އަހަރެން ބޭނުން މިރޭ މި ނިންމާފަ ޝައުއަށް މެއިލް ކުރަން. އިހަށް އެވާހަކަ ބާއްވާފަ މަސައްކަތް ފަށަމާ" ސަޖަލް ގޮނޑީގައި އިށީނދެ ހަމަޖެހިލިއެވެ. ޒާމިން ވެސް ބޯ ޖަހައިލިއެވެ. އޭނާގެ ހިތުގައި އެ ވަގުތު އުތުރިއަރަން ފެށި ސުވާލު ކުރަންވީބާއޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

ސަޖަލްގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ޒާމިން އިނުމަށްފަހު، އޭނާ ދެފަރާތަށް ބޯ ހޫރައިލަމުން މަސައްކަތަށް ސަމާލުކަން ދެވޭތޯ ބެލިއެވެ. ދެމީހުން މަސައްކަތް ނިންމައިލުމަށްފަހު، ޝައުފާއަށް އެ އެއްޗެހި މެއިލްކުރިއެވެ. އެއަށްފަހުވެސް އެމީހުން ބައެއް އިތުރު މަސައްކަތް ކުރިއެވެ. ހިތްހަމަޖެހޭ ވަރަށް މަސައްކަތްކޮށްފައި ސަޖަލްއާ ޒާމިންއާ ދެމީހުން އޮފީހުން ނިކުތީވެސް އެކުއެކީގައެވެ.

"ސަޖޫ... އަނެއް މީ... މިތަނުން ތަނަކަށް ކޮފީއަކަށް ދަމާ..." ޒާމިން ހުރީ ސަޖަލްއާ އެކު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުންވެފައެވެ. އޭނާ ސަޖަލް އިތުރަށް އެނގެންވެސް ބޭނުންވިއެވެ. އޭނާގެ ހިތުގައި އުފެދެމުންދިޔަ އިޙްސާސްތައް އޭނާގެ ކޮންޓްރޯލުގެ ދަށުން ދޫވާކަމުގެ އިޙްސާސް ޒާމިންއަށް ކުރެވުނު ނަމަވެސް، އަދިވެސް އެ ހިތުގެ ޙާލު ސަޖަލްގެ ކުރިމަތީގައި ހާމަކުރަން އޭނާ ޖެހިލުންވެ ފަސްޖެހެވުނެވެ.

"ކޮފީއަކަށޭ..." ސަޖަލްއަށް ބުމަ އަރުވައިލެވުނެވެ.

"އެހާ ބުރަކޮށް މަސައްކަތްކޮށްފަ ދެން ހިތްހަމަ ޖައްސައިލަން އަހަންނާއެކު ކޮފީއަކަށް ދިޔުމަކުން މައްސަލައެއް ނެތެއްނު! ކިހިނެއްވީ ހާދަ ހާސްވީ؟ ދާން ބޭނުން ނޫނީތަ؟ އަހަރެން މަޖުބޫރެއް ނުކުރަމޭ ސަޖޫއަކަށް..." ޒާމިން ބުނެލިއެވެ.

"އޯކޭ ހިނގާ ދާން..." ދެމީހުން ހިނގައިގަތީ އޮފީހާ މާ ދުރުނޫން ހިސާބެއްގައި ހުންނަ ރެސްޓޯރެންޓަކާ ދިމާލަށެވެ. އެތަނަށް ގޮސް ވަތްއިރު މީހުން ފުދޭވަރަކަށް ގިނައެވެ. ތަނަށް ދިރުން ލިބިފައިވަނީ ޖަހާފައިހުރި ލުއި މިއުޒިކްގެ އަޑުންނެވެ. ލަސް އިނގިރޭސި ލަވައެއް ޖަހާފައިވާއިރު، ތަނުގައި ހުރި ފަނޑު އޮރެންޖް އަލިކަމުގެ ސަބަބުން ތަނަށް ހުވަފެނީ ދިރުމެއް ގެނެސް ދީފައިވެއެވެ. ރެސްޓޯރެންޓްގެ އެތެރެއަށް ވަދެ ހުސް މޭޒެއް ހޯދައިލުމުގެ ނިޔަތުގައި ޒާމިން ވަށައިގެން ބަލައިލިއެވެ. އެއްފަރާތު ފާރާ ދިމާލުގައި ހުރި މޭޒު ލޮލުގައި އަޅައިގަތުމުން އޭނާ ސަޖަލްއަށް ގޮވައިލަމުން އެ ދިމާލަށް ހިނގައިގަތެވެ. ދެމީހުން ގޮސް މޭޒު ދޮށުގައި އިށީނދެލުމާއެކު ވެއިޓަރު އައިސް މެނޫ ދިއްކޮށްލިއެވެ. ދެމީހުންވެސް މެނޫއަށް ބަލައިލާފައި އޯޑަރުދިނީ ބޯ އެއްޗަކަށެވެ.

"އަހަރެން ހެލްޕެއް ވެދެންތަ؟" ވިސްނުމަލަށް ގެއްލިފައިއިން ޒާމިން ކުއްލިއަކަށް ބުނެލި ވާހަކައިގެ މާނަ ނަގާކަށް ސަޖަލްއަކަށް ނޭނގުނެވެ. އޭނާއަށް ބުމަ އަރުވައިލުމާއެކު ކީކޭ ހޭ އަހައިލެވުނެވެ. އެއާއެކު ޒާމިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"މި ބުނީ މައްސަލަ ފުލުހަށް ހުށައަޅަން އަހަރެންގެ ހެލްޕެއް ބޭނުންހެއްޔޭ؟ ތިހެން ކަމެއް ނުކުރެ ހުންނަންޏާ އޭނައަށް ހިތްވަރެއް ދޯ ލިބޭނީ... ކަންތައްތައް ގޮސްފައިވާ ހިސާބެއް ނޭނގުނަސް މާ ރަނގަޅު ނޫންކަން އަހަންނަށް އެނގޭ... ފާރަލުމަކީ ވެސް ކުށެކޭ..." ޒާމިން ތަފްސީލުކޮށްލަދިނެވެ. ޒާމިން ދައްކާ ވާހަކަ ސަޖަލްއަށް އެނގުނީ އެހާ ހިސާބުންނެވެ.

"ތިކަމާޥެސް އެބަ ވިސްނަން މިހާރު. އެނީވޭޒް އަހަރެމެން މިތަނަށް މިއައީ ތި ވާހަކަ ދައްކަންތަ؟" ސަޖަލް ބުނެލިއެވެ.

"ނޫން އެހެންނެއް ނޫން. އެކަމަކު އެކުވެރިއަކަށް ވީމަ އެ ވާހަކަ ބުނެލަން ބޭނުންވީ..." ޒާމިން ބުނެލިއެވެ.

"ކީއްވެ ޒާމިން އޭނައާ މެދު އެހާ ޝައުޤުވެރިވަނީ؟" ސަޖަލް އޭނާގެ ހިތަށް އެރި ސުވާލުކޮށްލިއެވެ. އެއާއެކު ޒާމިންއަށް ސަޖަލްއަށް ބަލައިލެވުނެވެ. އޭނާގެ ހިތުގެ ޙާލު ސަޖަލްގެ ކުރިމަތީގައި ހާމަކޮށްލަން ހިތުގެ ކަނަކުން ގޮވައިލިއެވެ.

"އަހަރެން ވާހަކައެއް ބުނަން ބޭނުން." ޒާމިންއާ ސަޖަލްގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔަ ވަގުތު ސަޖަލްއަށް ވެސް ޒާމިންގެ ޗޮކްލެޓް ކުލައިގެ ދެލޮލުން އިތުރު ވިދުމެއް ފެނުނުހެން ހީވިއެވެ. އޭނާ ބޯ ޖަހައިލަމުން ޒާމިންގެ ވާހަކަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނެވެ.

"ބުނެބަލަ!" ޒާމިން އެއްޗެކޭ ނުބުނެ ގިނައިރު ވާންފެށުމުން ސަޖަލްއަށް ބުނެވުނެވެ. ޒާމިން ބުނަން އުޅޭ އެއްޗެއް ނޭނގި އޭނާގެ ހިތްވެސް އެވަގުތު ތެޅިލިއެވެ، އެ މޫނުމަތިން އޭނާއަށް ފެނުނީ ބަޔާން ކުރަން ދަތި އަސަރުތަކެކެވެ.

"އަހަރެން މި ބުނާ އެއްޗަކުން ރުޅި ނާންނާނެކަމަށް ހީކުރަން." ޒާމިން އެންމެ ކަންބޮޑުވީ ސަޖަލް އާ އޭނާއާ ދެމެދު އޮތް އެކުވެރިކަމަށް އޭނާ އެ ބުނާ އެއްޗެއްގެ ސަބަބުން ބުރޫ އަރާ ފާނެތީއެވެ. އޭނާ ޖެހިލުންވީވެސް އެހެންވެއެވެ. ކުޑަކޮށް ހާސްވެ މީހާ ފިނިވާ ގޮތްވިއެވެ.

"އަޅެ ބުނެބަލަ! މިހާރު ތި ބިރުގަންނުވަނީ" ސަޖަލް ބުނެލިއެވެ.

"އަހަންނަށް ސަޖަލް ކަމުދެޔޭ ބުނެފިއްޔާ!..." ހިތްވަރުކޮށްފައި ޒާމިން އޭނާގެ ހިތުގެ ހާލު ސަޖަލްއަށް އަންގައިލިއިރު، ޚުދު އޭނާގެ ހިތްވެސް ދިޔައީ އޮބި ނޯންނަ ވަރަށް ތެޅެމުންނެވެ. ސަޖަލްގެ ބަސް ވަގުތުން ހުއްޓުނެވެ. ހަރަކާތްތައް މަޑު ޖައްސައިލެވުނެވެ. އޭނާއަށް ބުނާނެ އެއްޗެއް ނޭނގި، މީހާގެ އެތެރެހަށީގައި ފާޑެއްގެ ފިނިކަމެއް ދައުރުކޮށްލުމާއެކު، ނާރުތަކަށް ވެސް ފިނިކަން އިޙްސާސްވިއެވެ. ބުނެދޭން ނޭނގޭ ޖަޒުބާތުތަކެއް އޭނާގެ އެތެރެ ހަށީގައިވެސް އުތުރި އަރަން ފެށިއެވެ.

އެވަގުތު ޒާމިން އިތުރު އެއްޗެއް ނުބުނި އުލެނިކޮށް ވެއިޓަރު އެމީހުން އޯޑަރ ދިން އެއްޗެހި ގެނެސް މޭޒުމަތީގައި ބަަހައްޓައިލިއެވެ.

"އެންޖޯއި!" ވެއިޓަރު ދިޔުމާއެކު ޒާމިންއަށް ސަޖަލްގެ ދެލޮލާ ހަތަރު ކަޅި ހަމަކޮށްލެވުނެވެ. އޭރުވެސް ސަޖަލް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

"އަހަރެން އެހެން ބުނީމަ ކަމުނުދަނީތަ؟." ޒާމިންއަށް ސުވާލުކޮށްލެވުނީ ސަޖަލްގެ މޫނުމަތީގައި ކުލަވަރުތަކުން ނަގަންވީ އެއްވެސް މާނައެއް އޭނާގެ ސިކުނޑިއަށް ނައުމުންނެވެ. އޭނާ އެންމެ ކަންބޮޑުވީ ސަޖަލް އޭނާ ދެކެ ހިތްހަަމަ ނުޖެހުނީތީއެވެ.

"ރުޅިއައީތަ؟" ޒާމިންއަށް ހިމޭންކަން ފޫދުއްވައިލަމުން އަނެއްކާވެސް ސުވާލުކޮށްލެވުނެވެ.

"އަހަރެން... މީ... ބުނާނެ އެއްޗެއް ނޭނގުނީ......" ސަޖަލްއަށް ވާހަކަ ދެކެވުނީވެސް އަޅައަޅައިގަންނަމުންނެވެ. ރިއުމާންއާ ރުޅިވިތާ މާގިނަ ދުވަސްތަކެއް ނުވާއިރު، އޭނާ އަދި އިތުރު މީހަކާ އެކީ އެފަދަ ގުޅުމެއް ކުރިއަށް ގެންދާކަށް ނުވިސްނައެވެ. އޭނާ ހުރީ އެކަނި އުލެލަން ބޭނުންވެފައެވެ. ސިކުނޑި ހަމަ ޖައްސައިލަން ބޭނުންވެފައެވެ. ރިއުމާންއާ އިތުރަށް ގުޅުމުގެ ޚިޔާލު ނެތްކަމުގައިވިނަމަވެސް، އެހާ އަވަހަށް އެހެން މީހަކާ އެކީ ގުޅުމެއް ބާއްވަން އޭނާ ޖެހިލުންވިއެވެ. ޒާމިންއަކީ ހުރިހާގޮތަކުންވެސް ރަނގަޅު ޒުވާނެއްކަން އޭނާއަށް އެނގެއެވެ. އެހެންނަމަވެސް އޭނާ އެކަނި ވަގުތު ކޮޅެއް ބޭނުންވެއެވެ. ރިއުމާން ދެކެ މީގެ ކުރިން އޭނާ އިންތިހާ ލޯބިވީނަމަވެސް، އެހެން މީހެއް ދެކެ އެފަދައިން އޭނާއަށް ލޯބިވެވިދާނެ ހެއްޔެވެ؟ ރިއުމާންއާ ދޭތެރޭ އޭނާގެ ހިތުގައި ހިސާބެއްގެ ބިރުވެރިކަމަކާއި ރުޅިވެރިކަމެއްގެ އިތުރުން ފޫހިކަން ވީނަމަވެސް، އެއީ އެއް އިރެއްގައި އޭނާގެ ލޯބިވެރިޔާއެވެ. އެހެންކަމުން އަދިވެސް ކޮންމެވެސް ވަރަކަށް ރިއުމާންއާ މެދު އޭނާގެ ހިތުގައި އިޙްސާސްތަކެއްވެއެވެ. ވުމާއެކު އެއީ ނުވާކަމަކަށް ހަދާފައި އެހެން މީހަކާ އެކީ އޭނާއަށް ދިރިއުޅުން ކުރިއަށް ގެންދެވިދާނެހެއްޔެވެ؟ ސަޖަލް އޭނާގެ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ.

ސަޖޫ!" ވިސްނުމަކަށް ގެއްލިފައި އިން ސަޖަލްގެ މޫނުމަތީގައި އަތް ހޫރައިލަމުން ޒާމިން ވާހަކަ ދެއްކިއެވެ. އެއާއެކު ސިހިފައި ސަޖަލްއަށް ޒާމިންއަށް ބަލައިލެވުނެވެ.

"ކީކޭ؟"

"ހާދަ ބޮޑު ވިސްނުމަކަށް ގެއްލިފަ؟ އަހަރެން ބުނީ އަހަރެން ނުބުނަމެއް ނޫންހޭ މިހާރުން މިހާރަށް ރިލޭޝަންޝިޕްއަލަށް ދާކަށް. އަހަރެން މި ބުނީ ހަމައެކަނި ލައިކްވާ ވާހަކަ. ސަޖޫ ހިތްހަމަ ނުޖެހެންޏާ މީ ނުދައްކާ ވާހަކައެއް..." ޒާމިން ކޮފީ ތަށިން އެތި ފޮދެއް ބޮއިލިއެވެ. އޭނާ ވާހަކަ ދެއްކީ އެތަނުގައިވި ނުތަނަވަސްކަމާއި ހަމަހިމޭންކަން ފޫދުއްވައިލުމުގެ ބޭނުމުގައެވެ.

އެހެންނެއް ނޫނޭ ވީ. އަސްލު އަހަރެން އަދި ވަރަށް ފަހުން ބްރޭލްއަޕް ވީ... އެހެން މީހަކާ އެކީ..." ސަޖަލް އެހާ ހިސާބަށް ބުނެލުމަށްފަހު، ވާހަކަ މެދުކަނޑައިލީ އޭނާގެ ހިތުގައިވި އެއްޗެއް ބުނާނެ ގޮތެއް ނޭނގުމުންނެވެ.


ޓައިމް ދޯ ބޭނުންވަނީ؟" ޒާމިންއަށް ސަޖަލްގެ ހިތުގައި އޮތް އެއްޗެއް ފަހުމް ވުމާއެކު ބުނެލިއެވެ. މަޑުމަޑުން ސަޖަލް ބޯ ޖަހައިލިއެވެ.

"އަހަރެން އެ ޓައިމް ސަޖޫއަށް ދޭނަމޭ ބުނެފިއްޔާ؟" ޒާމިން އޭނާގެ ދެވަނަ ސުވާލު ސަޖަލްއާ އަމާޒުކޮށްލިއެވެ.

"އަހަރެން ވިސްނައިލަން ވަގުތު ކޮޅެއް ބޭނުން..."

"އޯކޭ... ސަޖޫގެ ފަރާތުން އިޝާރާތެއް ލިބެންދެންވެސް އަހަރެން މަޑުކޮށްފާނަން... އަހަންނަށް އަސްލުވެސް ސަޖޫ ވަރަށް ކަމުދޭ..." ޒާމިން ލުއި ހިނިތުންވުމެއް ސަޖަލްއަށް ހަދިޔާކޮށްލިއެވެ. އެއާއެކު ސަަޖަލް ވެސް ހިނިތުންވެލަމުން އޭނާ ގެނައި މިލްކްޝޭކް ތަށިން އެތި ފޮދެއް ބޮއިލިއެވެ.

އެއަށްފަހު، ދެމީހުން ބޮޑަށް ދެއްކީ އެންޖީއޯއާ ބެހޭ ވާހަކަތަކެވެ. އެފަދަ ވާހަކަތަކެއްގައި ތއްބާ ގަޑިން ދިހަ ގަޑި ބައިވިއެވެ. ބިލް ދައްކާފައި ދެމީހުން ނުކުމެގެން ގޮސް، ސައިކަލު ކައިރީގައި މަޑު ކޮށްލިއެވެ.

"އަހަރެން ދަންތަ ގެއާ ހިސާބަށް؟" އިސްވެ ޒާމިން އެހެން ބުނުމުން ސަޖަލްއަށްވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. ޒާމިން އެހެން ބުނެލީ ކުރީ ދުވަހުވެސް ދިމާވި ކަންތަކާ ހެދި ސަޖަލް އެކަނި ފޮނުވަން އޭނާގެ ހިިތް އެއްބަސްނުވީމައެވެ. ޒާމިން ސަޖަލްގެ ބަހަކަށް އިންތިޒާރުކުރިއެވެ.

"އާނ އޯކޭ!" ސަޖަލް ބުނެލިއެވެ. އެއާއެކު ޒާމިންގެ ހިތް އުފަލުން ނަށާލިއެެވެ. ސަޖަލް ބޭނުންވާ ވަގުތު ސަޖަލްއަށް ދޭން ވައުދުވަމުން ޒާމިން ކެތްތެރިކަން އިސްކުރިއެވެ. އެ ހިތުގެ ގޮވުމަށް އިޖާބަދީ އެ ވާހަކަތައް ސަޖަލްގެ ކައިރީގައި ބުނެވުމުން ޚުދު އޭނާގެ ހިތަށްވެސް ފިނިކަމެއް ލިބިފައިވެއެވެ.

"ގުޑް ނައިޓް ސަޖޫ... ޓޭކް ކެއަރ އިނގޭ!"

ސަޖަލްގެ ގެއާ ހިސާބަށް އާދެވުނު ޒާމިން ސަޖަލްއަށް ބަލައިލާފައި އެހެން ބުނެލުމަށްފަހު ސައިކަލު ދުއްވައިލީ އޭނާގެ ގެއާ ދިމާލަށް ދިޔުމަށެވެ. ސަޖަލް އެތެރެއަށް ވަތްއިރު ރަޝާދު ނުނިދާ ސޯފާގައި ޓީވީއިން އަންނަމުން ދިޔަ ޕްރޮގްރާމެއް ބަލަން އިނެވެ.

"ބައްޕަ އަދިވެސް މިރޭ ނުނިދަނީތަ؟" ސަޖަލް ސުވާލުކޮށްލިއެވެ.

"ނިދި ނައިސްގެން މިރޭ މިއުޅެނީ... ދެން ހިތަށް އެރީ ދަރިފުޅު އައިމައޭ ނިދަން ވަންނާނީ؟ ހާދަ ބުރަކޮށޭ މިހާރު ތިއުޅެނީ؟ ހުރިހާކަމެއްވެސް ރަނގަޅުތަ؟ ތިހާ ބުރަކޮށް އުޅޭކަށް އުނދަގުލެއް ނުވޭތަ؟" ރަޝާދު އެއްފަހަރާ އެތައް ސުވާލެއް ސަޖަލްއާ ކޮށްލިއެވެ.

"ބުރަ ދުވަސްކޮޅަކީ އޭ ބައްޕާ... އެހެންނޫނަސް އެންޖީއޯގެ މަސައްކަތަކީ އަޅުގަނޑު ވަރަށް ކުރާ ހިތުން ކުރާ މަސައްކަތެއް... މިދުވަސްކޮޅު އިތުރު ކަމެއް ފަށައިގަންނަން އުޅޭތީ މާ ގިނައިން އެކޮޅުގަ އުޅެން ޖެހެނީ އަނެއްކޮޅުން ޝައުވެސް ނެތް މާލޭގަ. އެހެންވީމަ ވާނުވާ ވެސް އެބަޖެހޭ ވިއްޔަ ރަނގަޅަށް ބަލަން..." ސަޖަލް އެހެން ބުނެލާފައި އޭނާ އަރައިގެން ހުރި ފައިވާން ބައިލާ ހަރުގަނޑަށް ލިޔެވެ.

"ވަރަށް ވަރުބަލިވެފަ މި ހުރީ... ނިދަން އިނގޭ މި ވަންނަނީ؟" ސަޖަލް އެހެން ބުނެލާފައި ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާ ވެލައިގެން ނުކުމެ އެނދުގައި ޖައްސައިލިއެވެ. އެއާއެކު އޭނާއަށް ވިސްނެން ފެށުނީ ޒާމިން ދެއްކި ވާހަކަތަކާ މެދުގައެވެ. އޭނާއަށް ސިފަވަމުންދިޔައީ ޒާމިންގެ އެ ފިރިހެންވަންތަ ހަށިގަނޑެވެ. އެ މޫނުމަތީގައި ހުންނަ ހިތްދަމައިގަންނަ ފަދަ އަސަރުތަކާއި އެ ދެލޮލުގެ ތޫނު ކަމެވެ. އޭނާއަށް ބަލައިލާއިރު ޒާމިންގެ ދެލޮލުން ފެންނަ އާދަޔާ ޚިލާފް ވިދުވަރެވެ. ވާހަކަ ދައްކާއިރު ހުންނަ ޖާދުވީ އަސަރުތަކެވެ. ސަޖަލްއަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ. އެ ޚިޔާލުތަކުގައި އޮއްވާ އޭނާގެ ޚިޔާލުގެ ސޫރައަށް ރިއުމާން ފެނުމާއެކު އޭނާގެ ތުންފަތުގައިވި ހިނިތުންވުން ފަނޑުވިއެވެ. އޭނާއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ފޯނު ހުޅުވައިލާ އޭނާ ރިއުމާން ނުދަންނަ ނަންބަރުތަކުން ކޮށްފައި ހުރި މެސެޖްތައް ބަލައިލިއެވެ. ޒާމިންގެ މެސެޖެެއް އޭނާއަށް އައީ އެވަގުތެވެ. ހުޅުވާލާފައި ސަޖަލް އެ މެސެޖް ކިޔައިލިއެވެ.

"އައި މިސް ޔޫ... ހަމަ ނުހުރެވިގެން މި މެސެޖް ކޮށްލީ... ނިދަނީތަ؟" ޒާމިން އަހާފައި އޮތެވެ.

"ދެންމެއެއްނު މިއައީ ދިމާވެފަ. ނިދަން މިއުޅެނީ؟ ޒާމިން އޯ؟" ސަޖަލްވެސް ރައްދުގައި މެސެޖެއް ލިޔެލާފައި ޒާމިންއަށް ފޮނުވައިލިއެވެ. އޭނާއަށް ނިދުނީވެސް ޒާމިންއަށް މެސެޖް ކުރަން އޮއްވައެވެ.

***

ޖެހިގެން އައި ދުވަހު ރިއުމާން އޮފީހަށް ދާން ގެއިން ނުކުތްއިރުވެސް އޭނާގެ ލޮލުގައި ރަތްކަމެއް ހުއްޓެވެ. ހީވަނީ ރޭހަތަރުދަމު ނުނިދާ ހޭދަކޮށްފައިވާހެންނެވެ. އޭރުވެސް އޭނާގެ ދެލޮލުން ރިހުމުގެ އަސަރު ފެންނަމުންދިޔައެވެ. އޮފީހަށް ގޮސް މަސައްކަތަށް ދޭންވާ ސަމާލުކަން ނުދެވުމުން އޭނާ އެންމެ ފަހުން ނުކުމެގެން ކޮފީ ޝޮޕަށް ދާން މިސްރާބުޖެހިއެވެ. އާދައިގެ ވަރެއްގައި ހިނގާލާފައި ގޮސް ކޮފީ ޝޮޕް އެތެރެއަށް ވަނުމަށްފަހު، އޭނާ ގޮސް ކައުންޓަރު ދޮށުގައި މަޑުކޮށްލިއެވެ. އޭނާ ލާރިނަގަމުން ކުރިމައްޗަށް ބަލައިލީ އޭނާއާ އާއްމުކޮށް ދިމާވާ ކުއްޖާ ހުންނާނޭ ކަމަށެވެ. އެހެންނަމަވެސް އެ އަންހެން ކުއްޖާ ނުފެނުމުން އޭނާއަށް ހިސާބެއްގެ ހައިރާންކަމެއް ލިބުނެވެ. އެ ކުއްޖާ އަނެއްކާ އެތަނުން ކެނޑުނީބާއޭ ރިއުމާންގެ ހިތަށް އެރިއެވެ. ނޫނީ ބަލިވީހެއްޔެވެ؟ އެފަދަ ޚިޔާލުތަކެއްގައި އޭނާ ހުއްޓާ ކައުންޓަރުގައި ހުރި ކުއްޖާ ކޮފީއަށް އަރާ ވަރު ބުނެލިއެވެ. ރިއުމާން ޖީބުން ވޮލެޓް ނަގަމުން އެއަށް ލާރި ދައްކަން އަވަސްވެގަތެވެ. އޭނާ ކޮފީ ހިފައިގެން ނުކުމެގެން ދަމުން އަދިވެސް އެއްފަހަރު ކޮފީ ޝޮޕަށް ބަލައިލިއެވެ.

(ނުނިމޭ)

ކޮމެންޓް 0