"އެންމެ ރަނގަޅު. އެޓް ލީސްޓް ވިސްނާލަފަ ވީކެއް ތެރޭ އަހަންނަށް ޖަވާބެއް ދިނަސް އެންމެ ރަނގަޅޭ... އެހާ އިރަށް ވިސްނޭނެއެއްނު!." ޒާމިން ބުނެލިއެވެ. ސަޖަލްއާ ޒާމިންއާ ދެމީހުންގެ ހަތަރު ކަޅި ބައްދަލުވި ވަގުތު ދެ ޒުވާނުންގެ ހިތަށްވެސް އާދަޔާ ޚިލާފު ގޮތެއް ވެގެން ދިޔައެވެ.

ދެ ހިތުގެ ތެޅުން އިންތިހާ ބާރުވިއެވެ. އެކަކުގެ ލޮލުގެ ޖާދޫގައި އަނެކަކު ގައިދުކޮށްލާފައި ވާކަހަލައެވެ. އިރުކޮޅެއް ވަންދެން ދެމީހުންނަށްވެސް، ދެމީހުންގެ ދެލޮލުގެ ތެރެއަށް ގެއްލިފައި ތިބެވުނެވެ. އެންމެ ފުރަތަމަ ނަޒަރު ވަކިކޮށްލީ ސަޖަލްއެވެ. އޭނާއަށް ދުރުބަލައިލެވުނީ، އަމިއްލަ ހިތަށް ބާރު ފޯރުވަން ނުކުޅެދިދާނެހެން ހީވުމުންނެވެ.

"ސޯ ހަފްތާއެއްގެ ތެރޭގައި އަހަންނަށް ޖަވާބެއް ދޭނަންތަ؟" ޒާމިން އަނެއްކާވެސް އިސްވެ ސުވާލުކޮށްލިއެވެ.

"އޯކޭ... އަހަރެން... އަހަރެން ޖަވާބެއް ދޭނަން." ސަޖަލް އިސްޖަހައިލަމުން ބުނެލިއެވެ. އޭރުވެސް އޭނާގެ ހިތް ދިޔައީ އިންތިހާ ބާރުމިނުގައި ތެޅެމުންނެވެ.

ލަސްތަކެއްނުވެ އެމީހުން އޯޑަރުކުރި އެއްޗެހި ހިފައިގެން އައިސް ވެއިޓަރު އެ އެއްޗެހި މޭޒުމަތީގައި ބެހެއްޓިއެވެ. ޒާމިން ސަޖަލްއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު، ކޮފީ ޖޯޑުން އެތިފޮދެއް ބޮއިލިއެވެ.

*****

އެނދުގައި އޮށޯވެލައިގެން ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް ރިއުމާންގެ ދެލޮލުން ފެންނަނީ ހުސްކަމެވެ. އޭނާގެ އަމިއްލަ ޚިޔާލީ ދުނިޔެއަށް ގެއްލިފައި އޮތް ރިއުމާންގެ ސިކުނޑީގައި ހިނގަމުންދިޔައީ ކޮން ޚިޔާލުތަކެއްކަން ލަފާކޮށްލާކަށް ނޭނގުނެވެ. އެެހެން އެތައް އިރަކު އޮވެފައި، އޭނާ އެއްފަރާތުގައި ބާއްވާފައި އޮތް ފޯނު ނަގާ ހުޅުވައިލިއެވެ. އަތުގެ ލަސްހަރަކާތަކާއެކު، އޭނާ ފޭސްބުކް ހުޅުވައިލާ އަޒްހާގެ ނަން ޖަހައިލާ އަޒްހާގެ ޕްރޮފައިލް ހުޅުވައިލިއެެވެ. އަޒްހާގެ ފޮޓޯގަނޑު ހުލުވައިލުމަށްފަހު، އޭނާ ފަރުވާތެރިކަމާއެކު ބަލައިލިއެވެ. އެހެން އޮތްއިރު މިއަދުގެ ހަނދާންތައް އޭނާގެ ސިކުނޑީގެ ދޮރުފަތުގައި ޓަކިޖަހަން ފަށައިފިއެވެ.

*****

އަޒްހާ ބުނެލި ޖުމްލައިގެ މާނަ ނަގަން ނޭނގިފައި އިން ރިއުމާންއަށް ބުމަ އަރުވައިލެވުނެވެ.

"ކީކޭ... އަޒޫ... ކީކޭ ތިކިޔަނީ؟ ހާދަ އެހެން ގޮތަކަށް..." ރިއުމާންއަށް ބުނެވުނެވެ.

"އެހެންވީމައޭ މި ބުނަނީ އަޅާ ނުލާށޭ..." އަޒްހާއަށް ބުނެވުނެވެ.

"ބަޓް.. އަޒޫ ތިހެން ތި ބުނީ ކީއްވެގެންކަން އެނގެން އަހަރެން ބޭނުމޭ." ރިއުމާން ބުނެލިއެވެ. އެއާއެކު އަޒްހާ އިސްޖަހައިލިއެވެ. ރިއުމާންއާ ކުރިމަތިލާނެހާ ހިތްވަރެއް އޭނާގެ ނެތުމާއެކު، އޭނާއަށް ތުންފަތުގައި ބާރަށް ދަތްއަޅައިގަނެވުނެވެ. ހިތުގެތެޅުން އިންތިހާ ބާރުވެފައިވާ ޙާލު، އޭނާގެ ހިތުގައި ހިނގަމުންދާ ހައިޖާނުގަނޑުގެ ސަބަބުން އޭނާއަށް ނުތަނަވަސްކަން ވެރިވަމުންދިޔައެވެ.

މާން... އައި... އައި..." އަޒްހާ ހިތްވަރުކޮށްފައި ވާހަކަ ފެށިނަމަވެސް، އޭނާއަށް ވާހަކަ ކުރިއަށް ގެންދަން އުނދަގޫވިއެވެ. އެހެންކަމުން އެހިސާބަށް ބުނެފައި އޭނާ ހުއްޓައިލިއެވެ. ހިނދުކޮޅަކަށް ރިއުމާންއާ ނަޒަރު ސީދާކޮށްލެވުނު ނަމަވެސް، އޭނާއަށް އަނެއްކާވެސް އިސްޖަހައިލެވުނީ ރިއުމާންގެ އެ ގަދަ ޗޮކްލެޓް ކުލައިގެ ލޮލަށް ބަލަން އުނދަގޫވީ ފަދައަކުންނެވެ.

"އަޒޫ..." އަޒްހާ އެއްޗެއް ނުބުނެ ގިނައިރުވާން ފެށުމުން، ރިއުމާންއަށް އަނެއްކާވެސް އަޒްހާއަށް ގޮވައިލެވުނެވެ.

"އައި ލައިކް ޔޫ..." ދެލޯ މަރާ ބާރުކޮށްލައިގެން އިނދެ އަޒްހާ އޭނާގެ ހިތުގެ ޙާލު ރިއުމާންއަށް އިއްވައިލިއެވެ. ދެެންކަންތައްވެގެންދާނީ ކިހިނެއްކަން ނޭނގޭ ޙާލު އޭނާ ވަނީ އިންތިހާ ކަންބޮޑުވެސް ވެފައެވެ. އަޒްހާގެ ޖުމްލަ އަޑު އިވުނު ރިއުމާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އޭނާގެ ދެކޮނޑުވެސް ކުޑަކޮށް އުފިލިގެން ދިޔުމާއެކު، މީހާގެ ނަފްސު ކުޑަކޮށް ހަރުކަށިވެލިއެވެ. ގޮނޑީގައި ރީތިކޮށް ލެނގިލަމުން އޭނާ ފުން ނަޒަރަކުން އަޒްހާއަށް ބަލައިލިއެވެ. އޭނާ އަޒްހާއާ ދޭތެރޭ ދެކެނީ ހަމައެކަނި ގާތް އެކުވެރިއެއްގެ ނަޒަރަކުންނެވެ. އަޒްހާ އެބުނާ ފަދަ ނަޒަރަކުން އަޒްހާއާ ދޭތެރޭ ދެކުމަކީ މީގެ ކުރިން ދުވަހަކުވެސް އޭނާ ހިތަށް އެރިކަމެއްނޫނެވެ. އަޒްހާގެ ތަގުޅި ކޮށްލާފައިވާ ދެލޮލަށް ބަލަހައްޓައިގެން އިން ރިއުމާން އޭނާގެ ބޮލުގެ އިސްތަށިގަނޑުގެ ތެރޭގައި އަތް ހިންގައިިލިއެވެ.

"އަޒޫ... އައި..."

"އައި ނޯ މާން އަހަންނާ މެދު ދެކެނީ ހަމައެކަނި ގާތްއެކުވެރިއެއްގެ ނަޒަރުންކަން. އަދި މި އިޙްސާސްތައް ހިންދައިލުމަކީ އެންމެ ރަނގަޅު ގޮތްކަން ވެސް އަހަންނަށް އެނގޭ. މި އިޙްސާސްތަކުގެ ސަބަބުން އަހަރެމެން ދެމީހުންގެ ގުޅުމަށް ބުރޫއަރާނެކަން ވެސް އަހަންނަށް އެނގޭ. ވީއިރު އެންމެ ރަނގަޅު ގޮތަކީ އަހަރެން އަހަރެންގެ އަމިއްލަ އިޙްސާސްތައް ކޮންޓްރޯލް ކުރުން. ވީއިރު މާން ހާސްނުވޭ... އަހަރެން... އައި ވިލް ގެޓް ރިޑް އޮފް ދީސް ފީލިންގްސް... ޑޯންޓް ވޮރީ... އަހަންނަށް އެނގޭ އެއީކަން މާންވެސް ބޭނުންވާނެގޮތަކީ..." ރިއުމާންގެ ވާހަކަ މެދު ކަނޑައިލާފައި، އަޒްހާ ލޯ ހުޅުވައިލަމުން ވާހަކަ ދެއްކިނަމަވެސް، ފަހު ޖުމްލަތައް ބުނެލިއިރު އޭނާގެ އަޑަށް ހިސާބެއްގެ މަޑުމޮޅިކަމެއް ވެރިވެފައިވެއެވެ. އޭނާގެ ހިތަށް ކުރަމުންދިޔަ އަސަރު އޭނާގެ އަޑުން އެކަނިވެސް ހާމަވަމުން ދިޔައެވެ. ހިސާބެއްގެ ލަދުވެތިކަމަކުން އޭނާގެ ނަފްސު އިތުރަށް ނުތަނަވަސްކުރުވާ ހާސްކުރުވަމުން ދިޔައެވެ. ރިއުމާންގެ އަމަލުތައް ދެން ހުންނާނީ ކިހިނެއްކަން ނޭނގޭ ޙާލު އޭނާ ވަނީ އިންތިހާ ކަންބޮޑުވެފައެވެ. ރިއުމާންއާ ދެމެދު އޮތް ގުޅުން އެގޮތުގައި އޮންނަން އޭނާ އެހާމެ ބޭނުންވާތީއާވެސް އެކުގައެވެ.

ރިއުމާންއަށް ބުނާނެ އެއްޗެއް ނޭނގިފައި އިނދެވުނެވެ. އަޒްހާގެ މޫނުމަތިން ފެނުނީ ބަޔާންކުރަން ދަތި އަސަރުތަކެކެވެ. ތުންފަތުގައި ދަތް އަޅައިލައިގެން އިސްޖަހާލައިގެން އިންނަމަވެސް، އެ މޫނުމައްޗަށް އަރާ ފައިބަމުންދިޔަ ކުލަވަރު ރިއުމާންއަށް ރީތިކޮށް ފަހުމްވަމުންދިޔައެވެ.

"އައި...އައި... " އިތުރު އެއްޗެއް އަޒްހާ ބުނަން އުޅުނު ނަމަވެސް، އޭނާއަށް އެކަންކުރަން އުނދަގޫވިއެވެ.

"އަޒޫ..." ރިއުމާން ދެންވެސް ވާހަކަ ދައްކަން އުޅުނެވެ. އެހެންނަމަވެސް އަނެއްކާވެސް އޭނާގެ ވާހަކަ މެދުކަނޑައިލީ އަޒްހާއެވެ.

"އައި އެމް ވެރީ ސޮރީ މާން... އަހަންނަށް އަމިއްލަ ފީލިންގްސްތައް ކޮންޓްރޯލް ނުކުރެވުނީ... އެންމެ ފުރަތަމަ މާން ފެނުނު ދުވަހުން ފަށައިގެންވެސް އަހަރެންގެ ހިތުގައި މާންއަށްޓަކައި ކޮންމެވެސް ޖަޒުބާތުތަކެއް ދިޔައީ ހޭލަމުން... އެ ހިސާބުން އެކަންތައް ހިންދައިލަން މަސައްކަތްކުރިނަމަ މިއަދު މިހާ ހިސާބަކަށް ކަންތައް ނުދިޔައީސް." އަޒްހާ ބުނެލިއެވެ.

އަޒްހާގެ ނަސީބުވެސް ރަނގަޅީ ކަންނޭނގެއެވެ. އެވަގުތު ދޮންތަ ނާއިފާގެ ފޯނު ކޯލެއް އޭނާއަށް ލިބުނެވެ. ރިއުމާންއަށް އިތުރު އެއްޗެއް ބުނަން ފުރުސަތު ނުދީ އަޒްހާ ފޯނު ނަގާ ކަންފަތުގައި ޖައްސައިލިއެވެ. ނާއިފާ ބުނެލީ ކުޑަކަމަކު ގެއަށް އައުމަށެވެ. އޭނާ މިދަނީ ކަމުގައި ބުނެ އަޒްހާ ފޯނު ބާއްވަމުން ރިއުމާންއަށް ބަލައިލިއެވެ.

"ދާން ޖެހުނީތަ؟" ރިއުމާން ސުވާލުކޮށްލިއެވެ.

"އާނ... ކުޑަކަމެއް ގޭގައި ދިމާވީ، ގޮސްލަނީ އިނގޭ ދެން..." އަޒްހާ ބުނެލީ އޭނާ އެ ގޮތް ބޭނުންވެފައި ހުރިފަދަ ގޮތަކަށެވެ. އެކަން ރިއުމާންއަށް ވެސް އެނގުނެވެ. އޭނާ އިތުރަށް އަޒްހާ ހުއްޓުވާކަށްވެސް ނޫޅުނެވެ. އަޒްހާ ގޮސް ލޯމަތިން ގެއްލެންދެން އޭނާ ބަލަހައްޓައިގެން އިނެވެ.

******

ޚިޔާލުތަކުން ނުކުތް ރިއުމާން ނިދޭތޯ އުޅުނު ނަމަވެސް ހިތުގައި އުފެދިގެން އުޅޭ ތޫފާނުގެ ސަބަބުން އޭނާގެ ހަނދާނުގައި އޭރުވެސް އަޒްހާ ރަސްކަން ކުރަމުން ދިޔައެވެ. އަޒްހާއަށް މެސެޖެއް ކޮށްލަން ހިތަށް އަރާފައިވެސް ރިއުމާން އެ ޚިޔާލުދޫކޮށްލަމުން އަނެއްކާވެސް ސީލިންގަށް ނަޒަރު ހުއްޓައިލިއެވެ.

ޖެހިގެން އައި ދުވަހު މެންދުރު އަތަށް އެޅިއިރު އުޑުމަތިން ވިއްސާރަކުލަވަރު ފެންނަން ފަށައިފިއެވެ. ވައިވެސް ހިނދެއް ހިނދަކަށް ބާރުވަމުން ދިޔައީ ތޫފާނެއްގެ އިންޒާރު ދޭފަދައަކުންނެވެ. އުޑުމަތި ބަނަކޮށްލާފައިވާ ކަޅު ވިލާތައް އިރުގެ އަލިން ދުނިޔެ މަޙްރޫމްކޮށްލުމުގައި ކާމިޔާބު ހޯދާފައިވާއިރު، ޖެހެމުންދިޔަ ބާރު ވައިރޯޅިތަކުގެ 'ޒޫމް' އަޑުން ދުނިޔެމައްޗަށް އިތުރު ހަލަބޮލިކަމެއް ވެރިވެފައިވެއެވެ.

އޮފީހުން ނުކުތް ސަޖަލް މަގުގެ ދެކޮޅު ހޯދައިލަމުން ކަޅު ދޫލައެއްހެން ފެތުރިފައިވާ ވިލާތަކަށް އަވަސްނަޒަރެއް ދިނެވެ. އޭނާ ފިޔަވަޅުތައް ބާރުކޮށްލަމުން، ހަލުވިކޮށް ހިނގައިގަތީ ޕާކުކުރާ ޖާގައިގައި ބަހައްޓާފައިވާ އޭނާގެ ސައިކަލާ ދިމާލަށެވެ. ތޫފާނުގެ ކުރިން ގެއަށް ދާން އޭނާ ހުރީ ބޭނުންވެފައެވެ.

ސައިކަލު ނެރިގެން ސްޓާރޓްކޮށްލިތަނާ ތުނިތުނިކޮށް ވެހެންފެށި ވާރޭގެ ތިކިތަކުގެ ޝިކާރައަކަށް އޭނާ ވިއެވެ. ތެމޭވަރުނުވާތީ މަޑުނުކޮށް ދާން ނިންމާ ސަޖަލް ސައިކަލު ދުއްވައިލީ އެހެންޏާ އޭނާ ދުއްވާވަރަށް ވުރެ ބާރަށެވެ. އޭރު މަގުތައްވެސް އާދަޔާ ޚިލާފަށް ހަލަބޮލިވެފައިވީ ވިއްސާރައިގެ ކުރިން ގެއާ ހިސާބަށް ފޯރަން މަގުމަތީގައި މީހުން ހޭލަމޭލަވެ އުޅެން ފެށުމުންނެވެ. ސަޖަލްގެ ނަސީބު ރަނގަޅުކަމުން ވާރޭ ބޯކޮށްލީ އޭނާއަށް ގެއަށް ވަދެވުނު ފަހުންނެވެ.

ކޮންމެވެސް ވަރަކަށް ތެމިފައި ހުރީތީ ކޮޓަރިއަށް ވަދެ އޭނާ ތުވާއްޔަކުން ކުޑަކޮށް އިސްތަށިގަނޑު ހިއްކައިލިއެވެ. އޭރު މީހާ ކޮންމެވެސް ވަރަކަށް ރޫރޫ އަޅަމުން ދިޔައީ ފިނިވެފައި ހުރި ވަރުންނެވެ.

އެއްޗެހި ބަދަލުކޮށްގެން ނުކުމެ ސަޖަލް ނޫޑުލްސް ކައްކައިގެން ކާން އިށީނެވެ. އެއާއެކު އޭނާއަށް އަނެއްކާވެސް ބައްޕަގެ ހަނދާންތައް އާވާން ފެށިއެވެ. ސަޖަލް ނުރޯން ހިތްވަރުކުރަމުން ތުންފަތުގައ ދަތް އަޅައިލިއެވެ. އެވަގުތު އޭނާއަށް ޒާމިންގެ މެސެޖެއް ލިބުނެވެ. ރިޕްލައިކޮށްލި ސަޖަލްއަށް، ޒާމިންއާމެދު ވިސްނެން ފެށުނެވެ. މިހާރު އޭނާ އަކީވެސް އެކަނި ހުރި މީހަކަށް ވާއިރު، އިތުރު މީހެއްގެ އަޅާލުމާ އެހީތެރިކަން އޭނާއަށް ބޭނުންވާނެކަން އެނގެއެވެ. އަދި ޚާއްސަކޮށް އޭނާ އަކީ އަންހެން ކުއްޖަކަށް ވާތީއެވެ. ބޮޑުދައިތަވެސް އަބަދާ އަބަދު އޭނާ ގެންދަންވެގެން އުޅެނީ އެހެންވެގެންކަން އޭނާއަށް އެނގެއެވެ. އޭނާ ޒާމިންއަށް އާބަސްބުނަންވީ ބާއޭ ސަޖަލް ހިތަށް އެރިއެވެ. ޒާމިންއަކީ ކޮންކަަހަލަ މިޒާޖެއްގެ ކާކުކަން މިހާރު އޭނާއަށް އެނގެއެވެ. އޭނާއަށް ޒާމިންއަށް އިތުބާރުކުރެވެއެވެ. އެހާ ދުވަސްވާއިރު ވެސް ޒާމިން އޭނާގެ އިންތިޒާރުގައި ހުރީ ހަޤީގަތުގައިވެސް، ޒާމިން އޭނާ ދެކެ ލޯބިވާތީކަމުގައި ސަޖަލްގެ ސިކުނޑި އޭނާއަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.

ހަފްތާއެއް ފާއިތުވެގެންދިޔައީ ހަލުވި ކަމާއެކުގައެވެ. ސަޖަލްއާ ޒާމިންއާ އާއްމުކޮށް ދިމާވަނީ އެންޖީއޯއިންނެވެ. އެއީވެސް އެފަދަ ރެއެކެވެ. ސަޖަލް އޭނާ ނިންމަން ޖެހޭ މަސައްކަތެއް ނިންމަން އެންޖީއޯއަށް ދިޔައިރު ޒާމިންމެންގެ ކެބިން ހުރީ ދިއްލާފައެވެ. އޭނާ އެބިންއާ ދިމާލަށް މިސްރާބުޖެހީ މީހަކު އުޅެނީ އޭ ހިތާއެވެ. ދޮރު ހުޅުވައިލިއިރު، އެތަނުގައި އިށީނދެގެން އިން ޒާމިން ސަޖަލްގެ ލޮލުގައި އަޅައިގަތެވެ.

"ސަޖޫ..." ޒާމިންއަށް ވެސް ސަޖަލް ފެނުމާއެކު ގޮވައިލެވުނެވެ.

"ހައި..."

"ކީއްކުރަނީ މިގަޑީގަ؟" ޒާމިން ލުއި ހިނިތުންވުމެއް ސަަޖަލްއަށް ހަދިޔާކޮށްލިއެވެ.

"މީ... ކުޑަ ކަމަކު. ޒިމް އޯ؟" ސަޖަލްވެސް ހިނިތުންވެލިއެވެ.

"އިނގެއެއްނު އަހަރެން ވަރަށް ވަރުގަދަ ކޭސް އެއް ނަގައިގެންކަން މިއުޅެނީ.. އެކަމާ ބޯ ގޮވަނީ. " ޒާމިން އޭނާގެ އަތުގައި އޮތް ފައިލް މޭޒުމަތީގައި ބާއްވަމުން ބުނެލިއެވެ.

"އޯކޭ... މަސައްކަތްކޮށްލާ އެހެންވީމަ. އަހަރެންވެސް މަސައްކަތް ފަށަން މި ދަނީ" ސަޖަލް އެހެން ބުނެލުމަށްފަހު އެނބުރިލާ ދޮރުގެ ތަޅުގައި ހިފައިލިއެވެ. އޭނާއަށް ދޮރު ރަނގަޅަށް ހުޅުވައިނުލެވި އުޅެނިކޮށް ސިހުން ގެނުވީ އޭނާގެ އަތުގައ ހިފާ ޒާމިން އޭނާއާ ދިމާލަށް އަނބުރުވައިލުމާއެކުގައެވެ. ދޮރުގެ ތަޅުން އަތް ދޫވެގެން ގޮސް، ދޮރު ލެއްޕުނު އަޑު އިރުކޮޅެއްވަންދެން އެތަނުގެ އެތެރޭގައި ގުގުމާލާފައި ހުއްޓެވެ.

"ކޮބާ ޖަވާބު..." ޒާމިން އެހެން އަހައިލިއިރު ދެމީހުންނަށްވެސް ތިބެވުނީ އެކަކުއަނެކަކު ހޫނުނޭވާ އެޅޭހާ ކައިރީގައެވެ. ހިތުގެ ތެޅުން އަވަސްވި ސަޖަލް، އެއްފިޔަވަޅު ފަހަތަށް އަޅައިލުމާއެކު، ޒާމިން ވެސް ފިޔަވަޅެއް ކުރިއަށް އަޅައިލިއެވެ. ސަޖަލް އަނެއްކާވެސް ފަހަތަށް ފިޔަވަޅެއް އަޅައިލުމާއެކު، އޭނާ މަތަވީ ދޮރުގައި ޖެހިފައެވެ. ތުންފަތުގައި ދަތް އަޅައިލައިގެން ސަޖަލް ހުއްޓާ ޒާމިން އަނެއްކާވެސް ކުރިއަށް ފިޔަވަޅެއް އަޅައިލިއެވެ.

"ގިވް މީ އެން އާންސްވާރ ސަޖޫ... ޖަސްޓް އަ ސިމްޕަލް އާންސާ...ޔެސް އޯ ނޯ..." ޒާމިން ބުނެލިއެވެ. އޭރު އެ ދެލޮލުން އާދަޔާ ޚިލާފު ވިދުމެއްފެންނަމުން ދިޔައެވެ. ހަމައެއާއެކު އެ ދެލޮލުން އެތަކެއް ބައިވަރު ވާހަކައެއްވެސް ބުނެދެމުންދިޔައެވެ. ސަޖަލްގެ ޖަވާބަކަށް އޭނާ ކުރަމުންދާ ފޮނި އުންމީދުވެސް އެ މޫނުން ހާމަވަމުން ދިޔައެވެ.

"ސަޖޫ..." ސަޖަލް އެއްޗެއް ނުބުނެ ހުންނަން ފެށުމުން ޒާމިން ސަޖަލްއަށް ގޮވައިލާ ސަޖަލްގެ ދަތްދޮޅީގައި ހިފާ އިސްއިފުލުވައިލާ އޭނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ޒާމިންގެ އަތުގެ ބީހުން އިޙްސާސްކުރެވުމާއެކު، ސަޖަލްގެ އަތްފައި ފިނިވެ ގަނޑުފެންކޮޅަކަށްވިފަދައެވެ. އޭނާގެ ނޭވާ އަވަސްވެ ހިންދިރުވައިލެވުނެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއެކު އޭނާއަށް ހިސާބެއްގެ ލަދުވެތިކަމެއް އިޙްސާސްކުރެވުނެވެ.

"ސަޖޫ... ޕްލީޒް.. ޖަވާބެއް ދީބަލަ. ނޫނެކޭ ބުންޏަސް އަހަރެން ޤަބޫލުކުރާނަމޭ..." ޒާމިން އެންމެ ފަހުން ބުނެލިއެވެ. ސަޖަލް އަނެއްކާވެސް އިސްޖަހައިލިއެވެ. އެއާއެކު ޒާމިން ސަޖަލްއާ ދުރަށް އެއްފިޔަވަޅު ފަހަތަށް އަޅައިލިއެވެ. ސަޖަލް އެހެން ހުރުމަށްފަހު ބޯ ޖަހައިލީ ދެނެވެ.

"ކީކޭ... ސަޖޫ!" ސަޖަލްއާ ގާތަށް ފިޔަވަޅެއް އަޅައިލަމުން އަނެއްކާވެސް ޒާމިން ސުވާލުކޮށްލިއެވެ.

"ޔެސް..." ސަޖަލް ބުނެލިއެވެ. ޒާމިންއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް އަނެއްކާވެސް ސަޖަލް ވާހަކަ ދެއްކިއެވެ.

"ޔެސް... ލެޓްސް ގިވް ދިސް އަ ޓްރައި." ސަޖަލް އެހެން ބުނެލުމާއެކު ޒާމިންގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އިންތިހާ އުފާވިއެވެ. ހިިނިތުންވަމުން އޭނާ ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގައިލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. އެ މަންޒަރު ބަލަން ހުރި ސަޖަލް އަނެއްކާވެސް އިސްޖަހައިލިއެވެ. ޒާމިން ސަޖަލްގެ އިސް އުފުލުވައިލާ އެ ލަދުވެތިކަމުން ފުރިގެންވީ މޫނަށް ނަޒަރު ހުއްޓައިލިއެވެ.

"ތެންކިއު ސަޖޫ... ސަޖޫ ރިގްރެޓް ނުކުރާނެކަމުގެ ޔަޤީންކަން އަހަރެން ދެން..." ޒާމިން އެހެން ބުނެލިއެވެ. އެއަށްފަހު އޭނާ ސަޖަލްގެ އަތުގައި ހިފައްޓައިލިއެވެ. އެމީހުން އެތަނުގައި ތިއްބާ އެތެރެއިން އެހެން ދެމީހަކު ވާހަކަ ދައްކާ ކަހަލަ އަޑެއް އިވުނެވެ. ސަޖަލްއަށް ބަލައިލެވުނީ ޒާމިންއަށެވެ.

"ކޮންބައެއްތަ އުޅެނީ؟" އިވުނީ ޝައުފާގެ އަޑެވެ. ޝައުފާ އާއެކު ހުރި ކުއްޖާ އޭނާއަކަށް ނޭނގެޔޭ ބުނެލި އަޑުވެސް އިވުނެވެ.

ޝައުފާ ގޮސް އެ ދޮރު ހުޅުވައިލީ ރޭގަނޑު މަސައްކަތްކުރަން އެއްވެސް މީހަކު އަންނަ ވާހަކަ އޭނާގެ ކައިރީގައި ބުނެފައިނުވާތީ އުޅެނީ ކޮން ބައެއްތޯ ބަލައިލުމުގެ ބޭނުމުގައެވެ.

(ނުނިމޭ)

ކޮމެންޓް 0