއަށް ނޭވާ ވެސް ހިފައްޓައިލެވުނެވެ.

(ނުނިމޭ)

ކޮމެންޓް 0